އަޅުގަނޑަކަށް ނޭނގެއެވެ. ވޭތޯ ބަލާނަމެވެ. ޔަގީނެއްނޫނެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
ދޭދޭ ފަރުދީ މުޢާމަލާތުގައި އެކަކު އަނެކަކަށް އިޙުތިރާމްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދިވެހިބަހުގައި ވާހަކަދެއްކުމުގެ ތިން ދަރަޖައިން ވެސް އަދާކުރަނީ މި ދައުރެވެ. މީހުންނާ ވާހަކަދަކާއިރު މާތްކޮށް ވާހަކަދައްކަނީ ނުވަތަ އަދަބުވެރިކޮށް އެންމެ މާތް ދަރަޖައިން ވާހަކަދައްކަނީ، މާތްކޮށް ވާހަކަ ދެކެވޭ މީހާއަށް ތިމާ ޤަދަރުކޮށް އިޙުތިރާމް އަދާކުރާކަން ސާބިތުކޮށްދިނުމަށްޓަކައެވެ. ތިމާ އެ ބަޔަކަށް ޚިދުމަތްދޭ މީހުންނަށާއި ތިމާގެ ސާހިބުންނަށާއި ތިމާ އެ މީހެއްގެ ދަށުގައި މަސައްކަތްކުރާ މީހުންނަށާއި ޢިލްމުވެރީންނަށާއި، ދައުލަތުގެ އިސް ވެރީންނަށާއި މައިންބަފައިންނަށާއި، އެ ބަޔެއްގެ ޚިދުމަތް މުޖުތަމަޢަށް ފާޅުކަން ބޮޑު ގޮތެއްގައި ފޯރާ މުދާވެރީންނަށް އަޅުގަނޑުމެން ވާހަކަދައްކަނީ އަދަބުވެރިކޮށެވެ.
ވާހަކަދެއްކުމުގެ އެންމެ މާތް ދަރަޖައިގެ ބަސްކޮށާރު ބޭނުންކޮށްގެން ވާހަކަދެއްކުމަކީ އަދަބުވެރިކޮށް ވާހަކަދެއްކުމުގެ ހަމައެކަނި ގޮތެއް ނޫނެވެ. ތިމާ ވާހަކަދައްކާ އުސްލޫބާއި ވާހަކަދައްކާ ރާގާއި ދޭ ސަމާލުކަމާއި އަޅައިލުމަކީ ވެސް ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭނެ ކަންކަމެވެ. ވާހަކަދެއްކުމުގައި އަޑުގެންގުޅޭ ގޮތާއި ޙަރަކާތާއި ސަމާލުކަން ދޭ މިންވަރަކީ ވެސް އަދަބުވެރިކަމާއި އިޙުތިރާމްކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މަސައްކަތުގެ މާޙައުލުގައި ތިމާގެ ނުވަތަ ތިމާ ވަޒީފާއަދާކުރާ އިދާރާއެއްގެ ޚިދުމަތަށް އެދި އަންނަ މީހުންނަކީ ތިމާ އިޙުތިރާމްކުރާންޖެހޭ ބަޔެކެވެ. އެހެނީ ތިމާ އެ ތަނެއްގައި މި މަސައްކަތްކުރަނީ، ޚިދުމަތް ހޯދާން އަންނަ މީހުންނަށް ޚިދުމަތްކުރުމަށްޓަކައެވެ. އެ މީހުންގެ ޚާދިމުންގެ ގޮތުގައެވެ. ތިޔަ ބޭފުޅުންނަށް ފަސޭހަފުޅު ބަސްކޮށާރަކުން ދަންނަވާނަމަ، ފަސިންޖަރުންނާއި ކަސްޓަމަރުންނާއި ކްލަޔަންޓުންނާއި ޕޭޝަންޓުންނަކީ އަދި މިތަންތާގެ ވެރީންނާއި އިސް މުވައްޒިފުންނަކީ އަޅުގަނޑުމެން ޚިދުމަތްކުރާ މީހުންގެ ސާހިބުންނެވެ. އިޙުތިރާމްކުރާންޖެހޭ މީހުންނެވެ.
މި ދެންނެވި ފަދަ މީހުންނާ މުޢާމަލާތުކުރާއިރު ބޭނުންކުރުން ރަނގަޅު ނޫން ބަސްތަކެއް ނުވަތަ ޢިބާރާތްތަކެއް ހުރެއެވެ. މި މަޒުމޫނުގެ މައިގަނޑު ނަމެއްގެ ގޮތުގައި ބޭނުންކޮށްފައި އެވަނީ އެފަދަ ބައެއް ޢިބާރާތްތަކެވެ. "އަޅުގަނޑަކަށް ނޭނގެއެވެ." "ވޭތޯބަލާނަމެވެ." "ޔަގީނެއް ނޫނެވެ." މިއީ އެފަދަ ބައެއް ޢިބާރާތްތަކެވެ.
ތިޔަ ބޭފުޅުންގެ މޫނުފުޅުމަތީން ސުވާލުމާކުތަކެއް އަޅުގަނޑަށް އެބަ ފެނެއެވެ. ތެދުފުޅެކެވެ. ފެންނަ ފެނުމުގައި ބޭއަދަބީ އެއްވެސް ޢިބާރާތެއް ތިޔަ ތާކު ނެތެވެ. ތިޔައިން ކޮންމެ ޢިބާރާތަކަށް ވެސް މަތިމަތީން ވިސްނައިލުމުން ފެންނަނީ އިޚުލާޞްތެރިކަމެވެ. އިޙުތިރާމެވެ. ތެދުވެރިކަމެވެ. ނަމަވެސް...... ފުންކޮށް ވިސްނައިވަޑައިގެންފި ނަމަ....... ދޭހަވަނީ އެހެން މާނައެކެވެ.
މަސައްކަތުގެ މާޙައުލުގައި އަޅުގަނޑުމެންނާ ދިމާވާ ކަންކަމުގެ މިސާލެއް ގެނެސްފިއްޔާ އަޅުގަނޑު މިދަންނަވާ އެއްޗެއް ވިސްނައިގަންނާން ތަންކޮޅެއް ފަސޭހަވާނެކަމަށް ފެންނާތީ ދެ ތިން މިސާލެއް ލިޔެލާނަމެވެ. މިއީ އުފައްދައިފައިވާ ޚިޔާލީ މިސާލުތަކެކެވެ. ހިނގައިފައިވާ ހާދިސާތަކެއް ނޫނެވެ. ހިނގައިފާނެ، ހިނގުން އެކަށީގެންވާ ހާދިސާތަކެކެވެ. މިކަން ފާހަގަކުރެއްވުން އެދެމެވެ.
މިސާލު: 1
ގ. ބިއްލޫޖެހިގެއަކީ ދައުލަތުގެ ވަރަށް ގިނަ އިދާރާތައް ހިންގައިފައިވާ އަދި މިހާރު ވެސް ހިނގާ ޢިމާރާތެކެވެ. ވަރަށް ގިނަ ޒަމާނެއް ވަންދެން "މަޖީދީ ކުތުބުޚާނާ" އާއި "ޤައުމީ ކުތުބުޚާނާ" ހިންގިއެވެ. ފަހުންފަހުން އައިސް މާލޭ ސިޓީކައުންސިލް ވެސް ގިނަ ދުވަސްތަކެއްގައި ހިންގި އެވެ. މިހާރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑީވްސް މީޑިއާ ކައުންސިލް ވެސް ހިންގަނީ އަޅުގަނޑު އަޑުއަހާ ގޮތުން އެ ޢިމާރާތުގައެވެ.
އެ އިމާރާތުގެ ބިންމަތީ ތައްޓުގައި ހުރި އޮފީހަކަށް މީހަކު ގޮސް ވަދެފައި ސުވާލުކޮށްފިއެވެ.
މެހުމާން: އަޅުގަނޑު މިއައީ ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓް ހައްދާން.
މުވައްޒަފު: މިތަނުން ކުރާ ކަމެއް ނޫން. ސިޓީކައުންސިލެއް ނޫން މީކީ.
މެހުމާން: ކޮންތާކުތޯ މިހާރު ސިޓީކައުންސިލްގެ އިދާރާ ހުންނަނީ؟
މުވައްޒަފު: އަޅުގަނޑަކަށް ނޭނގެ.
މިސާލު 2:
ޖަމްއިއްޔާއެއް ރަޖިސްޓަރީ ކުރާން ކަމާ ބެހޭ މިނިސްޓްރީއަށް ހުރިހާ ލިޔެކިޔުންތައް ހުށަހެޅުމުން.
މުވައްޒަފު: އެންމެ ރަނގަޅު
ހުށަހެޅި މީހާ: ކޮން ދުވަހަކަށްތޯ ނިމޭނީ؟
މުވައްޒަފު: އެޔެއް ނޭނގޭ. ނިމުނީމާ ގުޅާލާނަން.
ހުށަހެޅި މީހާ: އަޅުގަނޑު ރަށަށް ފުރާންޖެހޭ އަންނަ ހަފުތާގެ ބުދަ ދުވަހު. އަންނަ ހަފުތާއަށް ނިމޭނެތޯ؟
މުވައްޒަފު: ވޭތޯ ބަލާނަން.
މިސާލު 3:
މިނިސްޓްރީއަކަށް ވަރަށް ހާސްވެގެން ހުރެ މީހަކު އައިސް، އިސްތިގުބާލު ކޮށިގަނޑުގައި ސުވާލުކުރިއެވެ.
މެހުމާނު: މިނިސްޓަރު އެބައުޅުއްވައިތޯ؟
މުވައްޒަފު: ޔަގީނެއް ނޫން.
މިސާލު: 4
ކުށުގެ ރެކޯޑް ފުރިހަމަ ކުރާން ކަމާ ބެހޭ މުއައްސަސާއަކަށް ފޯމު ހުށަހެޅި މީހެކެވެ. ފޯމު ބަލައިގަތުމަށް ފަހު މުވައްޒަފު ބުންޏެވެ. މާދަން ދޭއް ޖަހާއިރު ފޯމު ބަލައި ވަޑައިގަންނަވާ!
ޚިދުމަތަށް އެދޭ މީހާ: މާދަމާ ދޭއްޖެހުމުގެ ކުރީން އަޅުގަނޑު ވަޒީފާއަށް ހުށަހަޅާންޖެހޭ. މިއަދު ނިމިދާނެތޯ؟
މުވައްޒަފު: މިހާ ލަހުން ހުށަހެޅުއްވީ ކީއްވެތޯ؟ މިއަދަކު ނުނިމޭނެ.
ޚިދުމަތަށް އެދޭ މީހާ: މާދަން މެންދުރުކުރީން ނިމިދާނެތޯ؟
މުވައްޒަފު: ބަލާނަން.
އޮފީސްތަކަކީ ރައްޔިތުންނަށް ޚިދުމަތްދޭން ޤާއިމުކޮށްފައި ހުންނަ ތަންތަނެވެ. އެ ތަންތަނުގެ މުޅި ވިސްނުމަކަށް ވާންޖެހޭނީ ރައްޔިތުންނަށް އެހީތެރިވުމެވެ. ޚިދުމަތް ހޯދާން ދާނީ އެކި ފެންވަރުގެ ރައްޔިތުންނެވެ. މި ފަދަ ރައްޔިތުން ވެސް އޮފީހަކަށް ދާނީ އުއްމީދެއްގައެވެ. މި ފަދަ ބޭފުޅުން ނާއުއްމީދު ވާހަކައެއް އަޑުއައްސަވާކަށް ބޭނުންފުޅެއް ނުވާނެއެވެ.
މިސާލު އެކެއްގައި މުއައްޒިފު "އަޅުގަނޑަކަށް ނޭނގެޔޭ" ވިދާޅުވެ ޖަވާބު ދެއްވުމަކީ އަޅުގަނޑުގެ ނަޒަރުގައި ބޭއަދަބީ ކަމެކެވެ. ނަމަވެސް ހަގީގަތަކީ އެއީ ކަމަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް އަދަބުވެރި ގޮތަކީ، "އަޅުގަނޑަކަށް ޔަގީނެއް ނޫން. އަޅެ ސާފުކޮށްލާފައި ދަންނަވާނަން." މި ފަދަ ގޮތަކަށް ބުނެ އޮފީހުގެ އެހެން މުވައްޒިފެއް ކުރެން ސާފުކޮށްލަދެއްވައިފި ނަމަ، އެ އޮފީހުގެ މުވައްޒިފުންނަކީ ރައްޔިތުންނާ އަޅައިލާ ބަޔެއްކަމަށް ދެކޭނެއެވެ. އަދި އެ މުއައްސަސާއަކާ މެދު އޮންނަ އިތުބާރު އިތުރުވާނެއެވެ.
ދެވަނ މިސާލުގައި "ވޭތޯ ބަލާނަން" ކަމަށް ވިދާޅުވުމަކީ ޒިންމާދާރު ޖަވާބެއް ނޫނެވެ. ސާބިތުކަމާއެކު ޖަވާބު ދެއްވާން ވާނެއެވެ. މިސާލަކަށް "މި ހަފުތާއަކު ނުނިންމޭނެ. އެކަމަކު އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ ހޯމަ ދުވަހަށް ނިންމާނަން. ހޯމަދުވަހު ވަޑައިގަންނަވާ! އެންމެ ރަނަގަޅުތޯ؟" މި ފަދަ ގޮތަކަށް ޖަވާބު ދެއްވިދާނެއެވެ.
ތިންވަނަ މިސާލުގައި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ. މިނިސްޓަރ އުޅުއްވާނަމަ، އުޅުއްވާ ވާހަކަ، ނޫޅުއްވާނަމަ ނޫޅުއްވާކަން ސާފުކޮށްފައި ސާފުބަހުން ވިދާޅުވެވެންވާނެއެވެ. އެނގިވަޑައިނުގަންނަވާ ނަމަ، އެނގިވަޑައިގަންނަވާ މުވައްޒިފަކާ ސުވާޅުކުރައްވައިފައި އެކަން ސާފުކޮށްލެވެންވާނެއެވެ.
ހަތަރުވަނަ މިސާލުގައި "ބަލާނަން" ކަމަށް ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ. އޭގެ ބަދަލުގައި ނިންމޭނެ ދުވަހެއް ވިދާޅުވެވެންވާނެއެވެ. އަވަހަށް ނިންމެން ނެތް ސަބަބާއި ނިންމައިދެއްވޭނެ ވަގުތެއް ވިދާޅުވެވެންވާނެއެވެ.
ވީމާ ދަންނަވާލަން ޖެހެނީ "އަޅުގަނޑަކަށް ނޭނގެއެވެ. ވޭތޯ ބަލާނަމެވެ. ޔަގީނެއްނޫނެވެ. މި ފަދަ ޖަވާބުތަކަކީ ދައުލަތެއްގެ އިދާރާއެއްގައި ޚިދުމަތްދެއްވާން ތިއްބެވި މުވައްޒިފުންގެ ފަރާތުން ރައްޔިތުން އަޑުއަހާން ބޭނުންފުޅުވާ ޖަވާބުތަކެއް ނޫނެވެ. މިއީ ދޭދޭ ފަރުދީ މުވާޞަލާތަށް އަސަރުފޯރާނެ ކަންކަމެވެ. ވީމާ ދައުލަތުގެ އިދާރާތަކާ ބެހޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ފައްސި ޝުޢޫރުތައް އުފެއްދޭނީ ފައްސި ގޮތަކަށް ދައުލަތުގެ އިދާރާތަކުގެ މުއައްޒިފުން ވެސް ޢަމަލުކުރައްވައިގެންނެވެ.
_________________________________