ކުޑަކުދީންގެ ވާހަކަ (4): ޙަލީމް އަލަށް ހުކުރަށް ދިޔަ ދުވަސް
ސާދުނާ ޢަބްދުލްކަރީމް
މިއަދަކީ ޙަލީމް އަލަށް ހުކުރަށް ދިޔަ ދުވަހެވެ. ޙަލީމް ހުކުރަށް ދިޔައީ ހުދުކުލައިގެ ގަމީހެއް ލައިގެންނެވެ. ބޮލުގައި އަޅައިފައި އޮތީ ހުދު ކުލައިގެ ތާކިހަލެކެވެ. ބައްޕަޔާއެކު ޙަލީމް ހުކުރު މިސްކިތަށް ދިޔައީ ޚުޠުބާ ނުފަށަނީހެވެ.
ހުކުރުން ފައިބައިގެން ޙަލީމް ބޭނުންވީ ހިނގައިލާން ދާށެވެ. ހަލީމްގެ ބައްޕަ ބުނުއްވިއެވެ. "މިހާ ހޫނުގަދަ ވަގުތެއްގައި ހިނގައިލާކަށެއް ނުދެވޭނެ. ހިނގައިލާން ދެވޭނީ ހަވީރުން." ބައްޕަގެ ޚަޞީލަތާ ޚިލާފު ހަރުކަށި ޖަވާބުން ހިތުގައި ޖެހި ހަމަ އެ ހިނދުން ޙަލީމަށް ރޮވިއްޖެއެވެ.
ޙަލީމުގެ ލޮލުން އޮހޮރުނު ކަރުނު ފުހެދެއްވަމުން ހަލީމް ގާތު ބައްޕަ ބުނުއްވިއެވެ. "ދަރިފުޅާ! ބައްޕަ މިހިރީ ހަނދާން ނެތިފައި! ހެނދުނު ހައްވައްތަ ގުޅުއްވި! ހުކުރުން ފައިބައިގެން އަހަރެމެން އެގެއަށް ދާން ޙައްވައްތަ ވަނީ ދަޢުވަތު ދެއްވާފައި. ހިނގާ ހައްވައްތަމެންގެ ގެއަށް ގޮސްލަމާ!" ހިނގައިލާން ދާން ހަލީމު އެދުނީ ވެސް ޙައްވައްތަގެ ޙުސޭނަށް ހުކުރުހެދުން ދައްކާން އެގެއަށް ދާހިތުންނެވެ. އެހެންވެ ހަލީމަށް ވަގުތުން ހެވުނެވެ.
ޙަލީމަށާއި ޙަލީމްގެ ބައްޕަޔަށް ޙައްވައްތަގެ ޢާއިލާގެ ހުރިހާ އެންމެން ވެސް ހޫނު މަރުޙަބާއެއް ކިޔެވެ. ހުސޭނަށް ޙަލީމްގެ ހުކުރުހެދުން ވަރަށް ރީތިވިއެވެ. ޙަލީމް އައުމުން ޙުސޭނު އުޅުނު ގޮތް ފެނިފައި ހުދާ ހުރީ ހިނިއައިސްފައެވެ.
"ޙަލީމް އަލަށް ހުކުރަށް ދިޔަ ދުވަހު މި ގެއަށް ކާން އައީތީ އަހަރެމެން ވަރަށް އުފާވެއްޖެ. ކާ ތަކެތީގެ ހޫނުކަން ކެނޑި މާ ބޮޑަށް ހިހޫ ނުވަނީސް ހިނގާ ފަށަމާ!" ޙައްވައްތަ ހިނިތުން ވެލައިފައި ބުނުއްވިއެވެ.
އެ ގެއިން ކެއި ތަކެތީގެ ތެރެއިން ޙަލީމަށް އެންމެ ކަމުދިޔައީ ހާލުފޮޅިއާއި ހަލުވާއެވެ. ހަލުވިދާކޮޅަކާއި ހަނޑުލު ބޮނޑިބަތްކޮޅެއް ވެސް ކާން ޙައްވައްތަ ޙަލީމަށް ހިތްވަރު ދެއްވިއެވެ.
ޙަލީމްމެން ކައި ނިމުމުން ޙައްވައްތަ ހެޔޮ ދުޢާކުރައްވައިފައި ޙަލީމަށް ހަދިޔާއެއް ވެސް ދެއްވިއެވެ. އަދި ގެއަށް ގޮސް ކަހަފު ސޫރަތް ކިޔަވާން ހަނދާންކޮށް ދެއްވިއެވެ.
ބައްޕަގެ އަތުގައި ހިފައިގެން ނިކުމެ ގެއަށް ދާން ހިނގައިގަނެފައި ޙަލީމް، ބައްޕައަށް ނަންގަތެވެ. "ޙައްވައްތަމެންގެ ގެ ހާދަހާ ހިތްގައިމޭ! ދޮގެއްތޯ ބައްޕާ! މި ގެއަށް އާދެވުމުން އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ!"
ޙަލީމްގެ ބައްޕަ ބުނުއްވިއެވެ. "ދަރިފުޅާ! ގެއެއްގެ ހިތްގައިމުކަމަކީ އެގެއެއްގެ އަހުލުވެރިންގެ ހިތްހެޔޮކަމާ ގުޅިފައިވާ ކަމެއް! އެހެން ނޫންނަމަ ގެ ކިތަންމެ ރީއްޗަސް އެ ގެޔަކުން ހިތްހަމަޖެހުމެއް ނުލިބޭނެ! އަހަރެމެން ވެސް ވާނެ ހައްވައްތަމެން ހެން ގެއަށް އަންނަ މެހުމާނުންނަށް މަރުޙަބާ ކިޔައި ހިނިތުންވުމާއެކު ވާހަކަދައްކައި ހިތް އުފާކޮށް ދެވޭތޯ ބަލާން. އެއީ ޘަވާބު ހުރި ހެޔޮ ޢަމަލެއް!" ޙަލީމް ހިނިތުން ބޯ ޖަހައިލިއެވެ.
____________________________________