ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމާތޯ!
އަޙްމަދު މުޢާވިން
ދުނިޔޭގެ ގިނަ ޤައުމު ތަކުގެ އަހުލުވެރިން އެޤައުމަކަށް ނިސްބަތް ވިތީ ދެރަވެ ކަން ބޮޑުވުން ފާޅުކުރެއެވެ. މާޔޫސްކަމާ ހިތްދަތި ކަމުގައި މުޅި ދިރިއުޅުން ހޭދަކޮށްލަން ޖެހިދެއެވެ. ނަމަވެސް އަޅުގަނޑަކީ އެފަދަ ބަދުނަސީބު ޤައުމެއްގެ ވެރިއަކީމެއްނޫނެވެ. އަޅުގަނޑަކީ އަޅުގަނޑުގެ އުފަންބިމާމެދު ފަޚުރުވެރިވާ ރައްޔިތަކީމެވެ.
ދިވެހިރާއްޖެއަކީ، މީލާދުން 1153ންފެށިގެން ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވީއިރު މިބިމަށް އުފަންވާ ކޮންމެ ދިވެއްސަކީ، އިސްލާމްދީނުގެ މަތިވެރި [ހިޔަލުގެ] ތެރެއިން ތަރުބިއްޔަތު ވުމުގެ ނަސީބު ލިބިފައިވާ ކުއްޖެކެވެ. އިސްލާމީ ފިތުރަތުގައި ބޮޑުވުމުގެ ނިޢުމަތް ލިބިފައިވާ ކުއްޖެކެވެ. އެންމެ ޅަފަތުއްސުރެ އުމުރު ހުސްވަންދެންވެސް އިސްލާމީ ރިވެތި ގަހަނާއިން ޖަރީވުމުގެ ފުރުޞަތެއް ލިބިފައިވާ ކުއްޖެކެވެ. އެހެންކަމުން ދެންނެވޭނީ އެއީ އިސްލާމީ ވެއްޓެއްގައި އުޅެބޮޑޫވުމުގެ ފުރުޞަތު ދިވެހިބިން ހޯދައިދޭ ކަމަށްޓަކައި ދިވެއްސަކަށް ވީތީ އަޅުގަނޑު ފަޚުރުވެރިވާ މައިގަނޑު އެއް ސަބަބު ކަމުގަ އެވެ.
ދަނަވަންތޯއެވެ! އިސްލާމީ ރިވެތިގޮތްތަށް ދަމަހަައްޓަމުންދާ ދިވެހިންނަކީ މިނިވަންކަމަށް ނުހަނު ލޯބިކުރާ ބައެއެކެވެ. މިބިމުގެ ކާބަފައިންނަކީ އެބައިމީހުންގެ އަމިއްލަ ލެއިން އަގުދީގެން މި ބިން މިނިވަންކުރި ބައެކެވެ. އަމިއްލަފުރާނަ ޤުރުބާންކޮށްގެން ބޭރުގެ ނުފޫޒު ތަކާ، ތޫނުވަކިތަކުން ދިވެހިބިން ދިވެހިންނަށް ހޯދައިދިނެވެ. މިއީ އެފަދަ އެތައް ބަޠަލުންނެއް އުފެއްދި ޤައުމެކެވެ. އެހެންކަމުން މިއީވެސް ދިވެއްސަކަށްވީތީ، އުފާކުރަން ޙައްޤުކަމެއްނޫންތޯއެވެ؟
އަދިކޮބައިތޯއެވެ! ދިވެހިންނަކީ އެބައިމީހުންގެ އަމިއްލަ މިނިވަން ބަހަކުން ވާހަކަދައްކަމުންދާ، މިނިވަންބައެކެވެ. ބޭރުގެ އެހެން ބަހެއްގެ އަކުރަކަށް ނުދަރާ، ނުވިކިތިބެ އަމިއްލަ އިޙްސާސްތައް ދިވެހިބަހުގެ އަކުރުތަކުން ބަޔާންކުރެވޭނެގޮތް ހޯދިބައެކެވެ. ދަންވަންތޯއެވެ؟ ބާރާ ނުފޫޒުގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ އެމެރިކާނުން އަދި އަދަށްދާންޖެހެންދެންވެސް އެތިބީ އިނގިރޭސިބަހުގެ އަޅަކަށްވެފައި ، އިނގިރޭސިބަހަށް ވިކި ހުސްވެފައިއެވެ. ނަމަވެސް މިކުޑަކުޑަ ދިވެހި ރާއްޖޭގެ ކާބަފައިން މިންނެއް މަސައްކަތުން އަމިއްލަ ބަހުގެ މިނިވަންކަން މިވަނީ ހޯދައިދީފައިއެވެ. މިނިވަންބަހެއްގެ އަހުލުވެރިންކަމުގައި ދިވެހިން ހަދައިދީފައިއެވެ.
ދިވެހި ބިމަކީ މުޅި ދެކުނު އޭޝިޔާ ދުށް އެންމެ ހީވާގި މުރާލި މަސައްކަތްތެރީން އުފެއްދި އެއް ބިމޭ ދެންނެވިދާނެއެވެ. މިގޮތުން އޮޑިދޯނި ފަހަރު ބަނުމާ ލިޔެލާ ޖެހުމާ ގަލުވަޑާމަކީވެސް މިސަރަޙައްދުގައި ދިވެހީންގެެ ނަން ވިދުވާ މަސައްކަތްތަކެކެވެ. މީގެ ސާފުއެއް ހެއްކަކީ މާލޭ ހުކުުރު މިސްކިތް ބިނާކުރެވިފައިވާލެއް ފުރިހަމަކަމެވެ. އެ މިސްކިތުގައިވާ ގަލުވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތަކީ 11 ވަނަޤަރުނުގެ އިސްލާމީ ފަންނު ވެރިކަން ދައްކައިދޭ މަސައްކަތެއް ކަމުގައި ތާރީޚީ މާހިރުން ޤަބޫލު ކުރައްވައެވެ.
ހަމައެހެންމެ ދޮށީގެ މަސްވެރިކަމަކީ ވެސް އަދި އަދަށް ދާނެ ދެންވެސް މުޅި ދުނިޔޭގައިވެސް އެއްވަނަ މަޤާމު ދިވެހިން ހޯދާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން މުޅިދުނިޔެ ދިވެހީންގެ މަސްވެރިކަން ބަލައިގަތެވެ. ތިމާވެށްޓާއި އެންމެ ރައްޓެހި ގޮތަށް މަސްވެރިކަން ކުރަމުގެ ޝަރަފު ދިވެހި ކާބަފައިން ވަނީ ދިވެހީންނަށް ހޯދައިދީފައިވެއެވެ. ދިވެހި ކަނޑުތަކުގެ މުއްސަނދިކަމުން ނަފާހޯދައިގެން، ދިރިއުޅެވިދާނެގޮތް ހޯދިބައެކެވެ. ހަމައެހެންމެ ނޫވިލާއި، ހިމުން ދޮންވެލިގަނޑާއި ވަރުވަރުގެ އެންދެރިގަސްގަހާއި ކުލަކުލައަރާ މަސްމަހާމެެހީގެ ރީތިކަން، ފަތުރު ވެރީގެ އަމާޒަކަށް ހަދައިގެން ދިވެހި އިޤްތިޞާދު ފުޅާކުރުމުގެ ފުރުސަތު ފަހިވެފައިވާ ބައެކެވެ. ވީއިރު މިއީ ދިވެއްސަކަށް ވީތީ ފަޚުރުވެރި ވާންވީ ކަމެއް ނޫންތޯއެވެ؟
ދަނަވަންތޯއެވެ ! ދިވެހީންނަކީ އެއްބައިވަންތަކަމުގެ މިސާލެކެވެ. އެކަތިގަނޑަކަށްވެ އެއްރޫޙެއްގައި މަސައްކަތް ކުރަމުގެ އާދަޔާޚިލާފު ޝައުޤުހުރި ބައެކެވެ. މިކަން ސާބިތުވާއެއްކަމަކީ އެބައިމީހުންގެ މެދުގައިވާ އިޖްތިމާޢީ ރޫޙު ބޮޑެތި ކަންކަން ދިމާވުން އެއްބަޔަކު އަނެއްބަޔަކަށް ވެދޭ އެހީއެވެ. މީގެ ރީތިއެއްމިސާލަކީ 2004 ގައި ދިމާވި ސުނާމީ ކާރިޘާއެވެ. އެ ބޮޑު ކާރިޘާ އިން ރަނގަޅު ޢިބްރަތެއް ލިބުނު ބަޔަކީ ދިވެހިން ކަމަށް ބޭރުގެ ޢިލްމިވެރީން ހާމަކުރައްވައެވެ. މިހެން މިވީ ކީއްވެތޯއެވެ؟ އެދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަމެވެ. ޤައުމު އެކަތިގަނޑަކަށް ވީގޮތެވެ. އެންމެން އަތުގުޅާލައިގެން ޤައުމުގައި ޙާާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވެ ދިނުމަށް ތައްޔާރުވިގޮތް ދެއްކީ ސާބިތުކަމެވެ. އެކެއްގެ ރުއިމަށް އަނެކަކު އިޖާބަ ދިންލެއް އަވަސްކަމެވެ. ނަތީޖާއަަކަށްވީ އެ މުޞީބާތުން ހީނުކުރާހާ އަވަހަށް ދިވެހިންނަށް ސަލާމަތްވެވުމެވެ. އެކެއްގެ މަދަދުން އަނެކަކަށް ހިންދެމިލެވުމެވެ.
އެއްބައިވަންތަކަމުގެ ރީތި މިސާލަށް ދިވެހިން ވެގެންދިއުމެވެ.
" އުސްބިންތަކުން ދޭހުގެ ފިލާގޮސްފައި މިވާ އެކިޒަލްޒަލާ
އައްސޭރިއަށް މިބަލާނުލާ ބަސްތީ ހިމަޔާތްތެރިވުމީ " ( ޔޫސުފް މުޙައްމަދު ފުޅު )
ޝާއިރު އެވިދާޅުވާ ގޮތަށް ދިވެހިރާއްޖޭގައި އުސް ބިންތަކެއް، ފަރުބަދަތަކެއް ނުވެއެވެ. އެހެންކަމުން އެފަދަ ފަރުބަދަ މަތީ ރަށްތަކަށް އަންނަ ތޫފާން ތަކާއި ޒަލްޒަލާތައް އައުމުން ﷲ މިބިން މިވަނީ ޙިމާޔާތް ކޮށްދެއްވާފައިއެވެ. އެހެންކަމުން މިއީ ދިވެހީންނަށް ލިބުނު ކިހާބޮޑު ނަސީބެއްތޯއެވެ؟ ހަމައެހެންމެ ދިވެހިރާއްޖެ ޖޯގުރަފީގޮތުން އޮތް މަޤާމަކީވެސް އަމާންކަމާއި ރައްކާތެރިކަމުގެ މަޤާމެކެވެ. ދުނިޔޭގެ ދެބައި ހަމަ ސަރަހައްދުކަމުން މޫސުމީ މައްސަލަތައްވެސް އެހާމެ ކުޑަވެއްޓެކެވެ . ހަމައެހެންމެ އެހާމެ އަމާން ބަދަރެކެވެ. އެހެންކަމުން މިއީ ދިވެހިންނަށް ﷲ މިންވަރުކުރެއްވި ކިހާބޮޑު ނިޢުމަތެއްތޯއެވެ؟ ވީއިރު މިކަމާ އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤެއް ނޫންތޯއެވެ؟