އަދުގެ ޚާއްސަ

Print

މަގުމައްޗާއި ޓްރެފިކް ލައިޓް

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ބޭރު ކަރައެއްގައި އެތައްއަހަރެއްވަންދެން  އުޅުމަށްފަހު މާލެ އާދެވުނު އިރު މާލެއަށްވަނީ ލައްކަ ގިނަބަދަލުތައް އައިސްފައެވެ. ގިނަ ބަދަލު ތަކަކީ ތަރައްޤީއާއި ތަހުޒީބުގެ ގޮޅިއަށް ފެތިގެންދާނެ ކަންތައްތަކެވެ. ނަމަވެސް އަނެއްބައި ބަދަލުތަކަކީ  ތަހުޒީބީ މުޖުތަމަޢެއްގައި ހުރެގެން ނުވާނެ ކަންތައްތަކެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާމާ ނުގުޅޭ ކަންތައްތަކެވެ.

ބަދަލުތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެއްކަމަކީ ޓްރެފިކް ލައިޓާއި މަގުމަތީގެ އެކި ހިސާބުތަކުގައި ރީނދޫ ކުލައިން ދަމާފައިވާ ރޮނގުތަކެވެ. މީ އަޅުގަނޑަށް މުޅިން އާކަމަކަށް ނުވީ އަޅުގަނޑު އުޅުނު މާހައުލުގައިވެސް މިތަކެތި ހުންނާތީއެވެ. ނަމަވެސް ތަފާތުވާ ތަންކޮޅަކީ އެތަކެތީން އެއަންގައިދޭ އެންގުންތަކަށް އަޅުގަނޑުމެން އަމަލުކުރާ ގޮތެވެ.

ވަރަށް ކުޑަމިސާލެކެވެ. މިމާލެއެކޭ އެއްގޮތަށް އެކަރައިގައި ވެސް ޓްރެފިކް ލައިޓް ހުރެއެވެ. ދިއްލެނީ ތިން ކުލައަކުންނެވެ. ފެއްސާ، ރަތާ އަދި ރީނދުލުން ނެވެ. އެ ގައުމުގެ މީހުންނަށް ދަސްވެފައިވާ ގޮތުންނަމަ ފެހިކުލައިން ދިއްލުމުން އެ ބުނަނީ ކުރިއަށް ނުވަތަ ދިއްލިފައިވާ ތީރުން އެދައްކާ މިސްރާބަކަށް ދަތުރުކުރަންވީއެވެ. ރީނދުލުން އެ އަންގައިދެނީ ފަރުވާތެރިވާން ޖެހިއްޖެކަމާއި ސްޕީޑު ދަށްކޮށް މަޑުކުރަން ވެއްޖެ ކަމެވެ. ރަތްކުލައިން އެ އަންގައިދެނީ ހުއްޓަން ވެއްޖެ ކަމެވެ. ކުރިއަށް ދިއުމުގައި ނުރައްކަލަކާ ކުރިމަތި ވެދާނެ ކަމެވެ.

މި ރާއްޖޭގެ މާހައުލުން އަޅުގަނޑަށް ފުރަތަމަ ފެނުނު މިފަދަ މަންޒަރުންވެސް މިތާގައި ކުރިން ދެންނެވި ތިންކުލަ މާނަކުރާގޮތް ނުވަތަ ވިސްނިފައިވާގޮތް ތަފާތުކަން އެނގުނެވެ. މާނަ ކުރާގޮތް ތަފާތު ނުވިޔަސް އަމަލު ކުރާގޮތް ހަމަ ޔަގީނުންވެސް ތަފާތެވެ. އަޅުގަނޑަށް ފެނުނު މަންޒަރުން ޓްރެފިކް ލައިޓްގެ ތިންކުލަ މާނަކުރެވުނު ގޮތަކީ މިއީއެވެ. އާދެ..

ފެހިކުލަ: ފަހަތުގައި އޮތް ހުރިހާ ވެހިކަލަކުންވެސް ބަރުގޮނު އަޅަން ފަށަންވީއެވެ. ނުރައްކަލެއް ނެތެވެ. ކުރިޔަށް ދާންވީއެވެ. ވަކި ސްޕީޑެއްވެސް ނެތެވެ. އެމީހަކަށް ދުއްވުނު އެންމެ ބާރު މިނެއް ގައެވެ.

ރީނދޫކުލަ: ނުރައްކަލެއް އޮތްތޯ ނެތްތޯވެސް ބަލާނެކަމެއް ނެތެވެ. އެމީހަކު ދުއްވަމުން އައި ސްޕީޑަށްވުރެ ދެގުނަ ބާރުމިނުގައި ކުރިއަށް ދާންވީއެވެ.

ރަތްކުލަ: އިޚްތިޔާރު ލިބިގެން ވެއެވެ. ބޭނުން ނަމަ މަޑުކުރަންވީއެވެ. ބޭނުންނަމަ ކުރިއަށް ދާންވީއެވެ.

ދެންއޮތީ މަގުމަތީގެ އެކިހިސާބުތަކުގައި ރީނދޫކުލައިން ދަމާފައިވާ ރޮނގުތަކެވެ. އެޔަކީ އެއްވެސް މާނައެއް، އަދި އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫނެވެ. އެމީހަކު ބޭނުންތާކު މަޑުވެސް ކުރަންވީއެވެ. އެ ރޮނގަކަށް ބަލާނެކަމެއް ނެތެވެ. ޕާކުވެސް ކުރަންވީއެވެ. ރޮނގުގެ ކަނާތް ފަރާތެކޭ ވާތް ފަރާތެކޭ ހަމަ ހަމައެވެ. ދެފަރާތުންވެސް ދެކޮޅަށްވެސް ދުއްވޭނެއެވެ. އަޅުގަނޑަށް މި މާނަކުރެވުނު ގޮތާދޭތެރޭ ޝައްކާއި ވަހުމް ހިތަށްވަދެ، އެ ވަގުތު އަޅުގަނޑު އިން ޓެކްސީގެ ޑްރައިވަރާ ސުވާލުކޮށްލުމުން މިކަން ވަރަށްބޮޑަށް އޮޅުން ފިލިއެވެ. އޭނާބުނާގޮތުން ބައެއްމީހުން އެގޮތަށް ކަންތައްކުރިނަމަވެސް، އެއީމުޅިން ގަވައިދާ ޚިލާފަށް ކުރާކަމެކެވެ.

ކަން އޮތީ އެބުނި ގޮތަށް ނަމަ އަޅުގަނޑުުމެންގެ  ތެރެއިން ވަރަށް ގިނަބަޔަކު  ގަވައިދަށް ޙުރުމަތްތެރިކޮށް ހިތަން ދަސްކުރުމުގެ ތަމްރީނުތަކެއްގައި ބައިވެރިވެ އެ ފުރިހަމަ ކުރަންޖެހޭހެން އަޅުގަނޑަށް ހީވެއެވެ. ކިޔުން ތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ