އަދުގެ ޚާއްސަ

Print

ދިވެހި ސައްޔާހެއްގެ ގަލަމުން ... ޕެރިސް (02)

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


އަދަބުއްރިޙްލާތު                                            22 ސެޕްޓެމްބަރ (އަންގާރަ)އާ ގުޅޭ...

ޑރ. ޙަސަން ޙަމީދު

ޕެރިހުގެ ފުޅާ މަގުތަކުން ދަތުރުކުރަމުން އައިސް، އަޅުގަނޑު ހުންނަން ހަމަޖެހިފައިވާ ހޮޓަލަށް ޓެކްސީ  މަޑުކޮށްލައިފިއެވެ. ޕެރިހުގެ ގިނަ ހޮޓާތަކަކީ ވަރަށް އާދައިގެ ހޮޓާ ތަކެކެވެ. ދެކުނު އޭޝިޔާގައި ހުންނަ ހޮޓާތައް ފަދަ ބޮޑެތި ވަކިވަކިން ހުންނަ ތަންތަނެއް ނޫނެވެ. މާލޭގައި މިހުންނަ އުސް ގެތަކުން ގެއެއްގެ ނަންބޯޑު ހޮޓަލަށް ބަދަލު ކުރުމުން ޕެރިހުގެ އެންމެ ޢާންމު ހޮޓާތައް އަޅުގަނޑުމެންނަށް ސިފަ ކުރެވޭނެ އެވެ. ޕެރިހުގެ އުސް "ގެ" ތަކާއި ހޮޓާތަކުގެ ކޮޓަރިތައް ވަރަށް ކުޑައެވެ. އެއީ ޖާގަ ނެތުމާއި ފިނި މޫސުމުގައި ކޮޓަރިތައް ހޫނުކުރަންޖެހޭތީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރާ ކަމެކެވެ. ޕެރިހުގެ ޢިމާރާތްތަކުގެ ވަރަށް ގިނަ ބިއްލޫރި ކުޑަދޮރުތައް ހުޅުވެނީ އެތެރެއަށެވެ. ކޮންމެ ކުޑަދޮރެއްގައި ބޭރަށް ހުޅުވޭ ލަކުޑި ކަތިފިލާޖެހި ދޮރުފަތް ހަރުކޮށްފައި ހުރެއެވެ. އެއް ކުޑަދޮރުން ބަލާލާއިރު ކޮންމެވެސް އެހެން ޢިމާރާތެއްގެ ކުޑަދޮރު ހުންނަނީ ވަރަށް ގާތުގައެވެ. އެހެން ކަމުން، އަމިއްލަ އެކަހެރިކަމެއް ބޭނުން ވެއްޖެނަމަ، ބިއްލޫރި ކުޑަދޮރު އެތެރައަށް ހުޅުވާލާފައި، ކަތިފިލާ ޖެހި ބޭރު ދޮރުފަތް ލައްޕާލުމުން، ސާފު ވައި ލިބި ނިވާކަމެއް ލިބޭނެއެވެ. އަތްވެއް ނުދޭނެއެވެ. ކަތި ފިލާ ޖެހި ދޮރުފަތް ހުޅުވާލައިފައި ބިއްލޫރި ކުޑަދޮރު ލައްޕާލުމުން، ދުވާލުގެ އަލި ލިބި އެތެރޭގެ ހޫނުކަން ހިފެހެއްޓެއެވެ.
   
އަޅުގަނޑާއި އެހެން ރައްޓެއްސެއް ޕެރިހަށް އައިސް މިއުޅެނީ ރަސްމީ ދެ ޖަލްސާއެއްގައި ބައިވެރިވުމަށް ދިހަ ވަރަކަށް ދުވަހަށެވެ. ސަރުކާރުގެ މުސާރަ ފިޔަވައި އެހެން އާމްދަނީއެއް ނުލިބޭ އަޅުގަނޑު ފަދަ މީހުންނަށް ޕެރިހަށް ޒިޔާރަތް ކޮށްލެވޭނީ ރަސްމީ ދަތުރަކާ ގުޅިގެންކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އަތުގައި ކެމެރާއަކަށް އޮތީ އޮފީހުން ހޯދާދީފައި އޮތް ފޯނެވެ. މި މަޒުމޫނުގައި ހިމެނޭ ހުރިހާ ފޮޓޯއެއް ނަގާފައިވަނީ އެ ފޯނުންނެވެ. ޕެރިހަކީ ދިރިއުޅެން ވަރަށް އަގުބޮޑު ތަނެކެވެ. ފައިސާގެ ގޮތުގައި ގެންގުޅެނީ ޔޫރޯއެވެ. އެއީ ޔޫ.އެސް.ޑޮލަރަށް ވުރެ ވެސް އަގުބޮޑު އެއްޗެކެވެ. ލަންކާ ފަދަ ޤައުމެއްގައި ފަސްތަރީގެ ހޮޓަލެއްގައި ހުރުމުގެ އަގުގެ ދެގުނައަށް ވެސް ލިބެނީ ދެ ތަރީގެ ތަނެކެވެ. ޕެރިސް ބަލާލުމަށް އަޅުގަނޑަށް ލިބޭނީ އެންމެ ދެ ދުވަހެވެ. ދެ ޖަލްސާ ދެމެދުގެ ދުވަހަކާއި ފުރުމުގެ ކުރިން ލިބޭ ދުވަހެކެވެ. އެހެންކަމުން، ކުރިން ދެންނެވިފަދައިން ޕެރިހުގެ ފުރިހަމަ ޢިމާރާތްތަކާއި ރީތި މަންޒަރުތަކަށް، މުއްސަނދި ތާރީޚަށާއި ޒަމަންވީ ޙަޟާރަތަށް އަޅުގަނޑަށް އެކަށީގެންވާ ގޮތެއްގައި އިންސާފެއް ނުކުރެވޭނެއެވެ. ނަމަވެސް... 
   
އާދެ! އެންމެ ފުރަތަމަ ޗުއްޓީ ދުވަހު ޒިޔާރަތް ކޮށްލާނީ ކޮންތަނަކަށް ތޯއެވެ؟ އެއިފްލް ޓަވަރ ކިހިނެއްވާނެތޯއެވެ؟ އެއިފްލް ޓަވަރަކީ އިންޑިޔާގެ ނަމަ ތާޖުމަހަލެވެ. މެލޭޝިއާގައި ނަމަ، ޕެޓްރޮނާސް ޓަވަރެވެ. އާދެ! މުޅި ޤައުމު ރަމްޒުކޮށްދޭ ނިޝާނެވެ. އެތަނަކީ 1889 ވަނަ އަހަރު ފަރަންސޭސި އިންޤިލާބަށް 100 އަހަރު ފުރުމާގުޅިގެން ބޭއްވުނު ދުނިޔޭގެ ވިޔަފާރީގެ މައުރަޒަކަށް ހަދާފައިވާ ވަގުތީ ދިގު ހަރެކެވެ. ފަރަންސޭސި އިންޤިލާބަކީ ފަރަންސޭސި ވިލާތުގައި އޮތް ވިރާސީ ރަސްކަމާއި ރަސްކަލުންނަށް ކޮންމެ ކަމެއްގައި ނިޔާ ކަޑައެޅުން އޮތް އޮތުން ނިމުމަކަށް ގެނައި އިންޤިލާބެވެ.

މި އިންގިލާބު ފެށެން ދިމާވީ، މީހުން ބަނޑަށް ޖެހި، ސަރުކާރަށް ދަށްކަންޖެހޭ ވާރު ބޮޑުވެ، ވެރިފަރާތުގެ އިސްރާފުތައް ބޮޑުކަމުންނެވެ.  މި އިންޤިލާބުގެ ސަބަބުން ޔޫރަޕުގައި އޮތް މިބާވަތުގެ ވެރިކަން ހިންގި ހުރިހާ ޤައުމެއްގެ ވެރިކަން މިޒަމާނުގެ ދުސްތޫރީ ވެރިކަމަށް ބަދަލުވާން ފެށިއެވެ. އިންޤިލާބު ގައި ހިންގި ފާހަގަ ކުރެވޭ ކަންތައްތައް ތަކުގެ ތެރޭގައި ބެސްޓީލް ނަމަކަށް ކިޔާ ޖަލަކާއި ހަތިޔާރު ގުދަނަކަށް ހަވަރު އަރައިގަތުމާއި ރަސްގެފާނާއި ރާނީގެ އިސްތަށިފުޅު ކަނޑައިބުރިކޮށްލުން ހިމެނެއެވެ.

ކޮންމެއަކަސް، ވިހި އަހަރު ދުވަހުގެ ތެރޭގައި ރޫޅާލުމަށް ރާވާ ހެދި އެއިފްޓަވަރ، 150 އަހަރު ވީއިރުވެސް ހުރިގޮތަށް ހުންނަން ދިމާވީ ހެދިތާ ދުވަސް ކޮޅެއްގެ ތެރޭގައި ރޭޑިއޯ އެންޓެނާ ޖެހުމަށް މިދިގު ހަރުގެ ބޭނުން ބޮޑުވީމައެވެ. ނަމަވެސް މިހާރު އެއީ ފަރަންސޭސި ވިލާތުގެ އެންމެ ގިނަ ފަތުރުވެރިން (އަހަރަކު 6 މިލިއަން މީހުން) ޒިޔާރަތް ކުރާ މަންޒިލެވެ. ހެދި އިރު މި ޓަވަރުގެ ސަބަބުން ލޮލަށް އުނދަގޫވާނެކަމަށް ބުނެ ބައެއް މީހުން ޢިމާރާތް ކުރުން ހުއްޓުވަން މަސައްކަތް ކޮށްފައި ވެއެވެ. ޓަވަރުގެ ސިފަ އައިސްފައިވަނީ ވައިރޯޅިއާއެކު ޓަވަރު ހެލޭނެތީ އެކަން ހުއްޓުވަން ގެނެސްފައިވާ ބައްޓަމަކުންނެވެ. މިބައްޓަމަށް ހުންނަ ހަރު ދުނިޔޭގެ އެތަށް ޤައުމަކުން ކޮޕީކުރި ކަމުގައި ވިއަސް، އެއިފްލް ޓަވަރު ހާ ނަލައެއް ނޫނެވެ. ކިޔުންތެރިންގެ ތެރެއިން ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މިޓަވަރުގެ އަރިމަތިގެ ބައްޓަމަކީ x2 ފަދަ ފަންކްޝަނެއްގެ ގްރާފުން ނަގާފައިވާ ބައްޓަމެއްކަން އެނގިވަޑައިގަތުމުން އެއަށް ދެވޭ ސަމާލުކަން އިތުރު ވެދާނެއެވެ. ޓަވަރު ހުންނަނީ ވަރަށް ބޮޑު ވިނަ ހެއްދި މައިދާނެއްގެ މެދުގައެވެ.

އަޅުގަނޑު އެ ތަނަށް ދިޔައިރު، ޗައިނާ ދަރިފަސްކޮޅުގެ އާއިލާއަކާއި ތުރުކީ އާއިލާގެ ދެ ގުރޫޕެއް ކައިވެންޏަށް ފަހު ޓަވަރު ކުރިމަތީ ތިބެ ފޮޓޯ ނަގަން އައިސް އުޅެއެވެ. ޕެރިހަކީ ލޯބިވެރިންގެ ސިޓީއޭ އަޅުގަނޑު ދެންނެވިން ނޫންތޯއެވެ. ޓަވަރުގެ އެއް ފަރާތުގައި އޮންނަނީ ސެއިން ކޯރެވެ. ކޯރުގެ ބިތްދޮށުގައި ފަހުން ބޭއްވި މަރުކަޒަކަށް ހެދި ދެ ޢިމާރާތެކެވެ. ހެނދުނު ނުވައެއް ޖެހީއްސުރެ ރޭގަނޑު ބާރަ ޖަހަންދެން ޓަވަރުގެ މައްޗަށް އެރުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މައްޗަށް އެރުމަށ ްހުންނަ  ލިފްޓްގެ ޓިކެޓް ގަތުމަށް އޮންނަ ކިޔޫގައި ގަޑިއެއްހާ އިރު ހުންނަން ޖެހެއެވެ. މި ޓަވަރުގެ ހަތަރު ފައި 328 ފޫޓު 328 ފޫޓު ކޮށްޓަކަށް ލެވޭނެއެވެ. ތިރީގައި ބިންގަރާހެއް ހަދާފައި ވެއެވެ.

އަދި ލިފްޓުގެ މެޝިނަރީއާއި އެހެނިހެން ތަކެތި އަޑީގައި ވެއެވެ. ކުދިކުދި އެއިފްލް ޓަވަރު ވިއްކަން އުޅޭ މީހުންނާއި ސަލާން ޖަހަން އުޅޭ މީހުންނާއި ދެއްކެން ދާމީހުންނާއި ބަލަންދާ މީހުންނާއިގެން ހިސާބުގަނޑު ފުރިފައި އޮވެއެވެ. ގާޑިޔާ ތަކުގައި އައިސްކްރީމާއި ޓީޝާޓާއި ޓޫރިސްޓް ތަކެތި ވިއްކަން ހުރެއެވެ. ލިފްޓަށް އެރެނީ ސެކިއުރިޓީ ޗެކަކަށް ފަހުއެވެ. މައްޗަށް އެރުމަށް ފަސްދޮޅަހާއި ސަތޭކަވަރަކަށް މީހުންނަށް އެރޭވަރުގެ ހަތަރު ލިފްޓް ހުރެއެވެ. ކަތި ފައިން މި ލިފްޓް މައްޗަށް އަރަނީ ލިފްޓްގެ މަތީގައި ހަރުކޮށްފައި ހުންނަ ހުޅެއްގެ ސަބަބުން އަބަދުވެސް ރަހަ ވެގެންނެވެ. ލިފްޓް ހަރުކުރިއިރު މިއީ މިފަދަ ގޮތަކަށް އީޖާދުކުރި ފުރަތަމަ ލިފްޓެވެ. އައިފްލް ޓަވަރުގެ އުސްމިނަކީ ގާތްގަޑަކަށް 1060 ފޫޓެވެ. މި ހަރު ހެދިފަހުން 40 އަހަރު ވަންދެން އިންސާނުން ހަދާފައިވާ އެންމެ އުސް އެތީގެ ގޮތުގައި އެފަރުމާ މަޝްހޫރު ވެފައި ވެއެވެ. ދެއަހަރު ދުވަހުން ރޭވި މިހަރު، ހަދާފައިވަނީ ދަގަނޑު ފަތި މަލަރު ކޮށް ގުޅުވައިގެންނެވެ. 18000 ފަތިގަނޑާއި 2.5 މިލިއަން މަލަރު ބޭނުން ކޮށްފައި ވެއެވެ. ހަރުގައި ލާފައި ހުންނަ ކުލައިގެ ބަރުދަނަކީ 40 ޓަނެވެ. ދުރަށް ކުލަތައް އެއްގޮތް ކުރުމަށްޓަކައި، ކުރީބައިތަކުގައި ހުންނަ ކުލަ ތިރީގެ ކުލަތަކަށް ވުރެ އައްޔެވެ.


އެންމެ ފުރަތަމަ ޑެކުގައި ހުންނަނީ ޓަވަރާ ބެހޭ ކުޑަ މައުރަޟެކެވެ. ތަން ބިނާ ކުރިގޮތާއި އޭގެ އެންޖިނިއަރިންނާއި ތާރީޚާ ބެހޭ ތަކެއްޗެވެ. މި ޑެކަށް މަޑުކުރަނީ މަދު ބައެކެވެ. ދެވަނަ ޑެކް ހުންނަނީ ހަތަރު ސަތޭކައެއް ހާ ފޫޓު މަތީގައެވެ. މި ޑެކްގެ މަތީގައިވެސް ސިޑިއަކުން އެރޭ ޑެކެއް އޮވެއެވެ. ޑެކްގައި ވަށައިގެން ތަންތަން ބެލޭނޭ ނިޒާމު ހަމަޖެހިފައި ވެއެވެ. ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ ޓަވަރުން ދެ ދިމާއެއް ފެންނަ ގޮތެވެ. ދެވަނަ ޑެކްގައި ސޫވެނެއަރ ވިއްކާ ފިހާރައަކާއި ރެސްޓޯރަންޓެއް ހުރެއެވެ. އާންމުންނަށް އެންމެ މައްޗަށް އެރެނީ 900 ފޫޓު މަތީގައި ހުންނަ ޑެކަށެވެ. މި ޑެކް ވެސް ހުންނަނީ ދެބުރިއަށް ހަދާފައެވެ. ވަރަށް އަގުބޮޑު މަޝްހޫރު ރެސްޓޯރަންޓެއް މި ޑެކްގައި ހުރެއެވެ. ދެވަނަ ޑެކުން މަތީ ޑެކަށް އަރަން ހަތަރު ލިފްޓު ހުރެ އެވެ. ރޭނގަޑު ދިއްލުމަށްޓަކައި މުޅި ހަރުގައި ބޮކި ހަރުކޮށްފައި ވެއެވެ. ޑެކް ގެ މަތިން މީހުން ފުއްމާލާފާނެތީ ވަށައިގެން ދާ ޖަހާފައި ވެއެވެ. މިހެން ހަދާފައި ހުރި ކަމުގައި ވިއަސް މިތަނުން 400 މީހުން މަރުވާން ފުއްމާލާފައި ވެއެވެ. ދުނިޔެއިން މޮޔައިންނެއް ދުވަހަކު ހުހެއް ނުވާނެއެވެ.
އެއިފުލް ޓަވަރުގެ ކުރިމަތީގައި ހުންނަނީ ބިތެއްގައި އެއްހާސް ފޫޓު ހުންނަ ވަރުގެ ބޮޑު މިލިޓަރީ ސްކޫލެކެވެ. އަޅުގަނޑު ކުރިން ދެންނެވިހެން ފަރަންސޭސީންނަކީ މުޅި ދުނިޔޭގައި ހަންފެތުރި ބައެކެވެ. އެމީހުން 100 އަހަރުވަންދެން ދިގު ދެމިގެން ދިޔަ ހަނގުރާމައެއް އިނގިރޭސިންނާއެކު ކުރިއެވެ. މިއީ އެ އިސްތިޢުމާރީ ޙަރަކާތްތަކަށް މީހުން ތަމްރީނު ކުރާ މަރުކަޒެވެ. މިތަނާ ގާތްވިތަނާ މާ ދުރު ނޫން ހިސާބަކުން ޖަރީކޮށްފައިވާ މާ ބޮޑު ގުއްބެއް ފެންނާތީ އެ ދިމާއަށް ހިނގައިގެންފީމެވެ.

އެއީ ސާދަ ވަނަ ލުއިސް ރަސްގެފާނު އޭނާގެ ފަހުލަވާނުންގެ ތެރެއިން ހަނގުރާމައިގައި އަނިޔާވާ މީހުން އުޅެން 17 ވަނަ ޤަރުނުގައި ހަދާފައިވާ ތަނެކެވެ. "ލެސް އިންވެލީޑްސް" އެވެ. ހަނގުރާމަ ކުރުމަށް ނުކުޅެދުންވެރިވުމުން، މި މީހުން މިތަނަށް ފޮނުވައެވެ. އެ ތަނުގައި ފައިސާ ލިބޭ ތަފާތު މަސައްކަތް، މިސާލަކަށް ފައިވާން ހެދުން ފަދަ ކަންކަން ކޮށް އުޅެ ޢުމުރު ހުސްކުރަތެވެ. މި ތަނަކީ ފަރާތެއްގައި 800 ފޫޓު ހުންނަ އެތަށް ގޮޅިތަކަށް ބަހައިގެން ހަދާފައިވާ ބޮޑު ތަނެކެވެ. ގޫގްލްއާރތު ކިޔާ ޕްރޮގްރާމުން މި ތަން މަތިން ފެންނަގޮތް ފޮޓޯގައި އެ ވަނީއެވެ. މަތީ ފަރާތުގެ ތެދު ފާރުގެ ދިގުމިނަކީ ގާތްގަޑަކަށް 650 ފޫޓެވެ. މާދުރުން އެ ފެނުނު ގުއްބަކީ ރަސްގެފާނުގެ ވެދެވަޑައިގަންނަވާ ފައްޅިއެވެ. އެހެނީ އެތަނުގައި ދިރިއުޅުނު 4000 މީހުންނަށް ހުންނަ ފައްޅީގެ ދޮރުން ރަސްގެފާނު ވަނުމަކީ "ހަމަ ކަމަކަށް ނުވާތީ" އެމީހުންގެ ފައްޅީގެ އަނެއްފަރާތުން ރަސްގެފާނަށް ވަދެވޭ ގޮތަށް މާ މޮޅު ފައްޅިއެއް ދޮރެއް ހެދީއެވެ. މި ތަނުގެ މަތީގައިވާ ގުއްބުގައި ހުންނަނީ ރަން ފަތުން ޖަރީކޮށްފައެވެ. މިކަމަށް 12 ކިލޯ ރަން ޚަރަދުވިކަމަށް އެތަނަށް ވަނުމުން ދިން ލުއި ފޮތުގައި ލިއެފައި އޮތެވެ.

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ