އަދުގެ ޚާއްސަ

Print

އަމުރު ކުރާމީހުންނާއި އަމުރު ހިންގާމީހުން

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ކޮންމެ ވެރިއަކުވެސް އޭނާގެ އަމުރު ނެރުއްވައި އެ އަމުރުތައް ހިންގުމާއި ހަވާލުކުރައްވާފައި އެކި އެކި ދަރަޖަ ދަރަޖައިގެ އެތައްބަޔަކު ތިއްބަވައެވެ. އެއަމުރުތައް ލިބިގަންނަ ރައްޔިތުންނަށް އެނގޭނީ އެއަމުރުތައް ހިންގާ ބަޔަކުބުނާ އެއްޗަކާއި ކަންތައް ކުރާގޮތެކެވެ. އަމުރު ކުރާމީހާއަށްވެސް އެނގޭނީ އެއަމުރެއް ހިންގުމާއި ޙަވާލުވެ ތިބި ބަޔަކު ކޮންމެގޮތަކަށް ކަންކުރިނަމަވެސް ބުނާއެއްޗެއް ނުވަތަ ދައްކާ ރިޕޯޓެކެވެ. ބައެއްފަހަރު ކަމުގައި މޮޅު ކުޅިއެއް ކުޅުމާއި ދެރަކުޅިއެއް ކުޅުމަކީ ރައްޔިތުނަނާއި ވެރިނަނާއި ދެމެދުހިގާ އަމުރު ހިންގާ މީހުންކަމަށް ވެދެއެވެ. މަޢުރޫފުން ނުވަތަ މަޟުލޫމުންނަކީ އެމީހުންކަމުގައި ވެދެއެވެ.

އެއްޒަމާނެއްގައި ، އެއްޝަހަރެއްގައި ވަރަށް ޢަދުލުވެރި، ރައްޔިތުންނަށް ވަރަށް އޯގާވެރި ދީލަތި ރަސްކަލަކު އުޅުއްވިއެވެ. އެރަސްގެފާނުގެ އޯގާވެރިކަން ހުންނަވަރަކީ މީހަކު ބަނޑުހައިގެން ހުރިކަން އެނގިވަޑައިގެންފި ނަމަ އެ މީހަކުގެ ކެއުމުގެ ކަންތައްތައް ހަމަޖެހިއްޖެކަން އެނގިވަޑައިގަތުމުގެ ކުރިއަކު ފަރީއެއް ނުކުޅުއްވައެވެ. ރައްޔިތުންކުރެ މީހަކަށް ކަމެއް ބޮޑުވެއްޖެކަން އެނގިވަޑައިގެންފިނަމަ އެމީހަކަށް އެ ކަމަކުން އަލިމަގެއް ލިބުމުގެ ކުރީގައި އަވަހާރަފުޅެއް ނުލެއްޕެވެއެވެ.

އެއްދުވަހަކު އުސް ގެކޮޅަކަށް އަރައިވަޑައިގެން ދުރުބައްލަވަން ހުންނެވި އެވެ. ފެނިވަޑައިގަންނަވަނީ ދުރުންނާއި ގާތުން ހިނގައި ބިނގައިވެ އުޅޭ މީހުންތަކެވެ. އޭގެތެރޭގައި ވަނީ ފައިވާނެއް ނެތި އުޅޭމީހުނާއި ބޮލުގައި އެއްޗެއް ނެތި ގައި ހަންގަނޑު ހާމައަށް ލައިގެން އެއްވެސް ނިވައިކަމެއް ނެތި ހިނގައި ބިނގައިވެ ކޮޅުކޮޅު މައްޗަށް ގޮސްއުޅޭ މީހުންތަކެވެ. ގޮތެއް ހަމައެއް ލަމައެއް ނެތި މަގުމަތީ ދުވެ ފުމެއުޅޭ ކުޑަކުދިންތަކެވެ. މި ފެނިވަޑައިގަންނަވާ މަންޒަރު ތަކުން ރަސްގެފާންގެ ހިތްޕުޅު ކުދިކުދި ވެއްޖެ ކަހަލައެވެ. ހިތްޕުޅު ދަތިވެ ކީރިތިފުޅުކުރެއްވި ކަރުނަފޮދުން ތެމިވަޑައިގެން ހުންނަވަނިކޮން އެތަނަށް ބޮޑުވަޒީރު ވަޑައިގެންފި އެވެ. ރަސްގެފާނު ބޮޑުވަޒީރާ ދިމާއަށް ކޯފާ އިސްކުރައްވައި ހިތްޕުޅާނުވުމުގެ ރާގެއްގައި ވިދާޅުވިއެވެ. ކަލޭ އަހަރެންގެ ރައްޔިތުން ބަލހައްޓަވާގޮތް މިހަރަފެންނަނީ އެވެ. އެ މީހުންގެ ޙާލު ހުރިގޮތަކީ އެހެރީއެވެ. އަދި މިއަށްވުރެ ނިކަމެތި ޙާލުގައި ކިތައް ކިތައް މީހުން ތިބޭނެބާއެވެ. ރައްޔިތުންގެ ތެރޭގައި ހަސްފަސް ނެތި ކިތައް ނިކަމެތި ފަޤީރުންނާއި ބަލިހާލުގައި ތިބި މީހުންގެ އެއްވެސްކަމެއް ވަޒީރު ބައްލަވާ ހެންނަކުން ހިއެއްނުވެއެވެ. ރައްޔިތުންގެ ޙާލު ބެއްލެވުމީ ވެރިންގެމައްޗަށް އޮތް އެންމެބޮޑު ނުރައްކާތެރި ފަރުޟްކަން ވަޒީރު ނުދަންނަމުހެއްޔެވެ؟

އޭ ވަޒީރާއެވެ. ކޮންމެ ވެރިއަކީ ވެސް އެވެރިއެއްގެ ދަށުގައި ތިބޭ ރައްޔިތުންގެ ހުރިހާ ކަމަކާ މަސްއޫލުވެގެންވާ މީހަކުކަން،  އަބަދުވެސް ހަނދާންބަހައްޓާށެވެ. އެ ވެރިއަކަށް އެ ވެރިއެއްގެ މަސްއޫލިއްޔަތުތައް އެދެވޭ ރަނގަޅުގޮތުގައި އަދާނުކުރެވޭނަމަ ވެރިކަމުގެ ޝަރަފުން ލިބޭ މޮޅާއި ރީތިނަމަށްވުރެ ފަހުން ކުރިމަތިވާނެ ބިރުވެރި ސުވާލުތަކާއި ، ވާނެ ބޭޒާރާ ފަޟީހަތާއި ގަންނަން ޖެހޭނެ ލަދާއި ތަދާއި ކުރިމަތިވާނެ ހިތާމަތަކާއި ވޭނާއި އަޛާބަށް، ހުށައެޅޭއިރު ވެރިކަމުން ލިބުނު މޮޅުފައިދާއެއް ނެތްކަން ހަނދާންވާނެ ވަގުތަކަށް، އަބަދުވެސް ހަނދާން ބަހައްޓައިގެން ރައްޔިތުންގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓާށެވެ. އެހެންނޫންނަމަ އެ ދުވަހުން ހިތަށް އަރަންޖެހޭނީ އަހަރެން ރައްޔިތުންކުރެ އެންމެ ދެރަމީހާ ކަމުގައި ވީނަމަ މި އަދު ކޮންފަދަ ނަޞީބު ހޭ މިހެން ހިތަށް އަރަންޖެހުމުގެ ކުރީގައި ސަލާމަތުގެ މަގު ހޯދާށެވެ.

އޭ ވަޒީރާއެވެ. އަހަރެންގެ ރައްޔިތުން އެ ހާލުގައި ތިއްބައި ރަނާއި ޖަވާހިރުގެ ޚަޒާނާއެއް ހުރުމެކޭ އޭނާ އެ ފޮތެއްގައި  ހުރިއެއްޗެއް ނޭނގޭ މޮޅުފޮތެއް ބޮޑުފޮށީ އަޑީގައި ރައްކާކޮށްފައި އޮވެ،  އެފޮތުގެ މޮޅުކަމުގެ ވާހަކަދައްކަމުން އޭނާގެ ކާބަފައިން އެފޮތުން ޙާސިލްކުރި ފަޚުރުވެރި ވަނަތަކުގެ ވާހަކަ ދައްކަމުން ހިނގާމީހެކޭ ތަފާތެއް ނެތެވެ. ސަރުކާރުގެ ޚަޒާނާއެއް ހުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ޖެހޭ ނިކަމެތި ޙާލުތަކުން އެމީހުން ސަލާމަތްކުރުމެވެ. ވަޒީރު މަގޭ ޚަޒާނާއިން ނަގައިގެން މަގޭ ރައްޔިތުންކުރެ ތަނަވަސްކަން ނެތުމުގެ ސަބަބުން ތާކިހާ، ލިބާސް، ފައިވާން ނެތް މީހުން ރަނގަޅަށް ބަލައި އެއްމަސް ދުވަސްތެރޭ އެމީހުންނަށް އެތަކެތި ހޯދައިދީ އެމީހުން އެ ހާލުން ސަލާމަތްކޮށްފައި ތިމަން ރަސްގެފާނަށް ދަންނަވާށެވެ.

ދެން ވަޒީރު ކަންކުރިގޮތަކީ އޭނާގެ ދަރިކަލުންނަށް ރަސްގެފާނުގެ ބަސްފުޅު ހުރިގޮތް ކިޔައިދެއްވައި އެކަންކުރުން އެދަރިކަލުންނާއި ޙަވާލުކުރެއްވި އެވެ. އެވަޒީރުގެ ދަރިފުޅަކީ އެއްމެ މަޖާ ޒުވާންފުރައިގެ ބޭފުޅެކެވެ. ދެން އޭނާ އޭނާއާއި ގުޅުންހުންނަ އެއްފުރައިވަރުގެ ސާޅީހަކަށް ކުދިން ހޯދައިގެން އަސްތަކާއި ޖަމަލުތަކުގެ މަތީގައި ރަނާ ޖަވާހިރުގެ ކީސާތައް އަރުވައި ބަރާކޮށްގެން ސަރުކާރުގެ ޚަޒާނާއިން ބޭނުންވަރަކަށް ފައިސާ ހިފައިގެން ހިނގައްޖެއެވެ. އޭގެފަހުގައި ވަޒީރު ޚަޒާނާ ބަންދުކުރައްވައިފި އެވެ. ވަޒީރުގެ ދަރިފުޅާ އޭނާއާއި އެކުއުޅޭ ސާޅިހަކަށް ކުދިންނާއި އެކު އަވައްގަނޑުގެ ދުރު ހިސާބަކުން ރަނގަޅު ގެއެއް ކުއްޔަށްހިފައި އެފައިސާތައް އެތަނަށް ބާލައިފި އެވެ. އޭގެފަހުގައި އެއްފުރައިގެ ޒުވާން ސާޅިސް އަންހެންކުދިން ސަހަރުތެރޭން ހޮވައިނަގައި އެގެއަށް ގެނެސްފިއެވެ. އަދިމަސައްކަތުމީހުން ގެނެސް އެމީހުންގެ މަސައްކަތް (ޚިދުމަތްދިނުން) ހަވާލު ކުރެވިއްޖެއެވެ. އޭގެފަހުގައި އެ ސާޅިސް ފިރިހެން ކުދިންނާއި ސާޅިސް އަންހެން ކުދިންގެ ކުޅިވަރާއި ނާޗަރަންގީއަށް ފެށިއްޖެއެވެ. ޒުވާންކަމުގެ އެންމެ ފޮނި މަސްތީ އުފާތަކާއި ޖޯޝުންފުރިފައިވާ ލަވައާއި މިއުޒިކާއި ބުއިންތަކުން މަސްތުވެގެން ތިބޭއިރު ރޭދުވާ ތަކުރާރުވާކަމެއް ނޭނގެއެވެ. މިކަމުގައި ސަރުކާރު ޚަޒާނާއިން ނެގި ފައިސާތައް ހުސްވެއްޖެއެވެ. ހުވަފެނީ އުފާވެރި މޫސުމެއް ތަމްސީލްކުރުމަށްފަހު ފަތިހަކަށް އަލިވިލިއްޖެ އެވެ. ޕާޓީ ރޫޅި އެމީހަކު އައިތަނަކަށް އެމީހާކު ހިނގައްޖެވެ. ދެން ވަޒީރުގެ ދަރިފުޅާއި އޭނާއާއި އެކުއުޅޭ ކުދިންކޮޅެއް މުޅި ސަހަރުތެރޭގައި އިޢުލާން ކަރުދާސްތަކެއް ބަހައްޓައިފި އެވެ. އެ އިޢުލާނުގައި ރަސްގެފާނުގެ ފަރާތްޕުޅުން އަންގަވާފައި ވެ އެވެ. މީގެ ދެހަފުތާ ފަހުން، ރަސްގެފާނު ރައްޔިތުންގެ އުނުއޮރިޔާން ހާލުރިނެތްގޮތް ބެއްލެވުމަށް ވަޑައިގަންނަވާނ ެއެވެ. އެދުވަހުން ފެށިގެން ފައިވާނަށް ނާރައި ބޮލުގައި އެއްޗެއް ނާޅައި ހުސްހަށިގަނޑާއި އުޅޭ ކޮންމެމީހަކު ޤަތުލު ކުރެވޭނެވެ.

މިއިޢުލާނެއް ކުރުމުން ކަންތައް ވެގެންދިޔަ ގޮތް މިސާލުކުރެވޭނީ މޮޅު އެހުރަކު ހަތްނަރަކައިގެ ފައިދާކޮށްފައި ބުރުނުމެދަށް އައި އިރުވައިގައި ހިކިފަިފައިވާ ވިނަދަނޑަށް ވައިމަތިން ބެހެއްޓި ހުޅުފަނެއްގެ މިސާލެވެ. ބަސްބުނާހައި ކުޑަހިނދުކޮޅެއްގެ ތެރޭގައި ފަގީރުންގެ ފަގީރުކަން ބޮޑުވެ ނިކަމެތިންގެ ނިކަމެތިކަން އިތުރުވެގެން ހިނގައްޖެއެވެ. ކޮންމެމީހެއްގ ެވެސް އެންމެ އަގުބޮޑު އެއްޗަކީ އެ މީހާގެ ފުރާނައެވެ. އެހެންވީމައި ކޮންމެ ނިކަމެތި ފަގީރަކު އެ މީކަށް ކާބަފައިގެން ފަރާތުން ވާރުތަވެފައިވާ ގަހަނާއާއި ގެވެހި ކަންވާރާއި ރުއްގަސް ފަދަ ތަކެތި ވިއްކައިފައި ވެސް ތާކިލަކާއި ލިބާހަކާ ފައިވާނެއް ހޯދުމަކީ އެއްންމެބޮޑު ފަރުޟުކަމުގައި ވެއްޖެއެވެ. ނިކަމެތިން ނިކަމެތިވެ ފަގީރުން ފަގީރުވަމުން ދާއިރު މުއްސަދިންނާއި މަހުޖަނުން ފަސާވެރިން ވިޔަފާރިވެރިތާޖިރުން އަޑުކިޔާފައި މައްޗަށް އަރަމުން ދެއެވެ. ފުރުސަތުގެ ބޭނުންކޮށްގެން ވަހޭއިރު ފެންނަގަމުން ގެންދިއައީ ފިސާރި އޮށްހެޔޮ ކަމާއި އެކުގައެވެ. ނިކަމެތި ފަޤީރުން ރޮއިހޭރިގަތީމައި އަގުބޮޑު އެތިގަނޑު ގަންނަނީ ބޭނުމެއްނެތް އެއްޗެއްގޮތުގައި ކުޑައަގެއްގައެވެ. ވިއްކާމީހުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ނިކަމެތިކަމާއި އެކު ކޮންމެ އަގެއްގައި ވެސް ދޫކޮއްލަނީ އެވެ. ފޯރުންތެރި މުއްސަނދިން މި ނުކުތް އަމުރާ މެދު އުފާކޮށް ރަސްގެފާނަށާއި ދައުލަތަށް ތަރުހީބުދީ އަޑު ގަދަކުރަމުން ދަނީއެވެ. ނިކަމެތި ފަގީރުންނަށް އަނގައިން ބަހެއްވެސް ބުނުމުގެ ހައްގު އޮތްކަމަކަށް ނުވެއެވެ. ނިކަމެތި ރައްޔިތުންގެ ހިތްތައް ވަނީ ރަސްގެފާނަށާއި ދައުލަތުގެ ބޮޑުންގެމައްޗަށް ރުޅިވެރިކަމުގެ އަލިފާންގަނޑު ރޯވެ ހުޅުފަޅައިގެންގޮސްފަ އެވެ. ދެމީހަކަށް އެކައްޗެއް ނުކިޔެއެވެ. މިއަދާޖެހެންދެން ރަސްގެފާނުގެ އޯގާވެރިކަމާއި ހެޔޮފުޅުކަން އެއީ ރައްޔިތުން ދަންނަކަމެކެވެ. ދެން މި ވީގޮތަކުން ކިޔޭނީވެސް އޭކަހަލަ އެއްޗެއްތާއެވެ. އެހެންވެސް ވެދާނެ ނޫންތޯއެވެ.

ަފަރަންސޭސިންގެ މަޝްހޫރު ރަސްގެފާނު ލުއިސްއަކީ އެރަސްގެފާނުގެ ތަސްވީރަށް ރައްޔިތުން ސަޖިދަކުރި ރަސްކަލެކެވެ. ނަމަވެސް އެންމެފަހުން ކަންވީގޮތަކީ ހަމަ އެރައްޔިތުން އެ ރަސްގެފާނުގެ ކުރިފުޅުމަތީގައި ، އެރަސްގެފާނުންގެ އާއިލާގެ ހަތްދިހަ އެތައްބޭފުޅަކު އެލުވައިފައި ބަހައްޓާފައި ބަޑިޖަހާ މެރި ވާހަކައަކީވެސް މަޝްހޫރު ވާހަކައެކެވެ. އަދި ރަސްގެފާނާއެކު އެރަސްގެފާނުގެ ދަރިފަސްކޮޅު ސުންނާފަތިކުރީވެސް ހަމަ އެ ރަސްގެފާނުންގެ ތަސްވީރަށް ސަޖިދަކުރި ރައްޔިތުންނެވެ.

މި އަދަކީ ރަސްގެފާނު ރައްޔިތުންގެ ޙާލުއަހުވާލު ބައްލަވަން ރަށުތެރޭގައި ދައުލަތުގެ ބޮޑުންނާއި އެކު ހިންގަވާދުވަހެވެ. މަގުތަކުގެ ދެފަރާތުގައި މީސްތަކުން އެތުރިފައިވެ އެވެ. ރަސްގެފާނު ބައްލަވާއިރު ބޮލުގައި އެއްޗެއް ނާޅައި ފައިވާނަށް ނާރައި، ގައި ހަންގަޑު ހާމައަށް ލައިގެން އުޅޭ އެކަކުވެސް ފެނިވަޑައެއް ނުގަތެވެ. ރަސްގެފާނު ވިދާޅުވި އެވެ. އޭ ވަޒީރާ އެވެ. އަހަރެންގެ ރައްޔިތުންކުރެ އެކަކުވެސް ތިމަން ރަސްގެފާނާއި ދިމާޔަށް ބަލައި ވެސް ނުލަ އެވެ. އެންމެން އެތިބީ އިސްދަށަށް ޖަހައިގެންނެވެ. އެއީ ކީއްވެތޯއެވެ؟

ވަޒީރު ދެންނެވިއެވެ. : މަނިއްޕުޅުގެ ހެޔޮފުޅުކަމާއި އޯގާވެރިކަމުގެ ބޮޑުކަމުން އެމީހުން އެކަމުގެމައްޗަށް މަނިކުފާނަށް ޝުކުރުވެރިވަނީ އެވެ. އެރައްޔިތުން މަނިކުފާނުދެކެ ގަންނަލަދުން އިސްއުފުލައިލައި ބަލައިލާންވެސް ނުކެރެނީއެވެ.

ފިނިވެ ހިތްޕުޅު ގެންވަޑައިފި އެރަސްގެފާނު
              ގިނި އަނދާއިރު ރައްޔިތުންގެ މެ އެ އަލިފާނު

ކަންތަކާ އަމުރާ  މިހެން ކުރުމުން ކަތުން،
               ތަންތަނުން ފިތުނައިގެ ގިނަވެޔެ ހައި މިޖާނު
ނިމުނީ

ހަމަމިގަލަމުން

އިދާރާ

ވާހަކަ