އެއްދަތް ވިއްކަން އުޅުނު މީހާ އިނީ ހައްޔަރުގައިބާ؟
އާދަމް ނަޞީރު އިބްރާހީމް
ޕްރިންސިޕަލަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ތިޔަ އިސްކޫލުގެ ގްރޭޑު ދިހައެއްގައި ކިޔަވަމުންދާ އަޅުގަނޑުގެ ދަރިފުޅު (އާމިނަތު އާފިޔާ) މި އަދު ބަލިވެ އިނުމުގެ ސަބަބުން، ބޮލުގައި ރިއްސައި ހޮޑުލެވެނީ މާ ވަރަކަށެވެ. އެނދުން ތެދުވެ ހިންދެމިލެވޭހާ ހަކަތަ ވެސް ނެތެވެ.
ވީމާ، މި އަދު އޭނާ މަދަރުސާޔަށް ފޮނުވެން ނެތްވާހަކަ ދެންނެވީ މެވެ.
އިޙްތިރާމު ގަބޫލުކުރެއްވުން އެދެމެވެ.
މި ސިޓީގެ އިބާރާތުން ތިޔަ ބޭފުޅުންނަށް ދޭހަވެވަޑައިގަތީ ކޮންކަމެއް ތޯ އެވެ. އާމިނަތު އާފިޔާއަށް ދިމާވެގެން މި އުޅެނީ ކޮން މައްސަލައެއްތޯ އެވެ. ދިވެހި ބަހުން މި ފަދަ ގޮތަކަށް ކުރެވޭ ޢިބާރާތެއްގައި އޭނާ ބަލިވެ އިނުމުގެ ސަބަބުންނޭ ބުނުމުން، މާބަނޑުވުން ފިޔަވައި އެހެން މާނަ އެއް އެއިން ނިކުމޭތޯ އެވެ. މާބަނޑުވުމުގެ މާނަ ހިމެނޭ އަނެއް ބަހަކީ ހައްޔަރުގައި އިނުމެވެ. އާފިޔާއަށް އެކަހަލަ ކަމެއް ދިމާވީ ބާވަ އެވެ. އޭނާ ދީނާއި ޤާނޫނާ ޚިލާފު އެވަރުގެ ބޮޑު ކުށެއް ކުރީތޯ އެވެ. ނުވަތަ އޭނާއަށް ސިޓީ ލިޔެދިން މީހަކު، ދިވެހި ބަހުގެ ގަވާއިދާ ޚިލާފު، ބަހުގެ ކުށެއް ކުރީތޯ އެވެ؟ ކޮންމެ އަކަސް މި ކަމުގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކާ މެދު ގޮތެއް ނިންމެވުމަށް ތިޔަ ބޭފުޅުންނަށް ދޫކޮށްލައިފައި މައުޟޫޢައިގެން ކުރިޔަށް ދެވޭތޯ ބަލާނަމެވެ.
ޙަޤީޤަތުގައި މި މައްސަލައަކީ ދިވެހި ބަހާ ގުޅުންހުރި މައްސަލަ އެކެވެ. ދިވެހިންނާ ގުޅުންހުރި މައްސަލައެކެވެ. ދިވެހިވަންތަކަމާއި، ޤައުމީ ޝަޚްޞިއްޔަތާ ވެސް ގުޅުންހުރި ކަމެކެވެ. ސަބަބަކީ، ދިވެހިންގެ ތެރޭގައި ދިވެހި ބަހަށް ޤަދަރު ކުޑަކޮށްލެވި، ހިތުހުރިހައި ގޮތަކަށް ބަހުގެ ބޭނުން ކުރަން ފަށައިފި ނަމަ ހިތުހުރިހައި ގޮތަކަށް ޤައުމާމެދު ކަންކުރެވޭތަން އައުމަކީ ދުރުކަމެއް ނޫނެވެ.
''ގަހަށް ނެތް ކުލުނު ފަތަކަށް ހުރުމަކީ އޭ ނޭކަށޭނަ ކަމެއް (1)
ބަހަށް ނެތް ލޯބި ޤައުމަށް ހުރުމަކީ ވެސް މުސްތަޙީލުކަމެއް''
ދާދި ފަހުން އެއްރެޔަކު، ރައްޓެހިންކޮޅަކާއެކީގައި، ހާބަރު ސަރަހައްދުގެ ސައިފިހާރަޔަކަށް ދިޔައިމެވެ. މޭޒުދޮށުގައި އިށީނދެލިތަނާ އިވުނީ ޓީވީޗެނަލަކުން، ކީ ޚަބަރެއްގެ ސުރުޚީ އެވެ. އެނައުންސަރު އަޑަށް ވަރަށް ބާރުލައިފައި ބުނި އަޑު އިވުނެވެ. ''އެއް ދަތް ވިއްކަން އުޅުނު މީހަކު، ނައިޖީރިޔާގެ ސިފައިން އަތުލައިގެންފި'' އެވެ.
ހިތަށް އެރި އެވެ. ނައިޖީރިޔާގައި އެއްދަތް ވިކުމަކީ މަނާ ކަމަކީ ބާވަ އެވެ؟ ވިއްކަންޏާ ވިއްކަންޖެހެނީ ދަތްޕިލައެއް އޮތް ގޮތަށް ބާވަ އެވެ؟ އެހެން ވެއްޖެ ނަމަ މީހެއްގެ ދަތެއް ބިންދައިގެން ހިނގައްޖެ ހާލަތެއްގައި ، ނޫނިއްޔާ ފަނިކައިގެން ދަތެއް އުފުރާލަން ޖެހިއްޖެ ހިނދެއްގައި، އެފަދަ މީހަކަށް ހާދަ ދަތި ގޮތްތައް މެދުވެރިވާނެ ތާ އެވެ. އޭނާ ޖެހޭނީ އެއްކޮށް އޮތް ދަތްޕިލައެއްގެންފައި، އޭން އެއްދަތް ނަގަންތާ އެވެ.
ވަދެވިގެން މި އުޅޭ ޖަންގަލީ ވަލުން، އަލިމަގަކަށް ނިކުމެވުނީ، ޚަބަރުގެ ތަފުޞީލުތަކާއެކީގައި ވީޑިޔޯ ފެނުމުންނެވެ. މި ދައްކަނީ އެއްދަތުގެ ނުވަތަ އެންމެ ދަތެއްގެ ވާހަކަ އެއް ނޫނެވެ. ބުނަން މި އުޅެނީ އެތު ދަތުގެ ވާހަކަ އެކެވެ. އެތު ދަތް ވިއްކުމަކީ ތިމާވެއްޓާބެހޭ ބައިނަލްއަޤުވާމީ ކޮންމެވެސް ޤާނޫނެއްގެ ދަށުން މަނާކަމެކޯލަ އެވެ.
ވިސްނައިލެވުނެވެ. މި ވީ ކީއްބާވަ އެވެ؟ ފަހަރެއްގައި މީހަކު ބުނެފާނެ އެވެ. މައްސަލައަކީ ކޮބައިހެއްޔެވެ؟ ބުނަން އުޅެނީ ކީކޭކަން މިހާރު އެބަ އެނގޭ ނޫންހެއްޔެވެ؟ ލިޔެފައި އޮންނަ ލިޔުން ފެނުނީމާ އެ ބުނަނީ އެންމެ ދަތެއްގެ ވާހަކަ ނޫންކަން ޔަގީންވެ ކަށަވަރުވާނެ އެވެ. ސަބަބަކީ، އެ ބަސް ލިޔެފައި އޮންނާނީ ''އެތްދަތް'' މިހެންނެވެ. ''އެތް'' ކިޔާ އިރު ސުކުން ކުރެވިފައި އޮންނާނީ ތ. އެއްގަ އެވެ. އ. ގަ އެއް ނޫނެވެ. އެހެންވީމާ އޮޅުން އަރާކަށް ޖާގައެއް ނެތެވެ. މައްސަލައަކީ އެއެއް ނޫނެވެ. ބަހުގެ ވާހަކަ ދައްކައި އުޅޭ މީހުން ހަމަ ހިސާބަށްވުރެ ޒާތްކޮޅުބޮޑުވެފައި ފާޓުފުޅަލީ އެވެ.
މި ވާހަކަޔަށް، އަޅުގަނޑުގެ ޖަވާބެއް އެބަ އޮތެވެ. މީހަކު އެބަސް ކިޔާއިރު، އެތާނގައި އޮންނާނީ ތ ސުކުނެއްކަން އެނގޭގޮތަށް ކިޔޭނެ ހެއްޔެވެ؟ އެ ތ. ގެއަޑު ކަންފަތާ ހަމަޔަށް ފޯރުވޭނެ ހެއްޔެވެ؟ ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނީވުނެވެ. ނޭނގުނެވެ. އިވުނީ އ. ސުކުނުން ލިއްބައިދޭ އަޑެވެ. އަދި އެހެން ނޫނަސް، ޖުމުލައެއްގެ މާނަ، ނުބައިކޮށް ފާޅުވާކަން ނޭނގުނު އިރު، އަކުރެއްގައި ޖެހޭ ސުކުނެއް ރަނގަޅު ކޮށްލުމުގެ ފިކުރެއް އޮވެދާނެ ބާވަ އެވެ.
މިތަނުގައި ހަނދާނަށް އަންނަ އެހެންކަމެއް ވެސް އެބަ އޮތެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އަޅުގަނޑަށް ހަމަ މި ޒާތު ޚަބަރެއް އިވިފައިވެ އެވެ. އެ ފަހަރު އިވުނީ އަދި މާ އުނދަގޫ ގޮތަކަށެވެ. އެ ފަހަރު އެ ކުއްޖަކު ކިޔާއަޑު އިވެނީ ''އެތުގެ ދަތުގެ ވިޔަފާރި'' މި ހެންނެވެ. އެތުގެ ދަތުގެ ވިޔަފާރިއޭ ކިޔުމުން ވެސް ކަންފަތަކަށް ފަސޭހައެއް ނުވެ އެވެ. ތަންކޮޅެއް ކުރީގެ އެހެން މަޒުމޫނެއްގައި ވެސް އަޅުގަނޑު ދަންނަވައިލައިފައިވާނޭ ފަދައިން، އޭރުން އެ ވަނީ ''ވިލިނގިލީގެ އިންޖީނުގެގެ'' މި ހެން ކިޔުން ފަދަ ކަމަކަށެވެ. ވަރަށް ފަސޭހައިން ''ވިލިނގިލީ އިންޖީނުގެ'' ކިޔެން އެބަ އޮތެވެ. ''ބަދީގޭ ކާމޭޒުމަތި'' ''ކަކުލު ހުޅު'' މިހެން ކިޔެން އެބަ އޮތެވެ. އެހެން އެކަން އޮއްވައި ''ކަކުލުގެ ހުޅު، ބަދިގޭގެ ކާމޭޒުގެ މަތި'' މި ފަދަ ''ލަކުޑި ބުނުންތައް'' ބުނަނީ ކީއްކުރަންތޯ އެވެ؟ ރީތި މައް ދިވެހި ގޮތް ދޫކޮށްލަންވީ ކީއްކުރަންތޯ އެވެ؟
ކޮންމެ އަކަސް މި އިވުނު ޚަބަރުގެ ތަފުސީލާ މެދު ވިސްނާލުމުން، މި ކަމުގައި ދެން ނިކުމެދާނެ ނަތީޖާއަކާ މެދު ވެސް އިތުރަށް ފިކުރު ހިންގާލަން ޖެހުނެވެ. ސަބަބަކީ ފުލުހުން އެ ވަނީ، އެތުދަތުގެ ވިޔަފާރި ކުރަން އުޅުނު މީހާ އަތުލައިގެންފަ އެވެ. ޓީވީ އިން އޭނާ ދެއްކި އެވެ. މާ ސިންގާ އިސްކޮޅެއްގެވެރި ކަޅު ބަބުރު ފިރިހެނެކެވެ. ޚަބަރުގެ އިތުރު ތަފުސީލުތަކުގެ ސިލްސިލާ ގެތިގެން އަންނަ އިރު، ދެންކިޔާ ޚަބަރެއްގައި ''އެއް ދަތް ވިއްކަން އުޅުނު މީހާ މިހާރު އިނީ ހައްޔަރުގަ'' އޭ ބުނެފިއްޔާ ބަހުގެ ގަވާއިދާއި އޭގެ އަސްލު މާނައަށް ރިކްޓަރ މިންގަނޑުން 7.8ގެ ގުޑުމެއް ނާރައި ދާނެތޯ އެވެ؟
(ނިމުނީ)
ހަވާލާ؛
(1) ޔޫސުފު އަލިފުޅު
ފޮޓޯ: މުޙަންމަދު ޢަބްދުﷲ ޝަފީޤު http://www.flickr.com/photos/mashafeeg/3946596689