އަދުގެ ޚާއްސަ

Print

ދިވެހި ސައްޔާހެއްގެ ގަލަމުން ... ޕެރިސް (03)

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


އަދަބުއްރިޙްލާތު                                            1 އޮކްޓޯބަރ (ބުރާސްފަތި) އާ ގުޅޭ..

ޑރ. ޙަސަން ޙަމީދު
                                       

މިހާރު މިތަން ބަދަލުކޮށްފައިވަނީ އަސްކަރީ ދާރުލްއާސާރަކަށެވެ. އަދި ގުއްބުގެ ތިރީގައިވާ ސަންދޯކެއްގައި ވަނީ މަޝްހޫރު އިސްތިޢުމާރީ ވެރިޔާ، ނެޕޯލިއަން ބޮނަޕާރޓްގެ ކަށިތަކެވެ. މި ނެޕޯލިއަން އާ ބެހޭ ގޮތުން ދެތިން ލަފުޒެއް ނުލިޔެ ކުރިއަށް ދިއުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ނެޕޯލިއަންއަކީ 1769 ވަނަ އަހަރު އުފަންވި މީހެކެވެ. އޭނާ ސިފައިންގެ ތެރެއަށް ވަދެ އަސްކަރީ ހަރުފަތްތަކުން ވަރަށް އަވަހަށް ކުރިއަރަމުން އައިސް އުމުރުން 27 އަހަރުގައި އިޓަލީގައި އޮންނަ ފަރަންސޭސި ލަސްކަރުގެ ވެރިޔަކަށް ވިއެވެ. ފުރާންސަށް އައިސް އެތަނުގައި ޖެނެރަލަކަށް ވިއެވެ. އޭނާ ފަތަޙަ ކުރި ޤައުމުތަކުގެ ތެރޭގައި އެފްރިކާއާއި މެދުއިރުމަތީގެ އެތައް ޝަހަރުތަކެއް ހިމެނެއެވެ. މީގެ ތެރޭގައި މިޞުރު ވެސް ހިމެނެއެވެ.
މެދުއިރުމަތީގެ ހަނގުރާމަތަކުން 1798 ގައި ޕެރިހަށް އެނބުރި އައިސް ފަރަންސޭސި ވިލާތުގެ ވެރިކަން ހޯދިއެވެ. އަދި މާގިނަ ދުވަހެއް ނުވެ އެމްޕެރަރ ގެ ލަޤަބު އަމިއްލައަށް ނެންގެވިއެވެ. އެމްޕެރަރއަކީ ޝަހެންޝާހު ނުވަތަ މަހާރާޖާއަށް ކިޔާ ނަމެކެވެ. އެތައް ދައުލަތެއްގެ ވެރި ދައުލަތުގެ ރަސްގެފާނެވެ.

ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕުގެ އެތައް ޤައުމެއް ފަތަޙަކޮށް ނެޕޯލިއަން ގެ ތިމާގެ މީހުންނާއި ރައްޓެހިން އެ ޤައުމުތަކުގެ ރަސްކަލުންނަށް ޢައްޔަނު ކުރިއެވެ. މިކަމުގެ ސަބަބުން އަދާޖެހޭން ދެންވެސް ސްވީޑްން އާއި ޑެންމާރކް އާއި ހޮލަންޑް ފަދަ ޤައުމުތަކުގެ ރަސް ރަސްކަލުންނާއި ރާނީންނަކީ އެކަކު އަނެކަކާ ތިމާގެ ބައެކެވެ.  1815 ވަނަ އަހަރުގައި ވޯޓަލޫ ނަމަކަށް ކިޔާ ހަނގުރާމައެއްގައި ނެޕޯލިއަން ބަލިވިއެވެ. އޭނާގެ އަދާވާތްތެރިންނަށް ވީ، ޔޫރަޕުގެ އިދިކޮޅު ދައުލަތްތަކުގެ މީހުންނާއި އިނގިރޭސިންނެވެ. ހަނގުރާމައިގައި ބަލިވުމުން ޝަހެންޝާހު ކަމުން ވަކިވާން މަޖުބޫރު ކުރެވި، އިނގިރޭސިންގެ ވެރިކަމުގައި އޮންނަ ކުޑަރަށަކަށް  އަރުވާލެވުމަށް އެއްބަސްވެވި އެ ރަށަށް ގެންދެވުނެވެ. އެއީ ފަރަންސޭސި ވިލާތާ ދެހާސް މޭލު ދުރުގައި އެޓްލާންޓިކް ކަނޑުގައި އޮންނަ ޖަޒީރާއެކެވެ. 1815 ވަނަ އަހަރު މި ޖަޒީރާގައި އޭނާ މަރުވި ސަބަބެއްކަމަށް މިހާރު މީހުން ދެކެނީ އިނގިރޭސިން އޭނާއަށް ކޮކަޑިވިހަ ކާންދީގެން ކަމަށެވެ. ކޮކަޑިއަކީ ސާފުކުރުމުން ހަކުރުހެން ހުންނަ ވިހައެކެވެ. އިނގިރޭސި ބަހުން މި ވިހައަށް ކިޔަނީ  އާރސިނިކް އެވެ.

ނެޕޯލިއަންއަކީ ދުނިޔެ މަދުން ދެކެފައިނުވާ ފަދަ މަޝްހޫރު އަސްކަރީ ޖެނެރަލްއެކެވެ. އޭނާ 40 ހަނގުރާމަ ކާމިޔާބު ކޮށްފައި ވެއެވެ. އޭނާއަކީ ޤާބިލް ދާޚިލީ ހިންގުން ތެރިއެކެވެ. ޔޫރަޕުގެ މިހާރު އޮންނަ ޤާނޫނުތަކާއި ހިންގުމުގެ އުޞޫލުތަކުގެ ފެށުމަކީ ނެޕޯލިއަންގެ އިސްލާޙުތައް ކަމަށް ބުނެއެވެ. އޭނާ މަޝްހޫރު ކަންތައްތައްކުގެ ތެރޭގައި ހަނގުރާމައިގެ މައިދާނުން އޭނާގެ އަންހެނުންނަށް ފޮނުވި ލޯބީގެ ސިޓީތައް ހިމެނެއެވެ. މި ސިޓީތަކުގެ އަސްލު މިހާރުވެސް ގެންގުޅެއެވެ. ނެޕޯލިއަންގެ އަންހެނުންނަކީ ޖޮސެފީން ކިޔާ ނެޕޯލިއަން އަށް ވުރެ 6 އަހަރު ދޮށި، ދެކުދިން ވިހާފައިވާ މީހެކެވެ. އިންގިލާބުގެ ތެރޭގައި ފިރިމީހާ މަރާލުމުން، ޖާރިޔާއެއްގެ ގޮތުގައި އެހެން ބޮޑުން ގެންގުޅުނު މީހެކެވެ. ނެޕޯލިއަން މީނާއާ ކައިވެނިކޮށްފައި ހަނގުރާމައަށް ދިއުމުންވެސް، ޖޮސެފީންގެ "ގުޅުންތައް" ކުރިއަށް ގެންދިޔަކަމަށް މަޝްހޫރު ވެފައި ވެއެވެ. ޖޮސެފީންއަށް ދަރިން ނުލިބޭތީ، ނެޕޯލިއަން އެހެން ކައިވެންޏެއް ކުރިއެވެ. ނަމަވެސް ނެޕޯލިއަންގެ އަމިއްލަ ޢިބާރާތުން އޭނާގެ އެ ކައިންވެންޏަކީ "ރަހިމަކާ ކުރި ކައިވެންޏެ"ކެވެ. އޭނާ އަރުވާލެވިފައި ވީ އިރުވެސް ބުނި ކަމަށް ވަނީ "ތެދުވެރިކަމާއެކު އަހަރެންގެ ޖޮސެފީން ދެކެ ލޯބިވީމެވެ. ނަމަވެސް އޭނާއަކަށް އަހަރެންނެއް އިޙްތިރާމެއް ނުކުރަމެވެ." ބުނެވޭ ގޮތުގައި މަރުދާނުގައި ނެޕޯލިއަން ބުނި އެންމެ ފަހު ޢިބާރާތަކީ، "ފްރާންސްއެވެ. ލަޝްކަރެވެ. ލަޝްކަރުގެ ވެރިޔާއެވެ. ޖޮސެފީން އެވެ." އާދެ! ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ މިހެންވެގެންތާއެވެ!

ދެން ފަހެ، ކުރިން ދައްކަމުން އައި ވާހަކައަށް އިއާދަވަމާ ހެއްޔެވެ؟ އާދެ! ލެސް އިންވެލީޑްސް ގެ ރަންފަތް ޖެހި ކުރިބޯށި ލީ ގުއްބުގެ ތެރެއަށް ވަންނަމާ ހެއްޔެވެ؟ މި ގުއްބުން ވަންނައިރު ފާހަގަ ކުރެވެނީ އެތަން ހަދާފައިވަނީ ދެތިން ބުރިއަށް ކަމަށެވެ. ވަންނައިރު ގުއްބުގެ މެދާ ދިމާއިން ތިރި އޮންނަނީ ވަރަށް ބޮޑަށް ކޮނެ އަޑިކޮށްފައެވެ. މިބުރިއަށް ފޭބުމަށް ދެތިން ސިޑި ހުރެއެވެ. އަދި ތަޅުމުގައި މެދުގައި މައްޗަށް ނަގާފައިވާ ބިންގަލެއްގެ މަތީގައި ނެޕޯލިއަންގެ ސަންދޯއް ބަހައްޓާފައި ހުރެއެވެ. މި ސަންދޯކަކީ ކަޅުރަތް ކުލައިގެ ހިލައަކުން ހަދާފައިވާ މާސަންދޯކެކެވެ. ބުނެވޭ ގޮތުގައި މި ހިލަ ސަންދޯކުގެ އެތެރޭގައި ނެޕޯލިއަންވަނީ އަދި އިތުރު ފަސް ސަންދޯކެއްގެ ތެރައަށް ލާފައެވެ. އެ ސަންދޯއްތައް ހަދާފައިވަނީ އަންނަނިވި މާއްދާތަކުންނެވެ. ޓިން (ދަޅުތަކުގެ އެތެރޭގައި ހުންނަ ވިދުން އަރާ މަޢުދަން)، ޖަންގަލީ ލަކުޑި، ތިމަރަ، ތިމަރަ، ކަޅުވަކަރު އެވެ.  ސަންދޯއް ވަށައިގެންވާ ފާރުތަކުގައި ސަންގުމަރުމަރު ހިލައިން ބުދުތަކާއި ކުރެހުންތަކުން އޭނާގެ ޚިދުމަތްތައް އަންގައިދޭ ލައުޙާ ތަކެއް ހުރެއެވެ. ފާރުގެ އެކި ހިސާބުގައި ހުންނަ ވަންނިތަކުގައި އޭނާގެ ދަރިންނާއި ޖެނެރަލުންނާއި އެހެނިހެން ޤައުމީ މުހިންމު މީހުންގެ ހިތާއި އެހެނިހެން ގުނަވަން އެޅި ބޮޑެތި ކުރަނޑިތައް ބަހައްޓާފައި ހުރެއެވެ. އަދި ނެޕޯލިއަނާއި އެހެނިހެން މީހުންގެ ބުދުތައް އެކި ތަންތާނގައި ބަހައްޓާފައި ހުރެއެވެ. އަރިމަތިން ވަދެވޭ ކޮޓަރިއެއްގައި އޭނާ މިސްރަށް ކުރި ދަތުރުގައި މިސްރުން ގެނައި ބައެއް ތަކެއްޗާއި މިޞްރު ފަތަޙަ ކުރުމަށްފަހު ޗާޕުކުރި ފޮތުގެ ބައެއް ތަކެތި ފެންނަން ހުރެއެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު އެކައްޗަކީ ރޮސެޓާ ސްޓޯންގެ ކޮޕީއެކެވެ. ދަންނައެވެ. މީގެ 3000 އަހަރު ކުރިން މިސުރުގައި އަހުރާމްތައް ހަދާ އުޅުނު މީހުން ލިޔެއުޅުނީ ހިއެރޯގްލިފްސް ކިޔާ އަކުރަކުންނެވެ. މި އަކުރުތައް ގިނަ ބޭފުޅުން ޓީވީން ދެކިވަޑައިގެންފައިވާނެއެވެ. އެއީ ދޫނިތަކާއި ޖަނަވާރައި މީހުން ގެންގުޅޭ އަތްމަތީ ތަކެތި އަކުރުގެ ގޮތުގައި ބޭނުންކޮށްގެން ލިޔާ ލިޔުމެކެވެ. ޒަމާންތައް ބަދަލުވަމުން އައިސް މި އަކުރުތައް ކިޔާގޮތް ގެއްލި އެއްވެސް ބަޔަކަށް އަހުރާމްތަކުގައި ލިޔެފައި ހުންނަތަކެތި ކިޔަން ނޭނގޭ ޒަމާން އަތުވެއްޖެވެ. މިޒަމާނުގައި ކިޔާނެގޮތް އަނެއްކާ ދަސްވީ ރަޝީދު (ރޮސެޓާ) ކިޔާ ވިލެޖަކުން ފެނުނު ބޮޑު މަހާނަ ގަލެއް ވަރުގެ ހިލަގަނޑެއްގެ ސަބަބުންނެވެ. މިހިލަ ގަނޑުގައި ހިއެރޯގްލިފްސް އާއި ގްރީކްް އަކުރުންނާއި ޑެމޮނިކް އަކުރުން އެކައްޗެއް ލިޔެފައި ވެއެވެ. ނެޕޯލިއަންގެ ފައުޖު މި ހިލަގަނޑު ގެންގުޅެނިކޮށް އިނގިރޭސިން މި ހިލަގަނޑު ވަގަށް ނަގައިގެން އިނގިރޭސި ވިލާތަށް ގެންދިޔަ އެވެ. މި ހިލަގަނޑު ދިރާސާކޮށް މާގިނަ ދުވަހެއް ނުވަނީސް ގްރީކް ބަސް މިހާރުވެސް ބޭނުން ކުރާތީ ހިއެރޯގްލިފްސް ލިޔަން ކިޔަން އެނގިއްޖެއެވެ. ޕެރިހުގައި ހުރީ މި ހިލަގަނޑުގެ ކޮޕީއެއެކެވެ. އެ ކޮޕީގެ ފޮޓޯ މި މަޒުމޫނާއެކު އެ ވަނީއެވެ. ކުރިން ފާހަގަ ކުރެވުނު ފަދައިން ނެޕޯލިއަން ވަޅުލެވުނީ އެޓްލާންޓިކް ކަނޑުގައިވާ ޖަޒީރާއެއްގައެވެ. 1840 ވަނަ އަހަރު އިންގިރޭސިންގެ ހުއްދައާއެކު ނެޕޯލިއަންގެ ކަށިތައް ޕެރިހަށް ގެނައުމުގެ މަސައްކަތް ފެށުނެވެ. ލެސް އިންވެލީޑްސްގައި ރަސްގެފާނު ވަންނަން ހުންނަ ގުއްބުލީ ދޮރޯށިބައި ބަދަލުކޮށް، ކުރިން ސިފަ ކުރެވުނު ގޮތަށް އެތަން ހަދައި 1861 ވަނަ އަހަރު، ވަރަށް ބޮޑު އިހުތިފާލަކާ އެކު އޭނާގެ ކަށިތައް ކުރިން ބުނެވުނު ހިލަ ސަންދޯކަށް ގެނެސް ލިއެވެ.

ސަންދޯކުގެ ބިއްދޮށުގައި ވަނީ ކުރިން ދެންނެވުނު ފައްޅިއެވެ. އެ ފައްޅިއަކީ މިހާރުވެސް ހަނގުރާމައިގެ ދީނީ ކަންތައްތަކުގެ އިޙްތިފާލު ބާއްވާ ތަނެކެވެ. މިފައްޅިން އަޅުގަނޑަށް އެންމެ ފާހަގަ ކުރެވުނު ކަމަކީ ފައްޅީގެ މަތީގައިވާ ދިދަތަކެވެ. ފަރަންސޭސި ވިލާތުގެ އިސްތިޢުމާރީ ޙަރަކާތްތަކުގައި ބަލިވި ލަޝްކަރުތަކުގެ ދިދަތައް މިތަނުގެ މަތީގައި އެލުވާފައި ހުއްޓެވެ. މިދިދަ ތަކުގެ ތެރޭގައި ޢަރަބިން އަކުރުން ލިޔެފައި ހުރި ދިދަތަކާއި އޭސިއާއަށް ނިސްބަތް ދިދަތައް ހުއްޓެވެ. ބުނެވޭ ގޮތުގައި ވޯޓަރލޫ ހަނގުރާމައިގައި ފަރަންސޭސިން ބަލިވުމުން، މި ތަނުގައި ތެރޭގައި ހުރި 15000 މިފަދަ ދިދައާއި އެހެން ތަކެތި ފުންޏަކަށް ޖަހައި، ފަތަހަ ލިބުނު މީހުން ޕެރިހަށް އައުމުގެ ކުރިން، ރޯކޮށްލީއެވެ. މަތީގައި ހަރުކޮށްފައި ހުރި ދިދަތަކަކީ އެކިގޮތްގޮތުން ސަލާމަތްވެފައި ހުރި ދިދަ ތަކެވެ. ހަނގުރާމައިގެ ބަލިވުމުން ބަލިވިމީހުންގެ ތަފާތު ދިދަތަކާއި ރަމްޒުތަކާއި އެހެން ތަކެތި ހަނގުރާމައިގައި ކާމިޔާބުހޯދި މީހުން ފޭރިގަނެއެވެ. އެމެރިކާމީހުން އިރާޤަށް އަރައި އިރާޤުގެ ދާރުލްއާޘާރުތަކުން ތަކެތި ފޭރުނު ފަދައިންނެވެ.

ކޮންމެއަކަސް ފައްޅީގެ ބިއްދޮށުގައިވާ ދާރުލްއާޡާރަށް ވަންނަމާ ހެއްޔެވެ؟ ބުނެވޭ ގޮތުގައި މިއީ ދުނިޔޭގައި ހުންނަ މިފަދަ ހަނގުރާމައިގެ އެންމެ ބޮޑު އާޘާރެވެ. މިތަން ހަދާފައި ހުންނަނީ ބައެއް ބައިތައް ދެބުރިއަށް އަނެއް ބައިތައް ތިން ބުރިއަށެވެ. ކޮންމެ ބައެއްގައިހެން ބިންގަރާހެއް އޮންނަ ކަމަށް ލަފާ ކުރެވެއެވެ. ތަނަށް ވަނުމަށްފަހު ކުރެހުމެއް ބޭނުން ކޮށްގެން ނޫނީ އުޅެވޭ ތަން އޮޅޭވަރު ވެއެވެ. މިފަދަ ބޮޑެތި ޢިމާރާތް ކުރާ ގޮތަށް މިތަންވެސް ހަދާފައި ހުރީ މެދުގައި ބޮޑު ހުސްތަނެއްލާ ވަށައިގެން ޢިމާރާތް ކޮށްފައެވެ.  ހޮހޮޅަ ތަކުގައި މީހުން އުޅެން ފެށީއްސުރެ ދެވަނަ ބޮޑު ހަނގުރާމައާ ހަމައަށް ތަޅާފޮޅުމަށާއި ހަނގުރާމަ ކުރުމަށް ދުނިޔޭގެ އެކި ތަންތަނުގައި ގެންގުޅެފައިވާ ތަފާތު އާލަތް މިތަނުގައި ތަރުތީބު ކުރެވި ބައެއް ތަކެތީގައި އަތްލެވޭގޮތަށް ބަހައްޓާފައި ހުއްޓެވެ. މިތަން ބޮޑުކަމުން، ހުރިހާ ތަކެތި ބެލުމަށް ގާތްގަޑަކަށް ދެތިން ދުވަސް ނަގާނެ ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް، އެތައް ފަހަރަކު އެތައްފޮތަކުން ކިޔާ ފޮޓޯއިން ފެނިފައިވާ ތަކެތި ކުރިމަތިން ހަމަލޮލުން ފެންނަން ފެށުމުން.... ކޮންމެއަކަސް، އިރު އޮއްސެން ކައިރި ވެއްޖެއެވެ. ތަން ބަންދުކުރާ ގަޑި ޖެހިއްޖެއެވެ.

މާދަމާއަކީ އަޅުގަނޑު މާލެދާން ފުރަން ޖެހޭ ދުވަހެވެ. މި ދުވަހަކީ ޕެރިސް ބަލާލުމަށް ލިބޭ އެންމެ ފަހު ދުވަހެވެ. ޕެރިސް ތަޖުރިބާ ކުރާ މީހަކަށް ދިހަ ދުވަސް ބޭނުން ވާނެއެވެ. އެހެންކަމުން އެއްދުވަހެއްގެ މުހުލަތުގައި ބަލާނީ ފަހެ ކޮންތަނެއް ހެއްޔެވެ؟ ޕެރިހަކީ ދުނިޔެއަށް މަޝްހޫރު އެތައް ތަނެއް ހުރި ޝަހަރެކެވެ. ބަލަން ބޭނުން ކިތަންމެ ތަނެކެވެ. ދެން އާދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އެހެންެކަމުން.... ޕެރިހުގެ ރަތް ބަހަކީ ފުރާޅު ނާޅާ އޮންނަ ބަހެކެވެ. ޕެރިހުގެ މަޝްހޫރު ތަންތަން ހުންނަ މަގުތަކުން ވަށައިގެން ދަތުރުކުރާ ބަހެެކެވެ. މީހަކު ބަލަން ބޭނުން ތަނަކަށް ބަސް ހުއްޓާލުމުން ފައިބަންވީއެވެ. އެހެން ރަތް ބަހެއް 15 މިނެއްޓެއް ހާއިރު އަންނާނެއެވެ. އަޅުގަނޑު ކަހަލަ ވަގުތު ނެތް މީހަކަށް ވަރަށް ރަނގަޅު ސަވާރީއެކެވެ.  ކޮންމެ އަކަސް ބަހަށް އަރައިފީމެވެ. ކަންފަތުގައި ޖަހަންދިން ހެޑްފޯނުން އެކި ބަސްބަހުން ފެންނަމުންދާ ތަންތަނުގެ ކުޑަ ތާރީޚެއް އިއްވަމުން ދެއެވެ. އަޅުގަނޑު އިނީ ބަހުގެ ކުރީ ގޮނޑިބަރީގައި ކަމުން، މަންޒަރުތައް ފެންނަމުން ދަނީ އެއްވެސް ހުރަހެއް ނެތިއެވެ.

ރޫމީންނާއި ޔޫނާނީ ޤައުމުތަކުގައި، ހަނގުރާމަައިގައި ފަތަޙަ ލިބުމުން، އެކަމުގެ ހަނދާނަކަށް ވަރަށް ބޮޑު "ގިޑި ގެއެއް" ހަދާ އުޅެއެވެ. މިއީ މަގުން ދުއްވާ އަސްގާޑިއާ ތަކާއި މީހުން އޭގެ ތެރެއިން ދެވޭ ގޮތަށް ކުރެހުންތަކާ ލިއުންތަކާ އެކު ދާއިމަށް ހިލައިން ހަދާފައި ހުންނަ ބޮޑު ދޮރެއް ފަދަ ތަނެކެވެ. ބޯކު (އާރޗު) ސިފައިގައި ހުންނާތީ މިފަދަ ތަންތަނަށް ބޯކު އޭ ވެސް ކިޔައެވެ. ކޮންމެއަކަސް، ނެޕޯލިއަންގެ ހަނގުރާމައިގެ ފަތަޙަތައް އިޙްތިފާލު ކުރުމުގެ ގޮތުން، އޭނާ ވަރަށް ބޮޑު ބޯކެއް ހެދުމަށް ނިންމާ އެތަން ފަރުމާކުރިއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް މީހަކު ހަދާފައިނެތް ފަދަ ބޮޑު ކާމިޔާބުގެ އާރޗް އެކެވެ. ޕެރިހުގެ މުހިންމު އެތައް މަގެއް ބައްދަލުވާ ތަނުގައި މިތަން ހަދާ ނިމިފައިވަނީ އޭނާ މަރުވުމަށް ފަހުއެވެ. މިތަނުގައި އޭނާގެ ކެރޭ ޖެނެރަލުންގެ ނަންތަކާއި ބުދުތަކާއި ހަނގުރާމައިގެ ފަތަޙަތައް ސިފަކޮށްދޭ މަންޒަރުތައް ހިލައިން ހަދާފައި ވެއެވެ. މިތަން ސިފަކޮށްދިނުމަށް އަޅުގަނޑު ދެން ހިމަނާނީ މުޙަންމަދު އަމީނުގެ ޢިބާރާތެވެ. "ޕެރިހުގެ މަގުތައް ބަލާލުމަށްޓަކައި، ދުއްވާލާ ދުއްވާލުމެއްގައި ސައްޔާހެއްގެ ލޯ އެންމެ ފުރަތަމަ ހުއްޓޭނޭ އެއްތަނަކީ 'އާރކޭ-ޑި-ޓްރައިއޮންފޭ' ނުވަތަ ކާމިޔާބީގެ ބޯކްއެވެ. މި އާދަޔާ ޚިލާފު ޔާދުގާރަކީ ނެޕޯލިއަންއަށް ލިބުނު ކާމިޔާބުތަކުގެ ހަނދާނުގައި ހަދާފައިވާ ތަނެކެވެ. ތަނުގެ އުސްމިނަކީ 140 ފޫޓެވެ. ފުޅައުމިނަކީ 125 ފޫޓެވެ. {އަސްލު މިނަކީ އުސް: '162 ހުރަސް '150 ފުޅާ '72 އެވެ. އެހެން ޢިބާރާތުންނަމަ، މިތަނުގެ އުސްމިން 16 ބުރީގެ ޢިމާރާތެއް ވަރު ވާނެއެވެ.} ނަމޫނާގެ އާދަޔާ ޚިލާފުކަމުގެ ސަަބަބުންނާއި ކުރެހުންތަކުގެ މުއްސަނދިކަމުގެ ސަބަބުން މި ދެންނެވި ބޯކަކީ ޕެރިހުގެ އެންމެ ޚާއްޞަ އެންމެ ރީތި އެއްތަން ކަމުގައި ވެއެވެ." ފޯނުން ނަގާފައިވާ ފޮޓޯއިން ބައްލަވާއިރު މިތަނުގެ އެންމެ މަތީގައި އެތިބީ މީހުންކަން އެނގިވަޑައިގަންނަވާނީ ވަރަށް ބޮޑަށް ބެއްލެވީމައެވެ. މިތަނުގެ ބޮޑުކަމުން، ކުދިކުދި މަތިންދާ ބޯޓު މިތަނުގެ ތެރެއިން ދެވެއެވެ. މިހާރު އިސްލާމީ މަރުކަޒު ހުރި މަގުން އުތުުރަށް ދާއިރު، ކުރީގެ ކަސްޓަމްސް ކައިރީގައި،  ބޮޑުގަޑިއެއް ކުރިން ބަހައްޓާފައި ހުރި ބޮޑުދޮރާއްޓަކީ މިފަދަ ނަމަވެސް ސައިޒު ވަރަށް ކުޑަ ބޯކެކެވެ. މިތަން މިހާރު ވަނީ ތަޅާލެވިފައެވެ.

ޕެރިހުގެ މެދަކީ ޕްލޭސް ވެންޑޯމް އޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. އެއީ ވަށައިގެން ޢިމާރާތްކޮށްފައިވާ ބޮޑު މައިދާނެކެވެ. އެއީ ޕެރިހުގެ މަޝްހޫރު އަތަރު ހަދާ ކުންފުނިތަކާއި އެންމެ މުހިންމު ހޮޓާތަން ހުންނަ ތަނެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓާ، "ހޮޓެލް ރިޓްޒް ޕެރިސް" ހުންނަނީ ވެސް މިތަނުގައެވެ. ހޮޓެލް ރިޓްޒް ގެ ޚިދުމަތްތައް ފުރިހަމަކަމުން، މި ތަނުގެ ނަން އިނގިރޭސި ލަފުޒަކަށް ވެފައިވެއެވެ.

ދެއްކުންތެރިކަން ބޮޑު ހަފުލާތަކަށް 'ރިޓްޒް" އޭ ވެސް ކިޔައެވެ. ރިޓްޒީ އަކީ ދެއްކުންތެރިކަން ބޮޑު ގޮތަކަށް ކަންކަން ފުރިހަމަކޮށްފައިވުމަށް ބޭނުންކުރާ ނަން އިތުރެވެ. ގިނަ ދިވެހިން މިތަން ހަނދާން  ހުންނާނީ ޕްރިންސަސް ޑަޔާނާ އާއި ޑޯޑީ، އެމީހުން މަރުވި އެކްސިޑެންޓް ވުމުގެ ކުރިން ހުރި ހޮޓަލުގެ ގޮތުގައެވެ. ބޭރުން ބަލާލާ ބެލުމަށް މިތަނަކީ މާ އާދަޔާ ޚިލާފު ތަނެއް ކަމަކަށް ނުފެނެއެވެ. ނަމަވެސް، ތަނުގެ އެތެރެ ފެންނާނީ ވަނީމަތާއެވެ!

(ނުނިމޭ)

އިދާރާ

ވާހަކަ