އަދުގެ ޚާއްސަ

Print

އިސްލާމީ އުއްމަތާއި އިޒްރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (2)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


18 އޮކްޓޯބަރ (އާދީއްތަ)އާ ގުޅޭ..

ފަލަސްޠީނުގެ ބިމުގެ މައްޗަށް އެއްމެ ޙައްޤުކަން ބޮޑީ ކޮން ބައެއް؟

އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

ބާބިލްގައި އަޅުންގެ ގޮތުގައި ބަނޫ އިސްރާއީލުން އުޅުނު ޒަމާން ނިމުމަކަށް އައީ ފާރިސީންގެ ލަޝްކަރުތަކުގެ ކުރިމަތީގައި ބާބިލްގެ ރަސްކަން އިނދަޖެހިގެން ދިޔަ ހިސާބުންނެވެ. ފާރިސީ އަމްބަރާޠޫރިއްޔާގެ ބާނީ، މަޝްހޫރު ޚުސްރޫ އަޢުޒަމް، ނުވަތަ ސައިރަސް ދަ ގްރޭޓް ބާބިލް ފަތަޙަ ކުރައްވައި، ބާބިލީންގެ ވެރިކަމުގެ ބިޔަ ސަރަޙައްދު އޭނާގެ ބާރުގެ ދަށަށް ގެންނެވުމަށްފަހު ޔަހޫދީންނަށް ފަލަސްޠީނަށް އެނބުރި ދިޔުމުގެ ހުއްދަ ދެއްވިއެވެ.

އަދި ބާބިލީން ހަލާކުކޮށްލި ޖެރޫސަލަމްގެ މުޤައްދަސް ފައްޅި އަލުން ބިނާކޮށްދެއްވިއެވެ. ނަމަވެސް ފާރިސީންގެ ޒަމާނުގައި ޔަހޫދީން ތިބީ ވަކި ދައުލަތެއްގެ ގޮތުގައެއް ނޫނެވެ. ފާރިސީ ދައުލަތުގެ ރައްޔިތުންތަކެއްގެ ގޮތުގައެވެ. ހަމަ އެހެންމެ ފަލަސްޠީނުގައި އެބައިމީހުންގެ އިތުރަށް ފަލަސްޠީނުގެ އަސްލު ވަޒަންވެރީންގެ ދަރިކޮޅު އެއިރުވެސް ދެމިއޮތެވެ.

ދެން އައީ އިސްކަންދަރު އަޢުޒަމް، ނުވަތަ އެލެގްޒެންޑަރ ދަ ގްރޭޓްގެ ދުވަސްވަރެވެ. ޢީސާ ޢަލައިހިއް ސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ ގާތްގަނޑަކަށް 325 އަހަރު ކުރީން އޭނާ ފާރިސީން ބަލިކުރައްވައި ފަލަސްޠީނުގެ ސަރަޙައްދު ފަތަޙަ ކުރެއްވިއެވެ. އޭގެ ފަހުން އަހަރުތަކެއް ވަންދެން ޔަހޫދީންގެ މައްޗަށް ހިނގަމުން ދިޔައީ ހެލެނިސްޓިކް މެސެޑޯނިއަނުންނާއި ގްރީކުންގެ ބާރެވެ.

ހިބްރޫ ބައިބަލް ގްރީކް ބަހަށް ތަރުޖަމާ ކުރެވުނީ، އަދި އޭގެ ހިބްރޫ އަޞްލު ގެއްލިގެން ދިޔައީ މި ޒަމާނުގައެވެ. އަހަރުތަކެއް ވަންދެން މެސެޑޯނިއަން ގްރީކުންގެ އަޅުވެތިކަމުގެ ދަށުގައި ވަރަށް ނިކަމެތި ގޮތުގައި އުޅުމަށްފަހު ޔަހޫދީން އެބައިމީހުންގެ ސާހިބުންނާ ދެކޮޅަށް ބަޣާވާތް ކުރިއެވެ. މި ބަޣާވާތުގެ ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ޤަރުނެއްހައި ދުވަހަށް އެބައިމީހުންނަށް މިނިވަންކަން ލިބިގެން ދިޔައެވެ. ޢީސާ ޢަލައިހިއް ސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 160 ވަރަކަށް އަހަރުކުރީން ލިބުނު މި މިނިވަންކަން ނިމިގެން ދިޔައީ އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 63 އަހަރު ކުރިން ރޯމަނުން ފަލަސްޠީން ފަތަޙަކުރުމާ ގުޅިގެންނެވެ.

ތާރީޚު ވިދާޅުވާ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި ނޯންނާނޭ ފަދައިން ބަނޫ އިސްރާއީލުންގެ ގާތަށް ނަބީކަމާއިގެން ޢީސާ ޢަލައިހިއް ސަލާމް ފޮނުއްވުނީ ރޯމަނުން ފަލަސްޠީނުގައި، ޔަހޫދީންގެ މައްޗަށް ވެރިކަން ކުރި ޒަމާނުގައެވެ. އެކަލޭގެފާނު ވަޑައިގަތުމުގެ ކުރީންވެސް، އަދި އޭގެ ފަހުންވެސް ޔަހޫދީން ގެންދިޔައީ ތަޢުރީފު ކުރުން ޙައްޤު ހިތްވަރާއެކު ރޯމަނުންނާ ކުރިމަތިލަމުންނެވެ. އަޅުވެތިކަމާއި ނިކަމެތިކަމަށް ދެކޮޅު ހަދަމުންނެވެ. އޭގެ އާޚިރު ނަތީޖާއަކީ ދެވަނަ ފަހަރަށް އެބައިމީހުންނަށް ފަލަސްޠީނުގެ ބިމުން ބޭރުވެގެން ދާން މަޖުބޫރުވުމެވެ. ރޯމަން އެމްޕެރަރ ވެސްޕެޒިއަންގެ ވެރިކަމުގެ ދަށުގައި ޔަހޫދީންގެ އެތައް ލައްކަ މީހުން އަޅުންގެ ގޮތުގައި ރޯމަނުންގެ ވެރިކަމުގެ އެކި ސަރަޙައްދުތަކުގައި ވިއްކާލެވުނެވެ. އެމްޕެރަރ ހެޑްރިއަންގެ ވެރިކަމުގައި މަޝްހޫރު ބާރް ކޯޝްބާގެ ހާދިސާއަށްފަހު ރޯމަނުން ފަލަސްޠީނުން ޔަހޫދީން ހުސްކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ފެށިއެވެ. ނަސްލު ހުސްކޮށްލުމުގެ މި މަސައްކަތް މުޅީންހެން ފުރިހަމަވީ މީލާދީން 135 ގައެވެ. މި ޙަރަކާތްތަކުގެ ތެރޭގައި ފަލަސްޠީނުގެ އެކި ކަންކޮޅުތަކުގައި ހުރި ޔަހޫދީންގެ 50 ކިއްލާއާއި ހާހަކަށްވުރެ ގިނަ އަވަށް މުޅީން ފުނޑުފުނޑުކޮށްލެވުނެވެ. އަދި އެތައް ލައްކަ ޔަހޫދީންނެއް ރޯމަނުންގެ ކަނޑިތަކަށް ނަޒުރުވެގެން ދިޔައެވެ. ޔަހޫދީންނަށް ފަލަސްޠީނުގައި ރޯމަނުންގެ ވެރިކަމުގެ ދަށުގައި ހަމަނޭވައެއް ލެވޭވަރުވީ ހެޑްރިއަން އަވަހާރަވެ، ރޯމްގެ ތަޚުތުގައި އެމްޕެރަރ އެންޓޯނިއަސް އިށީނދެވަޑައިގަތުމަށް ފަހުގައެވެ. އޭނާގެ ވެރިކަމުގައި ފަލަސްޠީނާއި ޖެރޫސަލަމްގައި ޔަހޫދީންނަށް ހިސާބެއްގެ މިނިވަންކަމެއް ލިބިފައި އޮތެވެ.

މީލާދީން 320 ހިސާބުގައި ރޯމަނުން ކްރިސްޓިއަން ދީނަށް ތަބާވުމަށްފަހުގައި، ރޯމްގެ ވެރިކަމުގެ ސަރަޙައްދުގައި އުޅެމުން ގެންދިޔަ ޔަހޫދީންގެ ޙާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. އެއީ ޢީސާ އަލައިހިއް ސަލާމް ޞަލީބަށް އެރުވުމުގައި ބައިވެރިވި މީހުންނަކީ ޔަހޫދީން ކަމުގައި ވާތީ އެކަމާ ގުޅިގެން ކްރިސްޓިއަނުންގެ ހިތްތަކުގައި އޮތް ރުޅިވެރިކަމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުން ޔަހޫދީންނާ ދެކޮޅަށް ގެންގުޅުނު ދީނީ ތަޢައްޞުބާއި ނަސްލީ އިމްތިޔާޒުގެ ސަބަބުންނެވެ.

ވަރަށްވެސް ނިކަމެތި ޙާލެއްގައި އެތައް ޤަރުނެއް ވަންދެން ރޯމަނުންނާއި ބައިޒެންޓައިންގެ ބާރުގެ ދަށުގައި އުޅުމަށްފަހު ޔަހޫދީންނަށް މިނިވަންކަން ލިބި ހަމަނޭވާ ލެވޭ ވަރުވީ ޚުލަފާއުއް ރާޝިދޫންގެ ދުވަސްވަރު މުސްލިމުން ޝާމްކަރައާއި ފަލަސްޠީނާއި އުތުރު އެފްރިކާގެ ސަރަޙައްދުތައް ފަތަޙަކުރުމާ ގުޅިގެންނެވެ. މުސްލިމުން ޔަހޫދީން އަޅުވެތިކަމުން މިންޖުކޮށްދީ، އެނބުރި ފަލަސްޠީނާއި ޖެރޫސަލަމް، އާދެ ބައިތުލް މަޤްދިސް ނުވަތަ އަލްޤުދުސް އަށް އައުމުގެ ހުއްދައާއި މިނިވަންކަން ދިނެވެ. އެއިރުއްސުރެ މިއަދާ ހަމަޔަށް ޔަހޫދީންގެ ޖަމާޢަތްތައް ފަލަސްޠީނުގެ އަސްލު ވަޒަންވެރީންނެކޭ އެއްފަދައިން ފަލަސްޠީނުގައި އުޅެމުން އައެވެ. އެއްވެސް އިރެއްގައި މުސްލިމުން ފަލަސްޠީނުން ޔަހޫދީން ހުސްކުރަން، ނުވަތަ ޔަހޫދީންގެ ނަސްލު ނެތިކުރަން އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މުސްލިމުން ފަލަސްޠީނު ފަތަޙަ ކުރުމަށްފަހު ފަލަސްޠީނަށް އައި ޘަޤާފީ އެއްމެ މުހިއްމު އެއް ބަދަލަކީ ފަލަސްޠީނުގެ އަޞްލު ވަޒަންވެރީން ޢަރަބި ބަހުން ވާހަކަ ދައްކަން ފެށުމެވެ. މިއީ ހަމައެކަނި ފަލަސްޠީނުގައި ހިނގާފައިވާ ކަމެއް ނޫނެވެ. އުތުރު އެފްރިކާއާއި އެހެނިހެން އެތައް ސަރަޙައްދެއްގައި ޢަޖަމީ ޤަބީލާތަކުގެ މީހުން އިސްލާމް ވުމަށްފަހު ޢަރަބި ބަހުން ވާހަކަދައްކަން ފަށާފައި ވެއެވެ. އެއީ އިސްލާމް ދީން އެ ދީނުގެ އަހުލުވެރީންގެ ހިތްތަކުގައި އުފެއްދި ދީނީ ލޯބީގެ އެތައް ނަތީޖާއެއްގެ ތެރެއިން އެއް ނަތީޖާއެވެ. އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް ފަލަސްޠީނުގެ އަޞްލުވަޒަންވެރީން ވާހަކަ ދައްކައި އުޅެނީ ޢަރަބި ބަހުންނެވެ. އަދި މުސްލިމް ޢަރަބީންނާ ކައިވަނީގެ ގޮތުން ގުޅުމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ލޭވެސް ވަނީ ވަރަށް ބޮޑަށް ޢަރަބި ލެޔާ އެކުވެފައެވެ. މިހާރު ފަލަސްޠީނުގެ އަޞްލު ވަޒަންވެރީންނަކީ ޢަރަބި ބަހުން ވާހަކަ ދައްކާ ޢަރަބީން ކަމުގައި ޢާއްމުކޮށް ބެލެވޭ ސަބަބަކީ މިއީއެވެ. މި ނުކުތާ ވަރަށް މުހިއްމު ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރަން ޖެހޭ ސަބަބެއް އެބައޮތެވެ. އެއީ މިއަދު އިޒްރޭލާއި އިޒްރޭލުގެ ބައިވެރީންގެ ޕްރޮޕެގެންޑާގައި ފަލަސްޠީނަކީ އެއްވެސް ޒަމާނެއްގައި ޢަރަބީންގެ ބިމެއް ނޫންކަމަށާއި، ޢަރަބީންގެ ވަޒަނަކީ ޢަރަބިކަރަ ކަމުގައި ބުނެ ފަލަސްޠީނުގެ އަހުލުވެރީން އެބިމުން ބޭރުކުރަން ކުރާ މަސައްކަތެވެ. ތެދެކެވެ! ނަސްލީ ޢަރަބީންގެ ވަޒަނަކީ ޢަރަބިކަރަ ކަމުގައި ބުނެވޭ ބުނުމަކީ ޙަޤީޤަތެކެވެ. ނަމަވެސް އެފަދަ އަނެއް ޙަޤީޤަތަކީ މިޒަމާނުގައި ޢަރަބި ބަހުން ވާހަކަ ދައްކާ އެންމެންނަކީ ނަސްލީ ގޮތުން ޢަރަބީން ނޫން ކަމެވެ. މިސާލެއްގެ ގޮތުން މުސްލިމުން މިޞުރު ފަތަޙަ ކުރި އިރު މިޞުރަކީ ޢަރަބި ނަސްލުގެ މީހުން އުޅެމުން ގެންދިޔަ ބިމެއް ނޫނެވެ. އެހެން ނަމަވެސް މިޞުރުގައި އިސްލާމް ދީން ފެތުރިގެން ދިޔުމަށްފަހު އެ ޤައުމުގެ އަހުލުވެރީންވަނީ އެމީހުންގެ މުސްކުޅި ބަސް ދޫކޮށްލައި ޢަރަބި ބަހުން ވާހަކަ ދައްކަން ފަށާފައެވެ. އެހެންކަމުން މިޒަމާނުގެ މިޞްރީންނަކީ އެންމެންވެސް ކިޔާގޮތުން ޢަރަބީންނެވެ. ސުވާލަކީ މި ސަބަބަށްޓަކައި މިޞުރު މީހުން މިޞުރު ދޫކޮށްލާފައި ޢަރަބި ކަރައަށް ދާން ޖެހޭނެތޯއެވެ؟ އެއްވެސް އޮޅުމެއް ނެތް ގޮތުގައި މި ސުވާލުގެ ޖަވާބަކީ ނޫނެކޭ އެވެ. އެހެނީ ބަޔަކު މީހުން އެބައިމީހުންގެ ދީނާއި ވާހަކަ ދައްކައި އުޅޭ ބަސް ބަދަލު ކުރުމަކުން އެބައިމީހުންގެ ވަޒަނަށް ލިބިފައިވާ ޙައްޤު ނެތިގެނެއް ނުދެއެވެ.

ހަމަ އެގޮތަށް، ފަލަސްޠީނުގެ އަހުލުވެރީން ފަހުގެ ޒަމާނެއްގައި އިސްލާމް ދީން ޤަބޫލުކޮށް، ޢަރަބި ބަހުން ވާހަކަ ދައްކަން ފެށުމުގެ ސަބަބުން އެބައިމީހުން ޢަރަބި ކަރައަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އެބައިމީހުންގެ އަމިއްލަ ވަޒަން އެހެން ބަޔަކަށް ދޫކޮށްލަން ޖެހޭ ސަބަބެއްވެސް ނޯންނާނެއެވެ. ޔަހޫދީންގެ ޕްރޮޕެގެންޑާގައި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކަން އޮތް ގޮތުގެ ޙަޤީޤަތަކީ މިއީއެވެ.

މި ހުށަހަޅާލެވުނު ތާރީޚީ ބަޔާންތަކުން ސާބިތުވެގެންދާ ގޮތުގައި ފަލަސްޠީނަކީ އެއްވެސް ޒަމާނެއްގައި ޔަހޫދީންގެ ނަސްލީ ވެރިކަމެއް އެތާގައި އޮތް ތަނެއް ނޫނެވެ. އެތަނުގައި ބަނޫ އިސްރާއީލުން ވެރިކަން ކުރީ އިސްލާމީ ވެރިކަމެއްގެ ޙައިސިއްޔަތުންނެވެ. އެ ވެރިކަމުގެ ވާރިސުންނަކީ ޔަހޫދީ ނަސްލުގެ މީހުންނެއް ނޫނެވެ. އިސްޙާޤު ޢަލައިހިއް ސަލާމާއި ޔަޢުޤޫބު ޢަލައިހިއް ސަލާމާއި މޫސާ ޢަލައިހިއް ސަލާމާއި ދާއޫދު ޢަލައިހިއްސަލާމްގެ ފިޔަވަޅުފުޅުގެ މަތީގައި ހިނގާ ތެދުވެރި މުސްލިމުންނެވެ. ހަމަ އެހެންމެ، ފަލަސްޠީނުގެ އަޞްލު ވަޒަންވެރީން އެންމެ ކުރީ ޒަމާނުއްސުރެ އެތާގައި ދެމިތިބުމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުން އެ ބިމުން ބޭރުކޮށްލުމުގެ އެއްވެސް ޙައްޤެއް އެއްވެސް ބަޔަކަށް ލިބިފައެއް ނުވެއެވެ. މިއީ އިސްލާމީ އުސޫލުތަކުގެ ދަށުންވެސް، އަދި މި ޒަމާނުގައި ގިނަ މީހުން ޤަބޫލުކުރާ ބައިނަލް އަޤުވާމީ ޤާނޫނުތަކާއި ހަމަތަކުގެ ދަށުންވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ނިންމާލުމުގެ ކުރީން މި ޒަމާނުގެ ބައެއް މުއައްރިޚުން ހުށަހަޅުއްވާފައިވާ ތިއަރީއަކަށް ކުރުގޮތަކަށް އަލިއަޅުވާލަންވެސް އަޅުގަނޑު ގަސްތު ކުރަމެވެ. ހުޅަނގުގެ މަޝްހޫރު މުއައްރިޚެއް ކަމުގައިވާ އާރތަރ ކޮއެސްލަރއާއި، އޭނާގެ ފަހުން ޝްލޯމޯ ސޭންޑް ފަދަ ބޭފުޅުން ހުށަހަޅުއްވާފައިވާ މި ތިއަރީގައި ބުނާގޮތުން މިހާރު ފަލަސްޠީނަށް އަތްގަދަކޮށްގެން ތިބި ޔަހޫދީންގެ ތެރެއިން ބޮޑު ބަޔަކީ ޙަޤީޤަތުގައި ބަނޫ އިސްރާއީލްގެ ދަރިކޮޅަށް ނިސްބަތްވާ ބައެއްވެސް ނޫނެވެ. މިތާގައި މިހުށަހަޅާލަނީ މި ދެންނެވި ބޭފުޅުންގެ ދިރާސާތަކުގެ ވަރަށް ކުރު ޚުލާސާއެކެވެ.

މި ޒަމާނުގައި ޔަހޫދީންގެ ގޮތުގައި އަޅުގަނޑުމެންނަށް ތަޢާރަފް ކުރެވިފައިވާ ޖަމާޢަތް މައިގަނޑު ދެ ބަޔަކަށް ބަހާލެވެއެވެ. އެއީ ބަނޫ އިސްރާއީލްގެ ދަރިކޮޅަށް ނިސްބަތްވާ ސެފާރްދިމް ޔަހޫދީންނާއި ޚާޒާރީ ޔަހޫދީންނެވެ. ބައެއް މުއައްރިޚުން އަޝްކެނާޒިމް ޔަހޫދީންގެ ނަމުން ނަން ދެއްވާފައިވާ ޚާޒާރީ ޔަހޫދީންނަކީ ޙަޤީޤީ ޔަހޫދީންނާ އެއްވެސް ކަހަލަ ނަސްލީ ތިމާގެކަމެއް އޮތް ބައެއް ނޫނެވެ. އެބައިމީހުންނަކީ މީލާދީން 6 ވަނަ ޤަރުނު ފެށިގެން އައި ދުވަސްވަރު ކެސްޕިއަން ކަނޑުގެ ހުޅަނގު އައްސޭރީގައި އާބާދުވި ޤަބީލާއެއްގެ މީހުންނެވެ. ޚާޒާރީންގެ ނަމުން ނަންދެވުނު މި ޤަބީލާއަކީ ނަސްލީގޮތުން ބަލާއިރު މުޣޫލީންނާއި ތުރުކީންނާ ގުޅޭ ބަޔެކެވެ. އެބައިމީހުން ކެސްޕިއަންގެ އައްސޭރީގައި، އިތިލް އޭ ކިޔުނު ސަރަޙައްދުގައި ކުޑަވަރެއްގެ ރަސްކަމެއް ޤާއިމު ކުރިއެވެ. މަޑުމަޑުން އެބައިމީހުންގެ ބާރު ކްރައިމިއާގެ ސަރަޙައްދަށްވެސް ފެތުރިގެން ދިޔައެވެ.

އެ ދުވަސްވަރަކީ އިސްލާމީ އުއްމަތުގައި ޢައްބާސީންގެ ވެރިކަން އޮތް ދުވަސްވަރެވެ. އަދި އޭޝިއާ މައިނަރއާއި އިރުމަތީ ޔޫރަޕްގައި ބައިޒެންޓައިން ދައުލަތް، ޔޫރަޕްގެ މެދުތެރެއާއި ހުޅަނގުފަރާތުގައި ޝާރްލްމޭންގެ ހޯލީ ރޯމަން އެމްޕަޔަރ އޮތް ދުވަސްވަރެވެ. ޚާޒާރީން ގެންގުޅުނު ސިޔާސަތަކީ މީގެ ތެރެއިން އެއްވެސް ބަޔަކާ ދެކޮޅުވެރި ނުވެ، ވަކި ފަރާތަކަށް ނުޖެހި، ހުރިހާ އެންމެންނާވެސް ވިޔަފާރީގެ ގާތް ގުޅުމެއް ބާއްވައިގެން އުޅުމުގެ ސިޔާސަތެވެ. އެބައިމީހުން ޔަހޫދީ ދީން އިޚްތިޔާރު ކުރީ ވެސް ކޮއެސްލަރ ފަދަ މުއައްރިޚުންގެ ނަޒަރުގައި ވަކި ފަރާތަކަށް ނުޖެހި މިނިވަންކޮށް ތިބުމުގެ ސިޔާސަތުގެ ދަށުންނެވެ. އިސްލާމް ދީނާއި ކްރިސްޓިއަން ދީނާ ދެ ދީނަށްވެސް ފުރަގަސްދީގެން ތިބުމަށް ޓަކައެވެ. އެމެރިކާގެ މުއައްރިޚެއް ކަމުގައިވާ ޖޭ.ޑީ.އެމް. ޑަންލޮޕް ވިދާޅުވާ ގޮތުގައި ޚާޒާރީންގެ ރަސްގެފާނު ބޫލާން ޔަހޫދީ ދީން ޚިޔާރު ކުރައްވައި، އޭނާގެ ރައްޔިތުން އެ ދީނަށް ވެއްދެވީ މީލާދީން 740 ގައެވެ. ޚާޒާރީން ޔަހޫދީ ދީނަށް ވަނީ ކޮން މަޤުޞަދެއްގައިކަން ޔަޤީންކަމާއެކުގައި ބުނަން ނޭނގުނަސް އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަކީ ޚާޒާރީންނަކީ ބަނޫ އިސްރާއީލުން ނޫން ކަމާއި، އެބައިމީހުންނަކީ ޔަހޫދީ ދީނަށް ވަދެެގެން ޔަހޫދީން ކަމުގައި ދަޢުވާކުރަން ފެށި ބައެއް ކަމެވެ. ޚާޒާރީންގެ ވެރިކަން ކެސްޕިއަންގެ އައްސޭރީގައި މީލާދީން 10 ވަނަ ޤަރުނާ ހަމަޔަށް ދެމިއޮތެވެ. އެބައިމީހުންގެ ވެރިކަން ނިމުމަކަށް އައީ ކްރިސްޓިއަން އޮރތޮޑޮކްސް މަޒުހަބާ އަލަށް ގުޅުނު ރޫސީންގެ ބާރުގެ ދަށަށް އެބައިމީހުންގެ ސަރަޙައްދުތައް ދިޔުމާ ގުޅިގެންނެވެ.

ދެން އައި އަހަރުތަކުގައި ޚާޒާރީ ޔަހޫދީންގެ ޖަމާޢަތްތައް އިރުމަތީ ޔޫރަޕްގެ އެކި ޤައުމުތަކަށް ހިޖުރަކުރިއެވެ. އެބައިމީހުން ހިޖުރަ ކުރި ޤައުމުތަކުގެ ތެރޭގައި ޕޮލެންޑާއި ލިތުއޭނިއާއާއި ހަންގޭރީ ހިމެނެއެވެ. މި ޤައުމުތަކުގައި އުފެދި ފެތުރިގެން އައި ޔަހޫދީ މުޖުތަމަޢުތަކަކީ ޙަޤީޤަތުގައި ޚާޒާރީންގެ މުޖުތަމަޢުތަކެކެވެ. މި ޒަމާނަށް އައިސް، ފަލަސްޠީނުގެ ބިމުގައި އިޒްރޭލުގެ ދައުލަތް އުފެއްދުމަށް ކުރެވުނު މަސައްކަތްތަކުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ، އަދި ސަހްޔޫނިއްޔަތު، ނުވަތަ ޒަޔޮނިޒަމްގެ ފިކުރު ވުޖޫދަށް ގެނެސް މި ޒަމާނުގައި އަޅުގަނޑުމެންނަށް ތަޢާރަފްވެފައިވާ ގޮތަށް އެ ފިކުރު ތަރައްޤީ ކުރުމުގައިވެސް އިސްވެތިބީ ޚާޒާރީ ޔަހޫދީންނެވެ. މި ޒަމާނުގެ ޒަޔޮނިޒަމް ގެ ބާނީ ކަމަށް ބުނެވޭ ހަންގޭރީގެ ތިއޮޑޯރ ހާރޒްލްއަކީވެސް ޚާޒާރީ ޔަހޫދީއެކެވެ. ހަމަ އެހެންމެ މިހާރު އިޒްރޭލުގެ އާބާދީގެ ބޮޑު ބަޔަކީވެސް ޚާޒާރީ ޔަހޫދީންނެވެ. މި ދެންނެވި ނުކުތާތަކުން އެނގޭ ގޮތުގައި ޚާޒާރީ ނުވަތަ އަޝްކެނާޒިމް ޔަހޫދީންނަކީ ފަލަސްޠީނުގެ ބިމާ އެއްވެސް ކަހަލަ ތާރީޚީ ގުޅުމެއްވެސް އޮތް ބައެއް ނޫނެވެ. އެ ބިމުގެ މައްޗަށް ސެފާރްދިމް ޔަހޫދީންނަށް އޮތް ފަދަ ޙައްޤެއްވެސް ޚާޒާރީ ޔަހޫދީންނަކަށް ނެތެވެ.

ކޮންމެއަކަސް މި ދެންނެވީ ކޮއެސްލަރ އާއި އޭނާގެ ޚިޔާލަށް ތާއީދުކުރައްވާ މުއައްރިޚުންގެ ތިއަރީގެ ޚުލާސާއެވެ. މި ތިއަރީ ދޮގުކުރުމަށް ހުޅަނގުގެ ގިނަ މުއައްރިޚުން ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ. ކޮއެސްލަރގެ ތިއަރީ ދޮގަކަށް ވިޔަސް، ހަމަ ގައިމުވެސް ދޮގުނުކުރެވޭނެ ޙަޤީޤަތްތަކެއް އެބަހުއްޓެވެ. ފުރަތަމަ ޙަޤީޤަތަކީ ފަލަސްޠީނަކީ ބަނޫ އިސްރާއީލް ވުޖޫދަށް އައުމުގެ މާކުރީއްސުރެ އެތާގައި ވަޒަންވެރިވެގެން އުޅެމުން ގެންދާ ބައެއްގެ ވަޒަން ކަމެވެ. ދެވަނަ ޙަޤީޤަތަކީ ބަނޫ އިސްރާއީލްގެ ރަސްކަމެއް ފަލަސްޠީނުގައި އުފެދުނު ދުވަސްވަރު އެ ރަސްކަމަކީ މުސްލިމުންގެ ދައުލަތްތަކެއް ކަމެވެ. އެހެންކަމާއެކު އިސްލާމް ދީނަށް އިންކާރުކުރާ ބަޔަކަށް އެ ދައުލަތްތަކުގެ މައްޗަށް ވިރާޘަތުގެ ދަޢުވާއެއް ނުކުރެވޭނެ ކަމެވެ. އެހެންކަމަށް ވަންޏާ ފަލަސްޠީނުގެ ބިމުގެ ޙައްޤުވެރީންނަކީ ކޮބައިބާވައެވެ؟ ބޭރުން އަރާ ތިބި އަޝްކެނާޒިމް ޚާޒާރީން ބާވައެވެ؟ ނުވަތަ، ﷲ ތަޢާލާއަށް ތަސްލީމުކުރުން ޝަރުޠު ކުރައްވައި އެ ބިން އެ ބަޔަކަށް ދެއްވުމުން، އެކަލާނގެއަށް ފުރަގަސްދީ، އެކަލާނގެ ނަބީބޭކަލުންނަށް ކާފިރުވި ސެފާރްދިމް ޔަހޫދީން ބާވައެވެ! ނުވަތަ މޫސާ ޢަލައިހިއް ސަލާމާއި ދާއޫދު ޢަލައިހިއް ސަލާމާއި ސުލައިމާން ޢަލައިހިއްސަލާމަށް ފުރިހަމަ މާނާގައި ތަބާވާ މުސްލިމުންނާއި ކަންޢާނީންގެ ގޮތުގައި ފަލަސްޠީނުގައި ޒަމާނުއްސުރެ އުޅެމުން އައިސް، މިހާރު ޢަރަބި ބަހުން ވާހަކަ ދައްކާ، އިސްލާމް ދީނަށް ތަބާވާ، ފަލަސްޠީނުގެ އަސްލު ވަޒަންވެރިން ބާވައެވެ!


                                                          (ނުނިމޭ)

ނޯޓު؛

އަލްފާޟިލް އަޙުމަދު މާޖިދުގެ މި ލިޔުއްވުމަކީ ފަންވަތަށް އޭނާ ކުރައްވާފައިވާ ވަރަށް އަގުބޮޑު ހަދިޔާއެކެވެ. އެކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު، އޭނާއަށް ޝުކުރުދަންނަވައި، ހެޔޮ އެދުންތައް ބަރުތީލަ ކުރަމެވެ. ހަމަ އެހެންމެ މިއީ ދިގު ސިލްސިލާއެކެވެ. ލަފާކުރެވޭ ގޮތުގައި މި ލިޔުން އެކީގައި ފަންވަތުގެ ކިޔުންތެރިންނާ ހަމަޔަށް ހުށަހެޅިގެންދާނީ، ގާތްގަނޑަކަށް، 18ވަރަކަށް  ދުވަހުގެ މައްޗަށް ބަހައިލައިގެންނެވެ. މާޖިދު ވިދާޅުވެފައިވާ ގޮތުގައި ޙަޤީޤަތުގައި އޭނާ މި ލިޔުން އެކުލަވައި ލެއްވީ ރޭޑިޔޯ ޗެނަލަކުން ދުރަށް ފޮނުވުމަށެވެ. ލިޔުމުގައި ފުޓުނޯޓުތައް ނުލިޔުއްވި ވަނީ އެ ސަބަބަށްޓަކަ އެވެ. މި ލިޔުން ދުރަށް ފޮނުއްވީ ސަން އެފް އެމުންނެވެ. ތަކުރާރުކޮށް އަލްފާޟިލް އަޙުމަދު މާޖިދަށް ޝުކުރިއްޔާއެވެ!

                                                                                         - މުޙައްރިރު -

ހަމަމިގަލަމުން

އިދާރާ

ވާހަކަ