އަދުގެ ޚާއްސަ

Print

އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި

ދިވެހި އަދަބީ ދުނިޔެއިން އޮއްސުނު އަލިގަދަ ތަރިއެއް


ޢަބްދުﷲ ނަޢީމު އިބްރާހީމް


ދިވެހިރާއްޖޭގައި ތިއްބެވި އެންމެ މޮޅު ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅެއް ކަމަށްވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު އިއްޔެ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވުމުން ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި ފިޔަޖަހަޖަހާ ހުރި އަލިގަދަ ތަރިއެއް އޮއްސުނީއެވެ.

ބައެއް މީސްމީހުންނަކީ އެމީސްމީހުން ދުނިޔެދޫކޮށް ދިޔައީމާ ދެދުވަހަކު ހިތާމަކޮށްފައި، އެބައެއްގެ މަތީން އަޅުގަނޑުމެން ހަނދާން ނައްތައިލާ މީހުންނެވެ. ބައެއް މީސްމީހުންގެ ހަނދާން ދުނިޔެ އޮތްހައި ދުވަހަކު ދެމިހުންނާނެއެވެ. އަލްމަރްޙޫމް ޢަބްދުއްރަޙީމަކީ ހަނދާނުން ފޮހެވިގެން ނުދާނޭ ބޭފުޅެކެވެ. އަޚްލާޤް ރަނގަޅު، މަޑުމައިތިރި، މާތް ބޭފުޅެއްގެ ގޮތުންނާއި، ދިވެހި ލިޔުންތެރިކަމުގެ ދުނިޔެއަށް އަގުހުރި މުތްތަކެއް ދޫކުރެއްވި ލިޔުންތެރިއެއްގެ ގޮތުންނެވެ.
   
އަޅުގަނޑަށް ޢަބްދުއްރަޙީމްގެ ފައިންޕުޅު ފެންނަގޮތްވީ ވަރަށް ފަހުންނެވެ. އޭނާގެ ދިގުދެމިގެންދިޔަ އާލާސްކަންފުޅު ފެށުނު ފަހުންނެވެ. އެއްދުވަހަކު ފޯނު ކުރައްވާފައި އަޅުގަނޑާ ބައްދަލު ކުރައްވަން ބޭނުންފުޅު ކަމަށް ވިދާޅުވީއެވެ. އެއީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބުނު ދުވަހެކެވެ. ލިޔުންތެރިކަމުގެ މައިދާނުގައި ފުންނާބު އުސް ބޭފުޅަކު އަޅުގަނޑުފަދަ އާދައިގެ "ގަލަންކާއްތާ" މީހަކާ ބައްދަލު ކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

     
އަޅުގަނޑު ގަލޮޅު މަންޒިލަށް ދިޔައީ ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. ދައްކާނެ ވާހަކަތައްވެސް ހިތުގައި ރާވަމުންނެވެ. އަޅުގަނޑާ ވާހަކަފުޅު ދައްކަވަން ޢަބްދުލްމަޖީދު ހުންނަވާނެ ގޮތްވެސް ހިތުގައި ކުރަހަމުންނެވެ. އަޅުގަނޑު ދިޔައީ، ޢަބްދުއްރަޙީމުގެ އެދުންފުޅަކަށް، އަޅުގަނޑު ލިޔުނު ދެތިން ފޮތެއްވެސް ހިފައިގެންނެވެ.

     
އަޅުގަނޑަށް އެރޭ ފެނުނު ޢަބްދުއްރަޙީމަކީ އަޅުގަނޑުގެ ހިތުގައި ކުރަހައިގެން، ސިފަކޮށްގެން ދިޔަ ޢަބްދުއްރަޙީމެއް ނޫނެވެ. އޭނާއަކީ އެއަށްވުރެ މާސާދާ، މަޑުމައިތިރި ބޭފުޅެކެވެ. ވާހަކަފުޅު ދައްކަވަނީ ވަރަށް މަޑުން، ލަސްލަހުންނެވެ. ދައްކަވާ ވާހަކަފުޅު އަޅުގަނޑަށް ރަނގަޅަށް ފަހުމްވެއްޖެކަން ޔަގީން ކުރައްވާހެން ހީވާ ގޮތަކަށް ދޭތެރެދޭތެރެއިން އަޅުގަނޑާ ދިމާއަށް ބައްލަވައިލައްވައެވެ.

     
އެރޭ އަޅުގަނޑުގެ ފޮތްތައް ބައްލަވާފައި ވަރަށް ބޮޑަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. ލިޔުންތެރިން މަސައްކަތް ކުރަން ޖެހޭ ގޮތާއި، ވިސްނުމުގެ މިސްރާބު ހިފަހައްޓާން ޖެހޭ ގޮތް ވިދާޅުވެ ދެއްވިއެވެ. އަލްމަރްޙޫމް މުޙައްމަދު އަމީން މަސައްކަތް ކުރެއްވި ގޮތާއި، އެމަނިކުފާނުގެ އަރިހުގައި ކާތިބެއްގެ ގޮތުން ކުރެއްވި ފޮނި ތަޖްރިބާތަކުގެ ވާހަކަވެސް ދެއްކެވިއެވެ.

އޭރު ޢަބްދުއްރަޙީމުގެ ހަށިކޮޅުގެ އެއްފަޅީގެ ވާގިނެތި، އެއް އަތްޕުޅުން މަސައްކަތެއް ނުކުރެއްވެއެވެ. އެޙާލުކޮޅުގައި ކުރައްވާފައި ހުރި މަސައްކަތްތައް އަޅުގަނޑަށް ދެއްކެވިއެވެ. ޢަރަބި ނުވަތަ އުރުދޫ ފޮތެއް ބައްލަވައިގެން ވިދާޅުވެދެއްވީމާ، ކޮމްޕިއުޓަރުން ޓައިޕް ކުރައްވަނީ އަނބިކަނބަލުން ކަމަށް ވިދާޅުވިއެވެ. މިހާރު އަސްރަފީ ބުކްޝޮޕުން ޗާޕުކުރައްވައިގެން ނެރުއްވާފައިވާ ފޮތް "އިސްލާމީ މައިގަނޑު ޢަޤީދާތަކާއި އުޞޫލުތައް" މިފޮތް ކުށް ފިލުއްވަނީއެވެ. އަދި އިތުރު އެހެން ފޮތްތަކެއްގެ މަސައްކަތްވެސް ފައްޓަވައިގެން ކުރިއަށް ގެންދަވަނީއެވެ.

އަޅުގަނޑުގެ މިލިޔުންކޮޅުގެ ބޭނުމަކީ އެރޭ އަޅުގަނޑަށް ލިބުނު ހިތްވަރާއި، ޢަބްދުއްރަޙީމުގެ މަސައްކަތްޕުޅުން އަޅުގަނޑު ލިބިގަތް ފިލާވަޅުގެ ވާހަކަ ދެންނެވުމެވެ. އަޅުގަނޑު އެގެއަށް ދިޔަ ގޮތާއި، އެނބުރި ގެއަށް އައިގޮތް މިހާރުވެސް ހަނދާން އެބަހުއްޓެވެ. އަޅުގަނޑު ހިނގާފައި ދިޔައީވެސް އަދި އައީވެސް ފައިޖެހޭތަން ގުޑާވަރަށް ބާރަށެވެ. އަޅުގަނޑުގެ ގައިގައި ވަރުހުއްޓެވެ. ޒުވާން ޢުމުރެވެ. އޭރު އަތްޕުޅާއި، ފައިންޕުޅުގެ ބޭނުން ރަނގަޅަށް ނުކުރެއްވޭފަދަ ޙާލަތެއްގައި، މުސްކުޅި ބޭފުޅަކު ގޭގައި އޮންނަވައިގެން ލިޔުއްވަނީއެވެ. އަޅުގަނޑު "ލިޔުމުގެ ޚިޔާލީ ފޮލާ" ކައްކަނީއެވެ. އެރޭ ހިތަށް އެރިއެވެ. ލިބިފައިވާ ވަގުތާއި، ހުނަރާއި، ބާރުގެ ބޭނުން ނުކޮށް ތިބޭ އަޅުގަނޑުމެންފަދަ ކަންނެތް މީހުންނަކަށް ލިޔުންތެރިންނަކަށް ނުވެވޭނެއެވެ. ލިޔުންތެރިންނަށް ވެވޭނީ، ޢަބްދުއްރަޙީމުފަދަ ބޭފުޅުންނަށެވެ. އޭނާ ބައްލަވަނީ ހަށިކޮޅަކަށް ނޫނެވެ. ޢުމުރުފުޅަކަށް ނޫނެވެ. ހިތްޕުޅުގައި އޮތް ވަރުގަދަ ޝައުޤުވެރިކަމަކަށެވެ. ފެންދެއްވީ އެ ޝައުޤުވެރިކަމަށެވެ. ހަށިކޮޅުގެ ވަރު ދޫވަމުން ދިޔައިރުވެސް ޝައުޤުވެރިކަމުގެ ގަސް ދިޔައީ ހެދި ބޮޑުވަމުންނެވެ. އެގަސް މިލައި މޯޅިވިޔަކަ ނުދެއްވިއެވެ.

އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު ދުނިޔެ ދޫކޮށްފައި ވަޑައިގަތުމަކުން އޭނާގެ ހަނދާންތަކެއް ނުފިލާނެއެވެ. އޭނާ ދޫކުރައްވާފައި ވަޑައިގަތީ އަގުހުރި ފޮތްތަކެކެވެ. ލިޔުންތަކެކެވެ. އެއަށްވުރެ ބޮޑަށް ރީތި ނަމޫނާއެކެވެ. ލިޔުންތެރިން އެނަމޫނާގައި ހިފަހައްޓައިފިނަމަ، ކުރިއަށް ދިއުން ހަލުވިވެގެންދާނޭފަދަ ނަމޫނާއެކެވެ. އޭނާގެ މަސައްކަތްޕުޅުން އަޅުގަނޑަށް ލިބުނު ފިލާވަޅުގެ ފައިދާ ވަރަށް ބޮޑަށް ކުރިކަމުގައި އިޢުތިރާފުވަމެވެ.

      މާތް ﷲ އޭނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމްތަ މިންވަރު ކުރައްވައި، ދިވެހި ޤައުމަށްޓަކައި އޭނާ ކުރައްވާފައިވާ ދީނީ، އަދަބީ މަސައްކަތުގެ ހެޔޮ އުޖޫރަ ދެއްވާށިއެވެ. އާމީން

(ނިމުނީ)

ނޯޓު:
  
އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމުގެ މި ލިޔުން ފަންވަތަށް ލިބިފައިވަނީ 17 އޮކްޓޯބަރުގަ އެވެ. ވީމާ، އޭނާގެ ލިޔުމުގައި އޮން އަންނަނިވި ޖުމުލަ، ''ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު އިއްޔެ އަވަހާރަވެއްޖެއެވެ.'' މި ޖުމުލައިގައި އެވާ ''އިއްޔެ'' އަކީ، 16 އޮކްޓޯބަރުކަމަށް ލަފާކުރެވެ އެވެ.
ހަމަ އެހެންމެ މި ލިޔުމުގައި ހިމެނުމަށްޓަކައި މަރުޙޫމު ޢަބްދުއްރަޙީމުގެ ފޮޓޯއެއް ހޯއްދަވައި ފޮނުއްވައި ދެއްވީ، އަލްފާޟިލް ޙަސަން ޝާކިރު މުޙަންމަދު ކަމަށްވާތީ، މި ފުރުޞަތުގައި އޭނާއަށް ޝުކުރު ދަންނަވަމެވެ.
                                                           - މުޙައްރިރު -

ހަމަމިގަލަމުން

އިދާރާ

ވާހަކަ