އަދުގެ ޚާއްސަ

Print

ދިވެހި ސައްޔާޙެއްގެ ގަލަމުން.....ޕެރިސް (04)

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


އަދަބުއްރިޙްލާތު                                              11 އޮކްޓޯބަރު (އާދީއްތަ) އާ ގުޅޭ..

ޑރ. ޙަސަން ޙަމީދު


ކުރީ ޒަމާން ތަކުގައި ހަނގުރާމައިގައި ފަތަޙަ ލިބުމުން ބޯކު ބިނާކުރުމުގެ އިތުރަށް ކޮށް އުޅޭ އަނެއްކަމަކީ ބޮޑު ތަނބެއްގައި ހަނގުރާމަ ކާމިޔާބު ކުރި މިހާގެ ބުދެއް ނެގުމެވެ. މިއީ ރޫމީންގެ އާދައެވެ. މަޝްހޫރު ޔޫރަޕުގެ ހަނގުރާމަ އަކުން ކާމިޔާބުވުމުން، ނެޕޯލިއަންވެސް މިފަދަ ކަމެއް ކޮށްފައި ވެއެވެ. ވަރަށް އުސްކޮށް، ބޮޑު ތަނބެއް ހަދައި އޭގެ އެންމެ ކުރީގައި އޭނާގެ ބުދެއް ބެހެއްޓިއެވެ. ދެން އެ ހަނގުރާމައިން ޣަނީމާ ކުރެވުނު ހުރިހާ ބޮޑު ބަޑިއެއް ވިރުވާލާއިގެން އޭގެ ހުރިހާ ލޮއެއް ފަތްތަކަކަށް ހަދައި، އޭގައި ހަނގުރާމައިގެ މަންޒަރުތަކެއް ކުރަހައި ތަނބުގައި ވަށައިގެން ހަރުކުރިއެވެ.

 ދުނިޔޭގެ ސުންނަތާ އެއްގޮތަށް، ފަހުން އައި ބަޔަކު ނެޕޯލިއަންގެ ބުދު ވައްޓާލައިފައި ވެއެވެ. ދެން އައި ބަޔަކު އަނެއްކާ ނެޕޯލިއަންގެ އައު ބުދެއް ހަދާ ތަނބު މަތީގައި ހަރުކޮށްފައި ވެއެވެ. މި ތަނބުވެސް ހުންނަނީ ޕްލޭސް ވެންޑޯމް ގައެވެ. ލިޔުމަށް ޝައުޤު ހުންނަ މީހުން، މިފަދަ ތަނބުތަކަށް ޚާއްޞަ ސަމާލުކަމެއް ދީފާނެއެވެ. ރޫމީންގެ ރަސްކަލެއް ކަމުގައިވާ ޓްރާޖަން މިފަދަ ތަނބެއްގައި އޭނާގެ ބުދެއް ނަގާފައިވެއެވެ. އެ ތަނބުގެ ބުޑުގައި ލިޔެފައިވާ ލިޔުން ރީތިކަމުން، އެ ލިޔުން ކޮޕީ ކޮށްގެން ހެދި ފޮންޓަކީ އިނގިރޭސި ބަހުގައި އެންމެ ގިނައިން މިހާރު ބޭނުންކުރާ ފޮންޓެވެ. އާދެ! ޓައިމްސް ނިއު ރޯމަން އެވެ. 1900 އަހަރުވީ ޓްރާޖަން ތަނބު ހުންނަނީ ރޯމް ގައެވެ. މި ތަނބުގައިވާ ލިއުމަށް އެއްވެސް ބަދަލެއް ނުގެނެސް ހެދި ފޮންޓަށް ކިޔަނީ ޓްރާޖަން އެވެ. އެއީ ވެސް ވަރަށް ރީތި، އަދި މަޝްހޫރު އަކުރު ތަކެކެވެ.

ޕެރިހަށް އެންމެ ގިނަ މީހުން ދަތުރު ކުރާނީ އެތަނުގައިވާ އާޡާރީ ޢިމާރާތްތަކާއި ދާރުލްއާޘާރުތައް ބެލުމަށެވެ. މިކަމަކީވެސް ހައެއްކަ ދުވަހުން ނޫނީ ވާނޭ ކަމެއް ނޫނެވެ. ނަމަވެސް، ޕެރިސް މަޝްހޫރު ވެފައިވާ އަނެއްކަމަކީ ރީތިވާ ސާމާނާއި ފެޝަން އަށެވެ. ބައެއް މުއްސަނދިން މީހުން ޕެރިހަށް ދަތުރު ހަދަނީ ހަމައެކަނި ވިޔަފާރި ކޮށްލުމަށެވެ. ވިޔަފާރިކުރުމަށް އެންމެ މަޝްހޫރު މަގަކީ ބޫލެވާރޑް ހައުސްމަން ކިޔާ މަގެކެވެ. މިއީ ދެފަރާތުގައި ގަސް އިންދާފައިވާ ވަރަށް ފުޅާ މަގެކެވެ. މިތަނުގައި ދިހަ ބުރިއަށް ނަގާފައި ހުންނަ ފެޝަން ފިހާރަތައް ހުރެއެވެ. މި ފިހާރަތައް ބަލާލުމަށް ވަގުތު އަޅުގަނޑަކަށް ފުރުޞަތެއް ނުދިނެއެވެ. ނަމަވެސް، ޕެރިހުން އަޅުގަނޑަށް ފާހަގަ ކުރެވޭ ދެކަމެއް ދަންނަވާނަމެވެ. ޕެރިހުގެ މީހުންނަކީ، ވަރަށް ނަލަކޮށް ހެދުން އަޅާ އުޅޭބައެކެވެ. ޖީންސް ލައިގެން އުޅޭ މީހުން ފެންނަނީ ވަރަށް މަދުންނެވެ. ގިނަ މީހުން ތިބެނީ ވަރަށް ރީތި ވެގެންނެވެ. ހީވަނީ ކޮންމެ ދުވަހަކީވެސް، ކައިވެންޏެއް ފަދަ ތަނަކަށް ދާން ޖެހޭ ދުވަހެއް ހެނެވެ. ޕެރިހުން ފާހަގަ ކުރެވޭ އަނެއް ކަމަކީ މީހުން ފަލަ ނޫންކަމެވެ. އެމެރިކާގެ ކޮންމެ ތިންމީހެއްގެ ތެރެއިން އެކަކީ އެކަށީގެން ނުވާ ވަރަށް ފަލަ މީހެކެވެ. ނަމަވެސް، ޕެރިހުން ފަލަ މީހުން ފެންނަނީ މާލެއިން އެފަދަ މީހުން ފެންނަ ވަރަށް ވުރެ ވެސް މަދުންނެވެ. ޚާއްޞަކޮށް ދުވަސްވީ އަންހެނުން، ފަލަވުން ކޮންޓްރޯލްކޮށް، ރީތިވުމަށް ސަމާލުކަން ދީފައިވާތީ ފެނުނެވެ.


ދުނިޔޭގައި ހުންނަ އެންމެ ބޮޑު ދާރުލްއާޘާރު ހުންނަނީ ޕެރިހުގައެވެ. އަޅުގަނޑުގެ އެއް މަންޒިލަކީ އެ ތަނެވެ. ނަމަވެސް އެތަނަށް ދާ މަގުމަތިން، ވަރަށް ބަލަން ބޭނުން އެހެން ދާރުލްއާޘާރެއް އަޅުގަނޑު ހުރަސް ކުރީމެވެ. އެއީ ރޯޑިންގެ ދާރުލްއާސާރެވެ. ރޯޑިންއަކީ ފަރަންސޭސި ބުދު ހަދާ މީހެކެވެ. ސްކަލްޕްޗަރަރ އެކެވެ. ފަރަންސޭސިން މިފަދަ ބުދުތައް ދެކެނީ އާރޓް ނުވަތަ ފަންނެއްގެ ގޮތުގައެވެ. އަޅުކަން ކުރާ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. ރޯޑިންގެ އެންމެ މަޝްހޫރު އެއް ބުދަކީ "ދަ ކިސް" ނަމަކަށް ކިޔާ ބުދެކެވެ. މިި އާ ބެހޭ ގޮތުން އަޅުގަނޑަށް މަޢުލޫމާތު އެންމެ ފުރަތަމަ ލިބިފައިވަނީ މަދަރުސާ ދުވަސްވަރުއެވެ. މިއީ މި ބުދު ބަލާލުމަށް ލިބޭ ފުރުޞަތެކެވެ. ނަމަވެސް... ވަގުތެއް ނެތެވެ. ބުދުގައި ދެމީހުންގެ ތުންފަތް ޖެހިފައެއް ނުވެއެވެ. އެއީ އޭގެ އަސަރު ގަދަ އެއްކަން ކަމަށް ބައެއް މީހުން ފާހަގަ ކުރެތެވެ.

ކުރިން ދެންނެވިހެން އަޅުގަނޑުގެ މަންޒިލަކީ މި ފަހަރު ލޫވަރ މިޔުޒިއަމް އެވެ. އެއީ ދުނިޔޭގެ ދެވަނައެއް ނުވާފަދަ ދާރުލްއާޘާރެކެވެ. މީގެ 200 އަހަރަށް ވުރެ ކުރިން ހުޅުވި ތަނެކެވެ. ދުވާލަކު 15000 މީހުން މިތަނަށް ވަންނަ ކަމަށް ވެއެވެ. ހަތަރު ލައްކައެއްހާ ތަފާތު ތަކެތި އެތަނުގައި ވެއެވެ. މިތަކެތި އަތުރާފައިވަނީ ފަސްދޮޅަސް ހާސް އަކަމީޓަރުގެ ޖާގައެއްގައެވެ. އެއީ މާލޭގެ ހުޅަނގު ފަރާތުގައިވާ ސްޓޭޑިއަމްގެ ޖާގައިގެ ދެގުނައެވެ. މިތަނުގައި މުވައްޒަފުންގެ ގޮތުގައި 2000 މީހުން މަސައްކަތް ކުރެއެވެ. ލޫވަރ އަކީ ކުރީގައި ރަސްގެފާނުންގެ ގަނޑުވަރެވެ.

މިތަނަން ވަންނަ ތަން ހުންނަނީ ބިއްލޫރި އަހުރާމެއްގެ ތިރީގައެވެ. މި ބިއްލޫރި އަހުރާމަކީވެސް މަޝްހޫރު ފަންނާނެއްގެ އުފެއްދުމެކެވެ. އާދެ! ޗައިނާއަށް އުފަން ޕެއި ގެ އުފެއްދުމެކެވެ. އަހުރާމްގެ ބިތެއްގެ ދިގުމިނުގައި 115 ފޫޓު ހުރެއެވެ. އުސްމިނުގައި 70 ފޫޓު ހުރެއެވެ. މި އަހުރާމްގެ ބިއްލޫރިތައް ހަރުކުރެވިފައިވަނީ ހަމައެކަނި ބިއްލޫރިތައް ފިއްތުމަށް ބާރު ލިބޭ ގޮތަށް ސްޕޭސް ފްރޭމެއް ހަދައިގެންނެވެ. ތަނބެއް ނުހުރެއެވެ. ލޫވަރަށް ވަންނަނީ މިތަނުގެ އަޑިންލާފައެވެ.

ލޫވަރ މިއުޒިއަމްގައި މީހުން ދުނިޔޭގެ އުޅެން ފެށިއްސުރެ، މި ހާތަނަށް އާޘާރީ ތަކެތީގެ ގޮތުގައި ބޭނުންކޮށްފައިވާ ވަރަށްގިނަ ތަކެތި ހުއްޓެވެ. ެ. ތަން ބަހާފައިވަނީ 8 ބަޔަކަށެވެ. ކޮންމެ ބައެއްގައި އެ ބަޔަކާ ބެހޭ އަޞްލު ތަކެތި ހުއްޓެވެ. މި ސާލަކަށް އިހުގެ މިޞްރާ ބެހޭ ބައިގައި، އަޙުރާމްތަކުގެ ބައިތަކާއި ލިއުންތަކާއި ހިފާ ގެންގުޅޭ ތަކެއްޗާއި ބުދުތައް ހިމެނެއެވެ. މިއީ ދަސްކުރަން ބޭނުންވާ މީހުންނަށް، ޢިލްމު އުނގެނުމަށް ބޭނުންވާ ފަރުދުންނަށް، އަގުހުރި މަދަރުސާއެކެވެ. ފޮތްފޮތުން ފޮޓޯ ފެންނަ ތަކެތި ހަމަލޮލުން ބަލާލުމުގެ ފުރުޞަތު މި ތަނުން ލިބެއެވެ. އޭގެ ތެރޭގައި މަޝްހޫރު ކުރެހުންތަކާއި ބުދުތަކާއި އަދި އެހެނިހެން ތަކެތި ހިމެނެއެވެ. ލިޔެ ކޮޅުން ލާވަރަށް ވުރެ ގިނަ ތަކެއްޗެވެ. ބަލައި ފޫހިނުވާނޭ އާސާރުތަކެވެ.


ލޫވަރ ބަލާލުމަށް ދެތިން ދުވަސް ދާނެކަން ޔަޤީން އެވެ. އެހެންކަމުން، އަޅުގަނޑަށް ދެތިން ގަޑިއިރު ތެރޭގައި ބެލޭނީ، ފެންނާނީ ކޮން އެއްޗެއް ތޯއެވެ؟ ނަމަވެސް، ކިޔުންތެރިންނަށް ތަނުގެ ބައެއް ޚަޒާނާތައް ހާމަ ކޮށްލުމުގެ ގޮތުން ދެއެއްޗެއް ނަންގަނެލާނަމެވެ. އެކައްޗަކީ މިލޯ ގެ ވީނަސް ބުދެވެ. މީގެ އަގު ބިލިއަނެއްހާ ޑޮލަރު ވާނެ ކަންނޭނގެއެވެ. މިއީ އެ ހެދިމީހުންގެ ދުވަސްވަރު، އާދެ! މީގެ 2000 އަހަރު ކުރިން، މީހުން ބަލައިގަންނަ އެންމެ ފުރިހަމަ އަންހެނެއްގެ ސިފަތަކުގެ މައްޗަށް ބައްޓަންކޮށްފައިވާ ބުދެކެވެ. ބުދުގެ ވަށައިގެން ފަތުރުވެރިންތައް އެއްވެ ތިއްބެވެ. ކާރިވާނެ ފުރުޞަތެއް ލިބެނީވެސް މަދުފަހަރަކު އެވެ. ފޮޓޯ ނަގާ މީހުން ފޮޓޯ ނެގުމުގައި އަވަދި ނެތި އުޅެއެވެ. ލޫވަރގައި ވާ އަނެއް މަޝްހޫރު އެއްޗަކީ މޮނާ ލިސާގެ ކުރެހުމެވެ. މީގެ އަގަކީ 700 މިލިއަން ޑޮަލަރު ކަމުގައި ބުނެއެވެ. ސަމާސާ ހިނިތުންވުމެއް ވެފައިވާ އަންހެނެއްގެ މިފޮޓޯ ކުރަހާފައިވަނީ ލިއަނާޑޯޑި ވިންސި 1503 ވަނަ އަހަރުއެވެ. މި ކުރެހުމުގައި މޮނާ ލިސާގެ ބުމަޔެއް އެސްފިޔައެއް ނުހުރެއެވެ. ބަލަން އަންނަ މީހުންގެ ނުރައްކަލުން ސަލާމަތް ކުރުމަށް މި ކުރެހުން ހުންނަނީ ބިއްލޫރި އެއްޗެއްގެ ތެރޭގައެވެ. ބަލަން އަންނަ "މޮޔައިން" މި ފޮޓޯ ވަގަށް ނަގައި، މި އާ ދިމާއަށް ޖޯޑާއި އެހެނިހެއް އެޗިހި އުކާ ހަދާފައި ވެއެވެ. މި ކުރެހުން އެއް އިރެއްގައި ނެޕޯލިއަންގެ ނިދާ ކޮޓަރީގައި ބެހެއްޓިފައި ހުއްޓެވެ.

އެއް އިރަކު، ނެޕޯލިއަން ވެސް ދިރިއުޅުނީ ލޫވަރ ގައެވެ. އަޅުގަނޑު ކުރިން ދެންނެވިހެން، އެތަނަކީ ރަސްރަސްކަލުންގެ ގަނޑުވަރެކެވެ. ލޫވަރ ގެ ނެޕޯލިއަން ދިރިއުޅުނު އެޕާރޓްމަންޓަށް އަޅުގަނޑު ވަނީމެވެ. އެއީ ވަރަށް ފުރިހަމަ ތަނެކެވެ. ޑައިނިންގ ރޫމްގައި ރަނުން ހަދާފައިވާ ތަށިތަކާއި އެހެންވެސް އެފަދަ ތަކެތި އޭނާ އުޅުނުއިރު އަތުރާފައި ހުރިގޮތަށް ބަހައްޓާފައި ހުއްޓެވެ. ސިޓިންރޫމް ތަކާއި އެހެނިހެން ތަންތަން އޭރު ހުރި ގޮތަށް ތަރުތީބު ކޮށްފައި ހުއްޓެވެ. މި ތަންތަނުގެ ކުޑަދޮރުތަކާއި، ފަރުނީޗަރާއި، ކާރޕެޓްތައް.... ލޫވަރ މި ޔުޒިއަމްގެ ފުރިހަމަ ކަމާއި ތަކެތީގެ މުއްސަނދި ކަމާއި ފަންނުތަކުގެ މޮޅު ކަން އިޙްސާސް ކުރެވޭނީ އެތަން ދުށް ލޮލަކަށެވެ. މާގިނަ އެއްޗެއް ނުބެލި އުޅެނިކޮށް، ތަން ބަންދު ކުރާ ގަޑި ޖެހިއްޖެއެވެ. އާދެ! އިރު އޮއްސެނީއެވެ. ޕެރިހަށް ކުރި ދަތުރު ނިމުމަކަށް އަންނަނީއެވެ. މާދަމާ ހެނދުނަކީ އަޅުގަނޑު ޕެރިހުން ފުރާ ދުވަހެވެ.

އަޅުގަނޑުގެ ގަލަން މި ބާއްވަނީ ގަލަން ނެގިކަމުގެ ލަދުވެތިކަމުގައެވެ. ޚިޔާރު ކުރެވުނު ސުރުޚީއާ މެދު މޮޅި ވެގެންނެވެ. އަޅުގަނޑަކަށް ޕެރިހެއް ސިފައެއް ނުކުރެވުނެވެ. އެތަނުގެ މުހިންމު ތަންތަނުގެ މައްޗަށް ނަޒަރެއް ހިންގައެއް ނުލެވުނެވެ. ހިތަށް އަންނަނީ އަނދިރީގައި އޮތް އެތެއްގައި އަތްލި މީހުންގެ ވާހަކައެވެ. އާދެ! ޖަލާލުއްދީނު ރޫމީ ލިއުއްވި މަސްނަވީގައި ވެއެވެ. އަނދިރީގައި އޮތް އެތެއްގައި ހަތަރު މީހުންގެ އަތް ޖައްސުވައިފިއެވެ. ހޮނޑުގައި އަތްލިމިހާ ބުނީ އެއީ ކަށަވަރުން ބޮޑު ކުރައެއްގެ އުޅައްގަނޑު ކަމަށެވެ. ފައިގައި އަތްބީއްސި މީހާ ބުނީ އެއީ ތަނބެއް ކަމަށެވެ. ކަންފަތުގައި އަތްލި މީހާ ބުނީ އެއީ ފަންކާއެއް ކަމަށެވެ. ފޫކޮޅުގައި އަތްލިމީހާ ބުނީ އެއީ ތަޚުތެއް ކަމަށެވެ. ޕެރިސް އަޅުގަނޑަށް ސިފަކުރެވުނީ އަޅުގަނޑަށް އެތަން ފެނުނު ގޮތަށެވެ. އަޅުގަނޑުގެ ޙިއްސުތަކުން ދިން މަޢުލޫމާތާ އެއްގޮތަށެވެ. ތިބާ އެތަނަށް ވަޑައިގެންފިނަމަ، ފެނިވަޑައިގަންނަވާާނޭ ކަންތައްތައް ތަފާތުވާނެއެވެ. ޕެރިހަކީ އެތް ކަމުގައި ވެފައި އަޅުގަނޑަކީ އޭގައި އަތްލި މީހެއް ކަމަށް ދެކެވަޑައިގަންނަވާށެވެ! އަޅުގަނޑަށް ޕެރިސް މި ސިފަކުރެވުނީ ޙަޤީޤަތާ ދުރު ފެން ގޮތަކަށް ވެދާނެ ކަމަށް އެންމެ ފުރަތަމަ ޤަބޫލު ކުރަނީ އަޅުގަނޑެވެ.


މުޙަންމަދު އަމީނު، ފަރަންސޭސި ވިލާތާ ބެހޭ ގޮތުން އޭނާ ލިއުއްވި މަޒުމޫނު ނިންމަވާލެއްވީ، އަންނަނިވި ޢިބާރާތް ކޮޅުންނެވެ. އަޅުގަނޑަށް ވުރެ ބޮޑަށް މުޙަންމަދު އަމީނަށް ޕެރިސް ފެނިވަޑައިގެންފައި ވެއެވެ. އޭނާ ވަޑައިގަތީ ހަމައެކަނި ޕެރިހަކަށް އެކަންޏެއް ނޫނެވެ. ފަރަންސޭސި ވިލާތުގެ މާސޭ އާއި ނީސްއަށް ވެސް ވަޑައިގެން ކަމަށް އޭނާގެ މަޒުމޫނުގައި ވެއެވެ. އަދި ނަން ނުގެންނަވާ އެހެން ސިޓީތައް ބެއްލެވިކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ. އެހެންކަމުން ފަރަންސޭސި ވިލާތާ މެދު އޭނާއަށް ނިންމުން މާ ފުރިހަމަވާނޭ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. "ފަރަންސޭސިންނަކީ، މީހުންނަށް ހެޔޮ އަދަބު ވެރި ބައެކެވެ. ބަނިޔާދަން ނަލަ ބައެއް ވެސް މެއެވެ. ފަރަންސޭސި ބަހަކީ، ދުނިޔޭގެ އެންމެ ރީތި އެއްބަސް ކަމުގައި ބުނެވޭ ބަހެކެވެ. އާދޭހެވެ! ފޮނި މިޔުޒިކީ ބަހެކެވެ. ފަރަންސޭސި ވިލާތަށް އެއްފަހަރު ދިޔަ މީހަކު، ދެވަނަ ފަހަރަށް ދާހިތްވާނޭ ކަމާއިމެދަކު ޝައްކެތް ނެތެވެ. އާދޭހެވެ! އެއް ސަބަބަށް ވުރެ ގިނަ ސަބަބު ތަކަށްޓަކައެވެ."

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ