އަދުގެ ޚާއްސަ

Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (5)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


ފަލަސްޠީނު އިނގިރޭސީންގެ މޭންޑޭޓެއްގެ ގޮތުގައި (ހ)

12 ނޮވެމްބަރ ( ބުރާސްފަތި ) އާ ގުޅޭ...

އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

އިނގިރޭސީންގެ އަތްދަށަށް ފަލަސްޠީން ދިޔައީ ކުރީ ބާބުގައިވެސް ދެންނެވިފައި ވާނޭ ފަދައިން ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1917 ވަނަ އަހަރުއެވެ. މިއީ ފަލަސްޠީނާއި ޔަހޫދީ ދައުލަތުގެ ތާރީޚުގެ އެންމެ މުހިއްމު އެއް ޙާދިސާއެވެ. ޒައިނިސްޓުންގެ ހުވަފެން ޙަޤީޤަތަކަށް ވެގެން ދިޔުމަށްޓަކައި ހުޅުވުނު އެންމެ މުހިއްމު ދޮރެވެ. ކުރީ ބާބުގައިވެސް ދެންނެވިފައި ވާނޭ ފަދައިން އިނގިރޭސި ވިލާތުގެ މޭންޑޭޓް ކަމުގައި މިހާރު އަޅުގަނޑުމެން ފަލަސްޠީނޭ މި ކިޔާ ބިމާއި ޓްރާންސްޖޯރޑަނާއި ޢިރާޤު ހަމަޖެހުނީ 1920 ވަނަ އަހަރުއެވެ. މި ދެންނެވި ބިންތައް މޭންޑޭޓްގެ ގޮތުގައި އިނގިރޭސީންނާ ޙަވާލުކުރީ ލީގް އޮފް ނޭޝަންސްގެ ފަރާތުންނެވެ.
މި ޒަމާނުގެ ތާރީޚުގެ އަހުލުވެރީންނަށް އޮޅިވަޑައިގެންފައި ނޯންނާނޭ ފަދައިން ލީގް އޮފް ނޭޝަންސް އަކީ ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހުގައި ޔޫރަޕްގެ ބޮޑެތި ބާރުތައް ގުޅިގެން އުފެއްދި ބައިނަލް އަޤުވާމީ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާ އުފެއްދުމުގައި އިސްވެ ތިބި ޔޫރަޕްގެ ކްރިސްޓިއަން ބާރުތަކުގެ ވެރީން ދަޢުވާކުރި ގޮތުގައި ޖަމްޢިއްޔާގެ މަޤުޞަދަކީ ދުނިޔޭގައި ސުލްހައާއި އަމަންއަމާންކަން ދެމެހެއްޓުމެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ހަނގުރާމައާއި ހަމަނުޖެހުންތަކަށް ބަދަލުވެގެން ނުދަނީސް އެފަދަ ދެބަސްވުންތައް ޙައްލުކުރުމެވެ. ނަމަވެސް ބޯމަތީގައި ވިލާ ހިނގާނުހިނގާގޮތާ މެދުގައި ވިސްނުން ހިންގާ އެންމެހައި މުސްލިމުން އިއްތިފާޤުވާ ގޮތުގައި ލީގް އޮފް ނޭޝަންސްގެ ފަހަތުގައި ފޮރުވިފައިވާ އެހެން އޭޖެންޑާއެއް އޮތެވެ. އެ އޭޖެންޑާއަކީ ޢުޘްމާނީ ދައުލަތް އުވިގެން ދިޔުމަށްފަހު މުސްލިމުން އަލުން އެއްގަލަކަށް އަރައި ވަރުގަދަ ދައުލަތެއްގެ ގޮތުގައި ހިންދެމިލާނޭ ފުރުސަތު ނުލިބޭނޭ ގޮތަށް ބައިނަލް އަޤުވާމީ މަސްރަޙު ބައްޓަން ކުރުމެވެ. ޢުޘްމާނީންގެ ބާރުގެ ދަށުގައި އޮތް ޢަރަބި މުސްލިމުންގެ ބިންތައް ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހުގައި މޭންޑޭޓްތަކުގެ ގޮތުގައި ޔޫރަޕްގެ ކްރިސްޓިއަން ބާރުތަކާ ޙަވާލު ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ މި ދެންނެވި އޭޖެންޑާ ފުރިހަމަ ކުރުމެވެ. ހަމައެހެންމެ އިނގިރޭސީންގެ ބެލުމުގެ ދަށުން، ލީގް އޮފް ނޭޝަންސްގެ މަޝްވަރާއާއި އިރުޝާދާވެސް އެކުގައި ފަލަސްޠީނުގައި ޔަހޫދީ ދައުލަތް އުފެއްދުމުގެ މަސައްކަތް ކުރަން ރޭވިގެން ދިޔައީވެސް މި ދެންނެވި އޭޖެންޑާގެ ބައެއްގެ ގޮތުގައެވެ.
 
މޭންޑޭޓްގެ ގޮތުގައި ފަލަސްޠީނުގެ ބިން އިނގިރޭސީންނާ ޙަވާލުކުރުމުގެ ފުރަތަމަ ފިޔަވައްސަކީ 1920 ވަނަ އަހަރުގެ އޭޕްރިލް މަހު އިޓަލީ ވިލާތުގެ ސާން ރީމޯގައި ބޭއްވުނު ކޮންފަރެންސެވެ. ސާން ރީމޯގައި އިނގިރޭސިވިލާތުގެ ބެލުމުގެ ދަށަށް ފަލަސްޠީނު ދޫކުރުމާ ބެހޭގޮތުން ލީގް އޮފް ނޭޝަންސްގެ އިސް މެމްބަރުން އެއްބަސްވުމަކަށް އައެވެ. މި އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި ލީގުގެ ޚާއްސަ ޤަރާރު ނެރުނީ 1922 ވަނަ އަހަރުއެވެ. މި ޤަރާރުގެ ތަމްހީދުގައި ބެލްފޯރ ޑެކްލަރޭޝަންވެސް ހިމެނިފައި ވެއެވެ. ކުރީ ބާބުގައި ދެންނެވިފައި ވާނޭ ފަދައިން ބެލްފޯރ ޑެކްލަރޭޝަނަކީ ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފައްދައިދޭން އިނގިރޭސި ސަރުކާރުން ޔޫރަޕްގެ ޒައިނިސްޓުންނަށް 1917 ވަނަ އަހަރު ވީ އިޤުރާރެވެ. ލީގް އޮފް ނޭޝަންސްގެ ޤަރާރުގެ 4 ވަނަ މާއްދާގައި ބަޔާންކުރެވިފައި އޮތް ގޮތުން ޔަހޫދީ ދައުލަތް އުފެއްދުމުގެ މަސައްކަތް އިނގިރޭސި ވިލާތުގެ ސަރުކާރުން ކުރަމުން ގެންދާނީ ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަންގެ އިރުޝާދާއި އެހީތެރިކަމާ އެކުގައެވެ. ހަމައެއާއެކު އެކި ޤައުމުތަކުން ފަލަސްޠީނަށް ހިޖުރަކުރާ ޔަހޫދީންގެ ކަންތައްތައް އިންތިޒާމުކުރުންވެސް މި ޤަރާރުގެ ދަށުން އިނގިރޭސީންނާ ރަސްމީގޮތުން ޙަވާލު ކުރެވުނެވެ. އެއިރު ފަލަސްޠީނުގައި ފަލަސްޠީނީ ޢަރަބީންގެ މިލިއަނެއްހައި މީހުން ތިބުމާއި، ފަލަސްޠީނީ ޢަރަބީންގެ ނިސްބަތަކީ މުޅި ޤައުމުގެ އާބާދީގެ 90 އިން ސައްތަ ކަމުގައި ވުމާ އެކުވެސް ލީގް އޮފް ނޭޝަންސްގެ ދިގު ޤަރާރުގައި "ފަލަސްޠީނީ ޢަރަބީން" މި ނަންވެސް ބަޔާންކުރެވިފައެއް ނުވެއެވެ. މާނައަކީ ފަލަސްޠީނީ ޢަރަބީންނާއި މުސްލިމުންގެ ޙައްޤުތަކަށް ލީގް އޮފް ނޭޝަންސްގެ ފަރާތުން އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމެވެ. މި ހިސާބުން އަޅުގަނޑު ހަނދާނަށް އަންނަނީ ކުރީ ބާބުގައި ގެނެވިފައިވާ އިނގިރޭސި ވިލާތުގެ އެއިރުގެ ޚާރިޖީ ވަޒީރު ބެލްފޯރގެ ބަސްފުޅުތަކެވެ. ""މި މައްސަލައާ ގުޅޭގޮތުން ފަލަސްޠީނުގެ ވަޒަންވެރީންނާ އެއްވެސް ވަރަކަށް ވާހަކަ ދައްކައި މަޝްވަރާ ހޯދާކަށް އަހަރެމެން އެއްގޮތަކަށްވެސް ގަސްތެއް ނުކުރަމެވެ. ދުނިޔޭގައި މިހާރު އޮތް މުހިއްމު ހަތަރު ބާރު އޮތީ ޒައިނިޒަމާ އެއްކޮޅަށެވެ. ހަމަ އެހެންމެ ޒައިނިޒަމަކީ ރަނގަޅު ފިކުރެއްތޯ ނުވަތަ ނޫންތޯ ބަލާކަށް އަހަރެމެން ބޭނުމެއް ނޫނެވެ. އަހަރެމެންނަށް އެނގޭ ކަމަކީ އެއީ ޤަދީމީ ޘަޤާފަތެއްގެ މަތީގައި ބިނާކުރެވިފައިވާ ވިސްނުމެއް ކަމެވެ. ފަލަސްޠީނުގައި އުޅެމުން ގެންދާ 7 ލައްކަ ޢަރަބީންގެ އެދުންތަކާ ތަޢައްޞުބަށްވުރެ މާ މުހިއްމު ބޭނުންތަކަކާއި ހުވަފެންތަކަކަށްޓަކައި އުފެދިފައިވާ ފިކުރެއް ކަމެވެ."

އިނގިރޭސީންގެ މޭންޑޭޓްގެ ދަށަށް ފަލަސްޠީނު ދިޔުމަށްފަހު އެ ޤައުމުގައި އިނގިރޭސި ހައި ކޮމިޝަނެއް ޤާއިމު ކުރެވުނެވެ. ކޮމިޝަންގެ އިސް ބޭފުޅެއްގެ މަޤާމު ފުރަތަމަ ފުރުއްވީ އިނގިރޭސި ވިލާތުގެ ޔަހޫދީއެއް ކަމުގައިވާ ސަރ ހާރބަރޓް ސެމުއެލްއެވެ. މޭންޑޭޓް ހައި ކޮމިޝަންގެ ފަރާތުން ފަލަސްޠީނުގެ ކަންތައްތައް ބަލަހައްޓަން ފެށީ ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަންގެ ޢަމަލީ ބައިވެރިވުމާއި ލަފަޔާއި އިރުޝާދާ އެކުގައެވެ. އެއީ ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން ލީގް އޮފް ނޭޝަންސްގެ މޭންޑޭޓް ޤަރާރުގެ 4 ވަނަ މާއްދާގެ ދަށުންނެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެއިރު ޒައިނިސްޓް އޯރގަނައިޒޭޝަންގެ ޙަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިނގަމުން އައީ ޔޫރަޕްގައެވެ. ޖަމްޢިއްޔާގެ އިސް ބޭފުޅުންވެސް ތިއްބެވީ ޔޫރަޕްގައެވެ. ނަމަވެސް ފަލަސްޠީނުގައި އިނގިރޭސި މޭންޑޭޓް ހައި ކޮމިޝަނާ އެކުގައި މަސައްކަތް ކޮށް، ޒައިނިސްޓުންގެ އޭޖެންޑާއާ އެއްގޮތަށް ކަންތައްތައް ކުރިޔަށް ގެންދިޔުމަށްޓަކައި ފަލަސްޠީނުގައި ޒައިނިސްޓް އޯރގަނައިޒޭޝަންގެ ޚާއްސަ އިދާރާއެއް ހުޅުވުނެވެ. މި އިދާރާގެ އިސް ވެރިއެއްގެ މަޤާމަށް ޢައްޔަން ކުރެވުނީ ޑޭވިޑް ބެން ގޫރިއަންއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ބެން ގޫރިއަނަކީ އިޒްރޭލުގެ ފުރަތަމަ ބޮޑު ވަޒީރެވެ. އިނގިރޭސި ސަރުކާރާ ވީހާވެސް ކައިރިން މަޝްވަރާ ކުރަމުން ގެންދިޔުމަށްޓަކައި ޒައިނިސްޓް އޯރގަނައިޒޭޝަންގެ ރައީސް ޑރ. ކާއިމް ވެއިޒްމަން ހުންނެވީ އިނގިރޭސި ވިލާތުގެ ލަންޑަންގައެވެ. އިނގިރޭސި ވިލާތަށް އުފަން، ޔުނިވަރސިޓީ އޮފް މެންޗެސްޓަރގައި ބަޔޯކެމިސްޓްރީ ޕްރޮފެސަރެއްގެ ގޮތުގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ، އަދި ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސި އަސްކަރިއްޔާއަށް ހަތިޔާރު ތަރައްޤީކުރުމާ ބެހޭގޮތުން މަޝްވަރާދޭ ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ވެއިޒްމަނަކީ އިޒްރޭލް އުފެދުމަށްފަހު އެ ޤައުމުގެ އެންމެ ފުރަތަމަ ރައީސްގެ މަޤާމު ފުރުއްވި ބޭފުޅާއެވެ. އޭނާއަކީ ޢަރަބީންގެ އިޙުސާސްތަކަށް އެއްވެސް ބެއްލެވުމެއް ނެތި އެރެޓްޒް ޔިޒްރާއީލްގެ ދިދަ ހިއްޕަވައިގެން ޔޫރަޕްގެ ކަންކޮޅުތަކުގައި ވަރުބަލިކަމެއް ނެތި ހިންގަވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. ހަރުކަށިކަމުގައި ޔަހޫދީންގެ ކުރީ ސަފުތަކުގެވެސް ކުރިޔަށް ނިކުމެ ހުންނެވި ބޭފުޅެކެވެ. އެހާމެ ޤާބިލު އަދި ވިސްނުންތެރި ލީޑަރެއް މެއެވެ.
 
އިނގިރޭސީންގެ ބެލުމުގެ ދަށުން ޔަހޫދީ ދައުލަތް އުފެއްދުމަށްޓަކައި އެންމެ ފުރަތަމަ އެޅުނު އެއް ފިޔަވަޅަކީ ފަލަސްޠީނުގައި އުފެދިފައިއޮތް ޔަހޫދީ މުޖުތަމަޢު ނުވަތަ "ޔިޝޫވް" ގެ ސިޔާސީ ކަންތައްތައް ހިންގުމަށްޓަކައި ޚާއްސަ އެސެމްބްލީއެއް އެކުލަވާލުމެވެ. ވާދް ލިޔުމީ ގެ ނަމުގައި އުފެދިގެން ދިޔަ މި އެސެމްބްލީއަކީ ރައްޔިތުންގެ މަޖިލީހެއް ކަހަލަ ޖިސްމެކެވެ. މި އެސެމްބްލީއަށް މެމްބަރުން ހޮވުނީ ޔިޝޫވްގައި އެއިރު އޮތް ސިޔާސީ ޕާރޓީތަކުގެ މެމްބަރުން ވާދަކުރި އިންތިޚާބެއްގައި ރައްޔިތުންގެ ވޯޓަކުންނެވެ. ވާދު ލިޔުމީ އެކުލަވާލުމަށްފަހު، އިޖުތިމާޢީ ތަރައްޤީއަށްޓަކައި މިނިވަން ދައުލަތެއްގައި ހުންނަން ޖެހޭ އެހެނިހެން މުއައްސަސާތައް އުފެއްދުމާއި އިންތިޒާމުތައް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިޔަށް ގެންދެވުނެވެ. އެގޮތުން "ހިސްތަދްރުތް" ގެ ނަން ދެވިފައިވާ ޚާއްސަ މުއައްސަސާއެއްގެ ބެލުމުގެ ދަށުން ހަސްފަތާލުތަކާއި އާ ސްކޫލް ނިޒާމަކާއި ޤައުމުގެ އިންޑަސްޓްރިއަލް ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނޭ ޚާއްސަ އިންތިޒާމުތައް ކުރެވެމުން ގެންދިޔައެވެ. ކުރީ ބާބުގައި ދެންނެވިފައި ވާނޭ ފަދައިން 1880 އިގެ އަހަރުތަކުގެ ތެރޭގައި ޔިޝޫވްގެ ބިންގާ އެޅުމާއެކު ޔަހޫދީން ވަނީ ތަޢުލީމު ފެތުރުމަށްޓަކައި މަދަރުސާތައް ބިނާކޮށްފައެވެ. ހިސްތަދްރުތްގެ ފަރާތުން އެ ނިޒާމު ވަރަށް ބޮޑަށް ފުޅާކޮށް ހަރުދަނާ ކުރިއެވެ. މި މަޝްރޫޢުގެ ދަށުން 1925 ވަނަ އަހަރު ހިބްރޫ ޔުނިވަރސިޓީގެ ބިންގާ އެޅިގެން ދިޔައެވެ. ޓެކްސް ނިޒާމެއް ޤާއިމު ކުރެވި އަދުލު އިންސާފުގެ ކަންތައް ބަލަހައްޓާނޭ ޤާނޫނީ ނިޒާމެއް އެކުލަވާލެވިގެން ދިޔައެވެ. މިގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ 1921 ވަނަ އަހަރު މަޝްހޫރު "ހަގާނާ" އުފެދިގެން ދިޔަ ދިޔުމެވެ.
ޒައިނިސްޓުންނާއި ޒައިނިސްޓުންގެ އެކުވެރީން މިއަދާ ހަމަޔަށްވެސް ދައުވާކުރާ ގޮތުގައި ހަގާނާ އަކީ "ޢަރަބި ޓެރަރިސްޓުން" ޔަހޫދީންގެ އާބާދީތަކަށް ދެމުން ގެންދިޔަ "ޓެރަރިސްޓް" ޙަމަލާތަކުން ޔަހޫދީން ޙިމާޔަތް ކުރުމަށްޓަކައި އުފެއްދުނު ދިފާއީ ފައުޖެކެވެ. އާއްމުކޮށް ބާޒާރުން ލިބޭ ތާރީޚު ފޮތެއް ނަންގަވައިގެން ހަގާނާއާ ބެހޭގޮތުން ލިޔެފައިވާ ބާބު ވިދާޅުވެލައްވައިފިނަމަ ފެނިވަޑައިގަންނަވާނީ އެ ޖަމާޢަތް އުފެދުނީ ޢަރަބި ގޭންގުތަކުގެ ނުރައްކަލުން ޔަހޫދީ އާބާދީތައް ހިމާޔަތް ކުރަން އެކަށީގެންވާގޮތެއްގައި އިނގިރޭސިން މަސައްކަތް ނުކުރާތީ އަމިއްލަ ނަފުސުތަކާއި މުދާ އަމިއްލައަށް ހިމާޔަތް ކުރުމަށްޓަކައި ޔަހޫދީ ލީޑަރުން މަޝްވަރާކޮށްފައި އުފެއްދި ޖަމާޢަތެއް ކަމުގައެވެ. ނަމަވެސް ޙަޤީޤަތަކީ ވަރަށް އާއްމުކޮށް ކަންތައް އޮންނަ ފަދައިން ހުޅަނގުގެ މީޑިޔާއިން ދުނިޔެއަށް ދައްކާ މަންޒަރާ ވަރަށް ތަފާތު މަންޒަރެކެވެ. ޙަޤީޤަތަކީ ހަގާނާގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަންތައްތަކަކީ ގެދޮރުން ބޭރުކޮށް ހާލުގައި ޖައްސާފައި ތިބި ޢަރަބީން އެ މީހުންގެ ޙައްޤުތައް ހޯދަން ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓުވުމާއި، ޢަރަބީންގެ ހިތްތަކުގައި ޔަހޫދީންނާ މެދުގައި ބިރުވެރިކަމާއި ޖެހިލުންވުން އުފެއްދުމާއި، ޢަރަބީންގެ އަވަށްތައް ހަލާކުކޮށް އެ އަވަށްތައް ޔަހޫދީ ވަޒަންވެރީންނަށްޓަކައި ހުސްކުރުމެވެ. 1937 ވަނަ އަހަރާ ހަމަޔަށް ސިއްރު ޖަމާޢަތެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން ގެންދިޔަ ހަގާނާގެ ބިންގާ އެޅުއްވީ ފަލަސްޠީނުގައި އޮތް ޒައިނިސްޓް އޯރގަނައިޒޭޝަންގެ ލީޑަރ ޑޭވިޑް ބެން ގޫރިއަންގެ ބެއްލެވުމުގެ ދަށުންނެވެ. ޖަމާޢަތުގެ ފުރަތަމަ ފީލްޑް ކޮމާންޑަރަކީ ލަޑީމިއަރ ޖެބޮޓިންސްކީއެވެ. ހަގާނާ އުފެދުނީއްސުރެ އެ ޖަމާޢަތުގެ ޓެރަރިސްޓުން ގެންދިޔައީ ފަލަސްޠީނުގެ ޢަރަބި މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންނެވެ. އެ ޢަމަލުތަކުގެ ތަފްސީލުތަކަށް ދާން ވެއްޖެނަމަ އެތައް ސަފުހާއެއް ކަޅިކޮށްލަން ޖެހޭނެތީ އެ ތަފްސީލުތައް ދޫކޮށްލަމެވެ.

އިނގިރޭސީންގެ ވެރިކަމުގެ ދަށުގައި ޔަހޫދީންގެ މުޖުތަމަޢުގައި ދައުލަތެއްގެ ސިފަ ޖެހެމުން ދިޔައިރު ފަލަސްޠީނީ ޢަރަބީން ތިބީ ވަމުން މިދަނީ ކިހިނެއްކަން އެނގި އެބައިމީހުންގެ ޙައްޤުތަކުގެ ދިފާޢުގައި ތެދުވެއެވެ. ނަމަވެސް ވަރަށް ގިނަ ސަބަބުތަކަކާހުރެ އެކަށީގެންވާ ގޮތެއްގައި ޔަހޫދީންނާ ދެކޮޅަށް ހަރަކާތްތެރިވާން އެބައިމީހުން ތިބީ ނުކުޅެދިފައެވެ. އެ ސަބަބުތަކުގެ ތެރޭގައި ހަރުދަނާ ޒައާމަތެއް ނެތުމުގެ މައްސަލައާއި، ސިޔާސީގޮތުން ތަސައްރަފު ނުފުދުމުގެ މައްސަލައާއި، ސައެންސާއި ޓެކްނޮލޮޖީއާއި އިލްމީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޔަހޫދީންނަށްވުރެ ފަހަތުގައި ތިބުމުގެ މައްސަލައާއި، ބޮޑެތި ޢަރަބި ޤަބީލާތަކުގެ މެދުގައި އޮތް ކޯޅުންތައް ހިމެނެއެވެ.

އަނެއްކޮޅުން އިނގިރޭސީން ގެންދިޔައީ ފަލަސްޠީނީ ޢަރަބި މުސްލިމުންގެ ތެރޭގައި އިޖުތިމާޢީ، ސިޔާސީ އަދި ދީނީ މައްސަލަތައް އުފައްދަމުންނެވެ. މި ސިޔާސަތުގެ ދަށުން މޭންޑޭޓް ހައި ކޮމިޝަނަރ ސެމުއަލް އެޅުއްވި އެންމެ މުހިއްމު އެއް ފިޔަވަޅަކީ 1921 ވަނަ އަހަރު އަލްޤުދުސްގެ އިސް މުފްތީ އަދި ފަލަސްޠީނުގެ ސުޕްރީމް މުސްލިމް ކައުންސިލްގެ ވެރިކަމަށް އަލްޙާއްޖު އަމީން އަލްޙުސައިނީ ޢައްޔަން ކުރުމެވެ. މި މަޤާމުތަކަށް ބޭފުޅަކު ހޮވާގޮތަށް އޮތީ ހުށަހެޅޭ ތިން ނަމެއްގެ ތެރެއިން މުސްލިމް ޢިލްމުވެރީންނާއި އިސް ބޭފުޅުންގެ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެފައި، ހުށަހެޅުނު ތިން ބޭފުޅުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބިވަޑައިގަތީ އަމީނަށް ކަމުގައި ވުމާއެކުވެސް އިނގިރޭސީން އޭނާއަށް އެ މަޤާމުތައް ދިނީ ކީއްވެގެންކަން ކިޔައިދިނުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

އަލްޙާއްޖު އަމީން އަލްޙުސައިނީއަކީ ޤުދުސްގައި އޮތް ބޮޑު ޢަރަބި ދެ ޤަބީލާގެ ތެރެއިން ޙުސައިނީ ޤަބީލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއަކީ ހަރުކަށި ކަމުގައި ހައްދުފަހަނައަޅާފައި ހުންނެވި، ޔަހޫދީންނަށް ނަފްރަތު ކުރެއްވުމުގައި ލާމަސީލު، ދީނީގޮތުންނާއި އަޚުލާޤީގޮތުން ބަނގުރޫޓުވެފައި ހުންނެވި ބޭފުޅެކެވެ. އެފަދަ ބޭފުޅަކު ފަލަސްޠީނުގެ މުސްލިމުންގެ ވެރިކަމަށް ގެނައުމުގައި އިނގިރޭސީންގެ މަޤުޞަދަކީ ކޮބައިތޯ މިއީ އުފެދޭ ސުވާލެކެވެ. ބެލެވޭގޮތުގައި އިނގިރޭސީންގެ މި ފާސިދު ނިންމުމުގެ މަޤުޞަދަކީ ޢަރަބި މުސްލިމުންގެ މަސްލަހަތު ގެއްލުވާލައި، ހަރުދަނާ ޒައާމަތެއްގެ ހިޔާވަހިކަމުން އެމީހުން މަހުރޫމުކޮށް، މުސްލިމުންނާއި އިސްލާމް ދީނުގެ ނަމާއި މޫނުމަތި ހުތުރު ކުރުމެވެ. އެބައިމީހުންގެ ޙައްޤުތައް ހޯދަން މަސައްކަތް ކުރާނޭ ހަރުދަނާ ލީޑަރޝިޕެއް އުފެދުމުގެ ދޮރު ބަންދު ކުރުމެވެ. ކަންތައް ވެގެން ދިޔައީވެސް މި ގޮތަށެވެ. ޢަރަބި މުސްލިމުންގެ ތެރެއިން މުފްތީ އަމީނާ ދެކޮޅު މީހުންނާ އޭނާއަށް ތާއީދުކުރާ މީހުންނާ ދެމެދުގައި އުފެދުނު ހަމަނުޖެހުންތަކުގައި މުސްލިމުންގެ އަތުން މުސްލިމުންގެ އެތައް ބަޔެއްގެ ލޭ އޮހޮރުވާލެވުނެވެ. އަދި އަމީންގެ ޒައާމަތުގައި ޢަރަބި މުސްލިމުންގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި އެޅުނު ހަރުދަނާ އެއްވެސް ފިޔަވަޅެއް ނެތެވެ.

ޢަރަބި މުސްލިމުންގެ ފަރާތުން މޭންޑޭޓް ހައި ކޮމިޝަނާ މުޢާމަލާތު ކުރުމަށްޓަކައި 1920 ވަނަ އަހަރު ވައްތަރެއްގެ ކޮމިޓީއެއްވެސް އެކުލަވާލެވުނެވެ. މި ކޮމިޓީގެ ވެރިއަކަށް ހުންނެވީ މުފްތީ އަމީންގެ ތިމާގެފުޅު ބޭފުޅެއް ކަމުގައިވާ މޫސާ ކާޒިމް އަލްޙުސައިނީއެވެ. ނަމަވެސް މި ކޮމިޓީގެ މެންބަރުންނަށްވެސް އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އެމީހުން ކުރި ކަމަކީ ދޭތެރެ ދޭތެރެއިން މުޒާހަރާތައް އިންތިޒާމުކޮށް ހަޅޭއްފަޅޭއްލަވަމުން މަގުމަތީގައި ހިނގާނެ މީހުން މަގުމައްޗަށް ނެރުމާއި، ބައްދަލުވުންތައް ބާއްވައި އެ ވާހަކަތަކަކުން ނަތީޖާއެއް ނުނުކުންނަ ބޭކާރު ވާހަކަތައް ދެއްކުމެވެ. 1934 ވަނަ އަހަރު މޫސާ ކާޒިމް އަވަހާރަވުމުން މި ކޮމިޓީއެއްގެ ހަރަކާތްތައް ހުއްޓުނީއެވެ. އެއަށްފަހު ކޮމިޓީގެ މެމްބަރުން ޔަހޫދީން ކޮޕީ ކޮށްގެން ސިޔާސީ ޕާރޓީތަކެއް ކަހަލަ ބައިގަނޑުތަކެއްވެސް ހެދިއެވެ. މި ބައިގަނޑުތައް އޮތީ ނުފޫޒުގަދަ މީސްމީހުން އެބައިމީހުންގެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރީން އެއް ވަލަކަށް މަހައިގެން ތިމާމެންގެ އަމިއްލަ އެދުންތައް ފުއްދަން ބޭނުންކުރާ އާލާތްތަކެއްގެ ގޮތުގައެވެ. މި ކަހަލަ ގޮތަކަށް އުފެދުނު ބައިގަނޑުތައް އެކުވެގެން 1936 ވަނަ އަހަރު އެރެބް ހަޔަރ ކޮމިޓީގެ ނަމުގައި އަނެއްކާވެސް ޚާއްސަ ކޮމިޓީއެއް އުފެއްދުނެވެ. މި ކޮމިޓީގެ ރައީސަކަށް ހަމަޖެހުނީ މުފްތީ އަމީން އަލްޙުސައިނީއެވެ.
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ