އަދުގެ ޚާއްސަ

Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (6)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ

ފަލަސްޠީނު އިނގިރޭސީންގެ މޭންޑޭޓެއްގެ ގޮތުގައި (ށ)


28 ނޮވެމްބަރ (ހޮނިހިރު )އާ ގުޅޭ...

އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

ދެން އަޅުގަނޑު ވާހަކަ ދައްކާލަން ގަސްތު ކުރަނީ އިނގިރޭސީންގެ މޭންޑޭޓްގެ ދަށުގައި ފަލަސްޠީނަށް ޔަހޫދީން ހިޖުރަކުރަމުން ގެންދިޔަގޮތާ މެދުގައެވެ. ކުރީ ބާބުގައި ދެންނެވިފައި ވާނޭ ފަދައިން ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނު އިރު ފަލަސްޠީނުގައި ގާތްގަނޑަކަށް 70،000 ޔަހޫދީން ތިއްބެވެ. ހަނގުރާމަ ފެށުމަށްފަހު ޔަހޫދީން ހިޖުރަކުރުން ގާތްގަނޑަކަށް ހުއްޓިގެން ދިޔައެވެ.
1917 ވަނަ އަހަރު އިނގިރޭސީން ފަލަސްޠީނަށް އައުމަށްފަހު ސިޔާސަތުގެ މަޤުޞަދަށްޓަކައި ޔަހޫދީން ފަލަސްޠީނަށް އެތެރެވުން ވަގުތީގޮތުން ހުއްޓުވާލިއެވެ. ނަމަވެސް މޭންޑޭޓްގެ ކަންތައް ހަމަޖެހި، މޭންޑޭޓް ހައި ކޮމިޝަން ޤާއިމުކުރެވި، ޒައިނިސްޓް އޯރގަނައިޒޭޝަންގެ އިދާރާވެސް ފަލަސްޠީނުގެ ބިމުގައި ޤާއިމު ކުރެވުމަށްފަހު 1920 ވަނަ އަހަރު އަނެއްކާވެސް ފަލަސްޠީނުގެ ދޮރޯށި ޔަހޫދީންނަށްޓަކައި ހުޅުވާލެވުނެވެ. އެއާއެކު އަނެއްކާވެސް ޔަހޫދީންގެ ޖަމާޢަތްތައް ބައިބަޔަށް ފަލަސްޠީނަށް ހިޖުރަކުރަން ފެށިއެވެ. މިގޮތުން އަލަށް އައި ޔަހޫދީންނަށް އިނގިރޭސި ސަރުކާރުންވެސް ފަލަސްޠީނުގެ ބިން ވިއްކަމުން ގެންދިޔައެވެ. އެހެނީ ޢުޘްމާނީ ދައުލަތުގެ ދުވަސްވަރު ސަރުކާރުގެ ބިންތަކުގެ ގޮތުގައި އޮތް ބޮޑެތި ސަރަހައްދުތައް އިނގިރޭސީން އައުމަށްފަހު އޮތީ އިނގިރޭސި މޭންޑޭޓް އިދާރާގެ ސީދާ ބެލުމުގެ ދަށުގައެވެ. 1917 ވަނަ އަހަރު ޔަހޫދީންނަށް ބިންގަނެދިނުމުގައި އެންމެ އިސް ރޯލެއް ކުޅެމުން ގެންދިޔަ ޖުވިޝް ނެޝަނަލް ފަންޑުގެ މިލްކިއްޔާތުގައި އޮތީ މުޅިއެކު 160000 ދުނާމްގެ ބިމެވެ. ނަމަވެސް އިނގިރޭސީންގެ މޭންޑޭޓްގެ ދަށުން އެންމެ ފުރަތަމަވެސް އެ ފަންޑުގެ ފަރާތުން އެއްފަހަރާ 80000 ދުނާމްގެ ބިން ގަނެ މިލްކުކުރިއެވެ. މިގޮތުން ގަނެވުނު ބިންތަކުގައި މޭންޑޭޓްގެ ފުރަތަމަ ދެތިން އަހަރެއްގެ ތެރޭގައި މުޅިން އަލަށް 25 ވަރަކަށް އަވަށް އާބާދު ކުރެވުނެވެ. ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މިގޮތުން ޔަހޫދީންގެ މިލްކާއި ބާރުގެ ދަށަށް ގެނެވުނު ބިންތަކަކީ ގާތްގަނޑަކަށް މުޅީންހެން ޢާއްމު ޢަރަބީން ދިރިއުޅެމުން ގެންދިޔަ ބިންތައް ކަމެވެ. އާދައިގެ މަތީން ޔަހޫދިން ގެންދިޔައީ މި ބިންތަކުގެ މިލްކުވެރިކަން ލިބުމާއެކު އެ ބިންތަކުގެ ވަޒަންވެރި އަރަބީން ފައްސައި ހާލުގައި ޖައްސަމުންނެވެ.

ޔަހޫދީންގެ ޖަމާޢަތްތައް 1920 ގެ އަހަރުތަކާއި 1930 ގެ އަހަރުތަކުގެ ތެރޭގައި ހުއްޓުމެއް ނެތި ފަލަސްޠީނަށް އެތެރެވަމުން ދިޔައެވެ. އެގޮތުން 1919 އިން ފެށިގެން 1923 އާ ދެމެދުގައި ރަޝިޔާއާއި އިރުމަތީ ޔޫރަޕްގެ ޤައުމުތަކުން 35000 އަށްވުރެ ގިނަ ޔަހޫދީން ޔިޝޫވްގައި ވަޒަންވެރިވިއެވެ. އަދި 1924 އިން ފެށިގެން 1928 އާ ދެމެދުގައި އިތުރު 75000 ޔަހޫދީން ފަލަސްޠީނަށް އައެވެ. މީގެ ތެރޭގައި ގިނައީ ޕޮލެންޑް ދޫކޮށް ހިޖުރަކުރި މީހުންނެވެ. 1932 އިން ފެށިގެން 1938 ވަނަ އަހަރާ ދެމެދުގައި ހިޖުރަކުރި 250000 ޔަހޫދީންގެ ތެރޭގައި ގިނައީ ޖަރުމަނުގެ ރައްޔިތުންނެވެ. މި ޖަމާޢަތުގައި ތިބީ ރަނގަޅު ފެންވަރަކަށް ތަޢުލީމު ޙާސިލުކޮށްގެން ތިބި މުއްސަނދިންނެވެ. އެހެންކަމުން އެބައިމީހުންގެ ސަބަބުން ޔިޝޫވްގެ އިޤްތިޞާދީ ތަރައްޤީއާއި އެހެނިހެން ކަންތައްތަކަށް އިތުރު ދިރުމެއް ލިބިގެން ދިޔައެވެ.
ޔަހޫދީންގެ ޖަމާޢަތްތައް ފަލަސްޠީނަށް ބައިބަޔަށް އެތެރެވަމުން ދިޔައިރު، ޢަރަބީންގެ އެތައް ހާސް ބަޔަކު ދިޔައީ ގެދޮރުން ބޭރުވެ ދުނިޔެއަށް ގިނަވަމުންނެވެ. އެބައިމީހުންގެ ކުރިމަތީގައި އޮތް ދެމަގުގެ ތެރެއިން އެއް މަގަކީ އެ މުސްތަގުބަލަކާ މެދުގައި އެއްވެސް ޔަގީންކަމެއް ނެތް މުސްތަގުބަލެއްގެ ހުވަފެންތަކާއިގެން އަވަށްޓެރި ޢަރަބި ޤައުމުތަކަށް ރެފިޔުޖީންގެ ގޮތުގައި ހިޖުރަކުރުމެވެ. އެތައް ޖީލަކުއްސުރެ ތިމާމެންގެ ޢާއިލާ އުޅެމުން އައި ބިމާއި ދިރިއުޅުމާއި ޙަޔާތުން އަތްދޮވެލުމަށްފަހު ސަހަރާގެ ނިމުމެއް ނެތް ހުސްކަމުގެ ތެރެއަށް ބަނޑަށް ހާންތިވެފައިވާ ޙާލުގައި ރޮއިރޮއިތިބޭ އަނބިދަރީންނާއިގެން މިސްރާބު ޖެހުމެވެ. ދެވަނަ މަގަކީ ތިމާމެންގެ ވަޒަނާއި ބިމާއި ދިރިއުޅުން ފޭރިކައިގެން އުޅެން ދިމާކޮށްފައި ތިބި އަނިޔާވެރީންނާ ދެކޮޅަށް ތެދުވުމެވެ. ފަލަސްޠީނުގެ ޢަރަބީންގެ ތެރެއިން ގިނަ މީހުން ޚިޔާރުކުރީ މި ދެންނެވި ދެވަނަ މަގެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސީންގެ މޭންޑޭޓްގެ ފުރަތަމަ ދެތިން އަހަރެއްގެ ތެރޭގައި ފަލަސްޠީނުގައި ޢަރަބި މުސްލިމުންނާއި ޔަހޫދީންނާ ދެމެދުގައި ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގެ އާ އޮއިވަރެއް ފެށިގެން ދިޔައެވެ.

މި ދެންނެވި ހަމަނުޖެހުންތަކާ ވިދިގެން އިނގިރޭސި ސަރުކާރުގެ ސިޔާސަތު ހާމަކޮށް، އެ ސިޔާސަތަށް އަންނަ ވަގުތީ އަދި ދާއިމީ ބަދަލުތަކުގެ މައުލޫމާތު އާއްމުކޮށް ފެތުރުމަށްޓަކައި އިނގިރޭސި ސަރުކާރުން މޭންޑޭޓް ހައި ކޮމިޝަން މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ޚާއްސަ ކަރުދާސްތަކެއް ޝާއިޢުކުރަމުން ގެންދިޔައެވެ. މި ކަރުދާސްތައް ތާރީޚުގައި މަޝްހޫރުވެފައި ވަނީ "ވައިޓް ޕޭޕަރޒް" ގެ ނަމުންނެވެ. މިގޮތުން ނެރެވުނު އެންމެ ފުރަތަމަ ވައިޓް ޕޭޕަރ ނުވަތަ "ހުދު ކަރުދާސް" ޝާއިޢު ކުރެއްވީ އެއިރުގެ ކޮލޯނިއަލް ސެކްރެޓަރީ ވިންސްޓަން ޗަރޗިލްގެ ނަންފުޅުގައި 1922 ވަނަ އަހަރުއެވެ. ޗަރޗިލް ވައިޓް ޕޭޕަރ ގެ ނަމުގައެވެ. މި ކަރުދާސް ނެރެވުނީ އިނގިރޭސި މޭންޑޭޓްގެ ދައުރު ފެށުމަށްފަހު ފުރަތަމަ ދެތިން އަހަރެއްގެ ތެރޭގައި ފަލަސްޠީނަށް ހިޖުރަކުރި ޔަހޫދީންގެ އާ ޖަމާޢަތްތައް ފަލަސްޠީނުގެ އެތައް ހާސް އޭކަރެއްގެ ބިމުގައި ވަޒަންވެރިވެ، އެތައް ހާސް ފަލަސްޠީނީންނެއް ޙާލުގައި ޖެހުމާ ގުޅިގެން އުފެދުނު ބޮޑު ހަމަނުޖެހުންގަނޑަށް ފަހުގައެވެ. މި ކަރުދާހުގައި ބަޔާންކޮށްފައި ވަނީ އިނގިރޭސި ސަރުކާރު އޮތީ ބެލްފޯރ ޑެކްލަރޭޝަންގެ ދަށުން ޒައިނިސްޓުންނަށް އެބައިމީހުން ކުރި ވައުދުގެ މަތީގައި ކަމުގައެވެ. އަދި ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުމުގެ މަގު އޮތީ ހުޅުވިފައި ކަމާއި، އެހެން ނަމަވެސް ހިޖުރަކުރުމުގެ ކަންތައް ކުރަން ވާނީ ކަނޑައެޅޭ ޙައްދުތަކެއްގެ ތެރޭގައި ކަމުގައެވެ.

1929 ވަނަ އަހަރު އަލްޤުދުސްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ޝަހަރާއި ހިބްރޫނާއި ސަފަދުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަން ފެށުމުން 1930 ވަނަ އަހަރު އިނގިރޭސި ސަރުކާރުން އަނެއްކާވެސް ހުދު ކަރުދާހެއް ނެރުނެވެ. މި ފަހަރުގެ ހުދު ކަރުދާސް މަޝްހޫރު ވެފައިވަނީ ޕާސްފީލްޑް ވައިޓް ޕޭޕަރގެ ނަމުންނެވެ. މި ކަރުދާހުގެ ދަށުން ފަލަސްޠީނަށް ޔަހޫދީން އެތެރެވުން އެ ވަގުތަށް ހުއްޓުވާލެވުނެވެ. އަދި މި ކަރުދާހުގައި އިނގިރޭސި މޭންޑޭޓް އިދާރާގެ ސީދާ ބެލުމުގެ ދަށުގައި އޮތް ފަލަސްޠީނުގެ ބިންތައް ޔަހޫދީންނަށް ވިއްކުން ހުއްޓާލައި ގެދޮރުން ބޭރުވެފައި ތިބި އެތައް ހާސް ޢަރަބި ޢާއިލާތަކަށް ވިއްކުމަކީ ރަނގަޅު ސިޔާސަތު ކަމަށް ލަފާދީފައި ވެއެވެ. ނަމަވެސް މި ކަރުދާސް ޝާއިޢު ކުރުމާ ވިދިގެން ފަލަސްޠީނުގެ ޔަހޫދީންގެ ފަރާތުން ކުރިމަތިވެގެންދިޔަ ދެކޮޅު ހެދުންތަކާއި، ޔޫރަޕްގެ ޒައިނިސްޓް ޒައާމަތުން ކުރިމަތިކުރި ޕްރެޝަރުގެ ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި އަހަރު ޕާސްފީލްޑް ވައިޓް ޕޭޕަރގެ އެންމެހައި ނުކުތާތަކެއް ބާޠިލްކުރައްވައި އިނގިރޭސި ބޮޑުވަޒީރު ރަމްސޭ މެކްޑޮނަލްޑް ޚާއްސަ ފަތްކޮޅެއް ނެރުއްވިއެވެ. ފަލަސްޠީނުގެ ޢަރަބީން ބްލެކް ލެޓަރ ނުވަތަ ކަޅު ސިޓީގެ ގޮތުގައި އެ ފަތްކޮޅެއްގެ ވާހަކަ ދައްކާ ފަތްކޮޅަކީ މިއީއެވެ.

މެކްޑޮނަލްޑްގެ "ކަޅު ސިޓީ" އަށް ފަހު އަނެއްކާވެސް ޔަހޫދީ ވަޒަންވެރީންނަށްޓަކައި ފަލަސްޠީން ހުޅުވާލެވުނެވެ. ޖެހިގެން އައި އަހަރުތަކުގެ ތެރޭގައި އާދަޔާ ޚިލާފު އަދަދަކަށް ޔަހޫދީން ފަލަސްޠީނަށް އައިސް ކުރިއްސުރެ އޮތް ޔަހޫދީ އާބާދީ ދެ ގުނަޔަށްވުރެވެސް ބޮޑަށް އިތުރުވެގެން ދިޔައެވެ. ނަތީޖާއަކީ އަނެއްކާވެސް ޢަރަބި މުސްލިމުން ޔަހޫދީންނާއި އިނގިރޭސީންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ތެދުވުމެވެ. އިނގިރޭސީން އެރެބް ރިވޯލްޓްގެ ނަން ދިން މި ދެކޮޅުހެދުންތައް ފެށުނީ 1936 ވަނަ އަހަރުއެވެ. ހައިފާގެ މިސްކިތުގައި ދީނީ ޢިލްމު ފެތުރުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ޝައިޚް ޢިއްޒުއްދީން އަލްޤައްސާމްގެ ގޮވައިލެއްވުމަކާ ވިދިގެންނެވެ. އެ ގޮވައިލެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ސަތޭކަ ފަލަސްޠީނީ ޢަރަބި މުސްލިމުން އިނގިރޭސި ވެރިކަމާ ދެކޮޅަށް ނިކުތެވެ. ނަމަވެސް އަލްޤައްސާމްގެ ޙަރަކާތްތައް މާބޮޑަށް ފެތުރިގެން ނުދަނީސް އިނގިރޭސީން އޭނާ އަވަހާރަކޮށްލިއެވެ. އޭނާއަކީ ފަލަސްޠީނުގެ ޢަރަބި މުސްލިމުން އެއް ދިދައެއްގެ ދަށަށް ޖަމާކުރެއްވައި، އިނގިރޭސީންނާއި ޒައިނިސްޓުންގެ ފާސިދު ޙަރަކާތްތަކާ ދެކޮޅަށް ހަރުދަނާ ގޮތެއްގައި ޖިހާދު ކުރުމުގެ ޤާބިލިއްޔަތު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް އިނގިރޭސީންނަށް ފެނުމުން މަސްރަހުން އޭނާ ބޭރުކޮށްލީއެވެ. ނަމަވެސް އެއިރު އޮތީ ޤައްސާމަށް ތަބާވާ މީހުންގެ ހަރަކާތްތައް ފެށިފައެވެ. އެހެންކަމުން 1936 ވަނަ އަހަރަށް ފަހު ޖައްފާއާއި ނާބްލުސްގައި އިނގިރޭސި އިދާރާއާ ދެކޮޅަށް މުޒާހަރާތަކާއި ހަޅުތާލުތައް އާއްމުވެގެން ދިޔައެވެ. އަދި މަޑުމަޑުން އެހެން ޝަހަރުތަކަށްވެސް މި ހަމަނުޖެހުންތައް ފެތުރިގެން ދިޔައެވެ. އަލްޤައްސާމް އަވަހާރަވުމުން މި ހަމަނުޖެހުންތަކުގައި އިސް ދައުރެއް އަދާކުރައްވަން ފެއްޓެވީ އިނގިރޭސީންގެ އެހީގައި ފަލަސްޠީނުގެ ސުޕްރީމް މުސްލިމް ކައުންސިލްގެ ވެރިކަމާއި ޤުދުސްގެ މުފްތީގެ މަޤާމަށް އިސްވެވަޑައިގެން ހުންނެވި އަމީން އަލްޙުސައިނީއެވެ.
 
1936 ވަނަ އަހަރު ފެށުނު ހަމަނުޖެހުންތަކުގެ ތެރޭގައި ޙާއްޖު އަމީން އަލްޙުސައިނީގެ ޤާބިލިއްޔަތުކަމެއް ނެތްކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އޭނާގެ ޙިކުމަތްތެރިކަމެއް ނެތް، ނުވަތަ ޚިޔާނާތްތެރި ޒަޢާމަތުގެ ދަށުގައި ފަލަސްޠީނީ ޢަރަބީންގެ ދެކޮޅުހެދުންތައް ކުރިޔަށް ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. އެއްވެސް ކަހަލަ އިންތިޒާމެއް ނެތިއެވެ. އިނގިރޭސީންނާއި ޒައިނިސްޓުންނަށް އެއްވެސް ކަހަލަ ޙަޤީޤީ ޕްރެޝަރެއް ކުރިމަތިވުމުގެ ބަދަލުގައި އެމީހުން ބޭނުންވާހައި ގޮތަކަށް ކަންތައް ގެންދާނޭ ފުރުސަތު ލިބޭނޭ ކަހަލަ ގޮތަކަށެވެ. އޭގެ އެންމެ ރީތި އެއް މިސާލަކީ އޭނާގެ ގޮވައިލެއްވުމަށް އިޖާބަދީ އަދާކުރަމުން ގެންދިޔަ ވަޒީފާތަކަށް ނުނުކުމެ ހުއްޓާލި ފަލަސްޠީނީ ޢަރަބީންގެ ކަންތައް ވެގެންދިޔަ ގޮތެވެ. އެބައިމީހުން ވަޒީފާތަކަށް ނުކުތުމަށް އިންކާރު ކުރުމުން އިނގިރޭސީން ވަގުތުން އެ ހުރިހާ ވަޒީފާތަކެއް ޔަހޫދީ ވަޒަންވެރީންނަށް ދިނީއެވެ.

ހަމަނުޖެހުންތައް ފެށުމާ ގުޅިގެން އިނގިރޭސި ސަރުކާރުން ފަލަސްޠީނުގެ ޙާލަތު ދިރާސާކޮށް، މައްސަލަތައް ޙައްލުކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށްޓަކައި ޚާއްސަ ކޮމިޝަނެއް ފޮނުވިއެވެ. "ޕީލް ކޮމިޝަން" ގެ ނަމުން  މަޝްހޫރު ވެފައިވާ މި ކޮމިޝަންގެ ވެރިއަކަށް ހުންނެވީ ލޯރޑް ރޮބަރޓް ޕީލް އެވެ. ކޮމިޝަނުގެ ތަޙުޤީޤުތަކަށްފަހު 1937 ވަނަ އަހަރު ނެރުނު ރިޕޯރޓުގައި ބުނެފައިވަނީ ފަލަސްޠީނުގެ މައްސަލައަށް އޮތް ޙައްލަކީ ފަލަސްޠީނުގެ ބިން ދެ ބަޔަށް ބަހާލައި ދެބައިގައި ޔަހޫދީންނާއި ފަލަސްޠީނީ ޢަރަބީންނަށް ދެ ދައުލަތް ޤާއިމުކޮށްދިނުން ކަމުގައެވެ. ނަމަވެސް މި ހުށަހެޅުން ޢަރަބީންނަށްވެސް އަދި ޔަހޫދީންނަށްވެސް ކަމުދާ ހުށަހެޅުމަކަށް ނުވިއެވެ. ނަތީޖާއަކީ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވަމުން ދިޔުމެވެ. މާކަ ގިނަ ދުވަސްތަކެއް ނުވެ ގެލިލީގައި ހުރި އިނގިރޭސި ޑިސްޓްރިކްޓް ކޮމިޝަނަރު މަރާލެވުނެވެ. މި ހާދިސާއަށް ރައްދުދިނުމުގެ ގޮތުން މޭންޑޭޓް ހައި ކޮމިޝަނުން އެރެބް ހަޔަރ ކޮމިޓީ އާއި ސުޕްރީމް މުސްލިމް ކައުންސިލް އުވާލިއެވެ. އަދި އިރެއްގައި އެބައިމީހުންގެ ގޮނޑިކޮއްކޮއެއްގެ ގޮތުގައި ހުންނެވި މުފްތީ އަމީން އަލްޙުސައިނީ ހައްޔަރުކުރުމަށް ވޮރަންޓް ނެރުނެވެ. އަމީން އަލްޙުސައިނީ ސިއްރިޔާތުގައި ފަލަސްޠީނުން ބޭރުވެވަޑައިގަތް ނަމަވެސް އެރެބް ހަޔަރ ކޮމިޓީއާއި ސުޕްރީމް މުސްލިމް ކައުންސިލްގެ އިސް ބޭފުޅުންގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވި އޭނާގެ އެކުވެރީންގެ ނަސީބު އެހައި ރަނގަޅެއް ނުވިއެވެ. އިނގިރޭސީން އޭގެ ތެރެއިން ގިނަ ބޭފުޅުން ހައްޔަރުކޮށްގެން ސީޝެލްސްއަށް ގެންދިޔައެވެ. ނަތީޖާއަކީ ޢަރަބީންގެ ޒަޢާމަތު ކުރިޔަށްވުރެވެސް ބަލިކަށިވެ އެމީހުންގެ ޙަރަކާތްތައް ކުރިޔަށްވުރެވެސް އިންތިޒާމެއް ނެތް ހަމަނުޖެހުންތަކަކަށް ވެގެން ދިޔުމެވެ.

1936 ވަނަ އަހަރު ފެށުނު ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ފަލަސްޠީނަށް އިތުރު 20،000 ސިފައިންނާއި ހަތިޔާރު ފޮނުވިއެވެ. މި ހަމަނުޖެހުންތަކުގެ ދުވަސްވަރު ޢަރަބީންނާ ދެކޮޅަށް ޙަރަކާތްތެރިވެފައިވަނީ އިނގިރޭސީންނާ ޔަހޫދީންނާ ގުޅިގެންނެވެ. އެގޮތުން އިނގިރޭސީން 1921 ވަނަ އަހަރު އުފެދުނު ހަގާނާ ރަސްމީގޮތުން ޤަބޫލުކުރީ މި ދަނޑިވަޅާ ދިމާކޮށެވެ. 1936 ވަނަ އަހަރުގެ ތެރޭގައި އިނގިރޭސީން ހަގާނާއަށް ހަތިޔާރާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ. އަދި އެޖަމާޢަތުގެ ހަނގުރާމަވެރީން ތަމްރީނުކުރުމުގައި ސީދާގޮތެއްގައި ބައިވެރިވާން ފެށިއެވެ. އެގޮތުން ޔަހޫދީ ޓެރަރިސްޓް ހަނގުރާމަވެރީންނަށް ތަމްރީނު ދިނުމަށްޓަކައި އިނގިރޭސި އަސްކަރިއްޔާގެ ފަރާތުން ފޮނުވާފައި ހުރި އޯރޑޭ ވިންގޭޓަކީ ހަރުކަށި ކްރިސްޓިއަނެކެވެ. އޭނާއަކީ ބައިބަލްގެ ބުޝްރާ ފުރިހަމަ ކުރުމަށްޓަކައި ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފައްދައިދިނުމަކީ ކްރިސްޓިއަނުންގެ ވާޖިބެއް ކަމުގައި ދެކޭ ކްރިސްޓިއަން ޖަމާޢަތަށް ނިސްބަތްވާ މީހެކެވެ. އެހެންކަމުން އޭނާއަކީ ވަރަށް ހަރުކަށިކަމާއެކުގައި ޔަހޫދީ ދައުލަތަށް ތާއީދުކޮށް ފަލަސްޠީނީ ޢަރަބީންގެ ކަރަށް ފައިން އަރަން ތައްޔާރުވެގެން އައި މީހެކެވެ. ފަހުގެ ދައުރުތަކުގައި އިޒްރޭލް އުފެދި އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ކަމުގައި ވެގެން ދިޔަ މޯޝޭ ދަޔާނާއި، ޔިގާލް އެލަން އަކީ ވިންގޭޓްގެ ދަރިވަރުންނެވެ.

މި ދުވަސްވަރު ހަގާނާގެ ފައުޖުތަކުގެ ފީލްޑް ކޮމާންޑަރެއްގެ މަޤާމުގައި ހުރި ޔިޓްޒަކް ސާދުގެ ސިޔާސަތަކަށް ވެފައި އޮތީ ޢަރަބީންނާ ދެކޮޅަށް އިސްވެ ހަރުކަށި އަދި އަނިޔާވެރި ޙަމަލަތައް ދީ އެމީހުންގެ ހިތްވަރާއި ޢަޒުމު ބަލިކަށިކޮށްލުމެވެ. ޢަރަބީން ބިރުގަންނުވައިލައިގެން އެބައިމީހުން ކުޑަކަކޫ މައްޗަށް ތިރިކުރުމެވެ. މި ޒަމާނުގެ ޢިބާރާތުން ދަންނަވާ ނަމަ ޢަރަބީން "ޓެރަރައިޒް" ކުރުމެވެ. މި ސިޔާސަތުގެ ދަށުން ޔަހޫދީންގެ ފަރާތުން ޙަރަކާތްތެރިވަމުން ދިޔައީ ހަމައެކަނި ހަގާނާއެއްވެސް ނޫނެވެ. ފަލަސްޠީނީންގެ އަވަށްތައް އަންދައި، މުދާތައް ފޭރި، މީހުން މަރައި، އަނިޔާވެރިކަމުގެ ދެވަނައެއްނެތްފަދަ ސިލްސިލާއެއްގެ ބޮޅުތައް ގަތަމުން ދިޔަ އެހެން ގޭންގުތައްވެސް ޔަހޫދީންގެ ތެރޭގައި ތިއްބެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ދެ ޖަމާޢަތަކީ އިރްގުން ޒްވާއީ ލިޔުމީ އާއި ލޮހާމީ ހިރުތް ޔިޒްރާއިލް އެވެ. މީގެ ތެރެއިން އިރްގުން ޖަމާޢަތަކީ ހަގާނާގެ އެންމެ ފުރަތަމަ ފީލްޑް ކޮމާންޑަރ ލަޑީމިއަރ ޖެބޮޓިންސްކީ ހަގާނާއިން ވަކިވެގެން 1937 އުފެއްދި ޖަމާޢަތެކެވެ. ފަހުން 1977 ވަނަ އަހަރުން ފެށިގެން 1983 ވަނަ އަހަރާ ހަމަޔަށް އިޒްރޭލުގެ ބޮޑު ވަޒީރުކަން ކުރެއްވި މެނާހިމް ބޭގިން އަކީވެސް މި ގޭންގުގެ ޓެރަރިސްޓެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އުޅުއްވައި، ގޭންގުގެ ލީޑަރަކަށްވެސް އިރެއްގައި ހުންނެވި ބޭފުޅެކެވެ. ލޮހާމީ އަކީ ޔަހޫދީ ޓެރަރިސްޓް ލީޑަރުންގެ ތެރެއިން އަރާހުރި ފުރޭތައެއް ފަދަ މީހެއް ކަމުގައިވާ އަވްރަހަމް ސްޓަރން އިސްވެހުރެގެން އުފެއްދި ޖަމާޢަތެކެވެ. ސްޓަރން ގޭންގުގެ ނަމުން މަޝްހޫރުވެފައި ވަނީ މި ޖަމާޢަތެވެ. 1980 އިގެ އަހަރުތަކާއި 1990 އިގެ ކުރީކޮޅުގައި އިޒްރޭލްގެ ބޮޑު ވަޒީރުކަން ކުރެއްވި ޔިޓްޒަކް ޝަމީރަކީ މި ގޭންގުގެ އިސް ލީޑަރެއްގެ ގޮތުގައި އުޅުއްވި ބޭފުޅެކެވެ. 1939 ވަނަ އަހަރު ހަމަނުޖެހުންތައް ހުއްޓުނު އިރު ޢަރަބީންގެ ތެރެއިން އިނގިރޭސީން ބުނާގޮތުގައި 5000 މީހުން މަރުވެ، 15000 މީހުން ސީރިޔަސް މިންވަރަކަށް ޒަޚަމްވެ، 5600 މީހުން ހައްޔަރުކޮށް ބަންދުކުރެވިފައި ވެއެވެ. ނަމަވެސް ޙަޤީޤަތުގައި ޢަރަބީންގެ ތެރެއިން މަރުވެ، ޒަޚަމްވެ އަދި ހައްޔަރުވީ މީހުންގެ ޢަދަދު މިއަށްވުރެ އެތައް ގުނައެއް ގިނަ ކަމީ ސާބިތުވާ ޙަޤީޤަތެކެވެ.
 
ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން 1936 ވަނަ އަހަރުގެ ހަމަނުޖެހުންތައް ފެށުމާ ވިދިގެން އިނގިރޭސި ސަރުކާރުން މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި ޕީލް ކޮމިޝަން ފަލަސްޠީނަށް ފޮނުވިއެވެ. މި ކޮމިޝަނުން ހުށަހެޅީ ޢަރަބީންނާއި ޔަހޫދީންގެ ދެމެދުގައި ފަލަސްޠީން ދެބައި ކޮށްލުމަށެވެ. ނަމަވެސް މި ހުށަހެޅުމަށް ދެބައިމީހުންވެސް ކުރީ އިންކާރެވެ. އެއަށްފަހު ހަމަނުޖެހުންތައް ދިޔައީ މެދުކެނޑުމެއް ނެތި ކުރިޔަށެވެ. ޕީލް ކޮމިޝަންގެ ހުށަހެޅުން ވަށިގަނޑަށް އަޅާލެވުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވެ، 1938 ވަނަ އަހަރު އިނގިރޭސި ސަރުކާރުން އަނެއްކާވެސް އިތުރު ކޮމިޝަނެއް ފަލަސްޠީނަށް ފޮނުވިއެވެ. ސަރ ޖޯން ވުޑްހެޑްގެ ވެރިކަމުގެ ދަށުގައި ފޮނުވުނު މި ކޮމިޝަނުންވެސް ހުށަހެޅީ ފަލަސްޠީން ޢަރަބީންނާއި ޔަހޫދީންނާ ދެމެދުގައި ދެބަޔަށް ބަހާލުމަށެވެ. ނަމަވެސް މި ހުށަހެޅުމަށްވެސް ޔަހޫދީންނެކޭ އެއްފަދައިން ޢަރަބީންވެސް ކުރީ އިންކާރެވެ.

ނަތީޖާއެއްގެ ގޮތުން ފަލަސްޠީނު ދެބަޔަށް ބަހައިލުމަކީ ޙައްލެއް ނޫންކަމަށް އިނގިރޭސި ސަރުކާރުން ނިންމިއެވެ. ޙައްލެއް ހޯދުމަށްޓަކައި އިނގިރޭސީން ދެން ހަމަޖެއްސީ ޒައިނިސްޓް ލީޑަރުންނާއި ޢަރަބި ލީޑަރުންގެ ޚާއްސަ ބައްދަލުވުމެއް ލަންޑަންގައި ބޭއްވުމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ފަލަސްޠީނީ ޢަރަބީން އެއްބަސްވީ 1937 ވަނަ އަހަރު ހައްޔަރުކޮށްގެން ސީޝެލްސްއަށް ގެންދެވުނު އެންމެހައި ބޭފުޅުން ދޫކޮށްލުން ޝަރުތުކޮށެވެ. އެހެންކަމުން 1939 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުނު ބައްދަލުވުމުގައި މި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެބޭފުޅުންގެ އިތުރުން އިނގިރޭސީންގެ ހެޔޮއެދުންތަކާއެކު ވެރިކަމުގެ ތަޚުތަށް އަރާވަޑައިގެން އުޕަރުވެގެން ތިއްބެވި ޓްރާންސްޖޯރޑަންގެ އަމީރު ޢަބްދުﷲ އާއި، ޢިރާޤުގެ ނޫރީ އަލްސަޢީދާއި، ސަޢޫދީ ޢަރަބިޔާގެ ޕްރިންސް ފައިޞަލްވެސް ފަލަސްޠީނީ ޢަރަބީންގެ މަންދޫބުންގެ ގޮތުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. ޔަހޫދީން ތަމްސީލު ކުރެއްވީ ވޯރލްޑް ޒައިނިސްޓް އެސޯސިއޭޝަންގެ ރައީސް ޑރ. ކާއިމް ވެއިޒްމަނާއި، އެ ޖަމާޢަތުގެ ފަރާތުން ފަލަސްޠީނުގައި ހުންނެވި އިސް ލީޑަރު، އަދި ޔިޝޫވްގެ ލަގަނުގައި ހިއްޕަވައިގެން ހުންނެވި ޑޭވިޑް ބެން ގޫރިއަނާއި، އެމެރިކާގެ ޒައިނިސްޓް ޔަހޫދީ ރައްބީއެއް ކަމުގައިވާ ސްޓެފަން ވައިޒް ފަދަ ބޭފުޅުންނެވެ. މި ބައްދަލުވުންވެސް އެދެވޭ ގޮތެއްގައި ކުރިޔަކަށް ނުދިޔައެވެ. އޭގެ އެތައް ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ޢަރަބީންގެ ޙައްޤުތައް ހޯދުމަށްޓަކައި އިންސާފުވެރި ސިޔާސަތެއް އިނގިރޭސީން ނުގެންގުޅުމެވެ. އަނެއް ސަބަބަކީ ޢަރަބި މަންދޫބުންގެ ނުކިއްސަރުކަމެވެ. އެބައިމީހުން ޔަހޫދީންނާ އެކުގައި އެއް މަޖިލީހެއްގައި އިށީނދެތިބެންވެސް އެއްބަސްނުވުމުގެ ސަބަބުން ވާހަކަ ދެއްކުންތައް ބޭއްވެމުން ދިޔައީ ފުރަތަމަ ދުވަހަށް ފަހު އިނގިރޭސީން ދެ ފަހަރު ދެބައިމީހުންނާ ބައްދަލުކޮށްގެންނެވެ. މި ބައްދަލުވުންތަކަށްފަހު 1939 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އަނެއްކާވެސް އިނގިރޭސި ސަރުކާރުން ފަލަސްޠީނުގެ މައްސަލައާ ބެހޭ ހުދު ކަރުދާހެއް ޝާއިޢު ކުރިއެވެ. އެއިރުގެ ކޮލޯނިއަލް ސެކްރެޓަރީ މެލްކަމް މެކްޑޮނާލްޑްގެ ނަންފުޅުގައި ނެރެވުނު މި ކަރުދާހުގައި ބުނެފައިވަނީ ކުރިޔަށް އޮތް ދިހަ އަހަރުގެ ތެރޭގައި ފަލަސްޠީނުގައި ޢަރަބި ދައުލަތެއް ޤާއިމު ކުރެވޭނެ ކަމުގައެވެ. އަދި ފަލަސްޠީނުގައި ތިބި ޔަހޫދީން ތިބޭނީ މި ދައުލަތުގެ ރައްޔިތުންގެ ގޮތުގައި ކަމުގައެވެ.
 
މި ހިސާބަށް ދިޔައިރު ޢަރަބީންގެ ކިބައިގައި ޔަހޫދީ ދައުލަތް އުފެއްދުމާ ދެކޮޅު ހެދޭހައި ބާރާއި ވަސީލަތްތައް ނެތްކަން އޮތީ ރީތިކޮށް ފެންނާށެވެ. ޔަހޫދީ ދައުލަތް އޮތީ ނަމުގައި ޤާއިމު ނުކުރެވުނަސް ޢަމަލީގޮތުން ގާތްގަނޑަކަށް ފުރިހަމަވެފައެވެ. އެހެންކަމުން މި ކަރުދާސް ޝާއިޢުކުރެވުނީ ޙަޤީޤަތުގައިވެސް ފަލަސްޠީނުގައި ޢަރަބި ދައުލަތެއް ޤާއިމުކުރުމުގެ ނިޔަތް އިނގިރޭސީންގެ ހިތުގައި އޮވެގެންތޯ، ނުވަތަ މިއީ ހިނގަމުންދިޔަ ޙާދިސާތަކަށް ޢަރަބީން އިތުރަށް ކަނުކޮށްލުމަށްޓަކައި އެޅުނު މަކަރުވެރި ފިޔަވަޅެއްތޯ މި ސުވާލު މި މަޤާމުގައި ކޮށްލުމަކީ މުނާސިބުވެގެންވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ޖަވާބާ މެދުގައި އަޅުގަނޑުމެން އެންމެން ވިސްނަންވީއެވެ. ތާރީޚުގެ ތެރެއަށް އިތުރަށް ވަދެ، ހޯދައި ބަލަންވީއެވެ. މި ވަގުތު އަޅުގަނޑުމެންނަށް ޔަޤީނުންވެސް އެނގޭ ކަމަކީ އިނގިރޭސީންނާއި ހުޅަނގުގެ އެހެނިހެން ބާރުތަކުން ދުވަހަކުވެސް މުސްލިމުންނާއި ޢަރަބީންނަށް ހެޔޮހިތެއް އޮވެގެން އެއްވެސް ކަމެއް ކޮށްފައިވާކަން ސާބިތުކުރެވޭކަށް ނެތް ކަމެވެ.

ކޮންމެއަކަސް މެލްކަމް މެކްޑޮނަލްޑްގެ ހުދު ކަރުދާހާ ވިދިގެން ފަލަސްޠީނުގެ ޔަހޫދީ އާބާދީ ނުވަތަ ޔިޝޫވް ކެކިއަރައިގެން ދިޔައެވެ. ޑޭވިޑް ބެން ގޫރިއަންފަދަ ޔަހޫދީ ލީޑަރުން ފަލަސްޠީނުގައި ޔަހޫދީ ދައުލަތް އުފެއްދުމަށްޓަކައި އަތްފޯރާ ފަށުގައި އޮތް ކޮންމެ ހަތިޔާރަކާއި ލިބެން އޮތް ކޮންމެ ވަސީލަތެއްގެ ބޭނުންކުރާނެ ކަމުގެ އިންޒާރުތައް ދެއްވަން ފެއްޓެވިއެވެ. އެ ކަމަށްޓަކައި އިނގިރޭސި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަން ޖެހުނަސް ފަހަތަށް ފިޔަވަޅެއް ނާޅާނެކަން ހާމަކުރައްވަމުން ގެންދެވިއެވެ. މި ދަނޑިވަޅުގައި ދުނިޔެއަށް ކުއްލި ޝޮކެއް ލިބިގެން ދިޔައީ ޖަރުމަންގެ ޗާންސެލަރ އެޑޮލްފް ހިޓްލަރގެ ހަނގުރާމައިގެ ބެރުގެ އަޑު ޔޫރަޕްގެ ކަންކޮޅުތަކުގައި ފިސާރި ބާރަށް ގުގުމަން ފެށުމާ ގުޅިގެންނެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ