ހުޅަނގުގެ އޯގާތެރިކަން ... ނަމޫނާއެއް؟
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެމެރިކާ އިޤްތިޞާދު އަލުން ނެގެހެއްޓެވުމަށްޓަކައި ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ދަށުން، ބޭކަރުކަންތައްތަކަކަށް ޚަރަދުކުރައްވަމުން ގެންދަވާކަމަށް އިދިކޮޅު ރިޕަބްލިކަން ޕާރޓީގެ ބައެއް ސެނެޓަރުން ތުހްމަތު ކުރައްވައިފައި ވެއެވެ. އެބޭފުޅުން ކުރެއްވި ދިރާސާއެއް ބުނާގޮތުގައި އެމެރިކާގެ އިޤްތިޞާދު ދިރުއްވުމަށް ރައީސް އޮބާމާ ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ދަށުން ސަރުކާރުގެ ފައިސާއިން:
1- މުސަޅެއް ދިރިއުޅޭގޮތް ބެލުމަށާއި މި މުސަޅު ބޭރުކުރާ ރޭޑިއޯ އެކްޓިވް މާއްދާތައް ބެލުމަށްޓަކައި 300 ހާސް ޑޮލަރު ހޭދަކޮށްފައިވެއެވެ.
2- ކިންސާސާ ގައި ކުޑަމިންވަރެއްގެ އާމްދަނީ ލިބޭމީހުން ގެންގުޅޭ ކުއްތާތަކާއި ބުޅާތައް ނުވިހާގޮތް ހެދުމަށްޓަކައި 380 ހާސް ޑޮލަރު ހޭދަކޮށްފައިވެއެވެ.
3- ފްލޮރިޑާގެ ކަހަނބުތައް، ދުއްވާއެއްޗެހީގެ ފުރޮޅުތަކުގެ ދަށުވެދާނެތީ އޭއްޗެހި ދަތުރުކުރުމަށްޓަކައި ބިންގަރާސްމަގެއް ހެދުމަށް 3.4 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.
4- ހޮލީވުޑްގެ މަޝްހޫރު ނާސިގެތައް ހުންނަމަގުތައް އައުކުރުމަށްޓަކައި އެއްމިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަކޮށްފައިވެއެވެ.
މިއީ ފައިސާ މާގިނަވީމާ ވާނެ ގޮތް ދޮގެއްތޯއެވެ؟ ދުނިޔޭގައި ކިތައްމިލިޔަންމީހުން ބަނޑަށްޖެހި، ބަނޑުފުރާނަ މުއްތިކުރެވޭނެގޮތް ނެތިފައި އެބަތިބިތޯއެވެ؟ އަދިވެސް ވިދާޅުވާނީ ހުޅަނގު ވަރަށް އޯގާތެރިއޭތޯއެވެ؟