އަދުގެ ޚާއްސަ

Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (8)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

ޒައިނިޒަމްގެ ފިކުރު ހުވަފެނުން ޙަޤީޤަތަކަށް – ޔަހޫދީ ދައުލަތް އުފެދުން (ށ)

07 ޑިސެމްބަރ ( ހޯމަ ) އާ ގުޅޭ...

ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީން އެމެރިކާ ސަރުކާރުން ފަލަސްޠީނާއި ޔަހޫދީންގެ މައްސަލައަށް މާކަބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނެތެވެ. 1917 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނެރުނު ބެލްފޯރ ޑެކްލަރޭޝަނަށް އެމެރިކާއިން ތާއީދުކޮށްފައިވަނީވެސް ހަމައެކަނި ޑިޕްލޮމެޓިކް ލެވެލްގައެވެ. އެ ނިންމުމަށް އަމަލީގޮތުން އެއްވެސް ކަހަލަ އެހީއެއް ނުވަތަ އެއްބާރުލުމެއް ދޭނެކަމުގެ އެއްވެސް އިޝާރާތެއް އެމެރިކާއިން ކޮށްފައެއް ނުވެއެވެ.

 ނަމަވެސް ހަނގުރާމައިގެ ތެރޭގައި ހާލަތު ބަދަލުވެގެން ދިޔައެވެ. ކުރިމަގުގައި މެދުއިރުމަތީގައި އެމެރިކާގެ ކޮންޓްރޯލް ބާއްވަން ޖެހޭ މުހިއްމު ސަބަބުތަކެއް އޮތްކަން އެމެރިކާގެ ސަރުކާރަށް ވިސްނުނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ސަބަބަކީ ކުރީންވެސް ދެންނެވި ފަދައިން މެދުއިރުމަތީގެ ތެލެވެ. އަނެއް ސަބަބަކީ ކޮމިޔުނިސްޓް ރޫސީންގެ ނުފޫޒު މެދުއިރުމައްޗަށް ފެތުރިގެން ދިޔުމުގެ ސަބަބުން އެމެރިކާގެ މަސްލަހަތަށް ލިބިދާނޭ ގެއްލުމަކުން ދަފާވުމަށް ކުރިއާލައި ތައްޔާރުވުމެވެ. ނަމަވެސް މީގެ އެންމެ މުހިއްމު ސަބަބެއް ކަމަށް އެތައް ބަޔަކު ޤަބޫލުކުރަނީ އިސްލާމީ ދުނިޔެއާ ދެކޮޅަށް ހުޅަނގުގެ ލީޑަރެއްގެ ގޮތުގައި ނަގަން ޖެހޭ މަސްއޫލިއްޔަތުތައް ނަގަން އެމެރިކާ ނިންމި ނިންމުން ކަމަށް ތަކުރާރުކޮށް ދަންނަވާލަމެވެ. 

ހަނގުރާމައިގެ ތެރޭގައި، 1942 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯރކުގައި ޒައިނިސްޓުންގެ ވަރަށް މުހިއްމު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ފާސްކުރެވުނު ޤަރާރުގައި ބަޔާންކޮށްފައި ވަނީ ޔަހޫދީ ދައުލަތް ޤާއިމުކޮށްދިނުން ފިޔަވައި އެހެން އެއްވެސް މަގެއް ޒައިނިސްޓުން ޚިޔާރުނުކުރާނެ ކަމުގައެވެ. މި ބައްދަލުވުމާ ވިދިގެން ނިންމުނު އެންމެ މުހިއްމު އެއް ނިންމުމަކީ ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަންގެ ރައީސްކަމުން ކާއިމް ވެއިޒްމަން ދުރުކޮށް އެ މަޤާމު ޑޭވިޑް ބެން ގޫރިއަނަށް ދިނުމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކާއިމް ވެއިޒްމަނަކީ އިނގިރޭސި ވިލާތުގެ ޔަހޫދީއެކެވެ. ޒައިނިސްޓް އޯރގަނައިޒޭޝަންގެ ރައީސްކަމުގައި ހުންނަވައިގެން އެތައް އަހަރެއް ވަންދެން ޔަހޫދީ ދައުލަތް އުފެއްދުމުގެ ކަންތަކުގައި އިނގިރޭސި ސަރުކާރާ ޒައިނިސްޓުންގެ ފަރާތުން މުއާމަލާތުކުރައްވަމުން ގެންދެވި ލީޑަރެވެ. އަނެއްކޮޅުން ޑޭވިޑް ބެން ގޫރިއަނަކީ ފަލަސްޠީނުގައި އޮންނަ ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަންގެ ޖުވިޝް އޭޖެންސީ އެގްޒެކެޓިވްގެ ލީޑަރެއްގެ ގޮތުގައި ފަލަސްޠީނުގައި ހުންނެވި ބޭފުޅެކެވެ. ފަލަސްޠީނުގެ ޔަހޫދީ އާބާދީގެ އެންމެހައި ކަންތައްތަކެއް ސީދާގޮތެއްގައި ބެލެހެއްޓެވުމުގެ އިތުރަށް ހަގާނާފަދަ ޔަހޫދީ ޓެރަރިސްޓް ޖަމާޢަތްތައް އުފައްދަވައި ޢަރަބި މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމްގެ ސިލްސިލާއެއް އިންތިޒާމު ކުރެއްވުމުގައި އިސްވެހުންނެވި ލީޑަރެވެ. އޭގެ އިތުރަށް އޭނާއަކީ އެއިރު ޔިޝޫވްގައި އޮތް އެންމެ މަޤުބޫލު ސިޔާސީ ޕާރޓީ ކަމުގައިވާ މަޕާއީ ނުވަތަ ލޭބަރ ޕާރޓީގެ ޒައީމުވެސް މެއެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކާ ހަމަޔަށް ދިޔަ އިރު އެމެރިކާގެ ކްރިސްޓިއަނުންގެ ތެރޭގައިވެސް ޔަހޫދީ ދައުލަތެއް އުފެއްދުމަށްޓަކައި ހަރަކާތްތެރިވަމުންދިޔަ މީހުން ތިއްބެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ނިއު ޔޯރކްގެ ސެނެޓަރ ރޮބަރޓް ވެގްނަރ އެވެ. ރޯމަން ކެތަލިކް ކްރިސްޓިއަނެއް ކަމުގައިވާ ވެގްނަރ "ކްރިސްޓިއަން އެމެރިކަން ޕެލަސްޓައިން ކޮމިޓީ" ގެ ނަމުގައި ޚާއްސަ ޖަމްޢިއްޔާއެއް އުފެއްދެވިއެވެ. މި ޖަމްޢިއްޔާގެ މަޤްޞަދަކީ އެމެރިކާގެ ޒައިނިސްޓް ލީޑަރުންނާ ގުޅިގެން ޔަހޫދީ ދައުލަތް އުފެއްދުމަށް ތާއީދުކުރުމަށް އެމެރިކާގެ ކޮންގްރެހާއި ވައިޓް ހައުސްއަށް ޕްރެޝަރު ކުރުމެވެ.
އަނެއް ކޮޅުން އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ވިންސްޓަން ޗަރޗިލް ގެންދެވީ ޔަހޫދީ ދައުލަތް އުފެއްދުމުގައި އިނގިރޭސީންގެ ބައިވެރިވުމަކީ ދެގޮތެއް ނުވާނެ ބައިވެރިވުމެއްކަމުގެ ޔަޤީންކަން ޒައިނިސްޓް ލީޑަރުންނަށް ދެއްވަމުންނެވެ. އެގޮތުން 1944 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އޭނާ ޑރ. ކާއިމް ވެއިޒްމަނަށް ޔަޤީންކަން ދެއްވި ގޮތުގައި ދާދި އަވަހަށް ޔަހޫދީންގެ އެއް ލައްކަ ޔަތީމު ކުދީން ފަލަސްޠީނަށް ގެންގޮސްދިނުމުގެ ކަންތައް އިނގިރޭސި ސަރުކާރުން ކުރާނެއެވެ. އަދި އޭގެ ފަހުން ދިހަ އަހަރުގެ މުއްދަތެއްގެ ތެރޭގައި އިތުރު 1.5 މިލިއަން ޔަހޫދީން ފަލަސްޠީނަށް ގެންގޮސްދޭންވެސް ޗަރޗިލް ވަޢުދުވެވަޑައިގަތެވެ. އޭގެ ދެ ދުވަސްފަހުން ޔަހޫދީ ޓެރަރިސްޓް ސްޓަރން ގޭންގުގެ ހަމަލާއެއްގައި މެދުއިރުމަތީގައި ހުންނަވާ އިނގިރޭސި އެމްބެސެޑަރ ލޯރޑް މޯއިން އަވަހާރަކޮށްލެވުނެވެ. މި ހިސާބުން އިނގިރޭސިން ވެސް ފަލަސްޠީނުގައި ޔަހޫދީ ޓެރަރިސްޓުން ހިންގަމުން ގެންދިޔަ ލާއިންސާނީ ހަރަކާތްތައް ކޮންމެވެސް ސިފައެއްގައި، ކޮންމެވެސް މިންވަރަކަށް ޤަބޫލުކުރަން ފެށިއެވެ. އަދި ޙާލަތު އޮތީ އިނގިރޭސީންނަށް އެކަނިމާއެކަނި ކޮންޓްރޯލްކޮށް މައިތިރިކުރެވޭވަރަށްވުރެ ގޯސްވެފައިކަންވެސް އިނގިރޭސި ސަރުކާރަށް ވިސްނުނެވެ.

އަނެއްކޮޅުން، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ބަލިވެ، ޖަރުމަނުގެ ސަރަހައްދެއް އެމެރިކާ ސިފައިން ހިފުމާ ގުޅިގެން ޖަރުމަނުގެ ކޮންސެންޓްރޭޝަން ކޭމްޕްތަކުން ސަލާމަތްކޮށްގެން އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވުނު އެއް ލައްކަ އަށްވުރެ ގިނަ ޔަހޫދީން ފަލަސްޠީނަށް ފޮނުވޭތޯ ޒައިނިސްޓުން ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. މި ދެންނެވި ޔަހޫދީ ރެފިއުޖީންގެ ކަންތައް ބެއްލެވުމަށްޓަކައި އެމެރިކާގެ ރައީސް ހެރީ އެސް. ޓްރޫމަން އޭނާގެ ޚާއްސަ މުޝީރެއްގެ ގޮތުގައި އާރލް ޖީ. ހެރިސަން ޖަރުމަނަށް ފޮނުއްވިއެވެ. ހެރިސަން ޖަރުމަނަށް ވަޑައިގެން ޔަހޫދީ ރެފިޔުޖީންގެ ކަންތައްތައް ބައްލަވާލެއްވުމަށްފަހު ރައީސް ޓްރޫމަނަށް ފޮނުއްވި ރިޕޯރޓުގައި ޔަހޫދީންގެ ހާލަތު ގޮސްފައިވާ ދަށު ދަރަޖައިގެ ވާހަކަ ވަރަށް ރަނގަޅަށް ބަޔާން ކުރެއްވިއެވެ. އަދި އަވަސް ގޮތެއްގައި އެމީހުން ގެދޮރުގެ ހިޔާވަހިކަމަށް ގެންނަން ޖެހޭ ވާހަކަ ދެންނެވިއެވެ. ހެރިސަންގެ ރިޕޯރޓާ ވިދިގެން ޓްރޫމަން ވަގުތުން ފިޔަވަޅު އެޅުއްވިއެވެ. އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރު ކްލެމެންޓް އެޓްލީއަށް ސިޓީއަކުން ޔަހޫދީ ރެފިއުޖީން ވަގުތުން ފަލަސްޠީނަށް ގެންގޮސްދެއްވުން އެދިވަޑައިގަތެވެ. ޒައިނިސްޓް ޕްރޮޕެގެންޑާއާއި ޔަހޫދީ ދައުލަތަށް ހެޔޮ އެދިގެން ދޮގުހަދައި ދޮގުވިއްކާ ފަރާތްތަކުން ބުނާގޮތުގައި ޓްރޫމަންގެ މި ފިޔަވަޅުފުޅުގެ ސަބަބަކީ ޔަހޫދީންގެ ހާލަތުގެ ސަބަބުން އޭނާގެ ހިތްޕުޅުގައި އުފެދިގެންދިޔަ ހަމްދަރުދީއާއި ކުލުނުގެ ޝުއޫރުތަކެވެ. އެފަދަ ފަރާތްތަކަށް ޖަވާބު ނުދެވޭ ސުވާލަކީ އެމެރިކާއަކީ ފަލަސްޠީނަށްވުރެ ތަނަވަސް، ބިޔަ، ޔަހޫދީ އާބާދީ ބޮޑު، މައްސަލަ ކުޑަ، ރައްކާތެރި، މަސްލަހަތު ހުރި، ހުސް ބިމާއި އިޤްތިޞާދީ ފުރުސަތުތައް ގިނަ ޤައުމަކަށް ވާ އިރު ހަމްދަރުދީގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއަށް ޔަހޫދީ ރެފިއުޖީން ނުގެންދެވީ ކީއްވެގެންތޯ މި ސުވާލެވެ.
 
ކޮންމެއަކަސް، ރައީސް ޓްރޫމަންގެ އެދިވަޑައިގަތުމާ ގުޅިގެން އިނގިރޭސި ސަރުކާރުން އަނެއްކާވެސް ފަލަސްޠީނުގެ މައްސަލަ މުތާލިއާ ކުރިއެވެ. ޚާރިޖީ ވަޒީރު އަރނެސްޓް ބެވިންގެ އާ ސިޔާސަތެއް ކަމުގައި ވެގެން ދިޔައީ މެދުއިރުމަތީގައި އިނގިރޭސީންގެ ނުފޫޒާއި ބަސް ދެމެހެއްޓުމަށްޓަކައި ޢަރަބީންގެ އެދުންތަކަށް އިސްކަން ދެއްވުމާއި، ޔަހޫދީ ރެފިއުޖީންގެ މައްސަލަ ޙައްލުކުރުމުގައި އެމެރިކާއިން އަމަލީ ދައުރެއް ކުޅުމަށް ބާރު އެޅުއްވުމުގެ ސިޔާސަތެވެ. މި ސިޔާސަތު ހާމަކުރެއްވުމާއެކު ޒައިނިސްޓުންގެ ރުޅިވެރިކަމާއި އެއްޗެހި ގޮވުމުގެ އަމާޒަކަށް ބެވިން ވެގެން ދިޔައެވެ. އޭނާއަކީ އެންޓި ސެމިޓިޒަމްގެ އަހުލުވެރިއެއްކަމުގައި ނަންކުރެވިގެން ދިޔައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ރައީސް ޓްރޫމަނަށް މަޝްވަރާ އަރުވަމުން ގެންދިޔައީވެސް ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ސަބަބުން ނުކުންނާނޭ ގޯސް ނަތީޖާތަކުގެ މައްޗަށް ބޮޑަށް އަލިއަޅުވަމުންނެވެ. އެގޮތުން އެމެރިކާގެ ކޮމާންޑަރުން ލަފާދެއްވިގޮތުގައި ޔަހޫދީ ދައުލަތެއް އިޢުލާންކުރެވި، ފަލަސްޠީނުގައި ޢަރަބީންނާއި ޔަހޫދީންގެ ހަނގުރާމައެއް ފެށިއްޖެނަމަ އެ ހަނގުރާމަ ވެގެން ދާނީ ބަކަރިތަކެއް ފަދައިން ޔަހޫދީން ކަތިލެވިގެންދާ ޤަތުލު ޢާއްމަކަށެވެ. އަދި ހަނގުރާމައެއް ފެށިއްޖެނަމަ ސުލްހަ ބެލެހެއްޓުމަށްޓަކައި އެންމެ މަދުވެގެންވެސް އެއްލައްކަ ސިފައިން ބޭނުން ވާނެއެވެ.

މި ކަހަލަ ނާޒުކު ފައްތަރަކަށް ހާލަތު ދިޔުމަށްފަހު، 1945 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އިނގިރޭސި ޚާރިޖީ ވަޒީރު ބެވިން ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ފަލަސްޠީނުގެ މައްސަލައާ މެދުގައި ގޮތެއް ނިންމުމަށްޓަކައި އިނގިރޭސި ވިލާތާއި އެމެރިކާގެ ގުޅިފައިވާ ޚާއްސަ ކޮމިޓީއެއް އުފެއްދެވުމުގެ ޚިޔާލެވެ. ރައީސް ޓްރޫމަން މި ހުށަހެޅުއްވުމާ އެއްބަސްވެވަޑައިގަތުމަށްފަހު، އެމެރިކާގެ 6 އޮފިޝަލުންނާއި އިނގިރޭސި 6 އޮފިޝަލުންގެ މައްޗަށް އެކުލެވޭ އެންގްލޯ އެމެރިކަން ކޮމިޓީ އޮފް އެންކުއަރީ އެކުލަވާލެވުނެވެ. މި ކޮމިޓީގެ ބައްދަލުވުންތައް ވޮޝިންގޓަނާއި، ލަންޑަނާއި ފަލަސްޠީނާއި ޔޫރަޕްގެ އެހެނިހެން ބައެއް ޝަހަރުތަކުގައި ބޭއްވުނެވެ. އަދި ކޮމިޓީގެ މެމްބަރުން ޔަހޫދީންނާއި ޢަރަބީންގެ ލީޑަރުންނާއި އެކި ފަހަރުމަތީން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ވެއެވެ. ހަމަ އެހެންމެ ކޮމިޓީގެ މެމްބަރުން ޖަރުމަނުގައި އޮތް އެމެރިކާ ސިފައިންގެ ކޭމްޕަށް ޒިޔާރަތްކުރައްވައި ޔަހޫދީ ރެފިއުޖީންގެ ހާލުއަހުވާލު ބައްލަވާފައި ވެއެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކަށްފަހު 1946 ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހު ކޮމިޓީގެ ފަރާތުން ނެރުނު ރިޕޯރޓުގައި ކޮމިޓީގެ އިއްތިފާޤުން ލަފާދީފައި ވަނީ ޔަހޫދީ ރެފިއުޖީން ފަލަސްޠީނަށް ފޮނުވުމަށެވެ. ހަމަ އެ ފަދައިން މި ރިޕޯރޓުގައި ފަލަސްޠީނު ބައިބައިކޮށް ޔަހޫދީ ދައުލަތަކާއި ޢަރަބި ދައުލަތެއް އުފެއްދުމުގެ ވާހަކައެއް ދައްކާފައެއްވެސް ނުވެއެވެ. އެއާ ޚިލާފަށް، ރިޕޯރޓުގައި ވަރަށް ނުސާފު ޢިބާރާތްތަކަކުން ބަޔާންކޮށްފައި ވަނީ ޢަރަބީންނާއި ޔަހޫދީންނަށް އެއް ދައުލަތެއް ޤާއިމުކުރުމުގެ ވާހަކައެވެ. އަދި އެފަދަ ދައުލަތެއް ޤާއިމު ކުރެވެންދެން އިނގިރޭސި ވިލާތުގެ މޭންޑޭޓްގެ ގޮތުގައި ފަލަސްޠީނު ބޭއްވުމަށެވެ.

ކޮމިޓީގެ ރިޕޯރޓަށް ފަހުގައިވެސް ކަންތައްތައް ގެންދާނޭ ގޮތަކާ މެދުގައި އިނގިރޭސީންނާއި އެމެރިކާ ސަރުކާރަކަށް މުޅިއަކުން އެއްބަހެއް ނުވެވުނެވެ. އެހެންކަމުން ދެ ޤައުމުގެ ދެމެދުގައި ވާހަކަދެއްކުންތަކާއި މަޝްވަރާތައް ދިޔައީ ކުރިޔަށެވެ. ފެންނަ ފެނުމުގައި މި މައްސަލައާ ގުޅިގެން އެމެރިކާ ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދުގައި ހޫނު ޒުވާބުތަކެއްވެސް ހިނގިއެވެ. އެއީ މި ދަންނަވާ އެއް ލައްކަ ޔަހޫދީން އެމެރިކާއަށް ގެންދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އިނގިރޭސި ސަރުކާރުން ބުނަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެބައިމީހުން އެމެރިކާއަށް ގެންދެވުމުގެ ބަދަލުގައި ފަލަސްޠީނަށް ފޮނުވުމަށް ޓްރޫމަންގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައީ އެމެރިކާގެ ޔަހޫދީ ލޮބީގެ ނުފޫޒާއި ބާރުގެ ސަބަބުން ކަމަށް އިނގިރޭސި ބޮޑު ވަޒީރު އެޓްލީއާއި ޚާރިޖީ ވަޒީރު ބެވިން ތުހުމަތު ކުރެއްވި ކަމަށްވެސް ބުނެވެއެވެ. މިކަމުގައި ވަނީ ކިހާ ވަރެއްގެ އިޚްލާސްތެރިކަމެއްތޯ ނުވަތަ މިއީ ޢަރަބީންނާއި މުސްލިމުންގެ ލޯތައް މުޅީން ކަނުކޮށްލުމަށްޓަކައި ރޭވިގެން ކުޅެވުނު ކުޅިގަނޑެއްތޯ މިއީ ކުރެވިދާނޭ ސުވާލުތަކެވެ. ފެންނަން އޮތް ޙަޤީޤަތަކީ ޔަހޫދީ ޓެރަރިސްޓް ޖަމާޢަތްތަކުގެ އަނިޔާވެރި ޙަމަލާތައް އަމާޒުވަމުން ދިޔައީ ހަމައެކަނި ޢަރަބީންނަށް ނޫން ކަމެވެ. އިނގިރޭސީންނަށްވެސް މީގެ ރަހަ ދެކެން ޖެހިފައި ވެއެވެ. އޭގެ އެންމެ މުހިއްމު އެއް ޙާދިސާ ކަމުގައިވާ ލޯރޑް މޯއިން އަވަހާރަކޮށްލެވުނުގެ ވާހަކަ ވާނީ ދަންނަވާލެވިފައެވެ. މިފަދަ އަނެއް ހާދިސާއަކީ 1946 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޤުދުސްގެ ކިންގް ޑޭވިޑް ހޮޓެލްގައި ބޮން ގޮއްވާލައިގެން އިނގިރޭސި ސިފައިންގެ އޮފިސަރުންނާއި މަދަނީންގެ ނުވަދިހަ މީހުން މަރާލެވުނު ހާދިސާއެވެ. މި ޓެރަރިސްޓް ހަމަލާ ދީފައިވަނީ އިރްގުންގެ ފަރާތުންނެވެ. ހަމަލާގެ ކަންތައްތައް ރޭވުމުގައި އިސްވެހުރީ ފަހުން އިޒްރޭލުގެ ބޮޑު ވަޒީރުކަން ކުރެއްވި، އެއިރު އިރްގުންގެ އިސް ލީޑަރެއް ކަމުގައިވާ މެނާހިމް ބޭގިނެވެ. 1945 ވަނަ އަހަރުން ފެށިގެން 1946 ވަނަ އަހަރުގެ މި ދެންނެވި ހާދިސާގެ ނިޔަލަށް ޔަހޫދީ ޓެރަރިސްޓް ހަމަލާތަކުގައި އިނގިރޭސި ސިފައިންގެ ވިއްސަކަށް މީހުން މަރުވެ ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ. ހަމަ އެފަދައިން މި ދެންނެވި މުއްދަތުގެ ތެރޭގައި ޔަހޫދީ ޓެރަރިސްޓުންގެ ހަމަލާތަކުގެ ސަބަބުން އިނގިރޭސީން ޤާއިމުކޮށް ބަލަހައްޓަމުން ގެންދިޔަ އުމްރާނީ ނިޒާމަށް 4 މިލިއަން ޕައުންޑުގެ ގެއްލުން ވެފައި ވެއެވެ.

އަނެއްކޮޅުން އިރުމަތީ ޔޫރަޕްގެ ޤައުމުތަކުން ހަނގުރާމައަށް ފަހުގައިވެސް ޖަރުމަނުގައި އޮތް އެމެރިކާ ސިފައިންގެ ކޭމްޕަށް ޔަހޫދީން އަންނަމުން ދިޔައެވެ. ހަނގުރާމަ ނިމުނު އިރު އެއް ލައްކަ މީހުން ތިބި ކޭމްޕުގައި 1946 ވަނަ އަހަރު ނިމުނު އިރު ދެ ލައްކަ ފަންސާސް ހާސް މީހުން ތިއްބެވެ. ވަރަށް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއީ އެމެރިކާއާއި އިނގިރޭސި ވިލާތުގެ ސަރުކާރަށް ޕްރެޝަރުކޮށް، ޔަހޫދީން ބޭނުންވާ ގޮތަށް ކަންތައް ކުރުމަށްޓަކައި ޒައިނިސްޓުން ރާވައިގެން ކުރި ކަމެކެވެ. މި ކަންތައް ހިނގަމުން ދިޔަ އިރު، ފަލަސްޠީނަށް ޔަހޫދީން އެތެރެވުމުގެ ކަންތައްވެސް ދިޔައީ ނުހުއްޓި ކުރިޔަށެވެ.

އެމެރިކާގެ ރައީސް ހެރީ އެސް. ޓްރޫމަންގެ ނިންމުމަކަށްވީ ފަލަސްޠީނު ދެ ބަޔަށް ބަހާލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ. އެހެންކަމުން 1946 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު އޭނާގެ ނިންމެވުން އިޢުލާން ކުރެއްވިއެވެ. ފަލަސްޠީނު ދެ ބަޔަށް ބަހާލައި، އެ ދެ ބައިގައި ޔަހޫދީ ދައުލަތަކާއި ޢަރަބީންގެ ދައުލަތެއް އުފެއްދޭނޭކަން އިޢުލާން ކުރެއްވިއެވެ. އޭގެ ފަހުން 1947 ވަނަ އަހަރުގެ ޖެނުއަރީ މަހު، އިނގިރޭސި ސަރުކާރުން ފަލަސްޠީނުގެ މައްސަލައިގައި ޙައްލެއް ހޯދައިދިނުން އެދި އދ އަށް ރަސްމީގޮތުން ހުށަހެޅިއެވެ. އދ. ގެ ފަރާތުން މި މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި "ވަކި ފަރާތަކަށް ނުޖެހޭ" އެގާރަ ޤައުމުގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމިޓީއެއް އެކުލަވާލިއެވެ. ޔުނައިޓެޑް ނޭޝަންސް ސްޕެޝަލް ކޮމިޓީ އޮން ޕެލަސްޓައިން ގެ ނަން ދެވުނު މި ކޮމިޓީގައި ހިމެނުނު ޤައުމުތަކަކީ އޮސްޓްރޭލިޔާ، ކެނެޑާ، ޗެކޮސްލޮވޭކިޔާ، ގުއަޓެމާލާ، އިންޑިޔާ، އީރާން، ނެދަރލޭންޑްސް، ޕެރޫ، ސްވިޑްން، އުރުގުއޭ، އަދި ޔޫގޯސްލާވިއާ އެވެ. ކޮމިޓީގެ މެމްބަރުން މެދުއިރުމައްޗަށް ވަޑައިގެން ޔަހޫދީ ލީޑަރުންނާއި، އަދި އަލަށް އުފެދުނު އަރަބި ލީގުގެ ޤައުމުތަކުގެ ވެރީންނާ އެކުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވެވިއެވެ. ޔަހޫދީ ލީޑަރުންނާއި ޒައިނިސްޓުންގެ އިސް ބޭފުޅުން މި ކޮމިޓީއަށް އެއްބާރުލުން ދެއްވައި ކޮމިޓީއާ އެކުގައި މަސައްކަތް ކުރައްވައި، ފަލަސްޠީނު ދެބައިކޮށްލުމުގެ ހުށަހެޅުން ޤަބޫލުކުރެވިދާނެކަމަށް ވިދާޅުވިއިރު، ފަލަސްޠީނީ ޢަރަބީން ތަމްސީލު ކުރަމުން ގެންދިޔަ ޕެލަސްޓައިން އެެރެބް ހަޔަރ ކޮމިޓީއިން ބުނަމުން ގެންދިޔައީ އދ ގެ ކޮމިޓީއަކީ ޒައިނިސްޓުންނަށް ތާއީދުުކުރާ މީހުންގެ މައްޗަށް ހިމެނޭ ކޮމިޓިއެއް ކަމުގައެވެ. އެހެންކަމުން އެ ކޮމިޓީއާ އެކުގައި އެއްބާރުލާން ބޭނުންނުވާ ކަމުގައެވެ. އަދި ފަލަސްޠީނަކީ ޢަރަބީންގެ ބިމެއް ކަމުގައި ވާތީ އެއްވެސް ޙާލެއްގައި އެ ބިން ބައިބަޔަށް ބަހާލާކަށް އެއްބަހެއް ނުވެވޭނެ ކަމުގައެވެ.

ކޮމިޓީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން ކެނެޑާއާއި، ޗެކޮސްލޮވޭކިޔާއާއި، ގުއަޓެމާލާއާއި، ނެދަރލޭންޑާއި، ޕެރޫއާއި ސްވިޑްނާއި އުރުގުއޭއިން ހުށަހެޅީ ފަލަސްޠީނު ދެ ބަޔަށް ބަހާލައި ދެ ބައިގައި ޔަހޫދީ ދައުލަތަކާއި ޢަރަބި ދައުލަތެއް އުފެއްދުމަށެވެ. އަދި ޤުދުސް ބައިނަލް އަޤުވާމީ ސަރަޙައްދެއްގެ ގޮތުގައި ބޭއްވުމަށެވެ. އަދި މިގޮތުން އުފެއްދޭ ދެ ދައުލަތް އިޤްތިޞާދީގޮތުން ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ބޭއްވުމަށެވެ. އިންޑިޔާއާއި އީރާނާއި ޔޫގޯސްލާވިއާގެ ހުށަހެޅުމަކީ ޔަހޫދީންނާއި ޢަރަބީންގެ ފެޑެރަލް އެއް ދައުލަތެއް އުފެއްދުމެވެ. އޮސްޓްރޭލިއާއިން ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ. މި ހުށަހެޅުމާ މެދުގައި އދ ގެ ޖެނެރަލް އެސެމްބްލީގެ މެމްބަރުން ވަރަށް ދިގުކޮށް މަޝްވަރާ ކުރުމަށް ފަހު 1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ނެގުނު ވޯޓުގައި މަޝްހޫރު ޤަރާރު ނަންބަރ 181 ފާސްކުރެވި، އެ ޤަރާރުގެ ދަށުން ޔަހޫދީ ދައުލަތް ވުޖޫދަށް ގެނެވުނެވެ.
 

ހަމަމިގަލަމުން

އިދާރާ

ވާހަކަ