އަދުގެ ޚާއްސަ

Print

އަޅުގަނޑުގެ ނަޒަރުން ... ބައެއް އަދަބީބަސް (2)

ޝާޢިއުކުރީ އާދަމް ޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ

6. މަސް ނުބެވުމުން މާފަންނު މީހުން ނުބައިކުރާނީ ކަނޑެވެ.


ކޮންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް އެމަސައްކަތަކުން ރަނގަޅު ނަތީޖާއެއް ލިބުން ބިނާވެފައިވަނީ އެމަސައްކަތެއް ކުރާ މީހެއްގެ ހުނަރުވެރިކަމަށާއި އެކަމަށް އޭނާދޭ ސަމާލު ކަމަށެވެ. މަސައްކަތްކުރަން ގެންގުޅޭ ހަތިޔާރު ގެންގުޅޭނެ ގޮތާއި އެތަކެތީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާނެގޮތް މިފަދަ މީހުންނަށް އެނގޭނެއެވެ. ނަމަވެސް މަސައްކަތުގެ ހުނަރުނެތް މީހެއްނަމަ ކަންތައްތައް ނުކުރެވުމުން އަބަދުވެސް ނުބައި ކުރާނީ ކަންކުރަން ގެންގުޅޭ ހަތިޔާރެވެ. ސަބަބކީ އެފަދަ މިހުންނަށް މަސައްކަތުގެ އާލަތްތައް ގެންގުލޭނެ ގޮތުގެ ހުނރުތައ ް ލިބި ނެތުމެވެ.

ކޮންމެ މީހަކަށްވެސް އެމީހަކަށް ލިބިހުރި ހުނަރެއް އެނގޭނެއެވެ. އެކަމަކު ކަމަކުން ފޭލިވެއްޖެ ނަމަ ނުވަތަ ރނގަޅަށް ކަމެއް ނުކުރެވިއްޖެނަމަ އަބަަދުވެސް އެހެން މިހުން ކުށްވެރިކުރުމަކީ ވަރަށް ގިނައިން ވާ ކަމެކެވެ. މިވެނިކަމެއް އެވެނިގޮތަކަށް ކުރެވުނީ މިވެނި މީހެއްގެ ނުވަތަ ބަޔެއްގެ ސަބަބުންނޭ ބުނެވޭތަން ވަރަށް ގިނަފަހަރު ދިމާވެއެވެ. މުދައްރިސުންގެ އަބަދުމެ ޝަކުވާއަކީ ކުދިން ނުކިޔަވާތީ އެކަމުގެ ޝަކުވާއެވެ. ކުދިން ކުރާ ޝަކުވާއަކީ މުދައްރިސުނަށް ކިޔަވައިދޭން ނޭނގޭކަމަށްބުނެ ކުރާ ޝަކުވާ އެވެ. ހަނދާން ކުރަންވީ ކޮންމެ މީހަކުވެސް އެމިހަކު ކުރާ މަސައްކަތެއްގެ ހުނަރު ލިބިހުރެ  ޝަވްޤުވެރކަމާއި ފަރުވަތެރިކަމާއެކު ކޮށްފިނަމަ އެކަމަކުން ލިބޭ ނަތީޖާ ރަނގަޅުވާނެ ކަމެވެ.
މިބަސް ބޭނުން ކުރަނީ ކަމެއް ގޯސްކޮށް ކުރެވުމުން އެކަން ކުރިމީހާ އެކަމުން ރެކެނވެގެން އެކަން ގޯސްކޮށްކުރެވުނީ ކޮންމެވެސް އެހެން މީހެއްގެ ސަބަބުންނޭ ނުވަތަ އެކަމުގައި ބޭނުންކުރި އާލާތްތަކުގެ ސަބަބުންނޭ ބުނާ ޙާލަތްތަކުގައެވެ.

7.މިދުނިޔެއަކީ ސައިބޯނި ބޮތްކެކެވެ. މީހެއްގެ ޢުމުރު ކައިވަތަކަށްވުރެ ކުރެވެ.


މި ބަހުން ދޭހަކޮށްދޭން ބޭނުންވަނީ ދުނިޔެއަކީ ދާއިމަށް ދެމިގެންދާ ތަނެއްނޫންކަމެވެ. އަންނަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ދުނިޔޭގެ ނިމުންވެސް އަތުވެދާނެއެވެ. ހަމަ އެފަދައިން އިންސާނާގެ ޙަޔާތަކީވެސް ވަރަށްކުރު އެއްޗެކެވެ.

އިންސާނުން ދުނިޔެ އުޅުމުގައި ކުރާ ބައެއް ޢަމަލުތަކުން މިއީ ދާއިމީ ގޮވައްޗެއްކަން ދޭހަވާ ފަދަ ގޮތްގޮތަށް ކަންތައްތައް ކުރެއެވެ. އަދި ތިމާގެ ހަޔާތަކީ ދާއިމަށް ދެމިގެންދާފަދަ ޙަޔާތެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް ކަންތައްތައް ކުރެވެއެވެ. އެކަމަކު އެއީ ކުށް ހީ އެކެވެ. މި ދުނިޔޭގައި ދާއިމަށް ދެމިގެންދާ އެއްވެސް ކަމެއް ނުވެއެވެ. އިންސާނާއަކީ ދެ ދުވަހެއްގެ މެހުމާނެކެވެ. އޭނާގެ ނިމުން ވަރަށް ގާތުގައިވެސް ވެދާނެއެވެ. ހަމަ އެގޮތަށް ޤުދުރަތީ ހާދިސާއެއްގެ ސަބަބުން ދުނިޔޭގެ ނިމުންވެސް އައުން ވަރަށް ގާތެވެ. މިކަމުގެ ހެކިތައް ސުނާމީ އާއި ބިންހެލުން ފަދަ ކަންތައްތަކުން ފެނިގެން ދެއެވެ.
އެހެންކަމުން ދުނިޔޭގައި އުޅެމުން ދާއިރު މިކަންތައްތައް ތަކާމެދު ވިސްނާނަމަ ދުނިޔޭގައި ހަމަ ޖެހުމާއި ޞުލްޙަވެރިކަން އޮންނާނެއެވެ. ހަމަ ޖެހުމާއި ޞުލްޙަވެރިކަން ނެތިދަނީ މިކަންތައްތަކާމެދު ނުވިސްނާތީއެވެ.

8. މިހާގެ ހުންނަ ހުނަރުވެރިކަން ހިތްވަރު ނެތުމުން ބީވެގެން ދެއެވެ.


މީހެއްގެ ކިބައިގައި ހުންނަ ހުނަރުވެރިކަމާއި ކުޅަދާނަކަން އެހެން މީހުންނަށް ފެންނަނީ އެކަންތައްތައް ދައްކާލުމުންނެވެ. އެހެނަސް އެ ހުނަރާއި އެކުޅަދާނަކަން ދައްކާލުމުގެ ހިތްވަރު އޭނަގެ ކިބައިގައި ނެތް ނަމަ އެކަންކަން ދެނެގަތުމުގެ ފުރުޞަތެއް އެހެން މިހުންނަކަށް ނުލިބޭނެއެވެ. އެފަދަ މީހަކު ކާމިޔާބުގެ މަތީހަރުފަތްތަކަށް އެރުމަށް ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ.

ލިބިހުރި ހުނަރާއި ކުޅަދާނަކަން ދައްކާލުމަށް މަސައްކަތްކުރާ ހިތްވަރު ހުރި މީހަކަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. މި ގޮން ޖެހުންތަކުން ސަލާމަތްވެވޭނީ ހިތްވަރު ހުރެގެންނެވެ. އަމިއްލަ ނަފުޞަށް އިތުބާރު ކޮށްގެންނެވެ. އުނދަގޫ ކަންތައްތަކަށް ނަފުޞު ހުށަހަޅައިގެންނެވެ.

މީހަކު އެމީހެއްގެ ނަފުޞަށް ކުރާ އިތުބާރު ނަގައިލައިފިނަމަ ޙަޔާތުގައި ކާމިޔާބީއާއި ހަމައަށް ވާޞިލު ވުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. ވަރަށް ހުނަރުވެރިންވެސް ހިތްވަރު ނެތުމުން ދުނިޔެއިން ބޭކާރު ބައެއްގެ ގޮތުގައި ވެގެން ދެއެވެ. އެހެނަސް އެއްވެސް ތަޢުލީމެއް ލިބިނެތް މީހުންވެސް ދުނިޔެ އުޅުމުގައި އެތައް މިލިއަން ރުފިޔާއެއް ހޯދާތަން އަހަރެމެންނަށް ފެނެއެވެ. މިހެން މިވަނީ އެމީހުންގެ ހުރި ހިތްވަރުގެ ސަބަބުން އެމީހުންގެ ހުނަރުތައް ދައްކާލުމަށް ފުރުޞަތު ހޯދީތީއެވެ.

ސިޔާސީ ދާއިރާއަށް ބަލައިލިޔަސް އެހާ ތަޢުލީމީނޫންމީހުން ވަރަށް މަތީ މަޤާމުތައް ޙާޞިލު ކުރާތަން އެބަ ފެނެއެވެ. ސަބަބަކަށް ވެފައި އޮންނަކީ އެމީހުން ކެރުމާއި ހިތްވަރާއެކު އެކަމަށް ކުރިމަތިލުމެވެ. ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމެވެ.

އެހެންކަމުން ޙަޔާތުގައި ކާމިޔާބީ ޙާޞިލުކުރުމަށް ބޭނުންވާ އެންމެ މުހީއްމު އެއް އުންޞުރަކީ ހިތްވަރެވެ. ގިނަ މީހުންނަށް ޙަޔާތުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހެނީ ހިތްވަރު ނުކުރެވުމުގެ ސަބަބުންނެވެ.

9. ގަސް އެނގޭނީ އޭގެ މޭވާ އިންނެވެ.


މި ބަހުގެ ލަފުޒީ މާނައަށް ބަލާއިރު މި ބަހުގައި އެބުނަނީ ގަހެއްގެ ގޮތް ނުވަތަ އޭގެ ފެންވަރު އެނގޭނީ އެގަހުގައި އަޅާ މޭވާއިންނެވެ. އެ މޭވާގެ ރަހައިން ގަހުގެ ޙަޤީޤީ ތަޞައްވުރެއް ލިއްބައިދެއެވެ. މިސާލަކަށް  އެގަހުގެ ޢާއިލާއާ ބެހޭ މަޢުލޫމާތާއި އެހެންވެސް ބައެއް ކަންތައްތައް މެވާއިން އަންގައިދެއެވެ.
 
މިބަހަކީ ހަމައެކަނި ގަސްގަހާގެއްސާއި ގުޅުވައިގެން ބުނެއުޅޭ ބަހެއް ނޫނެވެ. މީހެއްގެ ޢަމަލު ތަކާއި އޭނާގެ ޝަޚުޞިއްޔަތުން އަހަރެމެންނަށް ވަރަށް ގިނަ އެއްޗެތި އެނގެއެވެ. މީހެއްގެ ޙާޤީޤީ ސޫރަ އެނގެނީ އޭނަގެ އަމަލު ތަކުންނެވެ. ބޭރުން ފެންނަ ކަންތައްތަކަކީ އެތެރޭގައި ހުންނަ ކަންތައްތަކުގެ ރައްދެވެ. އެހެންކަމުން މީހެއްގެ ޝަޚުޞިއްޔަތު އެނގޭނީ އޭނާގެ ޢަމަލުތަކާއި އޭނާ ދައްކާ ވާހަކައިންނެވެ. މަޑުމައިތިރިކަމާއެކު ވާހަކަދައްކާ އެހެންމީހުންނާމެދު ހެޔޮކޮށް ހިތާނަމަ އޯގާތެރިއެއްގެ ގޮތުގައި ބެލިދާނެއެވެ. ޢަމަލުގައި ހަރުކަށިކަން ދައްކާ އަދި ބަސްބުނުމުގައި ހުތުރުބަސްތައް ބޭނުންކުރާނަމަ ރަނގަޅުނޫން މީހެއްގެ ގޮތުގައި ބެލިދާނެއެވެ.

މޭވާއެއްގެ ރަހައިން ގަހުގެ ގޮތް އަންގައިދޭފަދައިން މީހެއްގެ ޢަމަލުތަކާއި އޭނަގެ ބަސްމަގު ހުންނަ ގޮތުން އޭނާއަކީ ތަހުޒީބު ނުވަތަ ނާތަހުޒީބު މީހެއްކަން ކަނޑައެޅިދާނެއެވެ.


10. ދައިގަންނާނެ ކުއްތާ ވައްވަކެއް ނުޖަހާނެއެވެ.


މިބަހުން ދޭހަކުރެވޭ މާނައަކީ އަބަދުވެސް ބާރަށް ވައްވައް ޖަހާ ކުއްތާއެއް މީހެއްގެ ގައިގާ ނުވަތަ އެހެން ޖަނަވާރެއްގެ ގައިގާ ނަމަވެސް ދަތް ނާޅާނެ ކަމެވެ. އެފަދަ ކުއްތާއެއް ވައްވައް ޖެހުމުގައި އޭގެ ހަކަތަ ހުސްކޮށްލައެވެ. އަދި އެހެން އެއްޗަކަށް ހަމަލަ ދިނުމުގެ ހިތްވަރެއް ނުހުރެއެވެ.

މިއީ އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް ޢާއްމު ބަހެކެވެ. ނުފުއްދޭ ވަޢުދުތައްވެ، އެހެންމީހުންނާ މުޚާޠަބުކޮށް އެމީހަކަށް ނުކުރެވޭނެ ކަހަލަ ވާހަކަ ދައްކާނަމަ މިބަސް ބުނެއުޅެއެވެ. ސިޔާސީ ލީޑަރުންގެ ކިބައިން މިކަން ވަރަށްބޮޑަށް ފެނެއެވެ. މަޤާމަކަށް ކުރިމަތިލައިގެން އުޅޭއިރު ވަރަށް ގިނަ ވަޢުދުތައް ވެއެވެ. މަޤާމަށް ހޮވުމުން އެހުރިހާކަމެއްގެ މަތިން ހަނދާން ނެތެއެވެ. އެހެން ކަމުން ކަންތައްތައް ކޮށްދޭނަމަ ބުނެ މާގިނައިން ވަޢުދުވާމިހާއަށް ކަންތައްތައް ނުކޮށްދެވޭނެ ކަމަށް މީހުން ޤަބޫލު ކުރެއެވެ.
އެހާގިނައިން ވައްވައް ނުޖަހާ ބައެއް ކުއްތާ ވަރަށް ހުނަރު ވެރިކަމާއެކު މީހުންނަށާއި އެހެން ޖަނަވާރުންނަށް ޙަމަލާ ދެއެވެ. ހަމަ އެފަދއިން މަދުން ވާހަކަ ދައްކާމީހުން އަދި " ފޮނި ނުކަނޑާމީހުން" ވަރަށް އަގުހުރި ކަންތައްތައް ކުރެއެވެ.

11. ފައިސާއަކީ ހުރިހާ އެއްޗެއްނޫނެވެ.


އިންސާނާއަށް މުއްސަނދިކަމާއި، ތިޔާގިކަން ހޯދައިދޭ އެއްޗަކީ ފައިސާއެވެ. އެހެނަސް އިންސާނާއަށް ބޭނުންވާ ހަމައެކަނި އެއްޗަކީ ފައިސާއެއް ނޫނެވެ. ފައިސާއަށްވުރެ އަގުބޮޑު އެތައް އެއްޗެއް އިންސާނާއަށް ބޭނުންވެއެވެ. ފައިސާއިން ވަރަށްގިނަ އުފާތައް ޙާޞިލް ކުރެވިދާނެއެވެ. އެކަމަކު ފައިސާއަކީ އޭގެ ޠަބީޢަތުގައި އެއްވެސް އުފާވެރިކަމެއްވާ އެއްޗެއް ނޫނެވެ. އިންސާނާގެ ޙަޔާތުގައި ފައިސާއިން ޙާޞިލު ނުކުރެވޭ އެތައް ކަމެއް  ވެއެވެ.

ފައިސާއިން އިންސާނާ މުއްސަނދިކޮށްދެއެވެ. ފަސޭހަކަމާއި ހިތްހަމަ ޖެހުން ގެނުވައިދެއެވެ. އުފާވެރިކަން ހޯދުމުގެ ނިޔަތުގައި އިންސާނާ ދުރު ދަތުރުތައް ކުރެއެވެ. އެކަމަކު އެކަމުން އޭނާއަށް އުފާވެރިކްނ ނުލިބުނުނަމަ އެފައިސާތައް ބޭކާރު ވެގެން ދެއެވެ. މުއްސަންޖަކަށް ބައިވަރު ފޮތްތަކެއް ގަނެވިދާނެއެވެ. އެކަމަކު އެފޮތްތައް ކިޔުމުގެ ޝަވްޤުވެރިކަން އޭނަގެ ކިބައިގާ ނެތްނަމަ އެފޮތްތަކުން އޭނާއަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

މީހެއްގެ ފައިސާދަބަސް ފައިސާއިން ފުރިފައި ހުރިނަމަވެސް އޭނަގެ ހިތް "ހުހަށް" ހުރެދާނެވެ. ފައިސާވެރިއަކަށް އޭނާ ބޭނުންވަރަކަށް ޚަރަދު ކުރެވިދާނެއެވެ. އެކަމަކު އެކަމުން އޭނާއަށް އުފަލެއް ނުލިބި ހުރެދާނެއެވެ. އެހެނަސް ޢިއްޒަތާއި ޤަދަރާއި، ރީތި އަޚުލާޤު ފަދަ ކަންތައްތަކަކީ ފައިސާއާއި ނުލައިވެސް ހޯދިދާނެ ކަންކަމެވެ. މީހާއަކީ ކިތަންމެ ފަޤީރެއް ނަމަވެސް މިދެންނެވި ސިފަތައް އޭނަގެ ކިބައިގާ ހުރިނަމަ ހުރިހާއެންމެންވެސް އޭނާދެކެ ލޯބިވާނެއެވެ. އަދި ފަޤިރު ނަމަވެސް އޭނާގެ ޙަޔާތްވާނީ އުފާވެރި ޙަޔާތަކަށެވެ.

ވައްކަމާއި ފޭރުމާއި ބަދުއަޚުލާޤީ ބައެއް ޢަމަލުތައް ފައިސާއާއި ގުޅިފައި ވެއެވެ. މިކަންކަމުން ޙަޔާތުގެ މަޤުޞަދުތަކުގެ މަތިން މީހުން ހަނޑާން ނައްތުވާލައެވެ.

އިންސާނާ އުފަންވަނީ ހަމައެކަނީ ފައިސާއަށް ޓަކައެއް ނޫނެވެ. މަޝްހޫރު ޅެންވެރިންނާއި ފިލޯސަފަރުން ފަޤީރުކަމުގައި އުޅެ ދުނިޔެ ދޫކޮށްފައި ވެއެވެ. އެކަމަކު މިއަދުވެސް އެމީހުންގެ ހަނދާންތަކާއި އެމީހުންކޮށްފައިވާ އަގުހުރި މަސައްކަތްތައް ފެންނާން އެބަހުއްޓެވެ.  

12.އުއްމީދެއްއޮތިއްޔާ މަގެއް ފެންނާނެއެވެ.


އަހަރެމެންގެ ކިބައިގާ ހިތްވަރެއްހުރެގެން ކަންކަން ކާމިޔާބުކުރުމަށް މަސައްކަތްކުރާއިރު އެކަން ކާމިޔާބުވާނެ ކަމުގެ އުއްމީދު އަބަދުވެސް އޮންނަ ކަމަށްވާނަމަ ކާމިޔާބު ކުރުމަށް ތަފާތު މަގުތައް ފެންނާނެއެވެ. އެއީ ކިތަންމެ އުނދަގޫ ކަމެއް ކަމުގައިވިޔަސް އަދި ގިނަ ބަޔަކަށް ނުވާނެކަމެއް ކަމަށް ޤަބޫލުކުރެވުނަސް ވެހެވެ. ވަރުގަދަ ހިތްވަރުން އަހަރެމެންގެ އަމަޒާ ހަމައަށް އަހަރެމެން ގެންގޮސްދެއެވެ.

މިބަހަކީ ހިތްވަރު ދިނުމުގެ ގޮތުން ބޭނުންކުރެވިދާނެ ބަހެކެވެ. ކަންތައްތައް ކަމިޔާބު ކުރުމަށް މަސައްކަތް ކުރާއިރު ބައެއްކަހަލަ ހުރަސްތަކާ ދިމާވެއެވެ. އެހުރަސްތައް ގިރާކުރުމަށް އެމީހަކަށް ހިތްވަރު ބޭނުންވެއެވެ. ކާމިޔާބާ ހަމައަށް ވާޞިލު ނުވެވޭ އެންމެ ބޮޑު ސަބަބކީ އެކަމެއް ކާމިޔާބުކުރުމަށް ލާންވީ މިންވަރަށް ހިތްވަރު ނުލެވުމާއި، މަސައްކަތް ކުރިނަމަވެސް އެކަމެއް ކާމިޔާބު ވާނެ ކަމުގެ މާބޮޑު އުއްމީދެއް ނެތުމެވެ. ކަމެއް ކުރަން ބެނުން ނުވުމުން ނުވަތަ ކަމެއް ކުރަން ބޭނުންވެ އެކަމެއް ނުކުރެވުމުން އަހަރެމެން ކުރާކަމަކީ އެހެންމީހުން ކުށްވެރި ކުރުމެވެ. އެއީކާމިޔާބު ނުވި ސަބަބެއް ކަމުގައި ހަދާފައެވެ. ދިމާވާ ހުރަސްތައް ގިރާނުކޮށް އެއީ ނުވާނެ ކަމެއްކަމަށް ނިންމައެވެ.

ކަންކަން ކާމިޔާބު ކުރުމަށް އަހަރެމެންނަށް ބޭނުންވާ އެންމެ މުހިއްމު އެކައްޗަކީ ވަރުގަދަ ޢަޒުމެކެވެ. ބަދަލު ނުކޮށްލެވޭނެ ފަދަ އަޒުމެކެވެ. އަހަރެމެންގެ އަޒުމަކީ ތުނިތުނި ކަރުދާސްގަނޑެއްގާ ބަލިކަށި އެއްޗެއް ކަމުގައިވާނަމަ އެނބުރެމުން އަންނަ ވައިރޯޅިއަކުން ވެސް އެ އަޒުމު ބަދަލު ކޮށްލެވިދާނެއެވެ. އަދި ކުރަން ފެށި މަސައްކަތް އެހިސާބުން ހުއްޓާލަން ޖެހިދާނެއެވެ.
 
ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ނަސްލީ އިމްތިޔާޒާ ދެކޮޅަށް، (ކަޅުމީހުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށް ) ކުރެއްވި މަސައްކަތް ކާމިޔާބުކުރެއްވީ ވަރުގަދަ އަޒުމެއްގެ މަތީގައި ހުންނަވައިގެންނެވެ. ޖަލުގައި 25 އަހަރު ހޭދަކުރެއްވިއިރުވެސް އެ އަޒުމަކަށް ބަދަލެއް ނުގެންނަވައެވެ. ޖަލުގައި ކެތްތެރިކަމާއެކު ހޭދަކުރެއްވި ދުވަސްތަކުގައި އެއަޒުމު ވަރުގަދަ ކުރެއވިއެވެ. އެންމެ ފަހުން ކާމިޔާބު ލިބިވަޑައިގަތެވެ. ދެނުނު އެފްރިކާއިން ނަސްލީ އިމްތިޔާޒު ނައްތަވާލައްވައި ދޮންމީހުންނާއި ކަޅުމީހުން އެކުގައި އުޅެވޭނެ ޤައުމަކަށް އެ ޤައުމު ހައްދަވައި ރައްޔިތުންގެ ރައީސަކަށް ވެ ވަޑައިގަތެވެ. އަދި ދެކުނު އެފްރިކާގެ އެންމެ ވަރުގަދަ ބަތަލަކަށް ވެ ވަޑައިގަތެވެ. ވަރުގަދަ އަޒުމެއް ހިތްޕުޅުގައި ބާއްވަވައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އަހަރެމެންގެ ދިވެހި ރާއްޖެއަށް ބަލައިލިޔަސް މިފަދަ މިސާލުތައް ފެންނަން އެބަހުއްޓެވެ. އަހަރެމެންގެ ރައީސުލް ޖުމްހޫރިއްޔާ އަލްފަޟިލް މުޙއްމަދު ނަޝީދު ރައީސްކަން ކުރައްވަފާނެކަމަށް ޤަބޫލުކުރިމީހުން މިޤައުމުގައި ވަރަށް މަދުވާނެއެވެ. އެހެނަސް އެމަނިކުފާނުގެ ވަރުގަދަ އަޒުމުފުޅު އެއީ ވެރިކަމަށް ވަޑައިގަތުމަށް  ކޮށުނު އަލިމަގަކަށް ވިއެވެ.

އެހެންކަމުން މީހެއްގެ ކިބައިގާ ވަރުގަދަ އަޒުމެއް އޮވެއްޖެ ކަމަށްވާނަމަ އެއަޒުމު ކާމިޔާބު ކުރުމަށް މަގުތައް ފެނި އެ މަގުތައް ތަނަވަސް ވާނެއެވެ.

(ނުނިމޭ..)

ހަމަމިގަލަމުން

އިދާރާ

ވާހަކަ