އަދުގެ ޚާއްސަ

Print

އިސްލާމްދީނުގައިވާ އަސަރުކުރުވަނިވި ބާރު

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން


الشّيـخ محمّـد بدر الإسـلام فضلى ބީ.އޭ.،ބީ.ޓީ. (ޢަލީގު) އަކީ އިންޑިޔާގައި އިނގިރޭސީން ވެރިކަންކުރި ދުވަސްވަރު، އިންޑިޔާ ސަރުކާރުން ޖަޕާނަށް ފޮނުވި ބޭފުޅުކެވެ. އިންޑިޔާ ސަރުކާރުން އޭނާ ފޮނުވީ، ޓޯކިޔޯގެ ސްކޫލް އޮފް ފޮރިން ލެންގުއޭޖްގައި ފާރިސީބަހާއި އުރުދޫބަސް ކިޔަވައިދެއްވާ އުސްތާޛެއްގެ ހައިސިއްޔަތުންނެވެ.

މިސްޓަރ فضلى ޖަޕާނަށް ވަޑައިގަތީ، 1930 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭނާ ދަތުރުކުރެއްވީ ކަނޑުމަގުންނެވެ. އޭޕްރިލް 1932 އާ ހަމަޔަށް އޭނާ ޖަޕާނުގައި ހުންނެވިއެވެ. ޖަޕާނުގެ ކަންތައް ހުރިގޮތާއި، އޭނާގެ ދަތުރުފުޅުގެ ޚަބަރުތަކުގެ މައްޗަށް، މިސްޓަރ فضلى ފޮތެއް ލިޔުއްވިއެވެ. އެފޮތުގެ ނަމަކީ، [ސިޔާޙަތެ ޖަޕާން] އެވެ. އެ ފޮތަކީ، ހަތަރުސަތޭކަ ޞަފްޙާގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. އެންމެފުރަތަމަ އެ ފޮތް ޝާއިޢުކުރީ، އަންޖަމަން ތަރައްޤީ އުރުދޫ އޯރަންގު އާބާދު (ދައްކަން) އިންނެވެ.

މުޞައްނިފް އޭނާގެ ފޮތުގައި އަލިއަޅުއްވައިފައިވާ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެކެވެ. އިސްލާމްދީނާ ބެހޭގޮތުން އެންސައިކްލޮޕީޑިޔާއަކަށް މަޒުމޫނެއް ލިޔުއްވުމަށްޓަކައި ޖަޕާނުގެ ޢިލްމުވެރިޔެއް އިސްލާމްދީން މުޠާލިޢާ ކުރެއްވިއެވެ. އިސްލާމްދީން އޮޅުންފިލައިވަޑައިގެންނެވުމުން، އޭނާގެ ހިތްޕުޅަށް އިސްލާމްދީނުގެ އަސަރު ފޯރިވަރުން، އޭނާ އިސްލާމްވެވަޑައިގެންނެވިއެވެ. މިސްޓަރ فضلى އެ ވާހަކަ ބަޔާންކުރައްވައިފައިވަނީ، އަންނަނިވި ޢިބާރާތުންނެވެ.

[ހުކުރު ދުވަހު އަހަރެން ހުކުރު ނަމާދަށް މިސްކިތަށް ހިނގައްޖައީމެވެ. ފަންސާހަކަށް މީހުން ނަމާދަށް އައިސް ތިއްބެވެ. ކޮންމެ މީހަކުވެސް ހުރީ ތޮފީގެ އަޑިން މަޚްމަލުގެ ވަށް ތާކިހަލެއް އަޅައިގެންނެވެ. މިސްކިތުގެ ތިރީބުރީގައްޔާއި ސިޑީގައި، ވަރަށްގިނަ މޮހޮރުތަކެއް ޖަހައިފައި ހުއްޓެވެ. ކޮންމެ މީހަކުވެސް މަތީބުރީގެ ހޯލަށް ދަނީ އެއިން މޮހޮރެއްގައި، އެމީހެއްގެ ތޮފި އަޅުވައިލުމަށްފަހު، ވަށް ތާކިހާ އަޅައިގެންނެވެ. ނަމާދުކުރީ އެ ހޯލުގައެވެ. ބައެއް މީހުން ތިރީބުރިން ވުޟޫވެސް ކުރިއެވެ.

ނަމާދުކުރުމަށްފަހު، ނަމާދަށް އައިސްތިބި އެންމެންނާ އަތާއަތް ޖޯޑުކޮށް ސަލާންކުރީމެވެ. އެތަނުން ޖަޕާނު ބޭކަލަކާވެސް ތަޢާރުފުވިއެވެ. އޭނާވެސް ވަޑައިގަތީ ނަމާދަށެވެ. ރަޝާގެ މުސްލިމެއް ކަމުގައިވާ މިސްޓަރ صابر جميل އަޅުގަނޑަށާއި ޖަޕާނުގެ މުސްލިމް ޢިލްމުވެރިޔާއަށް (އޭނާގެ ނަމަކީ މިސްޓަރ ސްބޫރޯއެވެ.) ސަޔަށް ދަޢުވަތު ދެއްވިއެވެ. މިސްޓަރ صابر جميل އުޅުއްވަނީ މިސްކިތާ ވަރަށް ކައިރީގައިހުރި ރީތި ކުޑަކުޑަ ގެއެއްގައެވެ. އޭނާގެ އަނބިކަނބަލުން عائشة މެހުމާނުންނަށް ވަރަށް ފުރިހަމަޔަށް މެހުމާންދާރީ އަދާކުރެއްވިއެވެ.

އިސްލާމްދީނާ ބެހޭގޮތުން މިސްޓަރ ސްބޫރޯއާ ވާހަކަ ދެކެވުނެވެ. އަޅުގަނޑު ސުވާލު ކުރީމެވެ. ކަލާގެ ހިތްޕުޅު، އިސްލާމްދީނުގެ މައްޗަށް ލަންބައިލީ، އެ ދީނުގައިވާ ކޮން ފުރިހަމަ ކަމެއްތޯއެވެ؟ މިސްޓަރ ސްބޫރޯ ޖަވާބު ދެއްވިއެވެ. ޖަޕާނުގެ އެންސައިކްލޮޕީޑިޔާއަށް އިސްލާމްދީނާ ބެހޭގޮތުން މަޒުމޫނެއް ލިޔުއްވަން އޭނާއަށް ދަޢުވަތު އެރުވުނެވެ. އެކަމާ ވިދިގެން އޭނާ އިސްލާމްދީން މުޠާލިޢާ ކުރެއްވިއެވެ. ދިރާސާތަކާއި ހޯއްދެވުންތަކުން އިސްލާމްދީނަކީ ޙައްޤު ދީންކަން، އޭނާގެ ކުރިފުޅުމަތީގައި އަމިއްލަޔަށް ހާމަވިއެވެ. އެހެންފަރާތެއްގެ ބާރުއެޅުމަކާނުލައި، އޭނާ އަމިއްލަފުޅަށް އިސްލާމްދީން ގަބޫލު ކުރެއްވިއެވެ.

މިސްޓަރ ސްބޫރޯ ވިދާޅުވިއެވެ. އިސްލާމްދީނުގައި ވަރަށް ފުރިހަމަ އެތަކެއް ކަންތައްތަކެއް އެބަހުއްޓެވެ. ނަމަވެސް، އޭގެތެރެއިން ދެކަމެއް ޚާއްޞަގޮތެއްގައި އޭނާއަށް އަސަރު ފޯރުވިއެވެ. އެއީ އިސްލާމްދީނުގައިވާ އެއްކައުވަންތަކަމުގެ ޢަޤީދާއާއި، ދީނީ ތަޢައްޞުބެއް ނެތުމެވެ. ޓޯކިޔޯގައި ޖަޕާނު ނަސްލުގެ މުސްލިމަކަށްހުރީ ހަމައެކަނި ސްބޫރޯއެވެ. އޭނާގެ އިތުރަށް، ޖަޕާނުގައި ތިބީ، ޖަޕާނު ނަސްލުގެ ދާދި މަދު މުސްލިމުންކޮޅެކެވެ.] (ސިޔާޙަތެ ޖަޕާން: ޞަފްޙާ 111-114)

މާޒީގެ ތާރީޚާއި މިހާރުގެ ތާރީޚުގައި މިބާވަތުގެ ވަރަށްގިނަ ހާދިސާތަކެއް ފެންނާން އެބަހުއްޓެވެ. މީހަކު ކޮންމެވެސް އިއްތިފާޤަކުން ނުވަތަ ކޮންމެވެސް އެހެން ބޭނުމެއްގައި އިސްލާމީ ފޮތްތައް ކިޔަން ފަށާއިރު، އެމީހަކު ވިސްނައިފައި އޮންނަނީ، ހަމައެކަނި މަޢުލޫމާތު ހޯދުމަށްޓަކައި އިސްލާމްދީން އޮޅުންފިލުވަނީ ކަމުގައެވެ. ނަމަވެސް، އިސްލާމްދީން އުނގެނުމުން، އެބައިމީހުންނަށް ކުރާ އާދަޔާ ޚިލާފު ވަރުގަދަ އަސަރުން، އެބައިމީހުން ގަވާއިދުން އިސްލާމްވެއެވެ.

އޭގެ ސަބަބަކީ، އިސްލާމްދީނަކީ އެންމެ ފުރިހަމަ މާނައިގައި ފިޠުރަތުގެ ދީންކަމެވެ. އިންސާނާގެ ފިޠުރަތުގައި ފޮރުވިފައިވާ ލަފުޒުތަކެއްނެތް އިޙްސާސްތަކަށް އިސްލާމްދީން ލަފުޒުތަކެއް ހޯދައިދެއެވެ. އިސްލާމްދީނަކީ ކޮންމެ މީހެއްގެވެސް އަމިއްލަ ހިތުގެ އަޑެވެ.

އެހެންކަމުން، ތަޢައްޞުބެއްނެތް މީހަކު އިސްލާމްދީން މުޠާލިޢާ ކުރަމުން ގެންދާއިރު ހައިރާންވެ އަންތަރީސްވާފަދަ ގޮތެއްގައި އެމީހަކަށް އިޙްސާސްވަމުންދާނީ، ޚުދު ތިމާގެ ހިތުގެ ފޮތް ކިޔަމުން ގެންދާކަމަށެވެ. އެ އިޙްސާސް އޭނާއަށް މަޖުބޫރުކުރަނީ، އޭނާ ހަމައެކަނި ކިޔަމުންގެންދާ އިސްލާމްދީން ޢަމަލީގޮތުންވެސް، އިޚްތިޔާރު ކުރުމަށެވެ. އިސްލާމްދީން އޮޅުންފިލުމަށްފަހު އެ ދީން ގަބޫލު ނުކުރުމަކީ ޚުދު ތިމާގެ އަމިއްލަ ޒާތާމެދު އިންކާރުކުރުންފަދަ ކަމެކެވެ. ޚުދު ތިމާގެ ޒާތާމެދު އިންކާރުކުރަން ރުހެވޭނީ ކާކަށްތޯއެވެ؟

އިސްލާމްދީން އާންމުކޮށް ފަތުރައިލުމަށްޓަކައި ބޭނުންވާ ހަމައެކަނި ޝަރްޠަކީ، ދީނަށް ގޮވައިލާ މީހާއާއި ގޮވައިލެވޭ މީހުނާ ދެމެދުގައި އޮންނަ ނަފްރަތުގެ ވެށި ނިމުމަކަށް ގެނައުމެވެ. ނަފްރަތުގެ ފަޒާ ނެތިގެން ދިއުމާއެކު، އިސްލާމްދީން، އެ ދީނުގެ އަމިއްލަ ޒާތުގައި އެ ދީން ފެތުރުމުގެ މަސައްކަތް ފަށައެވެ. މީސްތަކުންގެ ހިތްތަކަށް ވާސިލު ވުމަށްޓަކައި، އަމިއްލަޔަށް މަގު ހޯދައިގަނެއެވެ.

ނަފްރަތުގެ ފަޒާ ނިމުމަކަށް ގެނައުމަކީ، ދެފަރާތުން އެއްފަހަރާ ކުރެވޭނެ ކަމެއް ނޫނެވެ. މިބާވަތުގެ ޖައްވެއް ސާފުކުރެވޭ ކޮންމެ ފަހަރަކުވެސް ސާފުކުރެވިފައިވަނީ އެއްފަރާތެއްގެ މަސައްކަތުންނެވެ. އެހެންކަމުން، އެ މަސްއޫލިއްޔަތު ގަބޫލުކުރާންވާނީ، ދީނަށް ގޮވައިލާ މީހާއެވެ. ދީނަށް ގޮވައިލެވޭ މީހާގެ ފަރާތުން ކުރިމަތިވާ ހިތްނޭދޭ ޒާތުގެ ކަންތައްތަކަށް ކެތްތެރިވެގެންނެވެ. ނަފްރަތުގެ ވެށި ސާފުވުމަށެވެ. ދީނަށް ގޮވައިލާ މީހާއާއި ގޮވައިލެވޭ މީހާއާ ދެމެދު، އާދައިގެ މަސްރަޙެއް އުފެއްދުމަށްޓަކައެވެ. ޙައްޤު ދީނުގެ އަޑު، އެއްވެސްކަހަލަ ހުރަހެއްނެތި މީސްތަކުންނާ ހަމަޔަށް ފޯރުވުމަށްޓަކައެވެ. އެއްވެސް ބަޔެއްގެ މަސައްކަތަކާނުލައި އިސްލާމްދީން މީސްތަކުންގެ ހިތްތަކަށް އަސަރު ފޯރުވަމުން ގެންދާއިރު، އެކަމަށްޓަކައި މަސައްކަތެއް ކުރެވިއްޖެނަމަ، އެ ދީން އަސަރު ފޯރުވާނެ މީހުންގެ ގިނަކަން ލަފާކޮށްލުމަކީ އުނދަގޫކަމެއް ނޫނެވެ.
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ