އަދުގެ ޚާއްސަ

Print

ފިނޮޅެކެވެ.

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ

( އޯގަސްޓް 1975 ގެ އަމާޒުން ނަގައިފައި )

އިންސާނާގެ ދިރިއުޅުން ހޭދަކުރަމުންދާއިރު ބައެއް ފަހަރަށް ބައެއް މީހުންނަށް ، އެދޭހައި އެދުމެއް ފުދެމުން ބޭނުންހައިއެއްޗެއް ލިބެމުންދެއެވެ. އެންމެފަހުން ދަންފަޅިހަމަވެ، އުމުރުގެ ފަތުގައި ނިމުމުގެ ސިއްކަޖެހޭންދެންވެސް މާމެލާމެލީގެ ދޫލަތަށް މަތީ ހިނގަމުންދެވޭގޮތް މެދުވެރިވެއެވެ. މިކަހަލަ މީހުންނަށް ނަސީބުވެރިންނޭ ކިޔައިއުޅެއެވެ.

އަނެއްބަޔަކީ ، މުޅީން ތަފާތުގޮތްތަކެއް މެދުވެރިވެފައިވާ ބައެކެވެ. އެބައިމީހުންގެ ޙަޔާތުގެ ނައު ދުއްވާންޖެހިފައި އޮންނަނީ ގަދަކަނޑެއްގެ ތެރޭގައެވެ. ގޮށް ރާޅުތަކުގެ ތެރޭގައެވެ. ގަދަ ވަޔާއި އޮއިވަރުގެ ތެރޭގައެވެ.
އަމާންކަމުގެ އައްސޭރިއަކަށް ، ނުވަތަ ރައްކައުތެރި ބަނދަރަކަށް ބޭނުންވެގެން ވަށައިގެން ނަޒަރު ހިންގައި ހޯދާއިރު ހަތަރު އުދަރެސް އޮންނަނީ ފެނުޖެހިފައެވެ. ބައެއްގޮތެއްގައި ނަސީބު އެހީތެރިވެއްޖެނަމަ ، އުދަރެހާއި ގާތުން ، ދުރުން މާދުރުން ހުދުކުލައެއް ފެނިދެއެވެ. ރާޅުގަނގެއްގެ ފޮނެކޭހީވެގެން ހުއްޓައި ރަނގަޅަށް ސާފުވެ ފެނުނުއިރު ކަނޑުމެދުގައި އޮތް ދޮންވެލި ފިނޮޅެކެވެ. އެހިނދު .....އާދެ! ހުރިހައިވެސް އެދުމަކީ އެފިނޮޅެވެ. ފިނޮޅާއި ހަމައަށް ދެވުމެވެ. އެފިނޮޅުގެ ފަސްމަތީ ފައިތިލަ ޖައްސައި އެފަސްމަތީގައި ހަރުލައި ހުރުމެވެ. އެއަށްވުރެން ދުރަށް އުންމީދު ފޯރުވޭނެ ގޮތެއް ފެންނާކަށް ނެތެވެ. ދުރުން ފެންނާން އޮތީ އަނެއްކާވެސް މާސިންގާ ބޭރު ބޮޑުކަނޑެވެ.

އަޅުގަނޑުމެންގެ އެކުވެރި އަލްއުސްތާޛު ޝުކުރީއަކީ މިދެންނެވި ގޮތުގެ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. އޭނާގެ ދިރިއުޅުމުގެ ކަނޑުތެރެއިން ފެނުނު ޚިޔާލީ ފިނޮޅެއްގައި ބަގުޑިލައި އޭގެ ހަރުދަނާކަމެއް ނެތް ފަސްގަނޑުގައި ފައިހަރުކޮއްގެން ހުރެވޭތޯ ދުވަސްތަކެއްވާންދެން މަސައްކަތްކުޅައެވެ. ނަމަވެސް ...........
މިހައިތަނަށް ދިއުމަށްފަހު ، ކުޑަގޮތަކަށްނަމަވެސް އަލްއުސްތާޛު ޝުކުރީ ތަޢާރުފްކޮށްދޭން ޖެހިއްޖެއެވެ. އާދެ ދިގު އިސްކޮޅެކެވެ. ލަސް ހިނގުމެކެވެ. ހަށިގަނޑުދެރަކަމުން މުސްކުޅިކަމަކުން ނޫނެވެ. ތިމާގެ ޤަދަރު ތިމާއަށް އެނގި އިޙްސާސްކުރެވޭ މީހުންގައި ހުންނަ ލަސް ޙަރަކާތެވެ. އެޙަރަކާތް ސިފަކުރާއިރު ބޭނުންކުރާނެ ބަހެއް ވަރަށް ނޭގުނެވެ. ފޮނިކަމާއި ބޮޑާކަމުގެ ޙަރަކާތޭ ބުނުމަށްވުރެން ގާތްކުރެވޭ ބުނުމެއް ނުފެނުނެވެ.

ކޮންމެއަކަސް އަލްއުސްތާޛު ޝުކުރީ ފެންނައިރު ، ކިހިލި ދަށުގައި އަބަދުވެސް ވަރަށްބޮޑު ދެފޮތް އޮވެއެވެ. ބާފޮތް ވިއްކާތަންތަނުން ހެއު އަގުގައި ވިއްކާން ހުންނަކަހަލަ ޢިލްމީ ބޮޑެތި ފޮތްފޮތެވެ. ވިއްކާމީހުންނަށް ހަޤީޤީއަގު ނޭގޭތީ ، ހެއު އަގުގައި ވިއްކާފޮތްފޮތެވެ.

ކުލަ ފަނޑުނަމަވެސް ރީތި ދޮން މޫނެކެވެ.ހެއުވަރުގެ މަތިމަހެކެވެ. ތުނބުޅިބާލައި އޮމާންކުރާހައި ވަގުތު ނުލިބޭތީ ، އަބަދުވެސް ހުންނަނީ، ހިސާބަކަށް ދިގުވެފައެވެ. ވަރަށް ބާރުގަދަ ނަންބަރެއްގެ އައިނެއް އަޅުއްވައެވެ. ހެދުމަށް ބަލައިލާއިރު ދެބައިއުމުރުގެ ހެދުމެކެވެ. މާ އަލެއްވެސް ނޫނެވެ. މާ ބަލެއްވެސް ނޫނެވެ. ގަޔަށް ހެއުވަރު ވަރަށްވުރެން ތަނަވަހެވެ. ފުޅަލެވެ. ދިގެވެ. ވަކި މިވެނިކުލައެއް އެނގޭވަރަށްވުރެން ދައުވެފައިވެއެވެ.

އާދެ މިއީ  އަލްއުސްތާޛު ޝުކުރީއެވެ. އެހެން މީހުންނަށް ތަޢާރަފުވާއިރު ، އޭނާ އަމިއްލައަށް ބުނުއްވާފަދައިންނެވެ. ޔުނިވަރސިޓީއެއްގައި ޖަރމަންބަސް ކިޔަވައިދޭން އުޅޭ ޖަރމަންބަހުގެ ޕްރޮފިސަރ  އަލްއުސްތާޛު ޝުކުރީއެވެ. ދޫފަސޭހަކަމާއެކު ރީތިބަހުން ވާހަކަދައްކަވަ އެވެ. އަޅުގަނޑުމެން އެންމެންނަށް ޖަރުމަނު ބަސް ނޭނގޭތީ ، ވާހަދައްކަވައި އުޅުއްވަނީ ޢަރަބި ބަހުންނެވެ. ނަމަވެސް ޖަރުމަނު އެކިއެކި ފިލޯސަފަރުން ބުނެފައި ހުންނަ ބޮޑެތި ޢިލްމީބަސްބަސް ދޭތެރެދޭތެރެއިން ގެންނަވައެވެ. ޖާރމަނީގައި ތަޢުލީމު ޙާސިލުކުރައްވާން އުޅުއްވި ދުވަސްވަރުގެ ވާހަކައާއި ހޯއްދެއްވި ޑިގްރީތަކުގެ ނަންތަކާއި މިބާވަތުގެ ވާހަކަ ވަރަށް ގިނައިން ދައްކަވައެވެ. ވާހަކަތައް ނިމޭއިރު ދެފަރާތަކަށް ބޯހަލުވައިލުމާއިއެކު ހިތާމައިގެ މާނޭވާއެއް ލައްވައިފައި ، ބުނުއްވައެވެ.:- [ ނަމަވެސް ކުރާނީ ކީއްތޯއެވެ؟ މިވަރަށް މޮޅުވެއްޖެ ކޮންމެ މީހެއްގެވެސް ހަސަދަވެރިން ގިނަވާނެއެވެ. އެހެންކަމުން ހަސަދަވެރީންގެ އަނިޔާދަށުވެފައި މިހައިކަންހައިވަރެއްގައި ހުރެވެނީއެވެ. ޔުނިވަރސިޓީގައި އަޅުގަނޑުގާތުން ކިޔަވާކުދީންވެސް އަޅުގަނޑުގެ މަޢުލޫމާތު ތަނަވަސްކަމާއިމެދު ޙައިރާންވެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ؟ ނަސީބުހުރިގޮތެވެ.]

ކޮންމެއަކަސް އަލްއުސްތާޛު ޝުކުރީއަކީ ފޫހިފިލުވައިދޭ އެކުވެރިއެކޭ ބުނެފިނަމަ ، އޭނާއަށް އެވެވުނީ ވަރަށް ބޮޑު ބޭއިންޞާފެކެވެ. އެތައްދުވަހެއްވާންދެން ފެނިދެނި އެކުވެރިވެ އުޅުމަށްފަހު، ކުއްލިއަކަށް ގެއްލިއްޖެއެވެ. ވީތަނެއްވެސް ނޭނގުނެވެ. އެގޮތަކީ އޭނާ އުޅުއްވާ އެޑްރެހަކީ އޭނާގެ ޚާއްސަ ސިއްރަކަށްވާތީ އަޅުގަނޑުމެންވެސް ކޮންމެހެން ހޯދާކަށް ނޫޅެމުއެވެ.

ކުޑަދުވަސްކޮޅެއް ފަހުން ކުއްލިއަކަށް ގެއްލުނުފަދައިން ކުއްލިޔަކަށް ފެނިއްޖެއެވެ. ފެނުނުއިރު ހުންނެވީ ވަރަށް ތަފާތު ސިފައެއްގައެވެ. ތުނބުޅިބާލައި އޮމާންކޮށްފައެވެ. މުޅީން އައުހެދުމެކެވެ. އޮފުއަރާ، ކަޅުކުލައިގެ އައު ފައިވާނެކެވެ.

ވީގޮތެއް ވަރަށްސާފުކޮށް ކިޔައިދެއްވިއެވެ. އާދޭހެވެ. ދުނިޔޭގައި ޖަރމަންބަހުން ނިކުންނަ ނޫސް މަޖައްލާތަކަށް އޭނާ ފޮނުއްވާ އަގުހުރި ޢިލްމީ ލިޔުންތަކެވެ. އެލިޔުންތައް ފޮނުއްވަވަނީ އެއްގޮތަކަށްވެސް  މާއްދީ ފައިދާއެއްގެ ބޭމެއްގައެއް ނޫނެވެ. ހަމައެކަނި ޢިލްމީ ޚިދުމަތެއްގެ ގޮތަގައެވެ. ނަމަވެސް ލިޔުންތަކުގެ މޮޅުކަން އިޙްސާކުޅަ ކޮންމެވެސް ފަރާތަކުން ހަދިޔާއެއްގެގޮތުން ފޮނުއްވި ޗެކެކެވެ. ވާހަކަ ނިންމައިލައްވަމުން ، އިސްއުފުލައި އިތިކޮށް ލައްވައިފައި ، ހިނިތުންވުމާއި އެކު - [ ޗެކް ލިބުނުކަމުން ނާދިޔާއާއި ކާވެނި ވެވޭގޮތްވެސް ވެއްޖެއެވެ. އެކަންވެސް ނުވެފައިއޮތީ އަތްމަތި ދަތިކަމުންނެވެ. މިހާރު އެކަންވެސް ހަމަޖެހުނީއެވެ. ]

އުފަލުގެ އަތްތިލަބަޑިތަކާއި ، ތަހުނިޔާގެ ބަސްތައް ޤަބޫލުކުރައްވަމުން ގެންދެވީ ހިނިތުންވުމާއި އެކުގައެވެ. އެ އަށްފަހު އަލްއުސްތާޛު ޝުކުރީގެ ވާހަކައަކަށް އޮންނަނީ ނާދިޔާގެ ވާހަކައެވެ. އޭނާގެ މޮޅުކަމާއި އޭނާ އަދާކުރާ ވަޒީފާއާއި، ޤައުމީ ވާޖިބުތަކާ، މިބާވަތުގެ ވާހަކައެވެ. ނަމަވެސް ޖަމާޢަތުގެ ތެރެއަށް ތަޢާރުފްކޮށްދެއްވާން ގެންނަވާތަނެއް ނައެވެ. ހަތަރުމަސްދުވަސް ފަހުން އިވޭންފެށީ ، އާލާސްވެ އިންނެވި ޚަބަރެވެ.

އަނެއްކާވެސް ނުފެނި ދެހަފުތާއެއްހައިދުވަސް ދިއުމަށްފަހު ފެނުނުއިރު ހުންނެވީ މުޅީން ބަދަލުވެފައެވެ. ހިކިއަނަރޫފަވެފައެވެ. ، ދެލޯ ބޮޑުވެފައެވެ. މޫނުމަތީގެ ކުލަ ބަދަލުވެފައެވެ. ޚަބަރު އަހައިލުމުން .........

[ އިހަށް ހުރިގޮތަށް އެކަނި ހުރިނަމަ އެއްވެސްކަމަކަށް ނުވީހެވެ. ނަމަވެސް މިހާރު ކާންދޭންވާ ދެއަނގަ އިތުރަށް އެބައޮތެވެ. ނާދިޔާއާއި ކުޑަދަރިފުޅުގެ ޙާލަތެވެ!....... އާހް ! ........]

އަނެއްކާ ކިހިނަކުން އައި ކަމެއްތޯ އަހައިގަތީމައި ލިބުނު ޖަވާބުން އެނގުނީ ، ވަޒީފާއިން ވަކިވީކަމެވެ. ޔުނިވަރސިޓީގެ މަޤާމުން ވަކިވީއެވެ. ނާދިޔާވެސް ވަޒީފާއިން ވަކިވެއްޖެއެވެ. މިހާރު ދެ މަފިރީން ތިބީ މަސައްކަތެއް ނެތް ބަނޑުހައިވެފައި ތިބި ފަގީރުންގެ ގޮތުގައެވެ. ލަސްތަކެއްނުވެ ، ދުނިޔެއަށް އަންނާންއުޅޭ ކުޑަދަރިފުޅުގެ ޙާލަކީވެސް ކޮބައިތޯއެވެ. އަލްއުސްތާޛު ޝުކުރީގެ ޙާލަތާއިމެދު އެންމެންވެސް ވަރަށްބޮޑަށް ހަމްދަރުދީވެ އެންމެން އަތުންނެގި ޗަންދާއެއް ޤަބޫލުނުކުރައްވާން އުޅުއްވާފައިވެސް ވަރަށް ލަދުންހުންނަވައި ޤަބޫލުކުރެއްވިއެވެ.

ދުވަސްތަކެއްވީފަހުން ، އެކުވެރި ޖަމާޢަތުގެ އެކަކު ނޫސްވެރިއެއްގެ ގޮތުގައި އަމިއްލަ މަދަރުސާތަކުގެ ތެރޭގައި ބުރެއްޖަހާން ޖެހުނެވެ. އެބުރުޖެހުމުގެ ތެރޭގައި ވަރަށް ޅައުމުރުގެ އަންހެން ކުދީންނަށް ކިޔަވައިދޭ މަދަރުސާއަކަށް ދެވުނެވެ. އެމަދަރުސާގެ ނާޒިރާގެ ހެއުފުޅުކަމާއިއެކު ނޫސްވެރިޔާ އެކަނި މަދަރުސާތެރޭ ހިނގައިލުމުގެ އަމުރުދެއްވިއެވެ.

މަދަރުސާގެ އެއްކޮޓަރިން ވަންނަމުން އަނެއް ކޮޓަރިން ނުކުންނަމުން ދިޔަދިޔުމުގައި ، ގުދަނެއްގެ ތެރެއިން އެއިވުނު އަޑަކީ ހަމަގައިމުވެސް ނޫސްވެރިޔާއަށް ބީރައްޓެހި އަޑެއް ނޫނެވެ. ވަރަށް ޙައިރާންވެގެން ހުރެ ގުދަނުގެ ދޮރުމައްޗަށް އެރިއިރު ، ދާހިއްލާފޯވެފައި ކުދިންތަކުގެ ތެރެއިން ކިރިޔާ ބޯހިކޭ ނުހިކޭފަދަ ޙާލަތެއްގައި މިހުންނެވީ އަލްއުސްތާޛު ޝުކުރީއެވެ.

ޙައިރާންކަމާއިއެކު ކުރެވުނު ސުވާލުގެ ޖަވާބުގައި ބުނުއްވިއެވެ. - [ ކުރާނީ ކީއްތޯއެވެ؟ ދެމަފިންނާއި ކުޑަކުޑަ މުނާއަށްޓަކައި އަދި މިއަށްވުރެން ދަށް މަސައްކަތެއް ލިބުނަސްވާނީ ކުރާންނޫންތޯއެވެ؟ ދުނިޔެއެވެ. ]

ބުރު ނިންމައިފައި ނިކުންނަމުން ނާޒިރާއަރިހުން އަލްއުސްތާޛު ޝުކުރީގެ ވާހަކަ އަހައިލުމުން ވަރަށް ގަދަ ހީގަތުމަކާއިއެކު [ ތިދައްކަވަނީ ، މިމަދަރުސާގެ ބަނޑޭރި ޝުކުރީގެ ވާހަކަތޯއެވެ؟ ] އާދެ ޖަރމަން ވިލާތުން ކިޔަވައިގެން އެތައް ޑިގިރީއެއް ނަންގަވައިގެން ހުންނެވި އަލްއުސްތާޛު ޝުކުރީއެވެ. އޭނާ ޔުނިވަރސިޓީގެ ވަކިވީމާ މިތާގެ މަސައްކަތެއްގައި އުޅުއްވާތާ މިހާރު މަހެއްހައިދުވަސް ވެއްޖެއެވެ. - ]

މިވާހަކަ ދައްކަވަމުން ނާޒިރާއާއިއެކު އޭނާގެ އޮފީހަށް ވަދެ ، މަޑުކޮށްލެވުނުއިރު ވެސް ނާޒިރާގެ ހިނިފުޅުވެޑުވުމެއް ނުނިމެއެވެ. އެންމެފަހުން އެބަވިދާޅުވިއެވެ.

[ މިތާއުޅޭ ޝުކުރީއަކީ ، މަދަރުސާގެ ބަނޑޭރި ޝުކުރީއެވެ. އޭނާ މިތާނގައި އުޅޭތާ ދިހައަހަރަށްވުރެންވެސް ގިނަދުވަސް ވެއްޖެއެވެ. ތިންފަހަރުމަތިން ، ޖީ.ސީ. އީ . ނެގޭތޯ އުޅުނެވެ. މިހާރު އެހުންނަނީ ނުވިކަމުގައި ދޫކޮށްލައިގެންނެވެ. އޭނާއަކީ މީހަކާނީނދެއުޅޭ މީހެކެވެ. އުޅެނީ މަދަރުސާގެ ގުދަންތަކާއި ގުޅިފައި ހުންނަ ކޮޓަރިއެއްގަ އެވެ. ]

[ ނާދިޔާޔޯ؟ .......] މިސުއާލުވެވުނުތަނާ ނާޒިރާގެ އުނގުފުޅުމައްޗަށް ފުންމައިގެން އެރީ ވަރަށް ރީތި ހުދު ބުޅަލެކެވެ. އޭގެ ކެހެރިގަނޑުގައި ފިރުމައިލެއްވުމާއިއެކު ހިނިފުޅުވަޑުވައިގެންފައި ވިދާޅުވިއެވެ.

[ ނާދިޔާއަކީ މިއީއެވެ. ޝުކުރީގެ އެންމެގާތް އެކުވެރިއަކީ ، މިބުޅަލެވެ. ]

އަލްއުސްތާޛު ޝުކުރީގެ ހަޤީޤަތް ފާޅުވެގެން ދިޔައިރު ، އޭނާއަކީ ، ދިރިއުޅުމުގެ މަންޒިލުމަޤުޞޫދެއްކަމުގައި ދޮންވެލި ފިނޮޅެއް ބަލައިގެން ދަތުރުކުރަމުންދިޔަ ، އެކަނިވެރި އިންސާނެކެވެ. އޭނާއާއިމެދު އެހެންމީހުންގެ ހުތުގައިވަނީ ، އިންތިހާ ދަރަޖައިގެ ހަމްދަރުދީއެވެ.

(ނިމުނީ)

އިދާރާ

ވާހަކަ