އަދުގެ ޚާއްސަ

Print

ނާޒުކު އަސަރުން މި ހިތަށް އީމާނޭ އިތުރުވަނީ

ޝާޢިއުކުރީ ޔޫސުފް މުޙައްމަދު ފުޅު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އަލްމަރުޙޫމު ޔޫސުފް މުޙަންމަދުފުޅު (1989)

ނާޒުކު ޖިންސަށް ބެލުމީ ފާފައެކޭ ތިޔަ ބުނަނީ،
    ނާޒުކު އަސަރުން މި ހިތަށް އީމާނޭ އިތުރުވަނީ،

އިސްތަށިގަނޑު ރޫޅިވަޔާ، މޫރިތި ހަމަޔަށް ނެށިލާ،
    ތަސްބީޙަތަކާ    ގުޅިގެން  ދޫ ޙަރަކާތޭ ވެވެނީ

ނުބަލައި ހުރެވޭނޭހޭ، ނިޔަނެތި މޫނެއް ދެކެފާ،
    ސުބުޙާނަﷲ މަގޭ ހިތް    އަދު ކުއްތަން މިވަނީ

ލޮލުގެ ރިވެތި ކަޅިރަވަޔާ، ކުލަކަޅު ދިގު އެސްފިޔަޔާ،
      ބެލިބެލިހެން ޤުދުރަތްތެރިކަން ދެ ލޮލަށް ހާމަވަނީ

ތުންފަތް ހެލިލާ ގޮތަކުން، ހިނިތުންވެވިދާ ގޮތަކުން،
      ވަންތައެ ކުޅަދުންވެރިކަން ބިންވަޅު ހިތުގާ ނެގެނީ

ބާމަތި ތަނަވަސްކަމަކުން، ކަނދުރާގެ އެ ބައްޓަމަކުން،
      ހާމަ ''މުޞައްޥިރު''ގެ ފިޠުރަތޭ  ވެވި  އާޝޯޚުވަނީ

ފެންނަ ހިނދަކު ހެދިހުރި ހަށިގަނޑުގެ އެ ލޫޅާފަތިކަން،
    ވަންތަކަމޭ ޚާލިޤު     އަޅަކަށްމި  މަޢުރިފާ ވެދަނީ

ފަޖުރުގެ ނޫރެއްފަދަ އަލި، ދެއްވި ހަމުގެ ކުލަފެނިފާ،
     ސަޖިދަ ކުރާށެ ''ވަދޫދަށް'' ނިތްކުރި ތިރިކޮށްލެވެނީ

ޖެހުނު ޖެހުނުހެން މި ނަޒަރު ދެމެދު ބޮލާ ފައިތިލަޔާ،
    ''އަޙްސަނު ތަޤުވީމު''ގެ ބަސްފުޅުވެވި  މޭރުން މިދަނީ

ނުފެނުނު ނަމަވެސް ކައުނުން ''ޢަދުނު''ގެ ޙޫރެއް މި ލޮލަށް،
      އެފަދަ އަރާމާ ޤުއްރަތު ޢައިނުގެ ލައްޒަތު  ލިބުނީ

މޫރިތި ޤުދުރަތުގެ ނަމޫނާ މި ތަޞައްވުރުވެމުން،
     ކީރިތި އައުދާނަ ރުބޫބިއްޔަތަށޭ    ހިތް ލެނބުނީ

''ވީހުގެ'' ޢުމުރަށް ފެށިގެންދާ މި ޒުވާނީ ހިތުގާ،
       ބީހި މިދާ އިޙްސާސުން   ނޫރު   ހިދާއީ ލިބުނީ

ފެންނަ މި ސިފަތައްވި ޖަމާ، ނަން ހުސްކުރި ރިވެތިކަމާ،
       މިންވަރު އެކުރެއްވި ފަރާތަށް މި ތަވައްޖުހު ވެވުނީ

ޖެހުނު އަސަރުގާ މުޅި އިންސާނާ އިޞްލާޙުވެ ގޮސް،
        އިހުކުރެވުނު ޚުލްޤު ނުބައި ޢަމަލުތަކާ ވަކި ވެވުނީ

ފާފަޔެކޭ ތިޔަ ބުނި ކަންތައް މި ލޮލުން ކުރެވިއްޖޭ،
         މާފު މި އެދި ހެޔޮ ނިޔަތުން، ތައުބާއޭ އަދު މިވަނީ 

(ނިމުނީ)

ހަވާލާ؛

އަލްމަރްޙޫމް ޔޫސުފް މުޙަންމަދުފުޅު(1989).ފަތްތޫރަ (118). ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

އިދާރާ

އެނގޭތަ؟

ވާހަކަ