Print

ދުނިޔޭގެ ފަޒާ

ޝާޢިއުކުރީ މުޚްތާރު ފަހުމީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޚްތާރު ފަހުމީ (1995)

ދުނިޔޭގެ ފަޒާ އަނދިރިކަމުން މޫނު އެނގޭހޭ؟
      ކުނިތަކުގެ ދަޅައިން މޮޅު ދެރަ، ފިނިހޫނު އެނގޭހޭ؟

ލޯބިން ކުރެވޭ ރަނގަޅު  ޝިކާޔަތުގެ ހަނދާނާ،
      ލޯބީގެ ބަލާޣާތްތެރި   ތާރީޚު،       އެނގޭހޭ؟

ނޭވާގެ އަމާންކަން އެދިގެން   މި ތިބަ އަޚުންނޭ،
      މޭވާގެ ތެރޭން ދޮން ގިތި، ހިތި މީރު،  އެނގޭހޭ؟

ނަރަކައިގެ ދަރަށް ވެސް ނުފުދޭ ދެރަ ކަރުދާހުން،
     ޚަރަދާ، އުފަލާ، ގަނެވިއްކާ ބާރު،     އެނގޭހޭ؟

އެޅިހާ ބަތަކަށް ރިހަ ކިޔުމާ ހަސަދަ އެހާ ގިނަ،
     މެޅިހާ އަތަކަށް ލޯ ނުމެރޭ، ޚުލްޤު    އެނގޭހޭ؟

ރޯ އޫރުމަހާ، ރާގެ ބިރާ، ފާޙިޝް ޢަމަލާ،
     ޠާޢޫނު ފޮށޭގޮތުގެ  ޚަބަރު ދަބަރު،   އެނގޭހޭ؟

ކޯފާގެ ޢިތާބާ، އަދި ރަޙްމަތުގެ ޚިޠާބާ،
     ޠޫފާނު ފޮނުއްވާ އެކިއެކި ސަބަބު،  އެނގޭހޭ؟

ވިސްނާށެ މި ފަދަ ބަލިގިނަ ހުރަގޭގެ ތެރޭގައި،
     ގިސްލުމުގެ ޙަޤީޤަތް އޮޅުވާލާނެ!   އެނގޭހޭ؟

ފެންނާނެ ފަހުން ޢަމަލުތަކާ، އޭގެ ނަތީޖާ،
     ފެންއާރުތަކާ، ސުވަރުގެއާ ނަރަކަ، އެނގޭހޭ؟

(ނިމުނީ)

ހަވާލާ:

އަލްފާޟިލްމުޚްތާރުފަހުމީ(1995). ހުވަނދު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިސް، މާލެ.

އިދާރާ

ވާހަކަ