އަދުގެ ޚާއްސަ

Print

ނޭނގުމަށްވުރެ ދެރަކަމެއް ނެތެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ޝަރީފު، ރޯޒީ - ށ. ފުނަދޫ

ސުކޫލާއި ގާތްވަމުން ދިޔަ ވަރަކަށް އަހަރެންގެ ހުވާސް އަވަސްވަމުން ދިޔަ އެވެ. މޭގަނޑުގެ ތެޅުން ބާރު ވަމުން ދިޔައެވެ. ހިތު ތެރޭގައި އެތައްހާސް ސުވާލެއް އެނބުރެމުން ދިޔައެވެ. ސުކޫލުގައި އުޅެންޖެހޭނީ ކޮންފަދަ ޙާލެއްގައި ބާވައެވެ! އެތާނގައި ތިބޭނީ ކޮންކަހަލަ މުދައްރިސުންނެއް ބާވަ އެވެ! އެތަނުގައި އުޅޭކުދިން މަށަށް ގޯނާއެއް ނުކުރާނެ ބާވަ އެވެ! މި ސުވާލުތައް މިގޮތަށް ހިތު ތެރޭ ގައި ތަކުރާރުވަމުން ދިޔައީ ކުރިން ނުވެސް ދަންނަ، އެތަނުގެ އަޑު ނުވެސް އަހާ، މުޅިން އައުސުކޫލަކަށް  އާދެވޭތީ އެވެ. ރަށާއި، އަތޮޅުންވެސް ބޭރު މިފަދަ ސުކޫލަކަށް އަންނަން ޖެހުނީ އެހިސާބުގަނޑުގައިވެސް ސާނަވީ ތަޢުލީމު ފެށިފައި ނުވާތީ އެވެ.                                         
     
މާލޭގެ ހަލަބޮލި މަގު ތަކަކީ އަހަންނަށް ވަރަށް ބީރައްޓެހި މަގު ތަކެކެވެ. އެމަގުތަކުން ފެންނަ އަހަރެން އެންމެ ޙައިރާން ކުރުވި ތަކެއްޗަކީ، ކާރާއި، ސައިކަލެވެ. އެންމެ ބިރުގަނެ ޖެހިލުންވީވެސް އެތަކެތި ދެކެއެވެ، މަގުމަތިން ފެންނަ ކޮންމެ އެއްޗެއް އަދި ކޮންމެ މީހެއް އަހަންނަށް މުޅިން އަލެވެ. ހިނގަމުން ދިޔައިރު މަގުމަތިން ފެންނަމުން ދިޔަ ޢިމާރާތްތަކުން ޙައިރާންކަން އިތުރު ކުރުވި އެވެ. އެހެންނަމަވެސް އެތަންތަނާއި ބެހޭ މަޢުލޫމާތު ދެމުން، ދުއްވާ އެއްޗެތިންނާއި، ހިނގާމީހުން އަދި މަގުމަތީގައި ހެދިފައިވާ ޗަކަ ފެންގަނޑުތަކުންނާއި، އަޑިގުޑަން ވަޅުގަނޑުތަކުން ސަލާމަތްކޮށްދެމުން ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ގޮސް ސުކޫލު ދޮރޯއްޓާއި ހަމައަށް ހުއްޓުނެވެ. ދެންއޮތްބައި އަހަރެން އަމިއްލައަށް ކުރިއަށް ގެން ދިއުމަށް އެދުނެވެ. ގެއިން ފެށިގެން ސުކޫލާއި ހަމައަށް މާލިމީ އަކީ ބައްޕައެވެ. އެހެނަސް ސުކޫލުގެ ދޮރޯށިން ކުލާސްރޫމާއި ހަމައަށް މާލިމީ ކަމުގެ ޒިންމާ އަޅަންޖެހުނީ އަމިއްލަ ބޮލުގައެވެ.                                         

         
ވަރަށް ޖެހިލުން ވިއެވެ. ގޮތްހުސްވެ ހާސްވާގޮތްވިއެވެ. ފައިތުރުތުރު އަޅަން ފެށި އެވެ. ދަންނަ ހަމަ އެކަކުވެސް ނޫޅޭ މުޅިންއައު ބިރައްޓެހި ތަނަކަށް ވަންނަން ޖެހުމުންނެވެ. އަހަންނަކީ ކަންތައްތައް ކުރުމަށް ޖެހިލުންވާ، ބިރުގަންނަގޮތެއް ޠަބީޢަތުގައިވެސް ހުންނަ މީހަކަށް ވާތީ އެވެ. އެހެނަސް ހިތްވަރުކޮށްލާފައި، ދެފަޔަށް ބާރުލާފައި، ދޮރޯށިން އެތެރެއަށް ވަދެއްޖައީމެވެ. ފުރަތަމަވެސް މޫނުޖެހުނީ ޢިމާރާތެއްގައެވެ. އެތަނުގެ ތެރޭގައި ސުކޫލު ކުދިންތައް އުޅެއެވެ. އެމީހުންގެ އިޝާރާތުން ދާންވީ މަގު ދައްކައި ދިނެވެ. އެކަމަކު މަގުގެ ވަކި ހިސާބަކުން ދިމާވީ ވަރަށް ނިކަމެތި ގޮތެކެވެ.                                           

        
އެހާހިސާބުން ބައްދަލުވީ ހުދުހެދުން އަޅާފައިހުރި އިސްކޮޅުންދިގު، ބިޔަ، ވަރުގަދަ މީހަކާއި އެވެ. ހުދުހެދުން އަޅާފައި ހުރި ނަމަވެސް މީހަކީ އެންދެރިގަނޑެއްހައި ކަޅު މީހެކެވެ. ފުރަތަމަ ފެނުމުން ވެސް އެއީ ދިވެއްސެއްނޫންކަން އެނގުނެވެ. އޭނާ އަހަރެން ހުއްޓުވިއެވެ. އަދި އިނގިރޭސިބަހުން ވާހަކަ ދައްކަން ފެށި އެވެ. އަތޮޅު ތަޢުލީމީ މަރުކަޒުން ގުރޭޑު 7 ނިންމި ކަމުގައި ވިޔަސް އަހަންނަކީ އިނގިރޭސި ބަހަށް ވަރަށް ކޮށި މީހެކެވެ. އެ ކިޔާ އެއްޗެއް އަމުދުން ނުވެސް އެނގޭހާ ކޮށި މީހެކެވެ. އޭނާ އެދުނީ ބޫޓުގެ ނާޑަވާ އެއްސުމަށެވެ. އޮޅާފައި ހުރި ފަޓުލޫނުގެ ފައިކުރި ނިއުޅާ ލުމަށެވެ. އިނގިލިން ތިރިއަށް އިޝާރާތް ކުރަމުންނެވެ. އެކަމަކު އެކިޔާއެއްޗެއް ނޭނގޭތީ ތިރި ބަލަހައްޓައިގެން ހުރެވުނީ އެވެ. އޭނާގެ ރުޅި ދިޔައީ ގަދަ ވަމުންނެވެ. އަޑު ދިޔައީ ބާރުވަމުންނެވެ. އަހަރެންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އޭނާ  އަކަށް އަހަރެންމީ ކާކުކަމެއް އަހަރެންގެ ފެންވަރެއް ނޭނގޭނެ އެވެ. އަދި އޭނާ އެކިޔާ އެއްޗެއް އަހަންނަކަށް ރޭކާވެސް ނުލައެވެ.                        
                               
          
ރުޅިގަދަވެގެންގޮސް އެންމެ ފަހުން  އެދުނީ އެތަނުގައި ކުޑަކަކޫ ޖެހުމަށެވެ. ކަކޫމައްޗަށް ތިރިވާށޭ ބުނަންވެގެން ބޭނުންކުރި ޢިބާރާތްވެސްވީ މުޅިން އައު ޢިބާރާތަކަށެވެ. އެހެންކަމުން އެހެން ހަދާކަށްވެސް ނޭނގުނެވެ. އެންކަމުން ދުރުގައި ހުރި، ބެޖަށް ދެފަށް އެރި ކުއްޖަކު އައިސް އެހުރިހާ ވާހަކައެއް އަންނަށް ތަރުޖަމާ ކޮށްދިނެވެ. ކަންތައްތައް ކުރަންވީގޮތް އެނގުނީ އެހާހިސާބުންނެވެ. ވަގުތުން އެބުނި ހުރިހާ ގޮތެއް ހަދާލައިފީމެވެ. ބޫޓުގެ ނާޑަވާ އައްސާލައި ފީމެވެ. ފަޓުލޫނުގެ ފައިކުރި ނިއުލާލައިފީމެވެ. އަދި ކަކޫ މައްޗަށް ތިރިވެ ކިސަޑު ހެދިފައިވާ ބިންމަތީގައި ކަކޫ ޖަހައިފީމެވެ.                                                    

          
ހުރިހާކުދިން ސުކޫލަށްވަދެ ނިމެންދެން އިންނަންޖެހުނީ އެތަނުގައެވެ. ކުދިން ސުކޫލަށް ވަންނަތާ ކުރިމަތީގަ އެވެ.ވަދެގެން އަންނަކުދިން އަހަންނަށް ބަލާފައި ހީނހަދައެވެ. ފުރަތަމަ ސުކޫލަށް އައިދުވްހު މި ޖެހުނީ ކޮންފަދަބޮޑު މުޞީބާތެއް ބާވައޭ ހިތަށް އެރި އެވެ. އަދި ކުރިމަގުގައި ކިޔެވުމުގެ ކަންތައްތައް ކިހިނަކުން ދާނެ ބާވައޭވެސް ހިތަށް އެރިއެވެ.އެތައް އިރަކު އެތަނުގައި ބޭންދުމަށްފަހު އެސެންބުލީގަޑި ޖެހުމުން ކޮޅަށް ނެގިއެވެ. އަދި އެސެންބުލީ ނިމުމުން ކުލާހަށް ދާށޭ ކަލޭގެ ކުލާހަކީ ގުރޭޑު 7 ގެ އޭކުލާހޭ ބުންޏެވެ. ގުރޭޑު 7 ގެ އޭކުލާހޭ ބުންޏަކަސް އެކުލާސް އޮންނަ ތަނެއް އަހަންނަކަށް ނޭނގެއެވެ. އެހެންވެ ނަންބޯޑުތައް ބަލަމުން ކުލާސްތައް ފަހަނަ އަޅަމުންގޮސް އެބުނާ ކުލާހަކާއި ހަމައަށް ދެވުނުއިރު ހުރިހާކުދިން ކުލާސްތަކަށް ވަދެ ނިމިއްޖެ އެވެ.                                                        
          
ގުރޭޑު7 އޭގެ ދޮރުމައްޗަށް ހުއްޓުމާއި އެކު ކުލާސްމޮނީޓަރު ނިކުމެ އަހަރެންގެ އަތުގައި ހިފައިގެން އެތެރެއަށް ވެއްދިއެވެ. އެއާއި އެކު ކުލާހުގެ ހުރިހާކުދިން 'ނިވްބޯއި، ނިވްބޯއި' އޭ ކިޔައި އަހަންނާއި ސަލާމް ކުރި އެވެ. އަދި ގެންގޮސް ބޭންދީ އެންމެ ފަހަތު ބަރީގައެވެ. އޭރު ހުންނަނީ ކޮންމެ ކުއްޖަކަށް ވަކި ޑެސްކެއް ނޫނެވެ. އެކަމަކު ހަތަރު ކުދިންނަށް އެއް ޑެސްކެވެ. އިށީންނަން ޖެހެނީ ދިގު ގޮނޑިއެއް ގައެވެ.ހަތަރުކުދިން އިށީނދެ ތިބެންޖެހޭ ގޮނޑީގެ ދިގުމިނުގައި ހަތަރު ފޫޓުވެސް ނުހުންނާނެ އެވެ. ތިބެންޖެހެނީ ފިތި ބާރުވެގެންނެވެ.                                        
          
ކޮންމެއަކަސް ސާނަވީ ތަޢުލީމުގެ ފެށުން އަހަންނަށް ކުރިމަތި ކުރުވި ކަންތައް ތަކަކީ ހަނދާނުން ދުވަހަކުވެސް ފިލައިގެން ދާނޭ ކަންތައްތަކެއް ނޫނެވެ. ބިރުވެރިކަމާއި ރުޅިއާއި ނަފުރަތު އަދި ހިތްދަތިކަން އެދުވަހު ތަހަންމަލު ކުރަން ޖެހުނެވެ. ހިތްބަލި މީހެއްނަމަ ބަޑި ފަޅައިގެން ގޮސް ބާރަށް ރޯން ފެށުނީސްކަން ކަށަވަރެވެ. އެކަމަކު އެދުވަހު ކެތްތެރިވީމެވެ. އެމީހުން ބުނާހާގޮތަކަށް ހެދޭތޯ ބެލީމެވެ. މީހުން ބުނަނީ ތެދެކެވެ. ނޭނގުމަށްވުރެ ވަކިން ދެރަކަމެއް ނުވެއެވެ. އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއް ވެސް ނެތެވެ. އެނގޭ މީހަކަށްވާންވީ އެހެންވެގެންނެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ