އަދުގެ ޚާއްސަ

Print

މަދުރަސީ މާހައުލުގައި މާދަރީބަހަށް އިސްކަންދޭންޖެހެ އެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


                ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ އާދަ މުޖްތަމަޢުގައި އަށަގެންނެވުމަށްޓަކައި

ސްކޫލްތަކުގައި ދިވެހި ޙަރަކާތްތައް އިތުރުކުރުން މުހިއްމު.
މައިމޫނާ ޙުސައިން

އެއްޤައުމު އަނެއް ޤައުމާއި، އެއް އުއްމަތް އަނެއް އުއްމަތާއި ތަފާތުކޮށްދޭ އެންމެ ވަރުގަދަ ހަތިޔާރަކީ އެބައެއްގެ އަމިއްލަ ބަހާއި ސަގާފަތެވެ. އެބައެއްގެ އަމިއްލަ ބަހާއި ސަގާފަތު ކުރިއަރުވަން ތިބޭނީ ހަމަ އެ ޤައުމެއްގެ އަހުލުވެރިންކަން ޔަޤީނެވެ. ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް އުޅެމުންދާ ޤައުމަކަށް އަޅުގަނޑުމެންގެ ރާއްޖެ ވީ ހިނދު، އިޤްތިޞާދީ، އިޖުތިމާޢީ އަދި ޢުމްރާނީ ގޮތުން ރާއްޖެ ކުރިއަރައި، ދުނިޔޭގެ އެހެން ޤައުމުތަކާ އެއް ސަފެއްގައި ފައިހަމަކުރެވޭތޯ ގަދަ އަޅައި މަސައްކަތް ކުރަމުންދާ މި ދުވަސްވަރު ތަފާތު ފެންވަރުގެ ތަފާތު ގިންތީގެ މީހުން އަޅުގަނޑުމެންގެ ރާއްޖޭގައި މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވެއެވެ.

މިދެންނެވި މީސްމީހުންނާއި މުޢާމަލާތުކުރުމަށް ތަފާތު ފެންވަރުގެ ރީތި ބަހުރުވަ ދަސްކުރުން މުހިއްމު ކަމަކަށް ވީ ނަމަވެސް މިކަން ކާމިޔާބު ކުރެވެން އަންނަނީ ހުރިހާ ދާއިރާތަކެއްގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން މިހާރަށް ވުރެ ބޮޑަށް ލިބިގެންނެވެ. މިދެންނެވި މަސައްކަތްތަކުގެ އެންމެ މުހިއްމު އެއް މަރުޙަލާ ގުޅިފައިވަނީ ސްކޫލްތަކާއި، އުނގަންނައި ދިނުމުގެ މަސައްކަތްކުރާ ފަރާތްތަކާއެވެ.

ސްކޫލްތަކުގައި ހިންގާ ދިވެހި ޙަރަކާތްތައް މިހާރަށްވުރެ އިތުރު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ސްކޫލްތަކުގެ ގިނަކުދިންނަށް ވާހަކަދައްކަންވީ ރަނގަޅު ބަހުރުވަ އާއި ބަސްމަގު ދަސްވެފައި ނުހުންނަކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާއި މުޚާތަބުކުރާއިރު، ހުތުރު ބަސްތައް ބޭނުންކުރަނީ ދިރިއުޅޭ މާޙައުލުން މިފަދަ އަޑުތައް އިވެމުން ދާތީއެވެ. މިފަދަ ދަށުދަރަޖައިގެ ބަސްތަކުން ބޮޑެތި މީހުންނާއި ކުދިން ވެސް މުޙާތަބުކުރުމަކީ ބޭއަދަބީ ކަމަކަށް ވާތީ، މި މައްސަލަ ހައްލުކުރުމަށްޓަކައި މުދައްރިސުންނާއި ބެލެނިވެރިން ރީތިބަހުން ވާހަކަދައްކައި، ކުދިންނަށް ނަމޫނާއަކަށްވުން މުހިއްމުވެ. މިގޮތުން ކުރެވޭ އެއް ކަމެއްގެ ގޮތުގައި ކުލާހުގައާއި ގޭތެރޭގައި ރީތިބަހުން ވާހަކަދައްކާ ކުދިންގެ ޗާޓެއް ދައްކައިލެވިދާނެއެވެ. މިއީ ކުދިންނަށް މިކަން އިޞްލާޙު ކުރުމަށް ލިބޭ ވަރަށްބޮޑު ހިތްވަރަކަށް ވާނެކަން ކަށަވަރެވެ.

ކިޔަވައިދެއްވާ މުދައްރިސުންނަކީ ހުރިހާ ގޮތަކުން ވެސް ކިޔަވާކުދިންނަށް ނަމޫނާ ބަޔަކަށް ވާންޖެހެއެވެ. މިގޮތުން ބަސްމޮށުންތެރިކަމާއި އަޚްލާޤީ ސިފަތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. މުދައްރިސުންނަކީ ތަފާތު ފެންވަރުގެ ތަފާތު ދަރަޖަތަކުގެ ބޭފުޅުންނާއި ޚިޔާލުބަދަލުކޮށް ހަދަންޖެހޭބަޔަކަށްވީހިނދު، ބަސްމޮށުންތެރިކަމުގެ ދަރަޖަތައް ރަނގަޅަށް ދަސްވެފައި ނެތްނަމަ، އެފަދަ ދަނޑިވަޅުތަކުގައި އެހެންމީހުންގެ ކުރިމަތީގައި ތިމާގެޤަދަރުކުޑަވެ ލަދުގަންނަންޖެހޭ ފަދަ ޙާލަތްތައް މެދުވެރިވުމަކީ ދުރުގައިވާކަމެއްނޫނެވެ. މިކަންތައްތައް ތަކުރާރުވިޔަނުދިނުމަށްޓަކައި ސްކޫލާއި، ސްކޫލުން ބޭރުގައި ވެސް ގުޅިގެންއުޅޭ އެކުވެރިންނާއި ރީތިބަހުން ވާހަކަދައްކައި، ރިވެތި އަޚްލާޤްގެ ނަމޫނަ އަކަށްވުމަކީ ވަރަށް އެދެވިގެންވާކަމެކެވެ.

މުދައްރިސުންނެކޭ އެއްޙައިސިއްޔަތަކުން ބެލެނިވެރިންވެސް ކުއްޖާގެ ބަސްމޮށުންތެރިކަން ރަނގަޅުކުރުމަށް ވަރަށްބޮޑަށް ބާރުއަޅަންޖެހޭނެއެވެ. އެއީ ކުއްޖާ ގިނަވަގުތު ހޭދަކުރަނީ މައިންބަފައިންނާ އެކުގައިކަމަށް ވެފައި، އެމީހުންގެ ބަސްމޮށުންތެރިކަން ކުއްޖާ އަބަދުވެސް ނަމޫނާ އަކަށް ބަލައި ނަކަލުކުރާތީއެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މައިންބަފައިން ވަރަށް ހަޑިހުތުރުބަހުން މުޢާމަލާތުކޮށް ޒުވާބުކޮށް ހަދާތީ އިވެއެވެ. މިފަދަ ވަގުތުތަކުގައި ކުއްޖާ އަށް އިވޭ ބަސްތައް ކުލާހުގަ އާއި ކުލާހުން ބޭރުގައިވެސް ކުދިން ބޭނުންކުރާކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. މިފަދަ ކަންތައްތައް ބެލެނިވެރިންނަށް ވިސްނައިދިނުމުގައި ސްކޫލުތަކުންވެސް ވަރަށްބޮޑު އެހީތެރިކަމެއް ބެލެނިވެރިންނާއި މުދައްރިސުންގެ ބައްދަލުވުންތަކުގެ ޛަރީޢާއިން ފޯރުކޮށްދެވިދާނެއެވެ.

މިހާރަކަށްއައިސް އަޅުގަނޑުމެންގެ ތެރެއިން ސްކޫލްނިންމާފައި ނުކުންނަ ގިނަ ކުދިންނަކީ އަމިއްލަ މާދަރީބަހުން ލިޔެކިޔުމުގައި ވަރަށް "ކޮށި" ބައެކެވެ. ތިމާ ބޭނުންވާ ދާއިރާއަކަށް ފެންވަރު ރަނގަޅު ސިޓީއެއް ނުވަތަ މެސެޖެއް ލިޔަން ނޭނގުން އެއްކިބައިގައި އޮއްވައި ވެރިޔަކާ ރީތިބަހުރުވައިން މުޚާތަބުކުރަން އެނގެގެނީ ފަހެ ކިތައްކުދިންނަށްތޯއެވެ؟ މިއީ ލަދުކަމަކަށްވާތީވެ، މިކަންތައްތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި ސްކޫލް ފެންވަރުގައި ބާއްވާ އެކިއެކި ޙަފްލާތަކުގައި ތަޤްރީރުކުރުމުގެ ފުރުޞަތު ކުދިންނަށް ހޯދައިދިނުމާއި، ސިޓީ، މަޒުމޫނުލިޔުން ފަދަ އަދަބީ ޙަރަކާތްތައް ގިނަގިނައިން ހިންގުމަކީ ވަރަށް މުހިއްމުކަމެކެވެ. އޭރުން ކުދިންގެ މިދެންނެވި ހުނަރުތައް ކުރިއަރައި ތަރައްޤީވަމުންދާނެކަން ޔަޤީނެވެ.

ލިޔުންތެރިކަމާއި އެއްއުޞޫލުން ކުއްޖާގެ ކިޔުންތެރިކަމުގެ ހުނަރުވެސް ތަރައްޤީކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ޚާއްޞަކޮށް ދިވެހިބަހުން ލިޔެފައި ހުންނަ ފޮތްފޮތައް ކުދިންގެ ޝައުޤުވެރިކަން ކުޑަކަން ވަރަށްބޮޑަށް ފާހަގަކުރެވެއެވެ. އޭގެ ބަދަލުގައި އިގިރޭސިބަހުން ލިޔެފައިހުންނަ ފޮތްފޮތް ކިޔުއްވުމަށް ބެލެނިވެރިން ބާރުއަޅާ މިންވަރު އެއީ އެންމެންވެސް ދަންނަކަމެކެވެ. މިއާއި ޚިލާފަށް ކުދިންނަށް ދިވެހިބަހުން ލިޔެފައިހުންނަ ތަފާތުފޮތްތައް ހޯދައިދީ، އެފަދަ ފޮތްތައް ކުދިންލައްވާ ކިޔުއްވުމަށް ބާރުއެޅުއްވުމަކީ ކުދިންނަށް އޭގެ ހެޔޮއަސަރު ފޯރާނޭކަމެއްކަން ޔަޤީނެވެ.

ކުއްޖާގެ އެންމެ ޅަފަތުގައިވެސް އެބައެއްގެ މާދަރީބަސް ކުއްޖާއަށް ދަސްކޮށްދިނުމަށް މައިންބަފައިން ވަރަސް ބޮޑަށް ސަމާލުވާން ޖެހެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިންބަފައިން މިހާރަކަށް އައިސް ސަމާލުކަންދެނީ ކުއްޖާގެ އިނގިރޭސިބަހުގެ ފެންވަރު މަތިކުރުމަށްޓަކައި އިނގިރޭސިބަސް ދަސްކޮށްދިނުމަށެވެ. މިގޮތުން ތަފާތު ވައްތަރުގެ ކާޓޫނުފޮތްތަކާއި ވާހަކަފޮތްތައް އެންމެ ކުޑައިރުވެސް ހޯދައިދެއެވެ. އިނގިރޭސިފޮތްތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ގިނައިން ދިވެހިބަހުގެ ފޮތްތަކާއި ނޫސް މަޖައްލާތައް ހޯދައިދީ އެފަދަތަކެތި ކިޔުއްވުމަށް ބާރުއެޅުއްވުން ވަރަށް މުހިއްމެވެ. އޭރުން އަމިއްލަ ބަހަށް ދޭންވާ ސަމާލުކަމާއި، ޝައުޤުވެރިކަން އުފެދެމުންދާނެކަމީ ޔަޤީންކަމެކެވެ. މިހެންނުވާނަމަ، މިހާރަކަށް އައިސް އަޅުގަނޑުމެންގެ ޅަޒުވާނުންގެ ތެރޭގައި އިސްލާމީ ސަލާމް ދޫކޮށްލުމަށްފަހު "ހައި!"، "ހަލޯ" ނުވަތަ "މޯނިންގް" ފަދަ ބަސްތަކުން ސަލާމްކުރުމުގެ ގޯސް އާދަތައް ފަދަ ކަންތައްތައް ކުދިންގެ ކިބައިގައި އަށަގަނެ، އަމިއްލަވަންތަކަމަށް ދެވެންޖެހޭ ސަމާލުކަން ކުޑަވަމުންދާނެކަމީ ބަހުސެއް އޮތްކަމެއްނޫނެވެ. މީގެ މިސާލަކަށް ކުދިން ނިންދަވާއިރު މިހާރަކަށް އައިސް ޖަހައިދޭ ހިންދީ، އިނގިރޭސި އަދި މިނޫންވެސް ބޭރުބަސްބަހުގެ ލަވަތައް ފުދޭ ދޮގެއްތޯއެވެ؟ މީގެބަދަލުގައި އަޅުގަނޑުމެންގެ ބަހުގެ ތަރިކައިގެ ތެރޭގައި ހިމެނޭ ރައިވަރާއި ފަރިހި އަދި އަންބާ ފަދަ ތަކެތި އިއްވައިދިނުމަކީ ނުކުރެވޭނެ ކަމެއްތޯއެވެ؟ މިފަދަ ކަންތައްތައް ކުރެވޭކަމަށްވާނަމަ، ކުއްޖާގެ ހިތުގައި އަމިއްލަ ބަހާއި އެބަހުގެ ތަރިކަ ދިރުވައި އާލާކުރުމުގެ މަތިވެރި ރޫޙު އުފެދެމުން ދާނެކަން ކަށަވަރެވެ.

ކުއްޖާ ގުޅިގެންއުޅޭ އެކުވެރިންގެ ފަރާތުންވެސް ކުއްޖާގެ ބަސްމޮށުންތެރިކަމަށް ވަރަށް ބޮޑު އަސަރެއް ފޯރައެވެ. މިގޮތުން ބަލާއިރު ބައެއްފަހަރު ކުދިންނަށް "ވަނަމުން" މުޚާތަބު ކުރުމާއި ހަޑި ހުތުރުބަހުން ވާހަކަދެއްކުމަށް ގޯސް އެކުވެރިންގެ ފަރާތުން ދަސްވެއެވެ. މިކަން ޙައްލުކުރުމަށްޓަކައި ކްލާސްތެރޭގައާއި ގޭތެރޭގައިވެސް ރީތިބަހުން ވާހަކަދެއްކުމަށް ހިތްވަރުދީ، ނަމޫނާ ދައްކާދީ ގޯސް އެކުވެރިން ދޫކޮށް ރަނގަޅު ކުދިންނާ އެކު އުޅުމަށް ބާރު އެޅުއްވުމަކީ އެކަމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުއްޖާއަށް ފޯރާނޭކަމެކެވެ. އެފަދަ ކަންތައްތައް އާލާކުރުމަށްޓަކައި  އެފަދަ ނުރަނގަޅު ބަހެއް ބޭނުންކުރެވޭ ކޮންމެފަހަރަކު، ރަނގަޅުގޮތް ބުނެދީ، ލޯތްބާ އެކު ދެވަނަ ފަހަރަށް އެފަދަބަހެއް ތަކުރާރު ނުކުރުމަށް ނަޞޭޙަތްދީ ، ރީތި، ރަނގަޅު ކަންތައްތަކެއް ފެންނަ އަދި ރަނގަޅު ބަސްތައް އިވޭ ކޮންމެ ފަހަރަކު އެކަމަށް ތަޢުރީފުކޮށް ހިތްވަރުދީ ހެދުމުން ކުއްޖާއަށް އެކަމުގެ ފުރިހަމަ ހިތްހަމަޖެހުން ލިބި، އެކަމަށް ޝައުޤުވެރި ވެވޭގޮތްވުމަކީ ކުއްޖާގެ ޠަބީޢީ ސިފައެކެވެ.

އަހަރުން އަހަރަށް ސްކޫލްގައި ހިންގާނޭ އަދަބީ ޙަރަކާތްތަކުގެ ތާވަލެއް ކަނޑައެޅިފައި އޮތުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ހަމަ އެފަދައިން ކަމެއް ރާވާއިރު އެކަމެއް ހިންގާނޭ ރަނގަޅު އާރުކާޓީންތަކެއް ޢައްޔަންކުރުމަކީ އެކަމެއް ފުރިހަމަވުމުގެ ސިއްރެކެވެ. މިފަދަ ޙަރަކާތްތައް ހިންގުމަށް ރާވާއިރު، ވީހާ ގިނަ، ތަފާތު ފެންވަރުތަކުގެ ކުދިންނަށް މި ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދެވޭތޯ ވެސް ބަލަންޖެހޭނެއެވެ. މީގެ ހެޔޮ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ފެންނާނީ އޭރުންނެވެ.

އަޅުގަނޑުމެންގެ ބަސްކުރި އަރުވައި ތަރައްޤީކުރެވޭނީ އަޅުގަނޑުމެންގެ ދަރިންނަށް ބަސްކިޔަވައި ދިނުމުގައި މިހާރު މި ގެންގުޅޭ އުޞޫލުތަކާއި އުކުޅުތައް ވެސް ކޮންމެވެސް ވަރަކަށް ބަދަލުކޮށްގެންނެވެ. ކުލާސްރޫމެއްގެ ތެރޭގައި ހަމައެކަނި ވާހަކަކޮޅެއް ދައްކައިލާ އުޞޫލުން މުދައްރިސަކު ކިޔަވައިދިނުމަކުން އޭގެ މާބޮޑު ފައިދާއެއް ނުކުރާނެއެވެ. ކުލާސްރޫމެއްގެ ތެރޭގައި ގެންދެވިދާނެ ކުދިންނާއި ގުޅޭ ތަފާތު ޙަރަކާތްތައް ހިމަނައިގެން ލިޔެކިޔުމާއި ޚިޔާލު ބަދަލުކުރުމާއި ހުށަހެޅުންފަދަ ޙަރަކާތްތައް އިތުރުކޮށްގެން ކިޔަވައިދިނުމުން ކުރާ ފައިދާ ބޮޑުވާނެއެވެ. އަދި ފައިދާހުރި ގޮތުގައި ބަސް ބޭނުންކުރަންވީ ގޮތްތައް ކުދިންނަށް ދަސްކޮށްދީ ހެދުމުން ނޫނީ ބަސް ބޭނުންކުރަންވީ ރަނގަޅު ޙާލަތްތަކާއި ދަނޑިވަޅުތައް ކުއްޖާއަށް އޮޅުމަކީ ދާދި ކައިރީގައިވާ ކަމެކެވެ.

އަޅުގަނޑުމެންގެ ދިވެހިބަސް ތަރައްޤީ ކުރުމަށް ތިބީ ހަމަ އަޅުގަނޑުމެން ދިވެހިންނެވެ. އެހެންކަމަށްވީއިރު ދިވެހިބަހަށްވުރެ ދިވެހިން އިސްކަންދޭންވީ ދެވަނަ ބަހެއް އަޅުގަނޑުމެންގެ ތެރޭގައި އޮވެގެންނުވާނެއެވެ. ސްކޫލެއްގައި ވިޔަސް އޮފީހެއްގައި ވިޔަސް އަދި އެނޫން ތަނެއްގައި ވިޔަސް މިކަން އޮންނަންވާނީ ހަމަ މިގޮތަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ މިލޮބުވެތި މާދަރީބަހާއި އާދަކާދަ އަދި ޘަޤާފީ ތަރިކަތައް ރައްކާތެރިކޮށް ދިރުވައި އާލާކުރުމަށް އަޅުގަނޑުމެން ހުރިހާ ދިވެހިން އަތުކުރި އޮޅައިލަމާތޯއެވެ؟ އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހިބަހަށް ލިބެންޖެހޭ މުއްސަނދިކަމާއި ކުރިއެރުން ދުވަހެއް ދުވަހަކަށް އިތުރުވުން އެދި މިބީދައިން މަސައްކަތްކުރުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު ކީރިތި ﷲ އަޅުގަނޑުމެންގެ އެންމެހައި ދިވެހި ރައްޔިތުންނަށް  ދެއްވާށިއެވެ! އާމީން!       

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ