އަދުގެ ޚާއްސަ

Print

އައު މުސްތަޤްބަލެއް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމްދީނަކީ އަރަހުށި މާތް اللّه އެންމެފަހުން ފޮނުއްވި ދީނެވެ. އަރަހުށި މާތް اللّه މިންވަރު ކުރައްވައިފައިވަނީ ހުރިހައި ޙާލަތެއްގައިވެސް އެ ދީން ރައްކާތެރިވެ ދެމިއޮތުމަށެވެ. އެހެންކަމުން ފެށުނީއްސުރެ އެ ދީނާމެދު އަރަހުށި މާތް اللّه ކަންތައް ގެންދަވައިފައިވީ އަޖައިބުވާފަދަ ގޮތަކަށެވެ. މީލާދީން ހަތްވަނަ ސައްތައިގައި އެ ދީން މައްކާއިން ނެރެލެވުނުހިނދު، އެ ދީން ވަނީ މަދީނާއަށް ވާސިލުވެފައެވެ. އެ ދީނަށްޓަކައި ޢާލަމީ ފުޠޫޙާތުގެ ދައުރެއް ފަށައިފައެވެ.

    ޢައްބާސީ ޚިލާފަތުގެ ދުވަސްވަރު، ތާތާރީން އިސްލާމީ ޚިލާފަތުގެ ކިއްލާ ފުނޑުފުނޑުކޮށްލިއެވެ. ނަމަވެސް، އެ ކިއްލާގެ ރޫޅިގެން ފައިބައިފައިވާ ހިލަތަކާއި ވަކަރުތަކުގެ ތެރެއިން ފާޅުވެގެންދިޔައީ މުޅިން އާ އަދި މާ އުޖާލާ ދައުރެކެވެ. ތުރުކީގައި އުފެދުނު ޢުޘްމާނީ ޚިލާފަތުގެ ސިފައިގައެވެ. އިންޑިޔާގައި އުފެދުނު މުޣުލް އެމްޕަޔަރުގެ ނަމުގައެވެ. މީލާދީން ވިހިވަނަ ސައްތަ ނިމި، އެކާވީސްވަނަ ސައްތަޔަށް ފެށިގެންދާއިރު، އިސްލާމްދީން އަނެއްކާވެސް މިވަނީ އާ ދައުރެއްގެ އޮޅިގަނޑު ކައިރިޔަށް ނުކުމެވިފައެވެ. އެ އޮޅިގަނޑު ގިރާކޮށް އެތެރެއަށް ވަނުމަށްފަހު މާތް اللّه ގެ ދީން ހިމެނިގެންދާނީ މުޅި ދުނިޔެއަށް އަލިފޯރުވައިދޭ ދަންމަރެއް ކަމުގައެވެ. އިންސާނިއްޔަތަށް އައު ޙަޔާތެއް ހޯދައިދިނުމުގެ ޒަރީޢާއެއް ކަމުގައެވެ.

    އިންޑިޔަން ސަބްކޮންޓިނެންޓުގެ ސިޔާސީ ލީޑަރުން 1942 ގައި ކުއިޓް އިންޑިޔާ (Quit India) ގެ ނަޢުރާ ފެށްޓެވިއެވެ. އާދެ، [އޭ އިނގިރޭސީންނޭވެ! އިންޑިޔާއިން ފައިބާށެވެ!] ވިދާޅުވާން ފެށްޓެވިއެވެ. އެ ނަޢުރާއާ ވިދިގެން އިނގިރޭސީންގެ ބޮޑު އެމްޕަޔަރަށް ގުޑުންއެރިއެވެ. ގާތްގަނޑަކަށް ފަސްއަހަރެއްހައި ދުވަހުގެ ތެރޭގައި (1947) ގައި އެބައިމީހުންނަށް މަޖުބޫރުވީ އިންޑިޔާ މުޅިން ދޫކޮށްލާށެވެ. އިންޑިޔަން ސަބްކޮންޓިނެންޓުގެ އަހުލުވެރީންނާ އިންޑިޔާ ހަވާލުކޮށްފައި އިނގިރޭސީން އެނބުރި ރަށަށް ހިނގައްޖެއެވެ.

    މިއަދު އެ ހާދިސާ ފެންނަނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، 1947 ގެ ކުރިން އެއީ ވަރަށް ނާދިރު ކަމެކެވެ. އަދި ކީއްތޯއެވެ؟ އެންމެފަހު ވަގުތާ ހަމައަށްވެސް ބައެއް މީހުން އެ ހާދިސާ ހިނގައިފާނެކަމަކަށް ގަބޫލެއްވެސް ނުކުރެއެވެ. އަޅުގަނޑު ރަނގަޅަށް ހަނދާން އެބަހުއްޓެވެ. 1946 ގައި އަޅުގަނޑު ހުރީ ކާންޕޫރުގައެވެ. އެދުވަސްވަރު ކާންޕޫރުގެ އުރުދޫ ނޫހެއްގެ މުޙައްރިރުގެ ބަހުގައި ލިޔެފައި އޮތެވެ. އިނގިރޭސީން މިނިވަންކަން ދިނުމުގެ ވާހަކަ ދައްކައިގެން އިންޑިޔާ މީހުން މޮޔަހައްދަނީއެވެ. މި ރަންބިސްއަޅާ ދޫނި ދޫކޮށްލައިފައި އެބައިމީހުންނަށް ދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ ނަމަވެސް، 15 އޯގަސްޓް 1947 ގައި އެ ނާދިރު ހާދިސާ ހިނގައިފިކަން، ދުނިޔޭގެ އެންމެނަށްވެސް އެނގިއްޖެއެވެ. އިންޑިޔާ މީހުނާ އިންޑިޔާ ހަވާލުކޮށްފައި، އިނގިރޭސީން އެނބުރި ހިނގައްޖެއެވެ.

    ހަމައެފަދައިން، އިސްލާމްދީން ދިރުވައި ކުރިއެރުވުމަށްވެސް ވަރަށް ތަނަވަސް، ސަރާސަރު މަގުތަކެއް ވަނީ ހުޅުވިފައެވެ. ހަމައެކަނި ބޭރުފުށުން ކަންތައްތައް ދެކެން އާދަވެފައިވާ މީހުން، މިބާވަތުގެ ވާހަކަތަކާމެދު ދެކޭނީ ހުސް ޚިޔާލީފޮލާ ކަމުގައެވެ. ނަމަވެސް، ޙާލަތު ފުންކޮށް ދިރާސާކޮށްފިނަމަ، މިއީ ވާނެކަމެއްކަން ވިސްނޭން ފަށައިފާނެއެވެ. ޝައްކެއްވެސް ނެތެވެ. ބައިނަލްއަޤްވާމީ ފިކުރީ ބާރެއްގެ ދަރަޖަ އިސްލާމްދީނަށް އަލުން ހޯދައިދެވުމުގެ ފުރުސަތު، އެހެން ހުރިހައި ދައުރުތަކަކަށްވުރެ މާބޮޑަށް މިހާރު ވަނީ ތަނަވަސްވެފައެވެ.

    މިޒަމާނުގައި ރަށްވެހިކަމުގެ ގޮތުންނާއި ސައިންޓިފިކް ގޮތުން ވަނީ ސުމާރެއްނެތްހައި ގިނަ ތަރައްޤީތައް ހާސިލު ކުރެވިފައެވެ. މިދެންނެވި ތަރައްޤީތައް ހާސިލުކުރެވުނީ ކޮންގޮތަކުންތޯއެވެ؟ ކުޑަވެސް އޮޅުމެއްނެތް ގޮތުގައި، ހައްތާވެސް މިއީ ޝިރުކުގެ (ލޮލަށް ފެންނަ އެއްޗެއްސަށް އަޅުކަންކުރުމުގެ) ދައުރު ނިމިގެން ދިޔުމުގެ ނަތީޖާއެވެ. ތައުޙީދަށް ނަޞްރު ލިބުމުގެ ސަބަބުން އުފެދުނު ކަންތައްތަކެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ދުނިޔެއަށް އައިސްފައިމިވާ ތަރައްޤީ ބޭރުފުށުން މިފެންނަ ފެނުމުގައި މާއްދީ މަޤްޞަދުތަކުގައި ބޭނުންކުރެވުމުންދިޔަ ކަމުގައިވިޔަސް، ޙަޤީޤަތުގައި އެ ތަރައްޤީ އައިސްފައިވަނީ، ދީނީ މަޤްޞަދުތަކަށްޓަކައެވެ. އެ ތަރައްޤީތައް ހާސިލު ކުރެވުނީ، ދީނީ ކަންކަމުގައި ބޭނުން ހިފުމަށްޓަކައެވެ. ދީނީ އިންޤިލާބެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.

    މިހާރު ދުނިޔެ ހޯދައިފައިވާ ތަމައްދުނާއި، ސައިންޓިފިކް ތަރައްޤީއަކީ، ދީނަށް ނަޞްރުދޭ ތަރައްޤީއާއި ކުރިއެރުމެވެ. ޙަޤީޤަތުގައި މިއީ ދީނުގެ ދަޢުވަތަށް އަލަށް ހުޅުވިގެންދިޔަ މަގުތަކެކެވެ. މިއީ މާތް اللّه ގެ ދީނަށް ގޮވައިލާ މީހުންގެ ކުރިމަތިން ހުރިހައި އުނދަގޫތަކެއް ދަފަރާކުރެވުމެވެ. އެބައިމީހުންގެ މަސައްކަތް ފަސޭހަކޮށްދެވުމެވެ. މިގޮތުން ބަލާއިރު، މިޒަމާނުގެ ތަރައްޤީއަކީ ކީރިތި ޤުރްއާން އަންނަނިވި ޢިބާރާތުން ދަސްކޮށްދެއްވައިފައިވާ ދުޢާ އިޖާބަކުރެއްވުން ކަހަލައެވެ.

    [އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލަން ޖެއްސެވިފަދަ ބުރަކަމެއް، އަޅަމެން އުފުލަން ނުޖައްސަވާނދޭވެ!]

    މިހާރު ދުނިޔެއަށް އައިސްފައިވާ އިންޤިލާބުގެ ނަތީޖާއެއްގެ ގޮތުން، އިސްލާމީ ދަޢުވަތަށްޓަކައި ވަނީ އާ ފުރުސަތުތަކެއް ތަނަވަސްވެފައެވެ. އޭގެސަބަބުން، ޙައްޤު ދީނުގެ ދަޢުވަތު ދިނުމަކީ ވަރަށް ފަސޭހަކަމަކަށް ވަނީ ވެފައެވެ. އެ ފަސޭހަތަކަކީ، އިސްވެދެންނެވި ދުޢާ އިޖާބަކުރެއްވުމާ އެއްމާނައެއްގެ ކަމެކެވެ. މިޒަމާނުގެ މުވާޞަލާތުގެ އާ ވަސީލަތްތައް ތަނަވަސްވެފައިވަނީ، ޙައްޤު ދީނުގެ އަޑު، ނުހަނު ހަލުއިކަމާއެކު މުޅި ދުނިޔެއަށް ފަތުރާލެވުމަށްޓަކައެވެ. މިޒަމާނުގެ އާ ހޯދުންތައް ހޯދިފައިވަނީ، އޭގެ ޒަރީޢާއިން ތައުޙީދުގެ ދަޢުވަތު ސައިންޓިފިކް ފެންވަރެއްގައި ހުށަހަޅައިލެވުމަށްޓަކައެވެ. ފުރިހަމަ ހެއްކާއި ދަލީލާ އެކުގައެވެ. ޖުމްހޫރީ އިންޤިލާބު އައިސްފައިވަނީ، ދަޢުވަތުގެ މަސައްކަތް ފަސޭހަކަމާއެކު ހިންގައިލެވުމަށްޓަކައެވެ. އެއްވެސް މަނާކުރެވުމެއް ނެތިއެވެ. ޖޯގްރަފީ ދުރުމިން ކައިރިވެފައިވަނީ، މާތް اللّه ގެ މަގަށް ގޮވައިލާ ސަފީރުންނަށް، ހަލުއި ބާރުމިނެއްގައި ދަތުރުކޮށް އެއްތަނުން އަނެއްތަނަށް ވާސިލު ވެވުމަށްޓަކައެވެ. މަރުގެ މަލާއިކަތާ އިންސާނުންގެ ގާތަށް ވަޑައިގަތުމުގެ ކުރިން، އިންސާނީ ޙަޔާތާމެދު މާތް اللّه ރާއްވަވައިފައިވާ ސްކީމުގެ ޚަބަރު އިންސާނުންނަށް ދިނުމަށްޓަކައެވެ.

    މި މަތިވެރި އިންޤިލާބުން ލިބެމުންދާ ދުނިޔަވީ ފައިދާތަކުގެ ހައިސިއްޔަތަކީ، އިތުރަށް ލިބޭ ފައިދާއެއްގެ ހައިސިއްޔަތެވެ. ދިރިއުޅުމުގެ ފަސޭހަތަކާއި، ވިޔަފާރީގެ ތަނަވަސް ފުރުސަތުތަކާއި، އަދި މިނޫންވެސް ފައިދާތަކަކީ ޙަޤީޤަތުގައި އަސްލު ފައިދާގެ އިތުރުން ލިބޭ ފައިދާއެކެވެ. އެއީ ދަޢުވަތުގެ ބޭނުމަކުން ލިބޭ ދުނިޔަވީ އުޖޫރައެކެވެ. ނަމަވެސް ހިތާމަޔަކީ، އަސްލު މަސައްކަތް ނުކުރެވި އޮންނަ ކަމެވެ. ހަމައެކަނި މަޖޫރީ ލިބިގަތުމުގެ ބޭނުމުގައި ހުރިހައިވެސް ދުވުމެއް ދުވެވޭކަމެވެ.

    މިޒަމާން އޭގެ ހުރިހައި އިމްކާނިއްޔަތުތަކާއެކު މުސްލިމުންނަށް ހަނާއަޅަމުން އެބަގެންދެއެވެ. ތެދުވާށެވެ. އާ ވަސީލަތްތަކުގެ ބޭނުންކޮށްގެން މިއަދުގެ ދުނިޔޭގައި އިސްލާމްދީން ފަތުރައިލާށެވެ. އިސްލާމީ ފިކުރާއި، އެ ދީނުގެ އިރުޝާދުތައް މުޅި ދުނިޔޭގައި އާންމުކުރާށެވެ. މިޒަމާނުގެ ދުނިޔެއަށް ކޮށްދެވޭނެ އެންމެބޮޑު ޚިދްމަތަކީ ރައްބުލްޢާލަމީންގެ ތެދުވެރި ދީން ދުނިޔެއަށް ތަޢާރުފު ކޮށްދިނުމެވެ. ބަދަލުގެނެސްފައިނުވާ ތެދުވެރި ދީނަކަށް ދުނިޔޭގައި އޮތީ ހަމައެކަނި އިސްލާމްދީނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ