އަދުގެ ޚާއްސަ

Print

ދިވެހިބަސް ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި....

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަސް ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި، ސުކޫލުތަކުން ދިވެހިބަހަށްދޭ ސަމާލުކަން އިތުރުކުރަން ޖެހެއެވެ.

އާދަމްޝަރީފް، ރޯޒީ/ށ.ފުނަދޫ

ފުނަދޫ ސުކޫލުގެ 2004 ވަނަ އަހަރުގެ ދިވެހި ހަފުތާ ނިންމުމުގެ ގޮތުން ބޭއްވި ހަފުލާގައި ށ.އަތޮޅުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު ވިދާޅުވިއެވެ. ''އެސް.އެސް.ސީ އިމްތިހާނުގެ ދިވެހިން އޭ ހޯދާ ކުދިންނަށްވެސް ރީތި ދިވެހިބަހުން ފަސޭހަކަމާއި އެކު ލިޔެކިޔައި އުޅުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.އެމީހުންގެ ލިޔުން ތަކުގައި އިމްލާކުށްވެސް ހުންނާނެ އެވެ.'' މި ވިދާޅު ވުމާއި މެދު އެރޭ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރިއެވެ. އެކަމާއި އިންކާރުކޮށް އެއީ ތެދު ވާހަކަ އަކަށް ނުވާނެ ކަމަށް ބުނެ އަޑު އުފުލިއެވެ. އަދި އެސް. އެސް.ސީ އިމްތިހާނުން ދިވެހިން އޭ ހޯދާ ކުދިންނަކީ ބަހުގެ ފެންވަރު ވަރަށް ރަނގަޅު ކުދިންނަށް ވާނެ ކަމަށް ވެސް ވަކާލާތުކުރިއެވެެ.އެފަދަ ކުދިންނަކީ ޙަޤީޤަތުގައިވެސް ދިވެހި ބަހަށް މޮޅު ކުދިންނަށް ވާނެ ބާވައެވެ!                         

އެސް.އެސް.ސީ އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދާކުދިންނަށް ދިވެހި ބަހުން ކުށް ނުލައި ރަނގަޅަށް ލިޔެ ކިޔަން އެނގެން ޖެހޭނެ އެވެ. އެކަމަކު އެނގި ފާޅުވެފައިވާ ޙަޤީޤަތަކީ އެފަދަކުދިންގެ ތެރެއިން މަދު ބަޔަކު މެނުވީ އެމީހުންނަށް އެނގޭ އެނގުމުގެ ބޭނުން ނުކުރާކަމެވެ. އެންމެ ކުޑަމިނުން ވަޒީފާއަކަށް އެދި ސިޓީއެއް ލިޔަން، ކޯހަކަށް ވަންނަންއެދި ފޯމު ފުރަން ވެސް އެހެން މީހަކާއި ޙަވާލު ކުރާ ކަމެވެ.ބަޔަކު ކުރިމަތީގައި ހުއްޓިހުރެ ވާހަކައެއް ދައްކާލަން ފަސްޖެހޭ ކަމެވެ.މިކަމުގެ ހެކި އަޅުގަނޑުމެން މިހާރު ފުރިހަމަކުރަމުންމިދާ ދިވެހި ޑިޕްލޮމާ ކޯހުންވެސް ދާދިފަހަކުންވަނީ ފެނިފައެވެ. އެއީ އެސްއެސްސީ އިމްތިހާނުން ދިވެހިން އޭ ހޯދާފައިވާ ކުއްޖަކު  ވާހަަކަ ދެއްކުމުގެ އެސައިންމެންޓުން ފޭލި ވުމެވެ. މިކަމުގައި ވިސްނާލުން މުހިންމު ވަރަށްގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިހެންވާންޖެހޭ ސަބަބު ތަކާއި މެދުގައެވެ. މިމައްސަލާގައި އަޅުގަނޑު ޤަބޫލުކުރާ ސުކޫލު ތަކާއިގުޅޭ ޙަޤީޤަތެއް ވެއެވެ.                                                            
 
މިހާރަކަށް އައިސް ސުކޫލުތަކުން ދިވެހިބަހަށް އެކަށީގެންވާ ސަމާލުކަމެއް ދެއެކޭ ނުދެންނެވޭނެއެވެ.   ދިވެހިބަހަށް ކުދިން ނުފަރިތަވެ އެބަހަށް ބީރައްޓެހިވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. އަޅުގަނޑަކީ ކިޔަވައިދިނުމުގެ މަސައްކަތްފެށީއްސުރެ ބަސް ކިޔަވައި ދިނުމުގައި އުޅެފައިވާ މީހަކީމެވެ. ސުކޫލުގައި ދިވެހި އަދަބީ ޖަމިއްޔާއެއް އުފައްދައި އެޖަމިއްޔާގެ ޙަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ހިންގިއިރު ކުދިން ބަހަށް ވަރަށް މޮޅެވެ. އެކުދިން އަމިއްލައަށް ލިޔެ ނޫސް ނެރެއެވެ. ނޫހަށް ބަސްދީގަތުމާއި، މަޢުލޫމާތު ހޯދުމަށް އަތޮޅުގެ ޢިއްޒަތްތެރިންގެ އަރިހަށް ޒިޔާރަތް ކުރެއެވެ. ސުކޫލުންބާއްވާ އެކިފެންވަރުގެ ޖަލްސާތަކުގައި ކުށެއްނެތް ދިވެހިބަހުން ފަރިތަ ކަމާއި އެކު ވާހަކަ ދައްކައެވެ.ރީތިކޮށް ޅެން ހަދައެވެ.  2002 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިންތިޒާމު ކޮށްގެނަް ބޭއްވި ށ.އަތޮޅުގެ ހުރިހާ ސުކޫލު ތަކަކުން ބައިވެރިވި އަތޮޅު ވާހަކަ ދެއްކުމުގެ މުބާރާތުން ވަރަށް ފުރިހަމަ 1 ވަނަ ހޯދިއެވެ. ހަމަ އެއަހަރުބޭއްވި މަޒުމޫނު ލިޔުމުގެ އަތޮޅުމުބާރާތުންވެސް1ވަނަ  ހޯދިއެވެ.                                                
                                               
އެކަމަކު މިހާރު ޖަލްސާއެއްގައި ވާހަކަ ދައްކާލަން ކެރޭ ކުއްޖަކުވެސް ނުހުރެއެވެ. މިއަހަރު ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރީ  ފުނަދޫގައެވެ. މުހިންމު ހުރިހާ ޕްރޮގުރާމުތަކެއް އޮތީ ފުނަދޫ ސުކޫލުގައެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ސުކޫލުކުއްޖަކު ވާހަކަ ދައްކަން ޖެހޭތީ އެކަމާއި ކަންބޮޑުވާކަން ސުކޫލުން ފާޅުކޮށްފައި ވެއެވެ.ސަބަބަކީ ހަމަ އެންމެ ސަބަބެކެެވެ. ސުކޫލުން ދިވެހި ބަހަށްދޭ ސަމާލުކަން ކުޑައީއެވެ. ''މިޒަމާނުގެ ތަޢުލީމީ މީހުންް'' ދިވެހިބަހަށް ސަމާލުކަންދޭން ބޭނުން ނުވަނީ އެވެ. ދިވެހި ބަހަށް އެހާބޮޑު ސަމާލުކަމެއް ދީގެން އިނގިރޭސިބަސް ރަނގަޅަށް ނުކިޔެވޭނެތީއެވެ.ހުރިހާވެސް ކުރިއެރުމެއް ލިބެންއޮތީ އިނގިރޭސި ބަހުގެ މައްޗަށްކަމަށް ޤަބޫލު ކުރާތީއެވެ.                                
                     
               ސުކޫލުތަކުގައި އަޅުގަނޑުމެން އުފެއްދި އަދަބީ ޖަމިއްޔުާތައް ސްޓޫޑެންޓްސް އެސޯސި އޭޝަން ތަކަކަށްވެއްޖެއެވެ. ދީނީ ޖަމިއްޔާ އިސްލާމިކު ފޯރަމަށް ބަދަލުވެ،ތިމާވެށިޖަމިއްޔާ އެންވަޔަރަންމެންޓް ކުލަބަށް ބަދަލުވެގެން ނިމުނީ އަކީ ނޫނެވެ. މިފަދަ ހުރިހާ ޖަމާޢަތަކަށްވެސް އިނގިރޭސި ބަހުންނޫނީ ނަންވެސް ކިޔައިގެން ނުވެއެވެ. ބޭނުމަކީ އިނގިރޭސިބަހަށް ދަރިވަރުން މޮޅު ކުރުމެވެ.  ''މީގެ ފަހުން ދިވެހި އަދަބީ ޖަމިއްޔާއިން ނެރޭ ހުރިހާ ދެންނެވުންތަކެއް ނެރެވޭނީ އިނގިރޭސިބަހުން'' ކަމުގައި ސުކޫލެއްގެ އަދަބީ ޖަމިއްޔާއާއި ހަވާލުވި މުދައްރިސަކު ބުނާއަޑު އަޅުގަނޑު އެހީމެވެ. ބަހަކަށް ބަޔަކު މޮޅުކުރަން  ހިއްޕާލިއަސް އަޅުގަނޑު ދެކޭ ގޮތުގައި މިއީ ބޮޑުވަރެކެވެ. ދިވެހި ބަހާއިމެދު މިފަދަ އިހާނެތި ގޮތަކަށް  ކަންތައްތައްކުރުމުގެ ފުރުޞަތު ދީގެން ނުވާނެ އެވެ.                                                               
                                                             
               ދިވެހި ބަހަށް ކުދިން މޮޅުވުން އެއީ އިނގިރޭސި ބަހަށްް މޮޅުވުމަށް އެޅޭބާރަކަށް ނުވާނެތޯއެވެ؟ މިއީ ސުކޫލުތަކުގެ ވެރިންގެ ސަމާލުކަމަށް ގެނައުން ވަރަށް މުހިންމު ކަމެކެވެ. ބަހުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ''މާދަރީ ބަހަށް ފެންވަރު ރަނގަޅުނަމަ ދެން ދަސްކުރާ އެހެން ބަސް ބަހުންވެސް އެ ދަރިވަރަކު ރަނގަޅު ނަތީޖާ ހޯދާނެ އެވެ. ފިކުރާއި، ޚިޔާލާއި ސިފަ ކުރުމާއި، ޝުޢޫރުތަކެއް ފާޅުކުރުމަށް ދަރިވަަރަށް ފަސޭހަވަނީ އޭނަގެ މާޙަވްލުގައި އޭނާއަށް ލިބިފައިވާ ތަޖުރިބާއެއްގެ ފެންވަރުންނެވެ. އެ ތަޖުރިބާ ތަކާއި މެދު ބަހުސްކޮށް ސުވާލުކޮށް ހަދަނީ މާދަރީ ބަހުންނެވެ.'' ބަހުގެ ޢިލްމުވެރިން މިފަދައިން ވިދާޅުވާއިރު ސުކޫލުތަކުގެ ވެރިން މި ޙަޤީޤަތް ޤަބޫލުފުޅު ކުރައްވާކަމަކަށް ނުފެނެއެވެ.                                  

 އަޅުގަނޑުމެންގެބަސް ހެޔޮގޮތުގައި ފަހުގެ ޖީލުތަކާއި ހަމައަށް ގެންގޮސް ދެވޭނީ ސުކޫލު ތަކުން ބަހަށްދޭ ސަމާލުކަން އިތުރުކޮށްގެންނެވެ. ސުކޫލުން ބަހަށްދޭ ސަމާލުކަން އިތުރުކުރި ވަރަކަށް ދަރިވަރުންގެ ކިބައިގައި ބަހަށްލޯބި އުފެދޭނެ އެވެ. ދަރިވަރުން ބަހަށް ލޯބި އުފެދެމުން ދިޔަ ވަރަކަށް ބެލެނިވެރިންނާއި މުޖުތަމަޢުންވެސް އެކަން ބަލައި ގަންނާނެ އެވެ. ބަހަށް ލޯބިކުރާމީހުން އިތުރުވެ ބަސް އޭގެ ހެޔޮގޮތުގައި، އޭގެ ފޮނިކަމާއި މީރު ކަމާއި އެކު އަންނަން އޮތް ޖީލު ތަކަށް ވާޞިލުކޮށްދޭނެ ބަޔަކު މަތިވާނެއެވެ. ''ކަލޭމެންނަށް ކަލޭމެންގެ ދިވެހިބަހޭ! މަށަކާ ވާ ބެހޭ ކަމެއް ނޫނޭ!"  ބުނުމުގެ ބަދަލުގައި ބަހަށް ޚިދުމަތް ކުރުމުގައި ސުކޫލުތަކުން ކުރާ މަސައްކަތް އިތުރުކުރަންވީ މިދެންނެވި ސަބަބަށް ޓަކައެވެ. އޭރުން އަޅުގަނޑުމެންގެ ރީތި ދިވެހިބަސް، އަޅުގަނޑުމެންގެ ފޮނި ދިވެހިބަސް، އަޅުގަނޑުމެންގެ ފަޚުރާއި ޝަރަފު ކަމުގައި ހިމެނޭ ދިވެހިބަސް ކުރިމަގުގެ ޖީލުތަކާއި ހަމައަށް ވާޞިލު ކޮށް ދެވޭނެ ކަން ކަށަވަރެވެ.  

(ނިމުނީ)                                

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ