އަދުގެ ޚާއްސަ

Print

ދިވެހި ބަސް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް

 

އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު


[ކޮންމެ ބަޔަކަށްވެސް އެބަޔަކު މޮށޭބަހެއް ނެޔެ ދެރަނުވާ،

      އޮންނައިރު މޭރުން ވެދާހެން ށޭނިކަން ހަމަ އައްސަވާ

ބަސްބަހީ މީހުން ހަދާ  އެއްޗެއް  ބަލަގަ  ނޫނޭ  ތެދޭ،

      އަސްތަ އަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ

މީހުނަށް ވެވިދާނެ  ކަމަކީ  ހޯދުމޭ  ދަސްކޮށް  މޮޅަށް،

      ހީއެވެތިގެން އުނގެނި އުޅުމުން އޭގެ ހުރިތައް ޢިދުޤަވާ]

އަޅުގަނޑުމެން ދިވެހީންގެ ފަޚްރާއި ޝަރަފްކަމުގައިވާ ދިވެހިބަހަކީ އެތެރެވަރީގެ ބަސްތަކުގެ ތެރެއިން ހިމެނިގެންވާ ބަހެކެވެ. ހިސާބަކަށް ތިޔާގެ އަސަރުގަދަ ތަނަވަސް ބަހެކެވެ. ބަސްބަހުގެ އަޞްލު ހޯދުމަށް ލޯބިކުރާ އެއްވެސް ދަރިވަރަކަށް ވަންހަނާވެގެން ނުވާނޭ ފަދައިން އެބަހުގެ އަޞްލަކީ ބިންގަލަކީ ސާންސް ކިރިޓްއާއި، ޕާލީބަހެވެ. މެދުވެރިވެފައިވާ އެއްސަބަބަށްވުރެ ގިނަ ސަބަބަށްޓަކައި، އެބަހުގެ އެންމެ ގާތް އުޚްތަކީ ސިންގަޅަ ބަހެވެ. ނަމަވެސް ދިވެހީންނާއި އެހެން ޤައުމުތަކުގެ މީހުންނާއި ގުޅެވެމުން އައި ގުޅުމުގެ ނަތީޖާއެއްގެ  ގޮތުން އެހެން ބަސްބަހުގެ ބަސްތައްވެސް މިހާރުވަނީ ދިވެހިބަހާއި ވަރަށް މަތިވެރި ދަރަޖައަކަށް އެކުވެ މަސްހުނިވެފައެވެ. ޝައްކެއް ވަސްވާހެއްނެތެވެ. މިގޮތުގެ މަތީން ބޭރު ބަސްބަސް ދިވެހިބަހާއި އެކުވަމުން ދިޔަކަމީ، އަދި އެކުވަމުން ދާކަމީ، އަޅުގަނޑުމެން ހިތާމަކުރާންވީ ކަމެއް ނޫނެވެ. އަދި އެކަމަކީ ދިވެހިބަހަށް ޚާއްޞަވެފައިވާ ކަމެއްނުމެ ނޫންމެއެވެ. މިހެނީ ބޭރުބަސްބަހުގެ އެހީތެރިކަމާއި ލައިގެން މެނުވީ، މުއްސަނދިވެފައިވާ، އަދި މުއްސަނދި ވަމުންދާ އެއްވެސް ބަހެއް ދުނިޔޭގައި ނެތެވެ. ބަހެއް މުއްސަނދި ކުރެވޭނީ، ބަހެއް ޒަމާނާއި އެއްގޮތުގެ މަތީން ކުރިއަށް ގެންދެވޭނީ ޟަރޫރަތުގެ ގޮތުން ބޭނުންވާ ބޭރުބަސްތަކުގެ ބޭނުން ހިފައިގެންނެވެ. ޤުދުރަތީ ގޮތުން އެބަހަކަށް ވަންނަމުންދާ ބޭރު ބަސްތަކަށް ވިސްނުންތެރި ކަމާއެކު ތަންދީގެންނެވެ. އާދެހޭވެ! ބަސްބަހަކީ، ޤުދުރަތީ ގޮތުން ބޮޑުވަމުން ތަނަވަސްވަމުންދާ އެއްޗެކެވެ.

[އޭގެ މައްޗަށް މީހަކަށްބާރެއް ނުދެއްކޭނޭ ހިލާ،

               ހޭހަށީގައި ބުއްދިވާނަމަ ށެވޭކަން ދީ ވިސްނަވާ]

އެކަމަކު ބަސް މުއްސަނދި ކުޅައުމަށްޓަކައި، ބޭރުބަހުގެ ބޭނުން ހިފަންވާނީ ވަރަށްވެސް ވިސްނުންތެރިކަމާއި އެކުގައެވެ. އެބަހަކާއި ޤުދުރަތީގޮތުން އޮމާންކަމާއެކު، އެކުވެގެންދާފަދަ ލަފުޒުތަކެއް މެނުވީ ބޭނުން ނުކުރުމަށް ވިސްނުންތެރިކަން ހިނގަން ތިބޭ ޙާލެއްގައެވެ. ދީނީ ގޮތުން އެބަހަކާއި އެކުވުން އެދެވޭ ބަހެއްގެ ލަފުޒުތަކަށް މަރުޙަބާ ކިޔުމަށް އެދިއެދި ތިބި ޙާލެއްގައެވެ. އެއްބިންގަލެއްގެ މައްޗަށް ބިނައުވެފައިވާ ބަސްބަހުގެ ލަފުޒުތަކެއްމެނުވީ، ބަހާއި އެކުވިޔަ ނުދިނުމަށް ގަދައަޅައި ތިބޭ ޙާލެއްގައެވެ........... ޝައްކެއް ވަސްވާހެއް ނެތެވެ. ޤުދުރަތީ ގޮތުން ދިވެހިބަހާއި އެންމެ މަތިވެރި ދަރަޖައަކަށް އެކުވެފައިވަނީ ޢަރަބިބަހުގެ ލަފުޒުތަކެވެ. ދެން އުރުދޫބަހާއި އިނގިރޭސިބަހުގެ ލަފުޒުތަކެވެ. ޝައްކެއްނެތެވެ. ޢަރަބިބަހަކީ އިސްލާމްދީނުގެ މާތް ބަސްކަމަށްވުމާއެކު އަޅުގަނުމެންގެ ބަހަށް [ކާންދިނުމަށް] އެންމެ އެކަށީގެންވާ އެންމެ އެދެވޭ ބަހަކީ މަތިވެރި ޢަރަބިބަހެވެ. ދިވެހި ޚިޔާލާތު ތަނަވަސްވަމުން ދިޔަދިޔަހެން އެޚިޔާލުތައް ބަޔާންކުރާނޭ އައު ލަފްޡުތަކަށް ބޭނުންވަމުން ދިޔަދިޔަހެން އަޅުގަނޑުމެންނަށް އިތުރު ޢަރަބި ލަފުޒުތަކުގެ ބޭނުން ހިފަމުން ދެވޭނޭކަން ކަށަވަރެވެ. އެކަމަކު ދިވެހީން ބަސްމޮށެ އުޅުމުގައި، ނުވަތަ ދިވެހީން ލިޔެއުޅުމުގައި ޢަރަބިލަފްޒުގެ ބޭނުންކުރަމުން ދިއުމަށް ހަމަގައިމުވެސް އަޅުގަނޑު ވަކާލާކުރާނީ، އެ އެއްޗަކަށް ކިޔާނޭ ދިވެހިބަހެއް ހަމަ އެއްގޮތަކަށްވެސް، ނެތިއްޖެ ޙާލެއްގައެވެ. އެ އެއްޗަކަށް ކިޔާނެ ދިވެހި ނަމެއް ފަސޭހައިން ނެހެދޭނޭ ޙާލެއްގައެވެ........ އާދެ! މިފަދަ ޙާލެއްގައި ހިނިތުންވެފައިވާ ބަލާލުމަކުން އާ ލަފްޒަކަށް އަޅުގަނޑުމެން ބަލާލަންވީ ޢަރަބި ބަހުގެ ދީލަތިކަމުގެ މައްޗަށެވެ.

ދެންއޮތީ އުރުދޫ ބަހާއި އިނގިރޭސިބަހާއި އެހެނެހެން ބަސްބަހެވެ. އަޅުގަނޑުވެސް ކުރިން ޤަބޫލުކުރި ފަދައިން އަދި ދިވެހިންގެ ޝާޢިރަކު ވަރަށް ފުރިހަމަ ޢިބާރާތް ތަކަކުން ބަޔާން ކުރައްވާފައިވާ ފަދައިން ދިވެހިބަސް މިހާރު މުއްސަނދިވެފައިވާ ވަރަށް މުއްސަނދި ވެފައިވަނީ ވަރަށްގިނަ ބޭރުބަސްބަހުގެ އެހީތެރިކަމާއި އެކީގައެވެ.

[ފުރައަމެންގޭ މާދަރީބީސް އެކުވެގެންވެއެ. އުފެދިގެން.

                     ކުރެވިދާ ހިނދު ފިކުރުގިނަބަސް އެއްވެގެން ޝަރްޤަށް މިވާ

ސެންސިކިރުތާ ޕާލިޔާ ސިންގަޅަ ތަމަޅަ ފެނެޔޭ ނިކަން

                     ފެންނަހެން  ޢަރަބީގެ  ބަސްތައް  ފާރިސީއާ   ޕޮސްތުވާ

ހަމަ އެފަދައިން ހުރެދެޔޭ ޔޫރަޕްގެ ބަސްތައްވެސް ލިބޭން

                     ނަމަބަލާހޯދާ އުޅެފި ކަތަކަށް  ރަނގަޅު  ހަމަ  ބުއްދިވާ.]

އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ. ބަސް މުއްސަނދިވުމުގެ ބަދަލުގައި ބަހުގެ އަޞްލު ގެއްލި ބަހުގެ އަމިއްލަ ފޮނިކަމާއި އަސަރު ކެނޑެމުންދޭ ކަމެކެވެ. ޤުދުރަތީ ގޮތުން ބޭރުބަސްބަހުގެ ބައެއް ލަފްޒުތައް ހިސާބަކަށް ދިވެހިބަހާ ލާމެހެމުން ދާނޭ ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. އެކަން އެހެންވިޔަ ނުދިނުމަށް ހަދާނޭ ފަންޑިތައެއްވެސް ނެތް ކަމުގައި އަޅުގަނޑު އެއްބަސްވަމެވެ.

އަޅުގަނޑުގެ ދުލަށާ ގަލަމަށް ލެވެން އޮތްހާ ބާރެއްލާފައި އަޅުގަނޑު އިޢުތިރާޟުކުރާ ކަމަކީ އެއްޗެއްސަށް ނުވަތަ ކަންކަމަށް ކިޔާ ދިވެހިބަސް ހުއްޓައި، ޢަރަބިބަސް ހުއްޓައި، ބޭރު އެހެން ބަސްބަހުގެ ބޭނުން އަޅުގަނޑުމެން ދިވެހިންނަށް މިހާރުކުރެވެމުން ދާތީއެވެ. އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ މިދެންނެވި [ނުޤަބޫލުކަން] ވަކިން ޚާއްޞަ ބާރަކާއެކު ރައްދުވަނީ އިނގިރޭސި ބަހަށާއި ޔޫރަޕްގެ އެހެނިހެން ބަސްބަހަށެވެ. ސަބަބަކީ ސިއްރަކީ އެބަސްބަހާ ދިވެހިބަހާ ދެމެދުގައި އެއްވެސް ތިމާގެ ކަމެއް ނެތްކަމެވެ. އެބަސްބަހުގެ އަޑުތަކާ އަޅުގަނޑުމެންގެ ދިވެހިބަހުގެ އަޑުތަކާއި ދެމެދުގައި ހުރި ތަފާތުކަމެވެ. އެބަސްބަހުގެ ލަފްޒުތަކާއި ދިވެހި ލަފްޒުތަކާއި ނުގުޅޭކަމެވެ. އާދެ! ޤުދުރަތީ ގޮތުން އަޅުގަނޑުމެންގެ ބާރު ނުހިނގާ ފަދައިން ދިވެހިބަހާ އެކުވަމުންދާ ބޭރުބަސްބަހުގެ ލަފްޒުތަކުގެ އިތުރަށް ޢާއްމުކޮށް ހުރިހާ ބަހަކުން ޚާއްޞަކޮށް އިނގިރޭސި ބަހާއި ޔޫރަޕްގެ އެހެނިހެން ބަސްބަހުން އެހީތެރިކަން ހޯދުމަކީ އަޅުގަނޑުގެ ނަޡަރުގައި ބަހަށްކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނެތެކެވެ........... އަޅުގަނޑު ވަކާލާތު ކުރާނީ ދިވެހިބަހުން ދިވެހިބަސް މުއްސަނދި ކުޅައުމަށެވެ. ޢަރަބި ބަހުގެ އެހީތެރި ކަމާއެކު ދިވެހިބަސް މުއްސަނދި ކުޅައުމަށެވެ................ ދިވެހިބަހަށް އާފެހިކަމެކެވެ. ރޯޝަނީ މުސްތަޤުބަލެކެވެ.

(ނިމުނީ)

ޙަވާލާ؛

ސުމުއްވުލްއަމީރު އަލްޙާއްޖުލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު (2004). ފަތްތޫރަ (301). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ