އަދުގެ ޚާއްސަ

Print

މަޑު އާދަނާއި ކުރިމަގު ގޮއްޔެގެ ވާހަކަ (1)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ



މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

މުޑަހަނދިގޭ ދޮން ރާވެރިޔާ އާއި އޭނާގެ އަނބި ފާތުމައަކީ ވަރަށް އާދައިގެ ދިރިއުޅުމުގެ ތެރެއިންވެސް ފަގީރު ދިރިއުޅުމެއް އުޅެމުންގެންދާ ދެމަފިރިންނެވެ. ދޮންރާވެރިޔާ ހުޅަނގު މޫސުމުގައި ރުއްއަރައެވެ. އިރުވައި މޫސުމުގައި މަހަށްދެއެވެ. މި ދެމަފިރިންނަށް ދަރިޔަކު ލިބުނީ މެދުއުމުރަށް ދިޔަފަހުންނެވެ. އެއީ މި ވާހަކައިގެ ބަޠަލު މަޑުއާދަނެވެ. އާދަނު އުމުރުން ހައަހަރަށް ދިޔަތަނާ ދޮންރާވެރިޔާ ނިޔާވެއްޖެއެވެ. ދެން ފާތުމަ އޭނާގެ ލޯބިވާ ދަރިފުޅު ތަރުބިއްޔަތު ކުރަމުން އައިސް އަމިއްލައަށް އެނގޭ ގޮތަށް (ގަބުޅި ގޮތަށް) ޤުރުއާން ކިވައިދެވޭތޯ ވެސް އުޅެމުން ގެންދެއެވެ.

ފާތުމަ ބޮނބި ތަޅައި ރޯނުވަށައިގެން ދެމައިންގެ ބަނޑުފުރާނަ މުއްތިކުރެ އެވެ. ދޮންރާވެރިޔާ އާއި ފާތުމަގެ ވެސް ހެޔޮއެދޭ ކަމުގެ ފަރާތުން ދިއްކޮށްލާނެ އަތެއް ނުވެ އެވެ.  ދިރިއުޅުމަށްޓަކައި ހެދިފައިވާ ބޯހިޔާވަހިކަމަކީ ބިމަށް މުޑިޖަހައިގެން އަޅައިފައިވާ ކުޑަ ގެއަކާއި ބަދިގެއެކެވެ. ގެ ވަނީ ޓިނުކޮޅަކުން ހިޔާކޮށްފަ އެވެ. އާދަނުގެ އުމުރުން ހަތް އަހަރު ވެސް ނުވަނީސް އޭނަގެ މަންމަ ފާތުމަ ގަދަ ރޯގާ ހުމެއްގައި ނިޔާވެއްޖެއެވެ. ދެން އާދަނުގެ ހާލުބަލައި އުޅޭނެ މީހަކު ނެތެވެ.

އާދަނުގެ މަންމަ ނިޔާވިއިރު ކޮށަކޮށައިގެން އަރަބި އަކުރާއި ތާނަ އަކުރު  ކިޔަން އެނގެ އެވެ. ފާތުމަ ގެންގުޅުނު (ނަމާދުކުރާއިރު ކިޔާތަކެތި ލިޔެފައިވާ) ފޮތްގަނޑެއް އާދަނު ކުޑަކޮށް ކިޔައި އުޅެ އެވެ. އާދަނު މަންމަ ނިޔާވުމުން ގޭގައި ހުރި ކާއެތިކޮޅު ކައި ހުސްވެއްޖެ އެވެ. އާދަނުގެ ހާލަތު ނިޔާކުރާގޮތާ އެއްގޮތްވާގޮތުން ނަމަވެސް އާދަނަކީ ވަރަށް މަޑުމައިތިރި މިޒާޖެއް ހުންނަ ކުއްޖެކެވެ. ބޮޑުވަމުންއައި  ދުވަސްވަރު އެކުގައި ކުޅެންއުޅުނު ކުއްޖަކު ނުހުރެއެވެ. ނުވަތަ އެއް އެ ދުރުގޭން ކިޔަވަން ގޮސްއުޅުމުން ވެސް އެކުވެރި ކުއްޖަކު ނުހުރެ އެވެ. ދެން އާދަނު އެކަނިވެރި ހާލުގައި ބަނޑުހައިވެގެން ނާށިގަނޑު ހިފައިގެން އެއްބަދިގޭދޮށުން އަނެއް ބަދިގޭ ދޮށަށް ހިނގަމުން ދެއެވެ. މާބޮޑު އަޅައިލުމެއް ވެސް ނެތެވެ. އާދަނަށް ފަހުން އެނގުނު ގޮތުގައި އޭނާއަށް ސަލާންޖަހަން ނޭނގެނީއެވެ. އަދި ސަލާންޖަހާ ދެތިން ކުއްޖަކު އުޅެއެވެ. އެކުދިން ބަދިގޭދޮށަށް ގޮސްފައި " އައްސަލާމް އަލައިކުން ކާއެތިކޮޅަކަށް ސަލާމް "  މިހެން ބުނުމުން ނާށިގަނޑަށް ކާއެތިކޮޅެއް އަޅައި ދިނުމުން " ޝަކަރަﷲ " އޭ ބުނެފައި އެކުއްޖަކު ހިނގައިދެއެވެ. ކާއެތިކޮޅު ނޫން މުހުތާދަކަށް އެދި ސަލާން ޖަހާނަމަ ގޭދޮރުމައްޗަށް ހުއްޓިފައި  އެކުދިން ބުނެއުޅެނީ " އައްސަލާމް އަލައިކުން ރައްބިޔާ، ރަސޫލާއަށްޓަކައި އަޅުގަނޑަށް ކޮންމެވެސް ޚައިރާތެއް ކޮށްދެއްވާ !  ނުވަތަ އަޅުގަނޑުގެ ނިކަމެތި ދަރިންނަށް މިހެން ބުނުމުން އެގެއެއްގެ ވެރިފަރާތުން  ސަލާމުގެ ޖަވާބު ދޭނެ އެވެ. ދެން ސުވާލުކޮށްފާނެއެވެ. ކަލެއަށް ބޭނުން ވަނީ ކޮންކަމެއް ކަމެއްހޭ ؟ ދެން ސަލާމްދިން މީހާ އުނު ބަރަހަކަށް ބޭނުންވާނަމަ،  ގައިގައިވާ ފޭރާމުގައި ވީދި ނޮޅިފައިވާ ތަންތަނާއި ގޮށްޖަހައިގެންވެސް ނިވައި ކުރުމަށް ކޮށްފައިވާ މަސައްކަތް ދައްކާނެއެވެ. ނުވަތަ ބޭސް ފަރުވާއަކަށް ނުވަތަ އެހެން ކަމަކަށް ވިޔަސް ބޭން ކަމަކަށް ބުނުމުން ވަރަށް މަދު މީހަކު ނޫނީ އެކަމެއް އެމީހަކަށް  ކޮށްދެވެން އޮތް ފަދައަކުން ކޮށްދިނުމުން ޝަކަރަ ﷲ އޭ ބުނެފައި ހިނގައިދާނެ އެވެ. ޔަތީމުހާލުގައި ނުވަތަ މިސްކީނު ހާލުގައި ޖެހިގެން އެކަކުކައިރިން އަނެކަކު ކައިރިން ހިނގާމީހަކަށް ނުވަތަ ކުއްޖަކަށް މީހަކު ނުވަތަ ކުދިބައަކު ހުށައެޅިގަނެ ގޯނާކުރާނަމަ އެކަމުގެ ޝަކުވާއާއިގެން ޚަތީބަކު ނުވަތަ ނައިބުގެ ގޭދޮށަށް އަރައި ސަލާމް ގޮވައިލުމުން އެބޭކަލެއްގެ ފަރާތުން އެމީހަކަށް ނުވަތަ އެކުއްޖަކަށް ސަލާމަތްކަމާއި އަމާންކަން ހޯއްދަވައި ދެއްވާނެއެވެ.

ދެން އާދަނުވެސް މިހާލުގައި ދިރިއުޅޭނެ ވައްޓަފާޅި އެނގި ދަސްވެއްޖެ އެވެ. އަދި ހެޔޮލަފާ ބައެއް އަންހެނުން އެފަދަ މިފަދަ ހާލުގައި ފެންނުވަރައި ތަންމުޑު ހެދިގެން އުޅޭކުދިން ފެންވަރުވައި ތާހިރު އެހެން ފޭރާމެއް ލައްވައި އެކުއްޖެއްގެ އުނުފަސާޙު ދޮވެދީ ހަދައެވެ.

އާދަނު ސަލާމް ޖަހާ ނާށިގަނޑު ފުރުނީމައި ގެއަށް އައިސް އޭނާގެ މަންމަ ގެންގުޅުނު ސައްޓިއަކަށް އަޅާފައި ބަހަށްޓަނީ އެވެ. ދުވަހަށް ފުދޭވަރަށް ލިބުމުން ބޮޑުއަށި މަތީގައި އިނދެގެން ކައިލަނީއެވެ. އިތުރުވެފައި ހުރިއެއްޗެއް މަތިޖަހައިފައި ބަހައްޓަނީއެވެ. އާދަނު އެއްދުވަހު މެންދުރު ކަތީބުގޭ ބަދިގެދޮށަށް ގޮސް ސަލާމްދިނުމުން އެންމެފަހުން ހުރި ކާއެތިކޮޅު އޭނާގެ ނާއްޓަށް އަޅައިލައިދިންތަނާ ހަމަ އެފުރައިގެ އަންހެން ކުއްޖަކު ސަލާމްޖަހައިފި އެވެ. އެ ވަގުތު ބަދިގޭގައި އުޅުނު މީހަކު ބުނެފި އެވެ. ކެއްކި ކާތަކެތި ހުސްވީއެވެ. ތިޔައެތިކޮޅު ކަލޭމެން ދެކުދިން ޞުލްހަވެރިކަމާއެކު ކައިލާށެވެ. އާދަނު އެއަންހެން ކުއްޖާއަށް ބަލައިލި އެވެ. އެއީ ވަރަށް ލަނިކޫޗޭ ހެދުންގަނޑެއް ލައިގެން ހުރި ކުއްޖެކެވެ. އެކުއްޖާގައި ކަޅު އޮފުދާރުކަމުން ހީވަނީ "ބަބުރު ކުއްޖާ" ހެންނެވެ. އާދަނު ހިތަށްއެރިއެވެ. މީހުން ބުނާގޮތުގައި ބަބުރު ކުއްޖާއެއް ދުވާލަކު ނުފެންނާނެ އެވެ. ދެން އާދަނު ގެއަށްގޮސް ބޮޑުއަށީގައި އިނދެ ކާންފަށައިފި އެވެ. ހަމަ ކާން ފެށިތަނާ އެ އަންހެން ކުއްޖާ ދެކުނު ދޮރުން ވަދެގެން އައިސް އާދަނާ ކަމާހޭ ބުނެފައި އެ އަންހެން ކުއްޖާގެ ވާއަތް އާދަނުގެ ކޮޑަށް ވައްޓައިލައި ކާން ފަށައިފި އެވެ. އާދަނު މަޑުމަޑުން އިނދެގެން ކަމުން ގެންދެ އެވެ. ތަވާ ހުސްވުމުން އެ އަންހެން ކުއްޖާ ތަވާދޮވެފައި އެތެރޭ ހުރަސް އެނދުމަތީ ބާއްވައިފައި ދިމާއެނދުގައި އޮވެ ނިދައިފި އެވެ. ދެން އާނު ސަލާމްޖަހައިގެން ގެންނަ ކާއެތިކޮޅު އެ ދެކުދިން ހަމަހަމަ ގޮތަށް ބަހައިލައިގެން ކައިލަނީއެވެ. އާދަނު އެއްޗެއް ނުބުނެ މަޑުން ހުންނަނީ އެވެ. އެއްދުވަހަކު އާދަނަށް އަރިދަފުސް ރޯގާއެއް ޖެހި ހުންއަތުވެއްޖެ އެވެ. އެއާއެކު ކެއްސަނީއެވެ. ދެން އެ އަންހެން ކުއްޖާ ވަރަށް ވަސްމީރު ރަހަމީރު ކާތަކެތި އެސައްޓިއަށް އަޅައިގެން އަތުވެއްޖެ އެވެ. ދެން ދެކުދިން އެކުގައި ކައިފި އެވެ. ދެން އެ އަންހެން ކުއްޖާ ގެންނަ ކާތަކެތި ކައިގެން ތިބެނީއެވެ. އަދި އެ އަންހެން ކުއްޖާ ބޯބޭހަކާއި ގައިގައި އުނގުޅާ ބޭހެއް ގެނައުމުން އެއިން އިސްތިއުމާލު ކުރުމުން އާދަނަށް ލުއިވަމުން އާދެއެވެ. އާދަނު މިހާރު އެ އަންހެން ކުއްޖާއަށް ބަލާއިރު ކަޅެއްވެސް ނޫނެވެ. ހަޑިކަމެއްވެސް ނެތެވެ. މެދުމިނުގެ އިސްކޮޅަކާއި ،ލޫޅާފަތި ހަށިގަނޑެކެވެ. ހަރަކާތް ހަލުއިވެފައި މުރާލިގޮތް ހުރެއެވެ. އެއްދުވަހަކު؛

އާދަނު: ގޮއްޔެގެ ނަމަކީ ކޮބައިތަ؟

އެއަންހެން ކުއްޖާ : އާދަނު ތިޔަބުނީ އަޅުގަނޑު ނަމުގެ އެއްބައި ކަމަށް ހަދައިފައި ބުނެވޭނީ އަޅުގަނޑުގެ ނަމަކީ "ކުރިމަގު ގޮއްޔެ " ކަމަށް.

އާދަނު ފާޑަކަށް އަނގަހަދަމުން : ކުރިމަގު އެނގިއްޖެ. މަގެއްގައި ހިނގާއިރު އޮންނާނީ ކުރިމަގާއި ފުރަގަހު މަގު. ކުރިމަގަކީ އަބަދު ވެސް ކުރިއަށް މަގުގައި ހިނގާން އޮތްތަން. ފުރަގަހު މަގަކީ މަގުން ހިނގައި ފަސްދީ ދިޔަތަން.

އެގޮއްޔެ: ޗާޓް ތިޔަކުރެހީ ރަނގަޅަށް. ހަނދާން ކުރަންވީ ކަމަކީ ޗާޓަށް ތެރުވެރިވެ މިސްރާބުން އެއްކިބާނުވެ ތިބެގެން (މާދަ އެގަނކުރި ) އަތުލުމަށް.

މިހާރު އާދަނުވެސް ލިބުނު ރަނގަޅު ފަރުވާ އާއި އެކު ޖެހުނު ބަލިން ނަޖާކުރައްވައިފި އެވެ. ވައްޝަކަރަ ﷲއެވެ. އެއް ދުވަހަކު ކާން އިނދެފައި ކުރިމަގުގޮއްޔެ ބުނެފި އެވެ. އާދަނާއެވެ. އަހަރެމެން ދެން ސަލާމް ޖަހައިގެން ކައިބޮއި އުޅުނު ދުވަސް ވެދިޔަތަން ކަމުގައި ހަދަންވެއްޖެ އެވެ. އަހަރެމެންވެސް މިހާރު މިތިބަ އަތްފައި އިނދޭވަރު ވަނީއެވެ. ދެން ރަނގަޅުވާނީ އަމިއްލަ މަސައްކަތުން ކައިބޮއި އަދި އެހެންވެސް ބޭނުންތައް ފުއްދައިގެން އުޅުމެވެ. ކުޑައިރު ސަލާންޖަހައިގެން ކައިއުޅުނު ކަމަކު މިހާރު އެއީ ލަދުގަންނަން ޖެހޭކަހަލަ ކަމެކެވެ. ކުޑައިރު ނޭނގުނަސް ބޮޑުވަމުންދާވަރަކަށް ލަދުތަދުވެސް ދާނީ އެނގެމުންނެވެ.

އާދަނުބުންޏެވެ.  ނަސޭހަތްތެރިއާއެވެ. ! ތިޔަބުނަނީ ތެދެއްކަމަށް މަވެސް ގަބޫލުކުރަމެވެ. އެކަމަކު އަހަރެންނަށް ކުރަން އެނގޭނީވެސް ނުވަތަ ކުރެވޭނީވެސް ކޮންކަމެއްހެއްޔެވެ.؟

ކުރިމަގު ގޮއްޔެގެ ވާހަކައަކީ މި އެވެ.  ކަމެއް ކުރުމުގައި އެންމެ ބޭނުންތެރި ހަތިޔާރަކީ ކެރުމެވެ. ކަންތައްތައް ފަހިވެގެން އަންނަ ހިނދުގައްޔާއި އިދިކޮޅުވަޔާ އޮޑި އިދަމަތިވާއިރުގައި ވެސް ރާޅުމަތީގަންބާފައި ނަގަންޏާ ހިތްވަރު އެލުވައި ނުލުމެވެ. އޭރުން އަންނާނީ ކަމަށް ބޭނުންވާ ފަސްހަތިޔާރު ހަމަވަމަންނެވެ. ބަދިގޭގައި ކަލޭ ބައްޕަ ރުއްއެރި ގުޑި، ބަދި، ހަރު ކާލި، ރޯނު، ފިންދަނޑި ، ބަޅަވަޅި، ރާވަޅި މި ކަހަލަ ބައެއް ބާ ތަކެތި އެބަހުއްޓެވެ. ބޭނުންކުރަން ފެށުމުން ދާނީ އާވަމުންނެވެ. ތަކެތި ބޭނުން ކުރާނެގޮތް އެނގެމުންނެވެ. ގެމަތީގައި ކަލޭ ބައްޕަ ކެޔޮޅުކަންކުރި ބައެއްތަކެތި ފޯށިގަލަންދާނަކަށް އަޅައިފައި އެބަހުއްޓެވެ. އެއިން ބުޅިކަންވާރު ނަގައިގެން ތަކެތި އާކޮށްލައިގެން ފަޅުމަށްޗަށް ނަނުއެއްލަން ދާނީއެވެ. ހިކިދިޔައިގައި ތުނޑިމަތިން ވެންބޮޅު ނަގައިގެން ބުޅިއާއި ނަރުގަނޑާއި ނަނުގެ ފާހިލީ ހިސާބަށް ވެންބޮޅުގަނޑު އެޅީމައި ދަބަރު ބުޅިއެއް ތިމަރަ ބުޅިއެއްގެ މާބޮޑު ތަފާތެއް ނޯންނާނެއެވެ. އޭރުން ދެމީހުންނަށް ވެސް ދާނީ ސާލާން ނުޖަހައި އުޅެވޭނެގޮތް ފެންނަމުންނެވެ.

އާދަނުބުނެލިއެވެ. ކުރިމަގު ދައްކާގޮތަކަށް ހިނގުމަށް މަވެސް ޢަޒުމު ކަޑައަޅައިފީމެވެ. އިރާދަކުރެއްވިއްޔާ ކުރިމަގުދާނީ އަލިވަމުންނެވެ. ކުރާކަމުގައި މުރާދު ފެންނަމުން ދަންޏާ މުރާލިކުދިންނަށް ތުރާކަމެއް ނޯންނާނެއެވެ.

ދެތިންދުވަހެއް ވީއިރު މަސައްކަތްކުރުމުގެ ތައްޔާރީތައް ވަމުންދެ އެވެ. އާދަނު ވެސް ފަޅުތެރެއަށް ނަނު އެއްލައިގެންކުރާ ކެޔޮޅުކަން ކުރުމަށްޓަކައި ދެގަލުނަނަކާއި ދޮޅުގަލު ނަނެއް ނަގައިފިއެވެ. ދެބުރިނަނު ވެސް ވަނީ ރެހާން ޖަހާންވެފައެވެ. ދެން ރުނބައި މުށިގަނޑެއް ހޯދައިގެން ރެހާން ތޮށިއަޅައި (ކަނޑޫތޮށި) އަވީގައި ބެހެއްޓުމުން ފެންގަނޑަށް އޮލަ އޮފްކަން ލިބިއްޖެއެވެ. ދެން ދެނަނު ރެހާނަށްލައި އަވީގައި ހުރެ ނަނުތަކުގެ ތެރެއަށް ރެހާން ވަނުމުން ނަނު އަވީގައިލައި ހިއްކައިލުމުން ނަނަށް ހަރުފޮޅިކަމާއި އޮފްކަން ލިބިއްޖެއެވެ.

ކުރިމަގުގޮއްޔެ ރޯފަނެއް މިލުވައިގެން ފަރުހިލާއިރު ބޮލިއަޅާނެ ފެހެއް ވިޔެފި އެވެ. އެއީ އެއް އަތުން ބޮލިހޮވާއިރު ވާއަތުގައި ނުވަތަ އުނަގަނޑުގައި ހަރުކޮށްލައިފައިވާ ފެހަށް ބޮލިލުމަށްޓަކަ އެވެ. ބައެއްމީހުން އެއްފޫލީގޮނަށް ނުވަތަ ދެފޫލީގޮނަށްވެސް ބޮލިއަޅާނެއެވެ. މީގެ އިތުރުން ކުރިމަގުގޮއްޔެ ބޮނބި ހޯދައިގެން ފަޅުމަތީގައި ބޮނބި ފާކުރުމުގެ މަސައްކަތްވެސް ކުރެއެވެ. އެއީ " ނާނުޅަގުން އަންނައިރަށް ކަދުރު ސުބާޑެއް ގަންނާން ރޯނުބުޅިއެއް ވެށުމަށް " ތާއެވެ.

ޖެހިގެން އައިދުވަހު ހެނދުނު ފަތިހައި " މޫނު ދޮވެގެން ބޮޑުފަރަށް " ދާމީހުން ހެނދުނު ފަތިހާ ނާސްތާކޮށް ކޮޅުކޮޅަށް ހަރަކާތްތަށް އަވަސްވެފައި ވެއެވެ. މަޑުއާދަނު މަޑުން ނަމަ ވެސް ހަރަކާތްތެރިވާން ފަށައިފި އެވެ. ނާސްތާ ކުރުމަށްފަހު ދިޔަވަރު މަށްޗަށް ބޮނތްބަޅު ކެޔޮޅުކަން ކުރުމަށް ފިނޮޅު ހިކިފައިވާތީ އުލެއް ހަދައިގެން ފިނޮޅަށް އޫ ހަރާން ފަށައިފި އެވެ. އަދި ހަމަ ކަމަކާއި ވާގޮތެއް ނުވެއެވެ. ވާނީވެސް އެހެންތާ އެވެ. އާދަނަކަށް ވެންބަޅު ހަރެއް ބޮނތްބަޅު ހަރެއް ވަކިކުރާކަށް ނޭނގެންޏާއެވެ. މިތަން ބަލާން ކުރިމަގުގޮއްޔެ ހުރެފައި ހިމަކުރެދި ގޮފިކޮޅެއްގައި އުލެއް ހަދައިގެން ފިނޮޅުމަށްޗަށް ހިނގައްޖެއެވެ. ކުރިމަގުގޮއްޔެ ބުނެފިއެވެ. އާދަނާއެވެ. މީހުން ބުނެ އެވެ. ބޮނތްބަޅު ހަރު ހުންނާނީ ދޮސްއަރައި ފަޅައިގެންދާން ތައްޔާރުވެފައި ހުންނަ ދާމުލިހި ހެންނެވެ. ތުން ކުޑަކޮށެވެ. އެ ކަހަލަ ހަރަށް އޫ ހަރައިފައި ނުވަތަ ހަރާއިރު އެއްފަރާތަކަށް ކަތިކޮށްލާށެވެ. ދެން އުލުގައި ހިފަހައްޓާއިރު އުލަށް ރޫރޫ އަޅާނަމަ އެހެރީ ބަނތްބަޅަށް ހެރިފައެވެ. ދެން ވާއަތުން އުލުގައި ހިފަހައްޓަމުން ކަނާއަތުން ކޮންނާށެވެ. ބޮނތްބަޅުގައި ހިފުމުން ވާއަތުން ބޮނތްބަޅުގައި ހިފައިފައި ކަނާއަތުން ކޮނެ ދެއަތުން ހިފުމުން މަޑުމަޑުން ބޮނތްބަޅު ދަމައި ނެރޭށެވެ. ދެން އަވަހަށް އެތެރޭގައި ހުރި ވެލިތައް ޝަހާދަތް އިނގިއްޔާއި ބޮޑުވައި އިނގިލިން ހާނައި ސާފުކޮށްލާށެވެ. މި ގޮތަށް ނުހެދިއްޖެނަމަ ބޮނތްބަޅު ފަންވަރުވެ ބުރިބުރިވެގެން ހިނގައިދާނެ އެވެ.
ބޮނތްބަޅު ފައްޗެއް ނަގައި އުލަކަށް އަމުނައި ނިމުނުއިރު ދިޔަވަރު ފޫދެން ޖަހައިފި އެވެ. ފޫދިއަރާ ދިޔަވަރު މައްޗަށް އެންބޮނޑިއެއް އެއްލައިގެން ހުރެ ކޮށައި ވެސް ނުލިއެވެ. އޭރު ތޮށިމަތިން އެތެރެކުރާ ރާޅު ބަނޑުދަށުން ކުލަކުލައިގެ މަސްތައް ރާޅާއަޅާފައި ފަޅުތެރެއަށް ވަންނަތަން ފެނެއެވެ.

ކުޑައިރުކޮޅެއް ފަހުން ނަނަށް ލޮޅުމެއް އަރާފައި ދުއްވައިގެންފި އެވެ. ކުރިމަގު ގޮއްޔެ ގޮވައިލި އެވެ. އާދަނާއޭ ނަނުން މުއްވަރެއްވެސް ދޫނުކޮށް މަޑުމަޑުން ކުރިއަށާއި ފަހަތަށް ހަރަކާތް ކުރާށެވެ. ކުޑައިރުކޮޅަކުން އެސޮރު ބަލިވެ ބަނޑުފުށް ދައްކާނެ އެވެ. ނަނުގައި ގަނެފައި ހުރި ރޯދި ބަލިވެގެން ނަނަށް ދޫކަން ލިބުމުން ދަމައި އެއްގަންކުރިއިރު އެއީ ފަލަ މީމަހެކެވެ. ދެން އެޅިމަސްގަނޑާ އެކު ގަނެގެން ދުއްވައިގެންފި އެވެ. ދަމައި ގެނައިއިރު މާކަށަ ތުންބެކެވެ. ދެން ފަހަރު ފަޅު ފަހާ ފަނިހަނދީގެ ތެރެއިން މެދުމިން އެއްޗެކެވެ. ދެން ދޮންފަޅޯމަހެއް ބެވުމުން އެދުވަހުގެ މަސްވެރިކަން ނިންމައިލީއެވެ. ދުވަހު ކޮއްތަށް އެއް މަސް ބާއްވާފައި ދެންއޮތް ތިންމަސް ވިއްކައިލުމުން ފުރަތަމަފަހަރަށް އަމިއްލަ މަސައްކަތުން ބަނޑުފުރާނަ މުއްތިވީއެވެ. ދެން އާދަނު ފަޅުކެޔޮޅުކަން ކުރަނީއެވެ.
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ