އަދުގެ ޚާއްސަ

Print

ޑިކްޓޭޓަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

އެ ވަރުގެ އަނިޔާވެރިޔަކު އަހަރެންގެ ޙަޔާތުގައި ވެސް ނުދެކެމެވެ. ޒާތްކޮޅުބޮޑުކަން އިންތިހާ އެވެ. ދުވަހަކު އޭނާ ކުރާ ކަމެއްގައި އޭނާގާތަށް ދާ މީހެއްގެ މަޝްވަރާއެއް ލަފާއެއް އަހާލުމެއް ނޯވެ އެވެ. ބޮޑާކަމާއި ކަންދެއްކުމޭ ބުނުން ފިޔަވައި މި ކަންކަމާ ގުޅޭ މުނާސަބު ބަހަކީ ވަކި ކޮބައިހެއްޔެވެ؟



ފައިންޕުޅު ފެނުނީ ވެސް ހާސް މަސައްކަތުންނެވެ. އެތައް ޚަރަދެއް އަތުން ގޮސްގެންނެވެ. އެތައް ގަޑި އިރެއް ހޭދަވެގެންނެވެ. އެތައް ސަފެއްގައި ކޮޅަށްހުރެ،  އެތައް ގޮނޑިއެއްގައި ތާއްޔާޖެހިގެންނެވެ.  ކުރީން ފޮތްފޮތުން ދަސްވެފައިވަނީ ޑިކްޓޭޓަރުންގެ ސިފަތަަކެވެ. އެފަަދަ މީހަކު ހަމަ ލޮލަށް މި ފެނުނީ އަދި ކިިރިޔާތާ އެވެ! 

ހިތް ބުނަމުން ގެންދިޔަ އެވެ.  މި ދުނިޔެމަތީގައި ބާރުވެރިކަމެއް ލިބިއްޖެ އިންސާނަކަށް ފަހެ މި ވަނީ ކީއްބާވަ އެވެ؟ ''މަޑު ގޮނޑި ކޮޅުގައި ފިނި ކޮޓަރި ކޮޅުގައި އަރިހަށް'' އެތައް ބާންދީންނަކާއި ޚައްދާމުންނެއްލައިގެން، ވަދެ އެ އިންނަނީ ބަލަގަ އެންމެން އެއްހާލެއްގައި، އެއްހޫނެއްގައ،ި އެއްބިމެއްގައި، ތިބެން ޖެހޭ ދުވަހެއް އޮތްކަން ކުޑަކޮށް ވެސް ޚިޔާލަށް ނާންނަނީ ބާވަ އެވެ؟ ނިކަމެތީންތައް ގެނެސް ކުރިމަތީގައި އަތުރައިގެން މޭފުޅާ ކޮށްކޮށްފައި، އެ މީހުންނާ ދިމާޔަށް އައިނުމަތިން ލޯ އަޅާއިރު، ތިމާޔަކީ ކިހާވަރެއްގެ ކާކުކަން އެނގޭބާވަ އެވެ؟ ހުރިހާ އިންސާނުންނަކީ  ''ހަމަހަމަ'' ބައެއްކަން މޭރުން ނުވޭބާވަ އެވެ؟  މި ފިކުރުގައި އިންދައި، އޭނާގެ ހައިބަތްތެރިކަމާއި، ދިފާޢަށްޓަކަައި ހެދިފައިވާ ހަރުކަށި ގަވާއިދުތަކުގެ ތެރޭންލައިފައި ގޮސް ބައްދަލުވާ ގޮތް ވެއްޖެ އެވެ.

ފުރަތަމަ ވެސް ބޮލުން ފެށިގެން ފައިތިލަޔާ ދެމެދަށް ނަޒަރު ހިންގައިލި އެވެ. ހީވީ އިންވެސްޓިގޭޓިވް އޮފިސަރަކު، ވަގަކު ''ސްކޭން ކޮށްލި'' ހެނެވެ. ދެން ކުރަންފެށީ އެތައް އެތައް ސުވާލެކެވެ. ފޫހިކަން ވެރި ކުރުވި އެވެ. ނުކެރުމާއި ނުތަނަވަސްކަން ގެނުވި އެވެ. އަހަރެންގެ ޢުމުރަކާ އޭނާޔަކާ ކީކީން ހެއްޔެވެ؟ އަހަރެން ނިދާ އިރަކާ ކާކެއުމަކާ، ބޯ ބުއިމަކާ އޭނާޔަކާ ކޮން ބެހޭ ކަމެއްހެއްޔެވެ؟

ގިނަ އިރެއް ނުވެ އަހަރެން ފޮނުވައިލި އެވެ. އޯޑަރު އޮތީ އޭނާ ބުނި ގޮތަކަށް ހުރިހާކަމެއް ކުރުމަށެވެ. އެ އާޚިލާފުވެވޭނެ އެއްގޮތެއް ވެސް ނެތެވެ. އަހަރެންގެ އަމިއްލަ މިނިވަންކަމެއް، އަމިއްލަ ޝައުޤުވެރިކަމަށް ޙުރުމަތްތެރިކަމެއް ވެސް ނެތެވެ. ކާންވީ އޭނާ ބުނާ އެއްޗެކެވެ. ބޯންވީ އޭނާ ބުނާ އެއްޗެކެވެ. ބުނާ ވަގުތުތަކެއްގައި ބުނާ މިންވަރަކަށެވެ. ކުރަންވީ އޭނާ ބުނާ ކަމެކެވެ. އެއީ ''ދެކަމު ގިފިލި'' ނަގައި އެހެން މީހަކާ ހަވާލު ކުރުންފަދަ ލަދު ހުތުރު ޢަމަލެއް ކަމަށް ވިޔަސް މެ އެވެ.

އަހަރެންގެ މައްޗަށް ވެވުނު އަމުރުތައް ބަރާބަރަށް ތަންފީޒު ކުރީމެވެ. އެ ކަމުގެ ތެރޭގައި އެތައް ހާނީއްކައެއް އަމިއްލަ ހަށިގަނޑަށް ލިބިގަތީމެވެ. ތަދުތަކާ ވޭން އިޙްސާސްކުރީމެވެ. އަމިއްލަ ހަށިގަނޑުން ލޭ ވެސް އޮހޮރުވީމެވެ. ކުރާ ހިތަކުން ނޫނެވެ. މަޖުބޫރުވެގެންނެވެ. އެ  ހަރުކަށި، ގޮތް ދޫނުކުރާ ޒާލިމުގެ އަމުރާ ޚިލާފު ނުވުމަށްޓަކަ އެވެ.
 
ތިން ދުވަސްވީ ފަހުން އަނެއްކާ ވެސް އޭނާޔާ ބައްދަލު ކުރެވުނެވެ. އެ ދުވަހު ބުނީ ދެ ދުވަސް ފަހުން އައިސް ބައްދަލު ކުރުމަށެވެ. އެ ވަރުން ފުއްދައިލީ އެއް ވެސް ނޫނެވެ. ދެން ދިނީ ބިރުވެރި ޚަބަރެކެވެ. މަރުގެ އިންޒާރެކެވެ. އެ ރެޔަކު އަނެއް ދުވަހަކު ކާއެއްޗެއް ނުދިރުނެވެ.  ފެންފޮދެއް ފަނިފޮދެއް ފިޔަވައި އެ ދެދުވަހު އަރުތެރޭން ނުހިނގަ އެވެ.  ކުރާނީ ކީއްހެޔެވެ؟ އިންސާނީ ޙައްޤަކީ ވެސް ވަކި ބަޔަކަށް އޮތް އެއްޗެކެވެ. އޭނާ ކާނެ އެއްޗެެއް ކާންވީ އެވެ. އަހަރެން ފަކީރު ކޮންމެ ހާލެއްގައި ވިޔަސް އޭނާގެ ހަރު ހިތަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟

ވަނީ ކީއްކަމެއް ނޭނގެެ އެވެ. އެ ދުވަހު އަހަރެންގައި އަޅާ ވޭނެއް ބުނެދޭން ވެސް ނޭނގެ އެވެ. ވިދާޅުވި ގަޑިޔަށް، ވިދާޅުވި ގޮތަށް ހާޒިރުވީ މެވެ. ވަންނަން އިޝާރާތް ކުރި ކޮޓަރީގެ ތެރޭން  އޭނާގެ ލަޝްކަރުގެ އަޢުވާނުން ހޭލަމޭލަ ވާތީ ފެނެ އެވެ. ބަޅުވަޅިތަކާ ހަނޑަސްތަކާ ދޮލަނގުތައް ހިފައިގެންނެވެ. އެ ހަތިޔާރުތައް ފެނުމާ އެކުވެސް މުޅި މީހާ ތުރުތުރު އަޅައިގަތެވެ. އޭގެ ތޫނު މިޔަތަކުން ވިދުން އަރައަރާ ހުއްޓެވެ. ކުކުރަމުން އައްދިއްޔޯތް ގޮވަމުން  ވަދެއްޖައިމެވެ.

ދިން ޙަމަލާއެއް އައިނައި ދިމާއެއް ހަނދާނެއް ނެތެވެ.  މުޅި ހަށިގަނޑުގެ ނާރުތައް ބުރިބުރި ކޮށްލި ފަދަ އެވެ. މޫނު މައްޗަށް އަނދިރިވި އެވެ. ދަރިޔަކު ތިމާގެ މީހަކު އަންބަކު ކީއްކުރަންތޯ އެވެ؟ މަންމައެއް ބައްޕައެއް ވެސް ފެންނަ ފަށަކު  ނެތެވެ. އޭން މީހެއްގެ މޫނު ވެސް ފެނިލުމުގެ ނަސީބެއް ނެތެވެ. އަހަންނާ ހަމަޔަށް އައުމުގެ ހުއްދަ ވެސް ނެތީ އެވެ.
 
ހިނދުކޮޅެއްގެ ތެރޭގައި ދެން ވީނުވީ އެއް ނޭނގުނެވެ.

އެތައް ގަޑިއިރެއްގެ ފަހުން ލޯހުޅުވެން ފަށައިފި އެވެ. ހަނގުރާމައިގެ މައިދާނުގައި ޒަޚަމްވެ ޚަބަރު ހުސްވެފައި އޮތް މީހަކު ލޯ ދިލޭވަގުތު ތަންދޮރު ވަކިވަމުން ދާހެން، ދުނިޔޭގެ އަލިކަން ހާމަވާން ފަށައިފި އެވެ. އެކުލެވިފައިވާ ކަޅު ފުސްކަމެއްގެ ތެރޭން ތަންތަން ކަޝްފުވެ، ސާފުވަމުން މޫނުތައް ވަކިވަކިން އެނގެން ފަށައިފި އެވެ. އޭރު، މުޅި ހަށިގަނޑު ފަސްތަނުން ބަނދެފައިވާ މައްޔިތެއްފަދަ އެވެ. މީހާ އޮތީ ހިރި ނުލެވޭނެ ހެން ހައްޔަރު ކޮށްފަ އެވެ. ''ކުޑަ ގޮޅިއެއް''ގަ އެވެ. ހަށިގަނޑުގެ އެތަން މިތަންވަނީ  ހަތިޔާރު ގޯޅައި، ކަފައި ކުދިކުދި ކޮށްފައެވެ. ގުނަންތައް ވަނީ ބުރިބުރިކޮށް ފަލަ ރޮދިން އަސްޖަހައި، ބަރައްކީލު އަޅައިފަ އެވެ. އެތެރެ ހަށީގެ ބައެއް ގުނަންތައް މަދު ހެން ވެސް ހީވެ އެވެ.  ނުތަނަވަސްކަމާ އެކުގައި ރަޙުމާއި  ކުލުނުން ބަރާވެފައިވާ ލޯތަކެއް އަހަންނާ ދިމާޔަށް އަމާޒުވެފައިވާތީ ފެނުނެވެ.  އެ ލޯތަކުން ވިދަވިދާ ހުރީ ހެޔޮ އެދުމުގެ ދޯދިތަކެވެ. އަޚްވަންތަކަމުގެ ފުން ޝުޢޫރުތަކެވެ. ވަށައިގެންވަނީ  ހައްތާ ވެސް  އެއްލޭ ހިނގާ ގާތްތިމާގެ އަޚުންނާއި އުޚުތުންނެވެ. އެހެން ކަމުން ބަޔަކު އަދި ކޮންމެ ފަދަ އަނިޔާއެއް ދިނަސް، އުންމީދު އާވާގޮތް ވި އެވެ. ހިތްވަރު ލިބޭ ގޮތް ވި އެވެ. ބޭ އިޚްތިޔާރުގައި  ފެންކަޅިވި އެވެ. ރޮއިގަނެވުނެވެ. މި އަނިޔާ ދިން މީހުން ކޮބައި ހެއްޔެވެ؟ އެންމެ އިސްކޮށް ހުރި ޒާލިމު ވަދެވީ ކޮންތާކު ހެއްޔެވެ؟ އަހަންނަށް ޖައްސާފައި މިވަނީ ކޮންހާލެއް ހެއްޔެވެ؟ މި ތާނގައި، ލޭ އޮހޮރުވުމާއި ހައްދެއް ނެތް އަނިޔާވެރިކަން ފިޔަވައި އޮތީ ކޮންކަމެއް ހެއްޔެވެ؟

ދެތިން ދުވަސްފަހެވެ. ވަރަށް ޒަމާން ވަންދެން ހަށިގަނޑުގައި ހުރި ރިހުންތަކެއް މުޅިން ފިލައިގޮސް ފަސޭހަ ވެއްޖެ ކަމުގެ އިޙްސާސް ކުރެވެން ފެށި އެވެ. މުޅިން ލުއިވެއްޖެ އެވެ. އަހަރެންގެ ހުރިހާ ނުރުހުމެއް އެމީހަކަށް ނިސްބަތްވި ހަރުކަށި ޑިކްޓޭޓަރު އަހަންނާ ބައްދަލުކުރި އެވެ. އޭނާ ވެސް އުފާކުރަނީ އެވެ. އަހަންނަށް ވެސް އުފާކުރެވެނީ އެވެ. އާއިލާ މީހުންވެސް އުފާވެރިކަމުގެ ޢާލަމެއްގައި ފިޔަޖަހަނީ އެވެ.

ހިތަށް އެރި އެވެ. ދިރި އުޅުމުގެ ކޮންމެ ކަމަކީ މިންތަކެއްގެ ތެރޭގައި ހިފެހެއްޓިފައި އޮންނަންޖެހޭނެ ކަމެކެވެ. ބޮޑު ހިފެހެއްޓުމެއްގެ ފަހަތުގައި އުސް ނެގެހެއްޓުމެއް އޮވެދާނެ އެވެ. މާ ދަތިކަމެއްގެ ނިވަލުގައި، ފާގަތިކަމެއް ވެސް  އޮވެދާނެ އެވެ.

މާފު އެދެމެވެ. ޝައިޠާނާ އަހަރެންގެ ހިތް ވަސްވާސް ކުރީތީ އެވެ.  ކުށް ހީތަކުގެ ހާއްޔަކަށް ހެދީތީ އެވެ.  ޙަޤީޤަތުގައި ތިބާޔަށް ޙައްޤު ނަމަކީ ކޮބައިހެއްޔެވެ؟ ތިޔައީ އަހަންނަށް އެންމެ ލާބަ ލިއްބައިދިން އެންމެ ހެޔޮ އެއް މިތުރެވެ. އެކަމަށްޓަކާ މި ހިތުގައި އުފެދޭ ތާއީދާ ސާބަހުގެ ޝުޢޫރު ގިނަގުނަވެފައި އިތުރެވެ. ރައްދުކުރެވެނީ ޢަދަދެއް ނެތް ހެޔޮ ދުޢާޔާ، ޝުކުރެވެ. މި އަދަށް ފަހު އިރާދަ ކުރެއްވިއްޔާ ތިބާއަކީ އަހަރެންގެ ދާއިމީ ޑަކްޓަރެވެ.

(ނިމުނީ)

އިދާރާ

ވާހަކަ