އަދުގެ ޚާއްސަ

Print

މަޑު އާދަނާއި ކުރިމަގު ގޮއްޔެގެ ވާހަކަ (3)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


9 މާޗު (އަންގާރަ)އާ ގުޅޭ...

މުޚްތާރު ޢަބްދުއްރަޙްމާނު - ނޫރާނީގެ ށ. މިލަންދޫ


ދެން ޞަލަވާތް ފާތިޙާ ކިޔުއްވައި ކާވެނީގެ ޚުޠުބާކިޔުއްވައި ވަލީނެތް ކާވެންޏެއްގެ ގޮތުގައި ކާވެނިކޮށްދެއްވައިފި އެވެ. އެއާއެކު، ރަންކިއި ލާރިއާއި ކާވެނިމަތީ ތިންގަނޑެތި ކާވެނިވި އަންހެނާއަށް ރައްދުކުރުމަށް ހެކިވެރިންނާ ޙަވާލުކޮށްފި އެވެ. ދެން ނައިބު ބުނުއްވި އެވެ. އާދަނާއޭ ކާވެނި ކުރަންވީމައި ވެސް ތި އައީ ނައިބުގެއަށެވެ. އެއީ އަމިއްލަ އަމިއްލައަށް ކޮށްލެވޭކަހަލަ ކަމަކަށް ނުވާތީ އެވެ. އެހެންވީމާ ކާވެނިކުރަން އައިގޮތަށް ވަރިކުރަން ވެއްޖެނަމަ ވެސް ނައިބުގެއަށް އަންނަން ޖެހޭނެކަން ހަދާންކުރާށެވެ.

ކާވެނިކުރުމާއި ވަރިކުރުމަކީ އަމިއްލަ އަމިއްލައަށް ކުރެވޭ ކަހަ ކަމަކަށް ހަމަޖެހިފައި އޮތްނަމަ ވަރިކޮށްގެން އުޅުނުއިރެއް ކައިވެނިކޮށްގެން އުޅުނުއިރެއް ނޭނގޭގޮތްވެ ކާވެންޏާ ވަރީގެ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓި ނަސްލު އޮޅޭގޮތްވުން އޮންނާނީ ދާދި ގާތުގަ އެވެ. ދެމަފިރިއަކު ކުރާޒުވާބެއްގެ ތެރޭގައި ނުވަތަ އަންނަ ސިނގު ރުޅިގަނޑެއްގެތެރޭގައި ގޮތްދޫނުކުރަން ބުނެވޭ ބަހަކުން އަނބިމީހާ ވަރިކުރެވިދާނެ އެވެ. ރުޅިގަނޑު މައިތިރިވެ ބުއްދިހަމަޖެހުމުން ކުރެވުނު ދެރަކަންތައް ވިސްނުމުން ދެންދެމީހުން މި ކަންތައް ސިއްރުކޮށްލުމުން ދެންވާނީ ރަނގަޅޭ ހީކޮށް އެކަން ސިއްރުކޮށްގެން ތިބެއްޖެނަމަ އެ ވެވުނީ މާބޮޑު ނުބައެކެވެ. އާދަނާއޭ ރުޅިއަކީ މީހާގެ ލެއާ ނާރުތަކުގައި ޝައިޠާނާ ރޯކުރާ އަލިފާނެކެވެ. އަލިފާން ނިވޭނީ ފެނުންނެވެ. ރުޅިއަތުވެއްޖެ ނަމަ އަޢޫޛު ކިޔާށެވެ. ނުވަތަ އަވަހަށް ފެންވަރާށެވެ. ނުވަތަ ޥުޟޫކުރާށެވެ. ދެން ނަމާދުކުރާށެވެ. ނުވަތަ ޤުރްއާން ކިޔަވާށެވެ. ރުޅި މަޑުވުމަށްފަހު ޞުލްޙަވެރިކަމާއެކު ވާހަކަދެއްކުމުގައި އިސްނެގިމީހަކަށް ދެ ދަރުމަހުއްޓެވެ. ކޮންމެމީހަކުވެސް އެމީހާކަމުގައި ވުމަށް ގަދައަޅައި އުޅުންބުއްދިވެރިވާނެ އެވެ. ތިމަން ހަމަގައިމު ވެސް ކުރިއަކުން އަނގައިންނެއް ނުބުނާނަމޭ މިހެން ޢަޒުމް ކަނޑައަޅައިގަންނަ މީހާ ޝައިޠާނާގެކިބައިން ޖާހިލުކަމުގެ ދެ ނިކަމެތިކަން ލިބިގެންފި އެވެ.

މިއާދަމުގެދަރިޔާގެ ނަފްސުހެއްދެވި ހުސްޠާހިރުވަންތަ ރަސްކަލާނގެ   މި ނަފްސު ތަރުކީބު ކުރެއްވުމުގައި އެކަމަށްޓަކައި ކޮންމެ ނިކަމެތިކަމެއް އޭނާގެ ރުހުމާއި އެދުމުގައި ގަބޫލު ކުރާނެ، އެކަމަށްޓަކައި މުދަލުން ހޭދަކުރާނެ، އެކަމަށްޓަކައި ނަފްސު ދީލަތިވާނެ، އެކަމަށްޓަކައި ނިދި ޤުރުބާންކުރާނެ، ބާރެއް މި އިންސާނާގައި ލައްވާފައިވެ އެވެ. ތިމާގެ ހިތުގާ އެކަމެއްގެ ލޯބީގެ  ޒައްރާއެއްގެ މިންވަރު ވެސް ފޮރުވިފައި ނެތްކަމެއް ކުރާންވެއްޖެނަމަ އެކަމަކީ ކިތަންމެ ކުޑަ، ކިތަންމެ ލުއި ކަމެއްކަމުގައި ވިޔަސް އެކަމަކީ މި އާދަމުގެދަރިޔާގެ ޠަބީއަތް ރުހިގެން ކުރާކަމަކަށް ނުވާނެ އެވެ. އެކަން ކުރުމުގެ މައްޗަށް މި އާދަމުގެދަރިޔާއަށް ކިތަންމެބޮޑު ހޭދައެއްކުރިނަމަ ވެސް ލޯބީން ހަމަ ހީލޭކުރާކަމެއް ކުރާފަދައަކުން ކުރާކަށް އޭނާގެ ނަފްސު ނުރުހޭނެ އެވެ.

މި ދިން ކުޑަ ނަސޭހަތް ހަނދުމަ ބަހައްޓައިގެން ހެޔޮލަފާ އުޅުމެއް އުޅުމަށް ނިޔަތްގަނެގެން އެންމެބޭކަލުން ގެއަށްދުރުވާށެވެ. ''السلام عليكم''  ދެން ނައިބުކަލޭގެފާނަށް ސަލާން ގަލާން ކޮށްފައި ގެއަށް ހިނގައްޖެ އެވެ. ދެން މިވެރިން ގެއަށް ދިޔަ މަގުމަތީގައި އާދަނުގާތު ބުނެފި އެވެ.  އާދަނާ އެވެ. ނާއިބު ދެއްކި ވާހަކައަކީ ދިރިއުޅުމެއް ފަށާބައަކަށްހުރި ނަސޭހަތުގެ ޗާޓެކެވެ. އެޗާޓަށް ރަނގަޅަށް ބަލައިގެން މިސްރާބު މަތީގައި ހުރެގެން ސީދަލަށް ދަތުރުކޮށްފިނަމަ އޮޑި ބަނދަރުކުރާނީ ބާއްޖަވެރިކަމުގެ ކިނާރާގެ ގޮނޑުދޮށަށެވެ. އެތަނުން ޙާސިލްވާނީ އަންނަނިވި ޅެންބައިތުގެ ޝަރަޙައެވެ.

ގުލްޒާރުގާ ފޮޅޭމާ، ބުލްބުލް  އެ އުދު ހެނީތާ
     އުލްފަތު ހިތަށް އުފާދޭ ޞުލްޙައިގެ ލަވަފެށީތާ

ބަޅިނދާއި އެކީ ގުރާތައް، ފަޅިއަޑު ކުރާންވިގޮތްތައް
    މަޅިކެހި ޖަހާދުވަސްތައް، ސަޅިވާ ވަގުތު މިއީތާ

ލޯބީގެ ގުލްޒާރުގާ ފަރިވެފޮޅޭ ކުލަރީތި ވަސްމީރު މާމެލާމެލީގެ ގުލްޝަންތަކުން ބަނދެލި މާބޮޑިތަކުން ކަރަށް ވައްޓައިލެވި މޭމަތި ފާޅުފިލުވައިލި ވަގުތަކީ ލޯބިލޯބި އަލަތު ދަރިފުޅު މޭގައި ޖައްސައިލުމުގެ ނަޞީބު ޙާސިލްވި ވަގުތެވެ. ދިރިއުޅުމަކީ ލޯތްބެވެ. ލޯތްބެއް ލިބިއްޖެނަމަ ދިރިއުޅުމެއް ލިބޭނެ އެވެ. ލޯބި ގެއްލިއްޖެނަމަ ދިރިއުޅުން ވެސް  ގެއްލޭނެ އެވެ. މިހެންވެއޭ ރޭޑިޔޯ ޅެމުގައި އެބުނަނީ   ''މިލްތީހެ ޒިންދަގީމެ މުއްބަތު ކަބީކަބީ'' – އަބަދުވެސް ލޯބި ލިބިއްޖެނަމަ ދިރިއުޅުމެއް ލިބޭނެ އެވެ.

ދުނިޔޭގެ ހުރިހާ މޮޅުކަމެއް ލިބިފައިވާމީހާއަށްވެސް ލޯބި ނުލިބިއްޖެނަމަ ދިރިއުޅުމެއް ނުލިބޭނެއެވެ. މިބުނި ބާވަތުގެ މީހުންގެ މިސާލަކީ ހުވަފެނުގައި އަލިމަހާ ޖަވާހިރުގެ ޚަޒާނާއެއް ލިބިގެން އެކަމުގެ އުފަލުގައި ހުއްޓައި ހޭލެވުނުމީހާގެ މިސާލެވެ. އަތުގައި އެންމެ އަލިމަހެއް ނުވަތަ ޖަވާހިރެއް ވެސް ނޯންނާނެ އެވެ. ތިމާ މަރުވާއިރު ތިމާގެ މުދަލާ ރަސްކަމާ ނަމާއެކު ފުހެވިގެން ދާނެއެވެ. މިއީވެސް މީހުން ބުނެއުޅޭ ޙިކުމަތްތެރި ބަހެކެވެ.

ޖީނަޖީ ޤަދަރޭ މެރޭދާޣު މުހައްބަތު ކީ ނަ ކީ
ޕޫލްމަރުނޭ ޕެހެސަރޭ މެރެޤަބުރު ޗުރާތޭ ކިޔުން ހޯ

ތިމާ ދިރިހުރިއިރު ، ދިރިހުރުމުގެ ލައްގަނޑަށް ލޯބިނުކޮށްފާ، ތިމާ މަރުވީމައި މަހާނަ މައްޗަށް (އެމީހާ ) މަލެއް ނާޅާނެއެވެ. ތިމާ މަރުވުމާއެކު ހުރިހާކަމެއް ވެސް އެނިމުނީ އެވެ.

އާދަނާ އެވެ! ގެއާ ހަމަޔަށް ފޯރުމުގެ ކުރިން އަދި އެއް ފިލާވަޅު އެބަ އޮތެވެ. ވާހަކަ ރިވާކުރާމީހުން ލިޔެފައި ވެއެވެ. ކުރީޒަމާނެއްގައި ރާޢިދު ނަމަކަށް ކިޔާ ގަދަފަދަ ރަސްކަލަކު އުޅުއްވިއެވެ. އެރަސްގެފާނުގެ އުފާފުޅަކީ ލޭ އޮހޮރުވުމެވެ. ރަސްކަން ފުޅާކޮށް ބޮޑުކުރުމެވެ. އެރަސްގެފާނަކީ ވިރާޘީ ރަސްކަލެކެވެ. އެރަސްގެފާނުގެ ޢުމުރުފުޅުން ޒުވާންކަމުގެ ދައުރު ވަނީ ފަހަނައަޅައި ގޮސްފަ އެވެ. ދުވަހަކުވެސް ކާވެނިފުޅެއް ނުކުރައްވައެވެ. އެރަސްގެފާނު ދެކިވަޑައިގަންނަވާ ގޮތުގައި އަންހެނުންނަކީ ނަޖިހެކެވެ. އަންހެނެއްގެ ލިބާހު ފަސްބައިގައި ޖެހޭހިސާބަކަށް ވެސް ކައިރިއެއްނުވެ އެވެ. އެ ރަސްގެފާނުންގެ ޒާތްކޮޅު ހުންނަގޮތުން އަރިހުގައި އުޅޭ މީހަކަށް ވެސް އެއްޗެކޭދަންނަވާކަށް ނުކެރެ އެވެ. ދެން މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެ އެވެ.

އެއްދުވަހަކު މުސްކުޅި ބޮޑުވަޒީރު ރަސްގެފާނު އަރިހުގައި ދެންނެވި އެވެ. މަނިކުފާނުގެ ޢިއްޒަތްތެރި ޚާންދާނު މަނިކުފާނާ ހަމައަށް ވާރިޘްކުރި ރަސްކަން މަނިކުފާނާހަމައިން ނިމިގެން ހިނގައިދާނެކަމުގެ ބިރުހީވެ އެވެ. އެއީ މަނިކުފާނުން ކައިވެނިފުޅު ނުކުރައްވާ، އަދި މަނިކުފާނުގެ ދަރިކަލަކު ދަރިކަނބަލަކު ވެސް ނެތުމުންނެވެ. ސާހިބު ރަސްގެފާނަކީ ވެސް ކުރީގައި ތިޔަ ތަޚްތުގައި ރަސްކަންކުރެއްވި ރަސްރަސްކަލުން ދިޔަމަގުން އެ ރަސްރަސްކަލުންނާ ބައްދަލުކުރުމަށް ދިއުމުގެ މަގުމަތީގައިވާ  ދަތުރުވެރިއެކެވެ. ބޮޑުވަޒީރުގެ މިވާހަކައަށް ދަރުބާރުގައި ތިއްބެވި ހުރިހާ އެންމެން ތާއީދު ކުރުމުން ރަސްގެފާނުގެ ޚިޔާލުފުޅު ބަދަލުކުރައްވައިފި އެވެ.

ދެން ރަސްގެފާނުގެ ޖިޒީގެ ދަށުގައިވާ ރަސްރަސްކަލުންނާ ބައްދަލުކުރައްވަވައި އެވެ. ދެން އެ ރަސްގެފާނުގެ ޖިޒީގެ ދަށުގައިވާ ރަސްރަސްކަލުންނާއި ރާޖާއިންގެ ދަރިކަނބަލުންގެ ތެރެއިން ފޯއްދުން ރިވެތިވެގެންވާ އަންހެން ސާހިބަކުގެންނަވާ އެކަމަނާ އާއި ކާވެނިބައްލަވައިފި އެވެ. ދެން އެ ކަމަނާއާއެކު އެންމެރެއަކު އެއްދާންކުރެއްވުމަށްފަހު ވިދާޅުވި އެވެ. ކަމަނާ މިރަސްކަމުގެ ތަޚްތާއި ތާޖުގެ ވެރި ފިރިހެން ދަރިކަލަކު ވިހާށެވެ. އެއަށްފަހު އެކަމަނާ ވަކިގަނޑުވަރަކަށް ލައްވައި އެކަމަނާގެ ހުރިހާކަމެއް ރަނގަޅަށް ހިނގާނެ އިންތިޒާމް ތައް ކުރެއްވުން ވަޒީރަކާ ޙަވާލުކުރެއްވި އެވެ. އަދި އެވަޒީރަށް އަމުރުކުރެއްވި އެވެ. އ ެކަމަނާ ބަލިވެއިން ނަމަ އެކަންވެސް ތިމަން ރަސްގެފާނަށް ދަންނަވާށެވެ. ވިހެއުމުން އެކަންވެސް ދަންނަވާށެވެ. އޭގެފަހަކު އެރަސްފާނު އެރަސްގެފާނުގެ އަނބިކަމަނާ ފެންނަހިސާބަކަށް ވެސް ވަޑައެއްނުގަންނަވަ އެވެ.

ދެން އެކަމަނާ އާލާސްވެއިންނަވައި ދުވަސްފުރައި އަންހެންބޭފުޅަކައިގެން ރައްކާވެއްޖެ އެވެ. އެ ބޭފުޅެއްގެ އެއްލޯފުޅު އަނދިރި އެވެ. އަނެއްލޯފުޅަށް ވަރަށްކުޑަކޮށް ފެނިވަޑައިގަނަވަ އެވެ. މިކަމާމެދު ރަސްގެފާނު ވަރަށްބޮޑަށް ހިތާމަފުޅުކުރެއްވި އެވެ. އެބޭފުޅަކަށް ދެއްވާނެ ނަންފުޅަކާމެދު ދެންނެވުމުން ވިދާޅުވީ ވަޒީރަށް ފެންނަނަމެއް ކިޔާށެވެ.

ދެން ވަޒީރު އެކަމަނާގެ ނަންފުޅެއްކަމުގައި ހަޖެއްސެވީ وراثة އެވެ. ދެން وراثة  ގެ އުމުރުފުޅުން ހަތަރު އަހަރުފުޅުފުރި ކުޑަދުވަސްކޮޅެއްފަހުން ރަސްގެފާނަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެން އެ އާލާސްކަންފުޅުގައި އަވަހާރަވެއްޖެ އެވެ. ދެންރަސްގެފާނުގެ ދަރިކަނބަލުންގެ ނަންފުޅުގައި ނުހަނު ކީރިތި މޫރިތިކަމާއެކު ރަސްގެފާނުގެ ދާމްދާމް ކަމާއެކު ރަސްކަން ހިންގަވަނީ ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުންގެ حرراة އެވެ.   حرراة އަކީ ރަސްކަމާ ވެރިކަމުގެ އޮއްޓަރަކުން ފަޅައި ހެދިބޮޑުވެފައިހުރި ގަހެކެވެ. އެކަމަނާ ރަސްކަމުގެ دام دام  ހިންގެވުމުގައި އަލުން ދަސްފުޅުކުރައްވާކަށް ޖެހިވަޑައިގަންނަވާނެ މާބޮޑުކަމެއްވެސް ނެތެވެ.

ނެތިއުވިދިއުމުން ކައިރިވެފައިވާ ރަސްކަމެއް ކާވަންޏެއްގެ ނުހަނު ހަނި އަރިމަތީ ބައްދަލުވުމަކުން އެރަސްކަން ވުޖޫދަށް އެ ގެނައީ ކާވެނީގެ މަގުންނެވެ.
ނާއިބުކަލޭގެ ގެއިން ނުކުމެގެން ނެގުނު އޮލަވާހަކައެއްގައި ލޯހުޅުވައި ބަލައިލެވުނުއިރު ފެނުނު މަންޒަރުން ލޯ ތަރަތަރަ ޖަހައިގެން ދިޔަކަހަލަ އެވެ. މިއީ އަނެއްކާ ހުވަފެނެއް ނޫންބާވައޭ ހިތައި ދެއަތުން ދެލޯ އުނގުޅައިގަނެވުނެވެ. ދެލޯ ބޮޑުކޮށްފައި ބަލައިލެވުނެވެ. ނޫނެކެވެ. މިއީ ހުވަފެނެއް ނޫނެވެ. މި އާދެވުނީ މުޑަހަނދިގޭ ދޮރާހަމައަށެވެ. އެކަމަކު ލޯކެހިދިނީބާ އެވެ. ގޭދޮރުމަތީ މީހުންގެ އިސްތިޤުބާލްގައި އެހުރީ حورالعين އެއްބާ އެވެ. ނޫނެކެވެ. އެ ވާނީ ހަވާގެ ތެރެއިން ޕާލިކީއެއްގައި އުދުހިގެން އައި ޕަރީއަކަށެވެ. ނޫނެކެވެ. ޕަރީންނާއި އެއްގޮތްނުވާގޮތެއް އެބަހުއްޓެވެ. އެހުރީ ސޯޅަހިރުއެޅި ބޮޑުބޯވަޅު ބަންގާޅު ރަތްސާޓަނު ލިބާހެއް ލައިގެންނެވެ. ކަރުގައި އެއޮތީ ސޯޅަފަށްލީ ރަންފައްޓަރުބައެކެވެ.  ފަރާތެއްގައި އަށްފޮތިލައި ފުލަށް ރަންރިޔާލައެއް ލައިފަ އެވެ. އަތުގައި އެއޮތީ އެތެރެއަށް ގިގުނިލައި ނަރު އެތުރި ރަނުގެ ބޮޑުއުޅައިބައެވެ. އުނުގައިވަނީ ހުދު ފަލަރޮނގާއި އަތްދުއްލީ މޮޅުފޭއްޔެކެވެ.

އިސްތަށިގަނޑު ކުޅަދުރުހަތައިބުރަށް ވައްލައި ވާއަތްފަރާތަށް ހުޅިއަރިކޮށްލައި ހުޅިމަތީރުމާފަޅި ހަރުކޮށްފައެވެ. ނިތްކުރިއާދިމާ ބޮލުގެ އިސްތަށިގަނޑުގައި ހީނާގަހު މާކޯޅި ކަތިވާގޮތަށް ޖަހައިފައި ހުރުމުން ހީވަނީ ރަސްދަރިކަނބަލަކު ދިހަރޯދަ ޢީދަށް ނަލަހެދިވަޑައިގެން ހުންނެވިހެންނެވެ. ދެކަންފަތުގާ އެލުވާފައި އެހެރަ ރަންމުދި ، ހީވަނީ ގަޑިއެއްގެ ބަރު ހޫރޭހެންނެވެ. މަސްދަތް މަރަވަޅިމަތީ ހިނގައިލުމުން ހީވަނީ ފިޔަލީ ކަކުނި ފެންމަތީގައި އުދުހިފައި ދާހެންނެވެ. ނުވަތަ ހަރުފަ އޭގެ ފަށްތައް ރޫޅާލައި ބަނޑިލައްވަމުން ކުރިއަށް ދެމިލާހެންނެވެ. ދެން ހެކިވެރިން ގެއަށް ވަދެއްޖެއެވެ. މަޑުއާދަނު ބޮޑުއަށީ ހިތާމަވަޅުގައި ނުހަނު މަޑުން އިނެވެ. ދެން ހެކިވެރިން ކުރިމަގުގޮއްޔެއާދިމާއަށް އެނބުރި ގޮއްޔެ އެމިހަކާ އިނުމަށް ރުހި ރަންކީ ކަނބުލޭގެ ފިރިމީހާ އެއިނީ އެވެ. ފިރި ބަލައިގަންނާށެވެ. ދެން އެގޮއްޔެ އެތެރެގޭ ދޮރުފޮތިގަނޑު ހިއްލައިލާފައި ، ބިއްލޫރި ބޮޑުގަލަސްތައްޓެއްގާ މަތިޖަހައިގެން އައިސް އާދަނު ކަކުލުގައި ކަކޫ ޖެހޭހިސާބުގައި ހުއްޓި ފިރިބަލައިގަންނަ ފެންތަށި ދިއްލިއެވެ. އެވަގުތު އެކަކު އަނެކަކުގެ މޫނަށް استحسان ގެ ބެލުމަކުން ( نظر އަކުން ) ބަލައިލިއެވެ. މާނައަކީ ދިރިއުޅުމަކީ އެކަކުއަނެކަކަށް އިޙްސާންތެރިކަމުގައި ޤާއިމުވެތިބުމެވެ. ދެން އާދަނު ތިންނޭވައިން ފެންތަށި ދަމައިލި އެވެ. މާނައަކީ ދުނިޔޭގެ ދިރިތިބުމަކީ ތިންދުވަހެވެ. މި ތިންދުވަހު އަހަރެން ބޯހުށީ ތިޔަ ދެއަތުން ދިންފެނެކެވެ. ދެން ފެންހުސްކުރި ތަށީގެތެރެއަށް ފައިސާފޮއްޗެއް ވައްޓައިލުމަށްފަހު އެ ގޮއްޔެއަތަށް ދިއްކޮށްލި އެވެ. މާނައަކީ އަހަރެން ދިރިއުޅުމުގެ ޚަޒާނާ މި ތިބަ ދެހެކިން ހެކިކޮށް ކަނބުލޭގެއާއި މި ޙަވާލުކުރީ އެވެ. ދިރިއުޅުކީ އަނތްބެކެވެ. ދެން އެ ގޮއްޔެ އެތަށި ހިފައިގެން އެތެރެގޭ ފޮތިގަނޑު ހިއްލާލައިފައި ވަދެގެން އެދިޔައީ އެވެ. މާނައަކީ އަހަރެންނާ ކަލޭގެ ދިރިއުޅުމުގެ ޚަޒާނާ ވަނީ ކަލޭގެ ރައްކާތެރިކަމުގެ ފަރުދާގެތެރޭގަ އެވެ. އަހަރެންނަކީ އެކަމުގެމައްޗަށް ހުރި  އަމާނާތްތެރިޔާއެވެ.

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ