އަދުގެ ޚާއްސަ

Print

ދުޢާކުރުމުގެ މާތްކަން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ

ޢަބްދުލްމުޢީދު ޙަސަން

ދުޢާކުރުމުގެ މާތްކަން ބަޔާންކުރައްވާފައިވާ ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްތައް ވެއެވެ. މި މަޒުމޫނުގައި ގެނެސްދީފައިވާނީ އޭގެ ތެރެއިން ބައެކެވެ. ހެޔޮކަމާއި ބަރަކާތުގެ މޫސުމުގައި ދުޢާކުރުން ގިނަކުރައްވާށެވެ!


1. ދުޢާކުރައްވާ ކަމަށްޓަކައި ނަބީބޭކަލުންނަށް މާތްﷲ، ޘަނާގެ ބަސްފުޅު ޥަޙީކުރައްވާފައި ވެއެވެ.

އަލްއަންބިޔާ ސޫރަތުގެ 90 ވަނަ އާޔަތުގައި ވެއެވެ. {إِنَّهُمْ كَانُواْ يُسَارِعُونَ فِى ٱلْخَيْرٰتِ وَيَدْعُونَنَا رَغَباً وَرَهَباً وَكَانُواْ لَنَا خـٰشِعِينَ} މާނައީ، "ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތައްތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައި ވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކު ކަމުގައި އެބޭކަލުން ވޫއެވެ."

މާތްﷲ، ނަބީބޭކަލުންނަށް ނަޞްރު ދެއްވުމުގެ ސިއްރަކީ، މި އާޔަތުގައި ބަޔާންކުރައްވާފައިވާ ސިފަފުޅުތަކާއެކު، އެ ބޭކަލުން ދުޢާކުރެއްވިކަމެވެ.


2. ދުޢާކުރުމަކީ، ހެޔޮލަފާ ޞާލިޙު މުއުމިން އަޅުތަކުންގެ ސިފައެކެވެ.

އައްސަޖްދާ ސޫރަތުގެ 15 ވަނަ އާޔަތާއި 16 ވަނަ އާޔަތުގައި ވެއެވެ. {إِنَّمَا يُؤْمِنُ بِـئَايَـٰتِنَا ٱلَّذِينَ إِذَا ذُكّرُواْ بِهَا خَرُّواْ سُجَّداً وَسَبَّحُواْ بِحَمْدِ رَبّهِمْ وَهُمْ لاَ يَسْتَكْبِرُونَ * تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفاً وَطَمَعاً وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ} މާނައީ، "ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާކަން ކަށަވަރީ، އެ އާޔަތްތައް އެބަޔަކަށް ހަނދާންކޮށްދެވޭ ހިނދު، ސަޖިދައަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔާ މީހުންނެވެ. އަދި އެއުރެން ކިބުރުވެރިއެއް ނުވާނެތެވެ. (15) އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. (16)"


3. ދުޢާކުރެއްވުމަކީ މަލާއިކަތްބޭކަލުންގެ މަސައްކަތްޕުޅެކެވެ.

އައްޝޫރާ ސޫރަތުގެ 5 ވަނަ އާޔަތުގައި ވެއެވެ. {وَٱلْمَلَـٰئِكَةُ يُسَبّحُونَ بِحَمْدِ رَبّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلأَرْضِ أَلاَ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ} މާނައީ، "އަދި މަލާއިކަތުން، އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ދަންނަވަތެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުން އެދި، ދުޢާކުރައްވަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.

އަދި ޣާފިރު ސޫރަތުގެ 7 ވަނަ އާޔަތުގައި ވެއެވެ. {ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُ يُسَبّحُونَ بِحَمْدِ رَبّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ ءامَنُواْ رَبَّنَا وَسِعْتَ كُـلَّ شَىْء رَّحْمَةً وَعِلْماً فَٱغْفِرْ لِلَّذِينَ تَابُواْ وَٱتَّبَعُواْ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ} މާނައީ، "ޢަރުޝި އުފުއްލަވާ މަލާއިކަތުންނާއި، އޭގެ ވަށައިގެންވާ މަލާއިކަތުން، އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ދަންނަވަތެވެ. އަދި އެކަލާނގެއަށް އީމާންވެއެވެ. އަދި އީމާންވި މީހުންނަށް ފާފަފުއްސެވުމަށް ދުޢާކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙުމަތާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. ފަހެ، ތައުބާވެ، އިބަރަސްކަލާނގެ މަގަށް ތަބަޢަވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އެއުރެން މުއްތިކުރައްވާނދޭވެ!"


4. ދުޢާކުރުމަކީ، އެންމެ މާތް އަޅުކަމުގެ ތެރެއިން އަޅުކަމެކެވެ.

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ. (الدعاء هو العبادة) މާނައީ، "ދުޢާކުރުމަކީ، އަޅުކަމެވެ." މިހެން ޙަދީޘްކުރެއްވުމަށްފަހު، ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތް އިތުރު އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ކިޔަވާވިދާޅުވިއެވެ. އެއާޔަތުގައި ވެއެވެ. {وَقَالَ رَبُّكُـمْ ٱدْعُونِى أَسْتَجِبْ لَكُمْ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دٰخِرِينَ} މާނައީ، "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ."


5. ނަރަކައިގެ ޢަޛާބުން ސުވަރުގޭގެ އަހުލުވެރިން ސަލާމަތްވީ ދުޢާކުރުމުގެ ސަބަބުންކަން ބަޔާންކުރައްވާފައިވެއެވެ.

އައްޠޫރު ސޫރަތުގެ 27 ވަނަ އާޔަތާއި 28 ވަނަ އާޔަތުގައި ވެއެވެ. {فَمَنَّ ٱللَّهُ عَلَيْنَا وَوَقَـٰنَا عَذَابَ ٱلسَّمُومِ * إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُ هُوَ ٱلْبَرُّ ٱلرَّحِيمُ} މާނައީ، "ދެން ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ ޢަޛާބުން ތިމަންމެން ދިންނެވިއެވެ. (27) ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް (ދުޢާކޮށް) އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އިޙުސާންތެރިވަންތަ، ރަޙީމުވަންތަ ކަލާނގެއެވެ. (28)"


6. ދުޢާކުރާ މީހުންނާއެކުގައި އުޅުއްވުމަށާއި އެބައިމީހުންނާއެކު ރަޙުމަތްތެރިކަން ބޭއްވެވުމަށް، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް މާތްﷲ އަންގަވާފައިވެއެވެ.

އަލްކަހުފު ސޫރަތުގެ 28 ވަނަ އާޔަތުގައި ވެއެވެ. {وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَاةِ وَٱلْعَشِىّ يُرِيدُونَ وَجْهَهُ وَلاَ تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا وَلاَ تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَٱتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا} މާނައީ، "އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު ދުޢާކޮށް އަޅުކަންކޮށް އުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފުސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނައަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!"


7. ދުޢާކުރާ މީހުން ދުރުކޮށްނުލެއްވުމަށް، މާތްﷲ، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް އަންގަވާފައި ވެއެވެ.

އަލްއަންޢާމު ސޫރަތުގެ 52 ވަނަ އާޔަތުގައި ވެއެވެ. {وَلاَ تَطْرُدِ ٱلَّذِينَ يَدْعُونَ رَبَّهُمْ بِٱلْغَدَاةِ وَٱلْعَشِىّ يُرِيدُونَ وَجْهَهُ مَا عَلَيْكَ مِنْ حِسَابِهِم مّن شَىْء وَمَا مِنْ حِسَابِكَ عَلَيْهِمْ مّن شَىْء فَتَطْرُدَهُمْ فَتَكُونَ مِنَ ٱلظَّـٰلِمِينَ} މާނައީ، "އަދި އެއުރެން އެކަލާނގެ ވަޖުހުފުޅު އެދިގެން ހެނދުނާއި، ހަވީރު އެއުރެންގެ ވެރިރަސްކަލާނގެއަށް ދުޢާކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ! އެއުރެންގެ ހިސާބުބެއްލެވުމުގެ ތެރެއިން ކަމެއް ކަލޭގެފާނަކަށް ނެތެވެ. އަދި ކަލޭގެފާނުގެ ހިސާބުބެއްލެވުމުގެ ތެރެއިން ކަމެއް އެއުރެންނަކަށް ވެސް ނެތެވެ. ފަހެ، ކަލޭގެފާނު އެއުރެން ދުރުކޮށްލައްވައިފިނަމަ، އަނިޔާވެރިންގެ ތެރެއިން ކަލޭގެފާނު ވެދާނެތެވެ."


8. މާތްﷲ ވޮޑިގެންވަނީ ދުޢާކުރާ މީހުންނާ ނުހަނު ގާތުގައެވެ.

އަލްބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައިވެއެވެ. {وَإِذَا سَأَلَكَ عِبَادِي عَنّي فَإِنّي قَرِيبٌ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ} މާނައީ، "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުއާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟުރަތަށް ދުޢާކޮށްފިނަމަ، ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ."
މިއާޔަތް ބާވައިލެއްވި ސަބަބުގައި ވެއެވެ. ކީރިތި ރަސޫލާ ގެ އަރިހުގައި އަޞްޙާބުބޭކަލުން ދެންނެވިއެވެ. "އަހުރެމެންގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ އަހުރެމެންނާ ކާރީގައިތޯއެވެ؟ ފަހެ، އެހެންކަމަށްވަނީނަމަ، އަހުރެމެން އެކަލާނގެ ޙަޟުރަތަށް ދަންނަވާނީ މަޑުމަޑުންނެވެ. ނުވަތަ ދުރުގައިތޯއެވެ؟ ފަހެ، އެހެންކަމަށްވަނީނަމަ، އަހުރެމެން އެކަލާނގެ ޙަޟުރަތަށް ދަންނަވާނީ ބާރަށެވެ." ދެން އެބައިމީހުންގެ ސުއާލަށް ޖަވާބެއްގެ ގޮތުގައި މާތްﷲ މި އާޔަތް ބާވައިލެއްވިއެވެ.
އިބްނުލްޤައްޔިމް ވިދާޅުވެފައި ވެއެވެ. މިއާޔަތުގައިވާ ކުއްތަންވެވޮޑިގެންވުމަކީ ޚާއްޞަކަމެކެވެ. އެއީ އެކަލާނގެ އަޅުތަކުންގެ ތެރެއިން ދުޢާކުރާ އަޅުތަކުންނަށް އޮތް ޚާއްޞަކަމެކެވެ. އަޅަކު އެކަލާނގެ ޙަޟުރަތާ އެންމެ ބޮޑަށް ކުއްތަންވާނީ، ސަޖިދާގައި އޮންނައިރުއެވެ.


9. ދުޢާކުރުމަކީ، އަބާއްޖަވެރިކަމުން ދުރުހެލިވެވޭ ކަމެކެވެ.

މަރްޔަމް ސޫރަތުގެ 4 ވަނަ އާޔަތުގައި ވެއެވެ. {وَلَمْ أَكُنْ بِدُعَائِكَ رَبّ شَقِيّاً} މާނައީ، "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި ދުޢާއަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ."
އަދި އެ ސޫރަތުގެ 48 ވަނަ އާޔަތުގައި ވެއެވެ. {عَسَى أَلاَّ أَكُونَ بِدُعَاء رَبّى شَقِيّا} މާނައީ، "އަހުރެންގެ ވެރިރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަންކުރުމުން އަބާއްޖަވެރިޔަކު ކަމުގައި އަހުރެން ނުވާށިއެވެ."


10. ދުޢާކުރުމުން ލިބެނީ މުޅިންވެސް ހެޔޮކަމެވެ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ. (ما من مسلم يدعو بدعوة ليس فيها إثم ولا قطيعة رحم، إلاَّ أعطاه الله بها إحدى ثلاث: إمَّا أن يُعجِّل له دعوته، وإمَّا أن يدَّخرها له في الآخرة، وإمَّا أن يصرف عنه من السوء مثلها) މާނައީ، "ފާފަވެރިކަމެއް ނެތް، އަދި ރަޙިމުގެ ގުޅުން ކަނޑައިލުމެއް ނެތް ދުޢާއަކުން މުސްލިމަކު ދުޢާކޮށްފިނަމަ، ﷲ އެމީހަކަށް ތިންކަމަކުން ކުރެ ކަމެއް ނުދެއްވައި ދޫކޮށްނުލައްވަތެވެ. އެއީ، އެކަލާނގެ އަވަހަށް އޭނާގެ ދުޢާ އިޖާބަކުރެއްވުމެވެ. ނުވަތަ އާޚިރަތުގެ ޘަޥާބާއި ދަރުމައަށްޓަކައި އޭނާގެ ދުޢާ ފަހަށް ރައްކާކުރެއްވުމެވެ. ނުވަތަ އޭނާގެ ކިބައިން އެއާ އެއްވަރުވެގެންވާ ނުބައިކަންތައްތަކެއް އެއްކިބާކުރެއްވުމެވެ."


ނަންގަނެވިދިޔައީ، ދުޢާކުރުމުގެ މާތްކަން ބަޔާންކޮށްދޭ ބައެއްކަންތައްތަކެވެ. އެނޫން ކިތަންމެ ހެޔޮކަމެއް، ދުޢާކުރާ މީހުންނަށްޓަކައި، މާތްﷲ، ދެދުނިޔޭގައިމެ ލައްވާފައިވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ