އަދުގެ ޚާއްސަ

Print

''ޕްރޮގްރާމަށް މަރުޙަބާ -–މިތާގެ ޚިދުމަތަށް މަރުޙަބާ''

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުﷲ ޞާދިޤު

''އައްސަލާމު ޢަލައިކުމް! އުފެއްދުންތެރިކަމުގެ އާ ޕްރޮގްރާމަށް މަރުޙަބާ!'' ''މި ފިހާރައިގެ އާ ޚިދުމަތަށް މަރުޙަބާ!'' މި ބާވަތުގެ ޢިބާރާތްތަށް މިހާރަކަށް އައިސް ގިނައިން އެބަ އިވެ އެވެ. މިއީ ދިވެހި ބަހާއި ވަރަށް ބީރައްޓެހި ޢިބާރާތެއްކަމަށް އަޅުގަނޑަށް ފެނެ އެވެ. މި ދެންނެވީ ޕްރޮގްރާމު ހަދާ ބަޔަކު އެ ޕްރޮގްރާމަށް މަރުޙަބާ ކިޔާ ވާހަކަ އެވެ. ޚިދުމަތް ދޭ ފަރާތުން އަމިއްލަ އަށް ޚިދުމަތަށް މަރުޙަބާ ކިޔާ ވާހަކަ އެވެ. ވީމާ، އެހެން ބަޔަކާ ނުބެހި އެކަން އެ ނިމުނީ އެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތެވެ.

އަޅުގަނޑުމެން ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން، މަރުޙަބާ ކިޔައި އުޅެނީ ބޭރުން އަންނަ މީހަކަށް ރަށުގެ އަހުލުވެރީންނެވެ. ޢިއްޒަތްތެރި މެހުމާނަށް، ޢިއްޒަތެރި މެހުމާނުންނަށް މަރުހަބާ މި ފަދަ ޢިބާރާތުންނެވެ. އެ މީހުން ނުކުމެ ތިބެ އެ ރަށަށް މަރުޙަބާ ކިޔައެއް ނޫޅެ އެވެ. ފުރައިގެންދާއިރު މީހުން ގާތުގައި އެ މެހުމާނު ބުނެ އުޅެނީ އެ ރަށުން އަހަންނަށް ކީ ވަރަށް ހޫނު މަރުޙަބާއެކެވެ. މި ހެންނެވެ.

އެ ބަޔަކު އަމިއްޔަލަށް އެ ބަޔަކަށް މަރުޙަބާ ކިޔުމަކީ އިނގިރޭސި ގޮތެއް ނަމަ، އަޅުގަނޑަށް އެ ކަމާމެދު އެއްޗެއް ދަންނަވާކަށް ނޭނގެ އެވެ. އެ ބަހުން ''ގުޑްމޯނިންގ'' ކިޔައިފި ނަމަ، ޖަވާބަކީ ވެސް ''ގުޑްމޯނިންގ'' އެވެ. ''ގުޑްއިވްނިންގ'' ކިޔައިފި ނަމަ ޖަވާބަކީ ވެސް ''ގުޑް އިވްނިންގ'' އެވެ. ''ގުޑްނައިޓު'' ކިޔައިފި ނަމަ ޖަވާބަކީ ވެސް ''ގުޑްނައިޓް'' އެވެ. ''ހަވްޑުޔުޑޫ'' އޭ އަހައިފި ނަމަ ޖަވާބަކީ ހަމަ ''ހަވްޑުޔޫޑޫ'' އެވެ. ''ޕްލީޒްޑް ޓް މީޓުޔޫ'' އޭ ބުނެފި ނަމަ ޖަވާބަކީ، ''ޕްލީޒްޑްޓް މީޓު ޔޫ'' އެވެ. މިއީ ފަސޭހަ އިނގިރޭސި ޕްރޮގްރާމުން އަޅުގަނޑަށް އޮޅުން ފިލި ބައެއް ތަކެއްޗެވެ. އެކަމަކު ދިވެހިން ބޭނުން ކޮށް އުޅޭ ސަލާމުގައި އައްސަލާމު ޢަލައިކުމް އޭ، ބުނެފި ނަމަ،  ޖަވާބަކަށް ވާނީ ވަޢަލައިކުމުއްސަލާމެވެ. ހާލު ކިހިނެއްހޭ އަހައިފި ނަމަ ބުނާނީ ހާލު ރަނގަޅެވެ. މި ކަހަލަ ގޮތަކަށެވެ. އަޅުގަނޑު ދަންނަ ގޮތުގައި ކަމަކަށް ނުވަތަ ތަނަކަށް މަރުޙަބާ ކިޔާނަމަ މަރުޙަބަ ކިޔާނީ އެކަމުގެ މީހުންނެއް ނޫނެވެ. ނުވަތަ އެ ތަނުގެ މީހުންނެއް ނޫނެވެ. އެކަމާ ނުވަތަ އެ ތަނާ ދުރުގައި ތިބި ބަޔެކެވެ. ދިވެހި ބަހާއި ބޭރު ބަސްބަހާ ހުރި އެހެން ތަފާތެއް ވެސް މި ވަގުތު ހިތަށް ވަޖެއްޖެ އެވެ.  އެއީ ބޭރު ބަސްބަހުން މާދަމާ އަންނާނަންހޭ ބުނަންވާ ބައެއް ތަންތާނގައި ދިވެހި ބުހުން ބުނެ އުޅެނީ ދާނަންހެއްޔޭ މި ހެންނެވެ.  މި ދެންނެވީ  ތިމާ ހުރި ހިސާބާ ދުރު ތަނަކަށް  ނަމަ އެ ބަސް ބޭނުންކޮށް އުޅޭ ގޮތުގެ ވާހަކަ އެވެ. ''މާދަމާ ސުކޫލަށް އަންނާނަންހޭ؟'' ދިވެހި ބަހުން އަހައެއް ނޫޅެ އެވެ. ތިބި ހިސާބަށްވުރެ އެ ތަންތަން ދުރު ނަމަ ބުނެ އުޅެނީ ''މާދަމާ ސްކޫލަށް ދާނަންތަ؟ މާދަމާ ބޯޅަ ދަނޑަށް ދާނަންތަ؟'' މިހެންނެވެ. ވީއިރު މި ދެ ބަހުގައި ވަރަށް ބޮޑަށް ފަރަގު އެބަ ހުރިތާ އެވެ. މި ފަދަ ބަސްބަސް ދިވެހި ބަހުން ބުނަންޏާ، ނުވަތަ ބޭނުން ކުރަންޏާ އަޅުގަނޑު ދެކޭ ގޮތުގައި ބޭނުން ކުރަންވާނީ ދިވެހި ގޮތަށެވެ. ދިވެހިންނަށް އެނގޭ ގޮތަށެވެ.

މިހާރު މަރުޙަބާ  މި ކިޔޭ ގޮތުން އަޅުގަނޑަށް މިކަން ވައްތަރުވަނީ މާއްޑޫ ދޮއްޓޯބޭގެ  ދަތުރު ވަނަވަރު އެހުމާ އެވެ.

ދޮއްޓޯބޭ ފައިނަށް ދިޔަ ދަތުރެވެ. ރަށަށް ލަފައި ދޯނީ ފުށުވާ އައްސަންވެގެން ކަނޑިގަނޑާއި ވަލާ ހިފައިގެން ދޯނިން ރާޅުޖަހާ ފަށަށް އޭނާ ފުންމާލައިފި އެވެ. އެއްގަމަށް އެރި އިރު، އެ ރަށު އެއްގަމުން މި ދިމާއަށް ދުރުވާތީ ފެނެ އެވެ. މުދިންބެ ދުރުވެ މީނާއާ އަރާ ހަމަވީތަނާ ފުށުވާ އައްސަމުން އައްސަމުން ދޮއްޓޯބެ އަހާލި އެވެ. ''ކޮން ދަތުރެއް؟'' މުދިންބެ ހައިރާންވެއްޖެ އެވެ. މުދިންބެގެ ނަޒަރުގައި މިއީ މުދިންބެ ކުރަންވީ ސުއާލެކެވެ. ނަމަވެސް ސުއާލު ކުރީ ރަށަށް އައި މީހާ އެވެ. ދޮއްޓޯބޭ ވެސް ވީ ހައިރާނެވެ. މުދިންބެ އެއްޗެއް ނުބުނުއްވީމަ އެވެ. މި ވީގޮތަކީ ކޮބައިތޯ އެވެ؟ ދޮއްޓޯބެއަށް އެނގޭވަރަކީ ''ކޮން ދަތުރެއް؟'' މި ސުއާލަކީ، ކޮންމެ ވެސް މީހަކު ކޮންމެ ދަތުރެއްގައި ވެސް ކޮށް އުޅޭ ސުއާލެއްކަމެވެ. ކުރަންވީ ކާކުކަމެއް ނޭނގެ އެވެ.

ޕްރޮގްރާމު ހުށަހަޅާ ފަރާތުން ޕްރޮގްރާމަށް މަރުޙަބާކީމާ، ނުވަތަ ޚިދުމަތް ދޭ ފަރާތުން ޚިދުމަތަށް މަރުޙަބާ ކީމާ، އަޅުގަނޑަށް ވަނީ މި ކަހަލަ ގޮތެކެވެ. އޭގައި ޕްރޮގްރާމު އަޑު އަހާ މީހުން ނުވަތަ ބަލާ މީހުން ކުރަންވީ ކަމެއް ނެތެވެ. އަޅުގަނޑު ދެކޭގޮތުގައި ދިވެހިންނަށް ވިސްނޭނީ ދިވެހިންނަށް ކަމުދާނީ '' އުފެއްދުންތެރިކަމުގެ ޕްރޮގްރާމުގެ އަހުލުވެރިންނަށް މަރުޙަބާ؟'' ނުވަތަ '' މި ޕްރޮގްރާމް އައްސަވާ ބޭފުޅުންނަށް މަރުޙަބާ'' މިހެން ކިޔުމުންނެވެ. ހަމަ އެހެންމެ '' މިތާނގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް މަރުޙަބާ'' އޭ ބުނުމުންނެވެ.

ދިވެހިންނަށް ރަނގަޅީ ދިވެހިގޮތޭ، ދިވެހިންގެ ބަހަށް ކަމުދާނެ ގޮތޭ
    ދިވެހިން އެހުމަށް އޮތް ސާފު ގޮތޭ، ދިވެހިން ލިޔުމަށް އޮތް ރީތި ގޮތޭ


(ނިމުނީ)

އިދާރާ

ވާހަކަ