އަދުގެ ޚާއްސަ

Print

ބައިޓަނު ހަމަނުވާ އަތްގާޑިޔާ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުﷲ ޞާދިޤު (1985)

ދާދި ދެރަ މީހަކު ގަތޭ އުފުލާނެ ކުޑަ އެއްޗެއް ދުވާ
    ގާޑިޔާ ގަނޑެކޭ އެއީ   އާދައިގެ ބައިޓަނު ހަމަ ނުވާ

ހެދުނު ހިނދު ކުޑަ ގާޑިޔާ ނުކުތޭ މަސައްކަތް ހޯދުމަށް،
    ހެނދުނު ހެނދުނާ މާރުކޭޓަށް ކޮޅުކޮޅަށް މީހުން  ދުވާ
    ------------------------------------------


ގައިގެ ކުލަ އަލި ހަށިގަނޑުން ބޮޑު މީހަކަށް ފެނިފައި ފިތަން،
    އައިގޮތަށް އައިސް ހުއްޓިލައިފިޔެ ޒާތަކަށް ކަމަކަށް ނުވާ

ދެން އަހާލިޔެ ގެންދެވެން އޮތްތޯ ވަރަށް ކުޑަ އެތި ކޮޅެއް
    ހުންނަ ގެޔަކަށް ގޯޅިއެއްގައި ބޯޅަދަނޑު ކައިރީ  އެވާ
ާ
ކޮންތަކެއްޗެއްތޯ އަހާލީމާ އެހެން ހުރެ ބުނެލިޔޭ
    ތިން ވަކަރަކާ ކުޑަ ސިމެންތި ކޮޅޭ މިތާ ކައިރީ މިވާ
    ------------------------------------------ 

ތިންކޮތަޅުގެ ސިމެންތި ލައިފައި ސޯޅަގަނޑު ޓިނު އެރުވިޔޭ
    ތިން ވަކަރު ވެސް ލައިފިޔޭ ފަސް ހަރިޔަނަށްވުރެ ކުރު ނުވާ

ސާހިބާއޭ ބަރުވެދާނޭ ބުނެވުނޭ ދެން އޭނަޔަށް
    ސާބަހޭ    ބުނެލެއްވިޔޭ    ރުޅި ފާޑަކަށް   ލޯ ހައްދަވާ

ނެތް މިޔާ އެއްބަސް ވެލުން ނޫނީ ގޮތެއް ދެން އޭނަޔަށް،
    ނެތްކަމުން ލިބިދާނެ    ފަދައެއް    ލާރިޔެއް ހޯދަން މިވާ

ގަތްބިރުންނާ ގަތްލަދުން ކޮށްޕަން ހިފައިފިޔެ ގާޑިޔާ
    އޮތްތަނުން ހިރިވެސް ނުލީމާ    ބޮޑުވިޔޭ  ދެން  ފިކުރުވާ
 
ކޮންމެ ގޮތަކުން ވެސް ޖެހޭ ގެންދަން ބުނުއްވާ ގޭދޮށަށް،
    ކޮން   ގޮތެއްތޯ ދެން އޮތީ ކޮއްޕުން މެ ނޫނީ   އައްސަވާ

ގައިގެ ހުރިހާ ނާރުފުއްޕާ ގައިގެ ލޭ ގަނޑުވާވަރަށް،
    ގައިގެ ހުރިބާރާއެކީ     ހިފަމުން    އެ ބުނަނީ ހިންގަވާ
      -----------------------------------

ބައިސިކަލުގައި މަޑުމަޑުން އޭނާ އެޔާއެކު ދުރުވެޔޭ
    ކައިރިކައިރިން ވަޅުތަކޭ     ފެންނަންހުރީ   މަގުގާ އެވާ

މަތަވަމުން ނުވަމުން މިދާ ބަރު ގާޑިޔާ ދެމިގެންފިޔޭ
    މަތަނުވެވިގެން     ވަޅުގަނޑަށް  ހަމަ ދާދި ކައިރީގާ އެވާ

އެ ހިނދު އެއްކޮޅު ހިއްލިގެން ދިޔުމުން އެ ފަދަ ބާ ގާޑިޔާ
    ޖެހި ލަކީގާ ޓިނުތަކާ    ވަކަރާ އެ    ފޭބީ    ބައްލަވާ
 
ގާޑިޔަލުގެ ފުރޮޅު ހަލާކުވެ ހެއްދި ތަންތަން ޖެހި ހަދަން
    ގާޑިޔާ ގަނޑު ވެސް ހަލާކުވެ ނިމި ދިޔައްޔޭ     އައްސަވާ

އެހިނދު އޭނާ ހޮނު ގުގުރިއެއްހެން ހަޅޭލައިގެންފިޔޭ
    މިރިހަ    މީހަކު    ގެންގުޅޭ މޮޅު  ގާޑިޔަލޭކޭ ވާހް ވާ!

ފެޅި ޚަރާބުވެ ގޮސް ކޮތަޅުތައް، ބަނޑިވެ ޓިނުތައް ވެއްޖެޔޭ
    ދެ ޅިޔަނުންވާ    ގާޑިޔާ ވާނީ    ދަމާށޭ     ދަންމަވާ!
        -----------------------------

ގާޑިޔާ އޮތްގޮތް ބަލަން އަނގަހުޅުވިފާ އޭނާ ހުރޭ
    ޒާތަކަށް ދެން ބުނެލިޔޭ މާތް     ސާހިބާއޭ    އައްސަވާ
 
ސާހިބާއޭ އޭރުވެސް ނަންގެން ހެދީމޭ ފަށްފަށުން
    ގާޑިޔާ ގަނޑެކޭ      މިއީ އާދައިގެ   ބައިޓަނު ހަމަނުވާ
 
މީގެ ވަރު ނުބަލާ ތަކެތިލާ ހެއްދެވީމާ ގަދަކަމުން،
    މީ ކިހާ ބޮޑު ގެއްލުމެއްތޯ      ފިކުރު ދެން ކޮށްލައްވަވާ!

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ