އަދުގެ ޚާއްސަ

Print

ކުރާ މަސައްކަތާއި ތިމާގެ ސްޓައިލް

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

'ސްޓައިލް' މިއީ އިނގިރޭސި ބަހެކެވެ. ވިކިޕީޑިއާގައި މިބަހާ ގުޅުންހުރި ތަފާތު ހަތް ބަހެއްގެ މާނަ ބުނެދީފައި ވެއެެވެ. އޭގެތެރެއިން މިލިޔުމާ އެންމެ ބޮޑަށް ގުޅެނީ ‘physical appearance’ މިބަހެވެ. ބޭރުފުށުން ފެންނަން ހުންނަ ސިފަތަކަކީ މިދެންނެވި 'ސްޓައިލް' ގެ ތެރޭގައި ހިމެނޭ ކަމެއްނަމަ، ހެދުން އެޅުމާއި، ބޮލުގެ އިސްތަށިގަނޑު އެހުންނަ ގޮތަކާއި އަތުގެ ނިޔަފަތި ބެހެއްޓިފައި ހުންނަ ގޮތަކީވެސް ސްޓައިލް ގެ ބައެކެވެ. އެކި މީހުނަށް ކަމުދަނީ އެކި ސްޓައިލެވެ.

ޔުނިވަރސިޓީގައި ކިޔަވަން އުޅުނު ފަހުއަހަރު ހޫނުމޫސުމުގެ ޗުއްޓީގައި، ވަޒީފާގެ ތަޖްރިބާހޯދުމަށްޓަކައި އެކިކުދިން އެކި ދިމަދިމާޔަށް ސިޓީފޮނުވައި އިންޓަވިއު ތަކަށް ދާންފަށައިފިއެވެ. ނަސީބުދެރަކަމުން އަޅުގަނޑު ސިޓީލީ އެއްވެސް ތަނަކުން އަޅުގަނޑަށް 'ވަޒީފާ' ލިބޭގޮތެއް ނުވިއެވެ. އަޅުގަނޑެކޭ އެއްގޮތަށް ވަޒީފާ ނުލިބުނު އިތުރުއެހެން ކުދިންވެސް އުޅެއެވެެ. ވަޒީފާ ނުލިބުނު ކުދިންނަށް ގޮތެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޕްރޮފެސަރ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަކުދިންނަށް ތަފާތު ފުރުޞަތުތައް އެކިއެކި ކުންފުނިތަކުން ލިބުނެވެ.

މިކަމެއްގައި އުޅެނިކޮށް އެ ޤައުމުގެ އެންމެބޮޑު އެކައުންޓިންފާމުގެ އިސްވެރިން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރިއެވެ. އެދުވަހު އެ ވަފުދުން  ފުރަތަމަ ކުރި ސުވާލަކީ އެ މީހުންގެ އެކައުންޓިންގ ފާރމުގައި ވަޒީފާ އަދާކުރުމުގެ ޝައުޤުވެރިކަން ހުރީ ކޮންކުދިންނެއްތޯ ބެލުމުގެ ގޮތުން ކުރި ސުވާލެވެ. ވަރަށްގިނަކުދިން އެކަމަށް އިޖާބަދީ ޝައުޤުވެރިކަން ފާޅުކުރި އެވެ. އަތް ހިއްލައި ޝައުޤުވެރިކަން ފާޅުކުރި ހުރިހާ ކުދިންގެ ތެރެއިންވެސް އެމީހުން އަޅައިގަތް ޚާއްޞަ ކުއްޖަކު ހުއްޓެވެ.

ބޮލުގެ އެކިދިމާގައި ހުރީ އެކި ކުލަ އެވެ. އިސްތަށިގަނޑު  ބައްޓަން ކޮށްލާފައި ހުރިގޮތުން ހީވަނީ ފަންސުރު ޖަހާ ދައްޗަކަށް ބޯކޮއްޕާލާފައި ހުރިހެންނެވެ. ކަންފަތުގެ ދެތިން ތަނެއްގައި މުދި އެލުވައި، ތިރީ ތުންފަތުގައި ވެސް ކޮންމެވެސް ކަހަލަ މައުދަނަކުން ފާހަގައެއް ޖަހާފައި ހުއްޓެވެ. ކަރުގަޔާއި އަތް ފައިގައި އަޅާފައި ހުރި "ތަވީދުތަކާއި ރޮދިތައް" ފެނުމުން ބޮޑުބައްޔަކަށް ބޭސްކުރާ ކުއްޖެއްހެން ވެސް ހީވެ އެވެ.
މިކުއްޖާއާ މުޚާޠަބުކޮށް އޭގެ ތެރެއިން އިސްކޮށްހުރިމީހާ ބުނީ ކީކޭކަން އެނގިވަދައިގަންނަވާތޯ އެވެ؟

'ދަރިފުޅާއެވެ. ކަލޭ ތިޔަ ސްޓައިލް މުޅިން ބަދަލު ނުކުރާހާ ހިނދަކު ވަޒީފާ ހޯދަން ތިޔައުޅޭ ދާއިރާގެ މަތިން މުޅިން ހަނދާން ނައްތާލާށެވެ. މިދާއިރާގެ އެއްވެސް އޮފީހަކުން ތިޔަކަހަލަ ސްޓައިލެއްގެ މީހަކަށް މަރުޙަބާއެއް ނުކިޔާނެ އެވެ. ކަލޭގެ ތިޔަ ސްޓައިލް ބަދަލު ކުރިޔަސް އަހަރެންގެ ފާމަކުން ކަލެޔަކަށް ފުރުޞަތެއް ނެތެވެ. ބޮޑުވަރަކަށް ކަލެޔަށް ކުރެވޭނެ ކަމަކީ ބޯކޮށާ، ރީތިކޮށް ހެދުން އެޅުމެވެ. ކަންފަތާ ތުންފަތުގައި ތޮރުފާފައި ތިޔަހަރަ ލޯވަޅުތައް ހަމަ އެގޮތަށް ހުންނާނެ ނޫންހެއްޔެވެ. އެމީހަކު ކުރާ މަސައްކަތާ އެމީހެއްގެ ސްޓައިލް ގުޅެންވާނެ އެވެ. ފަހަރެއްގައި މިއުޒިކް ގުރޫޕަކުން ކަލެއައް މަރުޙަބާ ކިޔާފާނެ އެވެ.'

އެވަގުތު އަޅުގަނޑު ހިތަށް އެރިއެވެ. އެއީ ވަރަށްބޮޑު ތެދެކެވެ. އެމީހަކު ކުރާމަސައްކަތާއި އެމީހެއްގެ ސްޓައިލް ގުޅެންވާނެއެވެ. އަދިވެސް މިހުންނަނީ އެގޮތަށް ގަބޫލުކޮށްގެންނެވެ. ނަމަވެސް މިމާލޭގެ ވަރަށްގިނަ އޮފީސްތަކުން މިދެންނެވި އުޞޫލާ ޚިލާފު މަންޒަރުތައް ފެނެ އެވެ. ބޯ ދިގުކޮށް އިސްތަށިގަނޑުގެ އެކި ދިމަދިމާލުގައި ކުލަޖައްސައި، އޮފީސް އޮފީހުގެ އާންމު ސުލޫކީ މިންގަނޑަށް ނުފެތޭ އެތައް ސްޓައިލެއް ފެނެ އެވެ. އެވެސް ހަމަ އޮފީސްތަކުގެ މުވައްޒަފުންނެވެ. ކޮންމެވެސް ބަޔަކަށް ޚިދުމަތްދިނުމުގެ ކުރީސަފުގައި ތިބޭ މީހުންނެވެ.

 ދާދި މިދާކަށް ދުވަހު ވާރލްޑް ބޭންކުން އައި ވަފްދަކާއެކު ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކަށާއި ރާއްޖޭގައި ހިންގާ އެކިއެކި ބޭންކް ތަކަށް ދާންޖެހިއްޖެވެ. ތަފާތުމީހުނާ ބައްދަލުވި އެވެ. އެކި ސްޓައިލްގެ މީހުންނެވެ. އެންމެ ފާހަގަވީ ރާއްޖޭގެ ބޮޑުބޭންކަކުން ފެނުނު ތަފާތު ސްޓައިލެއްގެ ޒުވާނެކެވެ.  ޓައީ އަޅައި ބޫޓަށް އަރާފައި ހުއްޓަސް ނުގުޅޭ ގޮތެއް ހުއްޓެވެ. ބޮލުގެ އެކިތަންތައްކޮޅު އައިބުވާވަރަށް ދިގުކޮށް ކުލަޖައްސާފައި ހުއްޓެވެ.  ފުރަގަހުން ބަލައިލާއިރު ލައިގެން ހުރި ގަމީހުގެ ގިރުވާނު ފެންނަވަރެއް ނުވެއެވެ. އުނަގަނޑުގައި އަޅާފައިއޮތީ ކަމަރެއްކަމެއް ނުވަތަ އައްސާފައި އޮތީ ވަރުގަދަ ސުތުލި ގަނޑެއްކަމެއް ވަތްކެއްނުވެ އެވެ. ލައިގެންހުރި ފަޓުލޫނު ވަނީ ފިނދުމަސްގަނޑާ ހަމައަށް ސޮއްސައިގެން ގޮސްފައެވެ. މި ބުނެވުނީ އަޅުގަނޑާދިމާވި ފިރިހެން ބޭފުޅެއްގެ ވާހަކައެވެ. އަންހެން ވެރިންގެ ހެދުން އެޅުންވެސް ވަކި ސަހަލެކޭ ނުދެންނެވޭނެ އެވެ. ގަޔަށް ބާރުކޮށް ހަށިގަނޑުގެ ވަނާތައް ބޮޑަށް ފާޅުވާގޮތަށް ހުންނަ ހެދުމަކީ އެންމެ 'އޮފިޝަލް' ހެދުމެވެ.

އެމީހުންނަށް ވެސް މިކަންތައްގަނޑު ފާހަގަކުރެވުނެވެ. ދިވެހި ޒުވާނުން އޮފީސް މާހައުލާ ނުގުޅޭ ގޮތްގޮތަށް ހެދުންއަޅާފައި ހުންނަލެއް ގިނަކަން ފާހަގަ ކުރި އެވެ. ތަފާތު ކޮށްލުމުގެ ގޮތުންނަމަ ވެސް އިސްތަށިގަނޑު ގޮތްގޮތަށް ދިގުކޮށް ކުލަޖައްސަފައި ހުންނަކަން ފާހަގަ ކުރި އެވެ. އެވެރިން އެދެއްކި ވާހަކައިން އަޅުގަނޑަށް ދޭހަވީ އެވެރިންގެ ތެރޭގައިވެސް އޮފީސް މާހައުލަކީ ތަފާތު މާހައުލެއް ކަމެވެ. ހެދުން އެޅުމުގެ ވައްޓަފާޅިއާއި ބޮލުގެ އިސްތަށިގަނޑު "ސްޓައިލް" ކުރުމުގައި ވެސް މިންގަނޑުތަކެއް ގެންގުޅޭކަމެވެ.

ބޭރުމީހުން ކޮންމެ ގޮތަކަށް ދުށްކަމުގައި ވިޔަސް، ދިވެހި މުޖްތަމަޢުގެ ފަރުދެއްގެ ހައިސިއްޔަތުން ކުރިން މިދެންނެވި އެއްވެސް ސްޓައިލެއް ބަލައިގަންނާކަށް އަޅުގަނޑަކަށް ފަސޭހައެއް ނޫނެވެ. މިއުޒިކް ސްޓޭޖަކާއި އޮފީހެއްގެ ތަފާތު އެތަނެއްގައި އުޅޭމީހުން އެ އަޅާ ހެދުމުންނާއި އެމީހުންގެ ސްޓައިލުންވެސް ފާހަގަ ވާންވާނެކަމަށް އަޅުގަނޑު ދެކެމެވެ.


(ނިމުނީ)

ނޯޓު:

މި ލިޔުމާގުޅުވައިގެން ޝާއިޢު ކޮށްފައިވާ ފޮޓޯގައި އެ ވަނީ ކޮންކަހަލަ މަސައްކަތެއް ކުރާ ކޮންތަނެއްގެ ކާކުބާވައެވެ؟ ބެންކެއްގެ މެނޭޖަރުބާވަ އެވެ؟ ނުވަތަ މެޑިކަލް ޑޮކްޓަރެއްބާވަ އެވެ؟ ނޫނީ ކޮލެޖެއްގެ ރެކްޓަރެއް ބާވައެވެ؟ މި އަދުގެ ޒުވާން ކުދިންކުރެ ބައެއް ކުދިންގެ ހިތުގައި މި ފަދަ ސުވާލެއް އުފެދުން އެކަށީގެން ވެއެވެ؟ އެކަމަކު ދުވަސްވީ މީހުންނާއި އެދި އެ ނޫނަސް މި އޭޝިޔާ ސަރަހައްދަށް ނިސްބަތްވާ ގިނަ މީހުންނަށް މީން އެއްވެސް ސުވާލެއް ބޭނުމެއް ނުވާނެ އެވެ. ސަބަބަކީ، ފޮޓޯގައި އެވަނީ މުޅި މި އޭޝިޔާގެ ފަޚްރެއްކަމުގައި ބެލޭ ކުޅަދާނަ ލަވަކިޔުންތެރިޔާ އެވެ! އިންޑިޔާގެ ތާރީޚުގައި ވެސް ދެކެފައި ނުވާފަދަ، ޤާބިލް، އަދި މަޝްހޫރު މުޙަންމަދު ރަފީޢު ސާހަބެވެ. 1980ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހު އޭނާ މި ދުނިޔެ ދޫކުރި އިރު، 26 ހާހަސްވުރެ ގިނަ ލަވަ ކިޔާފައިވެ އެވެ. އެކަމަކު އެންމެ ޅަދުވަހުއްސުރެ ވެސް މުޙަންމަދު ރަފީޢަކީ މުޙަންމަދު ރަފީޢެވެ. އޭނާގެ ރިވެތި އަޚްލާޤުގަ އެވެ. މީހުންނާ އެކުގައި އުޅުމުގަ އެވެ. ހެދުން އެޅުމާއި ރީތިވެ ނަލަހެދުމުގެ ސްޓައިލްގަ އެވެ. އަދި  އޭނާގެ ދީނީ ވާޖިބުތައް އަދާކުރުމުގައި ވެސް މެ އެވެ. ދެ ފަހަރެއްގެ މަތިން ޙައްޖުގެ މަތިވެރި އަޅުކަން ވެސް އޭނާ އަދާކުރި އެވެ.  އޭނާ ތަރައްޤީކުރީ  އޭނާގެ ހުނަރެވެ. އެއިން އެހެން މީހުންނަށް އޭނާ ހަދިޔާ ކުރި އެވެ. އެހެން މީހުންގެ ކުރިމަތީގައި އޭނާ މަޤުބޫލުވި އެވެ. މަޝްހޫރުވި އެވެ. އެހެންވީ އިރު ހަށިގަނޑުގެ ބޭރުފުށަށް އަނިޔާ ކޮށްގެން، ތަންތަން ފޫއަޅުވައިގެން ނޫނަސް އޭނާޔަށް ފުދިއްޖެތާ އެވެ! މިހިރީ ވެސް ވިސްނައިފި ނަމަ، އަޅުގަނޑުމެން ކޮންމެ މީހަކަށް ހުރި ފިލާވަޅުތައް ދޮގެއްތޯ އެވެ؟

ނަޢީމުގެ މި ލިޔުއްވުމަކީ ވަރަށް މިހިނދަށް ބެނުންތެރި ލިޔުއްވުމެއް ކަމުގައި ދެކެމެވެ.

                                               -ފަންވަތް-

ހަމަމިގަލަމުން

އިދާރާ

ވާހަކަ