އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (3)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


7- މޭ (ހުކުރު)އާ ގުޅޭ..

ބިންމާ އިބްރާހީމް ވަޙީދު

ހިތްހަމަޖެހިގެން ދިރިއުޅުމަށްޓަކައި، ތިމާގެ ބަގީޗާގެ ދޮރުވާނަކަށް ތިމާ ވާންޖެހޭނެ އެވެ. އެ ދޮރުން ވަނުމުގެ ހުއްދަ ހަމައެކަނި ދޭންވާނީ ރަނގަޅު މަޢުލޫމާތާއި، ޢިބުރަތްތެރި ފިލާވަޅުތަކާއި، ހެޔޮ ނަސޭހަތެވެ. ދުނިޔޭގައި މިހާރު ދިރިއުޅޭ އެންމެ އުފާވެރި، އެންމެ ހިތްހަމަޖެހޭ މީހާ އާއި ތިމާގެ މެދުގައި އޮތީ ކޮން ތަފާތެއް ހެއްޔެވެ؟

އެއްވެސް ތަފާތެއް ނެތެވެ. ހުރިހާ އިންސާނުންގެ ހަށިގަނޑުގައި ވެސް ހުންނަނީ ހަމާއި، މަހާއި، ކަށްޓެވެ. އެންމެން ވެސް ދުނިޔެ އަށް އައީ އެއް އަސާސަކުންނެވެ. އެހެންނަމަވެސް، ދުނިޔެ އަށް އައުމަށްފަހު، ބައެއް މީހުން ކުރާ ކަންތައްތައް ކުރަނީ ތަފާތު ގޮތަކަށެވެ. ރުޅިއައުމުން، އަތުންފައިން ގޯހެއް ހެދުމުގެ ބަދަލުގައި، އެ މީހުން ރުޅި ކޮންޓްރޯލް ކުރެއެވެ. ތިމާ އަށް ދެރައެއް ދިނުމުން، ބަދަލުހިފުމުގެ ބަދަލުގައި، އެ މީހުން މައާފުކުރެ އެވެ. އަތްމަތި ތަނަވަސްވުމުން، މުށްބާރު ކުރުމުގެ ބަދަލުގައި، އެ މީހުން މުށް ހުޅުވާލަ އެވެ.

    ދިރާސާތަކުން އެނގިފައިވާ ގޮތުގައި، އާންމުގޮތެއްގައި، ކޮންމެ އިންސާނަކު ވެސް، ދުވާލަކު، ގާތްގަނޑަކަށް ފަސްދޮޅަސް ހާސް ފިކުރު، ސިކުނޑީގައި ހިންގައެވެ. އެހެންގޮތަކަށް ބުނާ ނަމަ، 60000 ނިންމުން ނިންމަ އެވެ. އެންމެ ހައިރާންކުރަނިވި ކަމަކީ، އޭގެތެރެއިން %95 އަކީ، ކުރީ ދުވަހު ވެސް އޭނަގެ ސިކުނޑީގައި އެނބުރުނު ފިކުރުތައް ކަމުގައިވާ ކަމެވެ. ސަބަބަކީ، ގިނަ އިންސާނުންނަކީ، ކޮންމެ ދުވަހަކު ވެސް، އެއް ތަންތަނަށް ގޮސް، އެއް ބަޔަކާ ދިމާވެ، އެއް ކަމެއް ކުރާ ބަޔަކަށް ވާތީ އެވެ. ވުމާއެކު، އެ ފަދަ ގިނަ އަދަދެއްގެ ފިކުރުތައް ސިކުނޑީގައި އެނބުރޭއިރު، އޭގެ ގިނަ ފިކުރުތަކަކީ ވިޔާނުދާ ނުވަތަ އިޖުތިމާއީ ގޮތުން ދަށް ފިކުރު ކަމުގައިވަނީ ނަމަ، ނަފުސާނީގޮތުން ނުރަނގަޅު އާދަތަކެއް އޭނަގެ ކިބައިގައި ހަރުލައެވެ. ނުރަނގަޅު ކަންތައްތައް ކުރުމުގައި އޭނަ ދެމިހުރެއެވެ. އޭގެ އިތުރަށް، ތިމާ އަށް، މާޒީގައި ލިބުނު ނާކާމިޔާބުތައް ހަނދާންކޮށް، އެ ކަމާ ހިތާމަކުރުމުގައި ވަގުތު ބޭކާރުކޮށްލާ މީހުންގެ މިސްރާބު، އަބަދު ވެސް ހުންނާނީ މާޔޫސްކަމާ ދިމާލަށެވެ. ދިރިއުޅުމޭ މި ކިޔާ ބައްތެލީގެ ދިރުނބާކޮޅު ސީދާ ކުރެވިފައި ހުންނާނީ ފަރަކާ ދިމާލަށެވެ. ކުދިކުދި ކަންތަކާ ވެސް، ބައެއްފަހަރު ތިމާގެ ހިތް މާޔޫސްވެއެވެ. މިސާލަކަށް، ޢާއިލާގެ މީހަކު ބުނެލި ބަހެއް، ރައްޓެއްސަކު ކުރި މަލާމާތެއްގެ ނުވަތަ ނުދަންނަ މީހަކު ބުނެލި އެއްޗަކުން މުޅި ދުވަހުގެ މޫޑް ޚަރާބުކޮށްލަފާނެ އެވެ. ނިދަންއޮންނައިރު ވެސް ވިސްނޭނީ އެ ކަމާމެދުގަ އެވެ. އެ ވިސްނުމުގެ ތެރޭގައި، އެ މީހެއްގެ ކިބައިން ބަދަލުހިފުން، އެ މީހަކާ ޖަހަތުންކަނޑައިލުން ނުވަތަ، ގޯހުންގޯހަށް ހިނގައްޖެ ނަމަ، ތިމާގެ ފުރާނަ އަމިއްލަ އަށް ދުއްވާލައިގެން، ކުފުރު މަރަކުން މަރުވާން ވެސް ހިތަށްއަރާ ފަހަރު އަންނާނެ އެވެ. އެ ފަދަ، ނުބައި މިސްރާބުތަކާ ދިމާލަށް ފިކުރުހިންގާ މީހުންނަށް، ނޭނގިތިބެ ނަމަވެސް ފުރުޞަތު އެ ދެވެނީ، އެ ފަދަ ފިކުރުތަކުގެ ސަބަބުން ތިމާގެ ބުއްދީގެ ހަކަތަ ހުސްކޮށްލާށެވެ. އަދި އެއީ، ތިމާ އަށް ލިބިފައިވާ ބުއްދީގެ ޤާބިލުކަމުގެ ހުރަހަކަށް ޚުދު ތިމާ ވުމާއެކު، ޖަޒުބާތީގޮތުންނާއި، ނަފުސާނީގޮތުންނާއި، ރޫޙާނީގޮތުން ތިމާ ބަލިކަށިކޮށްލެވޭ ކަމެކެވެ. އެ ގޮތަށް ކަންތައްކުރާ މީހުންނަށް، ހަޔާތުގެ ދަތުރުގެ އާރުކާޓީ އަކީ ތިމާގެ ބުއްދިކަން ނޭނގެނީ އެވެ.
   
ވަރަށް ކުރުކޮށް ފޮނިކޮށް ބުނާ ނަމަ، ތިމާގެ ވިސްނުން ބައްޓަންކުރަނީ ތިމާގެ ކިބައިގައި ހަރުލާ އާދަތަކުންނެވެ. އަޅުކަމާ ދުރުގައި އުޅެން އާދަވެފައިވާ މީހުންގެ ވިސްނުން، އަޅުކަމުގައި މަޝްޣޫލުވެގެން އުޅޭ މީހުންގެ ވިސްނުމާ ތަފާތުވަނީ އެހެންވެ އެވެ. ރުޅިއަންނައިރަށް އަތް އިސްކުރަން އާދަވެފައިވާ މީހާ، ކަމެއް ޙައްލުކުރަން ކެތްތެރިވާކަށް ބޭނުމެއް ނުވާނެ އެވެ. ބުއްދި އަކީ ކިހާ ބާރުގަދަ ހަތިޔާރެއްކަން ނުވިސްނޭ މީހުން ވަރަށް ގިނަ އެވެ. އަހަންނަށް އެނގިފައިވާ ގޮތުގަ، އެންމެ ބުއްދި ރަނގަޅު މީހާ އަށް ވެސް ބޭނުންކުރެވެނީ އޭނަގެ ސިކުނޑީގެ ސަތޭކަ ބައިކުޅަ އެއްބައެވެ. ބުއްދި ނުވަތަ ސިކުނޑީގެ ކުޅަދާނަކަމާމެދު އަންތަރީސް ނުވާންވީ ކީއްވެ ހެއްޔެވެ؟ އެއީ، އިންސާނުންނަށް ދެއްވާފައިވާ، ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ އެ ނިޢުމަތަށް ޝުކުރުވެރިވުމަށްޓަކައި ވެސް، ތިމާ އަކީ ބުއްދީގެ އަހުލުވެރިއަކަށް ވާންޖެހޭނެ އެވެ.
   
ގިނަ އިންސާނުން، ވިސްނުމަށްޓަކައި ބޭނުންކުރަނީ، ސިކުނޑީގެ ވަރަށް ކުޑަ މިންވަރެއް ކަމުގައި ވާތީވެ، ގިނަ ޒަމާންވުމުން، ސިކުނޑި އެ ގޮތަށް ހޭނެއެވެ. މިސާލުތައް ބައިވަރެވެ. މީހަކަށް އަރަތެއް ކިޔައިދޭށެވެ. ހަމަ ނިމުމާއެކު އެ މީހާ ބުނާނެ އެވެ. ތިމަންނަ އަކަށް ތިއެއް ނުވިސްނޭނެ އެވެ. ވީމާ، ޖަވާބު ދޭށެވެ. ވިސްނުމަކީ، އެ ފަދަ މީހުންގެ މިޖާޒުގައި ހަރުލާފަހުންނަ ކަމެއް ނޫނެވެ. ފުރަތަމަ ގިޔަރުގައި ދުއްވާތާ ޒަމާންވެފައިވާ ސައިކަލު، ދެވަނަ ގިޔަރަށް ލީމައި ވާނީ ކިހިނެއް ހެއްޔެވެ؟ އެއް ގޮތަކީ، ކުރިން ދުވި ވަރަށް ދުވުމެވެ. އަނެއް ގޮތަކީ، ހަލާކުވުމެވެ. ފުއްޕާމޭ އަކީ، ކިހާ ވަރަކަށް "ފުފޭ" ގުނަވަނެއް ހެއްޔެވެ؟ ބައެއް މީހުން، މޫދު އަޑިއަށް ގޮސް، ކިހާއިރަކު ނޭވާނުލާ އޮވޭ ހެއްޔެވެ؟ އެކަމަކު، މި ސިކުންތުގައި ވެސް ވިސްނާލަބަލާށެވެ. ތިމާ ލާ ނޭވާ ކިހާ ކުރު ހެއްޔެވެ؟ އެ ނޭވާ ކިހާ ދިގުކުރެވޭނެ ހެއްޔެވެ؟ އެކަން އިހުސާސްކުރެވޭނީ ފުންކޮށް އެތެރެ އަށް ނޭވާ

ދަމާލުމަށްފަހު ބޭރުކޮށްލީމަ އެވެ. އެކަމަކު، ފުއްޕާމެއިން ތިމާ އަށް ބޭނުންކުރެވެނީ ދާދި ކުޑަ މިންވަރެކެވެ. ނަތީޖާ އަކީ ތިމާގެ ނޭވާ ކުރުވުމެވެ. ސުވާލަކީ، ނޭވާ ދިގުކުރެވޭ ފަދައިން ބުއްދި ވެސް އިތުރުކުރެވިދާނެ ހެއްޔެވެ؟ އާނއެކެވެ. އެކަމަކު، އެއީ އަދި ތަންކޮޅެއް ފަހުގެ ކަމެކެވެ.
   
ފުރަތަމަ ތިމާ އަށް ވިސްނެންޖެހޭ ޙަޤީޤަތަކީ، ބުއްދީގެ އަހުލުވެރިއަކަށް ތިމާ އަށް ވެވޭނީ، ތިމާ ބުއްދި ފައްކާކުރާ ގޮތަށް ބަލާފައި ކަމެވެ. ދުނިޔެ އަށް އުފަންވާއިރު، ގިނަ މީހުންގެ ސިކުނޑި ހުންނަނީ އެއްވަރަކަށް އުފައްދަވާފަ އެވެ. ބުއްދި ވެސް ހުންނަނީ އެއްވަރަކަށް ލައްވާފަ އެވެ. އެހެންނަމަވެސް، ކާމިޔާބުގެ ލަނޑުދަނޑިތައް ގިނައިން ހާސިލުކުރާ މީހުނާއި، ބޮޑަށް ހިތްހަމަޖެހުން ހޯދާ މީހުން އުޅެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ، އެ ފަދަ މީހުންނަށް، ވަކި ތަފާތު ސިކުނޑިއެއް ދެއްވީކީ ނޫނެވެ. އެކަމަކު، އެ މީހުން ބުއްދި ފައްކާކުރާ ގޮތާއި އަދި ބޭނުންކުރާ ގޮތް ވެސް ތަފާތީ އެވެ. ތިމާގެ ބުއްދި ފައްކާކުރުމުގެ އުކުޅުތައް ދަސްވުމުން، ތިމާގެ ސިކުނޑި ކޮންޓްރޯލުކުރަން ދަސްވާނެ އެވެ. އެކަމަކު، މޫސުމާއި، މަގުމަތީގެ ޓްރެފިކާއި، ތިމާގެ ވަށައިގެން އުޅޭ ހުރިހާ އެންމެން، ތިމާގެ ކޮންޓްރޯލުގެ ދަށަކަށް ނާންނާނެ އެވެ. އެހެންވިޔަސް، އެ ހުރިހާ ކަންކަމަކާމެދު ތިމާ ގެންގުޅޭ ވިސްނުން ތަފާތުކޮށް، ބުއްދި ކޮންޓްރޯލުކުރަން އެނގޭނެ އެވެ. އެއީ ހަނދާންބަހައްޓަންޖެހޭ ކަމެކެވެ. ކަމެއް ކުރިމަތިވުމުން، އެ ކަމަކާމެދު ވިސްނުމުގެ ކުޅަދާނަކަން، އަހަރުމެން އިންސާނުންނަށް ވަނީ ދެއްވާފަ އެވެ. އަދި، ކަންކަން ނިންމުމުގެ އަމިއްލަ އިޚުތިޔާރު ވެސް ވަނީ ދެއްވާފަ އެވެ. ކަމެއްގެ ނަތީޖާ ރަނގަޅު ވިޔަސް ނުވަތަ ގޯސް ވިޔަސް، ތިމާ ޒިންމާވާންޖެހޭނެ އެވެ. ވާންއޮތް ގޮތޭ ކިޔާފަ ނުއެއް ރެކެވޭނެ އެވެ.
   
ކަމަކުން ނުކުންނަ އެއްވެސް ނަތީޖާ އަކީ، އެންމެންނަށް އެއް އިހުސާސްއެއް ކުރުވާ އެއްޗަކަށް ނުވާނެ އެވެ. އެއްވެސް އެއްޗެއް، ތަނެއް، ކަމެއް ނުވަތަ މީހެއް، އެންމެންނަށް އެއްވަރަކަށް ކަމުހިނގައިދާނެ ކަމަށް ހީކޮށްގެން ނުވާނެ އެވެ. އެކަކު ދިރިހުރުމަށްޓަކައި ހަށިގަނޑުގައި ހިނގާ ލެޔަކީ، އަނެކަކަށް އަޅައިފި ނަމަ، ޒަހަރަކަށް ވެސް ވެގެން ހިނގައިދާ ކަހަލަ އެއްޗެކެވެ. އެކަކު އެންމެ ނަފުރަތުކުރާ މީހަކީ، އަނެކަކު އެންމެ ލޯބިވާ މީހާ އަށް ވެދާނެ އެވެ. އެކަކަށް ދިމާވާ ހިތާމަވެރި ހާދިސާ އަކީ، އަނެކަކަށް ލިބޭ ރަނުގެ ފުރުޞަތަކަށް ވެދާނެ އެވެ. އުފާވެރިންނާއި މާޔޫސްވެރިން ވަކިކުރާ އިންފާރަކީ، ޙަޔާތުގައި ދިމާވާ ކަންކަން ތަރުޖަމާކުރާ ގޮތާއި، ބަލައިގަންނަ ގޮތެވެ.
   
ގަހުން ބިނުމަށްފަހު، ގިނަ ދުވަސް ވެފައިވާ އާފަލެއް ފެނުމުން އެއްބަޔަކު ބުނެއެވެ. އެއީ ދެބައިކުޅަ އެއްބައި ފީ ވެފައިވާ އާފަލެކެވެ. އަނެއްބަޔަކު ބުނަނީ، އެއީ ދެބައިކުޅަ އެއްބައި ފީ ނުވާ އާފަލެއް ކަމުގަ އެވެ. ޙަޔާތުގައި ތިމާ އަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް، ތިމާ ގޮތެއް ނިންމުން އެއީ ހަމައެކަނި ތިމާ އަށް ލިބިފައިވާ ޙައްޤެކެވެ. ގިނަ މީހުން ދެކޭގޮތަށް ތިމާ ދުށުމަކީ ލާޒިމުކަމެއް ނޫނެވެ. ކުރިމަތިވާ ކޮންމެ ކަމަކުން ވެސް ޢިބުރަތެއް ހާސިލުކުރުމުގެ އާދަ ހަރުލައްވައިފި ނަމަ، ތިމާގެ ޢަޒުމް ވަރުގަދަވެ، މާޔޫސްކަމާ ދުރަށް ދަތުރުކުރެވޭނެ އެވެ. މިސާލަކަށް، ކާނުގެ ތެރެއަށް ވެއްޓުނު ތަޅުދަނޑި ނެގުމަށްޓަކައި ނުވަ ފަހަރަށް މަސައްކަތް ކުރުމަށްފަހުގައި ވެސް، ތަޅުދަނޑި ނުނެގިދާނެ އެވެ. އޭގެ މާނަ އަކީ، ތިމާ ނާކާމިޔާބުވީއެއް ނޫނެވެ. ތިމާ އަށް އެ ދަސްވީ، ކާނެއްގެ ތެރެއިން ތަޅުދަނޑި ނުނެގޭނެ ނުވަ ގޮތް ކަމުގައި ބަލާށެވެ.
   
މާއްދީގޮތުންނާއި ރޫޙާނީގޮތުން ވިޔަސް، ހުރިހާ ކާމިޔާބެއް ފެށެނީ، ދެކޮނޑުދޭތެރޭގައިވާ ބޮލުގެ އެތެރޭގައި ރައްކާކުރެވިފައިވާ ގުނަވަނުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކޮންމެ ދުވަހަކު، ކޮންމެ މިނެއްޓަކު، ކޮންމެ ސިކުންތަކު، އެ ސިކުނޑީގައި ތިމާ ރައްކާކޮށް، ފައްކާކުރާ ފިކުރުތަކުންނެވެ. މިސާލުތައް ބައިވަރެވެ. ބިއްލޫރި ތައްޓެއްގެ ބޭރުން ފެންނާނީ، އެ ތަށީގެ އެތެރެ އަށް އަޅާފައި ހުރި އެއްޗެކެވެ. ހަމަ އެ ގޮތަށް، މުށް ހުޅުވާލާއިރު އޮންނާނީ، ތިމާ އެ މުށުތެރެ އަށް ލީ އެއްޗެކެވެ. މާމުއި ކުޅަނދުރު އެއްކުރަނީ މާމެލާމެލީގެ ފޮންޏެވެ. އެ ސޮރު ދޭނީ ފޮނި މާމުއި އެވެ. ބިމުން ފަޅާނީ، ތިމާ ފަސްގަނޑުގައި އިންދި އޮށެވެ. އެހެންކަމުން، ދިމާވާ ކަންކަމާމެދު ތިމާ ވިސްނާގޮތާއި، ރައްދު ދޭގޮތް ކޮންޓްރޯލު ކުރުމުން، ހަޔާތުގެ ލަގަން ތިމާގެ އަތަށް ލިބެއެވެ. ކުރިމަގު އުޖާލާކުރެވޭނެ އެވެ.
   
އެޅޭ ކޮންމެ ޅައެއްޗަކީ ފިލާވަޅެކެވެ. ހަރުއެއްޗެއް އަޅަން ލިބުނު ތަޖުރިބާއެކެވެ. އިޞްލާޚުވާން ފުރުޞަތު ލިބޭނީ ފީކަޅާކޮށް ވެސް ކަންކަން ކުރެވިގެންނެވެ. ޢަޒުމަކަށް ވާންޖެހޭނީ، ފީކަޅާކޮށް ކުރެވުނު އެ ކަން ތަކުރާރުވިޔަނުދީ، ލިބުނު ފިލާވަޅުން ޢިބުރަތް ހާސިލުކުރުމެވެ. ހިތްވަރު ލިބޭނީ ކުރިމަތިލައިގެންނެވެ. ތަދަކީ ވެސް، ބައެއްފަހަރު، އަޖައިބެއްހާ މޮޅު މުދައްރިސެކެވެ. މިހެން ވިސްނާށެވެ. ބަނޑުފުރުމުން ލިބޭ އަރާމު، ފުރިހަމަ އަށް އިހުސާސްކުރުމަށްޓަކައި، ހައިހޫނުކަމުގެ އުދާސް ތަޖުރިބާކުރަން ނުޖެހޭނެ ހެއްޔެވެ؟
   
ކަމަކާ ކުރިމަތިނުލައި ހުރެ، އެ ކަމަކީ ކިހާ އުނދަގޫކަމެއްކަން ބުނާކަށް ނޭނގޭނެ އެވެ. ކޮންމެ މުބާރާތަކުން، އެންމެނަށް ވަނައެއް ނުލިބޭނެ އެވެ. ހަމައެހެންމެ، ކުރިން ބުނިހެން، މުހިންމީ ހަމައެކަނި ވަނަ ލިބުމެއް ނޫނެވެ. އެ ކަމެއް ކުރުމުގެ ތެރެއިން ތިމާ އަށް ލިބުނު ތަޖުރިބާ އަކީ ވެސް

މުހިންމު އެއްޗެކެވެ. އެހެން ކަމެއްގައި ބޭނުންހިފޭނެ އެއްޗެކެވެ. ފިލާވަޅެކެވެ. އެ ފަދަ ކުދިކުދި ފިލާވަޅުތަކުން ތިމާގެ ބުއްދި ޖަރީކުރާށެވެ. އެއާ ނުލައި، ދިރިއުޅުން ހިތްގައިމެއް ނުވާނެ އެވެ.
   
ފަރުބަދަ އަށް އަރާ މީހާ، ހިނގަމުން އެލެމުން ފަރުބަދަ އަށް އެރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ހެލިކޮޕްޓަރެއްގައި ވެސް ފަރުބަދަ އަށް އެރިދާނެ އެވެ. އެހެންނަމަވެސް، ފައިމަގުގައި ގޮސް ފަރުބަދައިގެ ކޮޅަށް އެރުމުން ކުރެވޭ އިހުސާސް، ހެލިކޮޕްޓަރެއްގައި ގޮސް ފަރުބަދަ އަށް އެރިޔަކަސް ނުކުރެވޭނެ އެވެ. ފަރުބަދައިގެ ކޮޅަށް އެރުމަކީ އޭނަގެ އަމާޒެވެ. އެއާއެކު، އެ ކަމަށް އޭނަ ކުރި މަސައްކަތާއި، އެ މަސައްކަތުން ލިބުނު ތަޖުރިބާއާ މެދު ވެސް އޭނަ ވަރަށް ހިތްހަމަޖެހޭނެ އެވެ. އެ މީހާ އިންޓަރވިއުއެއް ދެންޏާ، އެހެން ބުނާނެމެ ވެސްމެ އެވެ. މުބާރާތަކުން ތަށި ލިބޭތޯ މަސައްކަތްކުރަންޖެހޭނެ އެވެ. ހަމައެއާއެކު، ކުރި މަސައްކަތަކީ ވެސް ތިމާ އަށް ލިބޭ އުފަލަކަށް ހަދަންޖެހޭނެ އެވެ. އޭރުން، ތަށި ނުލިބުނަސް ތިމާގެ ހިތްވަރެއް ނޭލޭނެ އެވެ. މާޔޫސްއެއް ނުވާނެ އެވެ. މި ފަލްސަފާ ހަނދާންބަހައްޓާށެވެ. ލެއްޕޭނީ އެއް ދޮރެވެ. ހަތް ދޮރު އަލުން ހުޅުވޭނެ އެވެ. ދުވަހު މަސައްކަތުގެ ތާވަލުގެ ތެރެއަށް، އެ ފަލްސަފާގެ އެސެންސު ތިއްކެއް ޖަހާލުމަށްފަހު، ތިމާގެ ވިސްނުން އެ އުސޫލަށް ފައްކާކުރަންފެށުމުން، ތިމާ އަކީ، ބުއްދީގެ ހަމަތަކަށް ބަލާއިރު ފުދުންތެރި މީހަކަށްވާނެ އެވެ. ހުރިހާ ފިކުރެއް ކަފުންކުރެވޭނެ އެވެ. ތިމާ އަކީ، މާޒީގެ ޖަލުގައި ހައްޔަރުވެފައިވާ ކުށްވެރިއަކަށް ވުމުގެ ބަދަލުގައި، ހަރުދަނާ މުސްތަޤުބަލެއް ބިނާކުރާ މާވަޑިއަކަށް ވެގެންދާނެ އެވެ.
   
ސިކުނޑި އާއި ތިމާގެ ޖިސްމާނީ ޤާބިލުކަމުގެ މައްޗަށް ތިމާ ވެރިވެގަތުމަށްޓަކައި، ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތިމާގެ ނަޒަރިއްޔާގެ ފަންގިފިލާ ބޮޑުކޮށް، ފުޅާކުރުމެވެ. އިންސާނާ ކޮންމެ އެއްޗެއް ވެސް، ދެފަހަރަށް އުފައްދާނެ އެވެ. ފުރަތަމަ ތިމާގެ ސިކުނޑީގެ ވަޑާންގޭގަ އެވެ. ވުޖޫދަށް އަންނާނީ އެ އަށް ފަހުގަ އެވެ. އަހަރެން އެ އަށް ކިޔާނީ "ދެލިކޮޕީ" އެވެ. ސަބަބަކީ، ހަށިގަނޑުން ބޭރުގައި އެއްޗެއް އުފެއްދުމަށްޓަކައި، ހަށިގަނޑުގެ އެތެރޭގައި އެ އެއްޗެއް ތަސައްވުރުކުރަންޖެހެ އެވެ. ދުނިޔެ އަށް އެ އެއްޗެއް އުފަންކުރެވޭނީ، ދިމާގެ ބުއްދި ކުރަހައިދިން ދެލިކޮޕީ އަށް ޢަމަލުކުރުމުގެ ކުޅަދާނަކަން، ތިމާގެ ހަށިގަނޑަށް ލިބުމުންނެވެ. ބައެއް މީހުންގެ ހަކަތަ ހުންނަނީ، ހަމައެކަނި ދުލުން ބުނެލާބުނެލުމެއްގެ މައްޗަށެވެ. ކަން ކުރާނެ ހިތްވަރެއް ނުވަތަ ކަން ކުރާނެ ގޮތެއް އެ މީހުންނަކަށް ނޭނގޭނެ އެވެ. އެހެންވަނީ، ބުއްދި ކޮންޓްރޯލުކުރަން ދަސްނުވާތީ އެވެ. ޙަޤީޤަތުގައި، ކޮންމެ މީހަކީ ޤާބިލު މީހެކެވެ. އެ ކަން އޭނަ އަށް ނޭނގެނީ އެވެ. މި ވަގުތުން ފެށިގެން، ވެދިޔަކަންތައް ހަނދާންނައްތާލާށެވެ. އުންމީދު އާކުރާށެވެ. ކެރޭށެވެ. ބުއްދީގެ ކުޅަދާނަކަމަށް ބަލާއިރު، ތިމާގެ އަސްލު ފެންވަރަކީ، ތިމާ މިހާރު ހުރި ހިސާބު ނޫންކަން ދަންނާށެވެ. ނުކުންނަ ނަތީޖާއާ މެދު ތިމާ އަންތަރީސްވާނެ އެވެ.
   
ކުރިން އަހަރެން ހީކުރީ، އަހަންނަށް ވަރަށް ގިނަ އެއްޗެހިތަކެއް އެނގޭ ކަމަށެވެ. މޮޅު ސްކޫލުތަކުން ކިޔަވައި، ޤާނޫނާ ބެހޭގޮތުން ލިޔެފައިވާ އެންމެ މޮޅު ފޮތްތައް ބަލާ، ނަމޫނާއެއްކަމަށް ބެލުން އެންމެ އެކަށީގެންވާކަމަށް އަހަރެން ދުށް މީސްމީހުން ހިނގާފައިވާ ފިޔަވަޅުތަކުގެ މަތިން އަހަރެން ހިނގީމެވެ. އަހަރެން ގަބޫލުކުރަމެވެ. އަހަންނަކީ ކާމިޔާބު ޤާނޫނީ ވަކީލެކެވެ. އެހެންނަމަވެސް، ނާކާމިޔާބު އިންސާނެކެވެ. ހިތްހަމަޖެހުމުގެ އުސް ފަރުބަދަތަކަށް އަހަރެން އަރާފައިބަމުންދިޔައިރު، ކުދި ހިލަތައް އަހަރެންގެ ލޮލަކަށް އޭރު ނުފެނެނުވެ. މައިންބަފައިން ދިން ފޮތްތައް އަހަންނަކަށް ނުކިޔުނެވެ. ހެޔޮއެދޭ ރަޙުމަތްތެރިން ހޯދާކަށް ނޫޅެވުނެވެ. ރީތި މަދަހަތަކާއި، ޤުދުރަތީގޮތުން ދުނިޔޭގައި ލައްވާފައިވާ އަޖައިބުތަކާ މެދު ވިސްނާލާކަށް ވަގުތެއްނުވި އެވެ. އެ ދުވަހު ކޯޓުގައި ހުއްޓައި އަހަރެން ބިންމައްޗަށް ނުވެއްޓުނު ނަމަ، އަދި ވެސް އަހަރެން ހުންނާނީ އެ ގޮތުގަ އެވެ. އެ ތަދުގެ ސަބަބުން އަހަންނަށް ދަސްވީ ކިހާ ޢިބުރަތްތެރި ފިލާވަޅެއް ހެއްޔެވެ؟
   
ކުޑައިރު، ވަރަށް ގިނަ ހުވަފެންތައް ތިމާ ދެކިފައި ހުންނާނެ އެވެ. ހަނދާން އާކޮށްލާށެވެ. ބުނެވިފައި ހުންނާނެ އެވެ. ތިމާ ވާނީ ޑޮކްޓަރަކަށެވެ. ޓީޗަރަކަށެވެ. ސިފައިންގެމީހަކަށެވެ. ނުވަތަ ޕައިލެޓަކަށެވެ. އޭގެތެރެއިން، ބޭނުން ކޮންމެ މީހަކަށް ވެވިދާނެކަމުގެ ޔަގީންކަން ތިމާ އަށް އޭރު އޮންނާނެ އެވެ. ކުޑައިރު ވެއްޔާކުޅުނު ހަދާންވޭ ހެއްޔެވެ؟ ފީކޯއި ކުޅުނު ހަނދާންވޭ ހެއްޔެވެ؟ ފާރުމައްޗަށާއި ގަސްގަހަށްއަރައި، ކުޅެ، މަޖާކުރި ހަނދާންވޭ ހެއްޔެވެ؟ ބައިސްކަލު ދުއްވައި، މޫދަށްއެރި އުޅުނު ހަނދާން ގައިމު ވެސް ވާނެ އެވެ. އެއީ ސާދާ ހިތްހަމަޖެހުމެވެ. އާދައިގެ ކުދިކުދި އުފަލެވެ. ގަހަކަށް އަރައި، ގޮފިގަނޑެއް މަތީގައި އިށީނދެލައިގެން އިނުން ވެސް އެއީ އުފަލަކަށް އޭރު ފުދުނެވެ. މިހާރަކަށް އައިސް، ދުވަހަކު ވެސް އެ ފަދަ ހިތްހަމަޖެހުމެއް ތިމާ އަށް ލިބުނު ހެއްޔެވެ؟ ވިސްނާލާށެވެ. އެ ހިތްހަމަޖެހުންތައް ކޮބާހެއްޔެވެ؟
   
ބޮޑުމީހަކަށް ތިމާ ވުމުން، ބޮޑެތިމީހުން އުޅޭ ގޮތަށް އުޅެންޖެހޭނެހެން ތިމާ އަށް ހީވީ ނޫންބާ އެވެ؟ ވަކީލަކަށް ވުމުން އަހަންނަށް ވީގޮތަކީ އެއީ އެވެ. އަހަރެން ބެލީ، އެހެން ވަކީލުން ވާހަކަދައްކާ ގޮތަށް ވާހަކަދެއްކޭތޯ އާއި، އެ މީހުން ހެދުންއަޅާ ގޮތަށް ހެދުންއެޅުމަށްފަހު، އެ މީހުން ހިނގާގޮތަށް ހިނގޭތޯ އެވެ. މުޅި ދިރިއުޅުން ވެއަތުކުރެވުނީ، ނުވެސް އެނގިހުރެ، އެހެން މީހުން ކޮޕީކުރުމުގަ އެވެ. އަހަރެންނަށް އުޅެވުނީ އަހަރެންގެ ދިރިއުޅުމެއް ނޫނެވެ. އަހަރެން ކަހަލަ ކިތައް މީހުން އުޅޭނެބާ އެވެ؟ އަހަރެންގެ ނަސޭހަތަކީ، ތިމާ ދުށް ހުވަފެންތަކާ މެދު އަލުން ވިސްނާލާށެވެ. ހުވަފެންތަކުން ހިރަފުސް ފޮޅާލާށެވެ. ގެއްލުނު އުފާތައް އަލުން ހޯދަން މަސައްކަތް ފަށާށެވެ.

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ