އަދުގެ ޚާއްސަ

Print

ތޭރަވައި ފަގީރުކަލޯ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ



މުޚްތާރު ޢަބްދުއްރަޙްމާން - ނޫރާނީގެ/ ށ.މިލަންދޫ

ތޭރަވައި ފަގީރުކަލޯ ކުރާ މަސައްކަތަކީ، މަޅިފަތި ހިފައިގެން ތުނޑިއަށް ގޮސް މަޅިފަތި ޖަހަނީ އެވެ. ދޫނީތައް މަޅިފައްޗަށް އަރާގޮތަށް ލަވަމުން ލަވަމުން އެ ސޮރުމެން ގެން ގޮސް މަޅިފަތީގައި ތޭރަވައެއް ޖެހިއްޖެނަމަ އުފަލުންގޮސް އެ ނަގަ އެވެ. މިގޮތަށް އުޅެގެން ދުވާލަކު ދެ ތޭރަވައި ހިފަ އެވެ. ދެ ތޭރަވައި ހިފިއްޖެ ނަމަ،  ދެންދަނީ ގެއަށެވެ. ތޭރަވައި ފަގީރުކަލޯ އަންހެނުންނަކީ ތޭރަވައި މަސްކާމީހެއް ނޫނެވެ. ދެން ތޭރަވައި ފަގީރު ކަލޯގެ އަންހެނުން ހޯދާފައި ހުންނަ އެއްޗަކާއެކު ދެ ތޭރަވައިގެ މަސްކޮޅު ކާލައިގެން ހުންނަނީ އެވެ.

ފަހަކަށްއައިސް ދެ ތޭރަވައިގެ މަހުގައި އޮންނަނީ ތިންފައެވެ. ދެން އެކަލޭގެ މިވާގޮތެއް ބެލިއިރު ތޭރަވައި ފައެއް ގޮށިޖޯޑަކަށްލައި ފޮރުވާފައި އޮވެ އެވެ. އެއްދުވަހަކު ތޭވައި ފަގީރުކަލޯ ބުނެފި އެވެ. [ބަލަ ކަނބުލޭގެއާ އެވެ. ތޭރަވައެއްގައި ދެ ފައި ދެ ތޭރަވައިގައި ހަތަރު ފައި އަނބި ކަނބުލޭގެއާއެވެ. ކަނބުލޭގެ ތޭރަވައި މަހެއް ނުކަމެންނު!  އެހެން ވީމައި ތޭރަވައެއްގައި ދެ ފައި ދެ ތޭރަވައިގައި ހަތަރު ފައި ނޫންހޭ؟]

އަނބިކަނބުލޭގެ ބުނެފިއެވެ. [ބަލަ ކަލޭގެއާ އެވެ. މަ މިކިޔާގޮތަށް ކިޔަން ދަސްކޮށްބަލާށެވެ. ތޭރަވައެއްގައި ދެ ފައި ދެ ތޭރަވައިގައި ތިން ފައި އެހެންނޫނީ ކުއްޅަވައް ތަކުރު ގާތަށް ކިޔަވަންދާށެވެ. ދެންވެސް ހަނދާން ބަހައްޓައިގެން މިހެން ކިޔަމުން ކިޔަމުން ތުނޑިއަށް ގޮސް ރަނގަޅަށް ބަލާށެވެ. ]އަނެއް ދުވަހު ތޭރަވައި ފަގީރުކަލޯ މަޅިފަތި ހިފައިގެން ތުނޑިއަށް ދިޔައީ ތޭރަވައެއްގައި ދެ ފައި ދެ ތޭރަވައިގައި ތިން ފައި މިހެން ކިޔަމުންނެވެ. މިހެން ކިޔަމުން ތުނޑިއަށް ގޮސް ބެލިއިރު ދެ ތޭރަވައި އެއްތާ ތިއްބައި ފެނިއްޖެ އެވެ. އޭރު އެއް ތޭރަވައި އިނީ އެއްފައި ނަގައިގެންނެވެ. ދެން ރަގަޅަށްބެލިރު ފެނުނީ ދެ ތޭރަވައިގައި ތިންފަ އެވެ. މިކަލޯ ހިތަށް އެރިއެވެ. އަނބި ކަނބުލޭގެ އެހެން އެ ބުނަނީ މިހެން ވީމަތާ އެވެ.

ތޭރަވައި ފަގީރުކަލޯގެ އަނބިމީހާ އަކީ ވަރަށް ޒުވާން ރީތި ނަލަ އަންހެނެކެވެ. ބަސްމޮށުންތެރި މުރާލި އަންހެނެކެވެ. ދެން އެއްދުވަހަކު ތޭރަވައި ފަގީރުކަލޯ މަޅިފަތި ހިފައިގެން ތޭރަވައި ހިފަން ދާން ނިކުމެ ތަންކޮޅަކަށް ހިނގައިފައި ހިތަށްއެރި އެވެ. އެ ތޭރަވައި ފަޔަށް ވާގޮތެއް މި އަދު ބަލާނަމެވެ. މިހެން ހިތައި މަޑުމަޑުން އައިސް މިކަމަށް ކުރިންވިސްނައި، ގޭބިތުގައި ހަދާފައިވާ ބާކޮޅަކުން ގޭތެރެ ބަލަބަލައި ގޭ ފުރަގަހުގައި އެބައިނދެ އެވެ. މިހެން އިންދައި ކަލޭފާނުގެ ދަރިކަލުން ވަޑައިގަތުމުން ގޮށިޖޯޑަށްލައި ފޮރުވި ތޭރަވައި ފައި އަނބިކަނބުލޭގެ އަތުން އަނގައަށް ލަވައި ކާން ދެއްވައި ދެ މީހުން ދެ މީހުން ފޮޅުވާ މާ އަމިއްލަ ލޮލުން ދެކެފި އެވެ. ދެން ތޭރަވައި ފަގީރުކަލޯ ގެއަށް އައިސް މި އަދު ތޭރަވައެއް ނުހިފުނުވާހަކަ ބުނެފި އެވެ. ދެން އަނބިކަނބުލޭގެ އެކަމައި ނުރުހުމުގެ ބަހެއް ނުބުނެ ކާންހަދައިދިނުމުން ކައިގެން ހިނގައްޖެ އެވެ. ދެން ތޭރަވައި ފަގީރުކަލޯ އޭނާގެ ގާތް އެކުވެރިއެއް ގާތަށް ގޮސް ބުނެގެން ދަންނަބޭކަލުން އަޅާފާޑުގެ ހެދުމެއް ހޯދައިފި އެވެ. ދެން އެދުވަހު ޢަޞްރު ނަމާދުފަހުގައި ތޭރަވައި ފަގީރުކަލޯގެ އަންހެނުން ރަށުގެ އަންހެންވެރިންނާއެކު މިސްކިތު ވަޅުދޮށަށް ފެންބަލައި ދިޔައިރުގައި ދެ ކަންގަނޑުލީ ފަގުޑިއެއް އަޅައިގެން ބޮޑު ތަސްބީހަފައްޗެއް ހިފައިގެން އިނދެ، މާބާރަށް އެއްޗެއް ކިޔާތީ، އަޑުއަހައިލިރު އެ ބޭކަލަކު ކިޔުއްވަނީ އެ ބޭސް މި ބޭސް ފިރިންގެ ލޯ ކަނުވާ ބޭސް މިހެންނެވެ. ތޭރަވައިފަގީރުކަލޯގެ އަންހެނުންނާއެކު އައި ހުރިހާ އަންހެނުން މިސްކިތުވަޅުން ފެންފުރައި ބަނޑިޔާތައް ބޮލަށް ނަގަން ފެށުމުން ތޭރަވައި ފަގީރުކަލޯގެ އަންހެނުން ބުނެފި އެވެ. ކަލޭމެން ދާށެވެ. ތިމަން ދާނީ އޭނދަ ދަންނަކަލޭފާނު ގާތުން އެއްޗެއް އަހައިލާފަ އެވެ.

ދެން އެންމެން ދިއުމުން ދަންނަކަލޭފާނުގާތު ނަންގެންފި އެވެ. [ ތިޔަކިޔުއްވާ ބޭސް މަށަށް ބުނެދެއްވާށެވެ.] ދަންނަކަލޭފާނު ބުނުއްވި އެވެ. [ ރަނގަޅަށް އަޑުއަހައި ދަސްކުރާށެވެ. ދެ ލާހި ހަނޑުލު އޮށް ބޮޑިބަތް، ފަލަގޮދައެއްގެ ވަޅޯމަސްގަނޑެއް، ފަލަ ހަތަރު ވައް ދޮންކެޔޮ، ދުވާލަކު ތިންއިރު ކާންދެނި. ހަތަރު މަސްދުވަސް ވާއިރު ފިރިކަލޭގެ ލޯކަނުވާހުށި.  މުޖައްރިބް.  އެވެ.

ދެން ތޭރަވައި ފަގީރުކަލޯ ތޭރަވައި ތުނޑިއަށް ގޮސް ތޭރަވައި ހިފައިގެން އަންނައިރު އެކަލޭގެއަށް އަނބިކަނބުލޭގެ ކާންތައްޔާކޮށްފައި ހުންނަނީ ދެ ލާހި ހަނޑުލު އޮށް ބޮޑިބަތާ، ފަލަ ގޮދައެއްގެ ވަޅޯމަސްގަނޑަކާ، ފަލަ ހަތަރު ވައް ދޮންކޭލެވެ. ކޮންމެދުވަހަކު ތިންއިރު މިކޮއްތު ތައްޔާރުކޮށްފައި ހުރެއެވެ. އަނބި ކަނބުލޭގެ ކައިރީގައި ހުރެގެން ގަދައަޅައިގެން މިތަކެތި ހުސްކުރުވަ އެވެ.  މިކޮއްތު ކާންދޭތާ ދެމަހައި ފޮއިދުވަސް ވީތަނާ ތޭރަވައި ފަގީރުލަކޯ ބުނެފި އެވެ. [އަނބި ކަނބުލޭގެއާއެވެ. މިހާރު އަހަރެންގެ ލޯ އަނދިރިވާން ފަށައިފި އެވެ.] އަނބި ކަނބުލޭގެ ބުނެފިއެވެ. [ތިޔަހެންވިއްޔާ ދެން ތޭރަވައި ހިފަން ދާނެކަމެއް ނެތެވެ. ގޭގައި އޮންނާށެވެ. ބާރު އަވީގައި ހުރަހެއް ނެތި ޖެހޭ ވައިރޯޅީގެ ސަބަބުން ވެސް ތިޔަހެން ވުން އެކަށީގެންވެއެވެ. ] ދެން ތޭރަވައި ފަގީރުކަލޯ ކައިގެން ގޭގައި އޮންނަނީ އެވެ.

ހަތަރު މަސްދުވަސް ވީމައި ބުނެފިއެވެ. [އަނބި ކަނބުލޭގެއާ! މިހާރަކު މަށަކަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ކަނބުލޭގެ ބުނާއެއްޗެއްގެ އަޑުއިވެ އެވެ. މިހާރު ތޭރަވައި ފަގީރުކަލޯ ފެންވަރުވައި ގިފިއްޔަށް ގެންގޮސް ތާހިރުކޮށް ހަދަނީ އަނބި ކަނބުލޭގެ އެވެ. މިހާރު ތޭރަވައި ފަގީރުކަލޯގެ ލޮލަށް ނުފެންނާތީ ރަށުގެ ކަލޭފާނުގެ ދަރިކަލުންވެސް ބޭނުންފުޅު ކޮންމެ ވަގުތަކު ތޭރަވައި ފަގީރުކަލޯގޭގެ އަށް ގޮސް އުޅުއްވަ އެވެ. އެގޭގައި އެތަންފެންނާނެ ލޮލެއް ނެތްކަން ޔަޤީންވާތީ އެވެ.

އެއްދުވަހަކު ތޭރަވައި ފަގީރުކަލޯގެ އަނބި ކަނބުލޭގެ ބުނެފި އެވެ. ފިރިކަލޭގެއާއެވެ. އަހަރެން މިއަދު ރައްޓެއްސެއްގެ ގެއަށް ދަނީއެވެ. އާދެވޭނީ ތަންކޮޅެއް ފަހުންނެވެ. މިހެން ބުނެފައި އެކަލޭގެއަތަށް ދޮރު ތަންޑުގަނޑު ދީފައި ބުނެފި އެވެ. މިތަންޑުގަނޑު ހިފައިގެން ދިމާއެނދުގައި އޮންނާށެވެ. އޮންނައިރު ގެއަށް ކުކުޅެއް ފަދައެއްޗެއް ވަތްކަން އެނގޭނަމަ ތަންޑުގަނޑު ހޫރާލާށެވެ. ދެން މި ދަނީއެވެ. އަނބި ކަނބުލޭގެ ދިޔައިރު ވަގުފިރި (ކަލޭފާނުގެ ދަރިކަލުން) ފޮނި ނިދީގައި އޮންނެވި އެވެ. މިހާރު ތޭރަވައި ފަގީރުކަލޯއަކީ ހަތަރު މަސްދުވަހު ގައިބާރު ހުންނަކަހަލަ މޮޅުކާނާ ކައިގެން އަރާމުގައި ހުރި އަތްފަޔަށް ނީލަގެރިއެތެއްގެ ބާރު ލިބިހުރި ސިކާރަމަތީ ސިންގާއެކެވެ.

އަނބިކަނބުލޭގެ އެ ދާތާކަށް ގޮސް ނިމޭހައިއިރު ވުމުން ތެދުވެ ދޮރު ތަންޑުގަނޑު އަތަށް ހެޔޮވަރުކޮއްލާފައި ރަސްގެފާނުގެ ދަރިކަލުންގެ އިސްތަށިފުޅާއި ނޭފަތްޕުޅަށް އަމާޒުކޮށް ޖެހި އެންމެ އެތިފަހަރަކުން ވައްތަރެއްގެ އަޑުފުޅެއް އިއްވާލައްވާފައި އަވަހާރަ ވެއްޖެއެވެ. އަނބި ކަނބުލޭގެ ގެއަށް އައިސް ބުނެފި އެވެ. ފިރިކަލޭގެއާއެވެ.  ކަލޭ ތަންޑުގަނޑުން އެއްވެސް އެއްޗެއްގައި ޖެހިންހޭ؟ ތޭރަވައި ފަގީރުކަލޯ ބުނެފި އެވެ. ގެއަށް ކުކުޅެއް ވަނީމާ ތަނޑުގަނޑު ހޫރައިލީމާ ތަންކޮޅެއް ހަރުއެއްޗެއްގައި ޖެހުނެވެ. އަނބި ކަނބުލޭގެ ބުނެފި އެވެ.  ކަލޭ ތަންޑުގަނޑުން ޖެހިޖެހީނުން އެއޮންނެވީ ރަށު ކަލޭފާނުގެ ދަރިކަލުން މަރައި ތަންޑާކޮށްލާފަ އެވެ. އޭނާ މިގެއަށް އެ އައީ އަލަށެވެ. އަހަރެން އަންނާންދެން މަޑުކޮށްލާށޭ ބުނެފާ ދެވުނީ އެވެ. ތޭރަވައި ފަގީރުކަލޯ ބުނެފިއެވެ. ބަލަ އަނބި ކަނބުލޭގެއާއޭ! މަގޭ މޫނަށް ބަލައިލަބަލާށެވެ. މަގޭ ލޮލަށް ނިކަން ރަނގަޅަށް ތަންތަން ފެނެއެވެ. އަނބިކަނބުލޭގެ، ފިރިކަލޭގެ މޫނަށް ބަލައިލިއިރު ހީވަނީ ކުކުޅުފިޔޮއް ކާ ބުޅަލެއްގެ މޫނުހެންނެވެ. އަނބި ކަނބުލޭގެ ވާއަތް ހަށަމަށް ވާގޮތަށް ކަނާއަތު ކިހިލިފަތްދަށަށްލައި އެ އަތް އަތްމަތީ ކަނާއަތު އުނޅަބުށި ވިއްދައިގެން ދޮޅީގައި އަތްވިދެލާ، ހިނިއައިސްފާ  ދުރު ބަލަހައްޓައިގެން ހުރެއްޖެ އެވެ. އެހެން ހުރުމުން މާނަކުރެވެނީ ކުރެވުނު ޖަރީމާއާމެދު ބަހަނާއެއްގެގޮތުން ދައްކާނެ އެއްވެސް އުޒުރެއް ނެތޭ ބުނެވުންކަމަށް ފުދެއެވެ. ނަމަވެސް ކަންވެފައި މިއޮތްގޮތުން އަނބިކަނބުލޭގެ ބިރުގަންނަގޮތް ވުމުން، ފިރިކަލޭގެ ބުނެފިއެވެ. ތިޔަކަމާ ކަލޭ ކަންބޮޑުނުވާށެވެ.  ދެން މައްޔިތާގެ ގައިމަތިން ފޮތިގަނޑެއް އަޅައި ނިވައިކޮށްލައިފި އެވެ.

އެރޭ ފަތިސް ނަމާދު ވަގުތު ކައިރިވުމުން، ތޭރަވައިފަގީރުކަލޯ މައްޔިތާ ނަގައި ކޮނޑަށް ލައިގެން ގޮސް މިސްކިތު މަލިންކުނާ މަތީ ސަޖިދައަށް ބާއްވައިފާ ފިލާ ހުރެއްޖެ އެވެ. ދެން މިސްކިތު މުދިންކަލޭގެ މިސްކިތަށް އެރިއިރު މަލިންކުނާމަތީ މީހަކު ސަޖިދައަށް އޮތްތަން ފެނުމުން ރުޅިއައިސްގެން ހުރެއްޖެ އެވެ. ދެން އެމީހާ ނުތެދުވުމުން އެއީ ސަޖިދާގައި އޮއްވައި ނިދުނު މީހެކޭ ހީކޮށް ހަލުވައިލުމާއެކު ވެއްޓިއްޖެ އެވެ. ތޭރަވައިފަގީރުކަލޯ މިސްކިތަށް ވަދެ ބުނެފި އެވެ. ހުރި ނުބައިކަން ދެކޭށެވެ. ތިޔަ މަރާލީ ކަލޭފާނުގެ ދަރިކަލުންނެވެ. މިހާރު މިދަނީ ތިޔަވާހަކަ އަންގާށޭ! މުދިންކަލޭގެ ބުނެފި އެވެ. މުދިމްކަލޭގެ ބުނެފި އެވެ. ތިޔަހެން ނުހަދާށެވެ. އަހަރެން ސަލާމަތް ކުރާށެވެ. މި މައްޔިތާ މިތަނުން ނަގައިދީ އަހަރެން ސަލާމަތް ކޮށްދީފި ނަމަ އަހަރެން މުދަލުގެ ދެބައިކުޅައެއްބައި ދޭނަމަވެ.

ދެން އެ މައްޔިތާ ނަގައި ކޮނޑަށް ލައިގެން ގެންގޮސް މާރާވެރިކަލޭގެ ފުރަތަމަ އަރާ ރުކުގެ ތިންގަނޑު ހަރުމަތީގައި، އެމައްޔިތާ ރުކުގައި ނުވެއްޓި ހުންނާނެ ގޮތް ހަދާފައި ދުރުގައި ފިލާ ހުރެއްޖެ އެވެ. ދެން މި ރާވެރިކަލޭގެ ފަތިހު ރުކަށް އަރަން އައިއިރު ތިންގަނޑު ހަރުމަތީގައި މީހަކު ހުއްޓާ ފެނިގެން ބުނެފި އެވެ. ފަސްމާވަގު  މަ އަރާ ރުކުން ރާބޯ މީހަކު ނުހިފިގެން އުޅެނިކޮށް މިރޭ މިއޮތީ އަތުޖެހިފަ! އަލާކަނޑުވައިލަ ދޭނަމެވެ. މިހެންކިޔާ ރުކަށް އަރައި ފައިގައި ހިފައި ދަމައިގަތުމުން ވެއްޓިއްޖެ އެވެ. ތަންވަޅު ބަލަންހުރި  ތޭރަވައިފަކީރުކަލޯ އައިސް ބުނެފި އެވެ. ހުރި ނުބައި ނުލަފާކަން ނިކަން ދެކޭށޭ. ތިޔަ މަރާލީ ރަސްގެފާނުންގެ ދަރިކަލުންނޭ. އަހަރެން ހަމަ މިހާރު މި ދަނީ ތިޔަ ވާހަކަ އަންގާށެވެ. ރާވެރިޔާ ވަރަށް ދެރަވެ އާދޭސްކޮށްފައި ބުނެފި އެވެ. މިކަން ސިއްރުކޮއްފާ މި މައްޔިތާ މި ތަނުން ނަގައި އެހެންތާކަށް ލާށެވެ. އަހަރެންގެ މުދަލުގެ ދެބައިކުޅައެއްބައި ދޭނަމެވެ.  ދެން އެ މައްޔިތާ ނަގައި ކޮނޑަށް ލައިގެން ގެންގޮސް ތޭރަވައި ހިފާ ތުޑީގައި ވަޅުލައިފި އެވެ.

ތޭރަވައިފަކީރުކަލޯ ގޭދޮށަށް އައިސް ފެންވަރައި ނާސްތާކޮށްގެން ދިޔައީ ރަށުގެ މާމުދިމުގެ ގެއަށެވެ. މުދިންކަލޭގެ މުދަލުގެ ދެބައިކުޅައެއްބައި ގެއަށްލައިފައި ދެން ދިޔައީ ރާވެރިޔާ މުދަލުގެ ދެބައިކުޅައެއްބައި ބަލައި ރާވެރިޔާގެ ގެއަށެވެ.

ކަލޭފާނުންގެ ދަރިކަލުން  ގެއްލިގެން ހޯއްދަވައި ނުފެނިގެން، ރަށު ކަލޭފާނުގެ ދަރިކަލުން ދިރިހުއްޓާ ނުވަތަ މަރުވެފައި ވަނިކޮށް ނަމަވެސް ނުވަތަ ލައިގެން ހުރި ހެދުމުގެ ފޮތިކޮޅެއް ނަމަވެސް ދެއްކި މީހަކަށް ކަލޭފާނު މުދަލުގެ ދެބައިކުޅައެއްބައި ދިނުމަށް ޢިއުލާން ކުރުމާގުޅިގެން މީސްތަކުން ފޯރިޔާއެކު ހަރަކާތްތެރިވަމުން ގެންދެއެވެ. ތިންދުވަސް ފަހުން ތޭރަވައިފަޤީރުކަލޯއަށް ކަލޭފާނު ދަރިކަލުންގެ ހެދުމުގެ ތަންކޮޅެއް ތޭރަވައި ހިފާ ތުނޑިން ފެނިގެން އަވަހަށްގޮސް އެވާހަކަ އަންގައިފި އެވެ. ދެން މީހުންގޮސް ކޮނެ ނަގައިގެން ގެންގޮސްފި އެވެ. ދެން ތޭރަވައި ފަކީރުކލޯގެ ގެއަށް ކަލޭފާނު މުދަލުގެ ދެބައިކުޅައެއެބައި ކަލެފާނު ފޮނުއްވަވައިފި އެވެ. މިހާރު ތޭރަވައި ފަގީރުކަލޯގެ ނަން ތޭރަވައި މަހުޖަނުކަލޯއަށް ބަދަލުވީ އެވެ.
(ނިމުނީ)
 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ