ކަޅު ބުޅަލަކަށް ބަދަލުވި ފިރިކަލުން
ޢަބްދުލްމުޢީދު ޙަސަން
ޙިކުމަތްތެރި ވާހަކައެއްގައިވެ އެވެ.
އެއްދުވަހަކު، ފަރަންސޭސިވިލާތުގެ މަތީ ފަންތީގެ ބޭފުޅަކު ގެއިން ބޭރުގައި އުޅުއްވާފައި ގެއަށް ވަޑައިގެންނެވި އެވެ. އޭރު އޭނާއަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަމުގެ އަސަރު، އޭނާގެ ކިބައިން ފާޅުވެ އެވެ. މިހެންވެ، އޭނާގެ އަނބިކަނބަލުން އެއްސެވި އެވެ.
"ސާހިބާ ހިތާމަކުރައްވަނީ ކޮންކަމަކާތޯ އެވެ؟"
ފިރިކަލުން ވިދާޅުވި އެވެ.
"ޕެރިހުގައި މިއުޅޭ ކަހީނުކަލޭގެއާ ބާޒާރު މަތިން ދިމާވުމުން އެކަލޭގެ ބުނެފި އެވެ."
"ތިބާގެ އަންހެނުން، ތިބާގެ އެންމެ ގާތް ރަޙުމަތްތެރިންނާއެކު، ތިބާއަށް އެބަ ޚިޔާނާތްތެރިވެ އެވެ."
"އޭނާ މިހެން ބުނުމުން، އަޅުގަނޑު މިއައީ އޭނާގެ ކަންކަށީގައި ތަދު ނުފިލާވަރުގެ އެތިފަހަރެއް ޖަހާފަ އެވެ."
އަނބިކަނަބަލުން ނުހަނު އަދަބުވެރިކަމާއެކު ދެންނެވި އެވެ.
"ސާހިބާ ކަންކުރެއްވި ގޮތުން އަޅުގަނޑަށް މޭރުންވަނީ، އޭނާ ބުނި ބަސް، ސާހިބާ ޤަބޫލުނުކުރައްވާ ކަމެވެ."
ފިރިކަލުން ވިދާޅުވި އެވެ.
"އާދޭހެވެ. އަޅުގަނޑު އޭނާގެ ބަސް ޤަބޫލެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑު އޭނާގެ ކަންކަށީގައި ޖެހުމުން އޭނާ ބުންޏެވެ."
"ތިމަންނަ މިބުނި ތެދު ބަސް، ތިބާ ދޮގުކުރައްވަނީނަމަ، މާދަމާ ހެނދުނުވާއިރު ތިބާ ވާނީ ކަޅު ބުޅަލަކަށް ބަދަލުވެފަ އެވެ."
ޖެހިގެން އައި ދުވަހު ހެނދުނު އަނބިކަނބަލުން ހޭލެއްވި އިރު، އަރިހުގައި އޮތީ ކަޅު ބުޅަލެކެވެ. އެއީ އެކަމަނާގެ ފިރިކަލުންކަމާ މެދަކު، އެކަމަނާ އެއްވެސް ޝައްކެއް ނުކުރައްވަ އެވެ. އެހިނދު ބޭއިޚުތިޔާރުގައި އެކަމަނާގެ ދުލުން ވިދާޅުވެވުނެވެ.
"ސާހިބާއެވެ. ޕެރިހުގެ ކަހީނުކަލޭގެ ބުނީ ތެދެކެވެ. ސާހިބާގެ އެންމެ ގާތް ރަޙުމަތްތެރިންނާއެކު، އަޅުގަނޑު ސާހިބާއަށް ޚިޔާނާތްތެރިވަމެވެ. އެއީ އަޅުގަނޑަށް ކުރެވުނު ފާފަތަކެކެވެ. ކަހީނުކަލޭގެ ބުނި ބަސް ތިބާ ޤަބޫލުކުރެއްވިނަމަ ކިހާ ރަނގަޅުތޯ އެވެ. އަޅުގަނޑަށް މަޢާފުކުރައްވާށެވެ. ..."
މިމޭރުމުން، އަނބިކަނބަލުން ހުރިހައި ވާހަކައެއް ދައްކަވައި، ހުރިހައި ޙަޤީޤަތެއް ހާމަކުރެއްވި އެވެ. އެހިނދު ކުޑަދޮރުގެ ފޮތިގަނޑުގެ ނިވަލުގައި ފިއްލަވައިގެން ހުންނަވާފައި އެކަމަނާގެ ކުރިމައްޗަށް ފިރިކަލުން ނުކުމެވަޑައިގަތެވެ.