އަދުގެ ޚާއްސަ

Print

ދިވެހި “ރައްޔިތެއްކަން އަންގައިދޭ ކާޑު” އުވިދިއުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް



އަޙްމަދު ޖަދުޢާން

އައިޑެންޓީޓީ، (އައި.ޑީ) ކާޑު ނުވަތަ ކާކުކަން އަންގައިދޭ ކަޑަކީ މިހާރު ކޮންމެހެން މުހިންމު އެއްޗެކެވެ. އެއާ ނުލައި އުޅުމަކީ މިޒަމާނުގައި، ދިރިއުޅުމުގައި ދަތިތަކާ ކުރިމަތި ވާނޭ ކަމެކެވެ. ބޭންކް ތަކާއި ސަރުކާރުގެ މުއައްސަސާތައް އަދި ކޮންމެ ދުވަހަކު ޚިދުމަތް ހޯދަންޖެހޭ އިދާރާތަކުންވެސް ޚިދުމަތް ލިބެން އޮންނަނީ މިދެންނެވި، ތިމާއަކީ ކާކުކަން އަންގައިދޭ ކާޑު އޮވެގެންނެވެ. ދުލުން ތިމަންނާ އަކީ “މުޞްޠަފާ” އޭ ޢުމުރަކީ މިވެނި ވަރެކޭ، ދިވެއްސަކީމޭ ބުންޏަސް މިޒަމާނުގައި އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ އެވެ. ޤަބޫލުކުރާނީ އެއްކަލަ ކާޑު ދެއްކުމުންނެވެ.

މި ފަދަ މަޢުނަވީ، “ކާކުކަން އަންގައިދޭ ކާޑެއް” ޤުދުރަތުން އަޅުގަނޑުމެން ދިވެހިންނަށް ވަނީ ދެއްވާފަ އެވެ. އެއީ ދުނިޔޭގެ ނަންމަޝްހޫރު ބޮޑެތި ބައެއް ޤައުމުތަކަށ ްވެސް ލިބިފައިނުވާ ނިޢުމަތެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ މީހުން ވާހަކަ ދައްކާ އުޅޭއިރު އެއީ މިވެނި ޤައުމެއްގެ މީހެއް ކަމަށް ބުންޏަސް އޭގެ ހެއްކެއް ފެންނާކަށް ނޯވެ އެވެ. ލިއެކިއުންތައް ބަލައި ކުޑަ ދިރާސާއެއް ހަދަން ޖެހެ އެވެ. އަމިއްލަ ވަންތަ ކަމުގެ “ފުރާނައެއް” ނުހުރެ އެވެ.  މި ދެންނެވި މަޢުނަވީ އައިޑީ ކާޑަކީ ނުވަތަ ކާކުކަން އަންގައިދޭ ކާޑަކީ އަޅުގަނޑުމެންގެ ބަހެެވެ. “ދިވެހި ބަހެވެ.” ދިވެއްސަކު ދިވެހިބަހުން ވާހަކަ ދެއްކުމުން އެއީ ދިވެއްސެއް ކަން އެނގޭނެ އެވެ. އެއީ ޤައުމެއްގެ ބަޔަކަށް ނިސްބަތްވާ މީހެއް ނޫންކަމާއި، ވަކިޚާއްޞަ ޤައުމަކަށް ނިސްބަތްވާ މުސްތަޤިއްލު މީހެއް ކަން ދޭހަވާނެ އެވެ.

މި ދިޔަ 2009 ވަނަ އަހަރުގެ ދުނިޔޭގެ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ޔުނެސްކޯގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ކުއިޝީރޯ މަތުސޫރާ ވިދާޅުވެފައިވަނީ ބަހަކީ ފަރުދަކު، އެއީ ކާކުކަން އަންގައި ދިނުމާ ނުވަތަ “އައިޑެންޓީޓީ” އަންގައިދިނުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗެއް ކަމުގަ އެވެ. އަދި ދުނިޔޭގައި މިހާރު މީހުން ވާހަކަދައްކަން ބޭނުންކުރާ، ހަހާސް ބަހުގެ ތެރެއިން ދެބައިކުޅަ އެއްބައި ބަސް އުވިދާނެކަމުގެ ނުރައްކަލާ ކުރިމަތި ވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި މިހާރު ވާހަކަ ދައްކަމުންދާ ބަސްބަހުގެ ތެރެއިން ކޮންމެ ދެ ހަފްތާއަކުން، ބަހެއް ނެތިގެންދާކަމަށާއި އުވިގެންދާ ކޮންމެ ބަހަކާއެކު އެ އުވިގެންދަނީ ކޮންމެ ވެސް ބަޔަކު މި ދުނިޔެއާމެދު ކުރާ އިޙްސާސް ކަމުގައި ކުއިޝީރޯ ވިދާޅުވެފައި ވެ އެވެ. ޔުނެސްކޯއިން ހާމަކޮށްފައި ވާގޮތުގައި، އިންޓަރނެޓު ވެބްސައިޓުތަކުގައި ހިމެނޭބައިތަކުގެ72 އިންސައްތަ ހިއްސާކުރަނީ އިނގޭސިބަހެވެ.7 އިންސައްތަ ހިއްސާކުރަނީ ޖަރުމަނުބަހެވެ. ފަރަންސޭސި، ޖަޕާނު، ސްޕޭނު މިބަސްތައް އިންޑަނެޓްގައި ހިއްސާކުރަނީ އެންމެ 3 އިއްސައްތަ އެވެ. ދުނިޔޭގެ ބަސްބަހުގެ 90 އިންސައްތަ އިންޓަރނެޓުގައި އެއްގޮތަކަށްވެސް ބޭނުމެއް ނުކުރެ އެވެ. މީގެ އިތުރުން ދުނިޔޭގެ ބަސްބަހުގެ ތެރެއިން 20 އިންސައްތަ އަކީ އެބަސްބަހުން ލިޔެ ނޫޅޭ ބަސްބަސް ކަމަށްވެސް ޔުނެސްކޯގެ ތަފާސްހިސާބު ތަކުން ދައްކަ އެވެ.

އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަނަމ ަވެސް، އަމިއްލަ ބަހެއް އެބައޮތެވެ. އެބަހުން ވާހަކަ ދައްކާ މީހުން ކިޔަންމެ މަދުނަމަވެސް ނިސްބަތުން، އިންޓަނެޓުގައި އަޅުގަނޑުމެންގެ ބަސް ބޭނުންކުރާލެއް މަދެއް ނޫނެނެ. އަޅުގަނޑުމެންވަނީ ޤައުމުގެ އުފެއްދުންތެރިކަން ކިތަންމެ ކުޑަ ނަމަވެސް އަޅުގަނޑުމެންގެ ބަސް ޓެކްނޮލަޖީގެ ތެރެއަށް ވެސް ވައްދައިފަ އެވެ. ކޮންޕިއިއުޓރާއި، މޯބައިލް ފޯނުގައިވެސް އަޑުގަނޑުމެންގެ ބަހައި އަކުރު ބޭނުން ކުރެވޭ އެއްޗަކަށް ހަދައިފަ އެވެ. އަދި މި ނޫނަސް މިފަދަ އެތައް މަސައްކަތްތަކެއް ބަހައްޓަކައި އަޅުގަނޑުމެން މިވަނީ ވޭތުވެދިޔަ މާޒީގައި ކޮށްފަ އެވެ. އެއީ އަޅުގަނޑުމެންގެ “އައިޑެންޓިޓީ” ދެމެހެއްޓުމަށްޓަކަ އެވެ. ޤައުމީ ޝަޚްޞިއްޔަތެއްގެ ވެރި ބަޔަކަށް ވުމަށްޓަކަ އެވެ. އަޅުގަނޑުމެންނަކީ ދިވެހިންގެ ގޮތުގައި ދެމިތިބުމަށްޓަކަ އެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ތަޢުލީމީ ނިޒާމު ބިނާވެފައި އޮންނަނީ އަޅުގަނޑުމެންގެ މާދަރީބަސް، ދިވެހި ބަހުގެ މައްޗަކަށް ނޫނެވެ. އިނގިރޭސި ބަހުގެ މައްޗަށެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހި ބަސް ދެމެހެއްޓުމަށްޓަކައި، އެބަސް ކިޔަވައި ދިނުމަށް ކުރެވެނީ ވަރަށް ކުޑަކުޑަ މސައްކަތެކެވެ. މަދަރުސާތަކުގައި “ދިވެހިބަސް” ކިޔަވައިދޭ އެންމެ ގަޑިއެއް އޮންނައިރު ދަރިވަރުންނަށް ދިވެހިބަހުގެ ހުނަރުތައް އެނގޭ އެންމެބޮޑު ވަސީލަތަކީ އިސްކޫލުތަކުގެ ފެންވަރުގައްޔާއި، ބައެއްފަހަރު ޤައުމީ ފެންވަރުގައި އޮންނަ އަދަބީ މުބާރާތްތަކެވެ. ފަހަކަށް އައިސް އެފަދަ ކަންކަން ވަރަށްބޮޑަށް މަދުވެ “ތަދު” ވެފައިވާކަމީ ހިތާމަހުރި ކަމެކެވެ.

ކަންމިހެން ހުރިއިރު ވެސް އަޅުގަނޑުމެންނަށް މިހާރު އެންމެ އަޑުހަރުކޮށް އިވޭ، ވާހަކައަކީ ރާއްޖޭގެ ދައިވަރުން އެކުދިންގެ ތަޢުލީމީ ފިޔަވަހިތަކުގައި  ދިވެހިބަހަކީ ކޮންމެހެން ކިޔެވުން މުހިންމު ބަހެއް ނޫންކަމަށް ދެކެވޭ ވާހަކަތަކެއްގެ އަޑެވެ. އާންމުންނާއި ޚާއްޞުންގެ ތެރޭގައި މި ފިކުރެއް އެބަ ހިނގާ ދޮގެއްތޯ އެވެ؟ ޢިލްމީ ގޮތުން ބަލާއިރު، އެއްވެސް ބުރަދަނެއް ނެތް، އަދި އެހާމެ ބޮޑު ގެއްލުންހުރި ކަމެކެވެ.

 ވިސްނާލަންޖެހޭ ކަމަކީ މިހާރު ވެސް ބައެއްރަށް ރަށުގެ ޕްރައިމަރީ ގްރޭޑްތަކަށް ވެސް ދިވެހި މުދައްރިސުން ނެތިގެން ދިވެހިބަސް ކިޔަވައި ދެއްވުމުގައި ދަތިތައް ކުރިމަތިވަމުން ދާކަމެވެ. މި ކަންކަން ޙައްލު ކުރެވޭނީ މި ރޮނގުރޮނގަށް މީހުން ކުރިމަތިލައިގެންނެވެ. އެ މަގުމަގުން ހިނގޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ޤައުމީ ޒިންމާ ކޮނޑުގައި އެޅިފައިވާ ފަރާތްތަކުން އެކަންކަން ތަންފީޒު ކޮށްދީގެންނެވެ. އެ ހެނީ އެއްވެސް ރޮނގަކުން،  މުދައްރިސުންނަށް ދެއްވާ އަހަމިއްޔަތު ކުޑަވެއްޖެނަމަ، މުދައްރިސުން އެހެން ދިމާއަކަށް އެނބުރުމަކީ ނުވެނުދާނެ ކަމެކެވެ. ދިވެހި މުދައްސިރުންނާމެދު ފަރުވާތެރިކަމުގެ ލޯ މަރާލެވިއްޖެ ނަމަ، ދިވެހިބަސް ކިޔަވައިދޭނެ މީހަކު ނެތިގެން ހުރިހާ ގްރޭޑްތަކެއްގައި ބަސް ކޮންމެހެން ކިޔަވަން ނުޖެހޭއެއްޗަކަށް ވާނީބާއެވެ؟ މި ވެސް އުފެދޭ ސުވާލެކެވެ.

އަޅުގަނޑުމެންގެ ތުއްތު ކުޑަކުދީންނަށާއި މަދަރުސާތަކުގެ ދަރިވަރުންނަށް ރަނގަޅަށް ދިވެހިބަސް ދަސްކޮށް ނުދެވުމަކީ ބަސް ފަނާވެގެން ހިނގައިދާނެ ކަމެކެވެ. މާދަމާގެ ޒުވާން ޖީލު އެމީހުންގެ އަމިއްލަވަޒަނުގައި ބީރައްޓެހިންނަށް ވެދާނެ ކަމެކެވެ. އެމީހުންގެ “އައިޑެންޓިޓީ” ނެތިދާނެ ކަމެކެވެ. ޤައުމީ ޝަޚުޞިއްޔަތު ގެއްލި ހަތައިނެއް ވައިކުޅަދުރުތަކެއްހެން ދިވެހިންގެ ދަރީން ނިކަމެތިވެދާނެ ކަމެކެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ