އަދުގެ ޚާއްސަ

Print

ފޮނި ކަނދުގަސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުލްމުޢީދު ޙަސަން


ޙައްޖު މޫސުމް ކައިރިވެފައިވަނިކޮށް ވީނުވީ ތަނެއް ނޭނގި އޭނާ ގެއްލިއްޖެ އެވެ. ރަށުގެ ގިނަ ބަޔަކު ލަފާކުރީ، ކަނދުފަތީގައި ކެޔޮޅުކަމު ގޮސް އުޅެނިކޮށް އޭނާ ކަނޑުވީ ކަމަށެވެ.

ޙައްޖު މޫސުމް ނިމި ދެތިން މަސްދުވަސް ވަންދެން އޭނާގެ ޚަބަރެއް ދަބަރެއް ވޭތޯ މީހުން އިންތިޒާރުކުރި އެވެ. އެއަށްފަހު އޭނާ މަރުވެއްޖެ ކަމަށް އެރަށު މީހުން ނިންމި އެވެ. ދެން އޭނާއަށް ފާތިހާ ކިޔަވައި ހެޔޮދުޢާ ކުރަމުން ގެންދިޔަ އެވެ. މިކަން މިމަގަށް ހިނގަމުން ދަނިކޮށް، އެއްރެޔަކު ދަންވަރު އޭނާ ރަށަށް އަތުވެއްޖެ އެވެ.

އޭރު އޭނާއަކަށް ރަށު ބަހެއް ނޭނގެ އެވެ. އޭނާ ކިޔާ ނުކިޔާ އެއްޗެއް ރަށު މީހުންނަކަށް ނޭނގެ އެވެ. އޭނާއަށް ވާހަކަ ދެއްކެނީ ފާޑެއްގެ ދިއުރުބި (ދިވެހި، އުރުދޫ، ޢަރަބި) ބަހުރުވައަކުންނެވެ. ރަށު ބަހުން ވާހަކަ ދައްކަން ނޭނގޭތީ އޭނާ ވަރަށް ދެރަވެ އެވެ. މީހުން ކައިރިން އަހާ އޮޅުންފިލުވައިގެން ރަށު ބަސް ދަސްކުރުމަށް އޭނާ މަސައްކަތްކުރި އެވެ.

ދުވަސްކޮޅެއް ފަހުން އޭނާއަށް ރަށުބަސް ދަސްވުމުން އޭނާ ކުރެން މީހުން އަހަ އެވެ.

"ތިބާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟"

ކުރިމަތީގައި ހުރި ޓީވީއަކުން ފެންނަ މަންޒަރެއް ސިފަކޮށްދޭ ބީދައިން އޭނާ ކިޔައިދެ އެވެ.

"އަސްތާ! އެއީވާ ބޮޑު ރެއެކެވެ.
ނިދާފައި އޮއްވާ އެރޭ ދަންވަރު، ނުދަންނަ މީހަކު އައިސް މަށަށް ގޮވާލާފައި ބުންޏެވެ.
ދަމު ނަމާދަށް މިސްކިތަށް ދާށެވެ.
ދެން މިސްކިތަށް ގޮސް ދަމު ނަމާދުކޮށްގެން އަތިރިމައްޗަށް ދިޔައިމެވެ.
އޭރު ބޮޑު ނަވެއް އައިސް އޮތެވެ.
އެނަވުގެ ބައެއް މީހުން އޭރު އަތިރިމަތީގައި ތިއްބެވެ.
އެމީހުން މަގޭ އަތުގައި ހިފައިގެން ގޮސް ނަވަށް އެރުވި އެވެ.
ދެން އެނާ ފުރައިފި އެވެ.
ދުވަސްކޮޅަކު ދަތުރުކުރި ފަހުން މައްކާއަށް ދެވިއްޖެ އެވެ.
އެއީ ޙައްޖު މޫސުމެވެ.
ގެފުޅުގެ ވަށައިގެން ޠަވާފުކުރާ މީހުންނާއެކު ޠަވާފުކުރީމެވެ.
ޙިޖުރު އިސްމާޢީލުގައި ނަމާދުކުރީމެވެ.
ޢަރަފާތަށް ގޮސް ޙައްޖުވީމެވެ.
ޖަމްރާއަށް ހިލައުކީމެވެ.
ޙައްޖުގެ ހުރިހައި އަޅުކަމެއް އަދާކުރުމަށްފަހު ބައިތުލް މަޤުދިސަށް ވެސް ދިޔައީމެވެ.
އެއަށްފަހު ނަވުގެ މީހުންނާއެކު އެނބުރި ރަށަށް އައީއެވެ.
ދެން އެ ނާ ދިޔަތަނަކަށް ހިނގައްޖެ އެވެ."


ހޮޅުއަށީގައި އިނދެ އޭނާ ޙައްޖު ދަތުރުގެ ވާހަކަ ވަރަށް އޮލަކޮށް ކިޔައިދެ އެވެ. މައްކާއާއި ގެފުޅާއި ޢަރަފާތުބިމާއި ބައިތުލް މަޤުދިސް ފަދަ އެތައް ތަނެއް ސިފަކޮށްދެ އެވެ. އޭނާ އެވާހަކަތައް ދައްކާއިރު ޝައުޤުވެރިކަމާއެކު މީހުން އަޑުއަހަން ތިބެ އެވެ.

އެއްދުވަހަކު އޭނާ ހޮޅުއަށީގައި ޙައްޖާބެހޭ ވާހަކަތައް ދައްކަން އިންދާ އެހެން ރަށެއްގެ ބަޔަކު އަތުވެއްޖެ އެވެ. މައްކާގެ މުޤައްދަސް ބިމަށް ދުރުވެ، ޙައްޖުގެ އަޅުކަން އަދާކުރައްވާފައިވާ ބޭކަލަކު އެބައިމީހުންނާ އެކުގައިވި އެވެ. އޭނާއަށް މިރަށު ހާޖީގެ ޚަބަރު ލިބިލެއްވުމުން، ދެ ހާޖީން ބައްދަލުވެލުމުގެ ފިކުރާ އޭނާގެ ހިތުގައި ހިނގައިފި އެވެ. ދެން ހޮޅުއަށީގައި އިންނެވި ހާޖީއާ ބައްދަލުކޮށްލެއްވުމަށް އޭނާ ދުރުވި އެވެ.

ހޮޅުއަށްޓާ ހަމައަށް އޭނާއަށް ދުރުވެވުނުއިރު، ކަމަކުދާކަށް ނެތެވެ. ހޮޅުއަށީގައި އިން މީހަކު މައްކާއޭ ކިޔައިގެން ހަދަމުން އެގެންދަނީ ބޮޑެތި ސައިޒުގެ ބުހުތާން ދޮގެވެ. އެ ޒާތުގެ ދޮގު ހަދާކަށް އިބުލީހަށް ވެސް ނޭނގޭނެ އެވެ. ދެން އޭނާ އެމީހާއާ ތަންކޮޅެއް ކައިރިވެލައްވާފައި ސަލާމްކުރެއްވި އެވެ. އަދި ޙާލުއަޙުވާލު އައްސަވައި ބައެއް ވާހަކަތައް ދެއްކެވި އެވެ. އެއަށްފަހު، ބުނުއްވި އެވެ.

"މައްކާގެ ބޮޑު ފާލަން ކައިރީގައި ހުންނަ ބިޔަ ކަނދުގަސް މިހާރުވެސް އެބަހުރިހެއްޔެވެ؟"

ހޮޅުއަށީގައި އިން މީހާ ބުންޏެވެ.

"އަސްތާ! ތިޔައީ އަދި މަށަށް ނުދެއްކި އޮތް ވާހަކައެކެވެ. މިހާރު އެ ކަނދުގަސް ކަނޑާ ވައްޓާލައިފި އެވެ."

އޭނާ މިހެން ބުނުމުން އެތަނަށް އެއްވެ ތިބި ބަޔަކު ހޭން ފެށި އެވެ. މަލާމާތުގެ ރާގަކަށެވެ. މައްކާއަކީ ކަނޑުގެ އައްސޭރީގައި އޮންނަ ރަށެއް ނޫންކަމާއި ބޮޑު ފާލަމަކަށް އެރަށް ބޭނުންނުވާ ކަމީ އެމީހުން ވެސް ދަންނަ ކަމެކެވެ. އެދުވަހު ހޮޅުއަށީ ހާޖީއަށް އެތާ ތިބި ބަޔަކު ވަނަމެއް ދިނެވެ.

ފޮނި ކަނދުގަސް ... ފޮނި ކަނދުގަސް ...

އެދުވަހަށްފަހު، ފޮނި ކަނދުގަހަކީ އޭނާގެ ވަނަން ކަމުގައި ވެއްޖެ އެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ