އަދުގެ ޚާއްސަ

Print

ޢީދަށް ބޮޑުކުރި ހާ......

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


 އާމިނަތު އަޤްލީމާ -  އުދަރެސް/ ބ.ފުޅަދޫ

ޒާހިރުގެ ދެމަފިރިންނަކީ އިނދެގެން އުޅޭތާ 20 އަހަރުވީއިރު ވެސް ދަރިޔަކުލިބުމުން މަޙުރޫމު ވެފައިވާ ދެމަފިރިންނެވެ. އުޅުމުގައި ހެއްވާ މަޖާ މިޒާޖެއްހުންނަ، ރަށު ރައްޔިތުންނާއި ފިސާރި ގުޅިގެން އުޅޭ މި ދެމަފިރިންނަކީ ކޮންމެ އަހަރަކުހެން އަހަރީ އެވޯޑެއް ޙާޞިލްކުރާހެން، ޢީދަށް ހާލެއް ކަތިލުމުގެ އުފާ ޙާޞިލް ކުރާ ބައެކެވެ.

ނަމަވެސް ވެއަތުވެދިޔަ އަހަރު، ޢީދާއި ދިމާކޮށް މުޅިރަށުން ކުކުޅު ހާ، ހުސްވުމާއި ގުޅިގެން މިދެމަފިރިންނަށް ހާލެއް ކަތިލެވޭގޮތެއް ނުވި އެވެ. ކަންތައް ވެދިޔަގޮތުން ދެމަފިރިންމެ ވިސްނީ، ޖެހިގެން އަންނަ ޢީދަކަށް ޅަފިޔޮކެއް ބޮޑުކުރުމަށެވެ. މިގޮތުން އެރަށުގައި ކުކުޅު ހާލުގެ ވިޔަފާރިއަށް އެންމެ ނަންހިނގާ އެ ރަށު، ހާލިގޭ ތަކުރުފާނުގެ އަތުން ކުޑަކުޑަ ޅަފިޔޮކެއް ގަނެފިއެވެ. ފިޔޮއް ގެންގުޅުމަށްޓަކައި ހަސަނު ހުރީ މާކުރިއްސުރެ ކުޑަވަރެއްގެ ދަގަނޑު ކޮށްޓެއް ހަދާފައެވެ. ފިޔޮކަށް ކުރާންޖެހޭ ޚަރަދުބަރަދު ކުރާނީ ވަކީންނޭ ހިތައި، ފިޔޮއް ގަނެގެން ގެއަށް އައި މަގުމަތީގައި ޒާހިރު އައީ ކާސިމު ފިހާރައިން ބައިބަސްތާ ހަނޑޫ ވެސް ހިފައިގެނެވެ. 
     
ޒާހިރަކީ  އެރަށު އޮފީހުގެ ޕިޔޯނުކަމުން ގިނަފަހަރު އޭނާއަށް އޮންނަނީ ފިޔޮކަށް އަޅާނުލެވިފަ އެވެ. އެހެންކަމުން ފިޔޮއް ބެލެހެއްޓުމުގައި އެންމެ އިސްރޯލެއް އަދާކުރަނީ ޒާހިރުގެ އަނބި، ދޮންކަތްދައެވެ. ދަރިއަކު ނެތީމާވެސްތޯއްޗެކެވެ. ކަތްދަ އެފިޔޮއް ދެކެވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ކެޔަސް، ބުޔަސް، ފާޚާނާކުރިއަސް ކަތްދަ ގާތުން ފިޔޮއް ދުރަކަށް ނުދެއެވެ. އެސޮރު ކަތްދައާއި އެހާވެސް އޮޅެވެ. މަގެއްގެ މަތީން ކަތްދަ ފެނިއްޖެނަމަ އޭނާގެ ފައިބުޑުން ނަމަވެސް ފިޔޮއް ދައްކާލާނެއެވެ. އުޅޭ އުޅުމުން އެސޮރުވެސް ކަތްދަދެކެ ވަނީ ބަނޑުއަޅާ ވިހޭ އަމަޔަކު ދެކެ ވާ ލޯބިހެން ހީވެއެވެ.
     
ދުވަސްތައް ފާއިތުވަމުން ދާވަރަކަށް ފިޔޮއްވެސް، ދުޅަހެޔޮ ސިއްޙަތަކާއިއެކު ބޮޑުވެ ފުރާ ފުރިހަމަވަމުންދެއެވެ. މިހެން އުޅެނިކޮށް ފިޔޮކަށް މާނުރައްކާތެރި ރޯގާއެއްޖެހިއްޖެއެވެ. މާގިނައިން ''ދެވެނީ'' އެވެ. މިކަމާއި ކަތްދަ ވަރަށް ކަންތައް ބޮޑުވާންފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. ދުވާލު ހަތަރުދަމު އޭނާގެ ކޮނޑުމަތީންނާއި ބޯމަތީން ދުވެލަދުވެލާއުޅޭ ފިޔޮއްގަނޑަށް ބޭރަށް ހިންގުންޖެހުމުން ދެން ވާނެގޮތް ވިސްނަވާލައްވާށެވެ. ސައުވީސް ގަޑިއިރު ކަތްދަ ހުންނަނީ ''ދެވިހަވާދުން'' ތަތްތެޅިފައެވެ.
     
މިފަދަ އެތައް އޮޅިއެއް ގިރާކުރަމުން އައިސް ކަތްދަ، ފިޔޮއް ބަލައި ބޮޑުކޮށްފިއެވެ. ބޮޑުވީއިރު ފިޔޮއް ވެފައިވަނީ ޙާލަކަށެވެ. ބަލާލަން ހިތްގައިމު، މަސްފަލަ، ކަޅުރަތް ހާލަކަށެވެ.  ޢީދުދުވަސް ނުހަނު ކައިރިވަމުން އެބަހަރަ އާދެއެވެ. މި ފަހަކަށް އައިސް ކަތްދަގެ މޫނުމަތި ހުންނަނީ އަބަދުވެސް މިލާ މޯޅިވެފައެވެ. އޭނާ ކަމަކާއި ފިކުރު ކުރާހެން ހީވެގެން އެއްދުވަހަކު ޒާހިރު ކަތްދަކުރެން އެބަ އަހައެވެ.
" ކަތްދަ މިހާރަކަށް އައިސް ތިޔަ ހުންނަނީ ކިހިނެއް ވެފާތަ؟ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައި ހުންނަހެން މަށަށް ހާދަހީވެޔޭ. އަނެއްކާ ބަލީތަ؟ "
ޒާހިރު މިހެން ބުނުމުން ޒާހިރަށާއި ދިމާއަށް ލޯވައްކޮށްލާފައި " މަށަކަށް، ކަމެއް ނުވެޔޭ "، ކަތްދަ ބުނެލިއެވެ.
     
ޢީދު ދުވަސް އަތުވެއްޖެއެވެ. ޒާހިރު ޢީދުނަމާދުން އައިސް ސައިފޮދެއް ބޯލައިގެން ހާ ކަތިލުމުގެ މަސައްކަތާއިގެން އުޅޭންފަށައިފިއެވެ. ދެތިން އަވަށްޓެރިއަކު ގޮވައިގެން އައިސް މަސްކަނޑާ ވަޅި ހަނުލުމަށްފަހު ގޭ ބިތްޕަށުގައި ހުރި ކޮށީގައި އިން، ހާ ބަލާ ހިނގައްޖެއެވެ. ކޮށިކައިރިއަށް ހުއްޓުމާއިއެކު ޒާހިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. " ކަތްދާ! ކަތްދާ! " ޒާހިރު، އަޑުގެ ނެތްތަނަށް ގޮވަންފެށިއެވެ. ކަތްދަ، ކަނޑިކިގަނޑުން އަރުވާ ޖަހައިގެން ތެޅެމުން ފޮޅެމުން އައިސް ވީ ކީއްތޯ ބެލިއިރު، ކޮށީގެ ދޮރުހުރީ ހުޅުވާ އަޅާފައެވެ. އެހިސާބުގައި ހާލުގެ ވަސްވެސް ނެތެވެ. ޒާހިރު ބަލާކަށް ނުހުރެ ހާ، ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އޭނާ ރަށުތެރެއަށް ނިކުމެ " މަގޭ އަންހެނުންގެ، ހާލެއް ނެތޭ " ގޮވަމުން، ޅަފުރައިގެ ދެތިން ސޮރަކު ގޮވައިގެން ވަލަށްވަދެ ހޯދާ ހޯދާވެސް އެ ސޮރު ފެންނަގޮތެއް ނުވިއެވެ. މެންދުރުވުމުން މަސައްކަތް ހުއްޓާލުމަށްފަހު ކަރުއެލުވާލައިގެން ހުރެ، މިސްރާބު ޖެހީ ގެއާ ދިމާއަށް ދިޔުމަށެވެ.
     
ގެ ހުންނަ މަގަށް ނިކުމެވުނުއިރު، ރަށުގެ ރައްޔިތުން ކަހަލަގޮތަކަށް ވަނީ އެގޭދޮށަށް އެއްވެފައެވެ. ބަލާކަށް ނުހުރެ ޒާހިރު ގެއާދިމާއަށް ދުއްވައިގެންފިއެވެ. އޭރު ގޭދޮށް ފުރިގެން މަގުމަތީގައިވެސް ވަނީ މީހުންތައް، ތޮއްޖެހިފައެވެ. ޒާހިރު އެދިޔަ ބާރުމިނުގައިގޮސް އެއްވެފައިތިބި މީހުންތައް ފޭކުރަމުން ގެއަށް ވަތްއިރު ރަށުގެ ހެލްތުވޯކަރު ގޭތެރެއިން ނިކުންނަނީއެވެ. އެވަގުތު ހެލްތު ވޯކަރު ހިތްހަމަނުޖެހިފައިހުރެ ބުނެލިއެވެ. " ޒާހިރުބެ އަންހެނުންގެ ހާލެއްނެތޭ ބުނީމުނޫން ހެއްޔެވެ؟ އެކަމަކު ކަތްދަ އިނީ ގަދަވެ ސަލާމަތުންނެވެ. އޭނާއަކަށް ގޮތެއް ނުވެއެވެ. "
     
މިވީގޮތް އެނގުމުން ގަތްލަދުން، އެއްވެފައި ތިބި މީހުންތައް ގެއަށް ފޮނުވާލުމަށްފަހު ޒާހިރު ގޭތެރެއަށް ވަންއިރު ކަތްދަ، އަޑުން އަޑުނަގާފައި ރޮނީއެވެ. ޒާހިރު އައިސް ވަނުމާއެކު ކަތްދަ ބުނެލިއެވެ. " ޒާހިރު ތިޔަހާވަރު ކޮށްލާނެކަން އެނގުނުނަމަ މަވެސް އެގޮތަކަށް ކަންތަކެއް ނުކުރީމުސް ވިއްޔަ. އަމުދަކުން މަ، އެ ހާ، ފޮރުވީވެސް އެހާދުވަހު ގާތުގަ ގެންގުޅެވިފަ ހުރީމަ އެސޮރުގެ މައްޗަށް އޮތް ކުލުނެއްގެ ސަބަބުން. އެކަމަކު......"
     
ކަތްދަގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ، ޒާހިރުގެ ވާތްފަރާތުގައި ހުރި ފިލާ އަލަމާރިއެއްގެ ތެރެއިން ވަރަށް ބާރަށް " ކައްކަކާކޯ " ގޮވާލި އަޑަށް ދެމީހުންމެ ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ލާނެއް ހިނިގަނޑެއް ޖަހާލަމުން ޒާހިރު ބުނެލިއެވެ. " ކަތްދަ އެސޮރުދެކެ ތިޔަހާ ލޯބިވާކަން އެނގުނުނަމަ އެވަރަކުން އެ، ކަތިލާކަށްވެސް ނޫޅުނީމުސް. " މިހެންބުނެ މުންޑުގަނޑު ނަގައި އަރުވާޖަހަމުން ގެއިން ނިކުމެގެން ގޮސް ތަކުރުފާނު އަތުން މަސްފަލަ ހާލެއް ގަނެގެން އައިސް ކަތިލައި، ދެމަފިރިންވެގެން ބޮޑު ރިހަ ތެއްޔެއް ކައްކައި ނިންމައިފިއެވެ.
(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ