އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (9)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތިމާވެށި


ބިންމާ އިބްރާހީމް ވަޙީދު

24 ޖުލައި(ހޮނިހިރު) އާ ގުޅޭ.....

ހިތްހަމަޖެހިގެން ދިރިއުޅުމަށްޓަކައި، ކާނާ އަކީ ކިހާ މުހިންމު އެއްޗެއްކަން އެންމެންނަށް އެނގެ އެވެ. އެކަމަކު، ކަސްރަތާ މެދު އެހާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. ގިނަ ފަހަރަށް، ކަސްރަތަކީ، ވަގުތު ބޭކާރުވުމުން ކުރާ ކަމަކަށް އޮންނަނީ ވެފަ އެވެ. ކަސްރަތުކުރަން ވަގުތު ހުސްކުރުމަކީ ކުރެވޭވަރުގެ ކަމަކަށްނުވެ އެވެ. ވަގުތު ހުސްކުރެވުމުން ވެސް، އެ ވަގުތުކޮޅުގަ ވެސް ކުރެވެން އުޅެނީ އެހެން ކަމެކެވެ. ރައްޓެއްސަކާ އެކުގައި ކޮފީއަކަށް ދިޔުމެވެ. ނުވަތަ ވަޒީފާއިން ސަލާމަތް ނުވެވުމެވެ. ނިދިއައިސްގެން ޖައްސާލެވުމެވެ.
 އެކަމަކު، ކަސްރަތު ނުކުރެވުމުގެ ސަބަބުން، ބޮޑު ގެއްލުމެއް ހަށިގަނޑަށް ލިބުމުން، ދެން ހުރިހާ ކަމެއް ހުއްޓާލާފައި ކަސްރަތުކުރަން ވަގުތު ހޯދެއެވެ. ސުވާލަކީ، ރަނގަޅު ގޮތަކީ ކޮބައިހެއްޔެވެ؟ ގަދަވެ ސަލާމަތުން ހުއްޓައި ކަސްރަތުކުރުން ހެއްޔެވެ؟ ބަލިވެެގެން އަތެއް ފަޔެއް ނުހެލޭ ވަރު ވުމުން، ފިރުކެމުން ކަސްރަތުކުރުން ހެއްޔެވެ؟ މިއަދު ގޮތެއް ނިންމާށެވެ. މި މަސް ނިމުމުން ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްރަތުކުރަން ފަށަން ލަސްނުކުރާށެވެ. ފަހުން ފަރުވާކުރުމަށް ވުރެ ކުރިން ރައްކާތެރިވުން މާ ބުއްދިވެރި އެވެ. ފަހަރެއްގައި ނާސްތާއެއް ނުކައި ދޫކޮށްލެވުނަސް، ކަސްރަތު ނުކޮށް ދޫކޮށްނުލާށެވެ.
 
މިއަދު ދިވެހިންގެ ގިނަ މީހުން ދިރިއުޅެމުންދަނީ ކުދިކުދި ތަންތަންކޮޅުގަ އެވެ. ބަހައިގެން ލިބުނު ތަންކޮޅު ކުޑަކަމުންނެވެ. ބޮޑު ތަނަކަށް ދައްކަންޖެހޭ ކުލި ބޮޑުވީމަ އެވެ. އާމްދަނީ ހޯދުމަށްޓަކައި، ގެއިން ބައެއް ކުއްޔަށްދޭން މަޖުބޫރުވީމަ އެވެ. އުޒުރު ބައިވަރެވެ. އަނެއްކޮޅުން، ތިމާ ދިރިއުޅޭ ތަނުގައި، ސާފު ވައި ހިނގާނެ ގޮތެއް ނެތެވެ. މީހުން ގިނަ އެވެ. ކައްކަން ޖެހެނީ ވެސް އެ ތަނުގަ އެވެ. ނަތީޖާ އަކަށް ވަނީ، ހިތްހަމަޖެހިގެން އުޅުމަށްޓަކައި އިންސާނާ އަށް ބޭނުންވާ މުހިންމު ކާނާއެއް ކަމުގައިވާ، ސާފު ވައިން ތިމާ މަޙްރޫމުވުމެވެ. އެއީ ކަމެއް ނޫނޭ ހީވެދާނެ އެވެ. އެކަމަކު، އެއީ ކުޑަކަމެއް ނޫނެވެ. ރަނގަޅު ދިރިއުޅުމެއް ލިބޭނީ ރަނގަޅަށް ނޭވާ ލެވިގެންނެވެ. ނޭވާލުމުގެ ރަނގަޅު ވައްޓަފާޅި ދަސްވެފައި ވުމަކީ، ތިމާގެ ކިބައިގައި ހުންނަ ހަކަތަ ދެ ގުނަ ނުވަތަ ތިން ގުނަ އަށް އިތުރުކުރެވިދާނެ ކަމެކެވެ.

ދުނިޔެ އަށް އުފަންވާއިރު، ދިރޭ ކޮންމެ މަޚުލޫޤަކަށް ވެސް ނޭވާލާން އެނގެޔޭ ހިތަށްއަރާފާނެ އެވެ. އާނއެކެވެ. އެއީ، ދިރިހުރުމަށްޓަކައި ފުދޭވަރަށެވެ. އެކަމަކު، އުފަލުގައި ދުވެ، ފުންމާ ވަރަކަށް ނޫނެވެ. ބައެއް މީހުން ނޭވާލަނީ މާ ތިލަކޮށެވެ. އޭގެ ސަބަބުން، ހަށިގަނޑަށް ކުޅަދާނަވާ އެންމެ މަތީ ފަންތިއާ ހަމައަށް ތިމާގެ ހަކަތަ ގެންދާހާ ބުންވަރެއް ނުލިބެއެވެ. ފާހަގަކުރަންވީ ނުކުތާ އަކީ، ވީހާ ވެސް ގިނަ އޮކްސިޖަނެއް އެތެރެކުރެވޭތޯ ބެލުމެވެ. އެ ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ތިމާ އަށް ނޭވާ މި ލެވެނީ، ލާންވީ އެންމެ ފުންކޮށް، ރަނގަޅަށްތޯ، ދުވާލަކު ދޭން ނުވަތަ ތިން ފަހަރު ޗެކު ކުރާށެވެ. އެ ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ބަނޑު ކުޑަކޮށް ފުފޭތޯ ބަލާށެވެ. ފުފޭ ނަމަ، ތިމާ އަށް ނޭވާ އެ ލެވެނީ ބަނޑުންނެވެ. އެއީ ރަނގަޅު ކަމެކެވެ. އެ ކަން ބެލޭނެ ވަރަށް ފަސޭހަގޮތެއް ބުނެދޭނަމެވެ. ފެންފޮދެއް ނަގާއިރު އަތްތިލަ ބަހައްޓާ ގޮތަށް ބަހައްޓާށެވެ. އެ އަތްތިލަ ބަނޑުގައި ޖައްސާށެވެ. ނޭވާ އެތެރެ އަށް ލާއިރު އެ އަތްތިލަ ބޭރަށް ނުކުންނަ ކަމަށް ވަންޏާ، ނޭވާ އެ ލެވެނީ ރަނގަޅަށެވެ.

3. ކެއުންބުއިމުގެ އާދަ

މިއަދު އަހަރުމެންގެ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން، އަވަސްކާނާ ނުވަތަ ތައްޔާރީކާނާ އަކީ ވަރަށް ގާތް އެކުވެރިއެކެވެ. ކުކުޅު މަސް، ގެރި މަސް، ނުވަތަ ތެއްލި އަލުއްވާއި ޕާން، ކުރުކޮށް ބުނާ ނަމަ "ޖަންކް ފުޑް" ނުކައެއް ނޫޅެވޭނޭ ހިތަށްއަރާނެ އެވެ. އެހެންކަމަށް ވާނަމަ، އޭގެން ނުކުންނަ ނަތީޖާ އެހާ ރަނގަޅު ނުވާނެކަން ވެސް ދަންނަންވާނެ އެވެ. ކާނާގެ ފެންވަރު ދެރަވުމުން، ޖިސްމާނީ އަދި ނަފުސާނީ ހަކަތަ ވެސް ހުލިކޮށްލަ އެވެ. ތިމާގެ މިޒާޖަށް އަސަރުފޯރުވައި، ބުއްދީގެ ކުޅަދާނަކަމަށް ހުރަސްއަޅައެވެ. ހަށިގަނޑަށް އެތެރެވާ ކާނާގެ ފެންވަރު ރަނގަޅުވާ ވަރަކަށް، ސިކުނޑި ނުވަތަ ބުއްދީގެ ޤާބިލުކަން ވެސް އިތުރުވެއެވެ.

ތިމާގެ ހަންގަނޑު ރޫޖެހި، މޫނުގައި ހުންނަ ތާޒާކަން ގެއްލެނީ، ތިމާ އުޅެންޖެހޭލެއް ބިޒީކަމުންނޭ ހީވެދާނެ އެވެ. "ބޯ ގާނަންޖެހޭލެއް" ގިނަ ކަމުންނޭ ވެސް ހީވެދާނެ އެވެ. ފިިކުރާއި ހާސްކަން ބޮޑުކަމުން ކަމަށް ޝައްކު ކުރެވިދާނެ އެވެ. އެހެންނަމަވެސް، ތިމާގެ ޒުވާންކަން ނޮޅާލާ މަށަންދައްޗަކީ ތިމާގެ ކާނާ އެވެ. ތާޒާކަމާއި ޒުވާންކަން ހަށިގަނޑަށް ގެންނަން ބޭނުން ނަމަ، "ދިރޭ ކާނާ" ކާށެވެ. މަރުވެފައިވާ ކާނާ ނުކާށެވެ. ސުވާލަކީ، ދިރޭ ކާނާ އަކީ ކޮބައިހެއްޔެވެ؟ ދިރޭ ކާނާ އަކީ، އަތްވާއި، ފެނާއި، ވެއްޔާއި އަދި ވައި މެދުވެރިކޮށް އުފެދޭ ކާނާ އެވެ. ކުރުކޮށް ބުނާ ނަމަ، ތަރުކާރީ އެވެ. ތާޒާ ތަރުކާރީ، މޭވާ އަދި ގޮވާމުން ތަށި ފުރާލާށެވެ. އުމުރު ދިގުވުމަށް އެހީތެރިވާނެ އެވެ. ދާދި ފަހުން ސައިންސްވެރިންގެ ސަމާލުކަމަށް އައި، އުމުރުން އެންމެ ގިނަ ދުވަސްވީ މީހުން، އެންމެ މުރާލިކޮށް ދިރިއުޅޭ އޮކިނާވާއިން މި ސިއްރު ވަނީ ހާމަވެފަ އެވެ. ހަމަ އެހެންމެ، ދުނިޔޭގައި އުފެދުނު އެންމެ ބުންވަރުގަދަ ޖަނަވާރު ކަމުގައިވާ އަހާއި، އެންމެ ބާރުގަދަ އެތާއި، އެންމެ ފައިދާހުރި ކިރު އުފައްދައިދޭ ގެރި އާއި ބަކަރީގެ ކާނާ އަކީ ވެސް އެއީ އެވެ.

މަހަކީ މަރުވެފައިވާ ކާނާ އެވެ. އެހެންނަމަވެސް، ކާން ބޭނުން ނަމަ މަސް ކެވިދާނެ އެވެ. އެއީ މަނާ އެއްޗެއް ނޫނެވެ. ވެގެންވާ ނަމަ، އެއްގަމު މަސް ކެއުން މަދުކުރާށެވެ. އެއްގަމު މަހަކީ، ހަޖަމުކުރަން އެންމެ އުނދަގޫ ބާވަތެވެ. އިންސާނާގެ ހަށިގަނޑުގެ ހަޖަމުގެ ނިޒާމަކީ، ހަކަތަ އެންމެ ގިނައިން ބޭނުންވާ އެއް ނިޒާމެވެ. ތިމާ އަށް ކޮންމެހެން ބޭނުންވާ، މުހިންމު ހަކަތައިގެ ބޮޑު މިންވަރެއް، ހަޖަމުގެ ނިޒާމު "ކާލާނެ" އެވެ. ގެރިމަސް ފޮއްޗެއް ކެއުމަށްފަހު ތިމާގެ ހަކަތަ އަށް އަންނަ ބަދަލާއި، ސެލަޑެއް ކެއުމަށްފަހު އަންނަ ބަދަލު، އަމިއްލަ އަށް އިހުސާސް ކޮށްލާށެވެ. މަސް މުޅިން ދޫކޮށްލަން ބޭނުން ނޫން ނަމަ، ކުޑަމިނުން، ކާ ކޮންމެ ފަހަރަކު، ސެލަޑަކާއި، ކައިނިމިގެން މޭވާ ކާން އާދަކުރާށެވެ. އޭގެ ސަބަބުން އެކަނި ވެސް، ތިމާގެ ޖިސްމާނީ ފެންވަރަށް ބަދަލުތަކެއް އަންނާނެ އެވެ. އަޅެ މަސް ދުވަސް ވަންދެން އަޖުމަބަލަމާ ހިނގާށެވެ.

4. މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރުން

މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ކިޔަވާށެވެ. އެއީ، އަހަރުމެންގެ ކާބަފައިން، އެންމެ ކުރުކޮށް މި ކަން ބުނެދީފައިވާ ގޮތެވެ. އެހެންނަމަވެސް، ވިސްނާށެވެ. ކިޔެވުމަކީ ނުވަތަ ދަސްކުރުމަކީ، ކަންކަން ކުރަން ތިމާ އަށް ޤާބިލުކަން ލިބުމެވެ. އެކަމަކު، އޭގެ ފައިދާކުރާނީ ކިޔެވި އެއްޗެއްގެ ބޭނުުން، އޭގެ އެންމެ ފުރިހަމަ ގޮތުގަ ހިފަން އެނގުނީމަ އެވެ. ކަމެއް ކުރިމަތިވުމުން ތިމާ ކަންތައް ކުރަންވީ ކިހިނެތްކަން، ވަރަށް ގިނަ މީހުންނަށް އެނގޭނެ އެވެ. އެކަމަކު އެ ކަން އެ ގޮތަށް ކުރާކަށް ނުކެރެއެވެ. މައްސަލަ އަކީ، ތިމާ ދަތުރުކުރަންވީ މިސްރާބު އޮޅުންބޮޅުން ވުމާއި، ދަސްވެފައިވާ ޢިލްމު ޢަމަލީގޮތުން ބޭނުން ހިފަން ނޭނގުމެވެ. މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރުމަކީ، ހަޔާތުގެ ދަރިވަރަކަށް ތިމާ ވުމެވެ. އެ ބުނީ ކީކޭ ހެއްޔެވެ؟

ކޮންޕިއުޓަރު ބޭނުންކުރަންޖެހޭލެއް ގިނަކަމުން، ނުވަތަ ބިޒީކަމުން، ކޮންޕިއުޓަރުގެ ބެކަޕެއް ނަގަން ވަގުތެއް ނުވެއޭ ބައެއް މީހުން ބުނާ އަޑު އަހަން ހެއްޔެވެ؟ އެކަމަކު، ކުއްލިއަކަށް ކޮންޕިއުޓަރަށް މައްސަލައެއް ދިމާވެ، ތިމާ ކޮށްފައިވާ އަގުހުރި މަސައްކަތްތައް ގެއްލުމުން، ދެތިން ގަޑިއިރު ހޭދަކޮށްލައިގެން ކުރިން ބެކަޕެއް ނުނެގުނީތީ އެ މީހުން ހިތާމަކުރާނެ އެވެ. މާނަ އަކީ ކޮބައިހެއްޔެވެ؟ ހަޔާތުގައި ތިމާ ކަންކަމަށް އިސްކަންދޭންޖެހޭ ތަރުތީބު ދަނެގަންނާށެވެ. ދުވަހު ތާވަލަކީ، ތިމާގެ ހަތަރެސްފައިގައި ޖެހޭ ހިލިހިލާ އަކަށް ނުހަދާށެވެ. އޭގެ ބަދަލުގައި، މިއަދު ތިމާ އެންމެ އިސްކަމެއް ދޭންވީ ކޮން ކަމަކަށްކަން ވިސްނާށެވެ. ތިމާގެ ދިރިއުޅުމަށްޓަކައި ފަހަށް ރައްކާކުރަން ފަށައި، ތިމާގެ ސިކުނޑި އާއި، ހަށިގަނޑާއި، މިޒާޖު، އޭގެ ސަޠުޙު އަށް ގެންދިޔުމަށް ޢަޒުމްކަނޑައެޅުމުން، ތިމާގެ އެތެރޭގައި ނެއްވަކު ހަރަކާތް ކުރާހެން ހީވާނެ އެވެ.  އެންމެ ރަނގަޅު ނަތީޖާ ނެރުމަށްޓަކައި، އެންމެ ކުރިން ކުރަންވީ ކޮންކަމެއްކަން އެ ނެވި ބުނެދޭހެން ހީވާނެ އެވެ. ނަތީޖާ އަކަށް ވާނީ، ވަގުތާ މެދު ތިމާ ކުރަންޖެހޭ ފިކުރުތައް ކުޑަވެ، ދިރިއުޅުމައިގެން ތިމާ ކުރިއަށް ދާންފެށުމެވެ. ހިތްހަމަޖެހުމާއި އަދި އިތުބާރާ އެކުގަ އެވެ.

މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރުމަކީ ގަހަަކަށް ވާ ނަމަ، އެ ގަހުގެ ގޮތްޕަކީ، ފޮތް ކިޔާ މީހަކަށް ތިމާ ވުމެެވެ. ފޮތްކިޔުމަށްޓަކައި، ދުވާލަކު ވަކި މިންވަރަކަށް ވަގުތު ކަނޑައަޅާށެވެ. ތިރީސް މިނެޓު ފުދޭނެ އެވެ. އޭގެ ސަބަބުން، ހައިރާންކުރަނިވި ރަނގަޅު ބަދަލުތައް ހަޔާތަށް އަންނާނެ އެވެ. އެހެންނަމަވެސް، ފެންނަހާ ފޮތެއް ނުކިޔާށެވެ. ހަނދާން ބަހައްޓާށެވެ. ތިމާގެ ސިކުނޑީގެ ބަގީޗާގައި އިންދަންވާނީ، ވަކި ޚާއްޞަ ވައްތަރުތަކުގެ ގަސްގަހެވެ. ކިޔަންވާނީ، އޭގެން ތިމާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަ ކަހަލަ ފޮތްފޮތެވެ. ލިބޭ ފިލާވަޅާއި، ނަސޭހަތުގެ އެހީގައި، ދެ ދުނިޔެ ތިމާ އަށް ލިބި، އުފާވެރިކަމުން ތިމާގެ ހިތް ފުރި އުތުރިއަރަންވާނެ އެވެ. އިޖުތިމާޢީ އަދަބުތަކާއި، ދުނިޔެ އަށް ތިމާ އައީ ކީއްކުރަންކަމާއި، އެހެން މީހުންގެ އިޙުތިރާމުލިބޭނެ ގޮތްތަކަކީ ކޮބައިކަން ބުނެދީފައިވާ ފޮތްފޮތެވެ.

ކިޔުމުގެ ހައިހޫނުކަން ކިތަންމެ ބޮޑުވިޔަސް، ފޮތް ކިޔުމުގައި ވަކި ކަހަލަ ހުނަރެއް ތިމާގެ ކިބައިގައި ހުންނަންޖެހޭނެ އެވެ. އެ ހުނަރަކީ، ފޮތް ދަނެގަންނަން އެނގުމުގެ ހުނަރެވެ. ބައެއް ފޮތްފޮތަކީ، ހަމައެކަނި "ރަހަބަލަައިލަން" އެކަނި ކަމުދާ ފޮތްފޮތެވެ. "ހަފަން" އެކަނި ކަމުދާ ފޮތް ވެސް ހުންނާނެ އެވެ. އަރުން އެތެރެ އަށް "ދިރުވާލަން" ވާނީ ވަކި ޚާއްޞަ ފޮތްފޮތެވެ. ފޮތުގެ ފައިދާ، އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި، ހަމަ އެކަނި ފޮތް ކިޔުމުގެ ބަދަލުގައި، ފޮތް ދަސްކުރަން ވެސް ޖެހޭނެ އެވެ. ބޮޑު ކަމެއް ތިމާ ނިންމުމަށްޓަކައި ލިޔެފައިވާ އެގްރިމެންޓެއްގައި ސޮއި ކުރުމުގެ ކުރިން އެ އެގްރިމެންޓް ކިޔާ ފަދައިން ފޮތް ކިޔާށެވެ. ނޫނީ ތިމާ ވަރަށް އޮޅުންފިލުވަން ބޭނުންވެފައިވާ ޚަބަރެއް ކިޔާހެން، ހުރިހާ ދިމާލަކަށް ވިސްނަމުން ކިޔާށެވެ. ތިމާ އަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ ޙައްލު، ފޮތްތަކުން ފެންނާނެ އެވެ. ތިމާ އަށް ކުރިން ހެދިފައިވާ ގޯސްތަކާއި، ހެދިދާނެ ގޯސްތައް، އެހެން މީހަކު އޮންނާނީ ހަދާފައި، އޭގެ ޙައްލު ބުނެދީފަ އެވެ. ތިމާ ބޭނުން ވަނީ ކޮން ކަހަލަ މީހަކަށް ވާންހެއްޔެވެ؟ ޒިންމާދާރު ބައްޕައަކަށް ނުވަތަ މަންމައަކަށް، ފިރިއަކަށް ނުވަތަ އަންބަކަށް، ވެރިއަކަށް ނުވަތަ އެދުރަކަށް ވިޔަސް ވެހެވެ. އެ ކަންކަމަށް މަގުފަހިވާނެ ފޮތްތައް ލިޔެފައި ހުންނާނެ އެވެ. ފޮތް ހޯދަންވާނީ، ތިމާގެ ބޭނުންތަކަށް އިސްކަންދީގެންނެވެ. ތިމާ ޝައުޤުވެރިވާ، އެ މީހެއްގެ ދިރިއުޅުމަށް ތިމާ ޤަދަރުކުރާ، އެ މީހެއްގެ ހަރުދަނާކަމާއި ފުރިހަމަކަމުން ތިމާގެ ހިތުގައި، އެ މީހަކަށް މަޤާމެއް ދެވިފައިވާ މީސްމީހުންނާ ބެހޭގޮތުން ލިޔެފައިވާ ފޮތްތައް ކިޔާށެވެ.

ފޮތްކިޔަމުން ގެންދާއިރު، ކޮންމެ ފޮތަކުން ވެސް ތިމާ އަށް ނޭނގޭ އާ ކަންތައްތަކެއް ދަސްވާނެކަމަށް އުންމީދު ނުކުރާށެވެ. ފޮތަކީ، ތިމާގެ ވަށައިގެންވާ، ތިމާގެ އަތްފޯރާފަށުގައި ހުރި ކަންތައްތައް ތިމާ އަށް ހާސިލުކޮށްދިނުމަށް އެހީވާ އެއްޗެކެވެ. ދުނިޔެ އުފެދުނުތާ ކިތަންމެ ޒަމާނެކެވެ. ތިމާ ނުވެސް ދެނަހުރި އާ ކަންތައްތަކެއް ދުނިޔެއަކަށް ނާންނާނެ އެވެ. އަންނަންހުރި ހުރިހާ ކަމެއް ވެސް ވަނީ ލިޔެވިފަ އެވެ. މައްސަލަ އަކީ، އެ ކަންތައްތައް ތިމާ އަށް ނޭނގުމެވެ. ފަހުން ތިމާއާ ބައްދަލުކުރާނެ ކަންތައްތަކާއި، އެ ކަންތައްތަކުން ތިމާ އަށް މަންފާކުރާނެ ގޮތްތަކަކީ ކޮބައިކަން ވަނީ ރޭވިނިމިފަ އެވެ. ނާއުންމީދުން ފުރިފައިވާ މީހުން އަލުން އުންމީދު އާ ކުރަން ބޭނުންކުރަންވީ ފޯރމިއުލާތައް ވެސް ވަނީ ތައްޔާރުކުރެވި، ތަޖުރިބާ ވެސް ކުރެވިފަ އެވެ. ތިމާ އަށް އެ ކަން ނޭނގެނީ އެވެ.

5. އަމިއްލަ ނަފުސް ދެނެގަތުން

ތިމާ އަކީ ކާކުކަން ދަސްކުރުމަކީ، ތިމާގެ ކިބައިގައިވާކަން ކުރިން ނޭނގޭ ކުޅަދާނަކަން ހޭރިޔާކުރަން ދަސްވާ ކަމެކެވެ. ތިމާ އަށް ފޮރުވިފައިވާ ކިތަންމެ ހުނަރެއް ތިމާގެ ކިބައިގައި ހުންނާނެ އެވެ. ކުއްލިއަކަށް އުފެދެނީ ކިތައް ލަވަކިޔުންތެރިން ހެއްޔެވެ؟ ކިތައް ލިޔުންތެރިން ހެއްޔެވެ؟ އަމިއްލަ ނަފުސުގައިވާ ޤާބިލުކަން ދަނެގަންނަން ވަގުތުކޮޅެއް ހޯދުމަކީ، އެ ހުނަރު ފާހަގަކުރަން ފަސޭހަވާ ކަމެކެވެ. ބޭނުންވަނީ ވިސްނާށެވެ. ހިތަށްއަރާފާނެ އެވެ. އެންމެން ވެސް ވިސްނާނެ އެވެ. ނުވިސްނާ މީހަކު އުޅޭނެ ހެއްޔެވެ؟ ގިނަ މީހުން ވިސްނަނީ، ކިރިޔާ ދިރިހުރެވޭ ވަރަށެވެ. އެ ވަރުން ފުއްދާލަނީ އެވެ. އެހެންނަމަވެސް، ބުއްދިވެރިން، ދުވާލުގެ ބުރަ މަސައްކަތަށް ފަހު، ގޭގައި ހަމަޖެހިލައިގެން އިނދެ ވިސްނާނެ އެވެ. ކުރެވުނު މަސައްކަތްތަކާ މެދުގަ އެވެ. އެ މަސައްކަތްތައް ކުރެވުނު ގޮތާ މެދުގަ އެވެ. ތިމާ ކުރަން މަޖުބޫރު ކަންތައްތަކުގެ ތެރެއިން ކުރެވުނީ ކިތައް ކަންތައް ހެއްޔެވެ؟ ކުރަންޖެހޭ ކިތައް ކަންތައް ކުރެވުނު ހެއްޔެވެ؟ ކުރަންވާ ކަންތައްތަކާއި ނުކުރަންވާ ކިތައް ކަންތައް ކުރެވުނު ހެއްޔެވެ؟ މިއަދު ތިމާ އަށް ގޯސްކޮށް ކުރެވުނު ކަންތައްތަކާ މެދުގައި ވިސްނުމުން، އަލުން އެ ކަން ރަނގަޅު ކުރަށް ފުރުޞަތު ލިބޭނެ އެވެ. ވަގުތު ނެތުމުގެ ސަބަބުން ނުވަތަ ފަރުވާކުޑަކުރެވުމުގެ ސަބަބުން، ކުރަންވީ އެންމެ ރަނގަޅަށް ނުކެރުނު ކަންތައް، ދެ ވަނަ ފުރުޞަތެއް ލިބިއްޖެ ނަމަ ދެން ކުރާނީ ކިހިނެތްކަން ނިންމަންވާނެ އެވެ. ކޮންމެ އިންސާނަކަށް ވެސް ކުށް ކުރެވޭނެ އެވެ. ބުއްދިވެރިންނަކީ، އެއް ކުށެއް ތަކުރާރުނުކުރާ މީހުންނެވެ.

މިސާލަކަށް، މިއަދު ތިމާ ކުރި ކަންތައްތަކުގެ ތެރެއިން ހަނދާން ހުރި ކަންކަން ނޯޓުކޮށްލާށެވެ. ވީހާ ވެސް ކުރުކޮށެވެ. މުހިންމު ކަންތައްތަކެވެ. ހެނދުނު ތެދުވީ ހަގަޑި ބައިގަ އެވެ. ފެންވެރުމަށްފަހު، ރީތިވެގެން، މައިލޯތައްޓެއް ބޯލައިގެން ނުކުތީ އޮފީހަށް ދާށެވެ. އަންހެނުންނާއި ދަރިފުޅު އޭރު ތިބީ ނިދާފަ އެވެ. އޮފީހަށް ވަދެވުނީ ހަތްގަޑި ފަނަރަ ހިނގިއިރު އެވެ. އޭރު، ހަތެއްޖަހާއިރު އަހަރެންނާ ބައްދަލުކުރަން އައި މީހާ އިނީ އަހަރެންގެ އިންތިޒާރުގަ އެވެ. ކުޑަކޮށް ހިތްހަމަނުޖެހިފަ އެވެ. އޭނަ ޝަކުވާކުރި އެވެ. އަހަރެން އެކިއެކި ބަހަނާ ދެއްކީމެވެ. އަހަރެން ދެރަވާންވީ ކީއްކުރަން ހެއްޔެވެ؟ ދެން ވެސް ކަންތައްތައް ދިޔައީ ނުބައިން ނުބަޔަށެވެ. ދިހަ މިނެޓު ތެރޭގައި ވެރިޔާއާ ބައްދަލުކުރުމަށް ވެރިޔާ އެންގި އެވެ. ބައްދަލުކުރަން އައި މީހާގެ ކަންތައް އަވަސް އަވަހަށް ނިންމާލާފައި، ވެރިޔާއާ ބައްދަލުކުރަން ދިޔައީމެވެ. ދިޔަތަނާ، ވެރިޔާގެ ސެކްރެޓަރީ އަހަރެން ގަޑި އަށް ފަރުވާތެރިނުވާ ވާހަކަ ދައްކަންފެށި އެވެ. އޭނަޔާ އަރާރުންވެފައި، ވެރިޔާއާ ބައްދަލުކޮށްފައި، އަހަރެންގެ މޭޒުކައިރީގައި އިށީންއިރު، ހަތަރު ފޯންކޯލު ކައްސާލައިގެން ހިނގައްޖެ އެވެ. އެ ހިސާބުން އޮފީހުގެ ކަންތައްތައް ނިމުނީ އެވެ. ދެން އޮތީ ގެ އަށް އައުމެވެ. އަންނަ މަގުމަތީގައި މައިދައިތަ ގެ އަށް ވަދެ، ތެތްލިފަތް ދަޅެއް ގެންނަން އަންހެނުން އޮތީ ބުނެފަ އެވެ.

(ނުނިމޭ)....


އިދާރާ

އެނގޭތަ؟

ވާހަކަ