އަދުގެ ޚާއްސަ

Print

ދިވެހިންގެ އިޖްތިމާޢީ މިނިވަންކަން

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ޝަމީނު ދޮންމަނިކު (2010)

ދިރިއުޅުމުގެ ގޮތްތަކަކީ މުޅި ދުނިޔޭގައިވެސް އެއްބަޔަކު އަނެއްބަޔަކާ ތަފާތު އެއްޗެއްކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަމެވެ. އަދި ބާރުދަގަ ފަރާތްތަކުގެ ގޮތްތަކާ އުސޫލުތައް އެނޫން ފަރާތްތަކުގެ އާދަކާދައާ ޡަޤާފަތްތަކަށް ފަސްއަޅާ ފޮރުވާލާނެކަމާއި، ކުދި ޘަޤާފަތްތަކުގެ އަހުލުވެރިންގެ އިޖްތިމާޢީ މިނިވަންކަން ގެއްލި ބާރުގަދަ ބާރުހުރި އަބާދީތަކުގެ އިޖްތިމާޢީ އަޅުވެތިކަމުގެ ދަށަށް ދާނެކަމީ އަދުގެ ޢިލްމީ ޙަޤީޤަތެއްކަންވެސް މިއަދު، އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ. އާދޭހެވެ. ބަވަނަވުމުގެ އޮއިވަރުގެ ނުރައްކާ ދިވެހި ޘަޤާފަތާއި އާދަކާދައަށްވެސް މިވަނީ ކުރިމަތިވެފައެވެ.
އެހެންކަމުން ދިވެހިންގެ ތެރޭގައިވެސް ހުރި ރީތި ގޮތްތަކާއި ރީތި އާދަކާދަތަކަކީ އަޅުގަނޑުމެންނަށް އެކަންކަން އެނގެންޖެހޭ އަޅުގަނޑުމެންގެ ދުވަހުގެ ދިރިއުޅުމުގެ ބައެއްކަމުގައިވެސް ހެދޭތޯ ބަލަންޖެހޭ ކަންކަންކަން ކަށަވަރެވެ. މިކަން މިހެން ކުރުމަށްޓަކައި ޚުދު އަޅުގަނޑުމެން އެ އާދަކާދަތައް ދަންނަ ބަޔަކުކަމުގައި ވާންޖެހެއެވެ. މިސަބަބުތަކަށްޓަކައި މި މަޒުމޫނުގައި އަޅުގަނޑު ބަލާލާނީ ދިވެހިންގެ ދިވެހިވަންތަކަމުގެ މުހިންމު އަސާސެއް ކަމުގައި ވާ ދިވެހިންގެ ރީތި ބައެއް އާދަކާދައަށެވެ.

އިޖްތިމާޢީ ކުދިބޮޑު މަސައްކަތްތަކުގައި އެއްކޮށް އެއްބައެއްގެ ގޮތުގައި ހަރަކާތްތެރިވެ އުޅުން ދިވެހި ތާރީޚުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އެއްބައިވަންތަކަން ފަދަ ރީތި އިޖްތިމާޢީ އަގުތަކަކީ ޒަމާނުއްސުރެވެސް ދިވެހިން އާދަކާދައިން ހުނިޖަހާލާފައި ނަގާ ދެއްކޭ ކަންކަމެވެ. ރަށުގެ އޮޑިއެއް ބޭލިނަމަވެސް، އެހެލިނަމަވެސް ރަށުގެ އެންމެންކަހަލަ ގޮތަކަށް އަތިރިޔަށް ގޮސް އެތަނުގައި ޢަމަލީ ގޮތުން އެ މަސައްކަތުގައި ޙަރަކާތްތެރިވެއެވެ. މާލޫދުމާލުދަށް ތައްޔާރުވަމުންދާއިރު ފިރިހެންވެރިން އެއްކޮށްނިކުމެ ހަރުގެ އެޅުމުގައި އުޅޭނެއެވެ. އަންހެނުން އެކީގައި ވަލަށް ގޮސް ދަރުކޮށާ އުނބުގެތައް ފުރާލައެވެ. މާލޫދުގެ ކޭންތައް ކެއްކުމަކީ ވެސް ދިވެހި އަންހެންވެރިން ޖަމާޢީ ގޮތެއްގައި ކުރަމުންއައި އިޖްތިމާޢީ އެއްބައިވަންތަކަމުގެ ރީތި ނަމޫނާ މަސައްކަތެކެވެ. ރަށުގެ އާންމު ބިންތައް ކުނިކަހާ ސާފުކުރުމުގައިވެސް އިހު މިދެންނެވި އެއްބައިވަންތަކަން ފެނިގެންދެއެވެ.

އަޅުގަނޑުމެންގެ ކާބަފައިންނަކީ ދީނަށް ލޯބިކުރި، ދީނީ ކަންކަމާ މުނާސަބަތުތަކަށް ބޮޑު އަހައްމިއްޔަތުކަމެއް ދިން ބައެއްކަން ފާހަގަ ވެގެންދާނެއެވެ. ފަތިހާތެދުވެ ފިރިހެންވެރިން އޮޑިތަކަށް އެރުމުގެ ކުރިން، އަންހެންވެރިން ގޭތެރޭގެ މަސައްކަތްތަކަށް ނުކުތުމުގެކުރިން،ފަތިހުފަތިހާ ކުދިންހޭލައްވާ ފަތިސްނަމާދުން ދުވަސް ފެށުމަކީ އެމީހުންގެ އާދައެކެވެ. އިރުއޮއްސި އަނދިރިޖެހިގެން އަންނައިރު ގޭތެރެއިން ދެނަމާދުދޭތެރޭގައި ކުޑަކުދިންތައް ހަރުއަޑުން ޤުރުއާން ކިޔަވާއަޑު އިވޭނެއެވެ. މިއީ ދިވެހި މައިންބަފައިންގެ އަތްމަތިން ވާރުތަވަމުން އައިސްފައިވާ ދީނީ ތަރުބިއްޔަތުގެ ލާމަސީލު ނަމޫނާއެކެވެ. ހުކުރުދުވަހު ހެނދުނު ދަމަކަށް އިރުނާރަނީސް ގޯތިތަކާއި ޚާއްޞަކޮށް މަގުތައް ކުނިކެހެއެވެ. އެދުވަހުގެ މާތްކަމާއި ބަރަކާތަށް މުޅިރަށް ތައްޔާރުވާ ފަދައެވެ. ދީނީ ޢިލްމާ ދީނީ ޢިލްމުވެރިންނަކީ އެމީހުންގެ ތެރޭގައި ޤަދަރު އުފުލިގެންވާ ކަންކަމާއި ފަރާތްތަކެވެ. މަގުމަތިން ހިނގާފައި އަންނަ މިސްކިތު މުދިމަށްވެސް ، ކުޑަކުދިންނާ ޒުވާނުންވެސް އިޙްތިރާމާއެކު މަގުން ތަންދައްކާ އެ މީހަކު ދަންދެން މަގުގެ އެއްފަރާތެއްގައި މަޑުކޮށްލަން ދިވެހި ކާބަފައިންވަނީ އޭރުގެ ބޮޑުވެގެން އައިޖީލަށް ދަސްކޮށްދީފަ އެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގެދޮރު މަރާމާތުކޮށް ގޭތެރެއަށް ދޮންވެލިލާ ބަދިގެ ރީތިކޮށް އެނދު އަށި ފަދަ އެއްޗެހި އަވީލާ ހަދައެވެ. ރޯދަމަހުގެ އަޅުކަމުގެ ތަފާތުކަމަށްޓަކައި އެމަހަށް ދިވެހިން  ދީފައިވާ އަހައްމިއްޔަތުވެސް ބޮޑުކަމުގައި ދިވެހިތާރީޚުން އެނގެއެވެ.

ދިވެހިކާބަފައިންނަކީ މެހުމާނުންނަށް ކަމޭހިތާ މެހުމާން ދާރީ އަދާކުރުމުގައި ފުރިހަމަ ނަމޫނާއެކެވެ. އޭރުގެ ހާލަތު ނިޔާކުރާ ގޮތުން އޮންނަނީ ރަށްރަށުގެ ފަޅުފުންކުރެވިފައެއްނޫނެވެ. މިހާރު މިގެންގުޅޭ ދަތުރުފަތުރުގެ އާލާތްތަކެއް ވެސް ނުހުރެއެވެ. ރަށަކަށް ބީރައްޓެހި ނަވެއް، އޮޑިއެއް ނުވަތަ ބައްތެއްޔެއް އަތުވެއްޖެނަމަވެސް އެ އޮޑިއެއް ރަށަށް ކައިރިކުރެވޭނެ މަގެއް ދައްކައިދީ މެހުމާނުންގެ ގޮތުގައި އެބަޔަކު ރަށަށް އެރުވުމަށް އެރަށެއްގެ ފިރިހެނުން ބިލެތާއި ކުރުނބާ ހިފައިގެން އެ އޮޑިދޮށަށް ދިއުމަކީ އެބައިމީހުންގެ މެދުގައިވާ އާދަތަކުގެ ތެރެއިން ކަމެކެވެ. އެ ހަދިޔާ ހިފިމީހަކު އެއީ އެ ހަދިޔާ ދިން މީހާގެ ގެޔަށް ވިޔަފާރިމުދާ ހިފައިގެން ފައިބާ މީހާއެވެ. އެހިސާބުން ދަތުރުވެރިޔާ ރަށުގައި ހުރުމުގެ ހުރިހާކަމެއް އެ ހަމަޖެހުނީއެވެ. ފޭބުމަށްފަހު އެ މީހަކީ އެ ގޭގެ ތިމާގެ މީހެއްފަދަ މީހެކެވެ. އެ މީހަކު މުދާބޭލި ގެޔެއްގައި އިންނަ އަންހެނަކު އެ މީހަކު ފުރަން ވަންދެން ޚިދުމަތް ކޮށްދީ ދަތުރަށް ކާބޯތަކެތި ހަދައިދީ ހަދައެވެ. ދަތުރުވެރިންގެ ތެރޭ އަންހެނުން ތިބިނަމަ އެ ބަޔަކު އެގެންދެވޭގެއެއްގެ އަންހެނުންނެކޭ އެއްފަދައިން އެ މީހުން ނިދާތަނެއްގައި ނިންދުވައެވެ. ރަށުބަޔަކާ ބީރައްޓެހިންނަކާ ކުޑަތަފާތެއްވެސް ނެތެވެ. މި މެހުމާންދާރީގެ އަސަރު، އެބަޔަކު އައި މުހުތާދެއްފުއްދައިގެން ފުރައިގެން ދާން ވަންދެން ވެސް ދެމި އޮވެއެވެ.

ދިވެހިންނަކީ ހީވާގި މަސައްކަތްތެރި މަސައްކަތަށް ފަރުވާތެރި ހުނަރުވެރި ބައެއްކަންވެސް ދިވެހި ކާބަފައިންގެ ދިރިއުޅުމުން ފެނިގެންދެއެވެ. މަސްވެރިކަމުގެތެރޭގައި މާކެޔޮޅުކަމުގެ އިތުރަށް ފަރުމަހުގެ މަސްވެރިކަންވެސް ކުރަމުންދިޔަ އެވެ. ދިވެހި ކާބަފައިން މިމަސައްކަތުގައިވެސް ބޭނުންކުރެވޭ ހުރިހާ ސާމާނެއްހެންވެސް އުފައްދާފައިވަނީ ދިވެހި ވެށިން ލިބެންހުރި ބާވަތްތަކުން ދިވެހި އަތްތަކުންނެވެ. މިއާއެކު ދިވެހިންގެ ކާބަފައިންގެ ތެރެއިން ދެމިގެން މިއަދާހަމައަށްވެސް އައިސްފައިވާ ދޮށީގެ މަސްވެރިކަން ފާހަގަކޮށްލަންޖެހެއެވެ. ކިއްސަރުވަޑާމުގެ ކަވިކަމާއި، ތެދުއުއިޑާމުގެ އޮމާންކަމާއި، ގަލުވަޑާމުގެ އުނދަގޫ ބުރަ މަސައްކަތަކީވެސް .ދިވެހިންގެ އާދަކާދައިގެތެރެއިން ފާހަގަ ވާންހުރި ކަންކަމެވެ. އޭރުގެ ދިވެހިން ކަނބުރުވެރިކަމާ ތިލޭރުކަމާއި ލިޔެލާޖެހުމުގެ މަސައްކަތް ކުރިއެވެ. ފޭރާންކުރިއެވެ. ރޯނުވަށައި ފަންގިވިނެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ އެވޭލާ ދިވެހިންގެ އާދަކާދަ ބުނެދެނީ ދިވެހިން އޭރު ދިރިއުޅުނީ އެމީހުންކުރާ މަސައްކަތުން އަމިއްލަވަންތަ ފުއްދުންތެރި މަސައްކަތްތެރި ދިރިއުޅުމެކެވެ.

އިހުއުޅުނު ދިވެހި ކާބަފައިންގެ ފުށުން މިނޫންވެސް އެތަކެއް ރީތި އުޅުންތެރި އިޖްތިމާޢީ ސިފަތައްފެންނަން އެބަހުއްޓެވެ. ނަމަވެސް ހިތާމަޔަކީ މިއަދު ދިވެހިންގެ ތެރެއިން، އެމީހުން ދުވަހުގެ ދިރިއުޅުމުން އިހުއުޅުނު ދިވެހިންގެ ކިބައިގައި ހުރިމިފަދަ ރީތި އާދަތައް ފެންނަން ނެތުމެވެ. ޓެކްނޮލޮޖީ ކުރިއެރުން ނުވަތަ އެކަންކަމަކާމެދު ދެކޭގޮތް ބަދަލުވުން ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތައްފަދަ ބަހަނާތައް އަޅުގަނޑުމެނަށް ކުރިމަތިކުރެވިދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އަޅުގަނޑުމެނަށް އެ ރީތި އާދަތަކަށް ދޭންވީ ސަމާލުކަން ކުޑަކޮށްލެވުމެވެ. ޒަމާނާ ތަނަށް އަދި ބަދަލާއެކު އޭރުގެ ރީތި އާދަތަށް ވެސް ބަދަލުކޮށްލެވުނީއެވެ. ދިވެހިންގެ ގޮތް ދެރައޭހީވެ ދިވެހިނޫން ގޮތްތަކަށް އަޅުގަނޑުމެންގެ ދިރިއުޅުމުން ޖާގަދެވުމެވެ. ކަންމިހެން އޮތުމާއެކު އަޅުގަނޑުމެންގެ އާދަކާދަ ދެމެހެއްޓުމަށް ބޭނުންވާނަމަ ޚުދު އަޅުގަނޑުމެން މީ އެ އާދަތަކުގެ އަހުލުވެރިންކަމުގައި ވާންއެބަޖެހެއެވެ. ޒަމާނާ ފިކުރާ ޙާލަތަށް ބަދަލު އައިނަމަވެސް އެރީތި އުސޫލުތަކާ ހަމަތަކުން އަޅުގަނޑުމެން އަތް ފިރުކައިލައިގެން ނުވާނެއެވެ. އަޅުގަނޑުމެން، ދިވެހިންގެ އިޖްތިމާޢީ މިނިވަންކަމަށްޓަކައެވެ. ދިވެހިންގެ އިޖްތިމާޢީ އިސްތިޤްލާލަށްޓަކައެވެ.

(ނިމުނީ)

މަސްދަރުތައް:
އާދަމް ނަސީރު އިބްރާހިމް / ގިރިޓީގެ އއ. ތޮއްޑޫ.
މޫސާ ޢަލީ، ދިވެހިންގެ އާދަކާދަ، ISBN99915-812-2-7

އިދާރާ

އެނގޭތަ؟

ވާހަކަ