އަދުގެ ޚާއްސަ

Print

ބަރުބާދުވީ ލޯބީގެ ދުނިޔެ (2)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


ތާނަކުރީ: މުޙަންމަދު ޝާހިދު ޙަލީމް (1987)

އެ ކުދީންތައް ދިޔުމުން އެ މީހުން ކޮޓަރިއަށް ވަދެއްޖެއެވެ. ފަރީ ތެޅިތެޅި އޮތް ހިތަކާއެކު ޖަމާލު ވާހަކަ ފެށުމަށް އިންތިޒާރުކުރަމުން ގެންދިޔައެވެ. އެއީ އޭރުން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލުމަށެވެ. އެކަމަކު އެ ކޮޅުން ފެށުމެއް ނައެވެ. ހީވަނީ ޖަމާލުގެ ސިކުނޑީގައި ވަރުގަދަ އަރާރުމެއް ހިނގަނީ ހެންނެވެ. އެހެންކަމުގައި ވީނަމަވެސް އޭނާ ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އޭނާ އައީ އެ ރޭ އެ ގޭގައި ހުންނަން ކަނޑައަޅައިގެންނެވެ. އެކަމަކު މިހާރު އޭނާގެ ހިތް އެދެނީ މި އަންހެން ކުއްޖާއަށް ސަޒާ ދޭށެވެ. ރީތިކަމާއި ބޮޑާކަމުގެ ސަޒާއެވެ. އޭނާއަށް އިންތިޒާރުކުރުމުގެ ބަދަލުގައި ފަރީ އިނީ ރައްޓެހި ކުދީންނާ އެކު ހީނ މަޖާކުރާށެވެ. ނުރުހުންވުމުގެ ބަދަލުގައި ޒީނަތްތެރިވެގެންނެވެ. އޭނާގެ ހިތަށްއެރިއެވެ. އަހަރެން އިއްޔެ ނައީމާ ވެސް އެ ކަމާ ފަރުވާލެއް ނެތެވެ. އޭނާ އެ ހީކުރަނީ އަހަރެން މިހިރީ އޭނާ އަގުދޭން ނުޖެހޭ އަޅަކަށް ވެފައި ކަމަށެވެ. ދަގަނޑު ހެން ދަގަތްފާނާ ދިމާއަށް ދަމައިފައި ގެންނާނެ ކަމަށެވެ... އަދި...

"އިއްޔެ ކަލާ ނުދުރުވީ ކީއްވެގެން؟" ފަރީ މަޑުމަޑު އިނގިލިތަކުން އޭނާގެ މޫނުގައި ބީހިލައިފައި އެހުމުން އޭނާ ސިހިއްޖެއެވެ. ވަސްވާހުން ފުރިފައިވާ ކަޅި އުފުލައިލައިފައި ފަރީގެ މޫނަށް ބަލައިލިއެވެ. އާރޯތާޒާ، ރީތި، ތެދުވެރި މޫނެކެވެ. އޭނާ ބެހިއްޖެއެވެ.

އިއްޔެގެ ޝަކުވާ އެ ދެމެދުގައި އޮތް ގޮތަށް އޮވެއްޖެއެވެ. ހިތް އަމިއްލައަށް ސާފުވެއްޖެއެވެ.

"ކަލާ މި ރޭ މަޑުކުރައްވާނީ، އެހެންނޫންތޯ؟"

"ނޫން." އެތައް އިރަކު ވިސްނުމަށް ފަހު ޖަމާލު ޖަވާބުދިނެވެ. އެހެން ބުނި ނަމަވެސް އޭނާ އެ ގެއިން ދާ ހިތެއް ނެތެވެ. މި ރީތި އަންހެން ކުއްޖާ ވަނީ އޭނާގެ ފައިގެ ކަސްތޮޅަށް ވެފައެވެ--- އެކަމަކު އޭނާ ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. "ވަރަށް ބޮޑު ކަމެއް ކުރަން ޖެހިފަ އެބައޮތް. މިރޭ މަޑުކުރެވޭކަށް ނެތް."

ފަރީގެ ހިތް ގެނބިއްޖެއެވެ. ވަޞްލުގެ ރޭގަނޑަށް ވުރެ މުހިންމު ކަމެއް އޮވެދާނެ ހެއްޔެވެ. ރޮއިގެންފައި ބުނާން އޭނާގެ ހިތަށްއެރިއެވެ. ޖަމާލެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ނުދާށެވެ. މި ރޭތައް އުޖާލާކޮށްދޭށެވެ. އަހަރެންނަށް ކަލެޔާ ނުލައި އެންމެ ސިކުންތަކު ވެސް ނުނިދޭނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ... އެކަމަކު މި ހުރިހައި ވާހަކައެއް ދައްކާކަށް އޭނާގެ ހިތްވަރެއް ނެތެވެ.

އޭނާ އަޑުއަހައިފައި އޮންނަ ގޮތުން ފިރިމީހާގެ ކޮންމެ ވާހަކައެއް ގަބޫލުކުރާން ޖެހޭނެއެވެ. ފިރިމީހާއާ މެދު ޝައްކުގެ ލޮލުން ބަލައިގެން ނުވާނެއެވެ. --- މި ކައިވެނީގެ ރޭތަކުގެ މައްޗަށް ގަދަވެގަންނަ ފަދަ ކަމެއް އޮތީ ކަމަށް ވެދާނެއެވެ... އެހެން ނޫނީ ކެތްކުރެވޭނީ ކާކަށް ހެއްޔެވެ.

ޖަމާލު ހިނގައްޖެއެވެ. އެ ދިޔަ ގޮތަށް ދެން އައީ އޭނާ ބަލައެވެ. އޭނާގެ ވިސްނުމަށް ނުރަނގަޅު އެއްޗެއް ވަނުމުގެ ހުއްދަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަނެއްކާ ޖަމާލުގެ ލޯތްބަކަށް އެއްވެސް ތަފާތެއް ނާދެއެވެ. ހަމައެކަނި ތަންކޮޅެއް އެކަހެރިކޮށް އުޅޭ ހެން ހީވާ ކަމެވެ.
 
* * *

އެއް މަސްދުވަހަށް ފަހު އޭނާ ޖަމާލާ އެކު އެނބުރި އަތުވެއްޖެއެވެ. އޭނާގެ ކޮޓަރީގައި އޮވެގެން ޖަމާލު ގާތު ބުނާން ސިކުނޑީގައި އެއްކޮށްގެން ގެންދިޔަ ހުރިހައި ވާހަކައެއް ވެސް އަނބުރާ ހިފައިގެންނެވެ. އޭނާގެ ކުޑައިރުގެ ވާހަކަތަކެވެ. މަންމައާ ބެހޭ ވާހަކަތަކެވެ. ބައްޕައާ ބެހޭ ވާހަކަތަކެވެ. ބައްޕަ ނިޔާވުމަށް ފަހު ގޭގެ ހާލަތު ދަށަށް ދާން ފެށުމުން މަންމަ ދެވަނަ ފަހަރަށް މެޑިކަލް ކޮލެޖަށް ވަން ވާހަކައެވެ. ޑޮކްޓަރުކަމުގެ ކޯސް ފުރިހަމަކުރުމަށް ފަހު ކުލިނިކެއް ހުޅުވި ވާހަކައެވެ. ދުވާލު ވަޒީފާ އަދާކުރަމުން ރޭގަނޑު ކުލިނިކު ހިންގަމުން ހުރިހައި ކުދީންނަށް ރަނގަޅު އިސްކޫލުތަކުންނާއި ރަނގަޅު ކޮލެޖުތަކުން ކިޔަވައިދިން ވާހަކައެވެ. ދެ ދައްތަގެ ކައިވެނި ނުލާހިކު ފުރިހަމަކަމާ އެކު ކޮށްދިން ވާހަކައެވެ. ޚުދު އޭނާ ވެސް އުޅުނީ އެމް.އޭ. ނަގާން ކަމަށާއި އެކަމަކު އެއް ދުވަހަކު ޖަމާލުގެ ދައްތަ އޭނާ ދެކޭން އައި ވާހަކައެވެ. ޖަމާލުގެ ދައްތަ ނޫނަސް އެހެން ވެސް ކިތަންމެ ބަޔަކު އައި ވާހަކައާއި ކިތަންމެ ކައިވެންޏަކާއި ކިތަންމެ ފޮޓޯއެއް ހުށަހެޅުނު ވާހަކައެވެ. އެކަމަކު އޭނާ އަށް ޖަމާލުގެ ދައްތައާ ރުހެވުނު ވާހަކައާއި އެ ކަހަލަ ހިތްދަމައިގަންނަ ސިފަ އޭނާއަށް ރީތި ވާހަކައެވެ. ފިރިހެން ކޮއްކޮ ދައްތަޔާ އެއްސިފަވެއްޖެ ނަމަ އޭނާގެ ހިތުގެ އެދުން ފުދޭނެޔޭ ހިތަށްއެރި ވާހަކައެވެ.

އޭނާ ނިންމައިގެން ހުރީ މިހައި ހިސާބުން ހުއްޓައިލާށެވެ. އޭރުން ޖަމާލު އޭނާ ފެނުނު އިރު ސިފަ ކިހިނެއްތޯ ތަކުރާރުކޮށް އަހާނެއެވެ. ދެން އޭނާ ޖަމާލު ވަރަށް ތަޅުވައިލާނެއެވެ. އެއަށް ފަހު ބުނާނީ--- ދައްތައަށް ވުރެ ޖަމާލު މާ ރީތިވެފައި މާ ރަނގަޅުވެފައި މާ ލޯބިކަމަށެވެ.

އެކަމަކު އޭނާއަށް އެ ގޮތަށް ބުނާން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. ބުނާނީ އެ ގޮތަކަށް ނޫނެވެ.--- ބުނާނީ ޙަޤީޤަތުގައި ވެސް ޖަމާލަކީ އޭނާގެ ހިތުގެ އަލިކަން ކަމަށާއި ހަށިގަނޑުގެ ފަޚުރުކަމުގައި ވެއްޖެ ކަން ޖަމާލަށް ޔަގީންކުރެވޭނޭ ގޮތަކަށެވެ. އެކަމަކު ހުރިހައި ވާހަކައެއް ހިތުގައި ހުރި ގޮތަށް ހުރީއެވެ. އަނެއް ކޮޅުން ފިރިމީހާގެ ގޭގައި އިނީ ހަމައެކަނި ދައްތައެވެ. އޭނާ އައުމާ އެކު ގޭގެ ހުރިހައި ކަމެއް އޭނާއާ ޙަވާލުކޮށްފައި ދައްތަ ކުވޭތަށް ހިނގައްޖެއެވެ. ދައްތަ ކުވޭތުގައި އިންނަތާ ދެ އަހަރު ވެއްޖެއެވެ. ދައްތަ އައީ ހަމައެކަނި ކޮއްކޮގެ ކައިވެނިކޮށްދޭށެވެ.--- އޭނާގެ ދިރިއުޅުމުގެ އާ ދައުރެއް ފެށުނީއެވެ.

އަމިއްލަގެ... އެއީ ކޮންމެ އަންހެން ކުއްޖެއްގެ ވެސް އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ހުވަފެނެވެ. މިހާރު އޭނާއަށް އެ ޖެހުނީ އެ ގެ ހުރިހައި ގޮތަކުން ޒީނަތްތެރިކޮށް ފުރިހަމަކުރާށެވެ. ސުވަރުގެއަކަށް ހަދާށެވެ.

ހުރިހައި އަންހެން ކުދީންނެކޭ އެއްފަދައިން އޭނާއަށް ވެސް ގެވެހިކަމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައެއް ނެތެވެ. މަންމަގެ ގޭގައި ބައެއް ކަންކަން ބެލެހެއްޓުމާއި ދޭތެރެއަކުން ބަދިގެއަށް ވަދެ މީރު އެއްޗެއް ކައްކައިލުން އެއީ އަދި އެހެން ކަމެކެވެ. ބޮޑު ގެއެއްގެ ހުރިހައި ޒިންމާއެއް އުފުލުމަކީ އަދި އެހެން ކަމެކެވެ. އޭނާއަށް ލޮނާއި މިރުސް ހިސާބުކުރާން ވެސް ނޭނގެއެވެ. އޭނާ އަދި ބޭނުމީ އަލަތުއަތްނބެއްގެ ގޮތުގައި އިންނާށެވެ. ޖަމާލުގެ ފިރުމުންތަކުން ނިންދަވައި ޖަވާލުގެ ސިއްރު ވާހަކަތަކުން ހޭލައްވާށެވެ. އެކަމަކު އެހެނެއް ނުވިއެވެ.

ޖަމާލު ހިސާބަކަށް ހަރުކަށި ރާގެއްގައި އަންގައިދިނީ އޭނާ، ފަރީ ދެކެން ބޭނުން ވަނީ ފުރިހަމަ ގެވެހި އަންހެނެއްގެ ސިފައިގައި ކަމެވެ. އޭނާ ނޯކަރުންނާއި، ހޮޓާހޮޓަލުގެ އެހީގައި ފުދޭހައި ދުވަހު އުޅެފިކަމަށާއި މިހާރު އޭނާ ބޭނުންވަނީ ފަތިހުފަތިހާ އެނދުގައި އޮތްވައި ބެޑްޓީ ލިބެންކަމަށާއި، އޭނާގެ ކެއުން ޚުދު ފަރީ ކެއްކުން ކަމަށް ބުންޏެވެ. މި ކަންކަން ނޭނގޭ ނަމަވެސް، ގޭތެރޭގެ ކަންތައްތައް ކޮށް ބަލަހައްޓައި ހިންގާނޭ ގޮތް ދަސްކުރާށާއި އެންމެ ކުދިކުދި އެއްޗެއްސާ ދޭތެރޭގައި ވެސް ޚިޔާލު ބަހައްޓާން އެންގިއެވެ.

ޖަމާލުގެ ރާގުގައި ހަރުކަށިކަމާއި ނުރުހުންތެރިކަން އެކުލެވިފައި ހުރި ނަމަވެސް ފަރީ އެ ކަމަކާ ނުރުހުމެއް ނުވެއެވެ. މިއީ އޭނާގެ ގެކަމުގެ ތަޞައްވުރު، އޭނާގެ އަމިއްލަ ގެކަމުގެ ތަޞައްވުރު އެއީ ކިހައި އުފާވެރި ތަޞައްވުރެއް ހެއްޔެވެ. --- މިހާރު ދެން އެހެން މީހަކަށް އެ ގޭގެ ކަންތައްތަކަކާ ނުބެހެވޭނެއެވެ. އެ ގޭގައި އުޅޭނީ އޭނާއެވެ. ދެން ޖަމާލެވެ.

އޭނާގެ ނާޒުކު ހަށިގަނޑަށް ތަޙައްމަލު ނުކުރެވޭ ފަދަ އެ ބުރަ މަސައްކަތްތައް އޭނާ އުފަލާ އެކު ސަމާލުކޮށްފިއެވެ.

ވަރުބަލިކޮށްލާ ރޭގަނޑެއްގެ ޞިރާޠުމަގު ކަޑައްތުކޮށްލުމަށް ފަހު ފަތިހު ފަހެއް ޖަހާ އިރު އޭނާ ތެދުވާ އިރު، ޖަމާލު ދެފައި ދަމަދަމައިފައި ނިދާން އޮންނަ ތަން ފެނުމުން އޭނާ ގާތަށް ރުޅިއާދެއެވެ. އެ ވަގުތު ޖަމާލަކީ ވަރަށް ރަޙުމެއް ނެތް މީހެއްކަމުގައި އޭނާ ދެކެއެވެ. ބަދިގެއަށް ގޮސް ސައިހަދައިގެން ތަބަކުގައި ބަހައްޓައިގެން ހިނިތުންވަމުން ޖަމާލަށް ގޮވާން އާދެއެވެ. ކޮންމެ ދުވަހަކު ފަތިހު ޖަމާލު އޭނާގެ އިސްތަށިގަނޑުގައި ފިރުމައިގެން ނުވަތަ ހީލިކޮއްޓައިލައިގެން އޭނާއަށް ގޮވާންވީ ފަދައިންނެވެ. އެތަކެއް ފަހަރު ގޮވުމުން އެތައް ކަމެއް ދެއްކުމަށް ފަހު ޖަމާލު ތެދުވުމުން ދުވެފައި ގޮސް ކޯދޮންނާނެ ފެން ގެނެއެވެ. ޖަމާލު ސައިބޮއި ނިމެން ވާ އިރަށް ފެން ހޫނުކޮށްގެން ގެންގޮސް ފެންވަރާކޮޓަރީގައި ބަހައްޓައެވެ. ޖަމާލު ފެންވަރާން ވަނުމުން އަވަސްއަވަހަށް ނާސްތާ ތައްޔާރުކުރުމަށް ފަށައިގަނެއެވެ. ޖަމާލު ތައްޔާރުވެގެން އަންނާން ވާ އިރަށް މޭޒުމައްޗަށް ނާސްތާ ތައްޔާރުކުރެއެވެ. އެ ތަނުގައި އިނދެގެން ދެތިން ވާހަކައެއް ބުނެލައެވެ. އެއަށްފަހު ޖަމާލު އޭނާގެ ކުޑަ ކާރަށް އަރައިގެން އޮފީހަށް ހިނގައިދެއެވެ. އަދި ފަރީ ކޮންމެ ދުވަހެއްގެ މަސައްކަތައިގެން މަޝްޣޫލުވެދެއެވެ.

މުޅި ގެ ކުނިކަހައި ފޮޅައި ސާފުކުރެއެވެ. ނިދާކޮޓަރި އަލުން ޒީނަތްތެރިކުރެއެވެ. ބާޒާރުން ގަންނާންވީ ތަކެތި ގަނުވައެވެ. ކައްކައެވެ. އެއަށްފަހު ހަވީރު ނަލަހެދިގެން ޖަމާލަށް އިންތިޒާރުކުރެއެވެ. ފެންނަ ފެނުމުގައި އޭނާ ޖަމާލު ރުހޭ ގޮތަށް އޭނާ ހާނައިލައިފިއެވެ. ހަވީރު ޖަމާލު އޭނާ ބޭރަށް ގެންގޮސްފި ނަމަ ބޭރަށް ދެއެވެ. އެހެން ނޫނީ އޭނާގެ ހަވީރުތަކަކީ ބޭރަށް ޖައްސާލުމަކާ ނުލައި އުފާވެރިކަން ލިއްބައިދޭ ހަވީރުތަކެކެވެ. ބައެއް ފަހަރުފަހަރަށް ޖަމާލު ކުއްލިއަކަށް އޭނާގެ ގޮތް ބަދަލުކޮށްލާ ކަމަށާއި އޭނާގެ ރާގުގައި ނިކަމެތިކޮށްލުމުގެ ގޮތް އެކުލެވޭކަމަށް ފަރީއަށް އިޙްސާސްކުރެވެއެވެ. އެ ކަހަލަ ވަގުތު ޖަމާލަކީ ވަރަށް އަނިޔާވެރި ފާޑުގެ މީހެއް ކަމަށް އޭނާއަށް ހީކުރެވެއެވެ. ބައެއް ފަހަރުފަހަރަށް  ވަރަށް ދަށް ފެންވަރުގެ ޖުމުލަ ޖުމުލަ ބޭނުންކޮށްލައެވެ. އެތަކެއް ގަޑިއިރު ވާންދެން ފަރީ ގަނޑުވެފައި އިންނާން ޖެހޭ ވަރުގެ ވިހަ ގަދަ މަލާމާތް ރައްދުކުރެއެވެ. އެކަމަކު ދެން ހީވަނީ އޭނާގެ ކުށް އޭނާއަށް އިޙްސާސްކުރެވޭ ހެންނެވެ. މާ ގިނަ އިރު ވަންދެން ނުރުހިފައި ހުރުމަކީ އޭނާގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ.

ނުރުހުމުގެ ވާހަކަތައް ވެސް ގިނަގިނައިން ދެކެވެން ފަށައިފިއެވެ. އޭނާއަށް ކިތަންމެ ކުޑަކުޑަ ކުށެއް ކުރެވުނަސް ޖަމާލު އެ ކަން ފާހަގަކުރެއެވެ. އެތައް ދުވަހެއް ވާންދެން އޭނާއަށް މަލާމާތްކުރެއެވެ. އޭނާ ވަރަށް ބޮޑަށް ޙައިރާންވެއެވެ. މިއީ މަލާމާތްކުރުމުގެ ކޮން ފާޑެއް ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އޭނާއަކީ މަލާއިކަތެއް ނޫންކަން ޔަގީނެވެ. ގޭގެ ކަންތައްތައް ހަމަޖެއްސުމުގައި ވެސް އޭނާއަށް ތަޖުރިބާއެއް ލިބިފައި ނެތް ކަން އެއީ ވެސް ތެދެކެވެ. މެނޫ ތައްޔާރުކުރުމުގައި ނުވަތަ ކާތަކެތި ކެއްކުމުގައި ގޯހެއް ހެދޭ ގޮތް ވުމަކީ ވެދާނެ ކަމެކެވެ. އަނެއްކާ ޖަމާލުގެ ރުހުމާއި ނުރުހުން ދެނެގަންނާން ވެސް ވަގުތު ބޭނުންވާނެއެވެ. އެހެން ކަން އޮތްވައި އޭނާއަކީ އެއްވެސް ފާޑުވެރިކަމެއް ނެތް ގޮތެއް ނެތް އަންހެނެއްކަމަށް ސާބިތުކުރާން ކިހައި ވަރަކަށް އެބަ އުޅޭ ހެއްޔެވެ. އަނެއްކާ އެއީ ކިޔަވައިގެން ތިބޭ މީހުން ވާހަކަދައްކާ ބަހުރުވައެއް ނޫނެވެ. ފަރީއަކީ ވާހަކަ މަދު އަވަހަށް އަސަރުކުރާ ކުއްޖެކެވެ. އެ ވާހަކަތަކުގެ އަސަރު އޭނާއަށް ފޯރައެވެ. އެކަމަކު ޖަމާލަކީ ދުވަހަކުވެސް ގެވެހި ދިރިއުޅުމެއް ދެކެފައިވާ މީހަކަށް ނުވާތީ އެކަނި އުޅެއުޅެ ރުޅިއިސްވެފައި ވަނީ ކަމަށާއި މަޑުމަޑުން ގޮސް ރަނގަޅުވެދާނެ ކަމަށް ވިސްނައިފައި ހިމޭންވަނީއެވެ. އަނެއްކާ އޭނާ އަޑުއަހައިފައި އޮންނަ ގޮތުގައި ދެމަފިރިއެއްގެ ކުރިޔަށް އޮތް ދިރިއުޅުމުގެ ބިންގާ އެޅޭނީ ކައިވެނީގެ ކުރީ ކޮޅު ދެމަފިރިންގެ ޢަމަލުތައް ހުންނަގޮތާއި ދެކޮޅުވުންތަކުގެ މައްޗަށެވެ. ރަނގަޅު އަތްނބެއް ފަދައިން ކެތްކުރާން ޖެހޭނެއެވެ. އެހެންނޫނީ ކުޑަކުޑަކަމަކުން ކަންތައް ހަލާކުވެދާނެއެވެ.

އެކަމަކު އެއް ދުވަހުން އަނެއް ދުވަހަށް އޭނާގެ ރީތިކަން އިތުރުވަމުން ދިޔަދިޔަ ހެން ޖަމާލުގެ ރާގު ދިޔައީ އިތުރަށް ހަރުކަށިވަމުންނެވެ. އެ ކަމާ އެންމެ ފަހުން އޭނާ ގާތަށް ރުޅިއަތުވެއްޖެއެވެ. ޚާއްޞަކޮށް އޭނާ ރީތި ހެދުމެއް ލައިގެން، ރަނގަޅަށް ނަލަހެދިލައިގެން ޖަމާލާ އެކު ތަނަކަށް ދާން ތައްޔާރުވެއްޖެ ނަމަ ފާޑުކިޔުމުގެ ގޮތުން އޭނާއަށް ބަލާ ކަމުގައި އޭނާއަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. ކޮންމެ ދުވަހަކު އޭނާގެ ހެދުމަށް، މޭކަޕަށް ނޫނީ އިސްތަށިގަނޑުހަދައިފައި ހުންނަ ގޮތަށް ކޮންމެ ގޮތަކުން ނަމަވެސް ޖަމާލު ފާޑުކިޔާނެއެވެ. އެ ކިޔާ ފާޑާ މެދު އޭނާ ހަމައެކަނި އަޖައިބުވަނީއަކީ ނޫނެވެ. އޭނާ ދެކޭ ގޮތުގައި އެއީ ތާކުންތާކުޖެހޭ ފާޑުކިޔުމެއް ވެސް ނޫނެވެ. އެހެނީ މޭކަޕާއި ހެދުން އެޅުމުގެ މައްސަލައަކީ ޚުދު އޭނާ ނުހަނު ފަރުވާތެރިކަން ބަހައްޓާ މައްސަލައެކެވެ. އޭނާ މޭކަޕުކުރަނީ ވެސް ހަމައެކަނި ނަމަކަށެވެ. އެހެންނަމަވެސް އެ ލުއިލުއި މޭކަޕާ އެކުގައި ވެސް އޭނާގެ ރީތިކަން ވިދާބަބުޅާން ފަށައެވެ. އެ ވަގުތު ޖަމާލު ހިތި ޖުމުލައެއް ބުނެލުމުން ހުރިހައި އެއްޗެއް ނޮޅައިލައި ވީދައިލައި އުކައިލައިފައި ކޮޓަރިއަށްވަދެ ދޮރުތަންޑުއަޅައިގެން އިނދެ ހަޅޭލަވަން ހިތަށްއަރައެވެ. އެކަމަކު އޭނާ ނުހަނު ބޮޑަށް ކެތްތެރިކަން ސާބިތުކުރަމުން ހިމޭންވަނީއެވެ. އެންމެ ފަހުން ގޮސް އެއް ފަހަރު އޭނާގެ ކެތްތެރިކަމުގެ ތަށި ފުރިގެން ބަންޑުންވެއްޖެއެވެ. އެ ތިން މަސްދުވަހުގެ ތެރޭގައި ޖަމާލު އޭނާއަށް ފާޑުކިޔައި މަލާމާތްކުރި ވަރުން އޭނާއަށް ވަނީ އުޅެން ދަތިވެފައެވެ. އެ ދުވަހު އެ ދެ މީހުން އުޅުނީ ބައިސްކޯފަށް ދާށެވެ. އޭނާ ލީ ފައިކުރިއަށް ބާރު ހަރުވާޅަކާއި ޖަރީކުރި ކުރުތާއެކެވެ. އެ ހެދުން އަޅައި ތައްޔާރުވެފައި ބަލައިލި އިރު އޭނާގެ ރީތިކަން ވަރަށް ބޮޑެވެ. ޖަމާލަށް އޭނާ ފެނުމާ އެކުގައި ބުނެފިއެވެ.

"ކަލޭ ލައިގެން ތިއައީ ކޮން ކަހަލަ ހުތުރު ހެދުމެއް؟"

''މި ހެދުން މީގެ ކުރިން ވެސް ކިތަންމެ ފަހަރަކު އަޅުގަނޑު ލައިފިން. އެކަމަކު ކުރިން އެއް ފަހަރު ވެސް މި ހެދުން ހުތުރު ވާހަކައެއް ޖަމާލު ނުބުނުއްވާ."

"ކުރިން ނުބުނެވޭ ނަމަ މިހާރު މި ބުނީ." ޖަމާލު ކުރުކުރުކޮށް ޖަވާބުދިނެވެ.

"އެންމެ ރަނގަޅު. ދެން މީގެ ފަހަކުން ނުލާނަން." އޭނާ ދެރަވެފައި ބުންޏެވެ. "މިހާރު ދެން މި ގޮތަށް ހުއްޓަދެއްވާ. ވަގުތު ވަރަށް ކުޑަވެއްޖެ. ހެދުން ބަދަލުކުރީމާ ލަސްވާނެ." އެހެން ބުނުމުން ޖަމާލު ރުޅިއަތުވެއްޖެއެވެ.

"އިންސާނުން ލާންވާނީ އެ މީހުންނާ ގުޅޭ ހެދުން. ނިކަން ކަލޭގެ ފައި ހުރި ގޮތް ބަލައިލަބަލަ."

ފަރީ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ކޮން ކަހަލަ ފާޑުކިޔުމެއް ހެއްޔެވެ. އެހެންނަމަވެސް އޭނާ މަޑުމައިތިރިކަމާ އެކު ބުންޏެވެ. "ޖަމާލަށް މި ހެދުން ހުތުރީ. އެކަމަކު މި ކަހަލަ ހެދުމެއް ލައިގެން އަޅުގަނޑު ކޮލެޖަށް ހިނގައްޖެ ފަހަރަކު ވިއްޔާ އަންހެން ކުދީން އަޅުގަނޑަށް ތާރީފުކުރޭ."

އާނ. ތިޔަ ހުރިހާ ކަމަކީވެސް އެ އެކުވެރީންގެ ކަންތައް. ކަލޭގެ ހިތް އުޑަށް އެރުވީ އެ ވިޔާނުދާ އަންހެންކުދީން. ކަލޭ ވެސް ހީކޮށްގެން ތި ހުންނަނީ ކަލެއަކީ މާ ރީތި މީހެއް ކަމަށް. ހަމަބިމުގައި ހުރެވޭތޯ ބަލާ. އެހެން ނޫނީ މި ތަނުން ކަލެއަށް ކަލޭގެ ޙަޤީޤަތް ފެނިދާނެ."

"އޯހް!" ފަރީއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އެހައި ހަރުކަށި ރާގަކަށް އެ ވާހަކަދައްކަނީ ހަމަ ޖަމާލު ހެއްޔެވެ؟ ފަރީ ގާތަށް ވެސް ރުޅިއަތުވެއްޖެ އެވެ. އޭނާ ބުންޏެވެ.

"އަޅުގަނޑުގެ އެކުވެރީންނާ ދިމާއަށް އެއްޗެހި ނުކިޔުއްވާ. އެ މީހުން ޖަމާލަށް އެއްވެސް ގެއްލުމެއް ނުދޭ. ދެން ހުރީ އަޅުގަނޑު--- ޖަމާލުގެ ގެއަށް އާދެވުމުން، ހަމައެކަނި އަޅުގަނޑުގެއެއް ނޫން؛ ޖަމާލުގެ ޙަޤީޤަތް ވެސް އަޅުގަނޑަށް ސާފުވެއްޖެ." މިހެން ބުނެފައި އޭނާ ރޮމުންރޮމުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ހެދުން ބަދަލުކޮށްފިއެވެ. ހަރުވާޅު ވީދައިލައިފައި އެއްލައިލައިފިއެވެ. ރޮއިރޮއި މޫނު ހަޑިކޮށްލައިފިއެވެ. އަދި ބޭރަށް ދާން ހަމަ ދިމާޔަށް ދެކޮޅުހަދައިފިއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ