އަދުގެ ޚާއްސަ

Print

ތިބާއަށްވެސް ލިބޭނެކަން ޔަޤީން!

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަމްމަދު ނަސީމު
          (ތަރުވާޒު)


  
ކުއްލިގޮތަކަށް ލިބުނު ދަޢުވަތެކެވެ.

ވަރަށް ކުއްލި ގޮތަކަށެވެ.
ލިބުނީ ސިހުމެކެވެ. ހައިރާންކަމެކެވެ.
ވެރިވީ ނުތަނަވަސްކަމެވެ. ގަބޫލުކުރަން ދަތިވިއެވެ.
އެހެނަސް .... ގަބޫލުކުރުން ނޫން ގޮތެއް ނެތެވެ.

ދަޢުވަތު ހިފައިގެން އައީ ނުދަންނަ ފަރާތެކެވެ.
ކުރިން ފެނިފައެއް ނެތެވެ. އަޑުއިވިފައިވާހެން ހީވެއެވެ.
އެހެނަސް ..... އިންތިޒާރު ކުރި ފަރާތެއް ނޫނެވެ.

ދުނިޔޭގެ ދައުރުވުން ހުއްޓުނު ފަދައެވެ.
ދެލޯ ވަނީ ފެންކަޅި ވެފައެވެ.
ނަޒަރު ހުއްޓިފައިވަނީ އެއްދިމާއަކަށެވެ.
ދެންވާނެ ގޮތެއް ނޭނގެއެވެ. އެހެނަސް.......
އަޖަލުގެ ދަންމަރު ކަނިވަމުންދާހެން ހީވިއެވެ.

ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ.
ލޭގެ ދައުރުވުން މެދުކެނޑިގެން ދިޔައެވެ.
ނޭވާ ހަށިން ބީވެ ދޫވެގެންދާކަމުގެ އިޙްސާސް ކުރެވުނެވެ.
ހަޅޭއްލަވައިގަތީމެވެ. އެހެނަސް ...........
އެ އަޑު އެހެންމީހުންނަށް އިވޭހެނެއް ހިޔެއްނުވެއެވެ
މުޅި މާހައުލު ބަދަލުވެއްޖެއެވެ.
ހިތާމައިގެ ކަޅު ވިލާތަކުން އުދަރެސް ބެދިއްޖެއެވެ.
ކަރުނައިގެ ބޯ ވާރޭ ވެހެން ފެށިއެވެ. އެހެނަސް .......
ކުރާނެކަމެއްނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ.

ފޮތިގަނޑެއްގެ ތެރެއަށްލައި ބަންދުކޮށްލައިފިއެވެ.
ވަޅުގަނޑެއްގެ ތެރެއަށްލައި ފަސްލައިފިއެވެ.
ތެޅިފޮޅިގަނެވޭތޯ މަސައްކަތް ކުރީމެވެ. އެހެނަސް .......
ޖިސްމު އެކަމަކަށް ތަރުހީބެއް ނުދިނެވެ.

ކިޔަމުންތިޔަދަނީ އެ ދަޢުވަތު ލިބުމުގެ ކުރިން ތިބާ ކިޔާނެ އެންމެ ފަހު ލަފްޒުތައް ކަމަށް ވެދާނެއެވެ.
 ލޭފަވެތި އަޚާއެވެ. އަހުރަވެތި އުޚުތާއެވެ. ތައްޔާރުވާށެވެ.
އެއީ މަރުގެ ދަޢުވަތެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ