އަދުގެ ޚާއްސަ

Print

ތާރީޚީ ފުލޯކު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ރަޝީދު ވައިޖެހޭގެ

ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ތެރެއިން ފާހަގަކުރެވޭ މުހިންމު އެއް ބިނާއަކީ، މާލޭގައި މިހާރުގެ މެދުޒިޔާރަތް މަގަށް ބަޔެއް އަރާގޮތަށް ހުކުރުމިސްކިތު ގޯތިތެރޭގައި ހުރި މުންނާރެވެ. މިއީ އުތީމު ދަރިކޮޅުން ދިވެހިރާއްޖޭގެ ތަޚުތުގައި ރެނދަލި ކުރެއްވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ތާރީޚުގައި މަޝްހޫރު އިސްކަންދަރު ރަސްގެފާނު) ހިޖުރައިން 1085 ވަނަ އަހަރު ބިނާކުރެއްވި ތަނެކެވެ.
 
މި މުންނާރު ބިނާކުރެވިފައި ވަނީ، ހިރިގައު ކޮށައި މަށައިގެން ދެބުރިޔަށެވެ. ފުރަތަމަ ބަޔަށްވުރެމަތީބައި ހިމަކޮށެވެ. ތަޅުކަނޑައި ފައްތައި އެއްވަރު ކުރެވިފައިވާ ގައުތައް ފޭވިޔަ ނުދިނުމަށްޓަކައި ބޭރުގައި ރޯނުއޮޅައި ގަދަކުރެވިފައެވެ.
 
މީގެ ދުއިސައްތަ އެތައް އަހަރެއް ފަހުން، މުންނާރު ވަށައި އުވަޖެހުމުގައި ރޯނުބަންދުގެ ބަދަލުގައި ލޮއިން ބަންދުއަޅައި މުންނާރުގައި ހުރި ލިޔުންތައް އައުކުރެވުނެވެ. މި ރީތި ތާރީޚީ ބިނާގެ ވަށައިގެން ލިޔެވިފައިވަނީ، އަރަބި އަކުރުން ބަންގީގެ ކަލިމަތަކެވެ. އެންމެ ފުރަތަމަ މުންނާރު ހެދުނުއިރު ދެބައިގެވެސް މަތިން ވަށައިގެން މިހާރުވެސް ފެންނަން ހުންނަ، ވަށައި ޗެންޗޭނު ހުރިކަމަކަށް ނުވެ އެވެ. ބުނެވެނީ މުންނާރުގެ މަތީބައިގަޔާއި ތިރީބައިގައި ވަށައި ޗެންޗޭނުޖެހީ މަޝްހޫރު ބޮޑުވިއްސާރަ ޖެހުނުދުވަހު މުންނާރު ކަލޭގެއަށް މުންނާރުގެ މަތީގައި ހުރެގެން ބަންގި ގޮވުމަށް ނުކުޅެދުމާ ގުޅިގެން ސަރުކާރުން އެޅުއްވި ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

މުންނާރު ބިނާކުރެއްވި އިސްކަންދަރު ރަސްގެފާނަކީ، ގައިކޮޅުގެ ކުލަދޮން އިސްކޮޅުފުޅުން ދިގު ބޭފުޅެކެވެ. ކޯފާމަޑު، ތަޤްޞީރު މާފުކުރައްވައި ކުށްވެރިންނަށް ޖަޒާ ދެއްވުން އަވަސްނުކުރައްވާ ދީލަތި ވެރިއެކެވެ. ހިތްވަރު ގަދަކަމާއި ޢަޒުމުގެ ސާބިތުކަމުގައި ދެވަނަޔެއް ނެތްފަދަ ނެތްފަދަ މިސާލެކެވެ. ރަސްކަމުގެ ކަންތައްތައް ތަދުބީރު ކުރައްވައި ޤައުމާއި ރައްޔިތުންނަށް ލާބަ ހޯއްދަވައި ދެއްވި އަގުހުރި ޒަޢީމެކެވެ. ކަނޑިހެވިކަމާއި، އޮޅުލުމާއި ދުނިދަނޑިއެއްލުމުގައި ފާހަގަ ކުރެވިފައިވާ އެދުރެކެވެ. ޢިލްމު އުނގެނުމުގެ މާތްކަމާއި ބަރަކާތްތެރިކަން ހާމަކޮށްދެއްވައި، ސަރުކާރުގެ ފަރާތުން ތަޢުލީމު އުނގަންނައިދޭނެ ތަނެއް، ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދެވި ޤައުމީ ބަޠަލެވެ. ރާއްޖެއާ ދެކޮޅަށް ދެވޭ ބޭރުގެ ޢުދުވާނީ ޙަމަލަތައް މައިތިރިކުރައްވައި ރާއްޖޭގެ ޤައުމީ ދިފާޢުގެ ނިޒާމު ވަރުގަދަކުރެއްވި ހަރުދަނާ ޝަޚްޞިއްޔަތެކެވެ. ނަތީޖާއެއްގެ ގޮތުން އިސްކަނދަރު ރަސްގެފާނުގެ ދައުރު ދިވެހިން ދެކެފައި ވަނީ، އަމާން، އޮމާން ދުވަސްތަކެއްގެ ގޮތުގަ އެވެ.

މި ރަސްކަމުގެ ދުވަސްވަރު، އަސޭކަރައިންނާއި އުތުރުކަރައިނާއި އަދިވެސް ދުނިޔޭގެ ވަރަށް ގިނަ ތަންތަނުން ވިޔަފާރިވެރިންގެ ނައުތައް ރާއްޖެއައިސް، ގޮސްއުޅުނެވެ. ދިވެހިރާއްޖޭގެ ބަނދަރުތަކަކީ، މިނިވަން ބަނދަރު ތަކެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވިއެވެ.

އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި، ސައްޔިދު ޢަބްދުއްރައްޒާޤުގެ ސައްޔިދު މުޙައްމަދު ޝަމްސުއްދީނެވެކިޔާ ދަންނަބޭކަލަކު ރާއްޖެއަށް ޒިޔާރަތް ކުރެއްވި އެވެ. މިއީ މިޞްރުގެ ޖާމިޢުލްއަޒުހަރުން ތަޢުލީމު ޙާޞިލުކުރެއްވި އެ ޒަމާނުގެ ޢިލްމު ވެރިންނަށްވުރެ، ޢިލްމަށް ފާގަތިކަންބޮޑު ބޭކަލެއްކަމުގައި ބުނެވެ އެވެ. ސައްޔިދުކަލޭފާނު ދަތުރުކުރެއްވި ނައު، މާލެޔާހަމައަށް ފޯރީ އެއްދުވަހެއްގެ ވަރަށް ހަވީރުވެފައި ވަނިކޮށް ކަމުގައި ވިޔަސް އެ ދުވަހުގެ އިރުއޮއްސުމުގެ ކުރިން، މިކަލޭގެފާނު މާލެ ބާލުއްވައި ޢިއްޒަތްތެރިކޮށް ހިއްތެވި އެވެ.

އަނެއް ދުވަހު ފަތިސްވެ އަލިވުމާއެކު ރަސްގެފާނު ގަނޑުވަރުން ނުކުމެވަޑައިގެން ގުޅަކުޅޭ ތާނގައި ޢިއްޒަތުގެ ތަޚްތުގައި އިންނަވައި، ވަޒީރުންނާއި ލަސްކަރީން ބެރުދުންމާރި ތާޅަފިލި ދެއްވައި ސައްޔިދުކަލޭފާނު ބަލައި ފޮނުއްވި އެވެ. މި ސައްޔިދު ކަލޭފާން، އިސްކަންދަރު ރަސްގެފާން އަރިހަށް ވަޑައިގަތީ ތަޚްތެއްގައި އިންނަވައިގެން އެތަޚްތު ބަޔަކުމީހުން ލައްވައި އުފުލުވައިގެންނެވެ. މި ތަޚްތު މަތީގައި ނޫކުލައިގެ ސަތަރިޔެއް ދެމިފައި ވެއެވެ. އަދި މި ސައްޔިދުކަލޭފާނުގެ އަދި މި ސައްޔިދުކަލޭފާނުގެ ނޫކުލައިގެ ބޮޑު ދިދައެއް މީހަކު ހުރެއެވެ. މި ދިދައިގެ މެދުގައި ޢަބްދުލްޤާދިރުގެފާނުގެ ނަން ލިޔެވިގެންވާކަމަށް ބުނެވެ އެވެ.

މިފަދަ ޢިއްޒަތުގައި ސައްޔިދުކަލޭފާނު ވަޑައިގަތުމާއެކު އެ ތަޚްތު، ރަސްގެފާނުގެ ތަޚްތުގެ ކުރިމަތީގައި ބެހެއްޓުނުހިނދު، ދެ ބޭފުޅުން ދެ ތަޚްތުން ތެދުވެވަޑައިގެން ކޮނޑާއި ކޮނޑުޖައްސަވައި ސަލާން ކުރެއްވުމުގެ ތެރޭގައި ދެބޭފުޅުންގެ ދެ ފަގުޑިކޮޅު ޖެހި އިސްކަންދަރު ރަސްގެފާނުގެ ފަގުޑިކޮޅު ބިންމައްޗަށް ވެއްޓިއްޖެ އެވެ. މިއީ ރަނގަޅުފާލެއް ނޫންކަމުގެ އިޙްސާސްތަކެއް ރަސްގެފާނުގެ ހިތްޕުޅަށް ވަނުމާއެކު ސިހިވަޑައިގެން ބިރުފުޅުގެން ވަޑައިގަތް ނަމަ ވެސް ސައްޔިދުކަލޭފާނަށް މާތްކޮށް ހިއްތަވައި ތަޝްރީފު ދެއްވި އެވެ. އެކަލޭގެފާނު އަރިހަށް ޢިލްމު އުނގެނުމަށް ދިޔުމަށް އަމުރުކުރައްވައި އެތައްބަޔަކު ފޮނުއްވައި ވެސް ހެއްދެވި އެވެ.

މި މާތް ސައްޔިދުކަލޭފާނު، މީސްތަކުންނަށް ޢިލްމު އުނގަންނައިދެއްވައި ވަޢުޡު ވިދާޅުވުމާއި ނަސޭހަތް ދެއްވުމުގައި ގާތްގަނޑަކަށް ހަޔެއްކަ މަސްދުވަސް ވާންދެން ދިވެހިރާއްޖޭގައި އެ ފަހަރު ހުންނެވި އެވެ. މި މުއްދަތު ތެރޭގައި ފިރިހެނުން ތުނބުޅި ދިގުކުރާން އަންގަވައި އަންހެނުން މޫނުބުރުގާ އަޅައިގެން ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އަމުރުކުރައްވައި ފިރިހެނުންގެ އުނަގަނޑުން (ގަދަކަމުން ނަމަވެސް ) ރިހި ފައްޓަރު ބޭލުއްވި އެވެ.
 
އެއްދުވަހަކު ސައްޔިދުކަލޭފާނު، އިސްކަންދަރު ރަސްގެފާނަށް ފަތްކޮޅެއް ލިޔުއްވައި ފޮނުއްވި އެވެ. އެ ފަތްކޮޅުގައި މާތްﷲ އިސްކަންދަރު ރަސްގެފާނު ފިރިހެނަކުގެ ސޫރައިގައި ހައްދަވައި، ރަސްކަންދެއްވައި އިސްލާމުންގެ ކަންތައްތަކުގެ މައްޗަށް ވެރިކުރެއްވީމާ އެމީހުންގެ ކަންތައްތައް ފިޔަވައި އެހެން ކަންތައްތަކާ މަޝްޣޫލުވެވަޑައިގެންފި ކަމަށާއި މީހުންގެ މުދައު އަނިޔާވެރި ގޮތުގައި ހިއްޕަވައި، އަނިޔާކުރާމީހުންނަށް ވާގިދެއްވައި އަނިޔާ ލިބޭމީހުންގެ ޝަކުވާތައް ނާއްސަވާކަމަށާއި، މުހުތާދުގައި ރަސްގެފާނުގެ އަރިހަށްދާ އޮރިޔާން ޙާލު ނިވާނުކުރެވޭފަދަ ޙާލުގައިވާ މީހުންނަށް ވެސް ޙިޖާބުވެޑައިގަންނަވާކަމަށާއި، މިސްކިތް މިސްކިތަށް ވަކިކުރެވިފައިވާ ވަޤްފު ބިންބިމާއި ރުއްގަސް ހިއްޕަވައި އެތަންތަން ފަޅުކުރައްވައިފި ކަމަށާއި، ވާރުތަމުދާ ބާޠިލު ކުރައްވައިފި ކަމަށާއި މިނިވަން އަންހެނުން، މީހުންނާ އިނުން މަނާކުރައްވައި އެމީހުންނާއެކު ރަސްގެފާނު ފާޙިޝް ކަންތައް ކުރައްވާކަމަށާއި އަދިވެސް މިފަދަ އެތައް ކަމެއްގެ ތުހުމަތު ރަސްގެފާނުގެ އިސްތަށިފުޅުގައި އަޅުވައިފި އެވެ. އަދި މީގެ އިތުރަށް ކަންތައްތައް ކުރެއްވީމައި ރަސްގެފާނާ ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ވާހަކަޔާއި، އަނިޔާވެރިންނަކަށް އެ ދުވަހަކުން އެމީހުން ދައްކާ އެއްވެސް ބަހަނާޔަކުން، މަންފާއެއް ނުކުރާނެ ވާހަކަޔާއި، ނަރަކައިގެ ލަޢުނަތް ހުރިވާހަކަޔާއި ރަޙްމަތްތެރިޔެއް، ޝަފާއަތްތެރިޔެއް އެދުވަހަކުން ނުހުންނާނެ ވާހަކަޔަށްދަންދެން ލިޔުއްވައި އިންޒާރު ކުރައްވައިފި އެވެ.

އިސްކަންދަރު ރަސްގެފާނު މި ފަތް ވިދާޅުވެ، އެރަސްގެފާނުގެ ހިތްޕުޅަށް ރަސްކަމުގެ ކީރިތިކަން ވަދެ، ސައްޔިދުކަލޭފާނަށާއި އެކަލޭގެފާނާ އެކުގައި އުޅޭ އެންމެންނަށް ވެސް ވަރަށްބޮޑަށް ކޯފާވެއްޖެ އެވެ. އަދި އެކަލޭގެފާނު ހުންނަވާ ގެޔަށް މީސްތަކުން ވަދެއުޅުމަކީ ވެސް ހިތްޕުޅު ހަމަޖެހޭކަމެއް ނޫންކަމަށް ވެއްޖެ އެވެ.

އިސްކަންދަރު ރަސްގެފާނާއި ސައްޔިދުކަލޭފާނާ ދެމެދުގައި އުފެދުނު ހަމަނުޖެހުމުގެ ނަތީޖާއަކަށްވީ ސައްޔިދުކަލޭފާނު މާލެ ދޫކުރައްވައި ވަޑައިގަތުމެވެ. ނަމަވެސް ރަސްކަމުގެ ޝާނާއި ޝައުކަތުގައި އިސްކަންދަރު ރަސްގެފާނުގެ ރަސްކަން ދެމިއޮތެވެ. މީސްތަކުންގެ ހިތުގައި އެ ރަސްގެފާނުގެ މައްޗަށް އުފެދިފައިވާ ލޯތްބަށް އެއްވެސްކަހަލަ ބަދަލެއް ނާދެ އެވެ.

އިސްކަންދުރު ރަސްގެފާނު އަވަހާރަވީ 15 ރަބީޢުލްއާޚިރު 1098 ހ. ވީ ހުކުރު ވިލޭރޭގަ އެވެ. 39 އަހަރާ 6 މަސް ދުވަސް ވަންދެން ރަސްކަންކުރެއްވުމަށްފަހުގަ އެވެ. އިސްކަންދަރު ރަސްގެފާނަށް ފަހު ދެން ދިވެހިރާއްޖޭގެ ތަޚްތުގައި ވެޑުވުނީ އެ ރަސްގެފާނުގެ ދަރިކަލުން އައްސުލްޠާނު މުޙައްމަދު ސިރީ މަނިރަންލޯކަ މަހާރަދުންނެވެ. މިރަދުން އަވަހާރަވުމުން ތަޚުތަށް އިސްކުރެވުނީ އިސްކަންދަރު ރަސްގެފާނާ އެއްބަނޑު ޙަސަން ފާށަނާ ކިލެގެފާނުގެ މުޙައްމަދު މަނިކުފާނެވެ. އިސްކަންދަރު ރަސްގެފާނު ޒަމާނުގައި މާލެވަޑައިގަތް ސައްޔިދުކަލޭގެފާނު ހުންނެވީ މި މުޙައްމަދު މަނިކުފާނުގެ ގޭގަ އެވެ. މުޙައްމަދު މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން އަލް ޢާދިލް މުޙައްމަދު މުޙްޔިއްދީން ސިރީނާކަރައި ސުންދުރަ ބަވަނަ މަހާރަދުންގެ ނަންފުޅުގަ އެވެ. ރިވާވެގެންވާ ގޮތުގައި ސައްޔިދުކަލޭފާނާއި މި މުޙައްމަދު މަނިކުފާނަކީ، ވަރަށްބޮޑު ދެ ރަޙުމަތްތެރިން ނެވެ. ސައްޔިދުކަލޭފާނު، މާލޭގައި އެގޭގައި ހުންނެވި ދުވަސްތަކުގެ ތެރެއިން އެއްދުވަހަކު، ސައްޔިދުކަލޭފާނު ފާތިޙާ ވިދާޅުވެފައި އޭނާގެ ފަގުޑި ނަންގަވައި މުޙައްމަދު މަނިކުފާނުގެ އިސްތަށިފުޅުގައި ބަހައްޓަވައި މުޙައްމަދު ރަސްގެފާނޭ ވިދާޅުވެ ރަސްކަމަށް ދުޢާކޮށްދެއްވައިފައި ވެ އެވެ. މި މުޙައްމަދު މަނިކުފާނަށް ރަސްކަން ލިބިވަޑައިގަތުމާއެކު ފަތެއް ލިޔުއްވައި ސައްޔިދުކަލޭފާނަށް ފޮނުއްވި އެވެ. މިފަތުގައި އެކަލޭގެފާނުގެ ދުޢާގެ ބަރަކާތުން އެމަނިއްޕުޅަށް ރަސްކަން އިރާދަކުރެއްވިކަމަށް ލިޔުއްވުމުގެ އިތުރަށް ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ވެސް ފޮނުއްވައިފައިވެ އެވެ.

ދެން އައި އިރުވައި މޫސުމުގެ ކުރީކޮޅުގައި ސައްޔިދުކަލޭފާނު މާލެވަޑައިގަތްއިރު ރަސްގެފާނު އުޅުއްވަނީ ވަރަށްބޮޑަށް އާލާސްކަންފުޅާ އެވެ. ނަމަވެސް އެކަލޭގެފާނަށް މާތްކޮށް ހިއްތަވައި މާލެ ބާލުއްވައި ޢިއްޒަތް ދެއްވި އެވެ. މިފަހުން ތިންވަނަޔަށްވީ ދުވަހު އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނުލް ޢާދިލް ކީރިތިވަންތަ މާތްﷲގެ ޙަޟްރަތަށް ދަތުރު ކުރައްވައިފި އެވެ. އެއީ ހިޖުރައިން 1103 ވަނަ އަހަރު ޖުމާދުލްއޫލާމަހުގެ 30 ވަނަ ދުވަހެވެ.

ދިވެހިރާއްޖޭގެ ރަސްކަމަކީ ވިރާސީ ރަސްކަމެކެވެ. ވީމައި އުތީމު ދަރިކޮޅަށް ނިސްބަތްކުރެވޭ ރަސްރަސްކަލުންގެ ސިލްސިލާ މިހާތަނަށް ނިމުނީ އެވެ. ވިރާސީގޮތުން ތަޚުތުގައި ވެޑުވޭނޭ ބޭފުޅެއް ނެތި ތަޚްތު ހުސްވެއްޖެ ހިނދު، މާލޭގައި ތިއްބެވި ބޮޑުންނާއި ދަންނަބޭކަލުން މަޝްވަރާ ކުރައްވައި ހަމޖެއްސީ ސައްޔިދު ބޭކަލަކު ހުންނަވަނިކޮށް ދެވަނަ ފަރާތަކަށް ރަސްކަން ޙައްޤު ނުވާނެ ކަމަށެވެ. ވީމައި ދިވެހިން ދަންނަ ސައްޔިދު ކަލޭފާނު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ނަމުގައި ހިޖުރައިން 1103 ވަނަ އަހަރު ޖުމާދިލް އާޚިރާމަހުގެ ފުރަތަމަ ދުވަހު ރަސްކަމަށް އިސްކޮށްފޫ އެވެ. މި ރަސްގެފާނު ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ ސައްޔިދު ރަސްގެފާނުގެ ނަމުންނެވެ. ސައްޔިދު ރަސްގެފާނަކީ ކެތްތެރި، ވަރަޢަވެރި، ޢިލްމުވެރި، އަދި ބުއްދިވެރި ރަސްކަލެކެވެ. ދީނުގެ ޝިޢާރުތައް ފާޅުކުރައްވައި ޝަރުޢީ ހަމަތަކާ ޚިލާފު އާދަތައް މުގުރުއްވައި ނަމާދު ޤާއިމު ކުރުމަށް އަމުރުކުރެއްވި މާތް ވެރިއެކެވެ.

ސައްޔިދު ރަސްގެފާނުގެ ޒަމާނުގައި އެއްރެއަކު އެ ރަސްގެފާނު ހުކުރުމިސްކިތަށް ނަމާދަށް ވަޑައިގަތުމަށްފަހު، މިސްކިތާ އިންވެގެންވާ ގަބުރުސްތާނަށް ޒިޔާރަތް ކުރައްވައި އިސްކަންދަރު ރަސްގެފާނުގެ މަހާނަފުޅުގެ ކައިރީގައި ހުއްޓިވަޑައިގެން އަތްޕުޅުގައިވާ އަސާކޮޅުން މަހާނަފުޅުގެ ބޯލާކޮޅުގައި މަޑުމަޑުން ޖައްސަވައި '' އިސްކަންދަރު ޝައިޚާ ކޮންހާލެއްތޯ''އައްސަވައި  ސުވާލު ކުރެއްވި އެވެ. ހަމަ އެހިނދު ސައްޔިދު ރަސްގެފާނަށް އިވިވަޑައިގަތީ ބެރުދުންމާރި ތާޅަފިލީގެ މޫރިތި އަޑެވެ.

ރަސްގެފާނަށް މި އިވިވަޑައިގެންނެވި އަޑުގެސަބަބުން، ސައްޔިދުރަސްގެފާނާއި އިސްކަންދަރު ރަސްގެފާނާ ދެމެދު އޮތް ޒަމާންވީ ހަމަނުޖެހުމުގެ އަސަރު ސައްޔިދު ރަސްގެފާނުގެ ހިތްޕުޅުން މުޅިން ފިލައި ދިއުމާއެކު އިސްކަންދަރު ރަސްގެފާނަށް ފާތިޙާ ވިދާޅުވެ ނިންމަވައި ލެއްވީ '' اِرْحَم اللَّهُمَّ '' ކިޔާ ދުޢާއިންނެވެ.

މީގެކުރިން ދިވެހިން '' اِرْحَم اللَّهُمَّ '' ކިޔާ ދުޢާއެއް ނުދަނެޔޯލަ އެވެ. ދިވެހިންނަށް އެ ދުޢާ ދަސްވީ މިދެންނެވިރޭ ސައްޔިދު ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށް ބުނެވެ އެވެ.

( ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ