އަދުގެ ޚާއްސަ

Print

މިތުރާ ގެއްލުމުން

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާނު / ހއ. އުތީމު
 
ނިދަން އޮވެވުނީ ތަންމަތީ ލޯ މަރާލައި
    މި ދަންވަރު އަރާމުން މަގޭ ފައި ދަމާލައި
        ހިނދުން ހުންނަ މިތުރާ ކޮޅަށް ހިން ދަމާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި


ހިފައިގެން އައީ މޮޅު އިނާމާއި ހަދިޔާ
    ހިފަން ނޭނގުމުން ދެން ހިފައިގެންނެ އެ ދިޔާ
        ނުފެންނާނެ މިތުރާ ދިޔައިމާ   އޮބާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

މަގެއް ދެއްކި ލޯބީގެ ތަޚްތަށް އެރޭނޭ
    ވެގެން ނަމަ ގަޔާ އުޅުނު އެ މަގުން ހިނގޭނޭ
        އަގެއް އޭގެ ނުމެ އެނގި ނަފުސު ވީ އޮޔާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ހިޔާ ރީތި ފަތުރާލި މޫސުން ބަހާރުން
    ނިޔާމައިގެ ފެން އޮއްސި ޠާހިރުވި އާރުން
        ހިޔާ ފިނި ނުލިބި ރޫޙު  މި ވަނީ   މިލާލައި
               އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ނަމުން ގޮވުނު އިރު ވެސް އޮތީ ޣަފުލަތެއްގައި
    ދަމުން ހަތަރު ލިބިލިބި ނުބައި ލައްޒަތެއްގައި
        ކަމުން ބުއްދި ހަމައިން މަގޭ ވީ  ފިރާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

އަރަން ދެއްކި މިޢުރާޖު ލޯބީގެ ކުންނަށް
    އަރަން ނޭނގުމުން ބިންމަތީ ވީ މި ހުންނަން
        ފުރަންވީ ބިމުން ހުސް އަތާ އަތް ތަޅާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ދަރަނިވެރި މަގޭ ވެއްޖެ ލޯބީގެ ވަޒަނުން
    އަރަނި ލިބި ނުގަތުމުން ހިލޭ ދެއްވި ލޯނުން
        ދަރަޖަ ވެއްޓުނީ ފައިދަށަށް  ބަނޑުވަތާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ނިދީގައި މަށަށް އޮވެވިފައި ހޭ އެރީމާ
    މި ވީހައިކަމެއް ހަމަ ހިނގައި ނިމި ދިޔައިމާ،
        މި ވީ ދެން މި އަދު ރޯން ދެ ލޯ ވެސް ފުރާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ކަރުނަ ފޫދިލީ އަދު ހަނދާން މި ތުރުވީމާ
    ދަރުމައިން ވަޤުފުކުރި އުފާ ނުލިބުނީމާ
        އަރުތެރޭ  ވަނީ އޭގެ ހިތި ރަހަ ހިނގާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ފަހުން ރީތި ގުޅުމެއް ގުޅެން ހިތު އޮތަސް ވެސް
    ފަހުން އެނބުރި މިތުރާ މި ފަދައިން އަޔަސް ވެސް
        މަ، ހުންނާނެހޭ ވާފަށުން   ނުމެ މޮހާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

---------------
(ނިމުނީ)

އިދާރާ

ވާހަކަ