އަދުގެ ޚާއްސަ

Print

ބިޒީ....ބިޒީ....ވެރީ ބިޒީ

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙަންމަދު ވަޙީދު – މަޑުލު -

އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނުކޮށް އޮތީމައި ސުވާލު ކޮށްފި ނަމަ، މި ބުނެވެނީ ބިޒީކަމުން އަދި ނުވެގެން އުޅެނީ ކަމަށެވެ. އޮފީހުގެ މޭޒުމަތީގައި ލިޔުންތަކާއި ފައިލްތައް ހުރީ އެ ގޮތް މި ގޮތަށް ފުނިޖެހިފަ އެވެ. މަޖައްލާއަކުން މަޒުމޫނަކަށް އެދިގެން  އެ މަޒުމޫނު ފޮނުވާނަމޭ ބުނިފަހުން ހަފުތާއެއް ވީ އެވެ. އެ މަޒުމޫނެއް ނުފޮނުވެ އެވެ. ގޭގައި ހުރި ދެ ފެން އިސްކުރުން ލީކުވާތީ އެކަން ރަނގަޅުކުރަން އަންހެނުން ބުނާތާ ދެތިން ހަފުތާވީ އެވެ. ބޮޑުދައިތަ އަށް ގޮވައިލަންދާންވެފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ހަނދާންވާ ކޮންމެ ފަހަރަކު މި އަދު ދާނަމޭ ހިތަށް އަރަ އެވެ. އެ ކަމެއް ނުކުރެވެ އެވެ. ރަށުގައި ހުރި ރަޙްމަތްތެރިޔާ ފޮނުވި ހަދިޔާއަށް ޝުކުރު އަދާކޮށްލައި ފޯނެއް ކޮށްލަންވެފައި އޮންނަތާ ވެސް ދިހަވަރަކަށް ދުވަސް ވެއްޖެ އެވެ. އެކަމެއް ވެސް ނުވެ އެވެ.

ހަމަ ބިޒީ...... ބިޒީ....... ވެރީ ބިޒީ އެވެ. ބުނަން ނޭނގެނީ ބިޒީވެގެން މި އުޅެނީ ކޮންކަމެއް ކުރާތީކަމެވެ.

ބިޒީވުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ކުރަން ކުރަން ފަހަށް ބެހެއްޓުމަކީ މައްސަލައެކެވެ. މި މައްސަލަ އުފެދެނީ، މުޅިއަކުން ފަރުވާ ކުޑަވެގެނެއް ވެސް ނޫނެވެ. އެކަމަކު ކަންފަސޭހަވެގެންނެވެ. ކުރަންވީ ކަންތައްތަކާ ނުކުރަންވީ ކަންތައްތައް ކަނޑައަޅަން ނޭނގޭތީ އެވެ. ކުރަންހުރި ކަންތައްތައް ކުރުމުގައި އިސްފަސް ތަރުތީބެއް ގެންގުޅެން ވެސް ނޭނގޭތީ އެވެ.

ބިޒީ މި ވަނީ ކޮންމެހެން އެހާ މުހިންމު ކަންތައްތަކަކާއެއް ނޫނެވެ. އޮފީހުގެ ދޮރު ކޮންމެ މީހަކަށް ވެސް، ކޮންމެ ވަގުތަކު ވެސް ވަދެވޭގޮތަށް ހުޅުވައިލުމުގެ އުޞޫލެއް ގެންގުޅެވޭތީ ވެސް މެ އެވެ.  އަންނަ ފޯނުތަކަށް ޖަވާބު ދިނުމުގައި މިންވަރެއް ނެތި ވާހަކަ ދެއްކޭތީ އެވެ. އެންމެންނަށް ހަމަހަމަ، ޑިމޮކްރަސީއަށް ތަބާވާ އުސޫލެއް ގެންގުޅުނު ނަމަ ވެސް، މަސައްކަތްކުރުމަށް އުނދަގޫތަކެއް ނުފޯރައި އިނދެވޭނެ ގޮތް ހަދަން ޖެހެ އެވެ. ފޯނުން ވާހަކަ ދެއްކުމުގައި ވެސް ވަގުތު ސަލާމަތްކުރުމަށް ވިސްނަން ޖެހެ އެވެ. ފޯނުގެ ވާހަކަ ދައްކަން ފެށީމައި، ހަދާންވަނީ ޖޯކެއްގެ މަތިންނެވެ.

ދެމަފިރިން ތިބީ މެންދުރު ކާށެވެ. ފޯނުވާންފަށައިފި އެވެ. އަންހެނުން ފޯނު ނަގަން ހިނގައްޖެ އެވެ. ފަސް މިނިޓު ވެއްޖެ އެވެ. ދިހަ މިނިޓު ވެއްޖެ އެވެ. ފަނަރަ މިނިޓު ވެއްޖެ އެވެ. އަންހެނުން މޭޒު ދޮށަށް އަތުވެއްޖެ އެވެ. ފިރިމީހާ އަހައިލި އެވެ. އެހައި ގިނަ އިރުވީ އެއީ ކާކުތޯ އެވެ. އަނބިމީހާ ބުންޏެވެ.
''ނުބައި ނަންބަރަކަށް ގުޅައިގެން އުޅުނު މީހެކެވެ.''

ނުކުތާއަކީ، ކުރަން ހުރިއްޔާ ކުރެވޭނެ އެވެ. ނުކުރިއްޔަކާ ނުކުރެވޭނެ އެވެ. ސިޓީއަކަށް ޖަވާބު ދޭން ދެތިން ހަތަރު މަސްދުވަސް އެ ވަނީ ކޮންެމެހެން ބިޒީވެގެނެއް ނޫނެވެ. ކަންތައްތައް ނުކުރެވޭތީ އެވެ. ކަންތައްތައް ކުރުމުގެ އިސްފަސް ތަރުތީބެއް ނެތީމަ އެވެ.
މި ކަހަލަ ވާހަކަތައް ދެކެވޭ ފަހަރު ފަހަރު ހަމަ ހިލާ މާދަމާ އެހެނެއް ނުވާނެޔޭ ހިތާ ހިތުން ބުނެލެވެ އެވެ. އަދި ކުރަން ޢަޒުމު ކަނޑައަޅައިގެން ކުރަން ޖެހޭ ކަންތައްތަކުގެ ކުއްލި ލިސްޓެއް ވެސް ލިޔެލަ އެވެ. އެހެން ނަމަވެސް ދުވަސް ނިމިގެން ދާއިރު، އެ ލިސްޓު ލިސްޓެއްގެ ގޮތުގައި އޮވެ އެވެ. އޭގެތެރެއިން އެންމެ ކަމެއް ވެސް ނުކުރެ ވެ އެވެ.
ސައިބުއިމުގައި ހޭދަކުރާ ވަގުތާއި، އަނގަތެޅުމުގައި ހޭދަވާ ވަގުތާއި، އޮފީހުން ބޭރަށް ނިކުމެލާ ހިތުން ނިކުމެލައިގެން އެ ހޭދަވާ ވަގުތާއި، ފޯނުކޯލުތައް ދިގުވެގެން ހޭދަވާ ވަގުތާއި، މި ހުރިހައިކަމެއްގައި މިންވަރެއް ގެންގުޅޭނަމަ، ވަރަށް ބޮޑުތަން ރަނގަޅުވާނެ އެވެ. އެހެން ނަމަ ވެސް އެ މިންވަރު ގެންގުޅެން ސަމާލުކަން ދެވޭ ވަރަށްވުރެ ބިޒީ ވެއްޖިއްޔާ ދެން ކުރާނީ ކީއްތޯ އެވެ؟

މައްސަލައަކީ ދިރިއުޅުމުގެ ސުލޫކަކާއި، ކަންކަން ކުރުމުގެ އަޚްލާޤެއް ލިބިފައި ނެތް މައްސަލަ އެވެ. މި ކަމާމެދު ވިސްނައިލެވުނު ނަމަވެސް، ކަންތައްތައް ކަންތައްތައް ހަމަޔަކަށް އެޅުވުމުގެ ހަމަޔަކާއި، ބާރަކާއި، ހިތްވަރެއް ނެތިއްޔާ އެ ނިމުނީ އެވެ. ބިޒީކަމުން ދުވަހަކު ވެސް ނާރާނެ އެވެ.

ކުރަންވެފައި އޮތް ކަމެއް ނުކޮށް ލަސްވާކަން ވިސްނިއްޖެއްޔާ ރަނގަޅުވާނީ އަވަހަށް އެ ކަމެއް ކޮށްލައި ނިންމުމެވެ. ގާތް މީހަކު ބަލިހާލު ބޮޑުވެގެން އުޅޭކަން އެނގި ގޮވައިލަން ނުދެވި ނުދެވި އުޅެނިކޮށް، އޭނާ މި ދުނިޔެ ދޫކޮށްފި ނަމަ، އެ ކަމާ، އުނދަގޫ ނުވާނަމަ، އިސްފަސް ތަރުތީބު ކަނޑައަޅަން ދަތިވާނެ އެވެ. ބިޒީ ވުމަކުން، ދިރި އުޅުމުގެ ކަންތައްތައް ހުއްޓުމަކަށް ނާދެ އެވެ. ގޭތެރޭގައި ނުކުރެވި ހުރި ކަންތައްތަކުގެ ނޭދެވޭ ނަތީޖާތައް ކުރިމަތިވަމުން ދާނެ އެވެ. ހިރުގަނޑު ދުޅަވެގެެން ޑޮކްޓަރަށް ދާން ދާން ހުއްޓައި އެ ކަން ކެންސަރަށް ބަދަލުވީމައި، ބިޒީކަމުންނޭ ބުނެވޭނެ ތޯ އެވެ؟

ކޮންމެ ޢަމަލެއްގެ ވެސް ނަތީޖާއެއް އޮންނާނެ އެވެ. އެ ނަތީޖާ އަކީ، ތިމާ އަށް ނުކުރެވޭކަމާއި، ތިމާއަށް އިތުބާރު ނުކުރެވޭކަމާއި، އަޅައިލުން ކުޑަކަމާއި، ފަރުވާ ކުޑަކަމުގެ ބަދުނާމު ލިބެމުން ދިޔަކަމުގައި ވިޔަސް، އެ ކަންކަމާ މެދު ވިސްނައިލެވޭ ވަރަށް ވުރެ ބިޒީ ކަމަށް ވަންޏާ ''ލައިފް'' އެ ދިޔައީ އެވެ.

އަމުދުން ބިޒީވެގެން ދީނީ ފަރުޟުތައް އަދާ ނުކުރެވި ދުވަސްތައް ދާނަމަ، މި ލައިފް ގޮސް އެކަނި ނިމެނީ އެއް ނޫނެވެ. އަންނަން އޮތް ލައިފް ވެސް އެ ދިޔައީ އެވެ.

ވިސްނައިލަންވީ، އެހައި ބިޒީވުމުގެ މަޤުޞަދަކީ ކޮބައިތޯ އެވެ؟ އެހައި ބިޒީވުމުގެ ނަތީޖާ އަކީ ކޮބައިތޯ އެވެ؟  އެއީ، ތިމާގެ މިޒާޖާއި، ޠަބީޢަތްތޯ އެވެ؟ އެ މިޒާޖާއި ޠަބީޢަތް ބަދަލު ނުކުރެވޭނެތޯ އެވެ؟ ޝައްކެއް ނެތެވެ. ކުރީމައި ކުރެވޭނެ އެވެ. ނުކުރީމައި ބިޒީގެ ބޮލުގައި އެޅުވޭނެ އެވެ.

ޠަބީޢަތާއި މިޒާޖު ބަދަލު ކުރުމަކީ، ސިނިގިރޭޓު ބޯ މީހާ ސިނގިރޭޓާ ދުރުވުން ކަހަލަ ކަމެކެވެ.  ނުބޮއި ހުއްޓައިލީމައި އެ ނިމުނީ އެވެ. މަދު ކުރަމުން މަދު ކުރަމުން ގެން ގޮސް ހުއްޓައިލަން، މިހާރު ގަނެފައި އޮތް ސިނގިރޭޓު ފޮށި ހުސްވީމައި ހުއްޓައިލަން، ނޫނީ އަންނަ މަހު އެކަކުން ހުއްޓައިލަން، މިއީ ހައްތާ ބަހަނާ އެވެ.  ބިޒީ ވެސް ހަމަ އެހެންނެވެ. ކުރީމައި ކުރެވޭނެ އެވެ. ނުކުރީމައި ހުންނާނީ ނުކުރެވި އެވެ. އެއީ ބަހުސެއް ކުރާވަރު ކަމެއް ނޫނެވެ.
 
މާތް ﷲ ދެއްވައިފައިވާ އިޚްތިޔާރަކީ، ނަރަކައާއި، ސުވަރުގެ ޚިޔާރު ކުރުމުގެ އިޚްތިޔާރެވެ. ބޭނުންވާ މަގުން ދަތުރު ކުރުމުގެ ބާރާއި އިޚްތިޔާރު އޮތީ ތިމާގެ އަތުގަ އެވެ.
        
ކުރަންޖެހޭ ކަންތައްތައް ބެހެއްޓިފައި ހުންނަ ހުރުމުން ސަލާމަތް ވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކެއް އެބަ ހުއްޓެވެ.
        
އެންމެ ފުރަތަމަ ކަމަކީ، ތިމާ މަސައްކަތް ކުރަމުން އަންނަ ގޮތަށް ބަދަލެއް ގެންނަން ވެއްޖެ ކަމަށް އަމިއްލަޔަށް ގަބޫލު ކުރުމެވެ. އެއަށް ފަހު، އޮފީސް މޭޒުމަތީގައި ފުނިޖެހިފައިވާ ފައިލްތަކާއި ލިޔުންތައް ނިންމަމުން ގެން ގޮސް ހުސްކުރުމެވެ. (މި ކަމަށް ހެނދުނުގެ ވަގުތުން ގަޑިއެއްހައި އިރު ޚާއްޞަ ކުރެވިދާނެ އެވެ.)
        
ހުރިހައިކަމެއް ހަނދާނުގައި ބަހައްޓައިގެން ކުރަން އުޅުމަށްވުރެ ނޯޓުކޮށްލައިގެން ގެންގުޅުން ރަނގަޅުވާނެ އެވެ. ކުރިން ޑައެރީއެއް ނުގެން ގުޅުނު ނަމަވެސް، ޑައެރީ އެއް ގެންގުޅޭން ފެށުމަކީ ބުއްދިވެރިކަމެކެވެ. ކޮންމެ ދުވަހަކު ވެސް ކުރަންހުރި ކަންތައްތައް ޑައެރީގައި ލިސްޓު ކޮށްލާނީ އެވެ. ނިމޭ ކަންތައްތަކުގައި ރަސްގެ އެއް ލަމުން ގެންދާނީ އެވެ. އެހެން ހެދުމުން، ކުރީ ދުވަހުގެ ކަންތައްތަކުން ނުނިމި ހުރި ކަންތައްތައް މި އަދު ނިންމުމަށް ބާރަކަށް ވާނެ އެވެ.
        
ކޮންމެ ދުވަހެއްގެ ވަގުތުތައް ބަހައިލެވިދާނެ އެވެ. ކަސްރަތުކުރަން އޮންނަ ގަޑިއަކީ، އެކަން ކުރަން ޖެހޭނެ ގަޑި އެވެ. އާދަވެގެން ކޮންމެ ދުވަހަކު ކުރާ ކަންތައްތަކަށް ވަގުތު ހުސްކޮށް އެ ވަގުތުތައް އެހެން ކަންތައްތަކުން ފުރައިލިޔަ ނުދިނުން އެއީ މުހިންމު ކަމެކެވެ.
        
މީހެއްގެ މިޒާޖާ ޠަބީޢަތަށް އެދެވޭ ބަދަލު ގެނެވޭނީ ދިރިއުޅުމުގެ ސްޓައިލަށް ވެސް އެދެވޭ ބަދަލު ގެނެސްގެންނެވެ. އޭގެތެރޭގައި އަވަހަށް ނިދުމާއި، ފަތިހާ ހޭލުމާއި، ކެއުމުގެ އާދަތައް ޞިއްޙަތަށް މަގުފަހިވާ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ. އަދި ގިނައިން ފެން ނުބޯ ނަމަ، ގިނައިން ފެން ބުއިމަކީ ވެސް މުހިންމު ކަމެކެވެ.

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ