އަދުގެ ޚާއްސަ

Print

ފުރުސަތުތައް ބޮޑުވީމައެވެ.

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

އޮފީހުން ނުކުތްތަނުން މަދްރަސީދައުރުގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. ހާލުއަހުވާލު އޮޅުންފިލުވާލުމަށްފަހު، މިހިސާބަށް އައިސްގެން ތިޔައުޅެނީ ކޮންކަމަކުތޯ ސުވާލުކޮށްލީމެވެ. އޭނާ އެދެއްކި ވާހަކަތަކުން އަޅުގަނޑުދިޔައީ ފިތްކަނޑައިގެންނެވެ.

އަހަރެމެން ދެމީހުންވެސް ތަޢުލީމު ހާސިލުކުރީ އެއްތަނަކުން އެއްރޮނގަކުން، އެއްދުވަސްވަރެއްގައެވެ. ދެމީހުންގެ ވިސްނުންވެސް ދާދި އެއްކަހަލައޭ އަޅުގަނޑު ހީކުރީމެވެ. ކިޔަވައި ނިމިގެން ރާއްޖެއަށް އައިސް ދެމީހުންވަޒީފާއަށް ފަށައިގަތީވެސް އެއް އޮފީހަކުންނެވެ. ނަމަވެސް އޮފީހުގައި ދޮޅުއަހަރު މަސައްކަތްކުރުމަށްފަހު ރަހުމަތްތެރިޔާ އޭނާގެ ރަށަށް ބަދަލުވެއްޖެވެ. މާލޭގައި ދިރިއުޅުމުގެ ޚަރަދުބޮޑުކަމުން ދެކޮޅުނުޖެހިގެންނެވެ. އޭގެފަހުން ރަހުމަޔްތެރިޔާގެ ޚަބަރެއް އެއްގޮތަކަސް ނުވެއެވެ.
އޮފީހުގެ އެއްމަޤާމުން އަނެއްމަޤާމަށް ބަދަލުވަމުންގޮސް އެގާރަ އަހަރުތެރޭ އަހަރެންހުރީ އޮފީހުގެ އެންމެ ސީނިއަރ ވެރިން ލެވެލްގައެވެ.

ރަހުމަތްތެރިޔާއާގެ ވާހަކަ އަހާލުމުން އިނގުނުގޮތުގައި އޭނާ މި މުއްދަތުގައި އެތަށްވަޒީފާއެއް އަދާކުރިއެވެ. އެންމެ ފުރަތަމަ ރަށުއޮފީހުގައެވެ. އެތާއުޅެމުން ރަށުގައި އަމިއްލަ ވިޔަފާރިއެއްވެސް ފެށިއެވެ. އޭގެފަހުން ކައިރި ރިސޯޓެއްގައެވެ. އޭނާގެ ބަހުންނަމަ "އޮޕަރޗުނިޓީސް" ތައްގިނަވީމައެވެ. އަޅުގަނޑު ހީކުރީއެބުނީ ކުރިޔަށް ދިއުމުގެ ފުރުސަތުތަށް ގިނަވެފައި، މުސާރަވެސް ބޮޑުވާހަކަ ކަމަށެވެ. ދެންބަދަލުވީ އެއަތޮޅުގައި ހުޅުވި ސަރަހައްދީ އޮފީހަށެވެ. އެތަން ވެސް މުޅިއަކުން ކަމަކު ނުދިޔައެވެ. ނަމަވެސް އެތާއުޅެމުން ކުރިންފެށި ވިޔަފާރި ތަންކޮޅެއްފުޅާ ކޮށްލިއެވެ. އޭގެފަހުން އެއަތޮޅުގައި ހިންގި ޔޫ،އެން ގެ ޕްރޮޖެކްޓެއްގައިވެސް މަސައްކަތްކުރިއެވެ. އަމިއްލަ ވިޔަފާރި އެންމެ ފުޅާކޮށް ހިންގައިގަނެވުނީ އެދުވަސްވަރުއެވެ.

ދެންމިހާރު އެއުޅެނީ ބޭންކުން ވަޒީފާއެއް ލިބޭތޯއެވެ. ސީދާ ބޭންކުން ވަޒީފާ ލިބޭތޯ ތިޔަ މަސައްކަތް ކުރަނީ ކީއްވެތޯ އަހާލީމެވެ. ހަމަ ކުރީގެވެސް ޖަވާބެވެ. "އޮޕަރޗުނިޓީސްތައް" މާގިނައީއެވެ. މިހާހިސާބުން އެއީ ކޮންކަހަލަ އޮޕަރޗުނިޓީސްއެއްތޯ އަޅުގަނޑު އަހާލާހިތްވެއްޖެއެވެ. ވާނީ އެހެންނޫން ތޯއެވެ. އޮޕަރޗުނިޓީސް ގިނަ، ފުރުސަތުތަށްބޮޑު ތަަަނަަކަށް ބަދަލުވާން އަޅުގަނޑުވެސް ބޭނުމެވެ. ދިރިއުޅުން އާރާސްތުކޮށް ފުރިހަމަކޮށް ދިރިއުޅުމުގެ މައިދާނުގައި ކުރިއެރުން ހޯދުމުގެ ބޭނުމުގައެވެ.

ބޭންކުން ވަޒީފާއެއް ހޯދުމުގެ ޝައުގުވެރިކަން އާލާވެގެން މިއުޅެނީ ކޮންމެހެން ބޭންކުގައި ތެދުވެރިކަމާއެކު ވަޒީފާގައި ދެމިހުރުމުގެ ނިޔަތަކު ނޫނެވެ. އަމިއްލަ ވިޔަފާރި ފުޅާކޮށްލަން ލޯނެއް ހޯދުމުގެގޮތުންނެވެ. އަދިވެސް އޭނާ އިތުރު ކޮށްލިއެވެ. މިދުވަސްވަރު އެހެން ގޮތަކަށްވެސް ކަޓެއްނެގިދާނެއެވެ. ބޭންކަށް ވަންނަ ޑޮލަރު ބޮޑުއަގުގައި ވިއްކައި ބޭންކަށް ދޭންވާބައި ދީފައިވެސް ކޮންމެވެސް ވަރެއްގެ ފައިދާއެއް ޖީބަށް ލެވިދާނެއެވެ. އަނެއްކާ ލޯނުހޯދަން އަންނަ މީހުންނަށް "ފަސޭހަ" ކޮށްލައިދީގެން އެމީހުންގެ އަތުންވެސް ސައެއް އަތުލެވިދާނެއެވެ. އަދިވެސް މިކަހަލަ ކިތަންމެ ކަމެއްހުންނާނެއެވެ. އަޅުގަނޑު ހިތަށްއެރިއެވެ. މީނާއަށް ބޭންކުތަކުގައި ކަންތައްތައް އޮންނަގޮތް އިނގޭބާވައެވެ.

އޭނާގެބަހުންނަމަ އެއްއޮފީހެއްގައި އަހަރެން ހުރިހެން ހަރުލާ ހުރެއްޖެނަމަ މިކަހަލަ އޮޕަރޗުނިޓީސްތަކަށް މީހާގެލޯ އަވަރުވާނެއެވެ. އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔަވަރަކަށް ކަންތައްތައް އޮޅުންފިލަމުން ދިޔައެވެ. ވިޔަފާރި ފަށައިގެން މިއުޅެނީވެސް ކުރިންބުނި ކަހަލަ އޮޕަރޗުނިޓީއެއް ތެރެއިންނެވެ. ވިޔަފާރި ފުޅާކުރީވެސް ހަމަ އެގޮތަށެވެ. ކޮންމެތަނަކަށް ވެސް ބަދަލުވަނީ އެބުނާ އެއްޗެއް އެތަނަކުން ފެނިގެން ނުވަތަ އެއެއްޗެއް އެތާއޮވެގެންނެވެ. ނަމަވެސް ހީކުރާގޮތަށް އެކަން ނުވުމުން ކޮންމެތަނަކުންވެސް ކެނޑެނީއެވެ.

ހޯހޯއެވެ. އަހަރެން ވާ ސަލާމެވެ. ތިޔަކަހަލަ އޮޕަރޗުނިޓީސްތައް ހޯދައިގެން އެއްވެސް ކަމެއް ކުރާކަށް އަހަރެން ނެތީމެވެ. އަހަރެން ހިތުން ރަހުމަތްތެރިޔާ މިހުރީ އަހަރެމެން ކިޔެވި އެއްމާއްދާ އެއްކޮށް ހަނދާން ނައްތާލައިގެންނެވެ. އެއީ އެންމެ ކުޑައިރުއްސުރެ ކިޔަވާ މާއްދާއެކެވެ. އޭގެ ގިނަބައިތައް ދީނީ ތަރުބިއްޔަތު ފޮތްތަކުން ކިޔެވީމެވެ. ބައެއްބައިތައް އިޖްތިމާއީ އިލްމުފޮތުންނެވެ. ތަންކޮޅެއް މައްޗަށް ދިއުމުން، "ޕްރޮފެޝަނަލް އެތިކްސް" ގެ ލެކްޗަރތަކުންނެވެ. އަދި އަބަދުވެސް ކީރިތި ޤުރުއާނުންނެވެ.
އަހަރެމެންގެ ތެރެއިން ގިނަމީހުންގެ ހުރީ ރަހުމަތްތެރިޔާގެ ފިކުރުނަމަ މުޖްތައު ފަސާދަވެ ހަލާކުވެއްޖެއެވެ. ނުވަތަ ވާން ކައިރިވެއްޖެވެ. މާތް ﷲ އަހަރެމެންނަށް ހެޔޮވިސްނުން ދެއްވައި ޙިކްމަތްތެރި ކުރައްވާށިއެވެ. އާމީން

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ