ސެމިނާރ ކަރުދާހެއް ތައްޔާރު ކުރުން
މުޙަންމަދު ވަޙީދު - މަޑުލު
ސެމިނާރަކީ ކަމަކާމެދު ޙައްލެއް ހޯދުމަށް އަޅަންވީ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.
މަޝްވަރާ ކުރުމަށް ތަފާތު ވައްތަރު ވައްތަރުގެ ބައްދަލުވުންތައް ބޭއްވޭއިރު ސެމިނާރ އެއްގެ އެންމެ ބޮޑު ތަފާތަކީ، ވާހަކަ ދެއްކުމެވެ. މައިގަނޑު ނަމުގެ މައްޗަށް ބަލައިލައި ކަރުދާސްތަކެއް ހުށަހެޅޭކަމެވެ.
ސެމިނާރަށް އެއްކަރުދާހަށްވުރެ ގިނަ ކަރުދާސް ހުށަހެޅެ އެވެ. އެއީ މައްސަލައިގެ މައްޗަށް ތަފާތު ރޮނގުރޮނގުން ބަލައިލައި ހުށަހެޅޭ ކަރުދާސްތަކެކެވެ.
ސެމިނާރ ކަރުދާހެއް އޮންނަންވީ ގޮތަކާމެދު ތަފާތު ގޮތްގޮތަށް ތަފާތު މީހުން ޚިޔާލު ކުރެ އެވެ. އަދި ސެމިނާރ ކަރުދާސް ތަފާތު އިސްޓައިލްތަކަށް ލިޔެވިފައި ހުއްޓައި ވެސް ފެނެ އެވެ.
އެކަރުދާހެއް ހުށަހެޅޭ އެންގަލަކުން އެ ކަރުދާހަކީ ވަރަށް ފަންނީ ކަރުދާހަކަށް ވެސް ވަރަށް ސާދާ ކަރުދާހަކަށް ވެސް ވެދާނެ އެވެ.
މިސާލަކަށް ބޯފެނާބެހޭ ގޮތުން ރާއްޖޭގެ ޙާލަތު ބަޔާން ކޮށްދިނުމަށް ހުށަހަޅާ ކަރުދާހެއް އެހައި ފަންނީ ކަރުދާހަކަށް ނުވި ނަމަވެސް ރާއްޖޭގެ ރަށްރަށުގެ ބިމުގެ ފެންފަށަލައިގެ ވާހަކަ ދައްކައި ދީފައިވާ ކަރުދާހަކަށް ކުރެހުމާއި ފެނުގައި ހިމެނޭ ބައިތަކާބެހޭ މަޢުލޫމާތު ދީފައި ހުރެދާނެ އެވެ.
ސެމިނާރ ކަރުދާހެއް ލިޔަން ހަވާލު ކުރާނީ ވަކި މީހަކާ އެވެ. ނުވަތަ ދެތިން ހަތަރު މީހުންގެ ޓީމަކާ ވެސް ހަވާލު ކޮށްފާނެ އެވެ.
ކަރުދާސް ލިޔަން ހަވާލުވުމުން ސެމިނާރ އިންތިޒާމު ކުރާފަރާތުން ސެމިނާރުގެ މަޤުޞަދާއި ކަރުދާސް ލިޔަންވީ މައިގަނޑު ނަމާއި، އެ މައިގަނޑު ނަމުގެ މައްޗަށް ލިޔާ ކަރުދާހުގެ ދާއިރާ އަކީ ކޮބައިތޯ އާއި ކަރުދާހުގައި ހިމަނާ މަޢުލޫމާތާއި ވާހަކަތައް ހަނިކުރަންވީ މިންވަރާއި ފުޅައުކުރަންވީ މިންވަރު ސާފު ކުރަންވާނެ އެވެ.
އެހެންވީމާ، އެ ސެމިނާރ އިންތިޒާމު ކުރާ ފަރާތުން ކަނޑައަޅަންޖެހޭ ކަންތަކުގެ ތެރޭގައި ހުށަހެޅޭ ކަރުދާސްތަކުގެ ބޭނުމާއި ދާއިރާ އާއި، ހިމަނަންވީ މަޢުލޫމާތު ލަފާކޮށްލައިފައި ނަމަ ވެސް ކަނޑައެޅުން މުހިންމެވެ. މި ކަން މުހިންމުވާ ސަބަބަކީ، ސެމިނާރުގެ ބައިވެރިންނަށް މަޝްވަރާކުރަންޖެހިފައިވާ މައްސަލަ ސާފުކޮށްދެވުނު ވަރަކަށް ސެމިނާރުން ނިކުންނަ ނަތީޖާ ރަނގަޅުވާނެއަތީ އެވެ.
ކަރުދާސް ލިޔަންވީ މައިގަނޑު ނަމާއި، ދާއިރާ އާއި، އެހެން ގޮތަކަށް ބުނާނަމަ، ކަރުދާހުގެ އޮނިގަނޑު ހަވާލުވުމުން ދެން އެވީ ކަރުދާހަށް ބޭނުންވާ މަޢުލޫމާތު ހޯދާށެވެ.
މަޢުލޫމާތު ހޯދާނީ މައިގނަޑު ނަމާގުޅޭ ފޮތްފޮތުންނާއި ތަފާސް ހިސާބުަކުންނާއި އެ ފަދަ މަޢުލޫމާތު ހުންނާނެ މީހުންނާއި ވާހަކަ ދައްކައިގެންނާއި ނޫސްތަކާއި މައްޖައްލާތަކުގައި ކަމާބެހޭ ގޮތުން ލިޔެފައިވާ ލިޔުންތަކަށް ބލައިގެންނެވެ. ބައެއް ހާލަތްތަކުގައި ސާރވޭއެއް ކުރަން ވެސް ޖެހިދާނެ އެވެ.
މަޢުލޫމާތު އެއްކޮށް ނިމުނީމާ އެވީ ކަރުދާހުގައި އެ މަޢުލޫމާތު ގެންނާނެ ތަރުތީބެއް ކަނޑައަޅާށެވެ. ހޯދާ ހުރިހާ މަޢުލޫމާތު ކަރުދާހުގައި ނުހިމެނި ނަމަވެސް ކަރުދާސް ލިޔަން ފެށުމުގެ ކުރިން މަޢުލޫމާތު ހުށަހަޅައިލާނެ ތަރުތީބެއް ކަނޑައެޅުން މުހިންމެވެ.
ސެމިނާރ ކަރުދާހެއް ލިޔުމަށްޓަކައި ކަންތައްތައް ކުރުމަށް މިހައިތަނަށް މި ދެއްކުނު ވާހަކަތަކުން ބަލަ، މަޒުމޫނެއް ލިޔަނީ ވެސް ތިޔަ ގޮތަށް ނޫންހޭ ހިތަށް އަރައިފާނެ އެވެ.
ޝައްކެއްނެތެވެ. ދިރާސާ ރިޕޯޓު ވެސް ތަޙުޤީޤު ބަޔާން ވެސް އަދި ކިޔެއްތަ ސިޓީ ވެސް ޕީ އެޗް ޑިއަށް ލިޔާ ތީސީސް ވެސް ލިޔާނީ މަޢުލޫމާތު ލިބިގެން، ފެށުމަކާއި މައިގަނޑަކާއި ނިންމުމެއް އޮންނަ ގޮތަށެވެ. އެހެންވީމާ، މި ފަދަ ލިޔުންތަކުގައި ވައްތަރު ސިފަތަކެއް ހުރެއޭ ބުނެފައި ނިންމައިލުމަށް ގަސްދުކުރަމެވެ.
ސެމިނާރ ކަރުދާހެއް ލިޔާނީ ކަމެއްގެ ވާހަކަ ކިޔައިދޭ ގޮތަށެވެ. ޚިޔާލުތަކާއި ފެންނަނ ގޮތް ބަޔަކަށް އަނގަބުން ވެސް ހުށަހަޅައިދޭނެ ގޮތަށެވެ.
ސެމިނާރ ކަރުދާހެއް ލިޔުމުގައި ވިސްނަންވީ ކަންތައްތަކަކީ، ކަރުދާސް ފެށުމުގައި ކަރުދާހުގައި ހުށަހަޅަން އުޅޭ ކަންތައް ތަޢާރުފުކޮށްދިނުމެވެ. ކަރުދާހުގައި ބަލައިލާން ގަސްދުކުރާ ވާހަކަތަކުގެ ފަސްމަންޒަރު ބުނެދީފައި މައިގަނޑު ނަމުގެ މައްޗަށް ބަލައިލުން މުހިންމެވެ. ސެމިނާ ކަރުދާހެއް ލިޔާނީ އަރިމަތީ ސުރުޚީތަކެއް ޖަހައިގެންނެވެ.
ހުށަހަޅަން ގަސްތުކުރާ މަޢުލޫމާތުތަކާއި އެކި މަޢުލޫމާތުތަކުގެ މައްޗަށް ދައްކަން ހުރި ވާހަކަތައް އަރިމަތީ ސުރުޚީތަކެއްގެ ދަށުގައި ލިޔެލައި ނިމުމުން ކަރުދާސް ނިމުނީ އެވެ.
ނިންމައިލުމުގެ ވާހަކަތައް ''ނިންމުން'' ނުވަތަ ''ނިންމައިލުން'' ފަދަ އަރިމަތީ ސުރުޚީއެއްގެ ދަށުގައި ވެސް ލިޔެވިދާނެ އެވެ.
ސެމިނާރ ކަރުދާހެއް ލިޔުމުގައި ނުކުރަންވީ ކަންތައްތަކަކީ އެހެން މީހެއްގެ ލިޔުމުގެ ބައިތަކެއް ތިމާގެ އަމިއްލަ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމާއި ހުށަހަޅާ މައްސަލައަށް ތިމާ އަށް ފެންނަ ޙައްލުތައް ހުށަހެޅުމެވެ.
ސެމިނާރ ކަރުދާސްތަކަކީ، ސެމިނާރގެ ބައިވެރިންނަށް މައްސަލައެއް ޙައްލުކުރުމަށް މަޝްވަރާ ކުރާ އިރު، މައްސަލަ އޮތްގޮތް ސާފުކޮށް ކިޔައިދިނުމަށް މައްސަލައިގެ އެކި ދިމާއިން ބަލައިލައި ހުށަހަޅާ ކަރުދާސްތަކެކެވެ.
ސެމިނާރުގެ ބައިވެރިން ގުރޫޕުތަކަށް ބެހިގެން އެ ކަރުދާސްތަކާމެދު ވަކިވަކިން މަޝްވަރާ ކުރާނެ އެވެ. އަދި މައްސަލައަށް ގެންނަން ފެންނަ ޙައްލުތައް ކަނޑައަޅާނީ ސެމިނާރުގެ ބައިވެރިންނެވެ. ކަރުދާހެއް ހުށަހަޅާ ފަރާތަކީ ޙައްލުތަކެއް ހުށަހަޅަންޖެހޭ ފަރާތެއްނޫނެވެ. މިހެން ބުނުމަކުން ފެންނަ ގޮތްތަކެއް ނުވަތަ އެހެން ބައެއްގެ ތަޖުރިބާތަކެއް ބުނުމަކަށް ހުރަހެއްނާޅަ އެވެ.
ސެމިނާރ ކަރުދާހުގެ ދެލި ކޮޕީ ލިޔެ ނިންމައިލައި، މުޅި ކަރުދާހުގެ މައްޗަށް ޚުލާޞާއެއް ލިޔެލަންވާނެ އެވެ. މި ޚުލާޞާ އަކީ ކަރުދާހުގެ މައިގަނޑު ނަމުގެ ދަށަށް ގޮޅިއަކަށް ލައިފައި ލިޔެލާ ޚުލާޞާއެކެވެ. މުޅި ކަރުދާސް ނުކިޔައި ވެސް އެ ޚުލާޞާ ކިޔައިލުމުން ކަރުދާހުގައި ދައްކައިފައިވާ ވާހަކަތައް އެނގޭނެ ލިޔުންކޮޅެކެވެ. މި ޚުލާޞާ މުޅި ކަރުދާހުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ވެސް ބަރުވާން ޖެހޭނެ އެވެ. ޚުލާޞާގައި ހިމަނާނީ މުޅި ކަރުދާހުގައި ބަލައިލައިފައިވާ މައިގަނޑު ނުކުތާތަކުގެ ވާހަކަ އެވެ.
ސެމިނާރ ކަރުދާހެއްގެ އެންމެ ފަހަތު ގަނޑަކީ، ކަރުދާހަށް މަޢުލޫމާތު ހޯދި ފޮތްފޮތާއި ފަރާތްތައް ބަޔާންކޮށްދީފައިވާ ލިސްޓެވެ.
ސެމިނާރ ކަރުދާހެއްގައި ދައްކާ ވާހަކައެއް ބޮޑަށް ހާމަކޮށްދިނުމަށްޓަކައި ބާރޗާޓާއި ގުރާފާއި، ތާވަލާއި، ތަންތަނުގެ ޗާޓާއި އެއްޗެހީގެ ޑައިގްރަމް ހިމެނިދާނެ އެވެ.
(ނިމުނީ)