އަދުގެ ޚާއްސަ

Print

ތިމާގެ މޮޅުކަން ތިމާއަށް ފެނިއްޖެ ނަމަ....

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ


ކުޑަ ކުދިންގެ ވާހަކަ

އަލްއުސްތާޛުލް މަރުޙޫމު މުޙައްމަދު ޖަމީލު ދީދީ

ސްކޫލެއްގެ އެންމެ ދަށަށްވުރެން މަތީ ކިލާހެއްގެ ކުދިބައެކެވެ. ލިބުނު ޗުއްޓީއެއްގެ ތެރޭގައި، ދޯނި ދުއްވައިލާން ދަތުރަކުދާ ފިކުރު ކޮށްފި އެވެ. ވަރަށް ގިނައިރު ސައްލާ ކުރުމަށްފަހު، އަތިރިމައްޗަށް ނިކުމެއްޖެ އެވެ.

ތަންކޮޅަކަށް ދިޔަތަނާ ވަރަށް ރީތިކޮށް ދަވާދުލައި ވަރަށް ޗާލުކޮށް ތައްޔާރު ކޮށްފައިވާ ކުޑަވަރެއްގެ ދޯންޏަކާއި ދިމާވެއްޖެ އެވެ. ދޯނީގައި ވަނީ އެންމެ މީހެކެވެ. ދޯނީގެ ވެރިޔަކީ އޭނާ އެވެ. ކެޔޮޅަކީ ވެސް އޭނާ އެވެ. ފަޅުވެރިއަކީ ވެސް ހަމަ އެ އެވެ. 
ކެޔޮޅުބެއާއި ބައްދަލުކޮށް ވާހަކަ ދައްކައިލައި، ވަރށް ކުޑަ ކުއްޔަކަށް ދެތިންގަޑިއިރުގެ ދުއްވައިލުމަކަށް ދާން ހަމަޖެހިގެން ފުރައިފި އެވެ.

ރީތި ނަލަ މަޑު ރޯޅިއެއްގައި، ވަރަށް އޮމާން، ހިމޭން ކަނޑެއްގައި، ދަތުރުކުރަމުން ކަނޑުގެ ލޮނުގަނޑު ކަފަމުން ދެފަރާތަށް އުކަމުން އުކަމުން ދާއިރު، ކެޔޮޅުބެއަށާއި ކުދިންނަށް އަދަޔާއި ޚިލާފު އުފާވެރިކަން ލިބެމުން ދެ އެވެ. ދަންމާނަށް ސަމާލުވެހުރެ، ހުންގާނު ހިފަމުން ދޯނި ދުއްވަމުން ދާއިރު، ހިތްފަސޭހަ ރާގެއް ކެޔޮޅުބޭގެ ފަރާތުން އިވެމުންދެ އެވެ. ކުދިންނަށް ލިބިފައިވާ އުފަލާއެކު، އެއްކުއްޖަކު އަނެއްކުއްޖާ ކޮއްޕައި، ހަޅޭލައި، ހީނސަމާސާކޮށް ހަދަ އެވެ.

އިރުކޮޅެއް ވީފަހުން އެއްކުއްޖަކު ކެޔޮޅުބެއާއި ދިމާއަށް އެބަ ބުނެ އެވެ.

''ކެޔޮޅުބޭ ހިސާބު ދަންނަމުތަ؟''

ކެޔޮޅުބޭ: -  "ނޫން! ނުދަންނަން."

ކުއްޖާ:  -  "ލިޔާންކިޔާން ދަންނަމުތަ؟"

ކެޔޮޅުބޭ: -  "ނޫން! ނުދަންނަން."

ކުއްޖާ:  -  "އިނގިރޭސިބަހުން ވާހަކަދައްކަން ދަންނަމުތަ؟"

ކެޔޮޅުބޭ: -  "ނޫން! ނުދަންނަން."

ކުއްޖާ:  -  "ޖިއޯގްރަފީ ދަންނަމުތަ؟"

ކެޔޮޅުބޭ: -  “ނޫން! ނުދަންނަން. އަޅުގަނޑު ކުޑައިރު، ސްކޫލަށް ގޮސް އުޅެވޭފަދަ ނަސީބެއް ލިބިފައެއް ނެތެވެ. އަޅުގަނޑަށް ދަސްވެފައިއޮތީ، އަޅުގަނޑުގެ އަނބިދަރީން ގޮވައިގެން ކައިބޮއި އުޅެވޭފަދަ މަސައްކަތެއް ކޮށްގެން އުޅޭނެ ގޮތެކެވެ. އެއީ، މި ދޯނި ކުއްޔަށް ދުއްވުމެވެ. ...."

ކުދީންތައް ހީނގެންފައި މަލާމާތުގެ ރާގަކަށް އެއްކުއްޖަކު "އެހެންވިއްޔާ ކެޔޮޅުބޭގެ އުމުރުން ވަރަށްބޮޑުތަން ނަގައިލައިފީމުތާ އެވެ."

މިހެން ބުނުމާއިއެކު، ތިންކުދީން ތިންކުދީންނަށް އިނގިރޭސިބަހުން ވާހަކަދައްކަމުން ކެޔޮޅުބެއަށް މަލާމާތް ކުރަމުން ހެމުން ގެންދެ އެވެ. ކެޔޮޅުބޭ ވަރަށް ލަދުން ދެރަވެފައި، އެކައްޗެކޭވެސް ނުބުނެ ހިމޭނުން އިނެވެ.
 
އިރުކޮޅެއްވީތަނާ، އުޑުމައްޗަށް ބަދަލެއް އަތުވެއްޖެ އެވެ. މަޑުމަޑުން ޖެހެމުން އައި މަޑު ރޯޅި ގަދަވާން ފަށައިފި އެވެ. އޮމާންކޮށް އޮތް ކަނޑުގެ ރާޅުތައް އުފުލިއްޖެ އެވެ. މުޅި ކަނޑު އެކީ އެކައްޗަކަށް ހުދުފޮނު ކޮށްލައިފި އެވެ. "ހިތްވަރުގަދަ" ކުދީންތައް އެއްކުއްޖަކު އަނެއް ކުއްޖަކާ ހިފަހިފައިފައި ރޮއިހޭރެނީ އެވެ.

ކެޔޮޅުބޭ ހުސްގަޔަށް ހަދައިލައި، ދަމާ އެއްނަރަކަށް ފޫގަޅައިގެން، ދަންމާނަށް ދެއަތް، ހުންގާނު ދޫންޏަށް ދެފައިދީގެން ހުންނައިރު ހީވަނީ، ހަށިގަނޑު ރީތިކަމާ ފުރިހަމަކަމުގެ ނަމޫނާއެއްގެ ގޮތުން އިހުގެ ގްރީކުން ހަދައި އުޅުނު ކަހަލަ ބުދެއް، ހުންގާނު މަޅުމަތީގައި ބަހައްޓައިލައިފައި ހުރިހެންނެވެ.
 
ކުޑައިރުކޮޅެއްފަހުން އައި ރޯޅިއަކުން، ދޯނި ސަލާމަތެއް ނުކުރެވުނެވެ. އޮތީ މުޅިން ބަނޑުންވެފަ އެވެ. ކެޔޮޅުބޭ ކަނޑަށް ފުންމާލައި، ދޯނި ތެދުކޮށް ހަދައިފައި ދޯނީގެ ދިޔަ ހިއްކަމުން ކުދީން ކޮބައިތޯ ބަލައިލިއިރު، ހަތަރެސްފައިން ބަކަތަޅަތަޅައި އޮޔާދަނީ އެވެ. ރޮއިހޭރެނީ އެވެ. "ކެޔޮޅުބެއާއޭ! އަޅުގަނޑުމެން ސަލާމަތް ކުރައްވާށޭ!" ގޮވައި އާދޭސް ކުރަނީ އެވެ.

ކެޔޮޅުބޭ:  -   "ބަލަ! ތިޔަ ބޭކަލުން ފައްތަވާކަށް ދެނެއެއްނުލައްވަމުތޯއޭ؟"

އެއްކުއްޖަކު:-  "އާނ! ނުދަންނަން."

ކެޔޮޅުބޭ:  -   "އެހެންވިއްޔާ ތިޔަ ބޭކަލުންގެ މުޅި އުމުރު ތިޔަ އޮތީ ގެއްލިފައި ނޫންތޯއޭ!"

މިހެންބުނެ ހީނގެންފައި ކަނޑަށް ފުންމައިލައި އެކިކުދީން ވަކިވަކީން ގެނެސް ދޯންޏަށްލައި، ސަލާމަތްކުރުމަށްފަހު، ދޯނީގެ ދިޔަ ހިއްކައި ދަތުރުވެވޭފަދަ ކޮށްގެން ރަށަށް އައި ދަތުރުމަތީގައި، އެ ކުދިންނާއި ދިމާއަށް އެބަބުނެ އެވެ.-

"ކުދިންނޭވެ! ތިމާމެންނަށް އެނގިފައިވާ އެނގުމެއްގެ މައްޗަށް ކިބުރުވެރިވެ ބޮޑާވާކަށް ނުވާނެ އެވެ. އިބުލީސް ސުވަރުގެއިން ބޭރުކުރެއްވީ ވެސް އެކަމާހުރެ ނޫންތޯ އެވެ! އޭނާއަށް އޭނާ ފެނުނީ މާމޮޅުމީހެއް ކަމުގަ އެވެ. ހަމަތެދެކެވެ. ތިމާގެ މޮޅުކަން ތިމާއަށް ފެނިއްޖެނަމަ، ކޮންމެ މީހަކަށްވެސް ވާނީ ހަމަ އެ ގޮތެވެ."

(ނިމުނީ)

ހަވާލާ؛

 އަލްއުސްތާޛުލްމަރުޙޫމު މުޙައްމަދު ޖަމީލުދީދީ (-----).ޖަމީލުގެ ކުދި ވާހަކަތައް. ދިވެހިބަހާއި ތާރީޚަށް  ޚިދުމަތްކުރާ ގައުމީ މަރުކަޒު، މާލެ.

މިލިޔުން:
     ޓައިޕްކުރުން:  އަޙްމަދު ސަމީޢު
     އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
     ޝާއިޢުކުރުން: އަޙްމަދު ސަމީޢު

އިދާރާ

ވާހަކަ