ވިސްނުންތެރި ޖަވާބެއް
ކުދިވާހަކަ
މުޙައްމަދު ލަޠީފު ށ. މިލަންދޫ
އަޙްމަދަކީ ވަރަށް ވިސްނުން ތޫނު ކުއްޖެކެވެ. މުދައްރިސްގެ ސުވާލުތަކަށް ކުއްލި ޖަވާބު ދިނުމުގައިވެސް އަޙްމަދަކީ ކުލާހުގައި ފާހަގަކުރެވޭ ދަރިވަރެކެވެ. އަޙްމަދުގެ މިހުނަރުގެ ސަބަބުން މުދައްރިސްވެސް އަޙްމަދުދެކެ ވަރަށް ލޯބިވެއެވެ. އަދި ކުލާހުގެ ހުރިހާކުދިންވެސް އަޙްމަދާ ގުޅެ އެވެ.
މުދައްރިސް އެއްދުވަހަކު ހުރިހާ ކުދިންނާ މަސައްކަތެއް ހަވާލުކުރި އެވެ. އެއީ ޖެހިގެން އަންނަ ހަފުތާގެ ހޯމަ ދުވަހު އަންނައިރު ކޮންމެ ކުއްޖަކުވެސް ރީތި ދެ ކުރެހުން ކުރަހައިގެން ގެނައުމަށެވެ. އާދަޔާ ޚިލާފު މޮޅު ކުރެހުމެއް ކުރެހޭތޯ މަސައްކަތް ކުރުމަށް މުދައްރިސް ހުރިހާ ދަރިވަރުންނަށް ވެސް އިރުޝާދު ދެއްވި އެވެ. އަދި އެންމެ އާދަޔާ ޚިލާފު މޮޅު ކުރެހުމެއް ކުރެހި ދަރިވަރަކަށް ވަރަށް އަގުހުރި އިނާމެއް ދެއްވާނެކަމަށް ވެސް ބުނުއްވި އެވެ.
ޖެހިގެންއައި ހަފުތާގެ ހޯމަ ދުވަހު އަޙްމަދު ކުލާހަށްދިޔަ އިރު ހަނދާންނެތިގެން ކުރެހުމެއް ނުގެންދެއެވެ. އަދި ގޭގައި ކުރެހުމެއް ކުރަހާކަށް ވެސް އަޙްމަދު ހަނދާނެއް ނެތެވެ. މުދައްރިސް ކުއްލިޔަކާ ކުރެހުންތަކާ ބެހޭގޮތުން ސުވާލުކުރުމުން އަޙްމަދަށް ޙައިރާންކަމެއް ލިބުނެވެ. މުދައްރިސް ފުރަތަމަ ސުވާލުކުރެއްވީ ޢަލީ އާ އެވެ.
މުދައްރިސް: ޢަލީ ކުރެހީ ކޮންއެއްޗެއް؟
ޢަލީ: ( ކުރެހުންތައް ދައްކާލަމުން) ފުރަތަމަ ކުރެހުމުގައި މިއޮތީ ފުރޭތައެއް. އޭތި ކަނޑުން އަރައިގެން އެ އަންނަނީ. ދެވަނަ ކުރެހުމުގައި އެ އޮތީ ވެލައެއް. މޫދުގައި ވަޅުކޮނެގެން ބިސްއަޅަނީ. މިހާރު އެއްގަމުން ބިސްއަޅަން ޖާގަ ނުލިބޭތީ މޫދުގައި ބިސްއަޅަނީ. ޢަލީގެ ކުރެހުންތަކަށް މުދައްރިސް ވަރަށް ތަޢުރީފު ކުރެއްވި އެވެ. އަދި އެއީ އާދަޔާ ޚިލާފު މޮޅު ކުރެހުންތަކެއްކަމަށް މުދައްރިސް އެއްބަސްވެ ލެއްވިއެވެ.
މުދައްރިސް: ޙަސަން ކުރެހީ ކޮން އެއްޗެއް؟
ޙަސަން: ފުރަތަމަ ކުރެހުމުގައި އެހުރީ އާފަލުގަހެއް. އެގަހުގައި ރަތް އާފަލާއި ފެހި އާފަލާއި ރީނދޫ އާފަލުވެސް އަޅާ. މުދައްރިސް ފެނިލައްވާތޯ؟ އެކި ކުލަކުލައިގެ އާފަލުތައް؟
މުދައްރިސް: އާނ! މުދައްރިސަށް ފެނޭ އެކިކުލަކުލައިގެ އާފަލުތައް، ވަރަށް ރީތި. ކޮބާތަ ދެވަނަ ކުރެހުން؟
ޙަސަން: (މުދައްރިސަށް ދެވަނަ ކުރެހުން ދައްކާލަމުން) މިއޮތީ! މި ކުރެހުމުގައި މިއޮތީ ކޮތަރުތަކެއް ފުޓުބޯޅަ ކުޅޭ މަންޒަރު. އެތަނުން އެއް ކޮތަރު ބޯޅަ ހިފައިގެން އުދުއްސައިގަތުމުން އިދިކޮޅު ޓީމުގެ ކޮތަރުތައް އެދަނީ ބޯޅަ އަތުލަން. ބޯޅަ ހިފައިގެންދާ ކޮތަރުގެ ޓީމުގެ ކޮތަރުތައް އެ މަސައްކަތްކުރަނީ ބޯޅަ އަތުލިއަނުދޭން.
މުދައްރިސް: ތިއަ ދެ ކުރެހުންވެސް މޮޅު. ވަރަށް އާދަޔާ ޚިލާފު ދެ ކުރެހުން ތިއީ.
މުދައްރިސް: އަޙްމަދު! އަޙްމަދު ކުރެހީ ކޮން އެއްޗެއްތަ؟ މުދައްރިސަށް ދައްކާލަ ބަލަ!
އަޙްމަދު: (ހުސްގަނޑެއް ދައްކާލަމުން) މީގައި އަޅުގަނޑު ކުރެހީ ވަރަށް ރީތި ފެހި ވިނަގަނޑެއް. އެތަނުގައި އެކި ފާޑުފާޑުގެ ވަރަށް ރީތި ވިނަތައް ކުރެހިން. (ދެވަނައަށްވެސް ހުސް ގަނޑެއް ދައްކާލަމުން) މީގައި އަޅުގަނޑު ކުރެހީ ގެރިއެއް. އެގެރި ކުރެހިފަހުން މިހާރު ތިން ދުވަސް ވެއްޖެ. އެހެންވެ އޭތި ބަނޑުހައިވެގެން ވިނަގަނޑު ކާލައިގެން ހިނގައްޖެ. އެހެންވެ މިހާރު މި ދެގަނޑުވެސް މިއޮތީ ހުހަށް.
މުދައްރިސް: ތިއައީ ކިހިނެއް ވާނެކަމެއް. ވިނަގަނޑު ކައިގެން ގެރިއަކަށް ނުދެވޭނެ. ކަރުދާސްގަނޑެއްގައި އޮންނަ ވިނަގަނޑެއް ނުވެސް ކެވޭނެ. ތިއައީ ބުއްދި ޤަބޫލު ނުކުރާކަމެއް.
އަޙްމަދު:- ބައްލަވާ މުދައްރިސް މޫދުގައި ވަޅުކޮނެގެން ވެލައެއް ބިސްއެޅިވާހަކަ މީހަކު ދުވަހަކުވެސް ދައްކާ އަޑެއް ނާހަން. އަދި ފުރޭތައެއް ކަނޑުން އަރައިގެން އަންނާތީ ދުށް މީހަކުވެސް ނޫޅޭ. ފުރޭތަ ހުންނަ ސިފައެއް ވެސް އެއްވެސް މީހަކަށް ނޭނގޭ. އެއީ ކަނޑުގައި އުޅޭ ޚިޔާލީ ޖިންނިއެއް. މުދައްރިސް އެހުރިހާ ކަމެއް ޤަބޫލުކުރެއްވިއިރު މިކަން ކީއްވެތޯ ޤަބޫލު ނުކުރައްވަންވީ؟ އެއް ގަހުގައި އެކިކުލަކުލައިގެ އާފަލު އަޅާ ގަހެއް ދުވަހަކުވެސް ހެދުނުކަމެއް އެނގިފައެއްނެތް. އަދި ކޮތަރެއް ފުޓުބޯޅައެއް ހިފައިގެން އުދުއްސައިގަނެވޭނެކަން ޤަބޫލުކުރާނެ އެއްވެސް މީހަކު ނުހުންނާނެ. އަދި ކޮތަރަކީ ފުޓުބޯޅަ ކީއްކުރަންތޯ އެއްވެސް ކުޅިވަރެއްކުޅޭ ދޫންޏެއް ނޫން. އެކަމަކު މުދައްރިސް ތިއަހުންނެވީ އެހުރިހާކަމެއް ޤަބޫލު ކުރައްވައިގެން ނޫންތޯ؟ ވިނަގަނޑެއް ކައިގެން ގެރިއެއް ހިނގައިދާނެކަން ޤަބޫލުނުކުރާނެ މީހަކު ނުހުންނާނެ. ވީމާ މުދައްރިސް ކީއްވެތޯ ވިނަގަނޑެއް ކައިގެން ގެރިއެއް ހިނގައިދާނެކަމަށް ޤަބޫލު ނުކުރައްވަނީ؟
މުދައްރިސް: ތިވެސް ދޮގެއްނޫން.
-----------------
(ނިމުނީ)
މި ލިޔުން؛
ޓައިޕުކުރުން: މުޙަންމަދު ލަޠީފު
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
ޝާއިޢުކުރުން: އަޙްމަދު ސަމީޢު