އަދުގެ ޚާއްސަ

Print

ﷲ ވޮޑިގެންވެ އެވެ! އަދި އެކަލާނގެ ކުޅަދުންވަންތަ އެވެ! (1)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


އަލްއުސްތާޛު އަޙުމަދު މާޖިދު

(ނޯޓް: މިއީ ހާރޫން ޔަޙްޔާ ލިޔުއްވާފައިވާ ލިޔުމަކާއި އަދި ބައެއް އެހެނިހެން ރިފަރެންސްތަކުގެ އަލީގައި ލިޔެވިފައިވާ މަޒުމޫނެކެވެ.)

މޫސުން ރަނގަޅު ރެއެއްގައި އަތިރިމައްޗަށް ނިކުމެވަޑައިގެން، ޖައްވުގެ އެކި ދިމަދިމާޔަށް ނަޒަރު ހިންގަވައިލައްވާށެވެ! ބޯމަތީގައި ފެތުރިގެންވާ އުޑުގެ ހުރިހާ ދިމާޔަކުން ކުޑަކުޑަ އަލިފާންކަނިތަކެއް ފަދަ ތަރިތައް ފެނިވަޑައިގަންނަވާނެއެވެ. ޙައިރާން ކުރުވަނިވި ޙަޤީޤަތަކީ ފިޔަޖަހަޖަހައި ހުންނަ ނުވަތަ ވިދަވިދައި ހުންނަ ތިކިތަކެއްގެ ސިފައިގައި އަޅުގަނޑުމެންނަށް ފެންނަ އެ ތަރިތަކުގެ ތެރެއިން ކޮންމެ ތަރިއަކީވެސް އަޅުގަނޑުމެން ދިރިއުޅޭ މި ބިން ނުވަތަ ދުނިޔެ (Earth) އަށްވުރެ އެތައް ސަތޭކަ، ނުވަތަ އެތައްހާސް، ނުވަތަ އެތަކެއް މިލިއަން ގުނަ ބޮޑު ތަރިއެއް ކަމެވެ. ތަރިތަކުގެ ދަރުބާރަށް އަޅުގަނޑުމެންގެ ނަޒަރު ހިންގާލުމުން ޖައްވުގެ ބޮޑުބައެއް ތަރިތަކުން ފުރިފައިވާހެން ވެސް ހީވެއެވެ. މިއީ ވެސް އަޅުގަނޑުމެންގެ ލޯތަކަށް ފެންނަ ބިލާހީ ފެނުމެއްގެ މައްޗަށް ބިނާކޮށް ކުރެވޭ ކުށްހީއެކެވެ. ފަލަކީ ޢިލްމުވެރީން (Astronomers) ގެ ހިސާބުތަކުން ސާބިތުވާގޮތުގައި ކާއިނާތުގެ ތެރޭގައި ވާ އެތަކެއް ހާސް މިލިއަން ތަރިތަކެއް އެކުގައި ކާއިނާތުގެ ޖައްވުން (Space)  ނަގަނީ ދާދި ކުޑަކުޑަ ޖާގައެކެވެ.

އަލި (Light) ދަތުރުކުރާ ދުވެލި (Speed) އެނގިވަޑައިގަންނަވާ ނޫންތޯއެވެ؟ ފިޒިކްސް ޢިލްމުވެރީން އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާގޮތުގައި އަލީގެ ދުވެއްޔަކީ ސިކުންތަކު 298000 (ދެލައްކަ ނުވަދިހަ އަށް ހާސް) ކިލޯމީޓަރު، ނުވަތަ 186000 (އެއްލައްކަ އައްޑިހަ ހަ ހާސް) މޭލެވެ. މި ދުވެއްޔާ އަޅުގަނޑުމެން ބޮޑާކަމާއެކު ދުއްވައި އުޅޭ މަޝްހޫރު މޮޑެލްތަކުގެ ކާރުތަކާއި ސައިކަލުތަކުގެ ދުވެއްޔާ އަޅާކިޔާލަމާ ހިންގަވާށެވެ! މި ދަންނަވާ އުޅަނދުތައް އާއްމުގޮތެއްގައި ދުވަނީ ގަޑިއަކު އެންމެ ބާރުވެގެން ދުއިސައްތަ ފަންސާހަކަށް ކިލޯމީޓަރުގެ ބާރުމިނުގައެވެ. އެއީ ސިކުންތަކު ގާތްގަނޑަކަށް 0.07 ކިލޯމީޓަރެވެ. ދެންވެސް އިންސާނާއަށް ބޮޑާ ވެވިދާނެ ބާވައެވެ! އައްޔަކީވެސް މަކުނެއްގެ ޒަރީޢާއިން ދުނިޔެއަށް ފައިދާވި މާނައެއް ނެތް އެއްޗެއް ކަމަށާއި އޭގެ ޙައިރާންކުރުވަނިވި ދުވެއްޔަކީވެސް އިއްތިފާޤުން މަކުނެއް މެއްސަކަށް ބަދަލުވުންފަދަ ކަމެއް ކަމަށް ބުނެ ކޮނޑުއަރުވައިލެވިދާނެ ބާވައެވެ!

ކާއިނާތުގެ ބޮޑުކަން ސިފަކުރެއްވުމަށްޓަކައި ސައެންސްވެރީން އަލީގެ ދުވެލި ބޭނުން ކުރައްވައެވެ. އަލި އޭގެ ބާރު ދުވެލީގައި ދަތުރުކޮށްފައި ކާއިނާތުގެ އެއް ނުކުތާއިން އަނެއް ނުކުތާއަށް، ނުވަތަ ކާއިނާތުގެ އެއް ތަނުން އަނެއް ތަނަށް ވާސިލުވާން ނަގާ ވަގުތު ބައްލަވައިގެންނެވެ. ކިލޯމީޓަރު ނުވަތަ މޭލު ފަދަ މިންގަނޑެއް ޢާއްމު އުސޫލާ އެއްގޮތަށް ބޭނުންކޮށްގެން ކާއިނާތުގެ ސަރަޙައްދު މިނައިފިއްޔާ ނަތީޖާއަށް ނިކުންނަ ގިނަ ޢަދަދުތަކުގައި ޢަދަދުވަޅު ގިނަކަމުން އެ ޢަދަދުތައް ކިޔަން ނޭނގޭނެތީއެވެ. އެ ޢަދަދުތައް އެކަށީގެންވާ ގޮތަކަށް ވަޒަންކޮށް، ހިސާބުކޮށް، ދެނެގަނެ ހެދުމަކީ އިންސާނާއަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

ކާއިނާތުގެ ޖައްވުގެ ހުސްކަމުގެ ތެރޭގައި، ތަރިތައް ހުންނަނީ އެކި ހިސާބުހިސާބުގައި ބޮނޑިބޮނޑިއަށް ކަހަލަ ގޮތަކަށެވެ. މިއިން ކޮންމެ ތަރިބޮނޑި (Cluster) އަކަށް އަޅުގަނޑުމެން ކިޔައި އުޅެނީ 'މަޑިކިލަނބު' މިހެންނެވެ. އިނގިރޭސި ބަހުންނަމަ ގެލެކްސީ (Galaxy) އެވެ. ސައެންސްވެރީން އަންދާޒާކުރައްވާ ގޮތުގައި ކާއިނާތުގައި މުޅިއެކު ގާތްގަނޑަކަށް 300 ބިލިއަން މަޑިކިލަނބު ވެއެވެ. އެ މަޑިކިލަނބުތައްވެސް ހުންނަނީ ޖަމާޢަތް ޖަމާޢަތަށެވެ. މުޅި ކާއިނާތުގެ ކަންކޮޅުތައް ވަނީ މިފަދަ މަޑިކިލަނބު ޖަމާޢަތްތަކުން ފުރިފައެވެ. އަޅުގަނޑުމެންގެ ދުނިޔެ (Earth) ހިމެނޭ މަޑިކިލަނބަށް ސައެންސްވެރީން ދެއްވާފައިވާ ނަމަކީ  މިލްކީ ވޭ (Milky Way) އެވެ. މިލްކީ ވޭ ހިމެނޭ މަޑިކިލަނބު ޖަމާޢަތުގައި މިލްކީ ވޭ އާއެކު އިތުރު 26 މަޑިކިލަނބު ވެއެވެ.
 
ދެން ކާއިނާތުގެ ބިޔަކަން އިންސާނާގެ ހިތަށް ކޮންމެވެސް މިންވަރަކަށް ތަޞައްވުރުކޮށްދިނުމަށްޓަކައި ސައެންސްވެރީން ހައްދަވާފައިވާ ބައެއް ހިސާބުތަކަށް ބަލައިލަމާ ހިންގަވާށެވެ! އަލީގެ ދޯދިފަށެއް ދުނިޔޭގެ ބިމުން މައްޗަށް ފޮނުވާލައިފިނަމަ އެ ދޯދިފަށް ދުނިޔޭގެ ހަނދަށް ވާސިލުވަނީ 1.25 ސިކުންތުންނެވެ. އެ ދޯދިފަށް އިރަށް ވާސިލުވާން 8 މިނިޓު ނަގައެވެ. ދުނިޔެއާ އެންމެ ގާތުގައިވާ ތަރި ކަމުގައިވާ ޕްރޮކްސިމާ ސެންޗޯރީ (Proxima Centauri) އަށް ވާސިލުވާން 4 އަހަރު ނަގައެވެ. ޕްރޮކްސިމާ ސެންޗޯރީއަށްވުރެ ދުނިޔެއާ ތަންކޮޅެއް ދުރުގައި، އެހެނަސް އެހެން ތަރިތަކާ އަޅައިބަލާއިރު ދުނިޔެއާ ނުހަނު ގާތުގައި ވާ ތަރިއެއްކަމުގައިވާ ޑެލްޓާ ޕެވޮނިސް (Delta Pavonis) އަށް ދާން 20 އަހަރު ނަގައެވެ! މި ދަންނަވަނީ ދުނިޔެ އެ މަޑިކިލަނބެއްގައި ހިމެނޭ މިލްކީ ވޭ މަޑިކިލަނބުގެ ތެރޭގައިވާ ތަރިތަކުގެ ވާހަކައެވެ. ދުނިޔޭގެ އަވަށްޓެރި ތަރިތަކުގެ ވާހަކައެވެ.  ދުރުގައި، މާ ދުރުގައި ހުރި ތަރިތަކުގެ ވާހަކައެއް ނޫނެވެ.

ކުރިންވެސް ދެންނެވުނު ފަދައިން، މިލްކީ ވޭ އެ މަޑިކިލަނބު ޖަމާޢަތެއްގައި ހިމެނޭ ޖަމާޢަތުގައި އިތުރު 26 މަޑިކިލަނބު ވެއެވެ. އޭގެ ތެރެއިން މިލްކީ ވޭއާ އެންމެ ކައިރީގައިވާ އެއް މަޑިކިލަނބަކީ އެންޑްރޮމީޑާ ސްޕައިރަލް (Andromeda Spiral) އެވެ. ދުނިޔޭގައި ތިބެގެން އަޅުގަނޑުމެންނަށް މުލާހަޒާކުރެވޭ އެންމެ ކައިރި އެއް މަޑިކިލަނބަކީ މި މަޑިކިލަނބެވެ. ދުނިޔެއިން އަޅުގަނޑުމެން ފޮނުވާލާ އަލީގެ ދޯދިފަށް ސިކުންތަކު 298000 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކޮށްފައި ގޮސް އެންޑްރޮމީޑާ ސްޕައިރަލާ ހަމަޔަށް ވާސިލުވާން ގާތްގަނޑަކަށް 2.5 މިލިއަން އަހަރު ނަގައެވެ!  

އެކާވީސްވަނަ ޤަރުނުގެ ސައެންސްގެ އަލީގައި އިންސާނާ ވަނީ ކުރީގެ ޒަމާންތަކުގައި ނުފޯރުވޭވަރަށް ކާއިނާތުގެ އެކި ފަރާތްފަރާތަށް ހޯދުމުގެ ނަޒަރު ފޯރުވާފައެވެ. ނަމަވެސް ކާއިނާތުގެ ބޮޑުމިން އިންސާނާއަކަށް އަދިވެސް ނޭނގެއެވެ. ކާއިނާތުގެ ނިމުން އޮތް ހިސާބަށް، ނުވަތަ ކާއިނާތުގެ 'ބޭރު ރޮނގާ' ހިސާބަށް އިންސާނާގެ ހޯދުމުގެ ނަޒަރު ފޯރާފައެއް ނުވެއެވެ. އިންސާނާގެ މުލާހަޒާއާއި ދިރާސާތަކުގެ އުނިކަމުންނެވެ. އިންސާނާގެ ތަޙްޤީޤީ ނަޒަރުގެ ކުޅެދުންތެރިކަން ކުޑަކަމުންނެވެ. އިންސާނާގެ އާލާތްތަކާއި ސާމާނުތަކުގެ ފެންވަރު ދަށްކަމުންނެވެ. ސައެންސްވެރީން ޤަބޫލުކުރައްވާގޮތުގައި ކާއިނާތުގެ ބިޔަ ސަރަހައްދުން އަޅުގަނޑުމެންގެ އެނގުމުގެ ދާއިރާގެ ތެރެއަށް ވަދެފައި ވަނީ ދާދި ކުޑަކުޑަ ތަންކޮޅެކެވެ. މިގޮތުން ހޯދިފައިވާ އެންމެ ދުރު ހިސާބާއި ދުނިޔެއާ ހުރި ދުރުމިން ވަޒަން ކޮށްލެވޭތޯ ބަލަމާ ހިންގަވާށެވެ! ދުނިޔެއިން ފޮނުވާލާ އެއްކަލަ އަލީގެ ދޯދިފަށް ސިކުންތަކު 298000 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކޮށްފައި ގޮސް އެ ހިސާބަށް ވާސިލުވާން 4400 މިލިއަން އަހަރު ނަަގައެވެ!

މި ހުރިހާ މައުޖޫދާތަކާއި ޙަޤީޤަތްތަކެއްގެ މައްޗަށް އެކުލެވިގެންވާ، އިންސާނީ ބުއްދިއަށް ތަޞައްވުރު ނުކުރެވޭހައި ފުރިހަމަ ކާއިނާތު ހަމަ އިއްތިފާޤަކުން އުފެދުނީތޯއެވެ؟ އޭގެ މީޒާން އަމިއްލަޔަށް ހިފަހައްޓަމުން އެތައް ބިލިއަން އަހަރަކުއްސުރެ އަމިއްލަ ބާރުގައި ނުވަތަ އިއްތިފާޤެއްގެ ސަބަބުން ދެމިއޮންނަނީތޯއެވެ؟ ބުއްދިތައް އަންތަރީސް ކޮށްލަނިވި ކާއިނާތަކީ ހުރިހާ ޢިލްމަކާއި ހުރިހާ ކުޅަދުންވަންތަކަމެއްގެ ވެރި ޚާލިޤެއްގެ އުފެއްދެވުމެއް ނޫންތޯއެވެ؟ މި ހުރިހާ ކަމެއްގެ ފަހަތުގައި އެއްވެސް ބާރެއް ނުވަތަ ސިއްރެއް ނުވެޔޭ ބުނެ ނިންމާލުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯއެވެ؟  

ނެތުމުގެ ތެރެއިން ވުޖޫދަށް


ކާއިނާތު އުފެދުނީ ކިހިނެއްކަމާއި، ކާއިނާތުގެ ދަތުރުގެ މަންޒިލަކީ ކޮބައިތޯއާއި، ކާއިނާތު އޭގެ މަޤާމުގައި ޤާއިމުވެއޮވެ ދެމިގެންދާދިޔުމާ ބެހޭ ޤުދުރަތީ ޤާނޫނުތަކަކީ ކޮބައިތޯއާއި، އެ ޤާނޫނުތައް މަސައްކަތް ކުރަނީ ކިހިނެއްތޯ މި ސުވާލުތަކަކީ އިންސާނީ މުޖުތަމަޢުތަކުގައި އެ ސުވާލުތަކަކާމެދު އަބަދުވެސް ވާހަކަ ދެކެވޭ ސުވާލުތަކެކެވެ. އިންސާނުން ކުރެ ވިސްނައި ފިކުރުކުރާ މީހުންގެ ޝައުޤުވެރިކަން އާއްމުގޮތެއްގައި އެ ސުވާލުތަކަކަށް ހުއްޓިގެންދާ ސުވާލުތަކެކެވެ. ދުނިޔެ ދެކެފައިވާ އެންމެ މަތިވެރި ޢިލްމީ ސިކުނޑިތަކުގެ އަހުލުވެރީންގެ ތެރެއިން އެތައް ބަޔަކު ވަނީ މި ސުވާލުތަކަށް ޖަވާބު ހޯދަން ކުރެވުނު މަސައްކަތަށް އެމީހުންގެ މުޅި ޙަޔާތު ހޭދަކޮށްފައެވެ. ސައެންސްވެރީންނާއި ސައެންސީ ފަލްސަފާވެރިން (Philosophers of Science) ނުވަތަ ސައެންސްގެ މައިދާނުގެ މުފައްކިރުން ވަނީ މި ސުވާލުތަކާމެދު ވަރަށް ވަރުގަދަ ބަހުސްތަކެއް ކޮށްފައެވެ. އެ ސުވާލުތަކުގެ ޖަވާބުގެ ގޮތުގައި މުހިއްމު ނަޒަރިއްޔާ (Theory) ތަކެއް ވެސް ވަނީ ހުށަހެޅިފައެވެ.

ކާއިނާތުގެ އަޞްލާއި ޠަބީޢަތާމެދު ސައެންސްވެރީންނާއި ސައިންސީ ފަލްސަފާވެރީން ހުށަހަޅާފައިވާ އެތަކެއް ނަޒަރިއްޔާތަކުގެ ތެރެއިން ވިހިވަނަ ޤަރުނާ ޖެހެންދެން ހުޅަނގުގެ ޢިލްމީ މުޖުތަމަޢުގައި އެންމެ ނުފޫޒު ގަދަ ނަޒަރިއްޔާއަކީ ސްޓެޓިކް ޔުނިވާރސް މޮޑެލް (Static Universe Model) ގެ ނަޒަރިއްޔާއެވެ. މި ނަޒަރިއްޔާ ބުނާގޮތުން ކާއިނާތަކީ އޭގެ ބޮޑުމިނުގައި ޙައްދެއްނެތް، ފެށުމެއް އަދި ނިމުމެއް ނެތް  މައުޖޫދެކެވެ. ސްޓެޓިކް (Static) މި ބަހުގެ އެއް މާނައަކީ ޙަރަކާތެއްނެތި، ބަދަލުވުމެއް ނެތި، އެއްގޮތެއްގައި ދެމިހުރުން ނުވަތަ ދެމިއޮތުމެވެ. ސްޓެޓިކް ޔުނިވަރސް މޮޑެލްގެ ނަޒަރިއްޔާއަށް މި ބަހާ ގުޅުވައިގެން ނަންދެވިފައި ވަނީ ފެށުމެއް ނެތި، ބަދަލުވުމެއް ނެތި، އެެއްގޮތެއްގައި ކާއިނާތު ދެމިއޮތްކަމުގައި، އަދި ފަހުންވެސް އެގޮތުގައި ފަނާވުމެއްނެތި ދެމިއޮންނާނެ ކަމުގައި އެ ނަޒަރިއްޔާގެ އަހުލުވެރީން ދެކޭތީއެވެ. ސްޓެޓިކް ނަޒަރިއްޔާގެ އެންމެ މުހިއްމު ދަޢުވާއަކީ ކާއިނާތަކީ ޚާލިޤަކު ޚަލްޤުކުރައްވާފައިވާ މައުޖޫދެއް ނޫން ކަމުގެ ދަޢުވާއެވެ. މިއީ ޚާލިޤަކު ވޮޑިގެންނުވާކަމަށް ކުރެވޭ ނުސީދާ ދަޢުވާއެކެވެ. އެހެންކަމުން ސްޓެޓިކް ޔުނިވަރސް މޮޑެލްގެ ނަޒަރިއްޔާއަށް ތާއީދުކޮށް، ދުނިޔޭގައި އެ ނަޒަރިއްޔާ ފަތުރަން މަސައްކަތްކުރި އެންމެ މުހިއްމު އެއް ޖަމާޢަތަކީ މާއްދީ ފަލްސަފާގެ (Materialistic Philosophy) އަހުލުވެރީންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މާއްދީ ފަލްސަފާއާއި މާއްދިއްޔަތު (Materialism) ގެ އަހުލުވެރީންނަކީ ކާއިނާތު އުފެއްދެވި ޚާލިޤަކު ވޮޑިގެންވާކަމަށް އިންކާރުކުރި ބައެކެވެ.

މެޓީރިއަލިޒަމް (Materialism) ނުވަތަ މާއްދިއްޔަތަކީ ކޮބައިތޯ މިއީ މި މަޤާމުގައި ކޮށްލުން މުވާފިޤު ސުވާލެކެވެ. ފަލްސަފީ ފިކުރެއްގެ ގޮތުގައި މާއްދިއްޔަތު އެންމެ ފުރަތަމަ ތަޢާރުފުވީ ޤަދީމީ ޔޫނާން (Ancient Greece) ގައެވެ. ޔޫނާނީންގެ ރަން ޒަމާނަށްފަހު އެ ފިކުރު ވަޅުޖެހިގެން ދިޔައެވެ. އެ ފިކުރު އަލުން ފެންމަތިވެ ފެތުރިގެން ދިޔައީ ނަވާރަވަނަ ޤަރުނުގެ ޔޫރަޕުގައެވެ. މާއްދިއްޔަތުގެ ފިކުރުގެ މައިގަނޑު ވިސްނުމަކީ މެޓަރ (Matter) ނުވަތަ މާއްދާއަކީ އޭގެ ޒާތުގައި އުފެދި، ދެމިގެންވާ، އަދި އަމިއްލަޔަށް ވުޖޫދުގައި އުފެދޭ އެއްޗެއް ކަމުގައި، އަދި ވުޖޫދުގައިވާ ހަމައެކަނި ޙަޤީޤަތްކަމުގެ ވިސްނުމެވެ. ހަމަ އެފަދައިން މާއްދީ ފަލްސަފާގެ ނަޒަރުން ކާއިނާތު ދިރާސާކުރައްވާ ސައެންސްވެރީން ވިދާޅުވާގޮތުގައި ކައުނަކީ ބަދަލުވުމެއްނެތި، އެއްގޮތެއްގައި ދެމިގެންވާ މާއްދާ (Matter) ތަކެކެވެ. ފަހުގެ ދައުރުތަކުގައި މާއްދިއްޔަތުގެ ފިކުރުގެ ތެރެއަށް ސަގާފީ އެތައް ޚިޔާލާތުތަކެއްވެސް ވަނީ ވަދެފައެވެ. މާއްދިއްޔަތުގެ ފަލްސަފާގެ ތެރޭގައި މިހާރު ޝާމިލުވާ ވިސްނުންތަކުގެ ތެރޭގައި ރޫޙާނީ ޙަޤީޤަތްތަކެއް ވާ ކަމަށް އިންކާރުކޮށް، ދުނިޔޭގެ ޙަޔާތަކީ ހަމައެކަނި މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދުނިޔެއެއް އަދި ޙަޔާތެއް ކަމުގައި ބަލާ ވިސްނުން ހިމެނެއެވެ. އަދި ކޮންމެ އެއްޗެއްވެސް މިނެކިރަން ޖެހޭނީ އެ އެއްޗަކުން އިންސާނާއަށް ލިބިދޭ މާއްދީ ފައިދާއާއި ކުރިމަތިކުރުވާ މާއްދީ ގެއްލުންތަކަށް ބަލައިގެން ކަމުގައި ބަލާ ވިސްނުމާއި، އީމާން (Faith) އާއި އަޚްލާޤީ އަގުތައް (Moral Values) ފަދަ ދީނީ ނުވަތަ ރޫޙާނީ ބިންގަލެއްގެ މަތީގައި ޤާއިމުވެފައިވާ އެއްވެސް ކަމަކީ ޙަޤީޤަތެއް ނޫން ކަމުގައި ބަލާ ވިސްނުމަކީވެސް މިހާރު މާއްދިއްޔަތުގެ ފަލްސަފާއާ ގުޅިފައިވާ ވިސްނުންތަކެވެ. ކާރލް މާރކްސް (Carl Marx) ގެ ކޮމިޔުނިސްޓް ފިކުރުގެ އެއް އަސާސަކީ ވެސް މާއްދީ ފަލްސަފާއެވެ.

މިހައި ހިސާބުން އަނެއްކާވެސް ކާއިނާތު އުފެދުމާމެދު އަޅުގަނޑުމެން ދައްކަމުންއައި ވާހަކައަށް އެނބުރި ރުޖޫޢަވަމާ ހިންގަވާށެވެ.
                          -------------------------------------
(ނުނިމޭ)

ފޮޓޯތަކުގެ ތަޢާރުފު:

       1-  ފަންވަތުގައި މި މައުޟޫޢު ރަމްޒުކުރާނެ  ފޮޓޯ
       2-  މަޑިކިލަނބު ޖަމާޢަތެއް
       3-  އެންޑްރޮމީޑާ ސްޕައިރަލް
       4-  ކާރލް މާރކްސް

މި ލިޔުން؛

   ޓައިޕްކުރުން: އަސްއުސްތާޛު އަޙްމަދު މާޖިދު
   އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:   ''       ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ